ލޯބިން ބުނެލަން……(6)
“ސަމީރު ޝިފާޒްގެ މައްޗަށް ވައްކަމުގެ ދަޢުވާ.. ދެޓް އިޒް ކްރޭޒީ” އާޝޯހުވެ އަނގަމަތީ އަތް އަޅާލަމުން އާލިޔާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. ނަމަވެސް، އާޝޯހު ވާންވީ ސަބަބެއް ނެތްތާއެވެ. ސަމީރުއަށް ބަލާލާފައި އެފަދަ ކަމެއް ކޮށްފާނެކަމަށް ލަފާކުރެއެވެ. 20 ލައްކައިގެ ވައްކަމެއް ކުރެވޭނީވެސް، ގައިގަ ކޮންމެވެސް ނުލަފާކަމެއް ހުރެގެންތާއެވެ.
***
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އާލިޔާ ގެއިން ނުކުތީ، އޭނާއަށް ފޯނުކުރި ފަރާތާއި ބައްދަލުކުރާށެވެ. ކޭހާ ގުޅޭ، އެކި މަޢުލޫމާތުތައް ދެނެގަނެ، މިއީ ކިހާ ބޮޑު މައްސަލައެއްކަން ދެނެގަނެގެން ނޫނީ މިކަމައިގެން ކުރިއަށް ނުދެވޭނެތީއެވެ. ބައްދަލުކުރުމަށް ދިން އެޑުރެހަކީ، ބްލޫވޭވް ކުންފުނީގެ މައިއޮފީސް ހުންނަ ހިސާބުކަމުން، މައްސަލަ ޖެއްސި ފަރާތަކީ ކާކުކަން އޭނާއަށް މާ ރަނގަޅަށް ވެސް ހާމަވެގެން ދިޔައެވެ.
“އައްސަލާމް އަލައިކުމް” ގޮނޑީގައި އިށީނުމަށް އިޝާރާތްކުރަމުން އެފިރިހެންމީހާ ސަލާމްގޮވާލިއެވެ. އެއާއިއެކު އާލިޔާވެސް ސަލާމް ބަލައިގަންނަމުން ގޮނޑިގައި އިށީނެވެ. ” އަޅުގަނޑަށް އޮޅުންފިލުވަދެވިދާނެތޯ، ސަމީރު ޝިފާޒުގެ ބޮލުގަ ތިޔަ ބޭފުޅުން ވައްކަމުގެ ތުހުމަތު ތިއަޅުއްވަނީ ކީއްވެގެންކަން. އެއްވެސް ހާލަތެއްގެ އެއްވެސް ތެދެއް ނެތް ވާހަކައެއްގައި ހިފައިގެން ދެމުމަކީ އަޅުގަނޑު ކުރާނެ ކަމެއްނޫން. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރަނީ ތި ފަރާތުން އަޅުގަނޑާ ހިއްސާކުރާނެ މަޢުލޫމާތަކީ، ދޮގަކަށް ނުވާނެކަމަށް. ” އާލިޔާ އޭނާގެ އެދުން ހާމަކުރިއެވެ. ” އަޅުގަނޑުމެން ކީއްވެގެންތޯ ދޮގެއް ހަދަންވީ؟ ސަމީރުއަކީ، ސަނދަރަ ޕްރައިވެޓް ލިމިޓެޑްގެ ސީ.އީ.އޯ. އެއީ ހަމަ މިފަދަ ކޮންސްޓްރަކްޝަން ކުންފުންޏެއް. ހަމައެކަނީ ސައިޒުން ބޮޑުވެފައި، އެމީހުންގެ މާރްކެޓް ބޮޑުކަން. ނަމަވެސް އެއީ ބޮޑު ފްރޯޑް ކުންފުންޏެއް. އެ ކުންފުނިން އަޅުގަނޑުމެންނާ އެކީ ޕާރްޓްނަރޝިޕް ހެދީ، އައު ފްލެޓްބަރިއެއް ހެދުމަށް. އެންމެފަހުން އެޅި ފްލެޓްބަރިތައް އެޅުނު ގޮތުގެ ޒިންމާ އެޅުވީ އަޅުގަނޑުމެންގެ ބޮލުގަ. ކޮންސްޓްރަކްޝަންގަ އިހުމާލުވެފަ ވާކަމަށް ބުނެ. ނަމަވެސް ޙަޤީޤަތަކީ، އެ ސައިޓައް ބޭނުންވި ސާމާނު ގަތުމަށް ހޭދަވި ރުފިޔާގެ ރުފިޔާގެ ބޮޑުބައެއް ކާލީ ސަމީރުކަން. އެ ފައިސާ ޚަރަދުކުރީ، އޭނާގެ އަމިއްލަ ބޭނުމަށް. މުވައްޒަފުންނަށް ދިނީ މުސާރައިގެ ދެބައިކުޅަ އެއްބައި. އެއީ ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކުރި ރުފިޔާ، ސަމީރު އެވަނީ ސަރުކާރަށްވެސް ހިޔާނާތްތެރިވެފަ.” އެމީހާ ކިޔައިދިނެވެ. “ދެން ކީއްވެ ސަރުކާރުން، އެކަމާއި ފިޔަވަޅު ނޭޅީ؟” އާލިޔާ ސުވާލުކޮށްލިއެވެ. ” މި ބުނީއެއްނު، އެކަމުގެ އެ ފައިސާގެ ޒިންމާ ސަމީރު އެޅުވީ އަޅުގަނޑުމެންގެ ބޮލުގައޭ.” އެމީހާ ނުރުހުންތެރިކަމާއިއެކު، ޖަވާބުދިނެވެ. ” ދެން ކީއްވެ ސަމީރު، ނޫނީ ސަރުކާރުގެ ފަރާތުން މި ކުންފުންޏާ ދެކޮޅަށް ލީގަލް އެކްޝަން ނުނެގީ؟” އާލިޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ސަރުކާރަކަށް މިކަމުގެ މާބޮޑު ހިލަމެއް ވިޔަކަ ނުދޭ އޭނައެއް. އަޅުގަނޑުމެނާ ދެކޮޅަށް އެމީހުން އަތަކު އެއްވެސް ހެއްކެއް ނެތް” އެމީހާ ވަރަށް ސާބިތު ކަމާއިއެކު ބުނެދިނެވެ.
“ކޮބާތޯ، ސަމީރުއާ ދެކޮޅަށް ހުރި ހެއްކަކީ؟” އާލިޔާ އަހާލިއެވެ. ” މި ހުރިހާ ފައިލެއް. ހުރިހާ ޑޮކިއުމަންޓެއް ހެކިދޭނީ އޭނާއާއި ދެކޮޅަށް.” މޭޒުމަތީގައި ބަރިއަކަށްހުރި ފައިލުތައް އާލިޔާއާއި ދިމާލަށް ކަހާލަމުން އެމީހާ ޖަވާބުދިނެވެ. އަލިޔާ އެ ފައިލުތައް ނަގާ ވަކި ވަކިން ބަލަމުން ދިޔައެވެ. “ކީއްވެ ތުހުމަތު ހަމައެކަނި، ސަމީރުއަށް ކުރެވެނީ؟ ސަނދަރަ ކުންފުންޏެއް ނޫންތޯ ކުށްވެރިވާން ޖެހޭނީ؟” ފައިލުތަކަށް ބަލަމުން އާލިޔާ އަނެއްކާވެސް، އެ ފިރިހެން މީހާއާއި ސުވާލެއް އަމާޒުކޮށްލިއެވެ. ” ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރީ އޭނާ، ސަނދަރައިގެ އެހެން އެއްވެސް ފަރާތަކަށް ނޭނގި” އެމީހާ އަނެއްކާވެސް ސުވާލަށް ޖަވާބު ދިނެވެ. ” ޔަޤީންތޯ މިއީ ޒާތީ މައްސަލައެއް ނޫންކަން؟” އާލިޔާ އެމީހާގެ މޫނަށް ނަޒަރު ހިނގާލަމުން ބުނެލިއެވެ. ” ނޫނޭ. އަޅުގަނޑަކީ އެކަހަލަ މީހެއް ނޫން.” އެމީހާގެ ޖަވާބަށް އާލިޔާ ހިނިތުންވެލިއެވެ. ” އަދިވެސް އަމިއްލަ ތަޢާރަފެއް ނުދެމެން ނޫންތޯ؟” އާލިޔާ ބުނެލިއެވެ. ” ލައްބަ ލައްބަ. އަޅުގަނޑަކީ، ބްލޫވޭވްގެ ޗެއަރޕަރްސަން ޖަމްޝީދު މުބީން.” އެމީހާ ތަޢާރަފުވެލިއެވެ. “އަޅުގަނޑު މިކޭހާ ހަވާލުވާނަން. ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ހަމަޖައްސަވާ. ފީގެ މަޢުލޫމާތު އީމެއިލް ކޮށްލާނަން. މިވަގުތަށް މިފައިލްތައް އަޅުގަނޑަށް ގެންދެވޭނެ ދެއްތޯ؟” ގޮނޑިން ތެދުމަވުން އާލިޔާ ބުނެލިއެވެ.
” ލައްބަ، ތީ ހަމަ އާލިޔާގެ އެހީއަށް ބޭނުންކުރެވޭނެ ތަކެތި. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޖަމްޝީދު ބުނެލިއެވެ. އޭނާ ފައިލްތައް އަތައް ނަގާ، ބޭރަށް ހިނގައިގަތެވެ. މި މައްސަލައިގެ ހެކި ހޯދުމާއި ތެދު ޙަޤީޤަތް އޮތީ އަދި ކުރިއަށެވެ. އޭނާގެ ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހޭނީ ވަރަށް ބަލައިގެންނެވެ. އެޅޭ އެންމެ ކަތި ފިޔަވަޅަކުންވެސް އެތައް ޙަޤީޤަތެއް އިތުރަށް ފަސްލެވި ފޮރުވިގެން ހިނގައިދަނެތީއެވެ.
ފާއިތުވެގެންދިޔަ މަސްދުވަހު އާލިޔާ އަވަދިނެތި އުޅުނީ، އެ މަސައްކަތުގައެވެ. މައްސަލައިގެ އިއްވުން އޮތް އެންމެ ފުރަތަމަ ދުވަސްވެގެން ދިޔައީ އޭނާ ހީކުރި ފަދަ ދުވަހަކަށް ނޫނެވެ. ސަމީރު ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ ބޮޑަށް ހަމަޖެހިފައެވެ. އެދެލޮލުން ބުނަމުން ދިޔައީ މޮޅުވާނީ އޭނާކަމުގައެވެ. އާލިޔާގެ ހިތަށް މާޔޫސްކަމެއް ވެރިވަމުން ދިޔައެވެ. ނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލާނެއެވެ. އެހާ އަވަހަކަށް ނޫނެވެ.
އާލިޔާ ސަމީރަށް ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް އޭނާ ޖަވާބުދެމުން ދިޔައެވެ. ޖެހިލުންވުމުގެ ކަންފުޅެއް ވެސް ނެތިއެވެ. އެ އަޑުގައިވާ ޔަޤީންކަމުން އާލިޔާގެ ހިތަށް އުނދަގޫތަކެއް ކުރަމުން ދިޔައެވެ. ދޮގު ހެދުމަށް މީހަކު އެހާ ފަރިތަވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އެހެންނަމަވެސް، މިއަދު އެ މަންޒަރުވެސް ލޮލު ކުރިމަތިން އެ ސިފަވަނީތާއެވެ.
“ބްލޫވޭވްއިން ތުހުމަތުކުރަނީ، އެހުރިހާ ފައިސާއެއް ބޭނުންކުރީ ސަމީރުކަމަށް، ސަމީރު އެކަމަށް އިންކާރުކުރާނަމަ ދެން ކާކު އޭގެ ބޭނުން ހިފީ؟” އާލިޔާ ސަމީރަށް ސުވާލެއް އަމާޒުކުރިއެވެ.
“އެ ފައިސާއަށް ހެދި ގޮތެއް އެނގިލައްވާނީ ވެސް ތުހުމަތުކުރި ފަރާތަށް. ސަނދަރައިން މައިގަނޑު ގޮތެއްގަ ހަވާލުވީ، ފްލެޓުތަކުގެ އާރކިޓެކްޗަރގެ މަސައްކަތާ، ކޮންސްޓްރަކްޝަންގެ މަސައްކަތުގެ ބޮޑު ރޯލެއް އަދާކުރީ، ބްލޫވޭވްއިން.” ސަމީރު އެ ސުވާލަށް ޖަވާބުދިނެވެ.
“ތި ބުނަނީ، ފައިސާ ނަހަމަ ގޮތެއްގަ ބޭނުންކުރީ ބްލޫވޭވްއިންނޭތޯ؟ އެކަމަކު، ދެން ކީއްވެ ބްލޫވޭވްއިން ސަމީރުގެ ބޮލުގަ އެ ތުހުމަތު އަޅުވަންވީ؟” އާލިޔާގެ އެ ސުވާލަށް، ސަމީރު ހިނިގަނޑެއްޖަހާލިއެވެ.
” ބޮޑަށް ފެންނަނީ ޒާތީ ކަމެއްގެ ގޮތުގަ. ޙަޤީޤަތަކީ، ބްލޫވޭވްގެ ފަރާތުން ވަމުން ދިޔަ ހިޔާނާތަށް އަޅުގަނޑު މަނާކުރީމަ، އެކަމުގެ ބަދަލު އަޅުގަނޑުގެ ކިބައިން ހިފަނީކަން. މިހާރުވެސް އަޅުގަނޑުގެ ބެންކު އެކައުންޓްތަކުން ކުރެވިފައި ހުރި ހުރިހާ ޓްރާންސެކްޝަންތައް ބެލިދާނެ.” އާލިޔާއަށް ބަލަންހުރެ ކަޅިވެސް ޖަހާނުލާ ސަމީރު ޖަވާބު ދިނެވެ. އެދުވަހުގެ އިއްވުން ނިމުނުއިރު، ބުރަވެފައި އޮތީ ކޮންކޮޅަކަށްކަން މާ ރަނގަޅައްވެސް ޔަޤީންވެއްޖެއެވެ. ސަމީރުއާ ދެކޮޅަށް އާލިޔާ ނެރުނު ކޮންމެ ހެއްކެއް، އިދިކޮޅުން މުގުރާލީތީވެ. މައްސަލައިގެ ހުކުމް އިއްވުން އޮތީ، ދެ ހަފްތާ ފަހުންކަމުން އަދިވެސް މައްސަލައިގެ ކޮޅު އަނބުރާލެވޭނެކަމަށް އާލިޔާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައެވެ.
ކޯޓުން ނިކުންނަން ދިޔައިރު، ދޮރުމަތީގައި ބަލަހައްޓައިގެން ހުރި ސަމީރު އޭނާގެ ލޮލުގައި އަޅައިގަތެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ ހިނގައިގަންނަން ނެގި ދެފައި ހުރި ފިޔަވަޅުގެ މަތީގައި ހުއްޓުނީ، ސަމީރު އޭނާއަށް ވައްބަހުން އެއްލި އެއްޗަކުންނެވެ. ” އަޒުމު ކިތަންމެ ވަރުގަދަޔަސް، މީހާގެ ކަމެއްނެތިއްޔާ ވާނެ ފައިދާއެއް ނޯންނާނެކަން މާއިޒަށް އެނގޭދޯ؟” ވާހަކަދައްކަމުން ދިޔައީ، ކައިރީގައިހުރި ބޮޑީގާރޑަށް ކަމަށް ހަދަމުން ސަމީރު އޭނާއަށް ދޯއެއް އެއްލާލިއެވެ.
” ކިޔާ އެއްޗެއް ދިމާލަށް ކިޔަން ނުކެރޭ މީހުން ތިހެން ކިޔަން ވަރަށް ރީއްޗެއްނު..” އާލިޔާ ރައްދުގައި ބުނެލިއެވެ.
” އެކްސްކިޔުޒް މީ؟ ކާކުތޯ ބޭފުޅާއާ ވާހަކަ ދެއްކީ؟” ދެބުމަ އަރުވާލަމުން، ސަމީރު އަހާލިއެވެ. ” ފަހަރެއްގެ މިއަދު ނޫނީ މާދަމާ ވެސް މޮޅުވެދާނެ. އެކަމަކު ތި ބޮޑާކަމާ ފޮނިކަން ބޮޑުވެގެން ގޮސް، ޖަވާބުދާރީ ވާންޖެހޭނެ އެހެން ފަރާތެއްވެސް ވާކަން ހަނދާން ނުނައްތާލާތި!” އާލިޔާ އިންޒާރެއް ދިނެވެ. ” ޤާނޫނީ ވަކީލެއްކަން އެނގޭ.. ކޮންއިރަކު ދީނީ ނަޞޭހަތް ދޭ މީހަކަށް ބަދަލުވީ؟ އެމީހަކަށް ބެހޭ ކަންކަމާ ބެހުނިއްޔާ ރަނގަޅުވާނީ..” ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށްވެރި ކުރުވަމުން ސަމީރު ބުނެލިއެވެ.
“އަހަރެން ހުންނަންޖެހޭ ހިސާބާ، ބެހެންޖެހޭ ކަންކަމާ ދަންނަން. ވަރަށް. ރަނގަޅަށް.” އެހެން ބުނަމުން އާލިޔާ ހިނގައިގަތީ، އިތުރަށް ސަމީރުގެ ކިބުރުވެރި ބަސްތައް އަހަން ބޭނުން ނުވާތީއެވެ. އެންމެ ކުޑަމިނުން އެމޫނަށް ވެސް ބަލާ ހިތެއް ނުވެއެވެ.
ބުރަ ދުވަހެއްގެ މަސައްކަތަށްފަހު ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅުގައިވެސް، އާލިޔާއަށް އަޑުއަހަން ޖެހުނީ އޭނާ ބޭނުންވި ފަދަ ވާހަކަތަކެއް ނޫނެވެ. ފުރަތަމަ ފަހަރަށް ބައްޕަގެ ފަރާތުން އެފަދަ ބަސްތަކެއް އިވުމުން އޭނާގެ ހިތް ކުދިކުދިވަމުން ދިޔަފަދައެވެ. ” އާލިޔާއަށް ނެގިދާނެ އެހެން ކޭސްތައް ހުއްޓަ ކީއްވެ މި ކޭސްއާ ހަވާލުވީ. އެންމެ ކުޑަމިނުން ބައްޕަ ގާތު ނުވެސް ބުނޭ. އެނގޭނެ ވަރަށް ރަނގަޅަށް ސަނދަރަ އެއީ ކިހާ ބޮޑު ކުންފުންޏެއްކަން. މިކަމުގެ ޑިސް ދައްކާނެއޭ ބައްޕައަށް. ބައެއްފަހަރު ވިސްނާލައިގެން ވެސް ކަންކަން ކުރަން ދަސްކުރަން ވެއްޖެއެއްނު!”
” އެއީ ބޮޑު ކުންފުންޏަކަށް ވީމަ، ހަޤީޤަތެއް ބަދަލެއްނުވާނެ އެއްނު. އެމީހުން އެހާ ބައިވަރު ފައިސާ ކައިގެން އުޅޭއިރު، ބައްޕައަކަށް ނުވޭތަ މައްސަލައަކަށް؟” އެއްޗެކޭ ނުބުނާން ހުރެފައިވެސް، އާލިޔާ ރައްދުދިނެވެ. ” ބަލަ ދަރިފުޅާ! އަދި އެއްވެސް ކަމެއް ސާބިތެއް ނުވެއެއްނު. އެއީ ބްލޫވޭވްއިން ކޮށްގެން އުޅޭ ކަމެކޭ. ޤަބޫލުކޮށްބަލަ. ދެންވެސް ތިކަން ހުއްޓާ..” އަފީފު އާލިޔާއަށް ވިސްނައިދެން މަސައްކަތްކުރަމުން ދިޔައެވެ.
” އައި އޭމް އޭން އެޑަލްޓް. ކުރަން ޖެހޭ ކަންކަން އަޅުގަނޑަށް ވެސް އެނގޭ!” އިތުރު ވާހަކައެއް ދެއްކުމެއް ނެތި، އާލިޔާ ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. ވަމުން ދިޔަ ކަންކަން ބަލަން ހުރި ޝާވިންގެ މޫނު މައްޗަށް އެވަގުތު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އާލިޔާގެ ސާބިތުކަން ފެނި، އޭނާއަށް ފަޚުރުވެރި ވެވުނެވެ. އާލިޔާ މި ކޭސް މޮޅުވޭތޯ އޭނާއަށްވުރެ، ބޮޑަށް އެދޭ އެހެން އެކަކުވެސް ހުންނާނެހެނެއް ހިޔެއްނުވެއެވެ. ސަމީރުއަށް ކޮންމެހެން ވެސް އަދަބު ލިބެން ޖެހޭނެއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް އަންނާނީ، ވެސް އޭރުންނެވެ.
ގޭގެ ތެރެއިން، މީހެއްގެ އަޑެއްވެސް ނީވޭހާ ދަންވެ، ފިޔަވަޅުގެ އަޑުވެސް އޮބުމުން އާލިޔާ ކޮޓަރިން ނުކުތީ، ވެފައި ހުރި ހައެއްގެ ބޮޑުކަމުންނެވެ. މެންދުރު ކާލި ކުޑަ ސޭންޑްވިޗް ނޫނީ އެހެން އެއްވެސް އެއްޗެއް ނުކާތާ، އެތައް އިރެއްވެއްޖެއެވެ. މީހާ ނިވައްތައިގަނެ، ބަނޑުން އަޑުއަޑު ގޮވަމުން ދިޔައެވެ. ގޭތެރެއަށް ވެރިވެފައިވާ އަނދިރީގެ ތެރެއިން އަޑެއް ވެސް ލައްވާނުލާ، ކާގެއާ ދިމާލަށް މަޑު ފިޔަވަޅު އަޅަމުން ދިޔަ، އާލިޔާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ބަދިގޭގެ ލައިޓު ދިއްލިގެން ދިޔުމުންނެވެ. ބިރުން ފިނިވެފައި ހުރި މީހާގެ ހީބިހިތައް ފިލީ، ދޮރުން ބޯ ދިއްކޮށްލި ޝާވިން ފެނިފައެވެ.
ޝާވިން އޭނާއަށް އެތެރެއަށް ވަނުމަށް އިޝާރާތްކުރިއެވެ. އަދި އާލިޔާ ގޮސް ބަދިގެއަށް ވަނުމުން އޭނާއަށް، ބަތްތައްޓެއް ދިއްކޮށްލިއެވެ. މީ ކޯއްޗެއް ހެއްޔޭ އަހާލާ ފަދައަކުން އާލިޔާ ދެބުމަ ކައިރިކޮށްލިއެވެ.
“މާމަ ބުނީ އާލިޔާ އަދި އަންނާނެޔޯ، ބަނޑުހައިވެގެން. މަޑުކުރާށޯ އާލިޔާ އަންނަންދެން. އާލިޔާ ކޭތޯ ބަލާފަ ނޫނީ ނުނިދައްޗޯ..” އާ ފުރާލަމުން ޝާވިން ބުނެލިއެވެ. ” އޯހް. ސޮރީ.. މާމަ ކުރާނެ އެކަހަލަ ކަންކަން. ދޭ އަވަހަށް ނިދަން.” ޝާވިންގެ އަތުން ތަށި އަތުލަމުން، އާލިޔާ ބުނެލިއެވެ. ” އަސްލު ނިންޖެއް ނާދެ. ކަންދެން މަޑުކުރާނަން.” ގޮނޑިކައިރި ކޮށްދެމުން ޝާވިން ބުންޏެވެ.
އާލިޔާ ގޮނޑީގައި އިށީނދެ ކާންފެށިއެވެ. އާލިޔާ ކަމުން ދިޔައިރު، ކަޅި ހުއްޓައިވެސް ނުލާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިން ޝާވިންގެ މޫނު މަތީގައިވާ ހިނިތުންވުން ހިނދުކޮޅަކަށްވެސް ފޮހެވިގެން ނުދެއެވެ. “ކީއްވެ ތިބަލަނީ؟” އެކަން އިހުސާސްވެ، އާލިޔާ ސުވާލުކޮށްލިއެވެ. ” ރީތިކަމުން.” ވަގުތުން ޝާވިން ދިން ޖަވާބަށް، އާލިޔާގެ މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
” ވަރަށް ޕްރައުޑްވޭ، އާލިޔާ ތިކުރާ މަސައްކަތް ފެނިފަ. އިރާދަ ކުރެއްވިއްޔާ އާލިޔާއަށް މިކަން ވެސް ވާނެ.” ޝާވިން ބުނެދިނެވެ. އެބަސްތަކުން އާލިޔާގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ” ޝާވިން އެކަންޏެއްނު. އެހެން އެންމެން އެތިބީ ރުޅިއައިއްސަ.” އާލިޔަ އިސްދަށަށް ޖަހާލިއެވެ. ” އެމީހުން ބައިތިއްބާ. އަހަރެން ދުވަހަކުވެސް ރުޅިއެއް ނާންނާނަން.” ޝާވިން އާލިޔާގެ އަތުގައި ހިފާލިއެވެ. އެ ބީހުމަށް އާލިޔާ އިސް އުފުލާލާ ޝާވިންއަށް ބަލާލިއެވެ. ” އެއީ؟ އެއީ ކީއްވެ؟” ދެލޯ ހަމަކޮށްލަމުން އާލިޔާ އަހާލިއެވެ. ” އެއީ ހަމަ އެހެންވެ.” ޝާވިން ނުވާކަމަށް ހަދާލަމުން ކޮނޑު އަރުވާލައި އާލިޔާގެ އަތުން ދޫކޮށްލިއެވެ. އޭނާގެ ހިތުގައިވާ އެއްޗެއް އާލިޔާއަށް އެނގެން ބޭނުން ނުވާތީއެވެ.
ކައި ނިމުމުން ތަށި ހިފައިގެން، ތެދުވެ އާލިޔާ ތަށިދޮވެލިއެވެ. އަދި، ބަދިގެއިން ބޭރަށް ދާން ހިނގައިގަތެވެ. ނަމަވެސް ދޮރުން ނިކުމެވުމުގެ ކުރިން، ޝާވިން އާލިޔާގެ އަތުގައި ހިފާފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. ” އަހަރެން މިވާހަކަ ނުބުނަށް ވަރަށް އުޅެފިން. އެކަމަކު ހިތަކަށް ކެތެއް ނުވި. އައި-….” ބުނަން އުޅުނު ވާހަކަ ބުނަން ޝާވިން އަނެއްކާވެސް ފަސްޖެހުނެވެ. ” ކީއްވެ ތިހުއްޓީ؟” އާލިޔާ ޝާވިންއާއި ދިމާލަށް ބާލަލިއެވެ. އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ވަކި ޝާވިންއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ބުނަން ބޭނުންވެ، ބުނަން ނުކެރިފައި ހުރި އެތައް ވާހަކައެއް އެބަހުއްޓެވެ. އޭނާގެ ހިތުގައި މިދިޔަ ދެ ތިން މަސް ދުވަހުގެ ތެރޭގައި ޖަހަމުން އެދާ އައު ވިންދު، އެދި ގޮވަނީ އެންމެ މީހަކަށެވެ. ޝާވިންއަށެވެ.
“ބުނަން ނުކެރެންޏާ އަޅާނުލާ.. ” ޝާވިންގެ އަތުން އަތް ދަމައިގަންނަމުން އާލިޔާ އަނެއްކާވެސް އެނބުރިލިއެވެ. މިފަހަރުވެސް، ޝާވިން އޭނާގެ އަތުގައި ހިފަލިއެވެ. ނަމަވެސް، މާ ބާރަށެވެ. މާ ސާބިތުކަމާއިއެކުއެވެ. އާލިޔާގެ އަތަށް ދަމާލުމަށްފަހު، އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި އާލިޔާ ޤައިދުކޮށް ހައްޔަރުކޮށްލިއެވެ. ” އައި-…. އައި ލަވް ޔޫ..” ކަޅި ވަކިކޮށްލުމެއްނެތި، ޝާވިން އޭނާގެ ހިތުގެ ތެޅުން އާލިޔާއަށް ބަޔާންކޮށްދިނެވެ. ނަމަވެސް، އޭނާއަށް ކުއްލި ސިހުމެއް ލިބުނީ އާލިޔާ ކަންތައްކުރި ގޮތުންނެވެ.
ނޯޓް: ވާހަކަ މިހާ ލަހުން އަޕްޑޭޓްކުރެވުނީމަ، ހުރިހާ ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މަޢާފަށް އެދެން. އަޅުގަނޑަކީ ކިޔަވާ ކުއްޖެއްކަމުން، ކޮންމެ ހަފްތާއަކުވެސް މަސައްކަތް ކުރަން އަޕް ކުރެވޭތޯ. ނަމަވެސް، މިފަހަރު ލަސްވީ. އިން ޝާ ﷲ. ދެން ފަހަރަކުން މިއަށްވުރެ އަވަސް ކޮށްލެވޭތޯ ބަލާނަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

It’s ok
Mi part ves v Reethi masha allah
Curiously waiting for next part
Keep it up
Aaliyaa and Shaavin v gulhey
They both are made for each other
E kudhin gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Kuhverinah adabu dhee
Alhugandu ge support Abadhuves libeyne insha Allah
Love you ❤️😍
thank you for your support. and yes kuvverinah adhabu libeyne in sha allah.
Vaahaka up vaaleh las kamun eh epp ga vaahoi hunnany hadhaan nethifa aneh ep annan vaairah
This is not good right
Vaahaka reethi
Ekm thankolheh avas kohla dhehva
labba. I understand. in Sha Allah next part vrh avahah up kolla dheynan. vhk delay vaathee varah bodah maafah edhen. (: