ޙަޤީޤަތް ހޯދުމޭ 45
އަހަރެމެންނަށް ނިކުމެވުނީ ދިގު ކޮރިޑޯ އަކަށެވެ. ނަސީބަކުން އެތަނުގައި އެވަގުތު އެކަކުވެސް ނެތެވެ. ބަލައިގެން ލަސްލަހުން، ވަރަށް މަސައްކަތުން ސިޑިގޮޅިން މައްޗަށް، ތިންވަނަ ބުރިއަށް އެރީމެވެ. ޒިރާރުގެ ކޮޓަރި ހުރީ މިތަނުގެ އެންމެ ފަހަތުގައި ކަމުން އެދިމާއަށް މިސްރާބު ޖެހީއެވެ. އުޅުނު ގާޑުގެ ހަރަކާތަކަށް ފަރުވާތެރިވަމުން ގޮސް ފަހަތުން އޭނާ ހޭނައްތާލީ ފެއިންޓް ސައުންޑް ބޭނުން ކޮށްގެންނެވެ. އޭރު ދެން ތިބި މީހުން ގޮސް އެ ކޮޓަރިއަށް ވަނީއެވެ. އަހަރެން ވެސް ލަސްލަހުން އެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހީމެވެ. މިއީ އެހެން ކޮޓަރިތައް ވެސް ހުންނަ ބަރި އެވެ. ޒިރާރުގެ ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލުމައި އެކު ފަހަތުން މީހަކު އަހަރެންގެ އަނގަމައްޗާއި ވީ ދިމާލުން އަތް އަޅައިފައި ކައިރީގައި ހުރި ކޮޓަރިއަށް ވެއްދިއެވެ. އަހަރެން އެގެއިން މީހަކަށް ބަސްޓުވީ ތާއެވެ. އެއީ އަނެއްކާ އެހެން ގާޑެއް ހެއްޔެވެ؟ ކަންތަކާ ޖެހުނީ އެވެ. އަހަރެން ބަސްޓުވީމާ ރޭރަށް އެ ދެވުނީ ކަމެއް ކުރަން އުޅޭ ކަމުގެ ރަތް ސިގުނަލެވެ. ކުރާނެ ކަމެއް ނެތެވެ.
އަހަރެން މަސައްކަތް ކުރީ އޭނާ ވެސް ހޭނައްތާލާށެވެ. އެ މީހަކަށް އަހަރެންގެ ގޮތް އެނގިއްޖެ ނަމަ މަންޒަރު ރީއްޗެއް ނުވާނެއެވެ. އެ އަނދިރި ކޮޓަރީގައި ހިތު މިސާލަށް އަހަރެންގެ ގަޑި އެ މީހެއްގެ ކަންފަތާއި ދިމާކޮށްލީމެވެ. އެ ވަގުތު ކޮޓަރިއަށް ފަނޑު ބޮތްކެއްގެ އަލިކަން ވެރިވިއެވެ. ދެން އަހަރެންނަށް ކަމެއް ނުކުރެވެނީސް އެ މީހަކު އަހަރެންގެ ލޮލުގައި އަޅައިފައިވާ އައިނު ދަމައިގަތެވެ. “ޑޭމްއިޓް” ވައި އަޑުން އަހަރެންނަށް ބުނެލެވުނެވެ. މީހަކަށް ބަސްޓުވި އިރު ވެސް ބަސްޓުވާން އެނގުނީ އަހަރެން ހެއްޔެވެ؟
“ރިފް؟” އަހަރެންގެ ކަންފަތުގައި ހިޔާންގެ އަޑު ޖެހުމުން ސިހުނެވެ. އޭނާގެ މޫނު ރީއްޗަށް ފެނުނީ ދެނެވެ. އެއީ ހަމަ ހިޔާނެވެ. އޭނާގެ މޫނުމަތީގައި ވީ ވަރުގަދަ ސުވާލު މާކެކެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. މީނާ އަކީ ވެސް ރޭރުގެ މަސައްކަތަށް ވާގިވެރިވާ މީހެއް ނަމަ ޑަބްލިޔު ސާރގެ ގްރޭންޑް ޕްލޭން ފެއިލް ވާނެއެވެ. ނުވީތާކަށް ޒިރާރު އައިސް އަހަރެންގެ އާއިލާ އާއި އެކުވެރިން ޤަތުލު ‘ޢަމްދަކުން’ މަރާލާނެއެވެ. ބައެއް ރޭ ތަކުގައި އެ ފެންނަ ބިރުވެރި ހުވަފެން ޙަޤީޤަތަކަށް ވެއްޖެ ނަމަ އަހަރެން މި ދުނިޔޭގައި އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެންމެ ގާތް މީހުންގެ މަރުގެ ސަބަބަކަށް އަހަރެން ވެއްޖެ ނަމަ ހަމަ ޔަގީނުން ވެސް އަހަރެން ހަލާކުވާނެއެވެ. ކިޔާރާ ސިއްރު ކުރި ގޮތަށް އަހަރެން ވެސް ކަންކަން ސިއްރުކޮށްފައި ބެހެއްޓި ނަމަ ގާތް މީހުންނަކަށް ގެއްލުމެއް ނުލިބޭނެއެވެ. ދެން ނަމަ ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެ ތާއެވެ. މި އޮތީ އަތުޖެހިފައެވެ.
“ހިޔަނީ….” އަހަރެން ފެށީމެވެ. އެހެނަސް ހުއްޓާލަން ޖެހުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. “ރިފް. އަހަރެންނަކަށް ނޭނގެ މި ވާހަކަ ބުނަންވީ އެހެން މީހެއް. އައި އޯވާ ހާރޑް ސަމްތިން. ވަރަށް ވަރަށް އެހެން ކަހަލަ ވާހަކައެއް. އަހަރެންނަށް ހީވަނީ އެ ސަބަބާ ހުރެ ހެން ނާޒް… ނާޒް އަހަރެން ދޫކޮށްލީ. އަހަރެންނަށް ނަފުރަތު ކުރަނީ. ހި…ހިޔެއް ނުކުރަން ބައްޕަ އެ…އެކަހަލަ މީހަކަށް ވެދާނެ ކަމަކަށް. އެއީ ތެދެއްތަ؟” ހިޔާންގެ ދެލޯ ކައިރި ވަނީ ގޮތަކަށް ދުޅަވެފައެވެ. އޭނާ ހަށިގަނޑު ކުޑަކޮށް އަނަރޫފަ ވެފައިވުމުން ހިތާމައިގެ ތަސްވީރެއް ފަދައެވެ.
“އާނ. ދެން ކީއް ކުރާނީ؟” އަހަރެން އެހީމެވެ. “އަހަރެން ބޭނުމީ ފުލުހުންނަށް ރިޕޯޓު ކުރަން. މިހާރު ލަދު ވެސް ގަނޭ އެ ފިރިހެނާ އަށް ބައްޕަ ކިޔާފަ މުޚާޠަބު ކުރަން ވެސް. ނާޒް… އޭނާ އެ ފޭރިގަތީ ނާޒްގެ ހަމައެކަނި ދޮންތައޭ. އަދި އެ ނޫނަސް ކިތައް މީހުން. ސައުވީސް. ސައުވީސް މީހުން ރަހީނުކޮށްފި. އަދި…އަދި އެ ވެސް އެމީހަކު ވިއްކާލަން. އޭނާ އަށް ނޭނގެނީތަ އެއީ ކިހާ ބޮޑު ކުށެއް ކަމެއް. ގިނަ އާއިލާތަކެއް ސުންނާފަތި އެ ކުރަނީ އަދި ވެސް ލިބޭ ލާރިގަނޑު މަދުވީމަތަ؟ ހުވާކޮށްފަ މި ބުނީ. މަގޭ މަންމަ ނެތްނަމަ އެންމެ ސިކުންތުކޮޅަކު ވެސް މިތަނުގައެއް ނުހުންނާނަން.” އޭނާގެ އަޑުގައިވީ ނުރުހުންތެރިކަމުން ހީވަނީ ދެންމެ ދެންމެ ވެސް ތަނެއް ބިމާ ހަމަކޮށްލަފާނެހެންނެވެ.
“ހިޔަންޏާ. އެއީ އެހާ ފަސޭހަ ކަމެއް ނޫނޭ. ރިޕޯޓު ކޮށްގެން އެމީހުންނެއް އަތެއް ނުލެވޭނެ. ހީކުރާ ވަރަށް ވުރެ މޮޅު ބައެއް އެއީ. އަހަރެންނަށް އެހީ ވިއްޔާ އެ މީހުންގެ މަސައްކަތް ހުއްޓުވާލެވިދާނެ. މިގެއަށް އައީ ވެސް އެ ސަބަބާ ހުރެ.” އަހަރެން ތެދުތެދަށް ބުނެލީމެވެ. އޭނާއަށް އިތުބާރު ކުރަން ބޭނުން ވާތީއެވެ. ޝެހެނާޒުގެ ސަބަބުން ހިޔާނާއި ގުޅުން އުފެދުނު އިރު ވެސް އޭނާ އަކީ ދުވަހަކު ވެސް ދޮގެއް ހެދި މީހެއް ނޫނެވެ. ސަމާސާއަކަށްވެސް މީހަކު ދެރަވެދާނެތީ ވެސް ކަމަކަށް ދޮގެއް ނަހަދާނެއެވެ. އޭނާގެ ކިބައިގައި އެ ސިފަތައް ހަރުލެއްވީ ޝެހެނާޒޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ކިލަނބު ވެފައިވާ މިޒާޖު ހަމަ މަގަށް އެޅުވީ ޝެހެނާޒުގެ ލޯތްބެވެ.
“އާނ ޔަޤީނެއްނު. އަހަރެންނަށް ނާޒް ނުލިބުނަސް ނާޒް ހިތް އެދޭ ކަމެއް ކުރަން ބޭނުން. ނާޒް އަބަދުވެސް ބުނާނެ އޭނާގެ ދޮންތި އަށް އެހެން ހެދި ބަޔަކު އަތުލައިގަންނަން ބޭނުންވާ ވާހަކަ. ކީއް ކޮށްދޭންވީ؟” ހިޔާން އެކަމަށް އެއްބަސް ވުމުން އަހަރެންގެ ދެލޯ ވިދައިގަތެވެ. މަސައްކަތަށް އިތުރު ލުއިފަސޭހައެއް ލިބުނީ ވިއްޔާއެވެ. ކުރު ގޮތަކަށް އަހަރެން މިތަނަށް އައި ބޭނުމުގެ ވާހަކަ ބުނެލީމެވެ.
“އޭނާ އެ އެއްޗެހި ބަހައްޓަނީ މި ގޭގެ އޮފީހުގައި. އެކަމަކު އަހަރެންނަކަށް ވެސް އެތަނަކަށް ނުވަދެވޭނެ. އިވާން މަސްކު އުފެއްދި އިންޕޮސިބްލް ލޮކްސް ޓެކްނޮލޮޖީ ބޭނުން ކޮށްފައި ހުންނާނީ.” ހިޔާން ބުނެލިއެވެ. އަހަރެން ޗުސް ތަޅާލީމެވެ. އެ އިވާން މަސްކުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކާއި ކުޅެލަން އަހަރެންނަށް ވެސް އުނދަގުލެވެ. އެ ހުރިހާ އެއްޗެއް ނިވާލަން ގަޑިއިރެއް ނަގާނެއެވެ. އެކަން ކުރަން ޖެހޭނީ ވެސް އެ ތަނާއި އެންމެ މަދުވެގެން ފަސް ފޫޓު ދުރުގައެވެ. މަސައްކަތް ކުރަން ޖެހޭނީ އޮފީހުގެ ކުރިމަތީގައެވެ. އަހަރެން އެ ވާހަކަ ބުނީމެވެ. އެހެނަސް ހެކިން ބޭނުން ކުރާ ވާހަކައެއް ނުބުނަމެވެ.
ހިޔާނާއި އެކު އެ ކޮޓަރިން ނުކުމެގެން ދިޔައީ އައިނު އަޅާލުމަށް ފަހުގައެވެ. ދިޔައީ ޒިރާރުގެ ކޮޓަރިއަށެވެ. ފުރަތަމަ އެތެރެއަށް ވަނީ ހިޔާނެވެ. އޭގެ ފަހަތުން އަހަރެންނެވެ. އޭރު އެކަކު ވެސް އެތަނުގައި ފެންނާކަށް ނެތެވެ. “އައްދޭ. އެ މީހުން އެހާ އަވަހަށް ދިޔައީ ތަ؟” އަހަރެންނަށް ބުނެލެވުނެވެ. އެ ވަގުތު އެކި ތަންތަނަށް ވަދެ ފިލައިފައި ތިބި މީހުން ނުކުތެވެ.
“ރިފް… މިޔޯ؟” އާހިލް ބަލައިލީ ފާޑަކަށެވެ. އަހަރެން އެ ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ ބުނީމެވެ. ދެން އުޅުނީ އެ މަސައްކަތް ކުރާށެވެ. އެ އޮފީހުގެ ދޮރުމައްޗަށް އަދި އެހިސާބަށް ވެސް މީހަކު ނާންނާނެކަން ޔަޤީންކޮށް ފާރަޔަށް ބަލަން ތިބި އަހަރެން ނުލާ ދެން ތިބި މީހުންނެވެ. ގަޑިއިރެއްގެ ބުރަ މަސައްކަތުން އެތަން ހުޅުވުނެވެ. އެތެރޭގެ ސެކިޔުރިޓީ ސިސްޓަމް ވެސް ނިވާލެވުމުން އެ ދޮރު ލައްޕައިފައި ހިޔާން ބުނި ސިއްރު ހެކިތައް ހޯދަން މަސައްކަތް ފެށީމެވެ. އެންމެ ފުރަތަމަ ވެސް ހުޅުވުނީ ފާރުގެ ތެރެއިން ވަދެވެން ހުރި ދޮރެކެވެ. އެންމެން ބެހިލައިގެން އަވަހަށް އެ ހޯދަން އުޅެގަތީމެވެ. ގަޑިއިރެއްގެ ތެރޭ އެ ހުރިހާ ކަމެއް ކޮށް ނިންމަން ޖެހޭނެއެވެ. ސަބަބަކީ އެހާ ވަގުތު ފަހުން އަމިއްލައަށް މި ތަނުގެ ސެކިޔުރިޓީ ސިސްޓަމް އަލުން ޖެއްސޭނެތީއެވެ. އިވާން މަސްކުގެ އުފެއްދުން ތައް ހަމަ އެހާ މޮޅީއެވެ.
“ފެނިއްޖެ” ފޭކު ގަސް މުށްޓަކުން އާހިލް ނެގީ ބްރީފް ކޭސް އެކެވެ. އޭގެ ތެރޭގައި ހުރީ އަހަރެމެންގެ ނަޒަރުން ޖަވާހިރަށް ވުރެ އަގުބޮޑު އެއްޗެކެވެ. އިންސާނުންގެ ގުނަންތައް ވިއްކި ވިއްކުންތަކުގެ ލިޔެކިޔުން ތަކެވެ. އެވަގުތު ޝެހެނާޒު އައިސް އަހަރެންނަށް ދިއްކޮށްލީ ކަފަބޫރެކެވެ. އެހެން ހެދުމުން އަހަރެންނަށް އޭނާއާއި ދިމާއަށް ބަލައިލެވުނީ ފާޑަކަށެވެ. މިކަހަލަ ވަގުތެއްގައި އައިސް އަތަށް ކަފަބޫރެއް ދިނިއްޔާ އަހަރެން އެއިން ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ މިއުޅެނީ ކަންފަތް ސާފު ނުކުރެވިގެންނެއް ނޫނެވެ.
“މަށަށް ކީއްކުރަން ދޭ ކަފަބޫރެއްތަ؟” އަހަރެން އަނގަޔަށް ގޮތެއް ހަދާލީމެވެ. “ބަލައިބަލަ މީގަ އެއްޗެއް ހުރި ތޯ؟” ދެން ވެސް ބުނެލިއެވެ. “އޭތް ޝަހިކްސް ގަނޑާ! ތި ކަހަލަ ތާކުންތާކު ނުޖެހޭ ކަމެއް ކުރާކަށް ވަގުތެއް ނެތޭ. މި އޮއް ބްރީފްކޭސް ގެ ރެޕްލިކާ އެއް ހަދާފަ އެ ގަސް މުށިގަނޑަށް ލާން ޖެހެޔޭ.” ހޫދު ބުނެލިއެވެ. “އަޅެ ފަހެ މި މީހުން މިއުޅޭ ވައްތަރެއް ވެސް ދޯ! މިއީ ކަންފަތް ކަހާ ކަފަބޫރެއް ނޫނޭ. ޕެން ޑްރައިވެކޭ. ރަނގަޅަށް ބަލާބަލަ.” ޝެހެނާޒު ބޯ ހޫރާލަމުން ބުނެލިއެވެ.
ޝެހެނާޒު ބުނީ ވެސް ތެދު ވާހަކައެކެވެ. އެއީ ހަމަ ޕެން ޑްރައިވެކެވެ. އެއިން މަޢުލޫމާތު ނެގުމާއި އަހަރެން ހަވާލުވީމެވެ. ދެން ތިބި މީހުން އެ ބްރީފްކޭސްގެ ރެޕްލިކާ ހަދަން އުޅުނެވެ. ލެޕަށް ޕެން ޖަހާލުމާއި އެކު ވައިރަސް ތަކުގެ ހަމަލާތައް ފުލުފުލުގައި އައެވެ. އެހެނަސް އެއީ އަހަރެން ހެކު ކުރަން ގެންގުޅޭ ލެޕްޓޮޕެވެ. އެ ވައިރަސްތައް އެއްޗަކަށް ހަދާނުލާނެއެވެ. އޭގައި ހުރި ނަމަހާ މަޢުލޫމާތެއްގެ ކޮޕީ ލިބުމުން އަހަރެން އެ ‘ކަފަބޫރު’ ޝެހެނާޒުގެ އަތަށް ދިނީމެވެ. އަދި އެއިން ނެގި މަޢުލޫމާތުތައް ބަލާލުމުގެ ނިޔަތުގައި ފޯލްޑާއެއް ހުޅުވާލީމެވެ.
“ޑޭމްއިޓް. އިރުކޮޅަކުން ސެކިޔުރިޓީ ސިސްޓަމް ގަނޑު ވެސް ޖެއްސޭނެ. އަވަސް ކުރޭ. މިތަނުން ނުކުންނަން ހިނގާ.” ގަޑި ފެނުމުން އަހަރެން ލެޕު ނިވާލާ ދަބަހަށް ލަމުން ދިޔައީ ނުކުންނާށެވެ. ނަސީބަކުން ބްރީފްކޭސްގެ ފޭކް ރެޕްލިކާ ވެސް ހެދިއްޖެއެވެ. އެ ހުރި ތަނަށް ލައިފައި ފާރުން ބޭރަށް ނުކުތީމެވެ. އެތަން ވެސް ހުރިގޮތަށް ހަދައިފައި އޮފީހުން ބޭރަށް ނުކުމެވުނީ ހަމަ ކިރިޔާއެވެ. އެ ސިސްޓަމް އަލުން ޖެއްސިއްޖެއެވެ. ދެން އެ ޖެއްސުނަސް ހެވެވެ. ކުރަން އައި މަސައްކަތަށް ކިތަންމެހާ ވެސް ފޮނި ކާމިޔާބީއެއް ލިބިއްޖެއެވެ. ހިޔާން އޭނާގެ ކޮޓަރިއަށް ދިއުމުން ދެން އަހަރެމެން އެ ގެއިން ނުކުތީމެވެ. މީހަކަށް ނުފެނިއެވެ. އިތުރު ކަމެއް ނުކޮށް އަހަރެމެން ދިޔައީ އަސްރަފީވިލާގެއަށެވެ.
“ޕޫހް. މިކަން ވެސް މި ނިމުނީ. ނަސީބެކެއްނު ހިޔަނި އަހަރެމެންގެ ކޮޅަށް ހުރިކަން.” ހޫދު އަހަރެންގެ ކޮޓަރީގައި ހުރި މަޑު ސޯފާ މައްޗަށް ވެއްޓިގަތެވެ. “އާނ. އެހެން ނޫންނަމަ މިކަން ނުވީސް. ކީއްވެގެންތަ އޭނާއަށް ހިޔަނި ކިޔަނީ.” އާހިލް އެހިއެވެ. “އެ ދޯ! މަ ދިން ނަމެކޭ. ކިހާ ގުޅޭތަ؟ ހިޔަނި، ހިޔާން.” ހޫދު ފޮނި ރާގަކަށް ބުނެލިއެވެ. އެމީހުން ވާހަކައިގައި ތިއްބަސް އަހަރެން އިނީ ލެޕު ދޮށުގައެވެ. އެ ގެއާއި މޯލްޑިވިއަން ސެކިޔުރިޓީ ސިސްޓަމް ހުރި ގޮތަށް ހެދުމަށެވެ. އެކަން ނިމުނު އިރު ދެ ގަޑި ތިރީސް ވެއްޖެއެވެ. އަހަރެން ދެން ފާޚާނާ އަށް ވަދެ ސޫޓު ބާލާ އާދައިގެ ހުޑީއަކާއި ޓްރައުޒާ އެއް ލީމެވެ. ޝެހެނާޒު ވެސް އޭނާގެ ކޮޓަރިއަށް ގޮސް ހެދުން ބަދަލުކޮށްގެން އައެވެ.
“ކަލޯ. އަހަރެމެން ދެން ތިބެންވީ މި ލައިގެންތަ. ކަލޭމެން މިގޭގައި އުޅޭތީ ފަސޭހަ އެއްނު.” ހޫދު ބުނެލިއެވެ. “ހޫން. ދެން ކީއްތަ ވީ. ވިނަބެއްޔާގެ ކޮޓަރިން ވަގަށް އަންނައުނު ނަގައިދޭންވީތަ؟ ފަރުއްތަ ނިދިގަދަ ވީމަ އެކަން ފަސޭހަ ވާނެ. ވިނަބެއްޔާ ވީ އޭނާގެ މަސައްކަތުގައި އެ ރަށަށް ގޮސްފަ” އަހަރެން ބުނެލީމެވެ. އެމީހުން ބޯ ޖަހާލުމުން އަހަރެން ކޮޓަރިން ނުކުމެފައި ސިޑިން މައްޗަށް އެރީމެވެ. މިދިޔަ އަހަރުން ފެށިގެން މި ގޭގެ މަތީ ބައިތައް ވަނީ ކުއްޔަށް ދިނުން ހުއްޓާލެވިފައެވެ. އެތެރެއިން މަރާމާތުކޮށް ނިންމާލީއެވެ. މިހާރު ރަވާނު މެން އުޅެނީ ދެވަނަ ފުލޯގައެވެ. ދެން ރަޒާނު އުޅެނީ ތިންވަނަ ފުލޯގައެވެ. މަންމަމެން ހުރީ ޝެހެނާޒަށް ހަތަރު ވަނަ ފުލޯ ދީފައެވެ. ނަސީބު ރަނގަޅު ކަމުން އަހަރެންނަށް ފުރަތަމަ ފުލޯ ލިބުނެވެ. ހަތްވަނަ ފުލޯ އިން ފެށިގެން ހުރި ބައިތައް ހުންނާނީ ވަކި ކުރެވިފައެވެ. އިތުރަށް ވެސް މިގޭގައި ފުލޯ ތަކެއް ހެދިއެވެ. މިހާރު މި ގެ ހުންނަނީ ބާރަ ބުރިއަށް މައްޗަށެވެ. ވަކިން ވަދެވޭ ގޮތަށް ހަދައިފައިވާ ފުލޯ ތަކުގައި އުޅޭނީ ބައްޕަގެ ކުންފުނީގެ ބައެއް މުވައްޒަފުންނެވެ. ކުޑަ އަގެއްގައި އެމީހުންނަށް މިތަނުގައި އުޅެވޭނެ ގޮތް ހެދީއެވެ.
އެ ކޮޓަރިއަށް ވަދެވުނު އިރު ކިންގް ސައިޒުގެ ބޮޑު އެނދުގައި ފަރުހާ އެކަނިމާއެކަނި ނިދައިފައި އޮތެވެ. ރަވާނު ފަރުހާ އާއި ކައިވެނި ކުރީ ނައިލް ވެސް ކައިވެނި ކުރި ދުވަހެވެ. ފަރުހާއާއި އިންނަ ވާހަކަ ބުނީ މި އަހަރު ފެށުނު ކޮޅުގައެވެ. ރަވާނު އެތައް ދުވަހެއް ވަންދެން ކުއްޖަކާ ރައްޓެހިވެގެން އުޅުނު ކަން އެނގުނީ އެ ދުވަހެވެ. އޭނާ ބިޓެއް ނަގައިގެން އުޅުނުކަން ނައިލަށް ވެސް އެނގެއެވެ. އެހެން މީހުން ރަވާނަށް ވަރަށް ދިމާކޮށް އެއްޗެހި ކިޔާ ހެދިއެވެ. ގުޅުން ސިއްރު ކުރީމައެވެ. އެހެނަސް އަހަރެންނަށް އެ ކަމަކަށް އެހާ ވަރަކަށް އަޅައެއް ނުލަމެވެ. ސަބަބަކީ ކޮބާ ކަން އެނގޭނެއެވެ.
މެރިން ޓީމުގެ މަސައްކަތް ފެށީ މިއަދު ހެނދުނެވެ. އެމީހުންގެ ރޭވުމުގެ ކުޑަ މިންވަރެއް ރަވާނު އަހަރެންނަށް ހިއްސާކޮށްލިއެވެ. އެމީހުން އެ ފަޅު ރަށުގެ ކައިރިން އަހަރެމެން ވަދެވޭނެ ކަމަށް ބުނި ތަނަށް ވަންނަން ދޮރެއް ކަނޑަނީއެވެ. އަހަރެންނާއި އާހިލް ކުރެހި މެޕަށް ބަލައިގެން އެ ތަނުގެ ތެރޭގައި ފިލާ ތިބެވޭނެ ގޮތެއް ހަދަނީއެވެ. އަންނަ ޕޮލިހުންގެ ގުރޫޕާއި ބުރޯޑުކާސްޓު ޓީމު އަންނަން ދެނެވެ. ހުރިހާ ކަމެއް ސެޓު ވުމުން އެ ތަނުގައި ތިބި ހާ ބަޔަކު ހައްޔަރު ކުރާނީ ކުއްލިއަކަށެވެ. އެމީހުންނަށް އުނދަގޫވާނެ ކަމަކީ މި ވަގުތު އެ ތެރޭގައި ތިބި މީހުންނަށް ނޭނގި ދޮރު ކެނޑުމެވެ.
“އަން. މިހިރީ ލާނެ އެއްޗެހި މިފުލޯއިން ހުސް ކޮޓަރި އަކަށް ވަދެފައި ބަދަލު ކުރޭ.” އަހަރެން ބުނީމެވެ. އަތުގައި އޮތް ދެ ޓާރޓްލް ނެކް ސްވެޓާ އާއި ޑެނިމް ޖިންސު އެމީހުންގެ އަތަށް އެއްލީމެވެ. އެމީހުން އެ ހިފައިގެން ކޮޓަރިން ނުކުތެވެ. ދެން އަހަރެން އުޅުނީ ލެޕަށް ނެގި މަޢުލޫމާތުތައް ބަލާށެވެ. އޭގެ ކުރިން ވަޙީދު ސާރ އަށް ގުޅާލައިފައި ހެކި ލިބިއްޖެ ކަމަށާއި އެ އެއްޗެހި ބަލައި އައުމަށް ބުނެލިއެވެ. ދަސްކުރި ކޯޑު ބަހުރުވައިންނެވެ. ޑަބްލިޔު ސާރގެ އަސްލު ނަމަކީ ޢަލީ ވަޙީދު ކަން އެނގުނީ އެޖެންޓަކަށް އޮފިޝަލްކޮށް ވީ ދުވަހުއެވެ.
އެ ޕެން ޑްރައިވްގައި ހުރީ ގެއްލުނު ސައުވީސް މީހުންނާއި ގުޅޭ ތަފްޞީލީ މަޢުލޫމާތެވެ. ހަށިގަނޑުގެ ގުނަންތަކުގެ ޓިޝޫ ޓައިޕަށް ދަން ދެން އޭގައި ލިޔެވިފައި ހުއްޓެވެ. ހާދަހާ ފައްކަލެވެ. މި ވަރުން ޔަޤީނުން ވެސް އެ އެންމެން އުމުރަށް ޖަލަށް ލެވޭ ވަރު ވާނެއެވެ. އެއީ އެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ އެއީ ކަމަށް ވާތީއެވެ. އެ ކަމުގައި ބައިވެރިވިޔަސް މަސައްކަތަށް ވާގިވެރިވިޔަސް އެމީހަކު ޖަލަށް ލެވޭނެއެވެ. ޕްލޭން މި ފަހަރު ކުރިއަށް ދާލެއް ވަރަށް ފުރިހަމައެވެ.
އިންސާނީ ވަގުފާރި ކުރުމަކީ ދީނުގައި ވެސް ޙަރާމް ކަމެކެވެ. އެކަން ކުރާ ބަޔަކަށް މާތް ﷲ ލަޢުނަތް ލައްވާނޭ ކަމެކެވެ. އެ ވަރުގެ ނުބައި ޢަމަލެއް ހިންގާ ބަޔަކު ހުއްޓުވާލުމަށް މި ކުރެވޭ މަސައްކަތަށް ކާމިޔާބު ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރަމެވެ.
“ވަޢަލައިކުމުއް ސަލާމް. ލައްބަ. މި ދަނީ” ޑަބްލިޔު ސާރގެ ކޯލަށް ޖަވާބު ދީފައި އަހަރެން ކޮޓަރިން ނުކުތީމެވެ. ދުވެފައި ސިޑިން ފައިބައިގެން ގޮސް ބޮޑު ދޮރުން ނުކުމެ ގޭޓު ހުޅުވާލީމެވެ. އެވަގުތު އެތެރެއަށް ވަނީ ޑަބްލިޔު ސާރ އެވެ. ސާރގެ އަތުގައި ބޮޑު މެޓީރިއަލް ބޭގަކާއި ލޮކް ފޮށްޓެއް އޮތެވެ. އެވަރުން ވެސް އެ އައީ އަހަރެމެންނަށް ހޯދުނު ހެކިތައް ބަލައިކަން އެނގުނެވެ. އަހަރެން ގެއަށް ވަނުމަށް ސާރ އަށް ދަޢުވަތު ދިނީމެވެ. ސާރ ގޮވައިގެން ގޮސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ.
“މި ހުރީ ލިބުނު ހެއްކަކީ.” އަހަރެންގެ ދެ އަތަށް އަންގި އެއް ލައްވާލައިފައި އެ ބްރީފްކޭސް ދިނީމެވެ. ސާރ ވެސް ހުރީ އަތަށް އަންގި ލައްވައިގެންނެވެ. ގެނައި ލޮކު ފޮށި ތެރެއަށް އެ އާއި އެކު ޕެންޑްރައިވެއް ލީމެވެ. “ހަމަ ކޮންމެ ފަހަރެކޭ ވެސް އެއްފަދައިން ރިފްގެ މަސައްކަތް ވަރަށް ފުރިހަމަ. އާހިލާއި ހޫދުގެ އިތުރުން ޝެހެނާޒު މިކަމަށް ފޯރުކޮށްދޭ އެހީއަށް ނިހާޔަތުން ޝުކުރުވެރިވަން. ޝުކުރިއްޔާ. ރިފް. ދެން ދަނީއޭ. އިތުރު އެއްޗެއް ލިބުނިއްޔާ އަންގާލާތި. ހިޔެއް ނުވޭ އެކަމާ ގުޅުންހުރި އެހެން އެއްޗެއް ލިބިދާނެ ހެން ވެސް.” ޑަބްލިޔު ސާރ ބުނެލިއެވެ.
ސާރ ދިއުމުން ހޫދާއި އާހިލް ގެއަށް ދިޔައެވެ. ޝެހެނާޒު ވެސް އޭނާގެ ކޮޓަރިއަށް ދިއުމުން އަހަރެން ވެސް ނިދަން އެރީމެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ކުރިން ނިދާލެވުނުކަން ރަނގަޅެވެ.
ދެ ގަޑިއިރުގެ ނިންޖަކަށް ފަހު އަހަރެން ތެދުވީ ފަތިސްނަމާދަށެވެ. ނަމާދަށް ފަހު ޒިކުރުކޮށްލައިގެން އަހަރެން ބެލްކަންޏަށް ނުކުތީމެވެ. ފަތިސްވާން އުޅޭ ކަމުގެ ކުލައްތައް އުޑުމަތި ވަށާލައިފައި ވެއެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ހުޅުވާލާ ބަލައިލީމެވެ. އޭނާ އެހެން ލިޔެފައި ވުމުން އަތުން ފޯނު ނުވެއްޓުނީ ވެސް ކިރިޔާއެވެ. އަދި އެންމެ ދުވަހަކު ވެސް އާހިލް އަހަރެންނަކަށް އެކަހަލަ ދަޢުވަތެއް ނުދެއެވެ. އަހަރެން ބަދަލުގައި މި ދަނީ ކަމަށް ބުނެފައި ފޯނު ޖީބަށް ލަމުން ފޭރުގަސް މައްޗަށް ފުންމާލީމެވެ. ދެން އަތު ޖެހުނު އެންމެ ދޮން ދެ ފޭރު ނަގާ ގޯތި ތެރެއަށް ފުންމާލީމެވެ.
ފޭރުތައް ދޮވެލައިގެން އަހަރެން ދިޔައީ ސްކައި ލިފްޓުގައި ދެވަނަ ފިޔަވައްސަށެވެ. އެތަނުގެ އިރުމަތީ ފަރާތުގައި އޮންނަ ހިލަ ޖެހި ސަރަޙައްދަށެވެ. އެތަނުން އިރު އަރާ މަންޒަރު ވަރަށް ރީއްޗަށް ފެންނާނެއެވެ. އެއީ ޤުދުރަތީގޮތުން ވެލި ވޮޑިގެން ހެދުނު ތަނެކެވެ. ހިލަތަކުގެ މަތިން އަނެއް ފަރާތަށް ދިއުމުން ހީވާނީ ދޮންވެލި ގޮނޑުދޮށެއް ހެންނެވެ. އެ ހިލަތައް އުސްކަމުން އަނެއް ފަރާތަށް ފައިބަންނަ އިރު މި ފަރާތެއް ނުފެންނާނެއެވެ. އުސްފާރެއް ގޮތަށް އެ ހިލަތައް ހުންނާނެއެވެ. އެ ފަރާތަށް ދާން ހެދިފައިވާ ފާލަމުން ލައިފައި ދެވުނު އިރު އާހިލް އިނީ ދޮންވެލިގަނޑުމަތީ އިށީނދެލައިގެންނެވެ.
“އާދެބަލަ. މިތަނުން އިރު އަރާ މަންޒަރު ވަރަށް ރީތި ވާނެ. އަޅެ ކިހާ ޗާލު ތަ؟” އާހިލަށް އަހަރެން ފެނުމުން އައުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ގޮސް އޭނާގެ ގާތުގައި އިށީނީމެވެ. އަދި އޭނާ އަތަށް ދޮން ފޭރެއް ލީމެވެ. އަހަރެންގެ ފޭރު އައި މަގުމަތީ ކާލައިފީމެވެ.
އޭނާ ބުނީ ވެސް ތެދެކެވެ. މި ތަނުން އިރު އަރާ މަންޒަރު ވަރަށް ފުރިހަމައަށް ފެނެއެވެ. އަހަރެން އެ ބޯހިއްލާލަން ތައްޔާރު ވެފައިވާ އިރަށް ފުން ނަޒަރެއް ދިނީމެވެ. އުޑުމައްޗަށް ވެރިވެފައިވާ އޮރެންޖް ފިޔާތޮށި އަދި ކްރިމްސަން ކުލައިގެ ސަބަބުން މަންޒަރު އިތުރަށް ސިހުރުވެރި ކުރުވައެވެ.
“އަހަރެންނަށް މަޢާފު ކުރާތި. އަހަރެންނާއި ހެދި އާލްގެ އުމުރުން ދިހަ މަސް އެ ގެއްލުނީ. އަހަރެން އެ ވަރުން އެތަނަށް ދާން ނޫޅުނު ނަމަ އެހެނެއް ނުވީސް.” އަހަރެން އިސްޖަހާލަމުން ދޮންވެލިގަނޑުގައި އިނގިލި ހިންގާލީމެވެ. “ރިފް. މާޒީ އަކީ ވެ ނިމި ގޮސްފައިވާ އެއްޗެއް. ކީއްކުރަންތަ މިހާރު ހިތާމަވެރި ސަފުޙާތަކެއް އުކަނީ. ހޫން. މީނާ އާއި ހެދި މިކަން ވެސް ޚަރާބުވީނުން. މިކަހަލަ ޖާދޫ ކުރަނިވި މަންޒަރެއް ބަލަން އައިސްފައި އެކަހަލަ ވާހަކަ ދައްކަން ހެޔޮ ވާނެތަ؟” އާހިލް ދެން މަސައްކަތް ކުރީ އަހަރެން ރުޅި އަރުވާލާށެވެ.
“ކަލޯ. މީނަ ގާތު މަޢާފަށް އެދިގެން ވެސް ނެތެއްނު ވާކަށް. ދެން މަވާ ސަލާން.” އަހަރެން ތެދުވެ އަނެއް ފަރާތަށް ހިނގައިގަތީމެވެ. ފަހަތުން އޭނާ އަންނަކަން އެނގުމުން ފަޔަށް ބާރު ލައިފައި ދުއްވައިގަތީމެވެ. އާހިލް ވެސް އަހަރެން ފަހަތުން ދުވަމުން އައެވެ. އެހެނަސް އަހަރެންނަށް ވުރެ ކުރިއަކަށް ނޭރުނެވެ. އަހަރެންނާއި އަރާ ހަމަ ވެސް ނުކުރެވެއެވެ. އެހެނަސް ހުއްޓާލަން ޖެހުނީ ދުވާނެ އެހެން މަންޒިލެއް ނެތި ފަހު ހިލަގަނޑާއި ހަމައަށް އާދެވުމުންނެވެ.
“އެހާ އަވަހަށް ފިލައިގެން ދަނީތަ؟ އޯހް ވެއިޓް. ދެން ނެތެއްނު ދެވޭނެ ތަނެއް ވެސް. ހެހެހެ. ބުލޫ އައި ސްޓޯކާ ބަލިވިއްޔޯ!” އޭނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. “ޕިސްޕިސް. އެނޮއިން ކެޓް ގައިމު އަހަރެންނަށް ވުރެ ދެ އަހަރު ބޮޑު. އެކަމަކު ވެސް ތި އުޅެނީ ކުޑަކުއްޖެއް ހެން.” އަހަރެން ބޯ ހޫރާލީމެވެ.
އާހިލް ހުރެފައި އަހަރެންގެ އަތުގައި ހިފާ ގާތަށް ދަމާލައިފައި އަހަރެންގެ ދަތްދޮޅީގައި އޭނާގެ އިނގިލި އަޅުވާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ. “ދެން މިހެން އިޝްޤީ ލޯތްބެއްގަ ދީވާނާ ވެގެން އުޅޭ ޒުވާނެއް ހެން އުޅެން ވީތަ.” އޭނާ އެހިއެވެ. އެހާ ގާތުގައި ހުރުމުން އަހަރެންގެ ވިންދު އަވަސް ވެލިއެވެ. އެވަގުތު އޭނާގެ ނަޒަރު އަހަރެންގެ ފިޔާތޮށި ކުލަ އަރާ ތުންފަތަށް ދަތުރުކޮށްލިކަން އެނގުނެވެ. އެހެން ވިޔަސް އޭނާގެ ހިތެއް ނޭނގޭނެއެވެ. އެއީ އަހަރެން ތަޅުވާ ހިތުން އުޅޭ އިންސާނެކެވެ.
ކުއްލިއަކަށް އަހަރެން އޭނާގެ އަތުން ދެމިގަތީމެވެ. އައި ކޮޅަށް އަނބުރާ ދުއްވައިގަތީމެވެ. “އޭތް ރިފޫ! މަޑުކޮށްބަލަ.” އޭނަގެ ގޮވުމަށް އަހަރެން ހުއްޓި އަނެއް ފަރާތަށް އެނބުރެލީމެވެ. “މިހާރު ކިހިނެއް ވީ؟ އަހަރެން ދެކެ ލޯބިވެޔޭ ކިޔާފަ ވެސް އެ ވަރަށް ބެހެން ޖެހޭތަ؟” އަހަރެން މޫނު ކުނިކޮށްލީމެވެ. އެހެނަސް ޙަޤީޤަތުގައި އާހިލްގެ އެކަހަލަ ސަމާސާތަކުން އަހަރެންނަކަށް ރުޅިއެއް ނާދެވެއެވެ. ދެރަ ނުވާން ވެގެން ރުޅިއަންނަ ކަމަށް ހެދުނީއެވެ.
“މިއަދަކު ދެން ނުބެހޭނަމޭ.” އޭނާ ބުނެލިއެވެ. އަހަރެން ވަށައިގެން ކަޅި ހިންގާލީމެވެ. އެގޮތަށް އޭނާއާއި އެކު ބަހުގެ ހަނގުރާމައެއް ކުރަމުން ހިނގައިފައި ދިޔައީމެވެ.
ތިން ދުވަސް ފަހެވެ. އެއީ ރޭގަނޑުގެ ވަގުތެވެ. އަހަރެން ހުރީ އެޖެންޓުންގެ ސީކްރެޓް ފުލޯގައި އަހަރެމެންނަށް ދިން ކޮޓަރީގައެވެ. ހޯދުނު ހެކިތައް ސިސްޓެމޭޓިކް ގޮތަކަށް އަތުރާލާ އެންމެންގެ ޚިޔާލު ބަލައިލުމަށް ބޭއްވޭ ކުޑަ ބައްދަލުވުމެކެވެ. ހެކި ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ބެލުމަށް އައިހެވެ.
“ރިފް. ސްޓައިލިންގެ މައި ފިހާރައިންނާއި އެހެން ފިހާރަތައް ބަލައިގެން އަހަރެމެންނަށް ފެނުނީ މި އެކަނި. އެމީހުން ބޯ ބޮޑު ކަމުން އަހަރެމެންނަށް ވީ ވަރު.” ލީވާން މޭޒުމަތީގައި ބާއްވާލީ މެޕެކެވެ. ނޫނެކެވެ. ބުނަންވާނީ އެއީ ރަށެއްގެ ކުރެހުމެކޭއެވެ. އަހަރެން ވަގުތުން ފޯނު ނަގައިފައި ދިވެހިރާއްޖޭގެ މެޕުން ޒަވިޔަނި އިތާފުށީގެ ކުރެހުން ނަގައި ބަލައިލީމެވެ. ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަހަރެން އެ މޭޒުމަތީގައި އޮތް ކުރެހުމުގައި ފާހަގަ ކޮށްފައިވާ ބޮޅު މަތީ އިނގިލި ހިންގާލީމެވެ.
“މި ވާނީ އެރަށުގެ ކޮންމެވެސް ހިސާބެއްގައި ހުރި ތަނަކަށް. އެކަމަކު އެތަނުގެ ޚާއްސަ ކަމަކީ ކޮބާ ބާ. ރަށުން ވެސް އެ މީހުންގެ ކިއްލާ ތެރެއަށް ވަދެވެނީތަ؟” އަހަރެން ވިސްނުންތެރި ކަމާއެކު ބުނެލީމެވެ. “ނޭނގޭނެ ދޯ އެހެން ބުނާކަށް. ހީވަނީ ކޮންމެވެސް މުހިންމު ތަނެއް ހެން. އެކަމަކު އެތަނުގައި ތިބިހާ ބަޔަކު ހައްޔަރު ނުކުރެވެނީސް އެތަނަށް ދިއުމަކީ މޮޔަ ކަމެއް. އެ ރަށް އަހަރެމެންގެ ބާރުގެ ދަށަށް ގެނެވުނީމަ މި ތަނެއް ކޮނެލާނީ.” ބިލާލު ނަމަކަށް ކިޔުނު އެޖެންޓެއް ބުނެލިއެވެ. އޭނާގެ އެ ޚިޔާލަށް ޢަމަލުކުރަން ނިންމީމެވެ.
“މިހާ ހިސާބުން އަހަރެމެންނާ ޙަވާލު ކުރެވުނު މަސައްކަތް މި ނިމުނީ. ދެން ރަނގަޅު ވާނެ އެބަޔެއްގެ އަމިއްލަ ގުރޫޕަށް އެބައެއްގެ އަމިއްލަ މަސައްކަތް ކުރަން ދިޔަޔަސް. މި ފަހަރު އުންމީދު ކުރަނީ އެހެން ހުރިހާ ފަހަރަކުތަކާ ޚިލާފަށް މި މައްސަލަ ކާމިޔާބު ކަމާއެކު ނިންމާލަން. އަށް އަހަރު ވަންދެން ދިގުލައިގެން މި ދިޔަ ކޭހަށް ރަނގަޅު ނިމުމެއް ގެންނަން. މިހާ ހިސާބުން މި މީޓިން ނިމުނީ.” އަހަރެން އެހެން ބުނެފައި އެންމެން ދިއުމުން ނުކުތީމެވެ. އެ ޓްރައިނިން ސެންޓަރުން ވެސް ބޭރަށް ނުކުތީމެވެ.
ވިލިނގިލީގެ ސްކައި ލިފްޓަށް އެރުމާއި އެކު ދަބަހުގައި އޮތް ޓެބްލެޓަށް މެސެޖެއް އައި އަޑު އިވުނެވެ. އޭގައި ކޯޑު ބަހުރުވައިން ލިޔެފައިވާ މެސެޖު ފެނުމުން އަހަރެންގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ޑަބްލިޔު ސާރ އެމީހުންނާއި ދެކޮޅަށް ޙަރަކާތް ކުރާ ވަގުތު އަވަސް ކުރީއެވެ. އަހަރެންނަށް ވަކިން ވެސް މެސެޖެއް ފޮނުވައިފައި އޮތެވެ. އެ ކިޔާލައިފައި އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލެވުނެވެ. މުޅި ހަށިގަނޑުން ތުރުތުރު އަޅައިގަތެވެ. ދެން އަހަރެންނަށް ވާނީ ކޮން ގޮތެއް ހެއްޔެވެ؟
– ނުނިމޭ –
14 Comments!
Comments are closed.
Mi part ves v v reethi……
When next??????
Curiously waiting…..
Shukran Naikko.
next part IA thursday ga submit kohlaanan.
Really love this part ❤️
V reethi mi part ves
When next part up kurevenee???
Shukran No one 007.
IA thursday ga submit kohlaanan..
Alhey rif ah e fonuvee keekeyy???
Btw This story is very interesting
Waiting impatiently
Lyssssssm💗💗💗
When next ?
hingaa dhw balailan e message eh.
Shukran Your fav bab
thursday ga e bai submit kohlaanan IA
Alheyh rifoo men bust v thr e ??
Alhey dhera gotheh nahadhahchey….
Mi part vx varah varah reethi…
Whn next??
Ehen ves vedhaane.
Shukran nawae
thursday submit kohlaanan IA
mi part ves v reethi masha allah
curiously waiting for next part
keep it up
rifga and aahil gulhuvachey
hiyaan and naaz ves dhuru nukurachey
they both are made for each other
alhe heyonuvaane rif ah gotheh nuhadhachey
aahil and rif marry kuruvaa
v intresting story eh
v kiyaala hithun kiyani
i appreciate your hard work
love you fav author
Shukran cutie girl
Oops!!
I forgot to say congratulations to nail and rawan!!!!
Now they are married
Hehhehhee….
yeah, they got married.
Shukran Your fav bab
Vara curious koh laafa thi ninmaali
Vara reethi mi part ves
When is next part?
Love it ❤️❤️❤️
Shukran Lara.
IA tmr i’ll submit