” ސާރާ އަރީން ގޮވައިގެން ދޭ ގެޔަށް. ކުޑަ އިރުކޮޅަކުން ބިލްތައް ދައްކާލާފައި އަހަރެން އެބަ ދަން… ” އަހަރެން ސާރާގެ ކޮނޑުގައި ހިފާލަމުން ބުނެލީމެވެ. އޭނަ އިތުރު ސުވާލެއް ނުކޮށް އަރީންގެ ގާތަށް ގޮސް ގެޔަށް ދާން ހިނގާށެ ބުރެ އޭނަ އުރާލިއެވެ. އެހެން ކުދިންނަށްވުރެ ކުޑަކޮށް އަރީން ހުންނާތީވެ ސާރާއަށް އޭނަ އަދިވެސް އުރަން ފަސޭހައެވެ.
އަހަރެން އެދެމައިން ދިޔަ ތަން ބަލަން ހުރުމަށްފަހު ކައުންޓަރ ދޮށާއި ދިމާއަށް ހިނގައިގަތް ވަގުތު އަވަސް ފަރުވާދޭ ބައިން ނެރުނު މީހަކު ލޮލުގައި އަޅައިގަތެވެ. ވަގުތުން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަރުހުންގެ އެހީގައި ސުޓުރެޗާރ އެއްގައި އެނެރުނީ އަހަރެންގެ ކުރީގެ އަންހެނުން އާތިކާއެވެ. އަމާނީ ހެން އެހާ މެޝިންތައް ގުޅާފައި ނެތަސް އޭނަ އޮތީ ދެލޯ މަރައިގެންނެވެ. ނޭވާލާހެން ހީވެއެވެ. އެކަމަކު ޔަޤީނެއް ނޫނެވެ.
” ޑޮކްޓަރ ކިހިނެތްތޯ އާތިކާއަށް؟ ” އަހަރެން އަވަސް އަވަހަށް ގޮސް އާތިކާގެ ކުރިން ނިކުތް ޑޮކްޓަރ ހުއްޓުވާ އޭނަ ކުރެ ވީގޮތް އެހީމެވެ. އާތިކާއަށް ވީގޮތް އެހުމަށް އަހަރެންވަނީ ނުހަނު ކެތް މަދުވެފައެވެ. ހިތް ވެސް ހަށިގަނޑުން ނިކުންނަން އުޅޭ ވަރަށް ބާރަށް ވިންދު ޖަހަމުން ދިޔަ ކަން އިހުސާސްވީ ޑޮކްޓަރ ކައިރީގައި މަޑުކޮއްލި ފަހުންނެވެ.
” ބަލިމީހާގެ ބެލެނިވެރިޔެއްތޯ؟ ” ޖަވާބު ދިނުމުގެ ބަދަލުގައި ޑޮކްޓަރ ކޮއްލީ ސުވާލެކެވެ. އަހަރެން ވަގުތުން އާނއެކޭ ބުނުމުން އޭނަ ނެގީ އަތުގައި އޮތް ގަނޑުތަކުން ގަނޑެކެވެ.
” ޕޭޝެންޓްގެ ފައިވަނީ ކަށިމައްޗާއި ދިމާއިން ބިނދިފައި. އެހާ ބޮޑަކަށް ނޫން. އެކަމަކު ވެސް ޕުލާސްޓަރ އަޅާވަރުވެފައި. ޕޭޝެންޓްގެ ގާތުގައި އެހުމުން ވެސް ބުނީ ބެލެނިވެރިޔެއް ނުހުންނާނެ ކަމަށް. އެހެންވެ ޕޭޝެންޓްގެ އިޒުނަޔާއި އެކު ފޯމުގައި ސޮއިކޮށް ޕުލާސްޓަރު އަޅާފައި އެވަނީ. މިވަގުތަށް ބާރުގަދަ ޕެއިންކިލަރއެއް ދީފައިވާނީ… ދެން މިވަގުތު އައިވީ ހުސްވަންދެން އަރާމު ކުރަން ދީފައި ގެޔަށް ފޮނުވާލާނެ. ބިނދިފައިވާ ތަންކޮޅު ރަނގަޅުވާން މަހެއްވަރުވާނެ.. ޕުލާސްޓަރު ނެގުމަށްފަހު ވެސް ފިސިއޯ ތެރަފީ ނަންގަވަން ޖެހޭނެ. އަިދ ވީހާވެސް ބޮޑަށް ބަލައިގެން އުޅެން ޖެހޭނީ އެއްކޮށް ރަނގަޅުވާން ދެން. މިދުވަސްކޮޅު އެހީތެރިޔެއްގެ ބޭނުން ވަރަށް ބޭނުންވާނެ… ބެލެނިވެރިޔާ މިތަނުގައި ސޮއިކޮއްލުމަށްފަހު ފީދައްކަވާލަން ދުރުވެ ލައްވާ… ޕޭޝެންޓްގެ ގާތަށް ދިޔަސް އެންމެ ރަނގަޅު.. ” ޑޮކްޓަރ ދިން ޖަވާބުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އަހަރެންނަށް އަދިވެސް އާތިކާއަށް އަޅާލެވެއެވެ. ސާރާގެ ކުރިމަތީގައި އާތިކާގެ ވާހަކަ ނުދެއްކި ނަމަވެސް އަހަރެން ސާރާ ބޭނުންވާ ވަރެކޭ އެއްފަދައިން އާތިކާ ވެސް ބޭނުންވެއެވެ. ކުރިން ދުވަހު ސާރާގެ ގާތުގައި ސާރާ އެކަނި ފުދެއޭ ބުނި ނަމަވެސް އަހަރެންގެ ހިތް ބުނަނީ އެހެނެއް ނޫނެއެވެ. ކުރިޔެކޭ ވެސް އެއްގޮތަށް އަހަރެން ދެމިހުންނާއި ވެސް ގާތުގައި ވާން އަހަރެން ބޭނުމެވެ.
—
އަހަރެން އަމާނީގެ ބިލްތަކާއިއެކު އާތިކާގެ ބިލްތައް ދައްކާ ނިންމުމަށްފަހު އަހަރެން ދިޔައީ އައިސީޔޫއާއި ދިމާއަށެވެ. އައިސީޔޫގެ ބޭރުގައިވާ އޮޓަމެޓިކް ދޮރުގެ ކުޑަ ބިއްލޫރިކޮޅުން އަމާނީއާއި ދިމާއަށް ބަލާލީމެވެ. އެތަކެއް ހޮޅިތަކެއް ލޯބިވާ ދަރިފުޅުގެ ގައިގައި ގުޅާފައިވާތަން ފެނުމުން އަަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ދެލޯ ފެންކަޅިވެފައި ހާލު އަމާނީއާއި ދިމާއަށް އަހަރެންނަށް ބަލަން ހުރެވުނީއެވެ. ނަމަވެސް އަހަރެން އެހެން އަމާނީއާއި ދިމާއަށް ބަލަން ހުރުމުން ނަރުސް ކުއްޖަކު އައިސް އަހަރެން އެތެރެއަށް ވައްދަދީފިއެވެ.
” ބައްޕިގެ މާނީ.. ދަރިފުޅާ ހިތްވަރު ކުރައްޗޭ.. އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ… މަންމި ވެސް އަންނާނެ ވަރަށް އަވަހަށް ދަރިފުޅު ކައިރިއަށް. މަންމި ވެއްޖެ ދޮންބެ ގޮވައިގެން ގެޔަށް ގޮސް… ” އަމާނީގެ އަތުގައި ހިފާލައިގެން އޭނަގެ މޫނަށް ބަލަން އިނދެ އޭނަގެ ގާތުގައި އަހަރެން ބުނީމެވެ. އަހަރެންގެ އަޑަށް އޭނަގެ ލޯބި އަޑުން އިޖާބަ ނުދިނަސް އޭނައަށް އަޑު އިވޭނެކަން އެނގުމުން އަހަރެންނަށް ހިނިތުންވެވުނެވެ.
—
އަމާނީގެ ގާތުން ނުކުތުމަށްފަހު އަހަރެން ދެން ދިޔައީ އާތިކާ އޮތް ވޯރޑްއަށެވެ. ބެޑް ނަވާވީސް ބަލާލި އިރު އެއީ އެންމެ އެތެރޭގައި އިން ބެޑެވެ. އަހަރެން އެތަނުން ލައިފައި ދިޔައިރު އެތައް ބަޔެއްގެ ނަޒަރު އަހަރެންނަށް ހުއްޓެމުން ދިޔައެވެ. އެހެނަސް އެކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން ގޮސް އާތިކާ އޮތް ބެޑްއާއި އަރާ ހަމަވެފައި ފޮތިގަނޑު އެއްފަރާތްކޮށް ގޮސް އޭނަގެ މަގަތުގައި ހުރި ގޮނޑީގައި އިށީނީމެވެ. އޭރު އޭނަ އޮތީ އަނެއް ފަރާތަށް އެނބުރިގެންނެވެ.
” އާތިކާ… ” އަހަރެން ގޮވާލުމުން ވެސް އޭނަ އޮތީ ހިމޭނުންނެވެ.
” އަހަރެން ބޭނުން އާތިކާއާ ވާހަކަދައްކާލަން… ” އަހަރެން މަޑުމަޑުން ބުނީމެވެ. އެހެނަސް ދެން ވެސް އޭނަ އަހަރެންނާއި ދިމާއަކަށް ނުއެނބުރުނެވެ.
” އާތިކާ. އައި އޭމް ސޮރީ… އެކަމަކު އާތި… އަހަރެން އަދިވެސް… އަހަރެން އަދިވެސް އާތިކާދެކެ ލޯބިވޭ… ” އަހަރެންނަށް ރޮވޭކަން އެނގުނީ ވެސް ދެލޮލުން ވެއްޓުނު ކަރުނަ ތިކި ޖިންސު މައްޗަށް ޖެހުމުންނެވެ.
” ދެން ސާރާއޯ؟ ސަލީމް ކިހިނެތް ދެމިހުން ގެންގުޅޭނީ؟ ” އަހަރެން ހީކުރި ގޮތާއި ހިލާފަށް އާތިކާ އަހަރެންނާއި ދިމާއަށް އެނބުރިއްޖެއެވެ. އޭނަގެ އެދެލޮލުން އޭރު ކަރުނަ އޮހޮރެނީއެވެ.
” އަހަރެން ސާރާ ވެސް ބޭނުން. އެއާ އެއްވަރަށް އާތިކާ ވެސް އަހަރެން ބޭނުން… ކީއްވެތަ އާތިކާ އަހަރެންނާއި އެކު އުޅެން ބޭނުންނުވަނީ؟ އަހަރެން ތައުބާ ވިތާ ވެސް ކިހާ ދުވަހެއް. އަހަރެން މިހާރު ކުރިން ހެނެއް ނޫޅެމޭ. އަހަރެން ﷲ އިރާދަކުރެއްވިއްޔާ އާތިކާއަށް އެއްވެސް ކަމެއް އުނިވިޔަކަ ވެސް ނުދޭނަމޭ.. ދެމިހުންގެ މެދުގައި ހަމަހަމަވާނަމޭ… ޕުލީޒް އާތި އަހަރެންނަށް އަދި އެއްޗާންސް ދީބަލަ… ” އަހަރެން އޭނަގެ އަތުގައި ހިފާލަން ބޭނުން ވިޔަސް އެއީ ހިލޭ އަންހެކެވެ. ކުރީގައި އެހާ ގާތް ވިޔަސް މިހާރު އަހަރެމެން ގުޅޭނެ ކައިވެނީގެ ގުޅުމެއް ނެތެވެ.
” އަހަރެންނަކަށް ހިޔެއް ނުވޭ ސާރާ ތިކަމާއި ޤަބޫލުވާނެހެނެއް. ސަލީމްއަށް ދެން ރަނގަޅުވާނީ އަހަރެން މަތިން ހަނދާން ނައްތާލިއްޔާ… ” އާތިކާ މޫނުމަތީގައި އަތް އަޅާލިއެވެ.
” ނޫން އާތ…. ” އަހަރެން ބުނަން އުޅުނު އެއްޗެއް އޭނަ އަތުގެ އިޝާރާތުން ހުއްޓުވުމުން އަހަރެންނަކަށް ދެން އިތުރު އެއްޗެއް ނުބުނެވުނެވެ. އިން ތަނުން ތެދުވެގެން ހިނގައިގަނެވުނު އިރު ހަމަ ރަނގަޅަށް ވެސް އަހަރެންނަށް ރޮވެނީއެވެ. އެހެނަސް އަނބުރާ ގެޔަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނަ ގެޔަށް ދޫކޮއްލުމުން އޭނަ ގެޔަށް ލައިދީފައި ނޫނީ އަހަރެން ގެޔަކަށް ނުދާނަމެވެ. އާތިކާއަށް އެހީތެރިވާނެ އިތުރު މީހަކު ނެތެވެ. އޭނަގެ ހުރިއްޔާ ވެސް މިވަގުތަށް އެހީތެރިވާން ހުރީ އަހަރެންނެވެ.
—
ރޭގަނޑު ދިހައެއް ޖަހަނިކޮށް އާތިކާ ގެޔަށް ދޫކޮއްލުމުން އަހަރެން އޭނަ ނުރުހުނު ކަމުގައި ވިޔަސް ގެޔަށް އަނބުރާ އައީ އޭނަ އޭނަގެ ގެޔަށް ލައިދީފައެވެ. އަދި އޭނައަށް ކެއުމެއް އޯޑަރު ކޮއްގެން ގެނެސްދީ ބޭނުންވާނެ އެންމެހާ ކަންކަން ފުރިހަމަކޮއް ދިނުމަށް ފަހުގައެވެ. އަހަރެން އޭނައަށް ފަހުން ކަންތައް ކޮއްދޭން ފެށުމުން އެކަމާއި އޭނަ އިތުރު އެއްޗެކޭ ނުބުނެއެވެ.
ގޭގެ ދޮރުން ވަންނަމުން އަހަރެންނަށް ބަލާލެވުނީ ފޯނަށެވެ. އެތައް އިރެއް ވާންދެން ފޯނަށް ނުބަލާ ހުރެފައި ބަލާލި އިރު އެތައް ބަޔަކު ގުޅާފައި ހުއްޓެވެ. ޕާޓީއަށް ދައުވަތު ދިން އެންމެން ކަހަލަ ގޮތަކަށް ގުޅާފައި ހުރި އިރު އެންމެ ގިނަ ކޯލްތައްވަނީ ސާރާގެ ފަރާތުންނެވެ. ބިލްތައް ދެއްކުމަށްފަހު އަނބުރާ ގެޔަށް ދާން ބުނި ފަހުން މިހާރަށް ހަގަޑި އިރު ވަނީއެވެ.
އަހަރެން ގޮސް މާސްޓަރ ރޫމްގެ ދޮރު ހުޅުވާލި އިރު ސާރާ އިނީ އެނދުގައެވެ. ދެފައި ގަޔާއި ކައިރިކޮއްލައިގެން ނިޔަފަތި ހަފާލަ ހަފާލަ އިން އިރު އޭނަ އެއިނީ ނުހަނު ހާސްވެފައިކަން އެނގެއެވެ.
” ސަލީމް! ކިިހާ އިރެއް އަހަރެން ސަލީމް އާދޭތޯ މިއިންނަނީ؟ މާނީ ރަނގަޅުތަ އަނެއްކާ؟ ” އަހަރެން ފެނުމުން އޭނަ ކުއްލިއަކަށް ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
” މާނީ އަނެއްހެން ރަނގަޅޭ… ސޮރީ މިހާއިރު ވީއިރު ފޯނު ނުނެގުނީމައި. ޕާޓީ ވަގުތު ޖެހުނުތަނާހެން ޕާޓީ ކެންސަލްވީމައި މީހުން ގުޅާތީ ފޯނު ސައިލެންޓަށް ލެވުނު ގޮތަށް އެއޮތީ.. މާނީއަށް ކަމެއް ދިމާވި ވާހަކަ ނޭނގެ ނޫހަށް ނާރާ ކަމެއް ވެސް މިހާރު ” އަހަރެން އޭނަގެ މޫނުގައި ހިފަހައްޓާ ފިރުމާލަމުން އެދެލޮލަށް ބަލާލީމެވެ. ރޮއެ ރޮއެ އެދެލޯ ވަނީ އިންތިހާއަށް ދުޅަވެފައެވެ.
” އަހަރެން ހީކުރީ ސަލީމް ނޫނީ މާނީއަށް ކަމެއް ވީކަމަށް… ” ދެލޯ ފުހެލަމުން ސާރާ ބުނެލިއެވެ.
” ސޮރީ. ރައްޓެއްސަކު ފައި ބިނދިގެން އެހީވެދީފައި މިއައީ… އޭނަގެ އިތުރު އެހީތެރިޔަކު ނެތީމައި. ކޮބާ އަރީން؟ ނިދައިފިތަ؟ އޭނަ ކޭތަ؟ މާދަމާ އަރީން ގޮވައިގެން ތެރަޕީ ނަގަން ދާން އަހަރެންނަށް ފެންނަނީ… އަހަރެންނަށް ހީވީ މާނީ ވެއްޓުނީމައި ޝޮކެއް ލިބުނީހެން.. ” އަހަރެން އޭނަ ގޮވައިގެން ގޮސް އެނދުގައި އިށީނދެލީމެވެ.
” ހޫމް. އަވަހަށް ރަނގަޅު ކުރިއްޔާ ކަންނޭނގެ ރަނގަޅުވާނީ ވެސް. މިހާރު ނިދާފައި… ވަރަށް މަދުން ކެއީ ވެސް. އަހަރެން ބޭނުން މާނީގެ ގާތަށް ގޮސްލަން… އަހަރެން ގެންގޮސްދީބަލަ ސަލީމް ” ސާރާ އާދޭސްކުރާ ރާގަކަށް ބުނެލިއެވެ. އޭރު ވެސް އެދެލޮލުން ކަރުނަ ފައިބަނީއެވެ.
===
އަރީން ފޮތް ލައްޕާލުމަށްފަހު ބަލާލީ މަލަކްއަށެވެ. މަލަކް ވެސް އިނީ އޭނައާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަދި މަލަކް އެނދުން ތެދުވެ އަރީންގެ ބޮލުގައި ކޯތާފަތް ޖައްސާލަމުން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަރީން މަލަކްގެ އަނެއް އަތުގައި ހިފާ ފިރުމާލާފައި ދެހާސް ހަތްވަނަ އަހަރުގެ ފޮތް ހޯދާ ބެލުމަށްފަހު މުހިންމު ކަމެއް ނެތުމުން ދެހާސް އަށްވަނަ އަހަރުގެ ފޮތް ހުޅުވާލިއެވެ.
===
20 ޖެނުއަރީ 2008
” އަމާނީ ދަރިފުޅު. މިއޮތީ ދަރިފުޅު ބޭނުންވި ކަހަލަ ޗޮކުލެޓެއް. އެކަމަކު އަދި ކުޑަ އެތިކޮޅެއް ކާންވާނީ އިނގޭ… ޑޮކްޓަރ ބުނީ މާގިނައިން ސުވީޓް ކަންޏާ އަނެއްކާ ބަލިވެދާނޭ….. ” އަހަރެން ޗޮކުލެޓެއް ދެމުން އަމާނީގެ ގައިގައި ބައްދާލީމެވެ. އޭނަ ކޯމާގައި ދެއަހަރު ދުވަސް ވަންދެން އޮވެފައި ހޭއެރީ ކުރިން ދުވަހުއެވެ.
” ބައްޕި ބުނީ ރަނގަޅަށޭ ދޫނީ… ” ސާރާ ވެސް އަހަރެންގެ ބަހަށް ތާއީދުކުރިއެވެ. އަަހަރެމެންނާއި ދާދި ގާތުގައި އަރީން ވެސް ހިނިތުންވެލައިގެން އަމާނީއާއި ދިމާއަށް ބަލަން ހުއްޓެވެ. އަމާނީ ވެއްޓުނު ދުވަހު ލިބުނު ޝޮކަށް ތެރަޕީ ނަގަން ފެށި ފަހުން ދެއަހަރުވެ މިހާރު އޭނަ މުޅިން ހެން ރަނގަޅުވެއްޖެެއެވެ. އެހާ އަވަހަށް އަރީން ރަނގަޅުވީ ވެސް އަރީން ރަނގަޅުކުރަން ބޭނުންވެފައި ހުރި ވަރުން އާތިކާގެ ގާތަށް އަރީން ގިނައިން ގެންދިއުމުގެ ހުއްދަ ވެސް ސާރާ ދީފައިވުމުންނެވެ. އަރީންގެ މަންމަ ފެނުމުން ބޮޑަށް ހިތްހަމަޖެހޭނެތީއެވެ.
” މިއީ ޕޭޝެންޓުގެ ލިޔުންތައް. މިއަދު ދޫކޮއްލާނެ ޕޭޝެންޓް… މީގައި އިންނާނެ ފިޒިއޯ ތެރަފީ ހަދަން ދީފައި އިން ލިޔުންކޮޅު ވެސް. ހަފްތާއަކު ތިން ދުވަހު އިންނާނީ. ދީފައި އިން ދުވަސް ދުވަހު ޤަވައިދުން ފިޒިއޯ ހެދުން ވަރަށް މުހިންމު. އަދި މީގައި އިންނާނެ މިދިޔަ މަންތްގައި ދިން ޓެސްޓްގެ ނަތީޖާ ވެސް… ” ނަރުސް ކުއްޖަކު އައިސް އަމާނީގެ އެންމެހާ ލިޔުމެއް އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން ގަނޑުތަކާއި ހަވާލުވަމުން ޝުކުރު އަދާކޮށް ގަނޑުތަކުގައި ހުރި އެއްޗެހި ބަލައި ޗެކްކޮއްލީމެވެ.
” ސާރާ…!؟ ” ގަނޑުތަކުން ފެނުނު އެއްޗަކުން އަހަރެންނަށް ބަލާލެވުނީ ސާރާއަށެވެ.
” ކިހިނެތްވީ؟” ސާރާ ހައިރާންވެފައި އަހަރެންނަށް ބަލާލިއެވެ.
” މިއީ ކޯޗެއްހޭ ސާރާ! ” އަހަރެންގެ އަތުގައި އޮތް ގަނޑު ނަގައި އޭނަގެ މޫނުމަތީގައި ހޫރުވާލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Dendho ,mihaaru .mi hothah aranee amaanee aee aslu saleemuge dari eh noonee baabaa?
Kome akas liun theriyage mivaahaka vv lobi, hittalhu vaa laafa konme faharakuves thi ninmaala nee vv inthizaaru kuraane inshaa ALLH
Jazakallah hairan dear ☺️🤍
Let’s see next part dhw
Alhey so sorry knme faharaku hihthalhuvaalafa ninmaaleveythy. Ekm thriller baives ineema ehnu bodhah biruvaaney 😉
Pleaseeeee next part avahah genesdhecheyy ❤️😭
Yes upload kohfa mihaaru ihnaaney 😊
kobaaa thoa nexttt parttt im soo excieted