ހަނދުވަރު ދިން އެރޭ
ހަނދުވަރުދިން އެރޭ…1
އުނަގަނޑުން ތިރިޔަށް އޮތް ދިގު، ކަޅު ކުލައިގެ ފަން އިސްތަށިގަނޑު އަތުގެ ތެރެޔަށް ނަގައި ބޮނޑިކޮށްލައި ބޯމައްޗަށް ރީތި ހުޅިއެއް ހެޔޮވަރުކޮށް ޖަހައިލަމުން ގޮސް ޒާނާ ކުޑަދޮރުގެ ފޮތިގަނޑު ކަހައިލައި އިރުގެ އަލި ގޭތެރެއަށް އަޅުވައިލިއެވެ. މެދުމިނެއްގެ މުށިކުލައަށް އަރާ އޮމާން ހަންގަޑާއި ރީތި ބައްޓަން ލީ ހަށިގަނޑެކެވެ. ތޫނު ކަޅިރަވަ އާއި ހިތިފަތު ބުމައެކެވެ. ފިރިހެނުންގެ ތެރޭގައި މަޤްބޫލު ހޫރެއްފަދަ ރީތި ކަމަކަށް ނުވިޔަސް އެއީ ރީތި ކުއްޖެކެވެ. އާދައިގެ ސާދާ މަޑުމައިތިރި މިޒާޖެކެވެ. ބަސްމަދު އެހާމެ މީހުންނާ ދުރު،އެކަނިވެރިކަމަށް ލޯބި ކުރާ ހިތެކެވެ. އަބަދުވެސް ކޮންމެވެސް ފިކުރެއް ކުރާ ސިކުނޑިއެކެވެ. މާޒީގެ ހިތްދަތި ހަނދާންތަކާއި އެކު ވީރާނާވެފައިވާ އުއްމީދުތަކެއްގެ ވެރިޔެކެވެ. ބިލާހަކަށް ވެފައިވާ ހުވަފެންތަކާއި މާޒީގެ ހިތާމަތަކުގެ ޝިކާރައެކެވެ.
ބަދިގެއަށް ވަދެ ސައިތައްޓެއް ހަދާލައި ޕާން ފޮއްޗެއް ޓޯސްޓްކޮށްލުމަށްފަހު ބަޓަރ ކޮޅެއް އޭގައި ހާކައިލުމަށްފަހު އެހިފައިގެން ނުކުމެ ގޭގެ ސިޓިންރޫމް ސޯފާގައި ޒާނާ އިށީނދެލީ ހެނދުނުގެ ނާސްތާކޮށްލުމަށެވެ. އެއީ އޭނާގެ އާދަ އެވެ. ސިޓިންރޫމް އަކީގޭގައި އިތުރު މީހަކު ނޫޅޭނަމަ އޭނަަގެ ސަޔަށް ހާއްސަ ތަނެވެ.
“މޯރނިން ލޯބް”
ފޯނަށް އައި ނޯޓިފިކޭޝަން އާއިއެކު ޒާނާހުޅުވާލި މެސެޖްއަކީ ފިރިމީހާ ހުޝާމް ގެ މެސެޖެކެވެ. އެއީ އޭނާގެވެސް އާދައެކެވެ. އޮފީހަށް ގޮސް ވަދެ ކުރަންޖެހޭމުހިންމު ކަންތައްތަކަށްފަހު ޒާނާ ސައިބޯގަޑިއާ ދިމާކޮށް ކޮންމެ ދުވަހަކުވެސް މެސެޖް ކުރާނެއެވެ. ޒާނާވެސް “މޯރނިން ލަވް “ ޖަހާފައި މެސެޖް ގެ ރިޕްލައި ފޮނުވާލިއެވެ. ނަމަވެސް އެ މޫނުމަތިން މާބޮޑު ޝައުޤުވެރިކަމެއްލޯތްބެއް ފެންނާކަށްނެތެވެ. ކޮންމެ ދުވަހަކުވެސް ‘ޓު ޑޫ ލިސްޓް’ ގައި ހިމަނައިގެން ކުރަން އޮންނަ ކަމެއްފަދައެވެ. ފިރިމީހާދެކެ ލޯބި ނުވާތީބާއެވެ؟ ނޫނީ ދެމީހުންގެ ދެމެދުގައި ލޯބީގެ ޝައުގުވެރިކަން ކުޑައީބާއެވެ. އެކަކު އަނެކަކަށް މާބޮޑަށް ދެކެފަރިތަވުމުން ލޯބީގެ ހަނދާންތައް ފަނޑުވީބާއެވެ. ކޮންމެއަކަސް ދެތިން މެސެޖު ކޮށްލާފައި ޒާނާ އޭނާގެ ދުވަހާއިގެން މަޝްއޫލުވެލިއެވެ.
ނުވަ އަހަރުވާން ކައިރިވެފައިވާ ކައިވެނީގައި ޒާނާއަކީ ގޭގައި ކުދިން ބަލަން އިންނަ މި ޒަމާނުގެ ބަހުން ބުނާނަމަ ‘ހައުސްވައިފް’ އެވެ. 7 އަހަރުގެ ލީމް އާއި 2 އަހަރު ނުވާ ކުޑަކުޑަ އުމައިރް އެއީ އޭނާގެ ދިރިއުޅުމުގެ މަޤްޞަދެވެ. ހުރިހާ ވަގުތެއް ކުދިން ބެލުމާއި ގޭތެރޭގެ ކަންތައްތަކުގައި ހޭދަކުރުމީ އޭނާގެ ދިރިއުޅުމުގެ މައިގަނޑު ވަޒީފާއެވެ. ފިރިމީހާ ހުޝާމް ގެ ވަޒީފާއަކީ ގިނައިން ދަތުރުކޮށް އުޅެންޖެހޭ ވަޒީފާއެއްކަމުން އަހަރުގެ ގިނަ ދުވަސްތައް ޒާނާ ހޭދަ ކުރަންޖެހެނީ ކުދިންނާއެކު އެކަންޏެވެ. ނުވަތަ ހުޝާމްގެ މަންމައާއި އެކުގައެވެ. ޒާނާ އަކީ ޝަކުވާމަދު ކަންކަމާއި މައްސަލަބޮޑުކޮށް އުޅޭ މީހެއްނޫން ކަމުން އެ ކައިވެނީގައި މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެއެވެ. އެއީ އޭނާގެ ހިތުގައި ހަމަ ޝަކުވާއެއް ނެތީމަ ބާއެވެ؟ ނުވަތަ ޝަކުވާ ކުރެވޭ ވަރަށް ވުރެ އެ ހިތުގައި ފޮރުވިފައިވާ އެއްޗެހި ގިނަވީމަބާއެވެ؟ ފެންނަ ފެނުމަށް ލޯބިން އުޅޭ ރީތި ޢާއިލާއެކެވެ. ނަމޫނާ މަންމައަކާއި ބައްޕައެކެވެ. ކުދިންނަށް ލޯބިދީ އެކުދިންގެ ހުރިހައިކަމެއް ދެ މީހުންނަށް ވީ އެންމެ ފުރިހަމައަކަށް ކޮށްދެއެވެ. އެހެނަސް ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ޙަޤީޤަތް އެނގޭނީ މަދު ފަހަރެއްގައިކަން ޔަޤީނެވެ.
“މަންމީ.. މަންމީ…” ކުޑަކުޑަ އުމައިރް ހުޝާމްގެ މަންމައާއިއެކު ގޭތެރެއަށްވަދެ އޭނާގެ ލޯބި އަޑުން ގޮވަމުން އައިސް ސިންކު ކައިރީ ތަށި ދޮންނަން ހުރި ޒާނާގެ ހެދުމުގައި ހިފައި ދަމާލަމުން ގޮވަމުންދިޔައެވެ. “ ލައްބަ ދޫނި.. މަޑުކޮއްލާ.. މަންމި ނިމެނީ…! “ މަޑުމައިތިރި ކަމާއި އެކު މިހެން ބުނެލާފައި އަވަސްއަވަހަށް އަތްދޮވެލައިގެން އެ މައުސޫމް މޫނަށް ބަލައިލަމުން ޒާނާ ހިނިތުންވެލިއެވެ. އަދި ލޯބިން އުރާލާ ބޮސްދީހަދަމުން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ހަމަޖެހިލިއެވެ. އުމައިރް އަތަށް ކުޅޭ އެއްޗެއް ދިނުމަށްފަހު ކޮޓަރި ތެރެ ސާފުކޮށްލައި ބިންމަތި ފޮޅާލައިފައި އެނދުގައި ޖައްސައިލިއެވެ. އަދި އޭނާގެ ފޯނަށް ބަލާލިއެވެ. މީހެއްގެ މެސެޖަކަށް އިންތިޒާރު ކުރާ ފަދައިންނެވެ. އިރުކޮޅަކަށް ފޯނަށް ބަލަން އޮވެފައި ޒާނާ ހުޅުވައިލީ އޭނާގެ ފޯނުގައި އިން ޑައިރީ އެޕް އެވެ. ޒާނާގެ ހަޔާތުގެ ގިނަ ސިއްރުތައް ފޮރުވައިފައިވާ ޚަޒާނާއެވެ.
21/12 ޖަހާފައި ސޭވްކޮށްފައި އިން ޞަފްހާ ހުޅުވައިލަމުން ޒާނާ އޭނާގެ ލޯމަރައިލައި ހިންދިރުވައިލިއެވެ. ފުރަތަމަވެސް އޭގައި ސޭވް ކޮށްފައި އިން ފޮޓޯއަށް ބަލައިލަމުންނެވެ. ރަތް ކުލައިގެ ޗިފޮން ޝޯލް އެއް އަޅައިގެން ކަޅު ރޮނގުދެމި ހުދުކުލައިގެ ހެދުމެއްގައި ހެވި ދިއްލިފައި އެއީ ޒާނާއެވެ. ޖެހިގެން އޭނާ ކައިރީގައި އެއީ ކޮން ޒުވާނެއް ބާއެވެ؟ ހަމަ ގައިމުވެސް އެއީ ހުޝާމް އެއް ނޫނެވެ. ދެމީހުންވެސް ގާތުގައި ސެލްފީއަކަށް ހުއްޓިލައިގެން ހިނިތުންވެލައިގެން ތިބި ފޮޓޯއެކެވެ. ހަމަ ޔަޤީނުންވެސް އެއީ ހާއްސަ ފޮޓޯއެކެވެ. ހާއްސަ މީހެކެވެ. އެހެން ނޫންނަމަ އެ ފޮޓޯ އޭނާގެ ޑައިރީގައި ސިއްރެއް ގޮތުގައި ފޮރުވާފައި ނީންނާނެއެވެ. ‘ދަ މޫން ވޯޒް ސޯ ބިއުޓިފުލް ދެޓް ނައިޓް…’ އޭގައި ލިޔެފައި އިން ލިޔުންކޮޅު ޒާނާ ހިތުން ކިޔާލިއެވެ. އަދި އޭނާގެ ލޯ މަރާލައި އެހަނދާންތަކާއި އެރެޔަށް އޭނާގެ ހިތާއި ސިކުނޑި ދަތުރުކޮށްލިއެވެ.
****
އެއީ 2018 ވަނަ އަހަރެވެ. ޑިސެމްބަރ ފަހުކޮޅެވެ. އަހަރުގެ ބޮޑު ޗުއްޓީއެވެ. އަހަރެން ދިރިއުޅެމުން ދިޔައީ ކުޑަކުޑަ ލީމް ގޮވައިގެން އަހަރެންގެ މަންމަގެ ގޭގައެވެ. އެއްބަނޑު އެއްބަފާ ކުދިންނާއި އެކު އަހަރެން ގޭގައި އުޅެމުން ދިޔައީ ހުޝާމް ރަށުގައި ނޫޅޭތީއެއް ނޫނެވެ. އަހަރެންގެ މަންމަ ބަލިވުމާއި ގޭތެރޭގެ ޙާލަތު ހުރި ގޮތުން ކޮއްކޮމެން ކައިރީ އަހަރެން ހުރީއެވެ. ހުޝާމް އަކީ އަހަރެންގެ ކަންތައްތަކާއި މާބޮޑަށް އަޅާލާ މީހެއްނޫން ކަމުން އަހަރެން ކޮންމެ ތަނެއްގައި އުޅުނަސް އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. އަހަރެންގެ ކަންބޮޑުވުންތަކާއި ހިތުގެ އުދާސްތަކާއި މެދު އަޅާލާ ނުހަދައެވެ. އެހެން ކަމުން އަހަރެންވެސް އަހަރެންގެ ކަންކަން ހުޝާމް އާއި ހިއްސާކޮށް ނޫޅެމެވެ. ދެމަފިރިންނަކަސް މާ ގާތް އެކުވެރި ގުޅުމެއް މި ދެމެދުގައި ނުވެއެވެ. އަހަންނަށް އިހުސާސް ކުރެވެނީ އެއަށްވުރެ ބޮޑަށް ސެޓްފިކެޓަކުން ގުޅިފައިވާ ގުޅުމެއް ހެންނެވެ. ހުޝާމް އަކަށް އަހަރެން ނޭނގެއެވެ. އަހަރެންގެ ހިތުގެ ހާލެއް ނޭނގެއެވެ. އަހަރެންގެ ގޭތެރޭގެ ކަމެއް ނޭނގެއެވެ. އަހަންނަކަށްވެސް ހުޝާމްގެ ކަންތައްތަކެއް ނޭނގެއެވެ. ސުވާލެއްވެސް ނުކުރަމެވެ. އެހެނަސް އޭނާއާއި އަހަރެން ކައިވެނި ކުރީ ލޯބިންނެވެ. އެތަކެއް އުއްމީދަކާއި ފޮނި ހުވަފެންތަކާއި އެކުގައެވެ. އަހަރެން ބޭނުންވާ ލޯތްބާއި އަޅާލުމާއި ވަގުތު އޭނާ ދޭނެ ކަމަށް ހީކޮށެވެ. އަހަރެން އޭނާއަށް އިޙްތިރާމްކޮށް އަތްބެއްގެ ހުރިހާ ވާޖިބުތަކެއް އަދާކުރަމެވެ. އަހަރެންގެ ހިތުން ހާއްސަ މަޤާމެއް ދިނީމެވެ. ހިތް ކަރުނައަޅަން ބާއްވަން ޖެހުނަސް އޭނާގެ ފަރާތުން ލޯތްބާ އަޅާލުން ވެސް އަހަރެން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ހިތުގެ އެދުންތަކާއި އުއްމީދުތަަކަށް ވުރެ އޭނާގެ ޝައުޤުވެރިކަން ހުރީ އެހެން ދިމަދިމާއަށެވެ. ދެމީހުން ގުޅުވައިދިން ހަމަ އެކަނި އެއްޗަކީ ކައިވެނީގެ ސެޓްފިކެޓް އެވެ. ހިތުގެ ގުޅުން އޮތީ މާ ދުރުގައިކަން އަހަންނަށް ވިސްނުނީ މާ ފަހުންނެވެ.
ދަރިޔަކު ލިބުމުގެ ކުރިން އަހަރެންވީ އެކަނިވެރި އަކަށެވެ. ހުޝާމް އަކީ ވަޒީފާގައި ގިނަ ވަގުތު ހޭދަ ކުރުމަށްފަހު އޭނާ ޝައުގުވެރިވާކަންކަމަށް ވަގުތުދީގެން އުޅޭ މީހެކެވެ. ރަށުން ބޭރުގައި އުޅުނަސް އަހަންނަށް ގުޅައި ހާލުބަލައި ހެދުމަކީ ހުޝާމް އެއްގޮތަކަށްވެސް ކުރާކަންކަމެއް ނޫނެވެ. ދަރިއަކު ލިބުނުފަހުން ކުއްޖާއަށް ގުޅާލަން ނޫންގޮތަކަށް އަހަރެންގެ ފޯނަށް ހުޝާމްގެ ކޯލެއް ނާދެއެވެ. ދޭތެރެއަކުން ކޮށްލާ މެސެޖްތަކުން އަނބި މީހާގެ ހުރިހާ ހައްޤުތަކެއް ފުރިހަމަ ކޮށްދޭކަހަލައެވެ. މިއީ ހުޝާމްއާއި އަހަރެންގެ ވާހަކައެވެ.
ކުޑަ ދަރިފުޅު ލީމް ގޮވައިގެން އަހަރެންގެ ބަލި މަންމައާއިމެދު ވިސްނަމުން އެއްބަނޑު އެއްބަފާ ކުދިންގެ ހާލަތާއިމެދު ކަންބޮޑުވެ ހުރި އަހަރެންގެ ހަމަ އެކަނި ބޭހަކީ ފަރުވާ އަކީ އަހަރެންގެ ދުވަސްވީ އެކުވެރިޔާއެވެ. އެއީ އަހަރުތަކެއް ކުރިން އަހަރެންނާއި ފޭސްބުކުން ދިމާވި މީހެކެވެ. ހާއި ޖަހާލުމަކުންގޮސް އަހަރެންގެ މުޅި ހަޔާތުގެ ހުރިހާ ކަމެއް ހިއްްސާ ކުރާ މީހަކަށް އޭނާވީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރުއްސުރެ އަހަރެންގެ ހަޔާތުގެ ކޮންމެ ގޮންޖެހުމަކާއި ދެރަ އަކާއި އުފަލެއް އޭނާއާއި ހިއްސާކުރަމުން ދިޔައީ ޔަޤީންކަމާއި އިތުބާރާއި އެކުގައެވެ. އަހަންނަކީ މީހުންނާއި މާ ގާތްކަން ބާއްވާ އިތުބާރުކޮށް އެކުވެރިން ގެންގުޅޭ މީހެއްވެސް ނޫނެވެ. އެހެނަސް އަހަންނަށް ނޭނގޭ ގާތްކަމެއް ނުވެސް ދަންނަ ނުވެސް ދެކޭ މީހަކާއިމެދު އުފެދުނީ ކިހިނެއް ކީއްވެ ކަމެއް އަހަނަށްވެސް ނޭނގެއެވެ. އެ އިތުބާރުވީ އަހަންނަށް އޭނާއަށް ދެވުނު އަގުބޮޑު ޖަވާހިރަކަށެވެ.
އޭނާވެސް އަހަރެންނަށް އިތުބާރު ކުރެއެވެ. އަހަރެންގެ ޙާލުބަލައެވެ. ވާހަކަ ދައްކާ އަހަރެންގެ ހިތުގެ ހާލު އޮޅުންފިލުވައެވެ. އެންމެ އެކަނިވާހިނދު އޭނާ އަހަންނަށް އޯގާތެރިބަސްތަކުން ރަޙުމްކުރެއެވެ. އަހަރެން ދެރަވާވަގުތު ހެއްވާލަން މަސައްކަތް ކުރެއެވެ. އެހެނަސް މިދެމެދުގައި ދުވަހަކުވެސް ލޯބީގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަހަރެންވެސް އަދި އޭނާވެސް ގޯސް ނަޒަރަކުން ގޯހެއް ވާނެ އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ ފިރިހެނެކެވެ. އަހަރެން މީ އަންހެނެކެވެ. ޒުވާންކަމުގެ ވިންދުޖަހާ ދެ ހިތެވެ. ކޮންމެ މީހަކުވެސް ހީކުރާނީ އެއީ އެކުވެރިކަމަށްވުރެ ބޮޑަށް އެހެން ގުޅުމެއްކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގައި އެފަދަ އެއްވެސް ހިޔާލެއް ނެތެވެ. އެހެނަސް އަހަރެންވެސް ކޮންމެވެސް މީހަކު އަހަރެންގެ އަޑު އަހަން އެދެނީއެވެ. އަހަރެންގެ ހިތުގެ ހާލު ބަޔާންކޮށްދޭނެ ކޮންމެވެސް މީހަކު ހުންނަން އެދެނީއެވެ. އޭނާވެސް ހަމަ އެހެންނެވެ. އަހަރުމެން ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން ބޭނުންވާ މީހުންގެ ފަރާތުން އެ ލޯތްބާއި ކުލުނު ނުލިބެނީއެވެ. އަހަރުމެންގެ އަޑު އަހާނެ ބަޔަކާއި ދިމާނުވަނީއެވެ. މިހާރު މިއީ ވަކި ނުކުރެވޭފަދަ ވަރުގަދަ ގުޅުމެކެވެ. އަހަރެން އެއަށް ދިން ނަމަކީ އެކުވެރިކަމެވެ. އެހެން މީހުންނަކަށް މި ގުޅުމެއް ނޭނގެއެވެ. އެއީ ސިއްރެކެވެ.
އަހަރެން އޭނާއާއި ވާހަކަ ދައްކާކަން ގަސްތުގައި ހުޝާމް އަށް ސިއްރުކުރަން ނުބުނެ ހުރީއެއްނޫނެވެ. ހުޝާމް އަހަރެންގެ ކަންކަމަށް ޝައުޤުވެރިކަމެއް ނުދެއެވެ. އަހަރެން އުޅޭގޮތެއް ކުރާކަމެއް ނުބަލައެވެ. ސުވާލެއް ނުކުރެއެވެ. އަހަރެންގެ ފޯނެއް ނުބަލައެވެ. އަހަރެންގެ ޕްރައިވަސީ އަކީ އަހަރެންގެ މިލްކެއް ކަމަށް އަހަންނަށް ހީކުރެވުނީ އެހެންވެގެންނެވެ. ހުޝާމްއާއި ކައިވެނި ކުރުމުގެ އެތައް އަހަރެއް ކުރިންވެސް އެކުވެރިޔާ އަކީ އަހަރެންގެ އެންމެ ގާތް ހިއްސާދާރެވެ. އޮންލައިން ކޮށް އަދި ގުޅައިގެން އަހަރެންނާ ވާހަކަ ދައްކައެވެ. ކައިވެންޏަށްފަހުވެސް ހުޝާމް އަހަރެންނާ ސުވާލެއް ނުކުރެއެވެ. އަހަރެންގެ އެކުވެރިންނަކީ ކޮންބައެއްތޯ، އަހަރެން ކުރާހިތްވާކަންކަމަކީ ކޮބައިތޯ، އަހަރެން އެދޭ ކަންކަމަކީ ކޮބައިތޯ އަހައި އޮޅުންފިލުވާކަށް ނޫޅެއެވެ.
އަހަރެންގެ މާޒީއާއި ދިރިއުޅުމުގެ އެއްވެސް ވާހަކައެއްވެސް ނާހައެވެ. އެހެނަސް ކައިވެންޏަށްފަހު އަހަރެން އެކުވެރިޔާއާއި ދުރު ވެލީމެވެ. ވާހަކަ ދެއްކުން މަޑުޖައްސާލީމެވެ. އެކުވެރިޔާ އެކަމާ ސުވާލުކޮށް ޝަކުވާއެއް ނުކުރެއެވެ. އަހަރެންގެ ދިރިއުޅުމުގެ އާ މަންޒިލަށް ދަތުރުކުރުމަށް އަހަންނަށް ވަގުތުދީގެން ހުރީއެވެ. އަހަރެމެން އުޅެމުން އައީ ދެ ރަށެއްގައި ކަމުން އޭނާ އާއި އަހަރެން ދުވަހަކުވެސް ބައްދަލުވެފައި ނުވެއެވެ. އަހަންނަށް އޭނާ ފެނިފައި ވަނީ ހަމަ އެކަނި ފޮޓޯތަކުންނެވެ. އަހަރުމެންނަކީ ހަމަ އެކަނި ފޭސްބުކު އެކުވެރިން ގޮތުގައި ތިބީއެވެ.
****
ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް ސިއްސައިގެން ދިޔަ ޒާނާ އޭނާގެ ޚިޔާލުތަކާއި ދުރުކޮށްލިއެވެ.
“ ބައްޕީ…. ކުޑަ ކުޑަ އުމައިރް ކުޅެން ހުރެފައި ފުންމައިގެން ތެދުވެ ގޮވާލި އިރު އޭނާގެ މޫނުމަތިން އުފާވެރިކަމާއި ޖޯޝް ފެންނަމުން ދިޔައެވެ. ޒާނާ އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއިރަށް ހުޝާމް ދޮރުމަތީގައި ހުރެފައި ހިނިތުންވެލަމުން ކޮޓަރިތެރެއަށްވަދެ އުމައިރް އުރާލައި ބޮސްދިނެވެ. “ އުމީ….. މިސްވިތަ ބައްޕި މަތިން؟ “ ކުޑަ ދަރިފުޅު ލޯބިކޮށްލަމުން އެނދުގެ މަގަތުގައި ހުޝާމް އިށީނދެލިއިރު ޒާނާ ދޮރު ލައްޕާލައިފައި އައިސް ހުޝާމް ކައިރީ އިށީނދެލިއެވެ. “މިއަދު މާއަވަހަށް ނިމުނީތަ؟ “ ގަޑިން އެގާރަވެސް ނުޖަހާތީ ޒާނާ އަހާލިއެވެ. ހުޝާމް އަކީ ތިނެއް ހަތަރެއް ޖަހަންދެން އޮފީހުގައި އުޅޭ މީހަކަށް ވާތީއެވެ. “ނޫން. މި އައީ އެއްޗެއް ބަލައި.. އިރުކޮޅަކުން ދާންވީ..” އުމައިރް ކުޅެން ދޫކޮއްލަމުން ހުޝާމް ބުނެލިއެވެ. ކުއްލިއަކަށް ޒާނާގެ ލޮލުގައި އަޅައިގަތީ ލޮކް ނުކުރެވި އޮތް އޭނާގެ ފޯނެވެ. ހުޅުވާފައި އިން ޑައިރީ އެޕްގައި އިން ފޮޓޯއެވެ. ފޯނުއޮތީ ހުޝާމް އިށީނދެގެން އިން ދިމާ އެނދުގައި ކުޑަކޮށް ފަހަތުގައެވެ. ކުޑަ ހިނދުކޮޅަކަށް ޒާނާގެ ހިތް ގަނޑުވެލި ހެން އޭނާއަށް ހީވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Thankyou 😊,
Next part v avaha fennaane . In Sha Allah .