Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނެލަން……(7)

zaah.u Level 1
August 31, 2024 6 Mins Read
1 Comment

“ބުނަން ނުކެރެންޏާ އަޅާނުލާ.. ” ޝާވިންގެ އަތުން އަތް ދަމައިގަންނަމުން އާލިޔާ އަނެއްކާވެސް އެނބުރިލިއެވެ. މިފަހަރުވެސް، ޝާވިން އޭނާގެ އަތުގައި ހިފާލިއެވެ. ނަމަވެސް، މާ ބާރަށެވެ. މާ ސާބިތުކަމާއިއެކުއެވެ. އާލިޔާގެ އަތަށް ދަމާލުމަށްފަހު، އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި އާލިޔާ ޤައިދުކޮށް ހައްޔަރުކޮށްލިއެވެ. ” އައި-…. އައި ލަވް ޔޫ..” ކަޅި ވަކިކޮށްލުމެއްނެތި، ޝާވިން އޭނާގެ ހިތުގެ ތެޅުން އާލިޔާއަށް ބަޔާންކޮށްދިނެވެ. ނަމަވެސް، އޭނާއަށް ކުއްލި ސިހުމެއް ލިބުނީ އާލިޔާ ކަންތައްކުރި ގޮތުންނެވެ.

***

ކަޅި ހަމަކޮށްގެން ހުރިގޮތަށް ހުރެފައި، ކުއްލިއަކަށް ވަރަށް ބާރަށް ބައްދައިލީއެވެ. އަނގައިން އެންމެ ބަހެއްވެސް ނުބުނި ނަމަވެސް، ޝާވިންގެ ތަނަވަސް މޭމަތީގައި ބޯ އަޅައިލި ގޮތުން، “އަހަރެންވެސް ވަރަށް ލޯބި ވެޔޭ” ބުނި ފަދައެވެ. ޝާވިންވެސް ކުރިއަށްވުރެ ބޮޑަށް އާލިޔާ އޭނާއާއި ކައިރިކޮށްލިއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ އަތުތެރޭގައި، ޖެހި ފިތިފައިތިބީ ދެން ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ބުނާފަދައަކުންނެވެ. އެގޮތަށް، ދެތިން މިނެޓު ފާއިތުވެގެން ދިޔައިރުވެސް، ދެމީހުންގެ އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. އާލިޔާ މަޑުމަޑުން ބޯ ހިއްލާލައި، ޝާވިންގެ މޫނަށް ނަޒަރު ހިންގާލިއެވެ. “އައި ލަވް ޔޫ ޓޫ.” ފެން ކަޅިވެފައިވާ ދެލޮލުން ޝާވިންއަށް ބަލަންހުރެ، އޭނާ ބުނެލިއެވެ. އެބަސްތަކަށް ހިނިތުންވެލަމުން، ޝާވިން އޭނާގެ ދެއަތުން އާލިޔާގެ ލޮލަށް ޖަމާވެފައިވާ، ކަރުނަތައް ފޮހެލައިދިނެވެ.

” ނުރޮއްޗޭ! ތި ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ދެކޭކަށް އަހަރެންގެ ހިތަކަށް ކެތެއް ނުވާނެ.” އާލިޔާގެ ނިތަށް ބޮހެއް ދެމުން ޝާވިން ބުނެލިއެވެ. “އަހަރެން ހިއެއް ނުކުރަން އާލިޔާ އަހަރެން ކަހަލަ މީހަކު ދެކެ-” ޝާވިން ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ، އާލިޔާ އޭނާގެ އަނގަމަތީގައި އަތްއަޅައި، ތިހެން ނުބުނާށޭ ބުނާފަދައަކުން ދެފަޅިއަށް ބޯ ހޫރާލުމުންނެވެ. “އަހަންނަކަށް ޝާވިން ގޯހެއް ނޫން. ކީއްވެ ތިހެން ތިބުނަނީ؟ ޝާވިންގެ ކިބައިގައި އަހަންނަށް ކަމުދާނެ ހުރިހައި ސިފައެއް އެބަހުރި. ކެތްތެރި، މީހުނަށް އިޚްތިރާމްކުރާ، އަހަރެންދެކެ ލޯބިވާ މީހެއްގެ ކިބައިގައި ދެން ވަކި މަދުވާނީ ކޮންކަމެއް؟” އާލިޔާ އަހާލިއެވެ.

” ފައިސާ.. އެއީ އަހަރެންގެ އަތުގަ ނެތް އެއްޗަކީ.. ފަޤީރަކާ އެކީގަ އުޅެވޭނެތަ؟ ނޫނީ އަފީފް ސަރ މިކަމާ އެއްބަސް ވާނެހެން ހީވޭތަ؟” އާލިޔާގެ ހަށިގަނޑުގައި ވަށާލެވިފައިވާ އޭނާގެ ދެއަތް، ނައްޓުވާލަމުން ޝާވިން ދުރަށް ޖެހިލިއެވެ. ” މިހާރުވެސް ތިއުޅެނީ، ވަޒީފާއެއްގަ އެއްނު. ކީއްވެ ފައިސާ ނެތޭ ތިބުނަނީ. ޝާވިން އަތުގަ އެއްޗެއް ނެތަސް އަހަރެން ހުންނާނަމޭ. ދެމީހުން އެކީގަ މަސައްކަތް ކޮށްފިއްޔާ އަހަރެމެނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ.” އާލިޔާ ޝާވިންއަށް ވިސްނައިދެމުން ދިޔައެވެ. “ފައިސާ ހުއްޓަސް އަހަންނަކަށް ދުވަހަކުވެސް މި ލެވެލްއަކަށް ނުދެވޭނެ. މިހާރު އާލިޔާގެ އަތުގައި ތިހުރި ހުރިހާ އެއްޗެއް ބީވެގެންދާން މެދުވެރިވާނެ ސަބަބަކަށް އަހަރެން ވާކަށް ބޭނުމެއް ނޫން. ނޭނގެ ބޮލަށް ކޯއްޗެއް ސަވާރު ވެގެން ކަމެއްވެސް، މިވާހަކަ މިފެށުނީވެސް. ޕްލީޒް މިރޭ ހިނގި ހުރިހާ ކަމެއް ހަނދާން ނައްތާލާ! މީ ނުވާ ކަމެއް ކަމަށް ބަލާ…” ލޮލަށް ޖަމާވަމުންދިޔަ، ކަރުނަތަށް ފޮހެލަމުން ޝާވިން ބަދިގެއިން ބޭރަށް ދާން ހިނގައިގަތެވެ.

” ކީއްވެ ތިހާ އަވަހަށް ތި ހިތްވަރު އެލުވާލަނީ. މީގެ ހިނދުކޮޅެއް ކުރިންނެއްނު ލޯބިވެޔޭ ބުނީ. އަހަރެންގެ ލޮލުން އެންމެ ކަރުނައެއްވެސް ދެކޭކަށް ކުޅަދާނައެއް ނުވާނޭ ބުނީ. ދެން ކީއްވެ އެންމެ ފަހުން ރޮއްވާލާފަ ތިދަނީ.” ރޮވިފައިވާ އަޑަކުން އާލިޔާ ޝާވިންއާއި ވާހަކަ ދައްކަމުން ދިޔައެވެ.

” މި ބުނީނު މިރޭ އަހަރެން ދެއްކި ކޮންމެ ވާހަކައެއް ހަނދާން ނައްތާލާށޭ.. އާލިޔާއަށް މާ ރަނގަޅު މީހުން ލިބޭނެ. މާ އުފަލުގަ ވެސް އުޅެވޭނެ.” ފަހަތަށް ވެސް އެނބުރިނުލައި ހުރެ، ޝާވިން އޭނާގެ އެންމެ ފަހުބަސް އިއްވިފަދައެވެ. ހިނގާފައި ގޮސް ޝާވިން ގެއްލުމާއިއެކު، އާލިޔާއަށް އޭނާގެ ދެކަކޫ މައްޗަށް ތިރިވެވުނެވެ. ކުއްލިއަކަށް އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހެމުން ދާފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. މީގެ ދެތިން މިނެޓުކުރިން، އަބަދުވެސް އޭނާއައިއެކު ހުންނާނެ ކަމަށް ބުނި މީހާއަށް އެވީ ކިހިނެތް ހެއްޔެވެ؟ ދެން ވަކި އޭނާއަށް ހިތްވަރު ލައިދެން ހުންނާނީ ވެސް ކާކު ހެއްޔެވެ؟

އެންމެފަހުން، އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައި ޤަބޫލުކުރި މީހާވެސް އޭނާއަށް އެ ފުރަގަސް ދިނީއެވެ. އޭނާ މަޑުމަޑުން ދެފައިމައްޗަށް ކޮޅަށް ތެދުވިއެވެ. އަދި ގިސްލަމުން ދެލޮލުން ކަރުނަ ފޮހެމުން ހިނގާފައިގޮސް ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް އަރައި އެނދުގައި އޮށޯވެލިއެވެ. އެދުވަހު ހިނގި ހުރިހައި ކަމަކުން ހަށިގަނޑަށް ވެރިވެފައި ހުރި ވަރުބަލިކަން ބުނެދޭންވެސް ނޭނގެއެވެ. ނަމަވެސް، އެދެލޮލަށް ނިދީގެ ކަންފުޅެއްވެސް ވެރިނުވެއެވެ. ބަދަލުގައި ބޯދޮށުގައި އޮތް ބާލީސް ތެއްމަމުން ދިޔަ އޭނާގެ ކަރުނަތަކަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ.

އެހެން އޮވެ ދެކޮޅަށް ފުރޮޅި ފުރޮޅި މީހާ އެކަށް ވަރުބަލިވެއްޖެއެވެ. އަދިވެސް، އާލިޔާއަކަށް ނިދޭ ގޮތެއް ނުވިއެވެ. ހިތަށް ވެރިވެފައިވާ މާޔޫސްކަމާއި ހިތާމައިގެ ސާލު، އޭނާގެ ކަރުގައި އޮޅި ނޭވާލާން އުނދަގޫކުރަމުން ދިޔަފަދައެވެ. އޭނާ ތެދުވެ އެނދުގައި އިށީނެވެ. އަދި އެނދާއި ޖެހިގެން ހުރި ކުޑަ މޭޒުމަތީގައި އިން ފޮޓޯ ފްރޭމަ ނަގާ އެއަށް ބަލައިލިއެވެ. މިފަދަ ހިތާމައިގެ ވަގުތުތަކުގައި އޭނާއަށް އަބަދުވެސް އެންމެ ހަނދާންވާ މީހަކީ އޭނާގެ މަންމައެވެ. ދެރަވާ ކޮންމެ ފަހަރަކު، މަންމަ އޭނާއާއި ވަކިވެގެން ދިޔަ ދުވަހުގެ ހަނދާންތައް އާވެގެންދެއެވެ. މަންމަގެ ގާތުގައި، އިނދެ އެކޯތާފަތުގައި ފިރުމަމުން ވަރަށް ލޯބިވެއޭ ބުނެވުން ހަނދާން ވެއެވެ. އެދުވަހު މަންމަވެސް އޭނާގެ ކޮލުގައި ހިފާލަމުން ވަރަށް ލޯބިވާކަމަށް ބުންޏެވެ. އެރޭ މަންމަގެ އުނގުގައި ބޯއަޅައިގެން ނިދި ހަނދާންވެސް އެބަހުއްޓެވެ. ހޭލައިގެން މަންމަ ހޯދުމަށް މުޅި ގޭގެ ވަށައިގެން ދުވުނު ހަނދާން އެހިތުން ފޮހެވޭނީ ކިހިނެތް ހެއްޔެވެ؟ މާމަ ކައިރީގައި މަންމަ ކޮބާތޯ އެތައްފަހަރަކު އޭނާ އެހިއެވެ. ބަދަލުގައި ލިބުނީ އެންމެ ޖަވާބެކެވެ. މަންމަ ވީ ބަލިވެގެން ޑަކުޓަރަށް ދައްކަން ގޮސްފައިކަމަށް މާމަ ބުންޏެވެ.

މަންމަ ބަލިކަން އޭނާއަށްވެސް އެނގެއެވެ. މަންމަ އުޅުނު ހާލު އޭނާގެ ދެލޯ ވެސް ދުއްޓެވެ. އޭނާ އިންތިޒާރު ކުރިއެވެ. މަންމަ އަންނާނެ އިރަކަށެވެ. މީހުން ބުނެއެވެ. ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނެއެވެ. ނަމަވެސް، އެދުވަހު އޭނާ އިސްކުރި ކެތްތެރިކަމުގެ ބަދަލުގައި، ލިބުނީ ހިތާމައެކެވެ. އާނއެކެވެ. މަންމަ އޭނާ ދޫކޮށްފައި ދިޔައީއެވެ. އަބަދުގެ އަބަދަށެވެ. އޭނާ ވަރަށް ރުއެވެ. މަންމަގެ ގާތަށް ދާށެވެ. ބޮޑާވެސް އެވަރަށް ހޭކިއެވެ. ބައްޕަ ބުނިހާ ވެސް އެއްޗަކީ، މަންމަ ކައިރިއަށް ނުދެވޭނެ ވާހަކައެވެ. މަންމަގެ މައްޗަށް ހެޔޮ ދުޢާ ކުރުން ނޫން ކަމެއް ދެން ކުރެވެން ނެތް ވާހަކައެވެ.

އަދިވެސް އޭނާ މަންމައަށް ހެޔޮ ދުޢާ ކޮށްދެއެވެ. މަންމަގެ މައްޗަށް ރަޙުމަތް ލައްވާތޯއެވެ. އެ ލޯބިވާ މަންމައަށް ސުވަރުގެ މިންވަރު ކުރައްވާތޯއެވެ. އެހެންނަމަވެސް، ހިތުގައި އުފެދޭ ހަމައެކަނި ޝަކުވާއަކީ، އެ މަންމަގެ ލޯބިން މަހުރޫމް ވާން ޖެހުނު ކަމުގެ ޝަކުވާއެވެ. އަލުން އަނބުރާ ދުވަހަކުވެސް އެ އުނގު ތެރޭގައި ނިދާލަން ނުލިބޭނެ ކަމުގެ ޝަކުވާއެވެ.

ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެމުން، އާލިޔާ އެ ފްރޭމުގައި ބައްދާލިއެވެ. އަދި ކައިރީގައި އޮތް ބާލީހުގައި ބޯއަޅައި ދެލޯ މަރާ ތަގުޅިކޮށްލިއެވެ. މި އޮވެވެނީ މަންމަގެ އުނގުތެރޭގައި ކަމަށް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައެވެ. އެންމެ ފަހުން، ދެލޮލަށް ނިދި ސަވާރުވަމުން ދިޔަކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.  ހިތުގައިވާ މާޔޫސީ ކޮޅިގަނޑާއި ދުރަށް، ނިދީގެ ފުން އޮއިވަރުގައި ބެހި ހުވަފެނީ ދުނިޔެއަކަށް ދެވުނު ގޮތެއް ޙުދު އާލިޔާއަކަށް ވެސް ނޭނގުނެވެ.

އާލިޔާއަށް ނިދިން ހޭލެވުނީ، ގޭތެރޭގައި ހަލަބޮލިވެ ވަރަށް ބާރަށް ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. އަވަސް އަވަހަށް ތައްޔާރު ވެލައިގެން، ނުކުމެ އަޑު އެހާ ގަދައީ ކީއްވެތޯ ބަލައިލަން ކޮޓަރިން ބޭރަށް އޭނާގެ ބޯ ދިއްކޮށްލިއެވެ. އޭރުވެސް އެ ވާހަކަ ދައްކަމުން ދިޔަ ބަޔަކު ވާހަކަ ދައްކަމުން ދިޔައެވެ. ކޮޓަރިން ނިކުމެ  ވެގެން އުޅެނީ ކިހިނެތްތޯ ބަލައިލުމަށް އޭނާ މާމަގެ ކޮޓަރިއަށް މިސްރާބު ޖެހީ އަޑު އެ އަންނަނީ އެ ދިމާލުން ކަމަށް ލަފާ ކުރެވޭތީއެވެ. އެ ތާންގައި ޝާވިން ހުންނާނެކަން ވެސް އެނގިހުރެ، އާލިޔާ ގޮސް ކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށްވަނެވެ. ފެންނަ ފެނުމަށް މާމަ މިއަދުވެސް ކޮންމެވެސް ބޮޑައެއް ހާކަނީއެވެ. ގާތުގައި ބައްޕަ މާމައަށް ވިސްނައިދެމުން ވާހަކަ ދައްކަމުން ދިޔަނަމަވެސް، މާމަގެ އެ އަޑުގަދަކުރުމަކަށް ބަދަލެއް ނާދެއެވެ.

“ކިހިނެތްވީ، މާމާ؟” މާމަގެ ގާތަށް ގޮސް އިށީންނަމުން އާލިޔާ އަހާލިއެވެ. ” އެއްކަލަ މާމަ ބޭރުން ގެނައީމެއްނު ވަރަށް ރީތި ގަހެއް. އެޔޮށް ރީތި މާ އަޅާގަސް އެޔެއް ނެތް ފެންނާކަށް. މާމަ ނުލާހިކު ލޯބިން ބެލި ގަހެކޭ އެއީ. ބައްޕަ އެކިޔަނީ އެހެން ގަހެއް ގެންނާނީއްޔޯ. އެކަމަކު މާމަ ބޭނުމީ ހަމަ އެގަސް. ހޯދާކަށް ވެސް ނޫޅެއެއްނު. ގޭގެ ވަށައިގެން ކެމެރާ ހަރުކުރާއިރު ވެސް ސަލާމަތެއް ނެތެއްނު. ބޭރުގަ ގާޑެއް ބައިންދާފަ އިނަސް އިންނަނީ ނިދާފަ. އަދި އެކިޔަނީ ކީއްކުރަންހޯ މާގަހެއް ގެންދަންވީ. އަފީފުއަށް ނޭނގެނީތަ އެއީ ކިހާ ރީތި އަގު ބޮޑު ގަހެއްކަން. އެއުޅޭ ރަސްރަނި ބަގީޗާއިން ވެސް އޮފި ކޮޅުކޮޅު ވައްކަން ކުރަނީ ވިއްޔަ. ދެން އެހެންވީމަ ޖެހޭނެ ދޯ އަހަރެންގެ ގަސް ވެސް ގެންދިޔަ މީހަކު ހޯދަން.” ތުން އަނބުރަމުން، ކުޑަކުއްޖަކު ފަދައިން އައިމިނަ އޭނާގެ ޝަކުވާ ގޯނި އާލިޔާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.

” އިޓްސް އޯކޭ މާމާ.. ހޯދާނީއޭ އެގަސް ގެންދިޔަ މީހެއް. އަޅުގަނޑު ހޯދަ ދޭނަން. ފަހަރެއްގަ ބައްޕައަށް ވައްކަމަކީ މާ ބޮޑު ކަމަކަށް ނުވިޔަސް އަޅުގަނޑު ވީގޮތެއް ހޯދާނަން.” އާލިޔާ އޭނާގެ މާމައަށް ވިސްނައިދެން މަސައްކަތް ކުރިއެވެ. ” މިހާރަކު އަހަރެން ކުރާ އެއްވެސް ކަމެއް އާލިޔާއަކަށް ކަމަކު ނުދާނެ އެއްނު ދޯ؟ އަހަރެން ހުރި ހަމައެކަނި ދަރި އެހާ ލޯބިން ބެލީކީ، މިއަދު އަހަރެންގެ ނަސޭހަތުގެ ކޮޅުފައިން ޖަހާނެ ކަމަށް ހީކޮށްފައެއް ނޫން. ބަފަޔަކު ދަރިއަކަށް ހެޔޮ އެދިގެން ކޮށްދޭ ކަމެއްގެ އަގެއްވެސް ނެތް. މަންމަ ހާސްނުވޭ. އަހަރެން ތި ގަސް ގެންދިޔަ މީހަކު ހޯދާނަން. ބޭރުގެ ކެމެރާ ފުޓޭޖްތައް ހުންނާނެ. އެޔަށް ހުންނާނެ އަރާފަ. މިގަޑީ މަސައްކަތެއް ޖެހިގެން ދާން މިދަނީ އެކަމަކު އައިއްސަ ހަމަ ހުވާ އޭތި ހޯދާނަން އިނގޭ.” އައިމިނަގެ ބޮލުގައި ފިރުމާލަމުން، އާލިޔާއަށް ތޫނު ނަޒަރެއް ދިނުމަށްފަހު އަފީފު ބޭރަށް ނިކުތެވެ.

އެވަގުތު އެތާ ހިނގި ހުރިހާ ކަމެއް ބަލަން ހުރި ޝާވިން އިސް އުފުލާވެސް ނުލައެވެ. އައިމިނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން، ތަސައްލީ ކުރަމުން ދިޔަ އާލިޔާވެސް މަސައްކަތްކުރަމުން ދިޔައީ ޝާވިންއާއި ދިމާލަށް ނުބަލައި ވޭތޯއެވެ.

” މިގޭގަ ހަމަ އެކަކުވެސް އަހަންނާ ދޭތެރެއަކު ނުވިސްނާ. ހިތު ހުރި އެއްޗެއް އެކަކު އަނެކަކަށް ގޮވާފަ ދަނީ. ދޭ ދެމީހުންވެސް ބޭރަށް އަހަރެން ބޭނުމެއް ނޫން އެކަކާވެސް ވާހަކަ ދައްކާކަށް.” އައިމިނަ ހިތްހަމަ ނުޖެހިފައި ރުންކުރު ރާގަކަށް ދެމީހުނަށް ވެސް ކޮޓަރިން ނުކުތުމަށް އަމުރުކޮށްލިއެވެ. މާމަގެ ރުޅިގަނޑު ވަރަށް ރަނގަޅަށް ދަސްވެފައިވާތީ، އާލިޔާ ލަހެއް ނުކޮށް ބޭރަށް ނުކުތެވެ. އާލިޔާގެ ފަހަތުން ޝާވިންވެސް ބޭރަށް ނުކުތެވެ.

” އާލިޔާ.” ފަހަތުން އިވުނު ޝާވިންގެ އަޑަށް އާލިޔާ ފަހަތަށް ބަލައިލިއެވެ. ” ސޮރީ ރޭގަ ކުރެވުނު ހުރިހާ ކަމަކަށް.” ޝާވިން އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” ކޮންކަމެއް؟ އައި ޑޯންޓް ރިމެމްބަރ.” އާލިޔާ ބުނެލިއެވެ. ” އަހަރެން ކުރިކަމެއް ކުރީ އާލިޔާއަށް ރަނގަޅަކަށް.” ޝާވިން އިސް އުފުލާލަމުން ބުނެލިއެވެ.   ” އައި ޑޯންޓް އެގްރީ.. ފަހަރެއްގަ ފައިސާއިން އަގު ބޮޑެތި އެއްޗެހި ގަނެވިދާނެ. އެއަށް އުފާވެރިކަމޭ ބުނެވިދާނެ. އެކަމަކު އެފައިސާއަކުން މީހެއްގެ ލޯތްބެއް، ގާތްކަމެއް ނޫނީ ފުރާނައެއް ނުގަނެވޭނެ. ފައިސާ އޮވެގެން ކަމެއް ވީނަމަ، ކީއްވެ ބައްޕައަށް މަންމަ ސަލާމަތް ނުކުރެވުނީ؟ ކީއްވެ އަހަންނަށް މަންމަގެ ލޯބިން މަހުރޫމުވާން ޖެހުނީ؟ އެއީ ބައެއްފަހަރު ތަޤުދީރާ ﷲ ފެ ނިޔާފުޅުގެ ކުރިމަތީގައި އިންސާނީ މުދަލުގެ އެއްވެސް އަގެއްނެތީމަ. ސްޓިލް އެމީހަކަށް އެނގޭނީ އެމީހަކު ޤަބޫލުކުރާ ގޮތެއް.” އާލިޔާ މޫނު އަނބުރާލަމުން ކުރިއަށް ހިނގައިގަތެވެ.

” ހަމަ އެހާ ޔަޤީންތަ؟” ޝާވިން ސުވާލުކޮށްލިއެވެ. ” އަހަންނަށް ކިތަންމެ ޔަޤީނަސް، ޝާވިން އަމިއްލަ ނަފުސަށް އިތުބާރު ނުކުރަންޏާ ނެތެއްނު ފައިދާއެއް.” އާލިޔާ ފަހަތަށްވެސް އެނބުރިނުލާ ޖަވާބުދިނެވެ. ” އާލިޔާ އަހަންނަށް އިތުބާރު ކުރަންޏާ އަހަރެން ވެސް އަމިއްލަ ނަފުސަށް އިތުބާރު ކުރާނަން. މުޅިރޭ އަހަރެން ހޭދަކުރީ ކިޔުން ކޮންމެ އެއްޗަކާމެދު އަމިއްލަ ނަފުސު ކުށްވެރިކުރުމުގަ. އެކަމަކު މި ލޯތްބަކީ ކުށެއް ކަމުގަ ޤަބޫލެއް ނުކުރަން. އަހަރެން ބޭނުމީ އެންމެ ފުރުޞަތެއް؟ ” ޝާވިން ކިޔައިދިނެވެ. “ކޮން ފުރުޞަތެއް؟” މިފަހަރު ފަހަތަށް އެނބުރެމުން އާލިޔާ އަހާލިއެވެ.

” އަލިޔާ ދެކެވާ ލޯބި އަންގާދޭނެ ފުރުސަތެއް. ހުވާކުރަން މިފަހަރު އެހާ އަވަހަކަށް ހިތްވަރު އެލުވައެއް ނުލާނަން. ” ޝާވިން އާލިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” އެކަމަކު އަނެއްކާވެސް ރޭގަ ކަންކުރި ގޮތަށް ކޮށްފިއްޔާ.” އާލިޔާ އެހެން އަހާލުމާއިއެކު ޝަވިން ދެފަރާތަށް ބޯހޫރުވާލިއެވެ. އާލިޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ޝާވިންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަދި ކޮލަށް ބޮހެއް ދިނެވެ.

އެ އަވަސް ދެތިން ހަރަކާތަށްފަހު އޭނާ އަވަސް އަވަހަށް ދުވެފައި ފިލީއެވެ. ޝާވިންގެ ލޮލުކޮޅަށް އޮބާލައިވަނީ، ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ޝާވިންގެ ހިތް އުފަލުން ބަނޑުންވަމުން ދިޔައެވެ. ނޭވާ ނުލެވޭ ހިސާބަށެވެ. މީހާ ކޮށިއަރަން ފެށިހެންވެސް ހީވިއެވެ. ކުއްލި ގޮތެއްގައި އެރި ކެއްސުންގަނޑު ނުހިފޭއްޓޭ ހިސާބަށް ދިޔުމުން، މިއީ ހަމަ އަސްލަށް ވެސް ވެފައި ހުރި އުފާވެރިކަމުގެ އަލާމާތެއް ބާއޭ، ހިތަށް އަރުވައިލެވުނެވެ.

ކޮޓަރިއަށް ވައިން ގޮތަށް ދޮރު ޖަހައި، ދޮރުގައި ލައްގަނެ މޫނުގައި ދެއަށް އަޅައިގެން ހުރި އާލިޔާގެ ހާލަކީވެސް އެއީއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވާ ގޮތެއް އެކަކަށް ވެސް ލަފާކުރަން އެނގިދާނެ ހެއްޔެވެ؟ ރޭގައި އޭނާކުރި ހުރިހާ ހިތާމައަކަށް މިހާރު ފަސްއެޅި ފޮރުވިފައިވާ ފަދައެވެ. ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް އާލިޔާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އެމީހަކަށް ފިލަން އޭނާ ދުވެފައި އައި މީހާއެވެ. ޝާވިންއެވެ. އެ މޫނުމަތީގައި ފަނޑުނުވާ ހިނިތުންވުމެއް ހުއްޓެވެ. ޝާވިން ދިއްކޮށްލީ ގަނޑުކޮޅެކެވެ. ވަގުތުން އޭގައި ހިފައި އާލިޔާ ދޮރު ޖަހާލީ ގަނެފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. ގަނޑުކޮޅުގައި ލިޔެފައިވާ އެއްޗެއް ކިޔާލަމުން އާލިޔާ އަމިއްލަ ނަފުސަށް ހިނިތުން ވެލިއެވެ.

“You and Me going on a walk under the moonlight, it’s a date? (8:30) “

 

Share Article

Follow Me Written By

zaah.u

Level 1

I am a daydreamer. and while doing that I end up cooking a lot of stories inside my head. so, one day I made up my mind to deliver it to people through the art of writing. ;)

Other Articles

Previous

ޝަހީދުންގެ ސާހިބާ 3

Next

ލޯބިން ބަލާލީމާ 7

Next
September 1, 2024

ލޯބިން ބަލާލީމާ 7

Previews
August 31, 2024

ޝަހީދުންގެ ސާހިބާ 3

One Comment

  1. Cutie girl says:
    August 31, 2024 at 11:55 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Aaliyaa and Shaavin v gulhey
    They both are made for each other
    E kudhin gulhuvachey
    Mi part kiyaafa rovijje
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

Comments are closed.



All Right Reserved!