ފިނި ހިތް 9
ޔޫވިންއާއި ޝިރުވާ ރައްޓެހިވީ އެމީހުން ދިމާވިތާ ހަފްތާއެއް ފަހުންނެވެ.ޝިރުވާއަކީ މާލޭގެ މަޝްހޫރު މޮޑެލްއެކެވެ.އަހަންނައްވުރެ އެތައް ގުނައެއް ރީއްޗެވެ.އެކަހަލަ ކުއްޖަކު ބޭނުންނުވާނީ ފަހެ ކާކުހެއްޔެވެ.އެ ދުވަހު އަހަރެން ވަރަށް ރުއީމެވެ.ރޯން ބޭނުން ނުވިޔަސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.އަހަންނަކީ އޭރު ހަންގަނޑުން ކަޅު އިސްކޮޅުން ކުރު ކުއްްޖެކެވެ.މަންމަގެ ދޮން ހަންގަނޑާއި ދިގު އިސްކޮޅު ފަދަ އެއްވެސް ރީތި ސިފައެއް އަހަންނަކަށް ވާރުތައެއް ނުވިއެވެ.އަދި ބުރުގާ އެޅުމުގެ ސަބަބުން އަހަރެންގެ ކިރިޔާވެސް ރީތި ސިފައެއް ހުރިއްޔާމުން ވީ ފަރުދާ ކުރެވިފައެވެ.ބައްޕަގެ ފަރާތުން އަހަންނަށް ވާރުތަވި ބޯ ދިގު އެސްފިޔަތައްލީ ކަޅުކަންގަދަ ކަނަމަދު ބައްޓަމަށްވާ ދެލޯ ފިޔަވައެވެ.އެހެނެއްކަމަކު ޔޫވިން އަހަރެން ހުއްޓައި ޝިރުވާ ޙިޔާރުކުރަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.އަހަރެން އޭނާ ދެކެ ލޯބިވާވަރަށް ލޯބިވާނެ ކުއްޖަކު ނުހުންނާނެކަން އަހަންނަށް ޔަޤީނެވެ.އަހަރެންގެ ހިތް ޝަކުވާތަކުން ފުރުނެވެ.މިއޮތް ހުރިހާ ދުވަހު އަހަރެން މި ހުރީ ޔޫވިންގެ އިންތިޒާރުގައެވެ.ޔޫވިން އަހަންނަށް ބޭވަފާތެރިވީ އެކޭ ވެސް ބުނެވޭކަށްނެތެވެ.އެއީ އޭނާ އަހަރެން ކައިރި ބުނީ ހަމައެކަނި ލޯބިވާ ވާހަކައެވެ.ނަމަވެސް ރައްޓެހިވާކަށް ނާހައެވެ.އެންމެފަހުން ކަންތައް ވެގެން ދިޔައީ އަހަރެން އުއްމީދުކުރި ގޮތާއި ޙިލާފަށެވެ.އެހެނެއްކަމަކު ޝިރުވާ ލިބުނު ފަހުންވެސް ޔޫވިން އަހަރެން ދޫކޮށެއް ނުލައެވެ.އެހެންކަމުން ފަހުން އަހަރެން ވެގެންދިޔަައީ އޭނާގެ ސިއްރު ލޯބިވެރިޔާއަށެވެ.އޭނާ އަހަރެން ކައިރީ ދެރަނުވުމަށް ބުނެ ޝިރުވާއާއި އިނަސް ދެއަތްބަށް އަހަންނާއި އިންނާނަން ކަމަށް ބުންޏެވެ.
އަހަރެން ކެތްތެރިވީމެވެ.ކުރިންވެސް ބުނިހެން އެހެން މީހުނަށްޓަކައި އަހަރެންގެ އަމިއްލަ އުފާތައް ޤުރުބާން ކުރުމަށް މިހާރު އަހަރެން ވަނީ ހޭނިފައެވެ.ޔޫވިންއާއި ޝިރުވާގެ ގުޅުން ކުރިޔަށްދިޔައިރު އަހަރެންވެސް އަހަރެންގެ ދިރިއުޅުމާއިގެން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރީމެވެ.ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ.ފުރަތަމަކޮޅު މަސްވަރު ކަންތައް ދިމާވުން ލަސްވެ އެކަން ހުއްޓުނުތާ ދެމަސް ފުރުނެވެ.އެއަށްފަހު ބޯ އަނބުރައި މޭ ނުބައި ކުރުވާ ގޮތް ވާން ފެށިއެވެ.މި ހުރިހާ ކަމަކީ ކޮން ބައްޔެއްގެ ޢަލާމާތްތަކެއްކަން އަންހެނަކަށްވެ ހުރެ އަހަރެން ދަންނަމެވެ.އެހެންކަމުން އަހަރެން އެ ދުވަސްކޮޅު ހުރީ އިންތިހާޔަށް ބިރުގެންފައެވެ.ނަމަވެސް ހިތްވަރުކޮށްފަައި އަހަރެން އެކަން ޔަޤީން ކުރީމެވެ.
އެވަގުތު އަހަރެން އެންމެ އިތުބާރުކުރާ މީހަކަށް ހުރީ ލަޔާންއެވެ.ލަޔާންއަކީ މުޅިއަކުން ދިވެއްސެއް ނޫނެެވެ.އެއީ އަހަރެންގެ ބޮޑުދައިތަ އަމާނާ ރަޝިއާގެ މުއްސަންޖަކާއި އިނދެގެން ލިބުނު ހަމައެކަނި ދަރިފުޅެވެ.ދެބެއިންގެ ދެދަރި ކުއްޖަކަށް ވުރެ ބޮޑަށް ލަޔާން އަހަންނަށް ސިފަވެފައި އޮންނަނީ އެއްބަޑު އެއްބަފާ ބޭބެއެއް ގޮތަށެވެ.އަހަންނަށް ރަޝިއާ ބަސް ދަސްކޮށްދިނީވެސް ލަޔާންއެވެ.ކުޑައިރުން ފެށިގެންވެސް ލަޔާން އަބަދުވެސް އަހަންނާއި ހުރިހާ ކަމެއް ޝެއަރކޮށް ހަދާތީ އަހަރެންވެސް ކުރަމެވެ.އެހެންކަމުން އަހަރެން ކައިޝާންއަށް ނުކުރާ އިތުބާރު ލަޔާންއަށް ކުރަމެވެ.ކަންދިމާކުރިގޮތުން އެ ދުވަސްކޮޅު ލަޔާން ހުރީ އަހަރެމެން ގޭގައި ތިނަދޫއަށް އައިހެވެ.އަހަރެން ލަޔާން ގާތުގައި ވެގެން އުޅޭ ގޮތް ބުނުމާއެކު އޭނާވެސް ސިހުނެވެ.
އެކަން ޔަޤީންކުރަން އަހަންނަށް އެހީވިއެވެ.ސިއްރުން ގޮސް ޓެސްޓް ކިޓެއް ހިފައިގެން އައިސް އަހަރެން އަތައް ދިނެވެ.އޭގެ ނަތީޖާ ފެނުމުން އަހަންނަށް މުޅި ދުނިޔެ އެނބުރިގަތް ކަމުގެ އިހުސާސް ކުރެވުނެވެ.ކުރިއާއި ޙިލާފައް އެފަހަރު ވެގެން ދިޔައީ އާއިލާގެ އިތްޒަތް ވެއްޔާއި މޮނޑެވުމުން ސަލާމަތް ނުކުރެވޭނެ ވަރުގެ ކަމެކެވެ.ލަޔާން އެއީ ކާކުގެ ދަރިއެއްތޯ ސުވާލުކުރުމުން އަހަންނަށް ހަޤީގަތް ކިޔައިދޭން މަޖުބޫރުވިއެވެ.ޔޫވިންއަށް އެކަން އެންގުމަށްޓަކައި އަހަރެން އޭނާއަށް ވައިބާއިން މެސެޖު ކުރީމެވެ.އޭނާގެ އައިޑީތައް ޝިރުވާ އަތައް ދީފައި ވުމުން ޝިރުވާ ވަނީ އަހަރެން އޭނާގެ ސްނެޕް އައިޑީ އިން ވެސް ރިމޫވް ކޮށްލާފައެވެ.ޔޫވިންގެ ފަރާތުން ޖަވާބެއް ނައުމުން އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް އަހަރުމެން ރަޝިއާއަށް ދާން ތައްޔާރުވީމެވެ.ލަޔާން މީހަކަށް ނޭނގި ވަގުތުން މާލެދިއުމާއެކު ދެމީހުނަށް ރަަޝިއާއަށް ދެވޭނެ ގޮތް ހަމަޖެއްސިއެވެ.އެއީ އެވަގުތަށް އަހަރެމެން ދެމައިން ރައްކާތެރިކުރުމަށް އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވުމުންނެވެ.ކޮންމެއަކަސް އެއީ އޭލެވެލް ނިމި އަހަރެންގެ ޗުއްޓީ ދުވަސްކޮޅު ކަމުން މަންމަމެންވެސް މާ ބޮޑު ކަމަކަށް ނަހަދައި އަހަރެން ލަޔާން އާއި އެކީ ދިއުމުގެ ހުއްދަ ދިނެވެ.
ޔޫވިންގެ ފަރާތުން ކޯލެއް އައީ ރަޝިއާއަށް ދެވުނުތާ ތިންވަނަ ދުވަހުއެވެ.އެއިރު އަހަރެން ހުރީ މޮސްކޯގައި ލަޔާންގެ ޕެންޓްހައުސްގައެވެ.އަހަރެން ބަލިވެއިން ވާހަކަ ބުނުމުން އަހަރެން ހީކުރީ ޔޫވިން ކުރިންވެސް ބުނި ފަދައިން ދެ އަތްނބައް ނަމަވެސް އިނދެ އަހަރެންގެ އަބުރު ސަލާމަތްކޮށް އަހަރެން ދޫކޮށްނުލާނެ ކަމަށެވެ.ނަމަވެސް އޭނާ ބުނީ މޮޔައަކަށްނުވެ އަހަރެންގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށެވެ.އެޔަށްފަހު އަހަރެންގެ އަމިއްލަ ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށެވެ.ދޫކޮށްނުލުމަށް އެދި އަހަރެން އޭނާގެ ގާތުގައި އެތައް އާދޭހެއް ކުރީމެވެ.ނަމަވެސް އެ ދުވަހު ޔޫވިންއަށް މުހިއްމީ އަހަންނަށްވުރެ އެހެން މީހެކެވެ.އަމިއްލަ އިއްޒަތް ރައްކާތެރި ކުރުމަށްޓަކައި އޭނާ ހުރީ އަހަރެންގެ ބަނޑުގައި އޮތް އޭނާގެ ލޭ ޤުރުބާންކުރަން ތައްޔާރަށެވެ.ނަހަލާލު ދަރިއަކަށް ވިޔަސް އެއީވެސް ކުށެއްނެތް ޅަ ފުަަރާނައެއް ނޫންހެއްޔެވެ.އަހަރެން އެ ގޮތާއި އެއްބަސް ނުވާކަމަށް ބުނެ ފޯނު ކަނޑާލީމެވެ.އެޔަށްފަހު ހުރިހާ އެއްޗަކުން ޔޫވިން ބްލޮކް ކޮށްލީމެވެ.ދެން ދިމާވީ އެޔަށްވުރެ މާ ހިތާމަވެރި ކަމެކެވެ.
އަނެއްކާވެސް ލޯބި ޤުރުބާން ކުރަން ޖެހުމުން ނަފްސާނީ ގޮތުން އަހަރެން ވަރަށް ބޮޑައް ބަލިވާން ފެށިއެވެ.އެޔާއެކު އަހަންނަށް އަމިއްލަ ސިއްޙަތާއި މެދު ފަރުވާ ކުޑަ ކުރެވެން ފެށިއެވެ.ބަނޑަށް ތިން މަސް ވާން ކައިރިވެފައި ހުއްޓައި އެއް ދުވަހު ނަރވަސް ބްރޭކްޑައުން އެއް ވެގެން ގޮސް ބައިގެންދިޔައީއެވެ.އެއީ އަހަރެންގެ އަބުރު ސަލާމަތްވާން ލެއްވި ރަޙުމަތެއް ކަމެއް ނުވަތަ ހިތުގައި އެޅުނު އިތުރު ކޫރުމެއް ކަމެއް ނޭނގުނެވެ.އެނގުނުހާވެސް އެއްޗަކީ އަހަންނަށް އުޅެވުނު ގޮތުންނާއި ޔޫވިންގެ ސަބަބުން އަހަރެން ވެއްޓިފައިވީ އަނދަވަޅުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.
އޭލެވެލް ރިޒަލްޓް ލިބުމުން މަންމަމެން ކައިރީ ޑިގްރީއަށް ކިޔެވުމަށްޓަކައި ރަޝިއާއަށް ބަދަލުވީ ކަމަށް ބުނެ އެފަހުން އަހަރެން އެނބުރި ރާއްޖެއަކަށް ނުދަމެވެ.ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައިރު ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ކުރިން އަހަރެން ގައިގައި ހުރިއްޔާ އަހަރެން އެ ސިފަތަކާއި މެދު ލަދުގަތް ހުރިހާ ސިފަތަކެއް ބަދަލުކުރަން ފެށީމެވެ.އެއީ ފަސޭހަކަމަކަށް ނުވިޔަސް އަހަރެން އޭރު ހުރިގޮތުގައި ހުންނާކަށް ބޭނުމެއްނުވިއެވެ.އެފަހުން ރަޝިއާގައި 3 އަހަރުދުވަސް ހޭދަކުރުމަށްފަހު އުމުރުން 23 އަހަރުގައި މިހާރު އަހަރެން މިހިރީ މޯލްޑިވިއަންގެ ސީނިއަރ ކެބިން ކްރޫ އެއްގެ މަޤާމުގައެވެ.ދިރިއުޅުމުގައި ދިމާވި ހުރިހާ ދަތިތަކާއި ކުރިމަތިލައި އެކަންކަމުން އަރައިގަނެ އެ ހުވަފެން މިއަދު އަހަރެން ހަޤީގަތަކަށް ހަދައިފީމެވެ.
އެދުވަހަށްފަހު އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ވަޢުދެއްވީމެވެ.އަހަރެންގެ އުފާތައް މީހަކަށް ޓަކައި ދުވަހަކުވެސް ދެން ޤުރުބާނެއް ނުކުރާނަމެވެ.ދެން ދުވަހަކު މީހަކު ދެކެ ލޯތްބެއް ވެސް ނުވާނަމެވެ.ޔޫވިންއަށް ޓަކައި އަހަރެންގެ ހިތުގައި ދެގޮތެއް ނުވެ އޮތް
ލޯބިވެސް އަހަރެންގެ ހިތުގައި ފަސްއަޅައި ފޮރުވާލީމެވެ.ދެން ދުވަހަކު ޔޫވިން ފެނުނަސް އެނގޭ ކަމަކަށްވެސް ނަހަދާނަމެވެ.ޔޫވިން ދެކެ ލޯބިވެވުނީތީވެ އަހަރެން ހިތާމަކުރަމެވެ.ޔޫވިން އާއި ގާތްވެވުނީތީ އެކަމުގެ ހިތި ނަތީޖާ އަހަންނަށް ފެނިއްްޖެއެވެ.އަހަރެމެން އެންމެ ފުރަތަމަ ވާހަކަ ދެއްކި ރޭ އޭނާ ބުނީ ތެދެއްކަން ޔޫވިން ސާބިތުކޮށްދީފިއެވެ.އެއީ އެއްވެސް މީހަކަށް އިތުބާރު ކުރަން ނުވާނެ ކަމެވެ.ތެދެކެވެ.ދިރިއުަޅުމުގައި އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ބޭކާރު ބަޔަކަށް ވަގުތު ހުސްކޮށް އެމީހުންނަށް އިތުބާރު ކުރެވުމެވެ.އަހަރެން ކިތަންމެ ބޭނުން ނުވިނަމަވެސް ޔޫވިންވެސް މިއަދު މި ވަނީ އެ މީހުންގެ ތެރޭގައި ހިމެނިފައެވެ.އިންސާނާއަށް މި ދުނިޔެމަތިން އޭނާގެ އަމިއްލަ ނަފްސު ފިޔަވައި އެހެން މީހަކަށް އިތުބާރު ނުކުރެވޭނެކަން އަހަންނަށް މިއަދު ވިސްނިއްޖެއެވެ.ކިތަންމެ އުނދަގޫ ވިއަސް އަހަރެން އެކަނި އުޅެން ދަސްކުރާނަމެވެ.މިއަދުން ފެށިގެން އަހަރެންގެ ހިތަކީ ފިނި ހިތެކެވެ.ހިލަ ހިތެކެވެ.އިރާދަ ކުރެވިއްޔާމުން ކުރިޔަށް އޮތްތާ އަހަރެން އުޅޭނީ ވަރަށް އުފަލާއި ތަނަވަަސްކަމުގައެވެ.
ޑައިރީ ކިޔާ ނިމުން އިރު އެތައް ފަހަރަކު ރޮވުމުން ޔޫވިންގެ ދެ ލޯ ވަނީ ރަތްވެފައެވެ.އެ ދުވަސްތައް އަނބުރާ އަންނާނެނަމަ ކޮންފަދަހެއްޔޭ އޭނާގެ ހިތައް އެތައް ހާސްފަހަރަކު އަރަމުން ދިޔައެވެ.ޑައރީގެ އެކި ސަފުހާތަކުގަައި ދެލި ފޭދިފައި ހުރުމާއި ކަރުނަ ހިކިފައި ހުރި ތަންތަން ފެންނަން ހުރުމުން ކިރާއަށް އޭނާގެ އިޙުސާސްތައް ލިޔުން ފަސޭހަނުވާނެކަން އޭނާ ދެނެގަތެވެ.ކިރާ ބުނީ ތެދެކެވެ.އޭނާ ދޫކޮށްދިޔައީ ކިރާއެއް ނޫނެވެ.ކިރާ ދޫކޮށްދިޔައީ ،އޭނާ ޔޫވިންއެވެ.ޙިޔާލުތަކަށް ގެއްލިފައި އިން ޔޫވިންއަށް ހަމަހޭވެރިކަންވީ ސައިޑް ޓޭބަލް މަތީ އޮތް އޭނާގެ ފޯނު އެލާމްވާ އަޑު އިވުމުންނެވެ.ގަޑިން ފަތިހު 5:00 ޖަހައިފިކަން ރޭކާލުމާއެކު އޭނާއަށް ކުއްލި ހައިރާންކަމެއް ލިބުނީ ފޮތުގެ ތެރެއަށް ވަދެވިފައި އިންވަރުން ފަތިސް ނަމާދު ބަންގީގެ އަޑުވެސް ނީވުމުންނެވެ.އަތުގައި އޮތް ފޮތް ފަރުވާތެރިކަމާއެކު އެނދުމަތީގައި ބޭއްވުމަށްފަހު އޭނާ ފާހަނައަށް ވަންނަން ހިނގައިގަތެވެ.
ފެންވަރައި ރީތިވެލައިގެން ފަތިސް ނަމާދުކޮށްގެން އޭނާ ބޭރަށް ނުކުތް އިރު ލިވިން ރޫމުން ގިޓާ ޖަހާ އަޑު އިވެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Kira and yoovin v gulhey
They both are made for each other
Kira loves yoovin still
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍