ޝަލީން 4
ކޮންނަމެއް ކިޔާމީހެއް ގުޅީ؟” އަހަރެން އަހާލީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ.
“ޝަލީން… އަވަހަށް އާދޭ ދާން.. މިވަގުތު ދިޔައްޔާ ދެވޭނީ. ވަރަށް ބޮޑަށް ވިއްސާރަ ހަދައިފި.” ދޮރު ހުޅުވާލުމަށްފަހު ބޭބެ އަވަސް ކުރަން ބުނުމުން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ.
ތަދާއި ވޭނުގައިވެސް އަހަރެން އިރުކޮޅަކަށް ނަމަވެސް މަރިއްތަ ކައިރި މަޑުކޮށްލަން ބޭނުންވިއެވެ. މަދު ސިކުންތުކޮޅަކަށް ވިޔަސްމެއެވެ. ހަމައެކަނި އެންމެ މަގްސަދެއްގައެވެ. ފޯނު ކުރީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ. އެހެނަސް، އެވަގުތު އަހަރެން އިސްކުރީ އަހަރެންގެ އަމިއްލަ އެދުމެއްނޫނެވެ. ބޭބެއަށް ކުރާ އިހްތިރާމެވެ. އަހަންނަށް އަވަހަށް ލިބެންޖެހޭ ފަރުވާއެވެ.
ކަންދިމާކުރި ގޮތުން އަހަރެން ޖެހުނީ ކުޑަކުޑަ ސާޖަރީއެއްހަދާށެވެ.
ކަނާއަތު ފައިގެ ފުންނާބަށް ވަދެފައިވާ ކުޑަކުޑަ ފުޅިތޮށިކޮޅު ނެގުން ނޫންގޮތެއް ނެތީމައެވެ. އެއަށްފަހު، މުޅި ފައިތިލައާއެކު ބެންޑޭޖް އަޅާލަމުން ފައިގައި ފެންޖެއްސުން އަހަންނަށް މަނާކުރިއެވެ. ގިނައިން ހިނގުމުގެ ބަދަލުގައި ފަޔަށް ލުއިވާނޭގޮތަށް ފައި ދަމާލައިން އިންނަން އިރުޝާދު ދިނެވެ. އަދި ފައި ރަނގަޅުވުމުން ނޫނީ ސްކޫލަށް ނުދިއުމަށްވެސް ޑޮކްޓަރ ވަނީ ޢިރުޝާދުދީފައެވެ.
އެގޮތުގައި ދެދުވަސް ފާއިތުވެގެން ގޮސްފިއެވެ. އާދައިގެ މަތިން އަހަރެން އިނީ ގްރައުންޑް ފްލޯގެ މޭޒުކައިރީ ފޮތަކާއި ގަލަމެއް ހިފައިންނެވެ. އީނާޝް ނިންދަވާލުމަށްފަހު ލިބޭ ހުސްވަގުތުގައި އަހަރެން ބަލަނީ ލިޔުންތެރިކަން ތަރައްގީ ކުރެވޭތޯއެވެ. މޮނީޓަރ ފޮތް ހުޅުވާލުމަށްފަހު އަހަރެން އެފޮތުގައި 06 އޯގަސްޓް 2005 ޖަހާލީމެވެ. އެއަށްފަހު ފަލަ ސުރުހީއެއްގެ ގޮތުގައި “ދިރުމެއްނެތް ދިރިއުޅުން” ޖަހާލީމެވެ. އެއީ އަހަރެން ލިޔާ ފުރަތަމަ ދިގު ވާހަކައެވެ. ވާހަކަ ލިޔަން ނޭނގުނަސް ވާހަކައެއް ލިޔުމުގެ މަގްސަދުގައި އަހަރެންގެ އަތުގައިވާ ގަލަމުގެ ތުނޑު ހިންގާލީ އުންމީދާ އެކުގައެވެ. ވާހަކަ ނިމުމުން ކިޔާ މީހުންނަށް އަސަރު ކުރާނެ ފަދަ ގޮތަކަށް އެވާހަކަ ގެނެސް ދެވޭތޯއެވެ.
ވާހަކައިގެ ހަތަރު ސަފްހާ ލިޔެނިމެން ކައިރިވަނިކޮށް ގޭގެ ދޮރުގައި ޓަކިޖަހާލި އަޑުއަވުނެވެ. ގްރައުންޑް ފްލޯކަމުން ގޭގެ ދޮރު ހުންނާނީ ދުވާލު އެއްކޮށް ހުޅުވާފައެވެ. ޓަކިޖެހިއަޑަށް އަހަރެން ބަލައިލީމެވެ. ވަގުތުން ހައިރާންވީ ކުރިމަތީގައިހުރި މީހަފެނުމުންނެވެ. އޭނަ ފެނުމާއެކު، ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްވޭތޯ ދެފަރާތަށް ބޯހަލުވާލަމުން އަހަރެން ބަލައިލީމެވެ. އަހަރެން ހޯދަން އައިސްހުރި މީހަ ފެނިއްޖެނަމަ މަރިއްތަމެން އެކިވަރުވަރުން ސުވާލު ކުރާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އިން ގޮނޑިން ތެދުވެގެން މަޑުމަޑުން ދޮރުކައިރިއަށް ޖެހިލީމެވެ. އަހަރެންގެ ބަލިފައިން ޒާތަކަށް ކޮރަމުންނެވެ.
“އަހަރެންމީ… މީކާލްގެ ރައްޓެހި ޝިފާޒް. އަން.. މީކާލް ދިން އެއްޗެއް.” ޝިފާޒްގެ އަތުގައިވާ ގަނޑުކޮޅު އަހަންނަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ތޭންކްސް” މަޢުސޫމު ގޮތަކަށްހުރެ ގަދަކަމުން ހިނިތުންވެލަމުން އަހަރެން އެގަނޑުކޮޅުގައި ހިފީމެވެ.
“މަރީ ސްކޫލަށް ނުދަނީ….. ފަޔަށް ކިހިނެއްވީ؟” ބެންޑޭޖް ކޮށްފައިވާ އަހަރެންގެ ފަޔަށް ބާލާލަމުން ޝިފާޒް އަހާލިއެވެ.
“ފުންނާބު ތެރޭގަ ބިއްލޫރިކޮޅެއް އިނީމަ ނަގައިން މިއުޅެނީ. ކޮބާ މީކާލް؟” ވީގޮތް އޮޅުން ފިލުވައި ދިނުމަށްފަހު މީކާލް ކޮބައިތޯ އަހަންނަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
“ރަށުގަވީ. މީކާލް ބުނީ މިގޭ މީހަކަށް ފެނިދާނެތީ ވަރަށް ބަލައިން އުޅޭށޭ. އޯކޭ. ދަނީ.” ކުރު އެހެނަސް އަޖައިބެއްފަދަ ޖަވާބެއް ދިނުމަށްފަހު ޝިފާޒް ހިނގައިގަތެވެ.
އަހަންނަށް ހުރެވުނީ ވިސްނާލާށެވެ. ޝިފާޒް ދިން ޖަވާބުގައިވަނީ ކޮންއެއްޗެއްކަން އަހަންނަށް ހާމަވެއްޖެއެވެ. އެއިން އެނގެނީ މީކާލް އަހަރެންގެ ޝަރުތުތަކަށް ބޯލަނބާކަމެވެ. އަހަރެންނަށާ މިގޭގެ މީހުންނަށް އިހްތިރާމް ކުރާކަމެވެ. ވަގުތުން އަންނަށް ހިނިތުންވެވުނެވެ. އެއީ މީކާލްއަށްޓަކާ އަހަރެންގެ ތުންފަތުގައި ދުވެލި ފުރަތަމަ ހިނިތުންވުމެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއްލަމުން އަހަރެން މަޑުމަޑުން ކޮރުޖަހަމުންގޮސް ގޮނޑީގައި އިށީންދެ އެގަނޑުކޮޅު ހުޅުވާލަން މަސައްކަތް ކުރީމެވެ.
“ޝަލީން!… ފޮތްތައް ނަގާފަ ދައްކަބަލަ މޭޒު. ޑިއުޓީއަށް ދާންވާއިރަށް އިސްތިރިކޮށްލަން… އަދި މަރިއްތަބުނި ކުރިން ދުވަހަކު ޝަލީން ހޯދަން ގުޅިޔޯ މަރީ ހޯދަންނޭ ކިޔާފަ.. އިނގޭތަ ގުޅީ ކާކުކަން؟ މިގޭ ކުރިމަތީ ގޯޅިގަނޑުތެރޭގައުޅޭ އެއްކަލަ މީހާ.. އަހަރުމެން ކިޔަމެއްނު “މާބޫރު” އޭނަ…”. އިޝާނީ ސަކަ ގޮތަކަށް ބުނެލިއެވެ.
އަހަންނަށް އެވާހަކަ އެއިވުނީ އަހަރެން އަޑުއަހަން ބޭނުންވި ގޮތަކަށް ނޫނެވެ. އެހެންކަމުން، އިޝާނީގެ އަޑަށް އަހަރެން އަތުގައިވާ ގަނޑުކޮޅު ސިއްރުކުރަމުން ފޮތްތަށް ނަގައިން ކޮރުޖަހަމުން ހިނގައިގަތީމެވެ. އަދި ފަހުން ބުނިވާހަކައިން އަހަރެން ކުރިޔަށް އެޅި ފިޔަވަޅާއެކު ހުއްޓުން އެރިއެވެ.
“ޝަލީން!.. ކީއްވެ އެއްޗެއް ނުބުނީ؟ އެއީ ދަންނަމީހެއްތަ؟ ޝަލީން އަނެއްކާ … “މާބޫރާ” ވާހަކަދައްކަންތަ؟ އޭނައަށް ކިހިނެއް ނަންއިނގުނީ؟” އިޝާނީ އެއްފަހަރާ އެތަށް ސުވާލެއް ކުރިއެވެ.
“ނޫން. ވާހަކައެއް ނުދައްކަން. އެއްދުހު ނަން އެހީމަ މަރީއޭ ބުނިން.” ފޮތްތަކަށް ބަލަންހުރެ އަހަރެން ދިނީ ކުރުޖަވާބެކެވެ.
“އަދި މިރޭ އެބަޖެހޭ ޝޮޕިންއަކަށްވެސް ދާން. ތިފައި ނޫޅޭތަ އަދިވެސް ރަނގަޅުވާކަށް. ދެމީހުން ނުކުންނަންވެގެން މިމަޑުކުރަނީ.” އިސްތިރި ކުރަންހުރެ އަނެއްކާވެސް އިޝާނީ ބުނެލިއެވެ.
“ފައި ރަނގަޅުވާ ދުވަހެއް ކިހިނެއް އެނގެނީ؟ މަށާއެކީ ދާން ބޭނުމިއްޔާ އަދިވެސް މަޑުކޮށްލަން ޖެހޭނީ.. އިނގޭތަ؟ މާބުރުގެ އަސްލު ނަމަކީ އާސިފް.. މަވެސް އަޑުއަހަނީ އޭނައަށް މީހުން ގޮވާއަޑު. އެކަމު އެހާވަރަށް ދޮރުމަތީ ހުރެގެން އަހަންނާދިމާލަށް ބަލާތީ މަށަށް ކަމުނުދަނީ. އަދި އަހަރެން ގޭގަހުރިއްޔާ ނުވާނެ އެހެން ވަރެއް.” އަހަރެން ބުނެލީމެވެ.
“އެހެންތަ؟ ތީތިވީގޮތަކީ ދޯ؟ އޯކޭ.. އެހެންވީމަ ބައްޕަކައިރި ބުނެލާފަ މަރިއްތައާ އެކީ ދާނީ ފިހާރައަށް.. މިތާ ކައިރި ހިސާބުގަ އުޅޭނީ.. އީނާޝް ހޭލީމަ ބައްޕަ ގުޅާނެއެއްނު.” އިޝާނީ އޭނާގެ ރޭގަނޑު ކުރިޔަށް ގެންދާނެގޮތް ރާވާލިއެވެ.
އިޝާނީއަކީ 18 އަހަރުވެފައިވާ މަރިއްތަގެ ދޮންދަރިއެވެ. އިޝާނީގެ އުމުރުން 2 އަހަރުގައި އޭނާގެ ބައްޕައަށް ދިނުމަށްފަހު މަންމަ ދިޔަގޮތަށް ލޮލަށްވެސް ނުފެނެއެވެ. ޔާނީއާ އީނާޝްއަކީ އެއްބަނޑު އެއްބަފާ ދެކުދިންނެވެ. ކުޑައިރުއްސުރެ އެއްކޮށް އުޅެމުން ދާތީ އިޝާނީ އެކުދިންދެކެ ވަރަށް ލޯބިވެއެވެ.
“އިޝާނީ… މަޑުކޮށްލައްޗެ. އީނާޝް ހޭލަފާނެ. މިއަންނަނީ ފޮތްތައް ތަރުތީބު ކޮށްލާފަ.” އެހެން ބުނަމުން އަހަރެން މައްޗަށް އެރީމެވެ. މީކާލް ދީފައިވާ ގަނޑުކޮޅުގައިވާ އެއްޗެއް ބަލާލުމުގެ ނިޔަތުގައެވެ.
ވާހަކަ ލިޔަމުންދިޔަ ފޮތް ކަބަޑަށް ލުމަށްފަހު އަހަރެން އަވަސް އަވަހަށް ގަނޑުކޮޅު ހުޅުވާމީމެވެ.
“މަރީ އަހަރެން މަތިން ހަނދާންވޭހެއްޔެވެ؟ އަހަރެންގެ ޚަބަރެއް ބަލަން އުޅުނިންހެއްޔެވެ؟ އަހަރެން މާލެއިން ބޭރުގައި ހުރިކަމުގައިވިޔަސް، އަހަންނަށް ވަރަށް ރަނގަޅަށް މަރީގެ ޚަބަރުތައް ލިބެއެވެ. ޝިފާޒްއާއި ރާއިދު ދޭތެރެއަކުން ގުޅާފައި މަރީގެ ވާހަކަތައް ކިޔައިދެއެވެ. ކުއްލިޔަކަށް އަހަރެން ފުރަންޖެހުނީ އާއިލާ އެއްކޮށް ކާށިދޫއަށް ހިޖުރަކުރަން ޖެހުނީމައެވެ. އަހަރެންގެ އުފަން ރަށަކީ
ތ.އޮމަދޫ ކަމުގައިވިޔަސް، މިއީ މަންމަމެން ނިންމިގޮތެވެ. މާލެ ކައިރި ރަށެއްގައި ތިބެން ޖެހުނުކަންވެސް ހަމަ ނަސީބެކެވެ. އެކަމަކު، ދުރުގަ ތިއްބަސް މަރީއާ ވާހަކަ ދައްކާލެވޭނެ ގޮތެއް އަހަރެން ބޭނުމެވެ. އެކަމަކު މަރީވެސް އެގޮތް ބޭނުންވާނަމައެވެ. ވަރަށް ބޮޑަށް ސޮރީ!!! މަރީއަށް ކިޔާ އަސްލުނަން އަހަންނަށް މާބޮޑަށްވެސް ރީއްޗެވެ. އެހެނަސް އަހަންނަށް މިހާރު ފަސޭހައިން ކިޔެނީ”މަރީ” އެވެ. މި ނޯޓްގެ ޖަވާބު ވަރަށް އަވަހަށް ކޮންމެސް ގޮތަކުން ލިބޭނެ ކަމަށް އުންމީދުކުރަމެވެ.”
ކިޔަމުންދިޔަ ގަނޑުކޮޅު ފަތްޖަހާލުމަށްފަހު އަހަރެން ވިސްނާލީމެވެ. ހަމަ އެވަގުތު އަހަރެންގެ ތުނިތުނި ތުންފަތުގައި ދުވެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އަހަރެންގެ ސިކުނޑި ވިސްނައި ދެމުންދަނީ އަހަރެން މިހާތަނަށް އެންމެ ލޯބިވަމުންއައި ހުވަފެނީ ބައިވެރިޔާގެ މަތިންނެވެ. އެކުއްޖާއަށްޓަކާ މިއަދާ ހަމައަށް އަހަރެން 4 އަހަރު އިންތިޒާރު ކޮށްފީމެވެ. އެވަރުންވެސް އަހަންނަށް ހާސިލްވިކަމެއް ނެތެވެ. މިއީ އަހަރެންގެ އެކުވެރި ވިސާމާމެން ގާތުވެސް އަހަރެން ނުބުނާ ވާހަކަތަކެކެވެ. ހާސިލްނުވާ އެއްފާރާތުގެ ސިއްރު ލޯތްބީގެ ބޭކާރު ވާހަކަތައް އަހަރެން އެމީހުންނާ ހިއްސާ ކުރާހިތް ނެތީއެވެ.
ހަގީގަތުގައި އަހަރެން ބޭނުންވަނީވެސް އަހަރެންގެ ހިތުގައި ބިނާކުރެވިފައިވާ އަގުބޮޑު ކިއްލާގެ ތެރޭގައި ބަންދުވެފައިވާ ނާއުންމީދީ ބައިވެރިޔާގެ ފަރާތުން ސަލާމަތްވާނެ ގޮތެކެވެ.. އެއީ އަހަރެން ވަރަށް ލޯބިވާ އަހަރެންގެ އެންމެ އުންމީދީ ބައިވެރިޔާއެވެ. ނަމަވެސް އަހަރެންގެ އަގުބޮޑު އުންމީދުތައް އަހަންނަށް ހާސިލްކޮށްދޭން އެހީތެރި ނުވާ ބައިވެރިޔަކީ ހަގީގަތުގައިވެސް ނާއުންމީ ބައިވެރިއެކެވެ. އިންތިޒާރުގެ އެތައް ވަގުތެއް އަހަރެންގެ ހަޔާތުން ބޭކާރުވެގެން ދާކަން ޚުދު، އޭނާއަށްވެސް އެނގޭނެއެވެ. އެފަދަ އެތައް ދުވަހެއް، ވަގުތެއް އަހަރެން ރަށުގައި ހޭދަކުރުމަށް ފަހު މާލެއައިސް އަހަރެން ބޭނުންވީ އެކަން ހަނދާން ނައްތާލާށެވެ. ފަހަރެއްގައި މީކާލްގެ ފަރާތުން ލިބުނު މިފުރުސަތު މިވަގުތު އަހަރެންގެ އަތުގައި ހިފީއެވެ. އަހަރެން އަނެއްކާވެސް ވިސްނާލީމެވެ. އަހަރެން ދެން ވިސްނަންވީ މީކާލްއަށްޓަކާހެއްޔެވެ؟ ނޫނީ އަހަރެންގެ ހިތުގައިވާ ކަނު ލޯތްބަށްހެއްޔެވެ؟
- ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Plxxx avahah up kohla dherba next
V reethi
Thankolheh las up vaaleh
Hi Ruvey. How’s you?
Thanks for the comment.
Vaahak reehchey buneleemaves v ufaavejje. Dhenaslu vaagothakee Shaleen evves vhk eh site ah dhookollee ekkoh liyenimifa innaathee noon.
Ekam kommes varakah liyevuneeema. Ehenve week Aku eh faharu mi post kollevenee.
Ekam v balan eba vee emme avahakah ginain liyeleveytho. Eyrun up kollevidhaane, twice a week.
So give me sometime.
Also vihaigen ulheythee thankolhei undhagoo time hoadhaalanves vhk liyelan.
Bt ummeedhu kuran readers beynunvaagoi hadhaad dhevidhaane kamah in sha allah
Mi part vx v Reethi masha allah
Curiously waiting for nextpart
Keep it up
Thanks dear 😍
Next part ves Thursday GA up kollaanan in sha Allah.
V ufaavey thigothah support dheytheeve.
Thanks a lot cutie girl