
ފޮހެވޭނޭ ބާއޭ… 3
އިޒްކާން ގޮސް އެނދަށް ވެއްޓިގަތުމާއެކު ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނަގެ މޫނުމަތިން ފާޅުވަނީ މާޔޫސްކަމެވެ. ދެލޮލުގައި ނުފިލާ ރިހުމެއް ވެއެވެ. އޭނަ ދިގު ނޭވާތަކެއް ލަމުން ދިޔައެވެ. އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަންފެށީ ލޯކުރިމަތިން ސިފަވާން ފެށި މަންޒަރުތަކުންނެވެ. އިޒްކާން ކުއްލިޔަކަށް އެނދުން ތެދުވުނެވެ. އޭނަގެ ކެތްތެރިކަން ކޯޅުންލާ ހިސާބަށް ގޮސްފިއެވެ. އޭނަ ކުރަމުން މިދާ ދިގު އިންތިޒާރަށް ދުވަހަކުވެސް ނިމުމެއް ނެތީ ބާވައެވެ؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އޭނަގެ ހިތަށް ލިބެމުންދާ ޒަހަމްތައް ފުންވެ ވޭންތައް ބަރުދާސްތުނުކުރެވޭ ހިސާބަށް ގޮސްފިއެވެ. މީހުންގެ ތެރޭގައި ކިތަންމެ ހަރުކަށި މީހަކަށް ހެދިގެން އުޅުނުކަމުގައި ވިޔަސް އެކަނިވުމުން މީހާގެ ނާޒުކުކަން އިހްސާސް ކުރެވެއެވެ. އޭނަ އެވަނީ ހާއްސަ ފަރާތެއްގެ އެހީއަށް ފެންބޮވައިގަނެފައެވެ. ނަމަވެސް ބޯމަތިކުރަމުން ދިޔަ ނާއުއްމީދުގެ ވިލާތައް ކޮންމެ ސިކުންތަކާއެކު ބޯވަމުން ގޮސް އިރުގެ އައްޔަށް ދަތުރުނުކުރެވޭވަރަށް ބައްދާލައިފިއެވެ. އޭނަ ލޯހުޅުވާލާއިރަށް މަންޒަރު ބަދަލުވެގެން ދާނެނަމަ ކިހާ ރަގަޅު ހެއްޔެވެ؟
”އައި ނީޑް ޔޫ….” އިޒްކާން އަސަރާއެކު ދެލޯމަރާލިއެވެ. އެއާއެކު ލޮލުން ވެއްޓުނު ކަރުނަތައް ދިގުވަމުން ދިޔަ ތުނބުޅީގެ ތެރެއަށް ނިމިގެން ދިޔައެވެ. މެރިގެން ދިޔަ އެސްފިޔަތަކުގެ ތެރޭން ކުރެހިގެން ދިޔަ ރީތި ސޫރައިން އެތުންފަތްމައްޗަށް ފަޅި ސިކުންތުކޮޅަކަށް ވިޔަސް ހިނިތުންވުމެއް ވެރި ކުރުވިއެވެ.
****
ހެނދުނުގެ ނާޝްތާއަށް ފަހު ޔަޝްމް ފިޔަވާ އެންމެން ދިޔައީ އެއާރޕޯޓަށެވެ. ޒައުމާ ގާތު ބަހަނާއެއް ދެއްކުމަށްފަހު ޔަޝްމް ގޭގައި މަޑުކުރިއެވެ. ފުރަތަމަ ޔަޝްމް ހީކުރީ ޒައުމާ ގަދަކަމުން ވެސް އޭނަ ގެންދާނެ ކަމަށެވެ. ނަމަވެސް އޭނަ ބުނާއިރަށް އެކަމާ ދެކޮޅު ނުހެދުމުން ޚައިރާންވެސް ވިއެވެ. ފަހަރެއްގައި ބަލްޤީޝް އައުމުން މަންމައަށް އަންނަ ބަދަލުތައް ކަމަށް ވެސް ވެދާނެއެވެ.
ޔަޝްމް ބޭނުންވީ ނިދާލާށެވެ. މިދުވަސްކޮޅު އޭނައަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވެއެވެ. އަލަފްގެ އުނދަގޫ އެހާމެ ބޮޑެވެ. ފޯނު ނިއްވާލާފައި އޮތަސް ލޭންޑްލައިނަށް ގުޅައިގެން ވިޔަސް އޭނައާއި ވާހަކަ ދައްކަން މަސައްކަތްކުރެއެވެ. އަލަފްއަށް ގޭގެ ނަންބަރު ލިބުނު ގޮތެއް ވެސް އޭނަ ވިސްނާ ވިސްނާ ނޭގުނެވެ.
ނިދަން ކިތަންމެ ގިނަ މަސައްކަތެއް ކުރިމަކުގައި ވިޔަސް ނިދި ވަނީ އޭނައާ ރުޅިވެފައެވެ. އޭނަގެ ސިކުނޑިވަނީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ވިސްނަން ޖެހޭ އެތައް ކަމެއް ވަނީ ފުނިޖެހިފައެވެ. ދެއަތަށް ފުރޮޅިލަމުން ގޮސް އެންމެފަހުން އޭނަ ތެދުވެއްޖެއެވެ.
ޔަޝްމް ބަގީޗާއަށް ނިކުންނަމުން ގޮސް ހުއްޓުނީ މަސްފެންގަނޑު ކައިރިއަށެވެ. ކުލަކުލައިގެ މަސްތައް ބާނީތައް ލައްވަމުން ފެންގަނޑުގެ ތެރޭގައި ދުވެލާ މަންޒަރު ބަލަން ހުއްޓާ، ފެންގަނޑުގެ ތެރެއަށް އެޅިގެން ދިޔަ ސޫރައިން މުޅި މީހާ ފިނިވެއްޖެއެވެ. އޭނަ ދެތިންފަހަރު އެސްފިޔަ ޖަހާލީވެސް އެމަންޒަރު ބަދަލުވެދާނެކަމަށް ހިތާއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އެއާއެކު ބޭއިޚްތިޔާރުގައި އޭނައަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އެއާއެކު މަސްފެންގަނޑުގެ ތެރެއަށް އޭނަ ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ. އަލަފް އޭނަގެ ހަށިގަނޑުގައި ހިފަން އުޅުމުން ޔަޝްމްއަށް އަލަފްގެ އަތް ފޮޅުވާ ލެވުނެވެ. އޭނަ ހުރީ ބިރުވެސް ގަނެފައެވެ. މުޅިތަނަށް އަވަސް ނަޒަރެއް ދެވުނެވެ. އަލަފް އައީ ކޮން އިރަކު ހެއްޔެވެ؟
”ކަލޭ މިގެއަށް ވަނީ ކިހިނެއްތަ؟…” ޔަޝްމްއަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. އަލަފްއަށް ގޭޓުގެ ކޯޑް އެނގުނީ ކިހިނެއް ހެއްޔެވެ؟ ގެއިން ކޮންމެވެސް އެކަކު އަލަފްއަށް އެހީވާކަން ޔަޤީނެވެ. ނަމަވެސް ކާކު ހެއްޔެވެ؟
”ލީލާ…” އޭނަ ބާރުބާރަށް ލީލާއަށް ގޮވަން ފެށިއެވެ. ގޭގައި މިވަގުތު ތިބީ އޭނައާއި ލީލާ އެކަންޏެވެ. ލީލާ އޭނަގެ ސަލާމަތަށް އައިސްދާނެކަމަށް އުއްމީދުކުރެވުނެވެ. އެހެނަސް ލީލާގެ ޚަބަރެއް ނުވިއެވެ. އޭނަ އެހާ ބާރަށް ހަޅޭއްލެވިއިރު ވެސް އަޑު ނީވެނީ ހެއްޔެވެ؟
އަލަފް ހުރީ ސީދާ ޔަޝްމްގެ މޫނަށް ބަލާށެވެ. އެދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. އޭނަ ޔަޝްމް ގާތަށް ދާން ކުރިއަށް ޖެހިލައިފިއެވެ.
”ވައި ކާންޓް ޔޫ އަންޑަސްޓޭންޑް!….” އަލަފް ކުރިއަށް ޖެހިލުމާއެކު ޔަޝްމްއަށް ތެޅިގަނެވުނެވެ. އަލަފް އޭނަގެ ހަށިގަނޑުގައި އިނގިލިކުރިން ވެސް ބީހެން އޭނަ ބޭނުމެއް ނޫނެވެ.
”ނުކުމޭ މިގެއިން!…” ޔަޝްމް އޭނަގެ އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތްކުރިއެވެ.
”ޔަޝްމްއަށް އަހަރެން ވިސްނައިދޭން މިއުޅެނީ ހާދަ ލޯބިންނޭ، އެކަމަކު ކީއްވެގެންތަ ނުވިސްނެނީ، އަހަންނަށް ކުށެއް ކުރެވުނު އެކަމަކު އެއީ މާފްނުކުރެވޭވަރުގެ ކުށެއްތަ؟ މާފަށް އެދެންވީ ކިތައް ފަހަރުތަ؟ ….” ޔަޝްމްގެ އެއްވެސް އިންޒާރަކަށް އަލަފް ބިރުނުގަންނާނެކަން ޔަޝްމްއަށް އެނގުނީ އެދެލޮލުގައި ވި ވިދުވަރަކުންނެވެ. ހީވަނީ ސިންގާއެއް އޭގެ ޝިކާރައަކަށް ބަލާހެންނެވެ.
”އަތްނުލާތި…” ޔަޝްމް ކިތަންމެ ވަރަކަށް ގަދަ ހެދިކަމުގައި ވިޔަސް ބާރުގަދަ ފިރިހަނެއްގެ އަތްދަށުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އޭނަ ބޮޑަށް ބިރުގަތީ އޭނަގެ ސަލާމަތަށް މިފަހަރު އަންނާނެ މީހަކު ނުވީމައެވެ. ޔަޤީނެވެ. މިފަދަ ފުރުސަތަކަށް އަލަފް ދިޔައީ ފާރަލާ ބަލަމުންނެވެ.
”ޔުމް އަހަންނަށް ފޯސްކުރަނީ ކީއްވެގެންތަ އަހަރެން ބޭނުންނުވާ ކަންތައް ކުރަން؟ ޔުމްއަށް އިނގޭނެ އަހަރެން ޔުމްއަށް އަނިޔާކުރަން ބޭނުންނުވާކަން….” އަލަފް އިސްޖަހާލައިގެން ހުރި ޔަޝްމްގެ ކޮލަށް ފިތާލިއެވެ. އޭރުވެސް އަލަފްގެ އަތްދަށުން ސަލާމަތްވާން ޔަޝްމް ގަދަ ހެދިއެވެ.
”ދޫކުރާށޭ!….” ޔަޝްމްއަށް ސިފަވަމުން ދިޔައީ އޭނަގެ ގަޔަށް ވިހަގަދަސޫއްޕެއް ކަށި ހަރާހެންނެވެ. އަލަފްގެ ކޮންމެ ބީހުމަކުން އޭނައަށް ލިބެނީ ވޭނެވެ. އެއްޒަމާނެއްގައި އެބީހުންތަކަށް ކެތްތެރިކަން ކުޑަވެފައި ވީނަމަވެސް މިހާރު އެބީހުންތައް އޭނައަށް ވެފައިވަނީ ސަޒާއަކަށެވެ. ޔަޝްމްއަށް ރޮވޭގޮތް ވިއެވެ.
”ޔުމްގެ ހަށިގަނޑުގައި ބީހެން ހުއްދަ ދެވިފައިވަނީ އެ މީހާއަށް އެކަނިތަ؟….” އަލަފް އެދެމެދުގައި ވި ދާއިރާ އިތުރަށް ހަނިކުރަމުން ދިޔައެވެ. ޔަޝްމްގެ ދެލޮލުގައި ބޮޑެތިކަރުތައް ވިދައިގަތެވެ. އަލަފްއާ އޭނަ ކުރަމުން ދިޔައީ ކުރިނުލިބޭނެފަދަ ހަނގުރާމައެކެވެ.
”ޖަވާބު!…” އަލަފްގެ ހޫނު ނޭވާތަކުން ޔަޝްމްއަށް އުނދަގޫވިއެވެ. ހަތަރެސްފައި ވެސް ފިނިވެއްޖެއެވެ.
”ޖަވާބު ދޭށޭ!…” ޔަޝްމް ސިއްސައިގެން ދިޔައެވެ. އަލަފް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނަ ޔަޝްމް ބޭނުމެވެ. ޔަޝްމް ކައިވެނި ކުރަން އުޅޭ ޚަބަރަ ލިބުނުފަހުން އޭނައަށް ހަމަނުދި ނުލިބެއެވެ. ޔަޝްމް ދޫކޮށްލެވުނު ކަމުގެ މޮޔަ ހީވެއްޖެއެވެ.
”އާނ، އޭނައަށް އެކަނި އެހުއްދަ ލިބިފައި ވަނީ… އަހަރެން ލޯބިވަނީ ވެސް އޭނަ ދެކެ! އަޑު އިވިއްޖެތަ؟…. ތީ މިހާރު އަހަރެންގެ ހަޔާތުން ފޮހެލެވިފައިވާ ބައެއް، އެ ޔޫސްލެސް ޗެޕްޓާރ!… ބުނެފީމެއްނު ދޫކުރޭ….” ޔަޝްމްގެ އަޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ.
ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ޔަޝްމް ހުރީ އަލަފްގެ މޫނަށް ނުބަލަން ހުވާކޮށްގެންނެވެ. ނަމަވެސް އަލަފް ރުޅިއައިސްފައި ހުރިކަން އޭނައަށް އިހުސާސްވަމުން ދިޔައީ އަލަފް އޭނަގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލުމުންނެވެ. ހީވީ ކަށިތައް ވެސް ފުނޑުފުނޑު ކޮށްލަފާނެ ހެންނެވެ. އަލަފް ކުއްލިޔަކަށް ޔަޝްމް ކޮށްޕާލުމުން އޭނަ ވިއްސައިގެން ގޮސް ވެއްޓުނީ މަސްފެންގަނޑުގެ ތެރެއަށެވެ. ލިބުނު ސިހުމާއެއްވަރަށް އޭނަގެ ހިތަށް ބިރުވެރިކަން ފޭދިގެން ދިޔައީ އަލަފްގެ މޫނަށް އޭނަގެ ނަޒަރު ހުއްޓުމުންނެވެ. ޔަޝްމްއަށް ހަރަކާތެއް ވެސް ގެންނަން ނޭގުނެވެ. އުނަގަނޑުގައި އުފެދިފައިވާ ރިހުން ވެސް އޭނައަށް އިހުސާސް ނުކުރެވުނެވެ.
”އަހަރެންގެ ފަރާތުން ސަލާމަތްވެވިދާނެ ކަމަށް ހީކުރީތަ؟… ދުވަހަކު ތިކަމެއް ނުވާނެ!…. އަހަންނަށް އެނގޭ ޔަޝްމް ތިކައިވެންޏާ ޤަބޫލުވީ ސަބަބުވެސް….” އަލަފް ގުދުވެލިއެވެ. ޔަޝްމް އޮތީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަލަފް ސާތިބުކޮށްދޭން އެއުޅެނީ ކޯޗެއް ހެއްޔެވެ؟ އޭނަ ވީ ލޯބީގައި ކޮޅުފައިން ޖަހާފައި އޭނަގެ ޚަޔާތަށް ދެވަނަ ފަހަރަށް އަލަފް އައިސްފައި ވަނީ ބިރުވެރި ހިޔަންޏެއްގެ ސިފައިގައެވެ. އެ ހިޔަނި އޭނަގެ ހަމަޖެހުން ނަގާލައި އޭނަގެ އުފާވެރިކަން ވެސް ފޭރިގެންފިއެވެ. އޭނަ އުޅެން ޖެހިފައި ވަނީ ބަންދުވެފައިވާ ކޮށްޓެއްގައެވެ.
ޔަޝްމް ނޭވާ ހިފަހައްޓާލައިގެން އޮއްވާ އަލަފް އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން އޭނައަށް ބަލަލީ އިންޒާރުގެ ނަޒަރަކުންނެވެ. އަލަފް ކުރިއަށް ހިނގައިގަތުމުން ޔަޝްމްއަށް އޭނަ އޮތް ހާލު ވިސްނުނެވެ. ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ނިކަން އަވަހަށް އޭނަ ފެންގަނޑުގެ ތެރެއިން ތެދުވެލިއެވެ. އެއާއެކު އުނަގަނޑަށް ތޫނު ރިހުމެއް އަރައިގެން ދިޔައެވެ. ޔަޝްމްއަށް ރޮވުނެވެ.
****
ފެންވަރާލައިގެން އައިސް ޔަޝްމް އިނީ ބޮޑުކޮޓަރީގައި ޓީވީބަލާށެވެ. ޓީވީއަށް އޭނަގެ ނަޒަރު ހުއްޓާލައިގެން އިން ކަމުގައި ވިޔަސް އޭނަގެ ސަމާލުކަން އަތުލާފައިވަނީ އަލަފް އޭނައަށް ދިން އިންޒާރެވެ. އެންމެފަހުން ބޮލުގައި ރިއްސަން ފެށުމުން ޔަޝްމް ނިންމީ އެހާދިސާ އަމަލްއާ ހިއްސާކުރާށެވެ. އޭރުން އޭނައަށް ކުޑަ ލުޔެއް ލިބިދާނެއެވެ.
ޔަޝްމްގެ ސަމާލުކަން ކާކޮޓަރީގައި ތަށިތައް އަތުރަން އުޅުނު ލީލާއަށް ހުއްޓުނީ އޭނަ ކާކޮޓަރިއަށް ވަނުމުން ލީލާގެ އަތްމަތި އަވސްވެގެން ދިޔަތަން ފެނިފައެވެ. ޔަޝްމް އައިސްއަރަމާލި ހުޅުވާލަމުން ފެންފުޅިއެއް ނެގިއެވެ. އޭނަ ލީލާއަށް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. ލީލާ ތަށިތައް އަތުރާލާފައި ގޮސް ބަދިގެއަށް ވަދެގެން ދިޔައެވެ.
”އަހަންނަށް ޔަޤީން އެލީލާކަން އަލަފްއަށް އެހީވަނީ، އެހެންނޫނަމަ އަހަރެން ދާހާ ތަނަކަށް ދާކަށް އަލަފްއަށް ނޭގުނީސް، އަހަރެން ހަޅޭއްލެވީމަވެސް ދެނެހުރިކަމަށް ހާދަނުލާ ހުރީ….” ޔަޝްމް ތަށްޓަކަށް ފެން އަޅާލިއެވެ. ޚިޔާލަކަށް ގެއްލިފައި ހުރި ޔަޝްމް ސިއްސައިގެން ދިޔައީ މަންމަ އޭނައަށް ގޮވާލުމުންނެވެ. ފެންފުޅި އަތުން ދޫވެގެން ގޮސް މާރބްލްސް މަތީ ޖެހުމާއެކު ތަޅައިގެން ހިނގައްޖެއެވެ. ބިއްލޫރިކޮޅުތަކުން ސަލާމަތްވާން ޔަޝްމްއަށް އައިސްއަލަމާރިއާ ދިމާއަށް ޖެހިލެވުނެވެ.
”އަހަރެން ސާފުކޮށްލާނަން…” އެއްޗެއް ތަޅައިގެން ދިޔަ އަޑަށް ބަދިގެއިން ނިކުތް ލީލާއަށް ބުނެވުނެވެ. އޭރު ޔަޝްމް އުޅުނީ ބިއްރޫލިކޮޅުތައް ސާފުކުރާށެވެ. ޔަޝްމް ލީލާ ބުނިއެއްޗަކަށް ސަމާލުކަމެއް ނުދިނެވެ. އޭނަ ހުރީ ލީލާ ދެކެ ރުޅިއައިސްފައެވެ. ލީލާއަށް އެހީވާކަށް ނުކެރުނެވެ. އޭނަ ހުރީ ޔަޝްމްގެ ފަރާތުން ފެންނަމުން ދިޔަ ރުޅިވެރިކަމުން ބިރުގެންފައެވެ. އޭނަ ހުރި ފިޔަވަޅުމަތީ ގުޑިލާން ނޭގިފައި ހުއްޓާ ޒައުމާގެ އަޑު އިވިގެން ދިޔައެވެ. ބިއްލޫރިކޮޅުތައް ސާފުކުރަން އުޅުނު ޔަޝްމް ވެސް ޒައުމާގެ އަޑަށް ސިހުނެވެ.
”ޔަޝްމް އާދެބަލަ މަންމައާއެކު، ލީލާ އެތަން ސާފުކުރޭ….” ޒައުމާ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ވަގުތާއި ހާލަތަށް ބަލާފައި އެކަން މާބޮޑުކަމަކަށް ނުހެދިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ޔަޝްމް މަންމަގެ ފަހަތުން ހިނގައިގަތް އިރު ލީލާގެ މޫނުމަތި ހުދުވެފައިވާތަން ފެނުނެވެ.
ޔަޝްމް މަންމަގެ ފަހަތުން ގޮސް ބޮޑުކޮޓަރިއަށް ވަނެވެ. އޭރު ސޯފާގައި ނުދަންނަ ޒުވާނަކު އިށީންދެލައިގެން އިންތަން ފެނުނެވެ. އެޒުވާނާ އިޒްކާންއާއި ވަރަށް ބޮޑަށް ވައްތަރެވެ. ހަމައެކަނި ތަފާތަކީ އިސްކޮޅެވެ. ޔަޝްމްގެ ސަމާލުކަން އެންމެ ބޮޑަށް އަތުލީ އެޒުވާނާގެ މަގަތުގައި އިން އަންހެންކުއްޖާއެވެ. އެކުއްޖާގެ ހެދުން އެޅުމުގެ ވައްޓަފާޅި ފެނިފައި ވެސް ދެލޯބޮޑުކޮށްލެވުނެވެ. ކަރުބޮޑު ޓޮޕްކޮޅަކާއި ފަލަމަސްގަނޑާހަމައަށް އަންނަ ވަރުގެ ޖިންސެއްގައި އިންއިރު ހަށިގަނޑުގެ ވަނާތައް ވަނީ ހާމައަށެވެ. ޔަޝްމް ފުރަތަމަ ހީކުރީ އެއީ ބޭރުކުއްޖެއް ކަމަށެވެ.
”ޔޫޝައު….” ޒައުމާ އެޒުވާނާ ތަޢާރަފްކޮށްދިނެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ޔޫޝައު ސޯފާއިން ތެދުވެލަމުން ސަލާމްކުރަން އަތްދިއްކޮށްލިއެވެ. ޔަޝްމް ކުޑަ ހިނިތުންވުމަކާ އެކު ޔޫޝައުގެ އަތުގައި ހިފިއެވެ.
ޔޫޝައު އޭނަގެ އަތްތިލަ ގެނެސް ޖިންސްގެ ޖީބަށް ކޮށްޕާލިއެވެ. އެއަށްފަހު ޒައުމާއަށް ވުރެ ކުރިން ޔޫޝައު އެއަންހެންކުއްޖާ ތަޢާރަފްކޮށްދިނެވެ.
”މައި ވައިފް ދީމް…” ޔޫޝައު ބުންޏެވެ. ދީމް އިނީ ޔަޝްމްއަށް ކަޅިއަޅާލައިގެންނެވެ. ޔަޝްމް ހުރީ ހިނިތުންވެލަން ވެސް ނުކެރިފައެވެ. ދީމް އޭނަ ދެކެ ރުޅިއައިސްފައިވާކަން އެމޫނުމަތިން ފާޅުވެއެވެ. އެކަމުގެ ސަބަބެއް އޭނައަކަށް ނޭގުނެވެ. ޔޫޝައުގެ އަތުގައި ހިފުމުން ބާވައެވެ. އެއާއެކު ކުށްވެރި އުހުސާސްތަކެއް ވެސް ކުރެވުނެވެ.
ދީމް ނިކުމެގެން ދިޔައީ ބޭރަށެވެ. އޭނަގެ ފަހަތުން ޔޫޝައު ވެސް ބޭރަށް ނިކުތެވެ. އެމަދު ވަގުތުކޮޅުގެ ތެރޭގައި ވެސް ޔޫޝައު ދީމް ދެކެ ވާ ލޯބި ޔަޝްމްއަށް އަންދާޒާ ކުރެވުނެވެ. އޭނަ ދެކެވެސް އެފަދަ މަތިވެރި ލޯތްބެއް ވާނެ ބައިވެރިޔަކަށް ހާދަ ވަރަކަށް އިންތިޒާރު އެބަކުރެވެއެވެ. އޭނައަށް ދުވަހަކު އެނަސީބު ލިބޭނެ ބާވައެވެ.
ބަލްޤީޝް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއާ އެއްވަރަށް ނުތަނަވަސްކަން ވެސް އެލޮލުގައި ވެއެވެ.
ދީމް ފެނުނީއްސުރެ ޒައުމާގެ ބޮލުގައި ވަނީ ރިއްސާލާފައެވެ. ލާފައި ހުރި ހެދުން ފެނިފައި ވެސް އޭނަ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަ ނިންމީ ފަހުން އެކަމާ ގުޅޭ ގޮތުން ބަލްޤީޝްއާ ވާހަކަ ދައްކާށެވެ. ޔޫޝައުއަށް އެކަން މާބޮޑު ކަމަކަށް ނުވާތީ ވެސް އޭނަ އަޖައިބުވިއެވެ.
އިޒްކާން އެތާނގައި ނެތްކަން ޔަޝްމްއަށް ފާހަގަ ކުރަން އިރުކޮޅެއް ނެގިއެވެ. ފަތިހުގެ ހާދިސާއަށް ފަހު އޭނަ ހުންނަނީ ޝައްކެއްގެ މަތީގައެވެ. ”މިޝްޔާ އަކީ ކާކުތަ؟ ހިޒް ގާރލްފްރެންޑް؟ އަޅެ ބަލްޤީޝް ދައްތަމެންނަށް ވެސް ނޭގެނީތަ؟… ބަލާފަ ހީވެސް ނުވޭ އިޒްކާން އެހާ މަކަރުވެރި ވެދާނެއެކޭ…. އަހަންނަށް ކީއްތަ އޭނަ ސަތޭކަ މީހުންނާ ރައްޓެހިވެގެން އުޅުނަސް؟…” ޔަޝްމް ދެފަރާތަށް ބޯހޫރާލަމުން ސޯފާގައި އިށީނެވެ. އޭނަ ނިންމީ އިޒްކާން އަކީ ”ޕްލޭއި ބޯއި” އެއް ކަމަށެވެ.
ބަލްޤީޝް ނުހަނު ގަޔާވެފައި އިނދެ ޔަޝްމްއާ ވާހަކަ ދެއްކިއެވެ. ފުރަތަމަކޮޅު ލަދުން އިންކަމުގައި ވިޔަސް ފަހުން އައިސް ޔަޝްމް ވާހަކަ ދެއްކީ ޖެހިލުންވުމެއް ނެތި އެވެ.
ބަލްޤީޝްގެ ފަރާތުން ޔޫޝައު އާއި އިޒްކާންއައީ އެއްމާބަނޑު ދެބޭންކަން އެނގުނެވެ. ބަލްޤީޝް ދިހަ އަހަރުވަންދެން ކުރި ދިގު އިންތިޒާރަށް ނިމުން އައި ގޮތް އޭނަ ކިޔައިދިންއިރު ލޮލުގައި ކަރުނަތައް ބަބުޅައެވެ. ޔޫޝައު އާއި އިޒްކާން އަކީ އެހިތުގެ ވިންދެވެ. އެތައް އަހަރެއް ވަންދެން އޭނަ ކުރި ދިގު އިންތިޒާރުގެ މީރު މޭވާއެވެ. ދެބެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން އޭނަ ނުކުރާކަށް މަސައްކަތެއް ނޯންނާނެއެވެ.
****
”ބޭބީ ރުޅިފިނިކޮށްބަލަ…” ބާރު ފިޔަވަޅުތަކެއްގައި ދިޔަ ދީމްގެ އަތުގައި ޔޫޝައު ހިފެހެއްޓިއެވެ. އެއާއެކު ދީމްގެ އަތުގެ ހޫނު އެތިފަހަރެއް ޔޫޝައުގެ ކޯތާފަތަށް އަމާޒުވިއެވެ. ކޯތާފަތުގައި ފިރުމާލަމުން ޔޫޝައު ދީމް އާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނަ ރުޅިއައިކަމުގައި ވިޔަސް ބޭރުފުށުން އެކަން ނުދައްކާވޭތޯ މަސައްކަތްކުރިއެވެ.
”ޔޫޝައު ޖެހޭތަ އަހަރެން މިތަނަށް ގެންނަން؟… އަހަރެން ނަޔަސް މިކައިވެނީގެ ހަފްލާ ކުރިއަށް ދާނެ….. އަހަރެން ބޭނުމީ ހަމަމިހާރު މާލެ ދާން…..” ދީމް ހަޅޭއްލަވައިގަތެވެ. ޔޫޝައުއަށް މުޅިތަން ހޯދާލެވުނެވެ. އޭނަ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ ފެންނަ ހިސާބުގައި މީހަކު ނެތުމުންނެވެ.
”ބޭބީ….”
”ކޮން ބޭބީ އެކޭ ކިޔާކަށްތަ؟ މަ ބުނި ކަންތައްކޮށްދޭންވީ… މަ ބޭނުމެއް ނޫން އެއިޒްކާންގެ އުފަލުގަ ބައިވެރިވާކަށް، އެކަން އެންމެ ރަގަޅަށް އިނގޭނެ އެކަކަކީ ޔޫޝައު، ދެން ކީއްވެ މިތަނަށް އަހަރެން ގެނައީ؟…… އިޒްކާންއަށް ދުވަހަކު ރަގަޅު ގޮތެއް މިންވަރު ނުކުރެއްވިއްޔާ އަހަންނަށް ރަގަޅީ……..” ދީމް ޔޫޝައުގެ ޖުމްލަ ހުއްޓުވިއެވެ. އޭނަ ހުރީ ރުޅި އައިސް ރަތްވެފައެވެ. އެހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ވެސް އެކުލެވިގެން ވެއެވެ.
ޔޫޝައު ކިތަންމެ ވަރަކަށް ކެތްކުރިކަމުގައި ވިޔަސް ބޭބެއާއި ބެހޭގޮތުން ދީމް ދެއްކި ވާހަކަތަކުން ފުރަތަމަ ފަހަރަށް އަތް އިސްކުރަން މަޖުބޫރުވިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ދީމް ވިއްސައިގެން ނުދިޔައީ ވެސް ހަމަ ކިރިޔާއެވެ. ކަންފަތް ބައްވެ ޔޫޝައު ބުނި ޖުމްލަ އޭނައަށް ސާފު ވާގޮތެއް ނުވިއެވެ. ކޯތާފަތުގައި ފިރުމާލަމުން ދީމް ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު ޔޫޝައު އާ ދިމާއަށް ދުލަށް އައިހާ އެއްޗެއް ކިޔަމުން ގޮސް ގޭޓުން ބޭރަށް ނިކުމެއްޖެ އެވެ.
ޔޫޝައު ދީމްގެ ފަހަތުން ދިޔައެވެ. ބީރައްޓެހި ރަށަކަށް ދީމް އެކަނި ދޫކޮށްލާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. އަނެއްކޮޅުން އަތް އިސްކުރެވުމުން އޭނަ އެކަމާ މެދު އިންތިހާއަށް ދެރަ ވިއެވެ. އަމިއްލަ ނަސުފު ދެކެ ރުޅި ވެސް އާދެވުނެވެ.
(ނުނިމޭ)
16 Comments!
Comments are closed.
Salhii theeethii
mibaivx vrh vrh vrh reethi… 😉 nd dhigu v ma hama bst 😀 dhn kon irakun 4th prt? bst of luck 🙂
v. reethi
muthaa ge story thah varah reethi. Waiting for the nxt part.
Vvvvvvvvv reethi ???love this story❤️❤️❤️❤️❤️dhen konirakun 4th part……waiting……
V hadi
Hadi vyma nukiyaany. E nimuny. Konhaa faadeh kiyaakah. Amihllayah vaahaka liyeba. Huri fenvareh engidhaane
Haadha kurey
Mi kureh nun. Rangalhu
Varah reethi mi bai ves, thnx avahah up kurima
v..reethi story eh
I just luved it.v habeys.kn irakun nxt part???:-)
v v v v v intresting. vvv lovrly story . waiting for the next part.
v v v reethi…<3
interesting….. kriyah huri baithakah inthizaaru kuran…. 🙂
heevani my life ah hadhaafa oii story eh hen.. salhi anehbai kiyaalaanan