Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 9

  1. އަޒަލް ގެޔަށް ލައިދިނުމަށްފަހު، މިސްކިތަށް ގޮސް މަޣްރިބް ނަމާދު ކޮށްލައިގެން ޔައިލް ދިޔައީ ސީދާ ގެޔަށެވެ. ސިޓިންރޫމު ސޯފާގައި ޤުރުއާން ކިޔަވަން އިން ޔަލީނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޔައިލް ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަން ގޮތަށް ޔައިލް އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން، އެއް އަތް ނިތްމަތީގައި، އަނެއް އަތް ބަނޑުމަތީގައި ބާއްވާލައިގެން އޮތް އިރު ޔައިލްގެ ޚިޔާލީ ތަސްވީރުގައި ކުަޖެހެމުން ދިޔައީ މިއަދު އަޒަލްއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. ދުވަސްތަކަކަށްފަހު އެ ގޮތަށް އަޒަލްއާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ޔައިލްގެ ހިތަށް ވަނީ ނޭނގޭ ފިނިކަމެއް ލިބިފައެވެ.

ނަމަވެސް، އެހެން ފަހަރު ފަހަރާ މިއަދު އަޒަލްގެ މިޒާޖު ތަފާތުކަން ޔައިލްއަށް އިހުސާސް ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އެހެންޏާ އަނގަފަޅާފައި އުޅޭ ކުއްޖާ މިއަދު ހީވަނީ އަނގަމަތީގައި ޓޭޕު އަޅާފައި އިން ހެންނެވެ. އެހެންޏާ އަބަދު ޔައިލްއަށް އަނިޔާއެއް ކޮށްލަން އުޅޭ އަޒަލް މިއަދު ހީވަނީ ޔައިލްގެ ގައިގައި އިނގިލި ކުރި ޖެހިދާނެތީވެސް ބިރުން އުޅޭ ހެންނެވެ. އަޒަލްއަށް ކޮންމެވެސް ބަދަލެއް އައިކަން ޔައިލްއަށް ޔަގީންވިއެވެ. އަޒަލްގެ މިޒާޖަށް އެ އައި ބަދަލާއި، އެ ކުއްލި ދުރުކަމުގެ ފަހަތުގައިވީ ސިއްރު ހޯދަން ޔައިލް ބޭނުން ވިއެވެ.

*** ** ***

މިއަދު ޔަލީންގެ ކޮލެޖުގެ ދަންފަޅި ނިމުނީ އާރާއާއި ޒައުލްއަށްވުރެ ކުރިންނެވެ. އެހެންކަމުން އޭނާ ގެއަށް ދަނީ ކަމަށް ބުނެ އާރާއަށާއި ޒައުލްއަށް މެސެޖެއް ކޮށްލާފައި ޔަލީން ހިނގައިގަތެވެ. އެހެނަސް އޭނާ ދިޔައީ ގެއަކަށް ނޫނެވެ. މެންދުރު ދޭއް ޖަހަންދެން ސަލްޓަން ޕާކުގައި އެނބުރި އެނބުރިފައި، ޔަލީން މިސްރާބު ބަދަލު ކޮށްލިއެވެ. ސްކޫޕް ހުންނަ މަގަށް އަޅާފައި ޔަލީން ލައިގެން ހުރި އަތްދިގު ނޫކުލައިގެ ނޫކުލައިގެ ސްވެޓަރ ރީތި ކޮށްލިއެވެ. އައްސައިލެވިފައިވީ އިސްތަށިގަނޑުވެސް މިނިވަންކޮށްލަމުން، ތުންފަތް ތެންމައިލިއެވެ. އެއަށްފަހު ޔަލީން ހިނގައިގަތީ ޝަޔާމްގެ ގެއާ ވީ ދިމާއަށެވެ. އެގޭ ދޮރުމަތީގައި ހުރެ ޔަލީން ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައީ ޝަޔާމް ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަވީން ބުނި ގޮތުން ނަމަ ދޭއް ޖަހާ އިރު ޝަޔާމް ޑިޔުޓީއަށް ދާން ނުކުންނާނެއެވެ. އެހެނަސް ދޭއް ޖަހަން ތިން މިނެޓަށް ވީ އިރުވެސް ޝަޔާމްގެ ހިލަމެއް ނުވިއެވެ.

ދެމުން ދިޔަ ދިލަ އަވިގަނޑުގައި ޔަލީން ގުނަމުން ދިޔަ އިންތިޒާރުގެ ވަގުތުތައް ނިމުމަކަށް އައީ އިރުމައްޗަށް އޮތް ގޯޅިން އަންނަމުން ދިޔަ ޝަޔާމް ފެނިފައެވެ. ސައިކަލުގައި އައި ޝަޔާމް އެތާ ކައިރީގައި އޮތް ހުސް ޖާގައެއްގައި ސައިކަލު ޕާކު ކޮށްލުމަށްފަހު، ގެއަށް ވަންނަން އައީ ކޮތަޅެއް ހިފައިގެންނެވެ. ޔަލީން ހައިރާންވީ ދޭއް ޖަހާ އިރު ޑިޔުޓީއަށް ދާން ޖެހޭ ޝަޔާމް އާދައިގެ ހެދުމެއްގައި ގެއަށް ވަންނަން އައުމުންނެވެ. އެހެނަސް، އެކަމާއި ދޭތެރޭގައި ވިސްނުމަށްވުރެ ޔަލީނަށް މުހިއްމުވީ ޝަޔާމްގެ ސަމާލުކަން ހޯދުމެވެ.

“ހެލޯވ ޝަޔާމް..” އޭނާގެ އާދައިގެ ރީތި ހިނިތުންމުން އެ ތުންފަތް ފަޅުވިލުވައިލަމުން، ޔަލީން ޝަޔާމަށް ގޮވައިލިއެވެ. ގެއަށް ވަންނން އައި ޝަޔާމަށް ޔަލީން ފެނިފައި އެ މޫނުމައްޗަށް ވަގުތުން ފޫހިކަން ވެރިވެގަތެވެ.

“ޔަލީން ދެން ތިކަން ހުއްޓައިލަން ވެއްޖެ އެއްނު..” ޝަޔާމްގެ އަޑުން އެކަނިވެސް އޭނާ ފޫހިވެފައިވާ މިންވަރު ދޭހަވާހާ ވެއެވެ.

“ކުރިންވެސް ބުނިން ދޯ އިންސްޓައިން އަހަރެން އަންބްލޮކް ކުރާށޭ.. ފޯނުން ދިމާނުވާތީއޭ އަހަރެން މިހެން އުޅެން ޖެހެނީ.. މިއަދުވެސް އަހަރެން އަންބްލޮކް ކޮށްބަލަ.. އޭރުން ކޮންމެ ދުވަހަކު މިހެން މަގުމަތީގަ ޝަޔާމްއަށް އުނދަގޫ ކުރާކަށް ނާންނާނަން..” ދެބުމަ ގޮށްޖަހައިލަމުން ޔަލީންވެސް ބުނެލީ ދެރަ ނުވާން ވެގެންނެވެ. އެޔާއެކު ޝަޔާމް ފުން ނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯ ހޫރުވައިލީ ޔަލީންގެ ބޯހަރުކަން ފެނިފައެވެ.

“ދޭއް ޖަހާ އިރު ޑިޔުޓީއަށް ދާން ޖެހެ އެއްނު.. ކީއްވެގެންތަ ރެޑީ ނުވެ ތި ހުރީ..؟” ދެން ޔަލީން ކޮށްލި ސުވާލުން ޝަޔާމަށް ދެލޯ ހަނި ކޮށްލެވުނެވެ.

“ކިހިނެއް ޔަލީނަށް އެނގުނީ އަހަރެން ދޭއް ޖަހާ އިރު ޑިޔުޓީއަށް ދާން ޖެހޭކަން..؟” ޔަލީނަށް އެކަން އެނގުނު ގޮތަކާއި މެދު ޝަޔާމްގެ ހިތުގައި ވަގުތުން ސުވާލު އުފެދުނެވެ. އެޔާއެކު ޔަލީނަށް ދުލުގައި ދަތް އަޅައިލެވުނީ ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވުނީކަން އިހުސާސް ވުމުންނެވެ. ނަވީން ވަނީ ޔަލީން ގާތު ޝަޔާމް ކައިރި އޭނާ ދިން އެއްވެސް އެހީއެއްގެ ވާހަކަ ނުބުނުމަށް އަންގާފައެވެ. މިވީ ގޮތުން ދެން އޭނާއަށް ނަވީންގެ އެހީވެސް ގެއްލިދާނެއެވެ.

“ޔަލީން.. ހަމަ މިހާރު ބުނަންވީ.. މިވީ ދެމަސް ތެރޭ އަހަރެން ޑިޔުޓީއަށް ދާން ނުކުންނަ ގަޑިތަކަށް އައިސް މިތާ މުގޯލި އަޅާތަން އަހަންނަށް ފެނެޔޭ.. ކިހިނެއް ޔަލީންއަށް އަހަރެންގެ ޑިޔުޓީތައް އެނގުނީ އޭނ..؟” ޝަޔާމްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ޔަލީނަށް ހަމައެކަނި އިސްޖަހައިލެވުނީއެވެ.

“ޔަލީން!! އަހަރެންގެ ސުވާލަށް ހަމަ މިހާރު ޖަވާބު ދީ!!” ކުއްލިއަކަށް ޝަޔާމް އައިސް ޔަލީންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާފައި، ސީދާ ޔަލީންގެ ދެލޮލަށް ބަލައިލިއެވެ. ޝަޔާމްގެ އަޑުގައި އެކުލެވިގެންދިޔަ ރުޅިވެރިކަމާއި، އެ ދެލޮލުން ފެނުނު ނުރައްކާތެރިކަމުގެ ސަބަބުން ޔަލީނަށް ހިންދިރުވައިލެވުނެވެ. ޝަޔާމް އެހައި ރުޅިއައިސްފައި ހުއްޓާ އޭނާ އެ ދެކުނީ އަދި އަލަށެވެ. އޭނާގެ އަތުގައި ޗަޔާމް ހިފަހައްޓައިގެން ހުރި ހިސާބަށް ވަމުން ދިޔަ ތަދާއި އެކުގައި ޔަލީންގެ ދެލޮލަށް ކަރުނަތަ ޖަމާވިއެވެ.

“ނަ.. ނަވީން ދިނީ… ޝަޔާމްގެ ޑިޔުޓީ ޝެޑިއުލް…” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޔަލީން ބުނެލިއެވެ. ޔަލީންގެ އަނގައިން އެ ބަސްތައް ހަމަ ނުކުތުމާއި އެކު ޝަޔާމްގެ ކަތުރު ކަށިގަނޑަށް ވާންވެގެން ދިޔައެވެ. ޔަލީންގެ އަތުން ދޫކޮށްލުމަށްފަހު އަލިފާނުގެ ނަޒަރަކުން ޔަލީންއާއި ދިމާއަށް ބަލައިލި ގޮތުން ދެންމެ ދެންމެ ޔަލީން ނޮޅައިލަފާނެއޭވެސް ހީވިއެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށް ފަހު، އެއްވެސް އެއްޗެކޭ ނުބުނެ ޝަޔާމް ހިނގައިގަތީ ގެޔަށް ވަންނާށެވެ. ޝަޔާމް ލޯމަތިން ގެއްލެން ދެން ޔަލީނަށް އެދިމާއަށް ބަލަން ހުރެވުނެވެ. ޝަޔާމް ގެއަށް ވަނުމާއެކު ޔަލީންއަށް ދެންމެ ޝަޔާމް ހިފި ހިސާބުގައި ފިރުމައިލެވުނެވެ. ޝަޔާމްގެ އެ ރުޅިވެރި ދެލޮލާއި، އަނިޔާވެރި ވަކިތަކުގެ އިހުސާސް ކުރެވުމުން ހަމަ ޔަގީނުންވެސް ޔަލީންގެ ހިތުގައި ކޫރުމެއް އެޅިއްޖެއެވެ.

*** ** ***

ކޮޓަރިއަށް ވަން ގޮތަށް ޝަޔާމް އޭނާގެ އަތުގައި އޮތް ކޮތަޅު ބިންމައްޗަށް ހޫރައިލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ފޯނު ނަގާފައި، ވަގުތުން ނަވީންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

“ހަލޯ ބްރޯ.. ކިހިނެއްވީ-” ނަވީންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޝަޔާމް ވާހަކަ ދައްކަން ފެށުމާއެކު ނަވީނަށް މަޖުބޫރުވީ ހަނު ހުންނާށެވެ.

“ނަވީން.. އަހަރެން މި ސުވާލު ކުރާނީ އެންމެ ފަހަރަކު.. ތެދަށް ޖަވާބު ދޭތި.. ޔަލީންއަށް އަހަރެންގެ ޑިޔުޓީ ޝެޑިއުލް ފޮނުވިންތަ..؟” ޝަޔާމްގެ ސުވާލާއި އެކު ނަވީނަށް ވަގުތުން ދުލުގައި ދަތް އަޅައިލާފައި، ދެލޯ މަރައިލެވުނެވެ.

“ޝަޔާމް.. އިހަށް ތި ރުޅި މަޑުކޮށްބަލަ.. އެ އަންހެން ކުއްޖާ އިންސްޓައިން އަހަންނަށް މެސެޖު ކޮށްފަ އާދޭސް ކުރާ ވަރުންނޭ އަހަރެން އޭނައަށް އޭތި ދިނީ.. ދެން އެއީ ތިހާ ރުޅި އަންނަން ޖެހޭ ވަރު ކަމެއް ނޫނެއްނު.. އެ މަންޖެ ހާދަ ލޯތްބެކޭ އެ ވަނީ ޝަޔާމް ދެކެ.. އަހަރެން ހިތަށް އަރާ އަހަރެން ދެކެވެސް ހަމަ އެހާ ލޯބިވާނެ މަންޖެއެއް ލިބޭނެ ނަމައޭ..” ނަވީންގެ ވާހަކަ ހުރި ގޮތުން ޝަޔާމްގެ ރުޅި އިހުނަށްވުރެ ގަދަވުން ނޫން ކަމެއް ނުވިއެވެ.

“ނަވީން ހެޔޮ ނުވާނެ.. ބައެއް ފަހަރު ތަންކޮޅެއް ސީރިޔަސް ވެބަލަ ޕްލީޒް.. އަހަންނެއް ނޫޅެމޭ އެ އަންހެން ކުއްޖާގަނޑާ ހަދާ މޮޔަ ވެގެންނެއް.. މިހާރުވެސް މި އުޅެނީ އަހަރެންގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ ވަރުން ބޮލާ ނުކުޅަދާނަ ވެގެން.. ދެން ފޫހިވެސް ވޭ އޭނަ އުޅޭ ގޮތުން.. އަންހެން ކުއްޖަކު އެހައި ލަދުހަޔާތް ކުދަވާން ވާނެތަ އަޅެ..؟ ދެން އަދި ނަވީން ތި ކުރި ކަމަކުން އިތުރަށް މިކަން ގޯހެއްނު މިވީ.. ދެމަހެއްހާ ދުވަސް މި ވަނީއޭ އަހަރެން މިހާލެއްގަ ތެޅޭތާ.. ނަވީނަކަސް ތި ކުރި ކަމަކުން މަ އަސްލުވެސް ވަރަށް ހިތްހަމަ ނުޖެހިއްޖެ..” ޝަޔާމް ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ބުނުމަށްފަހު ނަވީނަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. ފޯނު އެނދުމައްޗަށް އެއްލައިލުމަށްފަހު ޝަޔާމްވެސް އެނދުމަތީގައި އިށީނެވެ. ދެ އުޅަނބޮށި ކަކުލުގައި ވިއްދައިލާފައި އިސްތަށިތަކުގެ ތެރެޔަށް އިނގިލިތައް މަހައިލަމުން، ޝަޔާމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ގޮތުގައި އިނދެ، ޝަޔާމް ފުން ނޭވާތަކެއް ލަމުން ދިޔައީ އައިސްފައިވީ ރުޅި މަޑުވޭތޯއެވެ.

އިރުކޮޅެއް ފަހުން ޝަޔާމް އެނދުމައްޗަށް ވެއްޓިގަތީ އައިސްފައި ހުރި ކުޑަކޮށް ނަމަވެސް މަޑުވުމުންނެވެ. އެގޮތުގައި އޮތް އިރު ދާދި ދެންމެއަކު ވީ ކަންތައްތަކާއި ދޭތެރޭގައި ޝަޔާމަށް ވިސްނެމުން ދިޔައެވެ. މިއަދަކީ ހަގީގަތުގައިވެސް އޭނާ މެންދުރު ޑިޔުޓީ އޮތް ދުވަހެކެވެ. އެހެނަސް ބައްޕަ ބަލިވެ އުޅޭތީ އޭނާ މިއަދު ޗުއްޓީއެއް ނެގީއެވެ. އެކަމާ ދޭތެރޭގައި ވިސްނަން އޮތް ޝަޔާމްގެ ވަރުބަލިފައިވާ އެސްފިޔަތައް މަޑުމަޑުން މެރިގެން ދިޔައީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

*** ** ***

އަސުރު ނަމާދަށް ބަންގި ގޮވީ ޒައުލް ފެންވަރައިގެން ފާޚާނާއިން ނުކުތް ތަނާއެވެ. އެޔާއެކު އަތްމަތި އަވަސްކޮށްލަމުން ޒައުލް ހުދުކުލައިގެ ގަމީހަކާ ނޫކުލައިގެ ޖިންސެއް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ކުޑަ ގޮތަކަށް ރީތިވެލައިގެން ޒައުލް މިސްރާބު ޖެހީ އަވަހަށް މިސްކިތަށް ދިޔުމަށެވެ. ޒައުލް ކޮޓަރިން ނުކުމެ، ތިރިޔަށް ފޭބި އިރު ސޯފާގައި ލައުރާއާއި އެކީ ތިބި ޒާރާ އަދި ޔައިނާ ފެނުމުން އެމީހުންނަށް ހިނިތުންވެލިއެވެ. އަދި ލައުރާ ކައިރި މި ދަނީ މިސްކިތަށް ކަމުގައި ބުނަމުން، ސައިކަލު ތަޅުދަނޑު ހިފައިގެން ޒައުލް ނުކުތީ ބޭރަށެވެ.

“ޒައުލް މިހާރު ވަރަށް ބަދަލުވެއްޖެ ދޯ..؟” ޒައުލް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން ޔައިނާ ލައުރާއާ ކުރެން އެއްސެވެ. އެޔާއެކު ޒާރާވެސް ޔައިނާއާއި އެބަސްވަމުން ބޯ ޖަހައިލިއެވެ.

“އަސްލުވެސް.. ކުރިންވެސް އޭނައަކީ ގޯސް ކުއްޖެކޭ މަށެއް ނުބުނާނަން.. އެކަމަކު ކަމުނުދާ ސިފަތަކެއް ހުރި.. ކުރިޔާ ބަލާފަ މިހާރު ވަރަށް ރަނގަޅު.. ކުރިން ދުވަހު އަޒްވެސް ބުނި މިހާރު ކުރިން ގެންގުޅުނު އަންހެން ކުދިންތައްވެސް ފަހަތުލައިގެން އުޅޭތަނެއް ނުފެނެޔޯ.. ޔައިލްވެސް ކީ ކޮންމެ ނަމާދަކުން މިސްކިތުންވެސް ފެންނަ ވާހަކަ.. އަނެއްކާ އެކަޑަމިކްސް ރިޒަލްޓްސްވެސް އެހައި އިމްޕްރޫވް ވެއްޖެ.. ކުރިން ރޭ އަޒާން ކައިރި ދެއްކި ޑިގްރީ ނިމެންދެން ޕާޓް ޓައިމްކޮށް މިލާންގެ އޮފީހަށް ނޫނީ ހޮސްޕިޓަލްގަ އަފާން އުޅޭ ބަޔަށް ޖޮއިން ކުރަން ބޭނުންވާ ވާހަކަވެސް.. ބުނީ މާސްޓަރސް ކިޔަވާ އިރު މަންމަމެންގެ އަތުން އެއްވެސް ހަރަދެއް ދާކަށް ބޭނުމެއް ނޫނޯ.. އަޅެ އެސޮރު އެހެން ފެންނަ ކޮންމެ ފަހަރަކު އަހަރެން ހާދަ އުފަލެއް ވެޔޭ..” ލައުރާގެ ވާހަކައިން އެކަނިވެސް ހުރި ހަމައެކަނި ދަރިފުޅާ ދޭތެރޭ ފަޚުރުވެރި ވެފައި ވާވަރު ހާމަވެއެވެ.

“އަސްލުވެސް އަހަރެންވެސް ހާދަ އުފާވޭ ޒައުލް އެހައި ހަރުދަނާކޮށް ފެންނަ ކޮންމެ ފަހަރަކު.. އަޅެ މިއޮށް ހުރިހާ ދުވަހު އަހަރުމެން އެންމެން ނަސޭހަތް ދީދީވެސް ބަދަލު ނުވި ސޮރެއް.. ކުއްލިއަކަށް ކިހިނެއްބާ އެވީ..؟ ކާކު އެއްޗެއް ބުނި އެއްޗަކުން އަސަރު ކޮށްގެންބާ އެވަރަށް އެ ބަދަލުވީ..؟” ޒާރާވެސް ޒައުލްއާއި ދޭތެރޭގައި އަމިއްލަ ދަރިއަކާ ދޭތެރޭވެސް ފަޚުރުވެރިވާނޭ ބީދައިން ފަޚުރުވެރިވާކަން ޒާރާގެ ވާހަކަތަކުން ދޭހަވެއެވެ.

“ވެދާނެއެއްނު ޒައުލްގެ ހަޔާތަށްވެސް ރަހުމަތެއް ލެއްވީ ކަމަށް.. ކިހިނެއްތަ އެނގެނީ މަންޖެއެއްގެ ކަމެއް ނޫން ކަމެއްވެސް..؟” ޔައިނާ ބުނެލި ވާހަކައިން އެތަނުގައި ތިބި އެންމެން ގާތަށްވެސް ހިނި އައެވެ. އެގޮތުގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު، އެގޭގައި އަސުރު ނަމާދު ކޮށްލައިގެން ތިން މީހުން އެކީގައި ބޭރަށް ދިޔައީ ބާޒާރު ކޮށްލާށެވެ.

އެކި ފިހާރަތަކަށް ވަންނަމުން، ކަމުދާ ބައެއް ސާމާނު ގަންނަމުން ދިޔަ ތިން މީހުންގެ ވާހަކަ ހިނދުކޮޅަކަށްވެސް ހުސް ނުވެއެވެ. ތިން މީހުން އެކުގައި އެކަނިއެގޮތަށް ބޭރަށް ނުކުމެލެވޭނީ މަދު ފަހަރަކު ކަމަށް ވާތީވެސް ވެދާނެއެވެ.

ގަލޮޅުގައި ހުރި ހެދުން ވިއްކާ ފިހާރައަކަށް ވަދެފައި ތިން މީހުންވެސް ކަމުދާ އެއްޗެއް ފެނޭތޯ ބަލަމުން ދިޔައެވެ. ފިހާރައިގެ އެންމެ ބިއްދޮށުގައި ހުރި އަބާޔާތަކާއި ޝޯލްތަކަށް ނަޒަރު ހިންގަމުން ދިޔަ ތިން މީހުންނަށް ސިހުމެއް ލިބުނީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުންނެވެ. ތިން މީހުން ތިން މީހުންނާއި ދިމާއަށް ބަލައިލާފައި އެ އަޑު އައި ދިމާއަށް ބަލައިލި އިރު ހައެއްކަ އަހަރުގެ އަންހެން ކުއްޖަކު ވެއްޓިފައި އޮތް މަންޒަރު ފެނުމުން އެދިމާއަށް ދެވުނެވެ.

“ކޮއްކޮ ކިހިނެއް ވެއްޓުނީ؟ ތަނަކަށް ތަދުވިތަ؟” އެ އަންހެން ކުއްޖާގެ ކައިރިއަށް ތިރިވެލާފައި، އެ ކުއްޖާއަށް ތެދުވަން އެހީވަމުން ލައުރާ އެހި އިރު އެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ. އޭރުވެސް ހުއްޓުމެއް ނެތި އެ ކުއްޖާގެ ރުއިމުގެ އަޑު އެތަނުގައި ގުގުމައިލާފައި ހުއްޓެވެ.

“އަނހަ ދަރިފުޅާ.. ކިހިނެއްވީ..؟ އާދޭ ބައްޕަ ކައިރިޔަށް..” އިރުކޮޅެއް ނުވެ އެތަނަށް އައިސް ހުއްޓުނު މެދު އުމުރުގެ ފިރިހެން މީހާ އަތް ދިއްކޮށްލުމާއެކު ވަގުތުން އެ ކުއްޖާ އެ ފިރިހެންމީހާގެ އަތުތެރެޔަށް ވަނެވެ. އޭރު ފަހަތުން މެދު އުމުރުގެ އަންހެނަކާއި ތޭރަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކުވެސް އާދެއެވެ.

“އެ މަންޖެ ރޯ އަޑަށް އަހަރެމެންނަށްވެސް މި ބަލައިލެވުނީ.. ފެނުނު އިރު އޮތީ ވެއްޓިފަ.. ތަނަކަށް ގޮތެއް ވެފަ ހުރިތޯ ބަލައިލަން ވާނެ…” އެ ފިރިހެން މީހާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ޔައިނާ ބުނެލިއެވެ. އެޔާއެކު އެ ފިރިހެން މީހާވެސް ހިނިތުންވެލާފައި، އެމީހުނަށް ޝުކުރު އަދާކޮށްލިއެވެ.

“މަޑުކޮށްބަލަ.. ހާދަ ދަންނަ ވައްތަރު ޖަހައޭ.. ތީ ކޮން ގެއެއްގެ ކުއްޖެއްތަ..؟” މެދު އުމުރުގެ އެ ފިރިހެން މީހާގެ މޫނުމަތިން ނޭނގޭ ފަދަ ގާތް ގޮތްގަނޑެއް ފެނުމުން ލައުރާއަށް އަހައިލެވުނެވެ.

“އަޅުގަނޑު ހަނދާނެއް ނުވޭ މީގެ ކުރިން ދައްތަ ދުށް ހަނދާނެއް..” ނޭނގިފައި ހުރި ގޮތަކަށް އެ ފިރިހެން މީހާ ބުނެލިއެވެ. އޭރު އެ މީހާގެ އުރުގައި އިން ކުއްޖާ އެތަނުގައި ހުރި އަންހެން މީހާގެ އަތުތެރެޔަށް ވަނުމަށް ބޮޑާހާކަމުން ދިޔައެވެ.

“ދައްޔާން.. މަންމަމެން އެކަނި ގޭގަ ތިބޭނީ.. ހިނގަ ދަމާ..” ލަސްވެފައި ހުރި ފަދައަކުން އެ އަންހެން މީހާ ބުނެލި ނަން ލައުރާގެ ސިކުނޑީގައި ފުތްޓައްކެއް ޖަހައިލި ފަދައެވެ.

“ދައްޔާން! ރައިޝައްތަގެ ދަރިފުޅު ދޯ ތީ؟ މީ ލައުރާ ދައްތައޭ..” ކުރިމަތީގައި ހުރީ ދައްޔާންކަން އެނގުމުން ލައުރާގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ.

“އޭ އާނ ހަނދާން ވެއްޖެ! މަންމަ ވަރަށް ދައްކާނެ ކުރިން ލައުރައްތަގެ ވާހަކަ.. އެންމެ ފަހުން ދިމާވީ މަގޭ ވެޑިންގަ ދޯ..؟ ކިހިނެއްތަ؟” ދައްޔާންގެ ހިނިތުންވުންވެސް ވަގުތުން ފުޅާވެގެން ދިޔަ އިރު ލައުރާއާއި ސަލާމް ކޮށްލިއެވެ.

“އާނ.. އޭގެ ފަހުން ހަބަރެއްވެސް ނުވޭ ވިއްޔަ ދޯ.. ދައްތަ ހަމަ ބަރާބަރު.. މިހާރު ދެ ކުދިންވެސް ތިބޭތަ؟ ބަލާލަ ދޮށީ ކުއްޖާ ބޮޑުވެފަ ހުރި ވަރު.. ކޮން ނަމެއްތަ ކިޔަނީ؟ މިހާރު ކޮން ގްރޭޑެއްގަތަ ތި އުޅެނީ؟” ދައްޔާންގެ އަންހެނުން ނިއުޝާއާއި ސަލާމް ކޮށްލަމުން ލައުރާ އަހައިލީ އެތަނުގައި ހުރި ތޭރަ އަހަރުގެ ފިރިހެން ކުއްޖާ ކުރެންނެވެ.

“ޒަޔަން.. މިހާރު ގްރޭޑް އެއިޓްގަ..” ހިނިތުންވެލަމުން ޒަޔަން ބުނެލި ގޮތުން ލައުރާގެ ހިނިތުންވުންވެސް ފުޅާވިއެވެ.

“ދެން މީ ޒާޔާ.. ޒާޔާއަށް ހަތް އަހަރު މި ވަނީ މިހާރު.. ދެން ލިއުޝާއާ ކުރިންވެސް ދިމާވެފައެއްނު ދޯ ހުންނާނީ..” ދައްޔާން ދެއްކި ވާހަކައަށް ލައުރާ ބޯ ޖަހައިލިއެވެ.

“ކޮބާ ކޮއްކޮމެން ކިހިނެއްތަ..؟ ދާނިޔަލްއާ ދާލިޔާއާ..؟” ލައުރާގެ ސުވާލުތައް އަދިވެސް ހުސް ނުވެއެވެ. ޔައިނާއާއި ޒާރާވެސް ކުރިން ދައްޔާންމެންނާއި ދިމާވި ނަމަވެސް ލައުރާހާ ގާތް ނުވާތީ ހީލަހީލައި ތިބީއެވެ.

“ދާލިވެސް މިހާރު އުޅެނީ މެރީކޮށްގެން.. ފުރަތަމަ ކުއްޖާއަށް ހަތަރު އަހަރު.. މިހާރު ދެވަނަ ދަރިފުޅަށް ބަލިވެ އޭނީ.. ދާނިޔަލް ދެން ފުރަތަމަ ކައިވެނި ރޫޅުނީ ކަން ދިމާ ކުރި ގޮތުން.. އެކަމަކު ﷲގެ ރަހުމަތްފުޅާއެކު މާ ރަނގަޅު ކުއްޖަކާ ދިމާވި ފަހުން.. ދާނިޔަލް އުޅެނީ އަންނަ އަހަރު ފެށޭތާ މެރީ ކުރަންވެގެން.. ލައުރައްތަމެން ވާނެ ކޮންމެހެންވެސް ދާނިގެ ވެޑިންގަ ބައިވެރި ވާން އަންނަން..” ކުރު ގޮތަކަށް ދާނިޔަލްއާއި ދާލިއާގެ ވާހަކަ ދާނިޔަލް ކިޔައިދިން އިރު ލައުރާ ހައިރާންވީ އެކުދިން ހާދަހާ ބޮޑުވެއްޖޭ ހިތަށް އެރުމުންނެވެ. ދައްޔާންވެސް މިހާރު ސާޅީސް އަހަރަށް އަޅާފައި ހުރި އިރު، މީގެ ސާދަ ވަރަކަށް އަހަރު ކުރިން ހުރި ގޮތާ ހާދަ ތަފާތޭ ހިތަށް އެރިއެވެ. މިހާރު ދައްޔާން އެހުރީ އެންމެ ފަހުން އޭނާއަށް މާއިޝް ފެނުނު އިރު ހަމަ މާއިޝް ހުރި ގޮތަށޭ ލައުރާގެ ހިތަށް އެރިއެވެ.

“މާޝާﷲ.. ހާދަ ބޮޑުވެއްޖޭ ދޯ މި ކުދިންވެސް.. ހީވެސް ނުކޮށް ތިއްބާ ޅަފުރާގެ ދުވަސްތައް އޮއްސިގެން ދަނީ ދޯ..؟” ލައުރާގެ ސުވާލާއެކީ ދައްޔާންގެ ލުއި ހުނުމުގެ އަޑު އެތަނުގައި ގުގުމައިލިއެވެ.

“ކޮބާތަ މަންމަމެން..؟ ރަނގަޅުތަ..؟” ލައުރާ އަހައިލީ ރައިޝާއާއި މާއިޝްގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ވީ ހިނދު، އެމީހުން ހެޔޮ ހާލުގައި ދުނިޔޭގައި ހުރި ޚަބަރު އެހުމަށް އެދި ކެތް މަދުވެފައި ހުރި ހާލުގައެވެ.

“މަންމައާއި ބައްޕަވެސް މިހާރު ދޭތެރެދޭތެރެއިން ބަލިވޭ އަނެއްހެން.. އެއީ ދެން މުސްކުޅި ބަލި.. އެކަމަކު ﷲގެ ރަޙުމަތްފުޅާއެކު އަދި އަހަރެމެންގެ ގާތުގައި އެބަ ތިބި.. އަނެއްހެން ހަމަ ރަނގަޅު..” ދައްޔާން ދިން ޚަބަރުން ލައުރާގެ ހިތަށް ވަގުތުން ހަމަޖެހުން ލިބުނެވެ.

“އިރާދަ ކުރެއްވިއްޔާ އަދި ދާނަން ކޮންމެވެސް ވަގުތަކުން މަންމަމެންނާ ދިމާވެލަން.. ދައްޔާން ރަނގަޅަށް މަންމައާއި ބައްޕަ ބަލާތި އިނގޭ.. މުސްކުޅިވެ ބަލި އެނދުގައި މައިންބަފައިން އޮންނަ އިރު އެންމެ ބޮޑަށް ބޭނުންވާނީ ދަރީންގެ ލޯތްބާ އަޅައިލުން.. ކޮއްކޮމެން ކައިރިވެސް ބުނާތި އިނގޭ.. ލިއުޝާވެސް ވާނެ އަމިއްލަ މައިންބަފައިން ގޮތަށް އެދެމީހުންނާ ދޭތެރޭގައި ކަންތައް ކޮށްދޭން.. ރައިއްތައާ މާއިޝްބެ އަކީ ވަރަށް ވަރަށް ރަނގަޅު ދެމަފިރިން..” ދައްޔާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ލައުރާ ނަސޭޙަތްތެރިވިއެވެ. ދައްޔާންއާއި ލިއުޝާއާއި އެކުގައި ހިނިތުންވެލަމުން އެގޮތަށް ކަންތައް ކުރާނެ ކަމުގެ ޔަޤީންކަން ލައުރާއަށް ދިނެވެ. އެއަށްފަހު ލައުރާގެ ނަމްބަރު ހޯދައިގެން ދައްޔާން ވަދާއީ ސަލާމް ކޮށްލުމަށްފަހު ދިޔުމާއެކު ލައުރާވެސް ޒާރާއާއި ޔައިނާއާއި އެކީގައި އަނެއްކާވެސް ބާޒާރު ކުރުމުގައި މަސްއޫލު ވިއެވެ.

“ދުވަސްތައް ފާއިތުވެގެން ދިޔަކަން މި އިހުސާސް ކުރެވުނީ މިއަދު ދައްޔާން އެހައި ބޮޑުވެފައި ހުއްޓާ ފެނުނީމަ.. އަނެއްކާ ދައްޔާންގެ ދޮށީ ދަރިފުޅުވެސް މިހާރު ހީވަނީ ދައްޔާނަށްވުރެ ބޮޑުހެން..” ލުއި ހުނުމަކާ އެކީ ލައުރާ ބުނެލިއެވެ.

“އަހަރުމެންވެސް ދެން މި މުސްކުޅިވަނީއޭ ލައޫ.. މާ ގިނަ ދުވަސްތަކެއް ނުވެ ރައިއްތަމެންގެ އުމުރަށް އަޅައިފާނެ..” ޔައިނާވެސް އެއްބަސްވިއެވެ.

“އަހަރެން ކަންބޮޑެއް ނުވޭ މުސްކުޅިވެ ބަލި އެނދުގަ އޮންނަން ޖެހިދާނެތީ.. ﷲ އިރާދަ ކުރެއްވިއްޔާ އަހަރުމެންނަށް އެ ދުވަސް ދައްކަވާ އިރު އަހަރުމެންގެ ކުދިން އަހަރުމެން ބަލަން ތިބޭނެ..” ދަރީންނާއި މެދު ޒާރާގެ ހިތުގައިވީ އުއްމީދު ބޮޑުވެފައި ފުނެވެ.

“ތިމީހުން ދާންވާނެ މިއިން ދުހުކުން އަހަންނާ އެކީ ރައިއްތަމެނަށް ގޮވައިލަން އެނގޭ.. އެއީ އަސްލުގަވެސް ވަރަށް ރަނގަޅު ދެމަފިރިން.. އެކަކު އަނެކަކު ދެކެ އެހައި ލޯބިވާނެ.. ދައްޔާން މީހަކާ އިން ރޭވެސް ހީވަނީ އެދެމީހުންގެ ޑޭޓް ނައިޓެއްހެން.. ހެހެ.. އެކަހަލަ ގުޅުމެއް އެންމެންވެސް ބޭނުންވާނެ..” ކަމުދާ އަބާޔާއަކައި ގުޅޭނެ ޝޯލްއެއް ނަގަމުން ލައުރާ ބުނެލިއެވެ.

“ވަކި ލައުގެ ނަސީބު ދެރަތަ..؟ އަޒާން އެ ހުންނަނީ ލައުއަށްޓަކައި މިހާރުވެސް ދުނިޔެއަޅައި ދާން ތައްޔާރަށްވިއްޔަ..” ލުއި ހުނުމަކާ އެކީ ޔައިނާ ބުނެލިއެވެ.

“ތިހެން ބުނާ އިރު ވަކި ޔައިއާ ޒާގެ ނަސީބު ދެރަތަ..؟ މިލާން ހީވަނީ އަދިވެސް ޅަދުވަހު އުޅޭހެން.. އަނެއްކޮޅުން އަފާން މިހާރުވެސް ޒާއަށް އެވަރަށް ޖެއްސުންކުރޭ.. އެހައި ރުޅި އަރުވަ އަރުވާފަވެސް ރުޅި މަޑު ކުރުވަން ވީމަ ޒާ ދެކެ އެހައި ލޯބިވާނެ މީހަކު ނުހުންނާނެ..” ލައުރާގެ ވާހާކައިން ޔައިނާގެ އިތުރުން ޒާރާ ކައިރިއަށް ވެސް ހިނި އައެވެ. އެގޮތުގައި ތިބެގެން ކަމުދާ ހެދުންކޮޅެއް ގަނެގެން ތިން މީހުންވެސް މިސްރާބު ޖެހީ ފިހާރަ އިން ނުކުންނާށެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Lahu

    Haadha lahakin
    I was waiting soooooo loooonggggg
    Hykuri vaahaka medhu kadailee kamah

  2. Nayaa

    Salaam
    Enme furathama ves vaahaka nugenes dhevi gina dhuvas veethy kiyuntheringe kibain nihaayathah ma’aafah edhen..gaboolu kuran ehen vegen nuvaane kamah
    Ekamaku school nimunu fahun alhugandu adhi maa busy vejje.. school nimumaa eku alhugandu rashu pre school ah teacher egge gothuga join kurin..eii hendhunussure mendhurah alhugandu ge masakkaiy..adhi mendhuru fahaa haveeru ge ithurun reygandu alhugandu kudhinnah tuition dhinumuge masakkaiy kuran.. olevel nimuneessure alhugandu mikan kuran fashaifin.. mi masakkaiy ninmaalaany dhen alevel feshuneema..plus mi dheytherein alhuganduge computer halaaku vegen vaahaka liyeveyne gotheh nethuny.. mi episode ves mi liyuny rattessegge laptop beynun kohgen..ekamaku In Sha Allah anna mahu alhugandu ge laptop libeyne..eyrun varah masakkaiy kuraanan hafthaa aku 2 episode madhu vegen neredheyn..
    Adhives eh faharu vaahaka las vi kamah takaa enme beyfulhunge kibain nihaayathah ma’aafah edhen..unmeedhu kuran hurihaa kiyuntherinnah ves understand vaane kamah ❤️

  3. Cutie girl

    It’s ok
    I understand
    Shayaam and yaleen gulhuvachey
    They both are made for each other
    So cute Yai aa zaa aa lau
    They all are made for each other
    E kudhin ge love story v Reethi masha allah
    Mi part kiyaafa rovijje
    Shayaam haadha rulhi aadhe ey yaleen
    Heyonuvaane shayaam and yaleen dhuru nukurachey
    Azal andyYail gulhuvachey
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Alhugandu ge support Abadhuves libeyne insha Allah
    Love you nayoo❤️😍

  4. Ai

    Finallyyyyyy…….it’s here
    Loved this part

  5. Malaa

    Wow vrh reethi mi part ves
    When next part
    Can’t wait
    Keep it up 😁😁

  6. Girlll

    Do you use insta??

  7. Micky

    Whn next? Can’t wait

  8. Monster gurllll

    Dhn kon irakun vhk upload kuranee?? Canttt waittttt😭❤️

  9. Nayaa

    Salaam dear readers
    Mi mahu alhugandu ge laptop libunuhaa avahakah vaahaka upload kohladheyne vaahaka dhannavan.
    Shukuriyyaa 🥰

  10. Kokki

    Hey Nayaa
    Adhives lap nulibeny tha 😕

  11. Dhonthi

    Hey Nayaa
    Kon irakun next part up kuraneeeee
    Can’t wait any longer

  12. Sunflower 🌻

    It’s been a month now 😭
    Nayaa ge lap adhivx nulibeytha 😢
    Vrh dheravey ehaa gina dhuvas vaathy
    Wish you luck Nayaa

  13. Nayaa

    Salaam
    Labba adhives laptop nulibeytheeve mi las vany.. varah bodah maafah edhen.. alhugandu ves mi masakkathuga kurany veehaaves avahakah geneveythoa..
    Vaahaka lasvaa kamah takaa nihaayathah maafah edhen

  14. Dream qurll

    Hey nayaa kon irakun next part…. It’s been a month now🙂😕😳😭

  15. 🦋 Butterfly 🦋

    Hey Nayaa
    Next part kiyaalan libeyny kon irakun
    Can’t wait any longer

  16. Great girl

    Lap adhivx nulibeny tha Nayaa
    So sad 😭

  17. Army girl

    Hey vaahaka medu kadaileetha?? it’s been a month!!! Can’t wait…… Lap adives nulibeny that???

Comments are closed.