ޙަޤީޤަތް ހޯދުމޭ 22
އަހަރެންނާއި ނައިލްގެ އެއްޗެހި ގެނެސްފައި އެންމެ ފަހުން ގެނައީ އާހިލްގެ ފޮށްޓާއި ދަބަހެވެ. އިތުރު އެހެން އެއްޗެއް އެތަނުގައި ބޭއްވިފައި އޮވެދާނެ ކަމަށް ހާވާލި ވަގުތު އެނދުގެ ކައިރީގައި އޮތް ފޮޓޯ ފްރޭމެއް ފެނުނެވެ. އެ ފޮޓޯ ލޯގަނޑު ނަގާ ބަލާލި ވަގުތު އަހަރެންގެ މޫނު މައްޗަށް ރޫގިނަވެގެން ދިޔައެވެ. ހިންދިރުވާލެވުނެވެ. އޭގައި އިން އަންހެން މީހާގެ ދެލޯ ފެނިފައެވެ. އެއީ އާހިލް ހުންނަ ކަހަލަ ކަޅު ކަޅު ކަޅިއެކެވެ. ކަޅު ކުލައިގެ ޝޯލްއެއްގެ ތެރެއިން އެ ދޮން މޫނު ފެންނަލެއް ނުހަނު ޗާލެވެ. މޫނުމަތިން އާހިލާއި ވަރަށް އެއްގޮތެވެ. ހަމަ އެ ހިތިފަތުބުމަ އާއި ރަތް ތުންފަތެވެ. ހީނލާއިރު ދެކޮލަށް އަޑިކޮޅެއް އެޅިފައެވެ. މިއީ އޭނާގެ ދައްތަ ނުވަތަ ކޮއްކޮ ހެއްޔެވެ؟ ނޫނީ މަންމަ ހެއްޔެވެ؟ މިއީ އޭނާގެ މަންމަ ކަމަށް ވާނަމަ މި ފޮޓޯ ނަގައިފައި ވާނީ ވަރަށް ކުރިންނެވެ. އެއީ އޭގައި އެ އަންހެންމީހާ ހީވަނީ ވިހި އެކާވީސް އަހަރުގެ މީހެއް ހެންނެވެ. ގައިމު ވެސް މި މީހަކު އުޅެނީ އާހިލް އާއި އެކުގައެއް ނޫނެވެ. މި މީހާ ވީ ކޮންތާކު ހެއްޔެވެ؟ އެނގޭނީ އެ އާހިލް ސޮރު ގާތު އަހައިގެންނެވެ.
އެ ފޮޓޯގަނޑު ބޭއްވީ އަހަރެންގެ ކޮޓަރީގައެވެ. އެއީ އެ ދެ ކޮޓަރީގެ ތެރެއިން ކުޑަ ކޮޓަރިއެވެ. އެ ދެ ފިރިހެނުންނަށް ބޮޑު ކޮޓަރިއެވެ. އަހަރެން ފޯނު ނަގާ ބަދަލުވީ ވާހަކަ މެސެޖުން އެ ދެ މީހުންނަށް އަންގާލީމެވެ. ނޭނގޭނަމަ އެމީހުން ކުރިން އުޅުނު ތަނަށް ވެސް ގޮސްފާނެއެވެ. އެތަނަށް ނުވަދެވިގެން އެ ވާހަކަ ހިފައިގެން ހޮޓެލް މެނޭޖްމަންޓާއި ހަމައަށް ވެސް ހިނގައިދާނެއެވެ. އޭރުން މަޖާ ވާނެއޭ ހިތަށް އެރިއެވެ.
އެ ހުރިހާ ކަމެއް ކޮށް ނިމުނު އިރު އިޝާ ވެގެން ހިނގައްޖެއެވެ. ފާޚާނާ ކޮށްލައިގެން އަހަރެން އުޅުނީ ބޭރަށް ދާށެވެ. އާހިލް ސޮރު ކުރާ ކަމެއް ބަލާށެވެ. ދާން ޖެހޭނީ ޖިމަށެވެ. ހޮޓެލަށް ނައިސް އެ ކުރާ މަސައްކަތެއް ބަލާށެވެ. ހުޑީގެ ހުޑް ބޮލުގައި އަޅާލާ ވާފަށަށް ބާރުކޮށްލަމުން އަހަރެން ހިނގައިގަތީ ކޮނޑުގައި ދަބަހެއް އަޅުވާލައިގެންނެވެ. ޖިމު ހުންނަ ތަން އެނގޭތީ އަހަރެން އެތަނަށް ދިޔައީ ދުވެލައިފައެވެ. މިއަދު އަދި ނުދުވެވޭ ވިއްޔާއެވެ. ޑަބްލިޔު ސަރ އަށް އެކަން އެނގިއްޖިއްޔާ އަހަރެން ކަތިލާނެއެވެ.
ޖިމާއި ހަމައަށް އާދެވުމުން އެތަނުގެ ތެރެއަށް ވަނީމެވެ. ލާރި ދައްކައިގެންނެވެ. އަހަރެން މަސައްކަތްކުރީ އެތަނުން ޝަފަޤު ފެނޭތޯއެވެ. އެތަނުގައި ވައި ކުޅަނދުރެއް ހެން އެނބުރެނިކޮށް އަހަރެންގެ ލޮލުގައި އޭނާ އަޅައިގަތީ ބަރު އުފުއްލާ ތަނުންނެވެ. އެ ހިއްލަން ހުރީ އާހިލެވެ. އޭނާ ކިހާ ވަރުގަދަ ތޯ ވަޒަން ކޮށްލުމުގެ ނިޔަތުގައި އަހަރެން ބަލަހައްޓައިގެން ހުރީމެވެ.
އަހަރެންނާއި ޚިލާފަށް އާހިލް ޝަފަޤާއި ގާތްވަނީ އެ ޖިމަށް ވަޒީފާ އަދާކުރަން ގޮސްގެންނެއް ނޫނެވެ. އޭނާ ދަނީ ކަސްރަތު ކުރާށެވެ. އިންސްޓްރަކްޓަރަކަށް ހަމަޖެއްސީ ޝަފަޤެވެ. ހަމަ ދެހަފްތާއަށެވެ. އަދި ބަލާ ބެލުމަށް މާ ގާތް ހެނެއް ހިޔެއް ނުވެއެވެ. ހަމަ ފޯރި ނަގައިފައި އެކުރާ ކަމަކާއިގެން އުޅެނީއެވެ. އާހިލް ބަރު އުފުއްލަމުން ދިޔަ ގޮތުން އަހަރެން އާޝޯހު ވާވަރު ވެއެވެ. ފައްސަތޭކައިގެ ކިލޯގެ ބަރު އުފުއްލާލައެވެ. ވަރުގަދަ ސޮރެކޭ ހިތަށް އެރިއެވެ. ހޫދާއި ރަވާނު އެއްޗަކަށް ނަހަދާނެއެވެ. އެހެންކަމުން ވަރުގަދަ މިނުގައި ކުރިއަރާނީ އޭނާއެވެ. އެހެނަސް އަދިވެސް ޔަޤީންކަން އޮތީ އަހަރެންނަށް ވަޅިއެއް އަތު ޖެހިއްޖެނަމަ އޭނާއަށް ވެސް ސަލާމަތްވާން ނުކެރޭނެކަމެވެ.
އެތަނުން އެއްޗެއްގައި ވެސް އަތްޖައްސާނުލާ އަހަރެން ނުކުމެގެން ދިޔައީމެވެ. އާނ ދެން މަގޭ ލައިލާ ބަލަހައްޓަން ޖެހޭނެ ތާއެވެ. އަހަރެން ނުބަލާ ހުއްޓާ މީހަކު އެ ކުއްޖާ ކާލަފާނެއެވެ. ގެއްލުވާލަފާނެއެވެ. ފަރުވާކުޑަވެގެން ވާކަށް ނެތެވެ. ޖިމުން ނުކުމެގެން އަހަރެން މިސްރާބު ޖެހީ ލައިލާ ހުރި ތަނަކަށް ދިއުމަށެވެ. އޭނާ މިވަގުތު ހުރީ ބޮޑު މޯލްގައެވެ. އެކަން އެނގުނީ މިއަދު އޭނާގެ ކެވެލިކޮޅުގައި ހަރުކޮށްލި ޓްރެކަރުގެ އެހީގައެވެ.
ދިޔަ މަގުމަތީގައި އެކި ތަންތަނަށް ލޯކޮށްޕަމުން ހިނގަމުން ދިޔައީމެވެ. ހުޑީއެއް ލައިގެން ހުރި ކަމުގައި ވިޔަސް މީހުންގެ ބެލުމަކުން ސަލާމަތެއް ނުވެއެވެ. މިއީ ވާ ކަމެކޭ ހިތަށް އެރިއެވެ. މަންމަ ފަރިވެލައިގެން މަގުމައްޗަށް އެ ސިފައިގައި ނުކުމެގެން އުޅޭއިރު ކިހާ ވަރެއް ވާނެ ބާއޭ ހިތަށް އެރިއެވެ. ގައިމު ވެސް މަންމައާއި ފޮށި ދިމާކުރާ މީހުން މަދެއް ނުވާނެއެވެ. ޒުވާން އިރު މަންމަ މަގުމައްޗަށް މަޖުބޫރު ވެގެން މެނުވީ ނުނުކުންނަ ކަމަށް މާމަ ބުނަނީ އެހެން ވެގެން ކަމަށް ވެދާނެއެވެ. މަންމައާއި މީހަކު ބެހުނަސް އެ މީހެއްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލާނެއެވެ. އެއީ މަޑުމައިތިރި، ހިތްހެޔޮ، އެހެނަސް ބަލިކަށި ފިނޑިއެކެވެ.
އިހަވަންދޫގެ ތަހުޒީބީ ހިސާބުގަނޑުގައި ހިނގަމުން ދިޔައިރު އަހަރެންނަށް ވިސްނެނީ ކުރީގައި މާމަ ކިޔައިދޭ ވާހަކަ ތަކެވެ. އެއިން އެންމެ ކަމުދަނީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެވެ. ދެން އަހަރެން ކަހަލަ ހަލަނި ‘އަންހެން ފިރިހެން ސޮރު’ ގެ ލަގަބު ލިބިފައިވާ މީހަކު ރީތި ރަނިންގެ ވާހަކަ އަޑުއަހާނެ ހެއްޔެވެ؟ އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ.
ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފެށުނީ 2050ވަނަ އަހަރުގައެވެ. އޭރު ‘ޖެހިފައިވާ’ ކައިރި ޤައުމުތަކުގެ ޙާލަތު ހުރި ވަނީ އަތުނުޖެހޭ ހިސާބަށް މައްޗަށް ގޮސްފައެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުން ހެން ފެންނަނީ ނަފުރަތާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަމެވެ. ފަސާދަވެ ނުރައްކާތެރިކަން އިންތިހާ ދަރަޖައަށް ބޮޑުވެފައެވެ. އެންމެ ފުރަތަމަ ފެށުނީ ފަލަސްތީނާއި އިސްރާއީލުގެ މީހުން ތެރެއިންނެވެ. ދެން ޔޫކުރޭނާއި ރަޝިޔާ އަދި ނޯތު ކޮރެއާ އާއި ސައުތު ކޮރެއާ ހަނގުރާމަ ފެށީ އެކުގައެވެ. އެއަށްފަހު އިންޑިޔާއާއި ޕާކިސްތާނެވެ. ޗައިނާއާއި ޓައިވާނެވެ. ޖަރުމަނާއި ފްރާންސެވެ. ބުރެޒިލް އާއި އާޖެންޓީނާއެވެ. އެ ކުދި ހަނގުރާމަތަކުގެ ތެރެއަށް ދުނިޔޭގެ އެހެން ޤައުމުތައް ވަދެގަތެވެ. ދެން ފެށުނީ ތިންވަނަ ބޮޑު ހަނގުރާމަ އެވެ. އދ ގެ ވަރުގަދަ ސުލްހަވެރިކަމުގެ ބިންގާ ފުނޑާލާ ފިސްކޮށް ޗިސްކޮށް ހަފުސް ކޮށްލަމުންނެވެ.
އެ ހަނގުރާމައިގައި ނިއުކުލިއަރ ހަތިޔާރާއި އެކި ވައްތަރުގެ ބަޑިއާއި ބޮން ފަދަ ތަކެތި ޣައިރު މުސްލިމް ޤައުމުތަކުން ބޭނުން ކުރަމުން ގެންދިޔައެވެ. އޭގެ ބޭނުންކޮށްގެން ޤައުމުތައް ސުންނާފަތިކޮށް ތަޅާ ބުރުއްސަމުން ގެންދިޔައީ ޢާންމުންނަށް ބެލުމެއް ނެތިއެވެ. އެދުވަސްވަރު ދިވެހީންނަށް ވެސް އުޅެން ޖެހުނީ ޙާލެއްގައެވެ. ދިވެހި ސިފައިނުން ޖާނާއި މާލުން ޤުރުބާން ވަމުން ދިޔައީ ޤައުމު ދިފާއު ކުރުމަށް މަސައްކަތް ކުރުމުގައެވެ. ދިވެހި ދަރީންގެ ހިތްތައް ހިސާރު ކޮށްފައިވަނީ ބިރުވެރިކަމުންނެވެ. ދިވެހި ރަށްތަކަށް ހުއްޓުމެއްނެތި ކުރިމަތިވަމުން ދިޔަ ޙަމަލާތަކުން ރަށްތަކުގައި ދިރިއުޅުން ނާދިރު ކަމަކަށް ވިއެވެ. ކާނެ ބޯނެ އެއްޗެއް ނުލިބިގެން ވެސް ދިވެހި ފުރާނަތައް ދުނިޔެއާއި އަލްވަދާޢު ކިޔަމުން ދިޔައެވެ.
ދެހާސް ފަންސާސް ހައެއް ހިސާބުގައި އަދި ވީ މާ އާދަޔާ ޚިލާފު ގޮތެކެވެ. އެކި ބައްރުތަކުގެ މީހުން އެކުވެ އަނެއް ބަޔަކާއި ތަޅާފޮޅަން ފެށީމެވެ. އެކުގައިވީ އެ ބަޔަކީ އޭޝިޔާ އަދި އެފްރިކާގެ އިތުރުން އޮސްޓްރިއާއެވެ. އިދިކޮޅަށް ތިބި މުޅި އެމެރިކާއާއި ޔޫރަޕެވެ. ހަނގުރާމަ ވަރުގަދަވެގެން ދިޔަ ފަހުން މިލިޔަނުން މިލިޔަނުން މީހުން މަރުވާން ފެށިއެވެ. ނުވަ ބިލިޔަނެއްހާ މީހުން ދިރިއުޅުނު ދުނިޔޭގެ އާބާދީ ތިން ބިލިޔަނަށް ތިރިވެގެން ދިޔައެވެ. އެއްވެސް ބަޔަކަށް ނަސްރު ނުލިބި ހަނގުރާމަ ދެމިގެން ދިޔައީ 2065 ވަނަ އަހަރާއި ހަމައަށެވެ.
އެ ހިސާބުން އަނެއްކާވެސް ސުލްޙައިގެ ޖަމިއްޔާ އެއް އުފެދުނީއެވެ. ހަނގުރާމަ ވެސް ނިމުމަކަށް އައީ އެވެ. ހަނގުރާމަ އަށް ފަހު ޤައުމުތައް ހަމައަކަށް އެޅުނީ ފަސް ވަރަކަށް އަހަރު ފަހުންނެވެ. ދެން އަނެއްކާވެސް ފަންނިއްޔާތުން މުޅި ދުނިޔެ ކުރިއަރަން ފެށީއެވެ. ހީނުކުރާ ބާރު ހަލުވިމިނެއްގައެވެ. އެތައް ގޮތަކުންނެވެ. އެކި ޤައުމުތަކެވެ. އެ ފަހަރު ދިވެހިރާއްޖޭގެ ވެސް ތަހުޒީބުވަމުން ދިޔުމުގައި ވަކި ލަހެއް ނޫނެވެ. ޗައިނާއާއި ޖަޕާނެކޭ އެއްފަދައިން ތަރައްޤީގައި ދިވެހިރާއްޖެ ވެސް އެތައް ގޮތަކުން ކުރި ހޯދަމުން ދިޔައެވެ.
އެ ދުވަސްވަރުގެ ފަހުން މިއަދާއި ހަމައަށް އައި އިރު ޤަރުނަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައީ ފަންނިއްޔާތުގެ ކުލަތައް ނުފޮހެވޭނެ ވަރުގެ ބާރުގަދަ ދެއްޔަކުން މިޤައުމުގައި ޖައްސާ ފަވާލައިފައެވެ. ދުނިޔެއާއި މެދު ވިސްނައިގެން އިކޯ ފްރެންޑްލީ މައިގަނޑު މޮޓޯ އަކަށް ހަދައިގެންނެވެ. މިއަދު މި ޤައުމުގައި ކަރަންޓް އުޅަނދާއި އިއާދަ ކުރަނިވި ހަކަތައިގެ ބޭނުންކުރަނީ އެހެންވެގެންނެވެ. ސީއެފްސީ ފްރީ އީކޯ ފްރެންޑްލީ އޭސީތައް ވެސް އުފައްދާ އޭގެ ބޭނުން ކުރަނީ އެހެންވެގެންނެވެ. މިއަދު ކުނި ވެސް ނައްތާލަނީ ތިމާވެށްޓަށް ކުޑަވެސް ގެއްލުމެއް ނުވާނެ ގޮތަކަށެވެ.
ޚިޔާލުތަކުން ބޭރުވަމުން މޯލްގެ ތެރެއަށް ވަދެލީ އެތަނުން ލައިލާ ހޯދުމުގެ ނިޔަތުގައެވެ. މިއޮއް ބާރު ބޮޑު މީހުން ގިނަ ތަނުން އޭނާ ހޯދަން ކިހާ އުނދަގޫ ވާނެ ހެއްޔެވެ؟ އަހަރެންގެ ފޯނުން ލޮކޭޝަން ދައްކާ އޭތި ބޮޑަށް ޒޫމްކޮށްލައިފައި ބަލައިލީ ހުރިހާ ތަނެއް ހޯދުމުގެ ބަދަލުގައި ފަސޭހަ ގޮތަށް ކަން ކުރާށެވެ. އޭނާ ހުރީ ލިލީ މާކެޓުގައި ކަމަށް ވުމުން އެ ދިމާއަށް މިސްރާބު ޖެހީމެވެ.
ލައިލާ ފެނުމުން ދުރުދުރުން އަހަރެން ފިހާރަ ތެރޭގައި ހޭކެން ފެށީމެވެ. އެކަތީގައި އަތް ލައިފައި އަނެކަތީގައި އަތްލައިފައި އުޅުނީމެވެ. ހުސްއަތާ އެ ފިހާރައިން ނުނުކުންނަންވެގެން މިންޓު ޕޯލޯ ތަކެއް ގަތީމެވެ. ދެން ވެސް ލައިލާގެ ފަހަތުން ދާން ފެށީ ލަސްލަހުންނެވެ. ލައިލާއާއި އަރާ ހަމަކުރަން ބޭނުން ނުވާތީއެވެ. އަހަރެން ދިޔައީ ވަށައިގެންވީ ހިސާބަށް ވެސް ނަޒަރު ހިންގަމުންނެވެ. އެމީހުން ކުރާ ކަންކަން ބަލަމުންނެވެ. އެއިން މީހަކު ލައިލާ އަށް ޖާސޫސްކޮށްފާނެއެވެ. އަހަރެން އަޅައިގެން ހުރި އޭއައި އައިނަށް ހުރިހާ ކަމެއް ރިކޯޑު ކުރަމުން ހިނގީމެވެ.
ލައިލާ އުޅޭ އެޕާޓްމަންޓު ހުންނަ ޢިމާރާތާއި ވަރަށް ކައިރި ވެފައި ވަނިކޮށް އަހަރެންގެ ސަމާލުކަން ދަމައިގަތީ މަގުމަތީގައި ހުރި މީހެކެވެ. އަހަރެންނަށް އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ ލައިލާއަށް ކަން އެނގުނެވެ. އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނީ އެމީހާ އަވަސް ފިޔަވަޅު ތަކެއްގައި ލައިލާއާއި ދިމާލަށް ދާން ފެށުމުންނެވެ. ފާޑަކަށް ހުރި ފިރިހެނެކެވެ. އަނެއްކާ އޭނާ އެ އުޅެނީ ލައިލާ ރަހީނުކުރަން ހެއްޔެވެ؟ ހާސްވެގެން އަހަރެން ހިނގުން ބާރު ކޮށްލީމެވެ. މިހިސާބުގައި މީހުން ވެސް މަދެވެ. އެހެންކަމުން މިތަނުގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. ނޭވާ އަވަސް ވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







nice
Thnx koko
mi part vx varah reethi
Thnx kai…
Very nice part too
When is next part
Thnx anonymous..
Next part this week IA.
Very nice part too
When is next part
Thnx No one 007.
Pretty soon.
V reethi mi part ves curiously waiting for the next part
Thnx Jennie.