ލޯބިން ބުނެލަން…… (1)
އަބަދުވެސް އޭނާގެ ހިތަށް އަރާ ސުވާލެއް އޮވެއެވެ. ރަށުގެ ހަމަހިމޭން މާހައުލާ ދުރަށް، މިފަދަ ކާރޫބާރު ބޮޑު ތަނަކަށް މީހުން އަންނަނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އެއީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު މިފަދަ ދުނިޔެއަކަށް ނަޒަރު ހިންގާލާ ހިނދު އޭނާއަށް އެތައް ކަމެއް އެބަ އިހުސާސް ވެއެވެ. އާނ އެކެވެ. އަޑުތައް ގަދައެވެ. ތޮއްޖެހުން ބޮޑެވެ. ނަމަވެސް، ވަޞީލަތްތަކާއި ފުރުޞަތުތައް އެހާމެ ފުޅައެވެ. އޭނާފަދަ ކުޑަ ކުޑަ ރަށެއްގައި އުޅެފައި އަންނަ މީހަކާއި މާލެފަދަ ބޮޑު ތަނެއްގައި ދިރިއުޅޭ މީހެއްގެ މާހައުލުގައި ހުރި ތަފާތަކީ އެއީއެވެ.
ޝާވިންއަށް އޭނާގެ ހިޔާލުތަކުގެ ދުނިޔެއިން ނިކުމެވުނީ، ކާރަކުން ބާރަކަށް އެޅި ބަރުގޮނުގެ އަޑަށެވެ. އަމިއްލަ ހިޔާލުތަކަށް މަޑެއްޖައްސާލުމަށް، ދެފަޅިއަށް ބޯ ހޫރާލުމަށްފަހު އޭނާ މަގުހުރަސް ކުރަން ކުރިއަށް ހިނގައިގަތެވެ. އޭނާ މަސައްކަތްކުރަން ޖެހޭނެ ގޭ ހުރީ މިމަގުގައި ކަން ޔަޤީންކޮށްލުމަށް ފޯނުން ގޫގްލް މެޕަށް ނަޒަރު ހިންގާލިއެވެ. ހިނގަމުން ދަނިކޮށް ފެނުނު އިމާރާތަކީ، ފޯނުގައި އެވާ ފޮޓޯއާއި ދިމާވާ ގެކަން އޭނާއަށް ނަގައިގަނެވުނެވެ. އެއީ ވަރަށް ވެސް ރީތިކޮށް ހަދާފައި ހުރި ގެއެކެވެ. މާލެއިން އާންމުކޮން ފެންނަން ހުންނަ ކުލަ ފިލާ ހަފުސް ވެފައި ހުންނަ ގޭތަކާއި ތަފާތެވެ. އެހާ އުސްނޫނަސް ހަތަރު ވަރަކަށް ބުރިއަށް ނަގާފައި ހުރި ގެއެކެވެ. ގޭގެ ބަގީޗާގައި ހުރި މާގަސްތަކަށް ފެން ދޭން އޮތް މީހާއަށް ގޮވާލަމުން، ގޭގެ ވެރި މީހާ ކޮބާތޯ ޝާވިން ސުވާލުކޮށްލިއެވެ. ” އަހަރެން މިއައީ މަސައްކަތް ކުރަން. ބޮޑީ ގާރޑެއްގެ ގޮތުގަ. ” އެމީހާ އޭނާއަށް ގޭތެރެއާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ. އެތާނގައި ފޯނެއްގައި ހުރި ފިރިހެން މީހާއަށް އޭނާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. އާދައިގެ ގަމީހަކާއި ފަޓުލޫނެއްގައި ހުރި އެމީހާވެސް އޭނާއާއި ދިމާލަށް ބަލާލުމަށްފަހު، ފޯނު ބާއްވާފައި ޝާވިންއާއި ދިމާއަށް ހިނގައިގަތެވެ. ” ޝާވިން ރައިޓް؟” އޭނާ އަހާލިއެވެ. ” ލައްބަ” ބޯޖަހާލަމުން ޝާވިން އޭނާގެ ސުވާލަށް ޖަވާބުދިނެވެ. ” އަހަންނަކީ އަފީފު.” ސަލާމު ކޮށްލަމުން އަފީފު ވާހަކަދައްކަން ފެށިއެވެ. އަދި އޭނާއާއެކު އައުމަށް އިޝާރާތް ކުރަމުން ކުރިއަށް ހިނގައިގަތެވެ.
“އަހަރެންގެ މަންމައަކީ ބައެއް ފަހަރަށް ވަރަށް ބޮޑާ ހާކާ މީހެއް. މިހާރުވެސް ތިބޭނެ ކައިރީގަ ނަރުހަކާއި ބަލައިދޭނެ މީހެއް އެކަމަކު، މަންމަގެ ޒާތްކޮޅު ބޮޑުކަމުން އެއިން މީހަކަށް ވެސް ހިފަހައްޓައެއް ނުލެވޭ. ވަރަށް ގޮތް ދޫނުކުރާނެ. ބަލަން ވީ މަންމަ އުޅޭ ގޮތަށް. މަންމަ ތަންތަނަށް ދާއިރު ޝާވިން ވާނެ އެކީގަ ދާން. މަންމަގެ ބޭހާ. މަންމަ ބަލަން ތިބޭ މީހުންނަށް ގާތުގައި ނުހުރެވޭ ދަނޑިވަޅެއް އަތުވެދާނެތީ، ކެއުމާ މިފަދަ މަޢުލޫމާތުތަށް މަންމަގެ ކެއަރޓޭކަރްސް ޝާވިންއަށް ފޯރުކޮށްދޭނެ. ލިބޭ މުސާރައާއި ގޭތެރެއިން ހުރުމާއި ކެއުމުގެ ކަންކަން ހަމަޖެހޭނެ ވާހަކަ ހުސެއިން ބުނެފަ ދޯ އޮތީ؟”
އާނއެކޭ ބުނުމުގެ ގޮތުން ޝާވިން އަނެއްކާވެސް ބޯޖަހާލިއެވެ. މިވަރު ކަމަކަށް، މަހަކު 8000 ހުން، އޭނާ އެންމެ މީހަކަށް މާރަނގަޅަށް ވެސް ފުދޭނެއެވެ. އޭނާގެ މަޤުޞަދަކީ ހަމައެކަނީ ފައިސާއެއް ނޫނިއްޔާއެވެ. ނޫނީ އާމްދަނީއެއް ހޯދުމެއްވެސް ނޫނެވެ. ހުސައިން ގާތު ބުނެގެން މާލެއިން، ޙާއްޞަކޮން މިގެއިން، އޭނާ ވަޒީފާއެއް ހޯދީ ސަބަބުތަކެއް އޮވެގެންނެވެ.
” މީ މަންމަ ބަލަން ތިގެނައި ކުއްޖާއަކީ. ހިކި ދަނޑިއެއްހެން ހުރި ސޮރެއް ގެނައަސް މަންމައެއް ނުބެލޭނެ.” ދަނޑިގަނޑެއްގެ އެހީގައި ހިނގާފައި އައި މުސްކުޅި އަންހެނަކު އަފީފާ ދިމާލަށް ބުނެލިއެވެ. ” މަންމައެއް ނުބެލޭނެ، ފުރޭތައެއް ގެނަޔަސް.” އަފީފު އެއަންހެން މީހާއަށް ޖެއްސުމަށް ބުނެލިއެވެ. ” މާމަ އެހެން ބުންޏަކަސް އެއްޗެއް ހީ ނުކުރާތި އިނގޭ، ދަރިފުޅާ. މާމަ މަޖަލަކަށް މިބުނީ” އެއަންހެން މީހާ ޝާވިންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. ޝާވިން އޭނާގެ ބަސްތަކަށް ބޯޖަހާލަމުން ހީލިއެވެ.
” ފަރުޒާނާ! ކޮބާ އަހަރުން ގޯތި ރެހެންދި؟” އެތާހުރި މެދު އުމުރަށްދާ އަންހެނަކަށް މުޙާޠަބުކުރަމުން އެއަންހެން މީހާ އަހާލިއެވެ. ” ކޮއްކޮ ވީ ބޭރަށް ގޮސް ދައްތާ! މިހާރު އަންނާނެ. ބުނި ދައްތައާއި އެކީ ބޭރަށް ދާން ކުރިން ގެއަށް އަންނާނަމޭ.” އެއަންހެން މީހާގެ ޖަވާބު އަޑުއަހާފައި މާމަ ބޯހޫރުވާލިއެވެ. ” ތި އާދެވޭނެބާ؟ އަޅާނުލާ .. ހޫނ ކޮންނަމެއް ދަރިފުޅަށް ކިޔަނީ؟” ޝާވިން ގާތުގައި މާމަ އަހާލިއެވެ. ” ޝާވިން” އޭނާ ލަސްނުކޮށް ޖަވާބު ދިނެވެ. ” ހޫމް.. ޝާވިނު މާމަ މިއުޅެނީ މާމަގެ ރައްޓެއްސެއްގެ ގެއަށް ދާން އިނގޭ.. ކަލޭވެސް ވާނެ އަންނަން. މިއަދި އެއުޅޭ އާލިޔާ ނައިސްގެން މިއުޅެނީ. އޭނާ ވެސް ދާނެ އަހަރުމެންނާ އެކީ. މާމަ އަނެއްކާ ކަލޭ ކިޔާފަ ގޮވީމަ ރުޅިނާންނާތި އިނގޭ! މާމަ ނުދައްކަން އެކަކާވެސް ލޯބިންނެއް ވާހަކައެއް” މާމަގެ ވާހަކަތަކުން އަނެއްކާވެސް ޝާވިން ގާތަށް ހިނިއައެވެ. މާލޭގައި އުޅުނަސް، ހިތް ރަށްފުށުގައި އޮންނަ މީހުންނަކީ މީއޭ އޭނާގެ ހިތަށް އެރިއެވެ. ރަށްރަށުގައި ދިރިއުޅޭ “ކަންމަތި އާންޓީން” ނަކަށް ވެސް މާމަ ދުލެއް ނުކުރެއެވެ.
“ސޮރީ! ސޮރީ ވަރަށް ބޮޑަށް..” މާނޭވާލަމުން ދުވެފައި ގެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އޭނަގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ބާރު ފިޔަވަޅެއްގައި، ހިނގާފައި އައިސް އެއަންހެން ކުއްޖާ މާމަގެ ގާތުގައި އިށީނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާގެ ސަމާލުކަން އެއަންހެން ކުއްޖާގެ މައްޗަށް ހުއްޓިގެން ދިޔައެވެ. މަޑު މުށި ކުލައެއްގެ އަބާޔާއެއް ލައިގެން ހުރިއިރު ހަމައެކުލައިގެ ޝޯލްއެއް އަޅާފައިވެއެވެ. އެހާ ދޮން ކުއްޖެއްނޫނެވެ. ނަމވެސް، އެހާ ބޮޑަށް ފާހަގަ ނުކުރެވުނަސް އެއަންހެން ކުއްޖާގެ ކޯތާފަތުގައި މަޑުރަތްކަމެއް ހުއްޓެވެ. އެހާ ބާރަށް ދުވެފައި އައީމައި ކަމަށްވެސް ވެދާނެއެވެ. ގަދަ މުށިކުލައިގެ ދެލޯވެސް އެހާމެ ރީއްޗެވެ. އެސްފިޔަތައް ފުދޭވަރަކަށް ދިގު، ބޮޑު ދެލޮލެވެ. ވާހަކަތަކުގައި އުޅޭ ފަތްމިންޏެއްގެ ސިފަތަށް ނެތަސް، މިއީ ހާދަ ރީތި ކުއްޖެކޭ، އޭނާގެ ހިތަށް އެރިއެވެ. ރީތިވުމާއި ދޮންވުމާއި އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށްދެނީ މިފަދަ އަންހެން ކުދިންނޭ އޭނާއަށް ހިތާހިތުން ބުނެލެވުނެވެ.
” އަވަސްކުރޭ ދެންވެސް. މާމަ ސައީދާއްތަ ގާތު ބުނިން، ޔަޤީނަށްވެސް މި އައިމިނަ މިއަދު އެގެއަށް ދާނަމޭ! ނުދެވިއްޖެޔާ އަނެއްކާ ހަމަ ކާލާނެ.” މާމަގެ ބަސްތަކަށް އާލިޔާ ހީލިއެވެ. ” އޯކޭ! ލެޓްސް ގޯ!” ސޯފާއިން ތެދުވެލަމުން މާމަގެ އަތުގައި ހިފައިގެން އޭނާ ބޭރު ދޮރާއްޓާ ދިމާއަށް މިސްރާބުޖެހިއެވެ. ” ޝާވީނޫ.. އާދެ ދާން މާމަ ބުނީމެންނު ކަލޭވެސް ޖެހޭނެއޭ ދާން.” މާމަގެ އަޑަށް ހޭވެރިކަންވި ހިސާބުން، އޭނާއަށް މިހުރެވުނީ އާލިޔާއާއި ދިމާލަށް ކަޅިހުއްޓާ މުލައި ބަަލަންކަން ޝާވިންއަށް އިހުސާސްކުރެވުނެވެ. އެވަގުތު އާލިޔާވެސް ޝާވިންއާ ދިމާލަށް ބަލާލެވުނެވެ. މަދު ވަގުތުކޮޅަކަށް ދެމީހުންގެ ކަޅި ހަމަވެގެން ދިޔައެވެ. ނަމަވެސް، ޝާވިން އަވަސްއަވަހަށް އެހެން ދިމާލަކަށް ބާލަލުމަށްފަހު، އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story story eh
V kiyaala hithun kiyani
You’re my fav author
thank you. as someone whose writing her first story on esfiya or even the first part, to be called ur favourite means a lot..<3
Ma sha Allah v reethi 😍
Waiting for the second part…
In Sha Allah.. Next part avahah upload kohla dheynan 🙂
In Sha Allah.. Next part avahah upload kohla dheynan 🙂 Thank you love <3
mi prt vvv reethi
keep it up
this story is really interestin
story v nice vaane kamah heekuran
n nxt prt v avahah kiyaalan libeyne kamah ummeedhu kuran
In Sha Allah.. soon .. thank you <3
Ma sha Allah v reethi 🤍
Waiting for the second part