Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 30

Esfiya Level 310 Stories100 Login
November 22, 2015 4 Mins Read
15 Comments

ރީމްގެ މޫނުމަތީގައި ހުރި ހިތްހަމަ ނުޖެހުމުގެ އަސަރު ޔާނާއަށް ފާހަގަކުރެވުނު ހިނދު އެ ނުރުހުމުގެ ސަބަބަކީ ޚުދު ޔާނާކަންވެސް އިހުސާސް ކުރެވުނެވެ. އެހިނދު ހިތް އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ. ކުއްވެރިއަކީ ކާކުހެއްޔެވެ؟ ޔާނާ ހެއްޔެވެ؟ ދުނިޔެމަތީގައި ހާދަ ނުވިސްނޭ މީހުންވެސް އެބަ އުޅެއެވެ. އީމަން އެތައްފަހަރެއްގެ މަތިން ކަން ވީ ގޮތް ކިޔައިދީފިއެވެ. ނަމަވެސް އެކަން އެނގުނު އެކަކުވެސް ނެތްފަދައެވެ. ވިސްނުނު ނަމަ މިއަދު މި ނަފްރަތު އުފެދޭކަށް ނުޖެހޭނެއެވެ. ރީމް އީމަންއާ ދޭތެރޭ ކަންތައްކޮށްފައިވާ ނިކަމެތި ގޮތް ހަނދާން ނެތުނީ ހެއްޔެވެ؟ މިއަދު އީމަންގެ ފަހަތުން އާދޭސްކުރަމުން ދާއިރު ހީވަނީ ރީމް ވަފާތެރި އަންބެތްގެ ގޮތުގައި ހުއްޓާ އީމަން ހިލޭ އަންހެނެއް ހޯދައިގެން އުޅެނީ ހެންނެވެ.

ފުން ހިޔާލުތަކަކާއި ސުވާލުތަކެއްގައި ފީނަމުން ދަނިކޮށް މާގިނައިރެއް ނުވެ ގެއާ ހަމައަށް ދެވުނެވެ. ރީމް ކުރީ ސީޓަށް އެރުމުން ޔާނާ އިނީ ފަހަތުގައެވެ. ގެއަށް ކާރު މަޑުކޮށްލެވުމާއެކީގައި ރީމް ވައިރޯޅިއެއްފަދައިން ކާރުން ފައިބައިގެން ގޮސް ގެއަށް ވަނެވެ. އީމަންވެސް ކާރު ޕާރކް ކުރުމަށްފަހު މިސްރާބުޖެހީ ގެއާ ދިމާއަށެވެ. ފަހަތުން ޔާނާ އައިސް އައިސް ހުއްޓެވެ. ނަމަވެސް ކޮންމެ ފިޔަވަޅެއް އެޅުމަށްފަހު ދެން އަޅަން ޖެހޭ ފިޔަވަޅު ވަމުން ދިޔައީ ބުރައަކަށެވެ. ކުރިއަށް ދާން އުނދަގޫވިއެވެ. އެއަށްވުރެ މީހާގެ ސިކުނޑިއަށް ކޮށްފައިވާ ބާރު މާބޮޑެވެ. އެއްވެސް ދިމާއަކުން ހަމަ ޖެހުމެއް ލިބުމެއް ނާންނަނީ ކީއްވެހެއްޔެވެ؟ ކުރީގައި އުޅުނު ހަމަ ޖެހޭ ދިރިއުޅުމަށް ނޭނގި ހުއްޓާ ތޫފާނެއް އައީ ކީއްވެހެއްޔެވެ؟

ޔާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކުރީގައި އުޅުނު އުފާވެރި ދިރިއުޅުމެވެ. ލޯމަތިން ފެންނަމުން ދިޔައީ ހިނިތުންވުމާއެކީ އުފަލުގައި ވޭތުކުރި ދުވަސްވަރެވެ.

ހިނގުމަށް ދަތިވުމުން ދެކަކޫ މައްޗަށް ތިރިވެވުނެވެ. ވައިގަދަވެގަތުމާއެކީ ކުއްލިއަކަށް ވާރެ ވެހިގަތީ އެވަގުތުއެވެ. އީމަންއަށް ސިހި މައްޗަށް ބަލައިލެވުނެވެ. އަދި އެތެރެއަށް ވަންނަން ދުއްވައިގަތުމަށްޓަކައި ޔާނާއަށް އެންގުމަށް ފަހަތަށް ބަލައިލިއެވެ. ނަމަވެސް ހަރަކާތްތައް ހިމޭންވެގެން ދިޔައީ ބޯ ވާރޭ ތިކިތެރޭގައި ކަކޫމައްޗަށް ތިރިވެ އިން ޔާނާ ފެނުމުންނެވެ. އީމަންއަށް އެދިމާއަށް ދުވެފައި ދެވުނެވެ. އަދި ޔާނާ ކައިރިއަށް ތިރިވެ މޫނުގައި ދެއަތުން ހިފަހައްޓަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔާނާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ބާރުބާރަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އަދި ހިތުގައިވާ އުދާސްތައް ލަފްޒުތަކެއްގެ ގޮތުގައި ހާމަކުރަމުންދިޔައެވެ.

އޭނާގެ ހަޔާތަށް މިވީ ކީއްހެއްޔެވެ؟ ކުރީގައި އުޅުނު އުފާވެރި ދުވަސްތަކަށް އެޅުނީ ކާކުގެ ހިޔަންޏެއްހެއްޔެވެ؟ ކެތްތެރިކަންކޮޅުން ލަނީއެވެ. ހިތްވަރުކުރެވޭނީ ކިހާވަރަކަށް ހެއްޔެވެ؟ ކުރިއަށް ހިތްވަރުކޮށްފައި ދެވޭނީވެސް އަލިމަގެއް ފެންނަނަމަ ތާއެވެ.

ޔާނާގެ ވާހަކަތަކުން އެހިތަށް ކޮށްފައިވާ އަސަރު އީމަން އަށް އިހުސާސް ވެގެން ދިޔައެވެ.
“ޔާނު! ހިތްވަރުކުރޭ! ތިއީ ކެތްތެރި އަންހެން ކުއްޖެއްކަން އަހަރެން ހިތުގެ އަޑިން ޤަބޫލުކުރަން. މިކޮޅަށް އައުމަށްފަހު ޔާނު ކުރިމަތިލާންޖެހުނު ކަންތައްތައްތަކާއި އެހެން އަންހެންކުއްޖެއް ކުރިމަތިލައިފިނަމަ އެކުއްޖާ ކުދިކުދިވެދާނެ. އެކަމަކު ޔާނު އެހުރިހާ ކަމަކަށް ކެތްކޮށްގެން ހިތްވަރާއެކީ ކުރިމަތިލައިގެން ހުރުމުން ތިއީ ހަރުދަނާ ކެތްތެރި އަންބެއްކަން ހާމަ ކޮށްދޭ! ޔާނު! ނުރޮއި ހުއްޓާލާ!” އީމަން ޔާނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތިކިތައް ފޮހެމުން ބުނެލިއެވެ.

“އީމް! އަހަރެންނަކަށް އިތުރަކަށް ކެތެއް ނުވާނެ! ޕްލީޒް! އަހަރެންގެ ދިރިއުޅުމަށް އަލުން އުފާވެރިކަން ގެނެސްދީ! މިގޮތަށް ހިތާމައިގައި އުޅެންވެއްޖެނަމަ އަހަރެން މޮޔަވެދާނެ! އެއްވެސް ކޮޅަކުން އަލިމަގެ އަދި ހަމަޖެހުމެއް ނުފެނޭ! ހެޔޮނުވާނެ.” ޔާނާ އީމަންގެ މޭގައި ބޯއަޅާލަމުން ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. އީމަންއަށް އިތުރަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. ނުވަތަ އޭނާ އިތުރަށް ވާހަކަ ދައްކަން ބޭނުންނުވިއެވެ. ވަރަށް ގިނަ ދުވަހު ވާހަކަ ދެއްކިއްޖެތާއޭ ހިތަށް އެރިއެވެ. ދެން އޮތީ އަމަލު ކުރުމެވެ. ޔާނާގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭން ބެނުމެވެ. ލޯބިވާ އަނބިމީހާގެ ހިތްދަތިކަން އިހުސާސް ކުރެވުނު ހިނދު އީމަންގެ ދުލުން ވޭނީ އާހެއް ނިކުމެގެން ދިޔައެވެ. މައްޗަށް ބޯހިއްލާ ބަލައިލީ ﷲއަށް ދުޢާ ދަންނަވަމުންނެވެ. އެކަލާނގެ ރަހުމަތަށް އެދިއެވެ. އަދި މި އަނދިރިކަމުން ސަލާމަތްކޮށްދެއްވުން އެދިއެވެ.

ވެހެމުން ދިޔަ ވާރެތެރޭގައި ދެމީހުން ތިބިއިރު އިތުރުވާހައެއް ނުދެއްކިނަމަވެސް ދެމީހުންގެ ހިތުތެރޭގައިވެސް ތަފާތު އެތަށް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ޔާނާވެސް އިތުރު ވާހަކައެއް ނުދެއްކީ އިތުރަށް އީމަން ދެރަކުރަން ބޭނުން ނުވުމުންނެވެ. ޖަޒުބާތުގައި ޖެހި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ އެދުން އިސްކޮށް ފިރިމީހާ ކައިރީގައި ޝަކުވާ ކުރެވުނު ކަމަށްޓަކައި ޔާނާ ދެރަވެ ލަދުގަތެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އީމަންގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް ޔާނާވަނީ ހިތުގެ އަޑިން އަޒުމު ކަނޑައަޅާފައެވެ.

ޔާނާއާއި އީމަންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ރީމް ހުރީ ބެލްކަނީގައެވެ. ބޯކޮށް ވެހެމުން ދިޔަވާރޭގައި އެއްވެސް ހަރަކާތެއް ނެތި އީމަންމެންނަށް ބަލަން ހުރި އިރު އެ ދެލޮލުން ފެންނަމުން ދިޔައީ ބަޔާންކޮށްދޭން ދަތި ޝުއޫރުތަކެކެވެ. ހިތްހަމަ ނުޖެހުމާއި ހަސަދަވެރިކަން އެތެރެހަށީގައި އަލިފާންގަނޑެއްގެ ސިފައިގައި އަނދަމުން ދާފަދައެވެ. ބެލްކަނިން ބަލަމުން ދިޔައިރު އީމަންއާ ޔާނާ ހީވަނީ އެކެއްގެ ހިޔަންޏެއް ހެނެވެ.

ކޮޓަރިއަށް ވަދެވުމާއެކީ އީމަން ދޮރު ލައްޕާލިއެވެ. އަދި ބޮލުން ފެން ފޮޅާލަމުން ލައިގެން ހުރި ގަމީސް ބޭލިއެވެ. ޔާނާ އެފަދަ ހިތްދަތިކޮށް ރޮއެތަން ފެނުމުން އީމަންގެ މޫޑުވަނީ ގޯސްވެފައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެނީއެވެ. ޔާނާގެވެސް ހާލަކީ މިއީއެވެ. ފެންވަރާލައިގެން ނިކުމެ އިސްތަށިގަނޑު ހިއްކަން އެނދުމަތީގައި އިންއިރު ވިސްނެމުން ދިޔައީ ހަމަ އެކަމާއެވެ. އަމިއްލަ ހިތާ ސުވާލުކުރަމުން ދިޔައެވެ. އީމަން ކުރިމަތީގައި އެފަދަ ގޮތަކަށް ރުއީ ކީއްވެ ހެއްޔެވެ؟ އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރީ ކީއްވެހެއްޔެވެ؟ ވަފާތެރި އަންބެއްގެ ގޮތުގައި ކެތްތެރިކަމާއެކީ އީމަންއަށް ހިތްވަރެއް ކަމުގައި ވެގެން ހުރުން މާ މުހިންމު ނޫންހެއްޔެވެ؟ އަމިއްލަ އެދުން އިސްކުރީ ކީއްވެ ހެއްޔެވެ؟

ކުޑަދޮރު ކައިރީގައި ފުންހިޔާލުތަކެއްގައި އިން އީމަން ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަދެގެން އައި ޔާނާ ފެނުމުން ހައިރާންކަން ލިބުނަސް ހިތަށް އުފާވެރިކަން ވެރިވެގެން ދިޔަކަން ހަމަ ޔަޤީނެވެ. ލަދުރަކި ހިނިތުން ވުމަކާއެކީ އިސްޖަހާލައިގެން ހުރެ ދޮރު ލެއްޕުމަށްފަހު ތަޅުލިއެވެ. އަދި ބޮލާއި ހަށިގަނޑުގެ ބޮޑުބައެއްގައި އޮޅާލާފައި އޮތް ސާލު ބިންމައްޗަށް ދޫކޮށްލިއެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅު ޓައިޓް ސްކިނީގައި ޔާނާގެ ހަށިގަނޑުގެ ވަނާތަށް ފުރިހަމަކަމާއެކީގައި ފާޅުވާން ހުއްޓެވެ. ދިގުފަން އިސްތަށިގަނޑު އެއްކޮނޑުމައްޗަށް ވައްޓާލެވިފައިވާއިރު ތެތްކަން އެކުލެވިފައިވާ އިސްތަށިތައް އެކިކޮޅުކޮޅަށް ވިހުރެމުން ދިޔައިރު އީމަން އަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރެވުނެވެ. ހާދަހާވާ ފުރިހަމައެވެ. ލަދުރަކި ހިނިތުންވުމުން އީމަންގެ ހިތް ފިދާވަމުން ދަނީއެވެ. މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އެރީތި މޫނުގައި ބީހިލަން ހިތްއެދެމުން ދަނީއެވެ.

އީމަން ޔާނާ ކައިރީގައި ހުއްޓުނެވެ. ޔާނާ އިތުރަށް އިސް އޮބާލިއެވެ. ތެތްކަން ހުރި އިސްތަށިތަށް އެމޫނު މައްޗަށް ފައިބައިގެން ދިޔަ ހިނދު ރީތި ކަމާ ފުރިހަމަ ކަން އިތުރު ކޮށްދިނެވެ. ޔާނާ އީމަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޔާނާގެ މިކުއްލި ހަރަކާތުން އީމަން ކުޑަކޮށް ސިހިގެން ދިޔަނަމަވެސް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އީމަންގެ ދެއަތުން ޔާނާގެ ހަށިގަނޑުގައި ވަށާލީ މެޔާލާ ބޮނޑި ކޮށްލަމުންނެވެ. ޔާނާ އިސް އުފުލާ އީމަން އަށް ބަލައިލިއެވެ.

އެރޭ ދެމީހުންގެ ދެމެދުގައި ހޭދަވެގެން ދިޔަ އުފާވެރި ވަގުތުތަކަކީ ޔާނާއަށްވުރެ ބޮޑަށް އީމަންއަށް އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދިން ވަގުތުކޮޅެއްކަމުގައި ވެގެން ދިޔައެވެ. އީމަންގެ އުފަލަށް ޔާނާ އިސްކަންދިނެވެ. ލޯބިވާވަރު އިހުސާސްކޮށްދެމުން ދިޔައެވެ. ޔާނާގެ ހަޔާތުގައި އީމަންއަކީ ކިހާ މުހިންމު މީހެއްކަން ބުނެދެމުން ދިޔައެވެ. ﷲފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރެވޭނަމަ ލޯބިވާ ފިރިމީހާގެ އަޅެއްގެ ގޮތުގައި އުޅެން ޔާނާ ބޭނުމެވެ. ހިތް ރުއްސައިދީގެން އުޅޭ އީމަންގެ ލޮލުގެ ފިނިކަންކަމުގައި ވާން ބޭނުމެވެ. ޔާނާގެ ލޯބި ފިރުމުންތަކުން އީމަންގެ ހިތް ފުރިގެން ބަންޑުންވަމުން ދިޔައެވެ. ޔާނާގެ ތަބީޢަތް މިރޭ ތަފާތުކަން އީމަންއަށް އިހުސާސްކުރެވުނެވެ. އެކަމާބެހޭގޮތުން ސުވާލުކޮށްލެވުނު ހިނދު ޔާނާގެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހިގެން އައެވެ. އަދި މިރޭ ކުޑަ ވަގުތުކޮޅަކަށްނަމަވެސް އަމިއްލަ އެދުން އިސްކޮށް ޝަކުވާ ކުރެވުނީތީ މަޢާފަށް އެދުނެވެ.

އީމަން ހައިރާންވިއެވެ. ޔާނާގެ ހިތުގައި އީމަންއަށްޓަކައި ދެވިފައިވަނީ ހާދަހާ މަތިވެރި ދަރަޖައެކެވެ. ބޭނުންވާކަންތައް ކުރުވުމަށްޓަކައި ޝަކުވާ ކުރުމާއި ނުރުހުން ދެއްކުމަކީ ކޮންމެ އަންހެންކުއްޖެއްވެސް ފިރިމީހާގެ ކުރިމަތީގައި ކުރާކަމެކެވެ. ނަމަވެސް ފުންމިން ނޭނގޭ ކަނޑަކަށް ގެނބެމުން ދާއިރުވެސް ފިރިމީހާގެ ކައިރީގައި ޝަކުވާކޮށްލެވުނު ކަމަށްޓަކައި ޔާނާ އަމިއްލަ ނަފްސު ހާދަހާ ކުށްވެރިކޮށްފިއެވެ.

އީމަން ޔާނާގެ ހަށިގަނޑު ގެނެސް މެޔާލާ ބޮނޑިކޮށްލީ ހިތުގައި އުފެދުނު ޝުޢޫރުތައް ދުލުން ބަޔާންކޮށްދޭން ދަތިވުމުންނެވެ. އަދި ﷲއަށް ހިތުގެ އަޑިން ހަމްދުކުރީ އެފަދަ މާތް އަންބެތއް އީމަންއަށް މިންވަރު ކުރެއްވި ކަމަށްޓަކައެވެ.

އާއިޒުއަށް ހޭލެވުނީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވުމުންނެވެ. ނިދިބަރުވެފައި ވީނަމަވެސް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތީގައި ކޮފީތަށްޓެއް ހިފައިގެން ޖާހަތު ހުރިތަން ފެނުމުންނެވެ. އީމަން ތެދުވެ އިށީންނިއެވެ. އަދި ދެލޯ އުގުޅާލުމަށްފަހު ޖާހަތުއަށް ބަލައިލަމުން ބުނެލިއެވެ. “އަދި އިރުވެސް ނާރަނީސް، ކޮފީތަށްޓަށް ޒަހަރު އަޅައިގެން އައިސް އަހަރެންނަށް އިރު އޮއްސުވާލަންތަ ތިއުޅެނީ؟”

ޖާހަތު އެއްޗެކޭ ނުބުނެއެވެ. ކޮފީތަށި ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. އަދި އެނބުރި ދަމުން މަޑުމަޑުން ބުނެލިއެވެ. “މި މަންމަ ދިން އެއްޗެއް!”

ޖާހަތުގެ ރާގު ހުރި މަޑުމައިތިރިކަމުން އާއިޒުއަށް ހައިރާންކަން ލިބިގެން ދިޔަނަމަވެސް ފޫހިގޮތަކަށް ނިތް އަރުވާލަމުން ފުން ނޭވާއެއް ދޫކޮށްލީ އަނެއްކާވެސް ޖާހަތު މޮޅު ރޭވުންގަނޑެއް ރާވައިގެން އުޅެނީކަމުގައި ނިންމައެވެ. ރޭ ފަދައިން އާއިޒާށް ކޮންމެވެސް ޖެއްސުމެއް ކޮށް ނުލެވިއްޖެނަމަ ހިތް ފިނި ނުވާނެކަން އެނގޭތީއެވެ.

ފާހާނާއަށްވަދެ ފެންވަރާލައިގެން ނިކުތް އިރު އެނދުމަތީގައި ގަމީހަކާއި އެއާ ގުޅޭޓައީއެއް އަދި ޖިންސެއް އޮތެވެ. ‘މިފަހަރު ކޮންފަދަ އެތިފަހަރެއް ހަދާލަން ހިތުގައި އޮވެގެންބާ މިއުޅެނީ!’ އާއިޒު ހިތު ތެރެއިން ކުދި ކިޔަމުން ގޮސް އަލަމާރި ހުޅުވާލީ ޖާހަތު ނަގާފައި އޮތް ގަމީސް ނުލާންވެގެންނެވެ. ނަމަވެސް އަނެއްފަހަރުވެސް އެނދުމަތީގައި އޮތް ހެދުމަށް ބަލާލެވުނީ އެހެދުމާ ޓައީގެ އިތުރުން ޖިންސް ވެސް ރީތި ވަރަކަށް ގުޅިފައިވާތީއެވެ. ހިތް ބުނެލިއެވެ. ޖާހަތުގެ ހޮވުންވެސް ވަރަށް މޮޅުތާއެވެ. ނަމަވެސް ސިކުނޑި ހިތުގެ މައްޗަށް ބާރު ފޯރުވިއެވެ. އަލަމާރިން ގަމީހަކާއި ޖިންސެއް ނަގައިގެން ލިއެވެ. އަދި ޓައީތައް ހާވަހާވާފައި ގުޅޭހެން ހީވާ އެއްޗެއްނަގައި ކަރަށް މަހާލިއެވެ. ޖާހަތު ހީކޮށްގެން އުޅެނީ ކީކޭ ހެއްޔެވެ؟ މިފަހަރު ޖާހަތުގެ ޕްލޭން ހަމަ ހިލާ ކާމިޔާބު ވިޔަކަ ނުދޭނަމޭ ހިތް ބުނަމުން ދިޔައެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ފޮހެވޭނޭ ބާއޭ… 5

Next

ހިތުގެވެރިޔާ 4

Next
November 22, 2015

ހިތުގެވެރިޔާ 4

Previews
November 22, 2015

ފޮހެވޭނޭ ބާއޭ… 5

15 Comments!

  1. aaldo says:
    November 22, 2015 at 12:28 pm

    Alhe haadha lahey up vaaleh… Ekamvx v nice mi vaahaka

  2. nimm says:
    November 22, 2015 at 12:58 pm

    Haadha lahey up vaaleh

  3. sim says:
    November 22, 2015 at 1:03 pm

    V reethi. Ekam kury genesdhyfa inleh. Nxt part avahah up kohdheythi.plx

  4. neesh says:
    November 22, 2015 at 1:45 pm

    mivaahaka hafthaa 3 dhuvahu genes dheyn v eh nun plzzzzzzzzzz

  5. Kamana says:
    November 22, 2015 at 2:31 pm

    Dhenves 3 MA’s fahun

  6. Faxoo says:
    November 22, 2015 at 3:10 pm

    varah reethi 🙂

  7. Shin says:
    November 22, 2015 at 3:26 pm

    Avahah up kohdehche plzzzzzzzzzzzz v reethi mi vaahaka

  8. Piss piss says:
    November 22, 2015 at 3:35 pm

    Mee dho dhn Hama boduvaru kurin genesdhin part handhaan netheyhaa dhuvaskohfa thi aneh part genesdheny. Thivarun vaahaka nuliyunas rangalhu vaane. Kiyun therin ehaa kiyaahithun ulheythy foni bodu vany dho

  9. sparkle says:
    November 22, 2015 at 6:12 pm

    V reethi

  10. Shabee says:
    November 22, 2015 at 7:59 pm

    Moya meehun thakaa. Mee kurin writer up koh nimica oiy vahaaka eh. Bodaa NUHAAKAA kiyanvejjehnu ebain

    1. Naani says:
      November 23, 2015 at 9:49 am

      Kon sitegga??

  11. Naani says:
    November 23, 2015 at 9:48 am

    Bunedhyfaanantha kon siteggakan mivaahaka kurin upkoffa inyy???

  12. xxx says:
    November 23, 2015 at 9:55 am

    Naani hama mi sitega ebain evaahaka

  13. xxx says:
    November 23, 2015 at 10:05 am

    Ekam me ah ves vaahaka mimendhen nufenunu can any one tell me where i can read it

  14. SHAU says:
    November 28, 2015 at 4:24 am

    Alhe plxxx nika mi story avahah up kodhy ba….??

Comments are closed.


All Right Reserved!