ޙަޤީޤަތް ހޯދުމޭ 23
ލައިލާ އުޅޭ އެޕާޓްމަންޓު ހުންނަ ޢިމާރާތާއި ވަރަށް ކައިރި ވެފައި ވަނިކޮށް އަހަރެންގެ ސަމާލުކަން ދަމައިގަތީ މަގުމަތީގައި ހުރި މީހެކެވެ. އަހަރެންނަށް އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ ލައިލާއަށް ކަން އެނގުނެވެ. އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނީ އެމީހާ އަވަސް ފިޔަވަޅު ތަކެއްގައި ލައިލާއާއި ދިމާލަށް ދާން ފެށުމުންނެވެ. ފާޑަކަށް ހުރި ފިރިހެނެކެވެ. އަނެއްކާ އޭނާ އެ އުޅެނީ ލައިލާ ރަހީނުކުރަން ހެއްޔެވެ؟ ހާސްވެގެން އަހަރެން ހިނގުން ބާރު ކޮށްލީމެވެ. މިހިސާބުގައި މީހުން ވެސް މަދެވެ. އެހެންކަމުން މިތަނުގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. ނޭވާ އަވަސް ވިއެވެ.
އަހަރެން ލައިލާއާއި އަރާ ހަމަވުމުގެ ކުރިން އެ ފިރިހެނާ ގޮސް ލައިލާގެ ކޮނޑުގައި ހިފިއެވެ. ލައިލާ ސިއްސައިގެން ގޮސް ތޫލި އަޑުން ހަޅޭއްލަވައިގަތެވެ. އެހެނަސް އެ ފިރިހެނާގެ މޫނު ލައިލާއަށް ފެނުމުން އެ ހާސްކަން ފިލައިގެން ދިޔައީ ކޮން ތާކަށް ކަމެއް ނޭނގެއެވެ. އަހަރެން ހުއްޓިފައި އެ ހިސާބުގައި ހުރި ގަހަކާއި ނިވާވެލީ އެމީހުންނަށް އަހަރެން ފެނިދާނެތީއެވެ.
“އަޅޭ. ދެން ޝާން. މިއީ މަގުމައްޗޭ. އެހެން ސިއްސުވާލާކަށް ނުވާނެއްނު.” ލައިލާ ރުޅިމޫނު ހަދާލައިފާ އެ ޝާނަކަށް ބަލައިލި މައުސޫމް ގޮތެއް ދޯއެވެ. އެ ފިރިހެން މީހާ ހިނިގަނޑެއް ޖަހާލައިފައި ލައިލާގެ ކޮނޑުގައި އަތް އަޅުވާލުމުން އޭނާއާއި ގާތް ވެލިއެވެ. “ހޫން. އެންމެ މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކު ކެތްކުރަން ބުނީމަ ވެސް އެވަރު ނުވަނީތަ.” ލައިލާ އޭނާއާއި ދުރުވެލަމުން ބުނެލިއެވެ. އަހަރެން އަނެއް ފަރާތަށް އެނބުރެލީ އަމިއްލަ ނަފްސަށް އަޑުލަމުންނެވެ. ނުބައި މީހެއް ކަމަށް މި ހީކުރެވުނީ ލައިލާގެ ލޯބިވެރިޔާއަށެވެ. ބޮލުގައި އަތުން ޖަހާލައިފައި ހޮޓެލަށް ދާން މިސްރާބު ޖެހީމެވެ.
ހޮޓެލަށް ދެވުނު އިރު އެތަނުގައި އާހިލް ވެސް އުޅުނެވެ. އޭނާގެ ކޮޓަރީގައެވެ. ހުޅުވައިފައި ހުރި ދޮރުން ބަލާ ބެލުމަށް އެ އުޅެނީ އެއްޗެއް ނުފެނިގެން ކަން ފާހަގަ ކުރެވުނެވެ. “އެނޮއިން ކެޓް މާ ވަރަކަށް ތި ތަން ހާވަނީ ކޮން އެއްޗެއް ނުފެނިގެން ތަ؟” އަހަރެން ކޮޓަރިއަށް ބޯ ދިއްކޮށްލައިފައި އަހާލީމެވެ. “އަމް… އެއްޗެއް ނޫން. ބްލޫ އައި ސްޓޯކާ ކޮންތާކަށް ގޮސްފައި ތަ ތިއައީ. މިއަދު އަހަރެން ލޮލުން ވެސް ނުދެކެމޭ.” އޭނާ އަހަރެންނާއި ދިމާލަށް އަންނަމުން ސަމާސާ ރާގަކަށް ބުންޏެވެ. އަނެއްކާ މި ސޮރު މަ މަތިން ހަނދާން ވީ ހެއްޔެވެ؟ ބެހިލާނެ ރަނގަޅު ޓާރގެޓެއް ނުފެނުނީމާ ކަމަށް ވެދާނެއެވެ.
“މަ މަތިން މިސްވީ ދޯ. ތިއެއް ނޫނޭ. އަހަރެން އެއްޗެއް އަހާލަން ބޭނުންވެފައޭ މިހުރީ. އެނޮއިން ކެޓްގެ މަންމަ ކޮބާ ތަ؟” އަހަރެން މާ ވަރަކަށް ވިސްނާލުމެއް ނެތި އަހާލީމެވެ. އާހިލްގެ މޫނުމަތިން ކުލަ އޮއްސުނެވެ. ހިނިތުންވުން ފިލާ މޯޅިވިއެވެ. ލޮލުން ކަރުނަައިގެ އަސަރު ފާޅުވިއެވެ. އަހަރެންނަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އެ ހިތްގަދަ އާހިލް ސޮރުގެ ކިބައިން މި ކަހަލަ ކުލައެއް ފެނުނު ފުރަތަމަ ފަހަރެވެ.
“މި ދުނިޔެއާއި އަލްވަދާޢު ކިޔައިފި” އޭނާ ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ. އަހަރެން އަމިއްލަ ނިތްކުރީގައި އަތުން ޖަހާލީމެވެ. މިއަދު އަހަރެންނަށް މި އިނީ ކިހިނެއް ވެފަ ހެއްޔެވެ؟ މުޅިން ވެސް މި ކުރެވެނީ ގަޅި ކަން ކަމެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރިއަށް ވަދެފައި އެ ފޮޓޯގަނޑު ހިފައިގެން އައީމެވެ. އޭނާއަށް އެ ފެނުމާއި އެކު އަހަރެންގެ އަތުން ޖަހައިގަތެވެ. އަދި އޭގެ މަތީގައި ފިރުމާލިއެވެ. “އަހަރެންނާއި ހެދި މަންމަ ނިޔާވީ.” އާހިލް ހުރެފައި ބުނެލި އެއްޗަކުން އަހަރެން ދިޔައީ އެއްލިގެންނެވެ. ޤަބޫލުނުކުރެވިގެން އޭނާ އާއި ދިމާއަށް ބަލައިލީ ފާޑަކަށެވެ. އަނެއްކާ މި ސޮރު ކީއް ކުރީ ހެއްޔެވެ؟
“މަންމާ! ކީއްވެގެންތަ އެހެން ހެދީ؟” ފޮޓޯގަނޑަށް ބަލައިލައިފާ އޭނާ ވާހަކަ ދެއްކިއެވެ. އަހަރެން ވީގޮތް އެނގެން ބޭނުންވެގެން މަޑުން އިނދެވެނީއެއް ނޫނެވެ. “ކިހިނެއް ވީ؟” އަހަރެން އަހާލީމެވެ. ހީކުރި ގޮތާ ޚިލާފަށް އޭނާ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އޭނާގެ ޙަޔާތުގެ ހިތްދަތި ދުވަސްތަކުގެ ވާހަކައެވެ.
“މަންމަ ވިހަންވެގެން ގާތް ވެފައި ވަނިކޮށް ޖެހުނީ ހަވުން. އެނގޭ ދޯ އެއީ މާބަނޑު އަންހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަން. އެ ޖެހުނީމަ ދެން ވާނެ ގޮތް. އެކަކު ސަލާމަތް ކުރެވޭނީ. ދަރިފުޅު ނޫނީ މަންމަ. އަހަރެންގެ ބައްޕަ އާއި އާއިލާގެ އެހެން އެންމެން ބޭނުންވީ އަހަރެން ދޫކޮށްލަން. އެހެނަސް… މަންމަ… މަންމަ ޑަކުޓަރު ގާތު އެދުނީ އަހަރެން ސަލާމަތް ކުރުމަށް. އެގޮތަށް ކަންތައް ކުރުމުން މަންމަ… ނިޔާވީ. އެކަން ބައް…ބައްޕައަށް އެނގުމުން ވަރަށް ރުޅިއައި. އެ ރުޅި ކޮންޓްރޯލުން ނެއްޓި. ބައްޕަ އިންތިހާއަށް ލޯބިވާނެ މަންމަ ދެކެ. ދެން…ދެން ބައްޕަ އުޅުނީ އަހަރެން މަރާލަން. އާން މިބުނީ ހަމަ ރަނގަޅަށް. މަންމަ ނެތް ދުނިޔޭގަ އަހަރެން ބަހައްޓާކަށް ބައްޕަ ބޭނުމެއް ނުވި” އާހިލް އަސަރާއި އެކު ވާހަކަ ދެއްކި ގޮތުން އަހަރެން ޖަޒުބާތުގައި ޖެހުނެވެ.
“ބައްޕަ އުޅުނީ ހަސްފަތާލުގެ ޓެރަސް މަތިން އަހަރެން ވައްޓާލަން. އެ މަންޒަރު ފެނުނީ އީމާންބޭގެ މަންމައަށް. އީނާ ދައްތަ އަހަރެން ސަލާމަތްކޮށް ގޮވައިގެން ހުޅުމާލެއަށް ބަދަލުވީ އަމިއްލަ ރަށް ލ.ގަން ދޫކޮށްފަ. ދެބަނޑުން ނަމަވެސް އީމާންބޭ އަކީ ބައްޕަގެ ކޮއްކޮއެއް. އަހަރެންނާއި ދިމާލަށް ރުހުމުގެ ލޮލަކުން ބަލައިލީ އެ ދެމައިން އެކަނި. އެކަމާއި ހެދި ބައްޕަގެ އާއިލާއިން އީނާ ދައްތަ މެންނާއި ގުޅުން ކަނޑާލި. ދެން ތިބި ހުރިހާ އެންމެން… އާއިލާގެ އެހެން އެންމެން ދެކެނީ އަހަރެންނަކީ ބޮޑު މުސީބާތެއްގެ ގޮތުގައި. ޚާއްޞަކޮށް މަންމަގެ ޢާއިލާ މީހުން އަހަރެންނަށް ނަފްރަތުކުރޭ. އެ…އެ މީހުން ދެކެނީ އަހަރެންނަކީ އެ ގޭގެ ރީތި ރަނިކަމަނާގެ ޤާތިލްގެ ގޮތުގައި. އެމީހުން އަހަރެން ހުޅުމާލޭގައި އުޅުނުއިރު ވެސް ވަރަށް ގޯނާ ކުރި. ޤާތިލްގެ ނަމުން ނަންދީ އަނިޔާ ވެސް ކުރި އަހަރެންނަކަށް އޭރަކު ނޭނގޭ އެގޮތަށް އަހަރެންނާއި މެދު ކަންތައް ކުރާ ސަބަބެއް. އީނާ ދައްތަ މިވާހަކަތައް އަހަރެންނަށް ކިޔައިދިނީ އެ ގޯނާތަކަށް ކެތް ނުވެގެން ޝަކުވާ ކުރުން ގިނަކަމުން.”
“އެންމެ ފުރަތަމަ ދިޔަ މަދަރުސާ… ކުރިއަރާ ނަމަކަށް ކިޔުނު މަދަރުސާއިން ވެސް ޢާއިލާގެ ކުދިން އަހަރެންނަށް އުނދަގޫ ކުރި. އަހަރެންނާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަނީ ދެބެންގެ ދެދަރި ކުދިން. އެކަމުގެ ސަބަބުން ހުރިހާ ކުދިން އަހަރެން އެކަހެރި ކޮށްލި. އެތައް މަލާމާތުގެ ބަސްތަކެއް ކުރިމަތިވި. އަހަރެން ހުރީ އެމީހުން ކުރާހާ ކަމަށް ރުހިގެން. އެއީ އީނާ ދައްތަ ގެ ވާހަކައިން ވެސް އަހަރެންނަށް ކުށްވެރި ކުރެވުނީ އަހަރެންގެ އަމިއްލަ ނަފްސު ކަމަށް ވާތީ. އެހެނަސް… އީނާ ދައްތަ އަހަރެންނަށް ފަހުން ވިސްނައިދިނީ އެއީ މަންމަ އަހަރެންނަށް ޓަކައި ވީ މަތިވެރި ޤުރުބާނީއެއް ކަމަށް. އަހަރެން އަމިއްލަ ނަފްސުގެ ކުށެއް ނެތް ކަމަށް ޤަބޫލުކުރީ އެހިސާބުން. އީނާ ދައްތަ އަނެއްކާވެސް އަނބުރާ ގަމަށް ދިޔައީ އަހަރެންގެ އުމުރުން ދިހަ އަހަރުގަ.”
“ގަމުގައި އުޅުނުއިރު ވެސް އަހަރެންނަށް ހުއްޓުމެއްނެތި އާއިލާގެ ނަފުރަތުގެ ކަޅިތައް އަމާޒުވަމުން ދިޔަ. އެހެން ވެގެން އަހަރެން ވިސްނުން ނަގާލުމަށް ކުރި ކަމަކީ ތަޅަން ދަސްކުރުން. ވަލުތެރޭގައި އެންމެން ގިނައިން އަހަރެން ފަރިތަކުރަމުން ދިޔައީ. މޮޅެތި މޫވްތައް ދަސްކުރީ އިންޓަނެޓުގެ އެހީގަ. ފަހުން ޖިމަށް ވެސް ދާން ފެށިން. އަހަރެންގެ ހަށިގަނޑުގެ ބާރު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދިޔަ. އަހަރެންގެ ކުރިމައްޗަށް އަނިޔާ ކުރުމުގެ ނިޔަތުގައި އަންނަހާ މީހަކު ތަޅާ ހަފުސްކޮށްލަން. އެ ހެޔޮ ދިމާލަށް އެއްފަހަރާ ދިހަ ބާރަ ފިރިހެނުން އަޔަސް. މީހުން ދެން އަހަރެންނާއި ބެހޭކަށް ނާދޭ. އެ ލިބުނު ހިމޭން ކަމަށް އަހަރެން ވަރަށް ޝުކުރުވެރިވަން. އަހަރެންގެ އުކުޅުތައް އިތުރަށް ފުރިހަމަވެ ފައްކާވުމުން އީމާންބޭ ބުނީ ކަރާޓޭ ކުލާހެއްގެ ލީޑަރަކަށް މަސައްކަތް ކުރަން. މަހު މުސާރަ އަކަށް. ވިހި ހާސް ރުފިޔާ. އެއީ އަހަރެންގެ އުމުރުން ސޯޅަ އަހަރުގަ. ސުކޫލު ވެސް ނިމުނު ތަނާ”
“ދެން އަނެއްކާވެސް އަހަރެންގެ ދިރިއުޅުމަށް ނަގޫރޯޅިއެއް އެރީ އޭގެ އަނެއް އަހަރު އީނާދައްތަ އާއި ފަހުން އިނދެގެން އުޅުނު ލުޤުމާންބޭ ކާރު އެކްސިޑެންޓެއްގައި ނިޔާވުމުން. ދެން…ދެން ޖެހިގެން އައި އަހަރުގެ ފެބްރުއަރީގަ އީމާން…އީމާން ބޭ ވެސް ގެއްލުނީ.” އެހިސާބުން އާހިލް ގަދަކަމުން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. އޭނާ ގެންގޮސް ސޯފާގައި ބައިންދައިފައި އަހަރެން ވެސް ގާތުގައި އިށީނީމެވެ. އޭނާ ރޮމުން ގޮސް އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އާހިލްގެ އެ ކުއްލި ޢަމަލުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮށްލި ކަމުގެ އިޙުސާސް ކުރެވުނެވެ. އެހެނަސް ދުރު ނުވެ މަޑުން އިނީ އޭނާގެ ހިތަށް ލުޔެއް ލިބިދާނެކަމުގެ އުންމީދުގައެވެ.
“އެ ރަހީނުކުރާ މީހުންގެ ގޮތް އެނގުނީ އެއް އަހަރުގެ ދިރާސާއަކަށް ފަހު. އެކަމަށް އަހަރެން ހުޅުމާލެ ބަދަލުވީ ވެސް. އަހަރެންނަށް އެ ރިކޯޑިން ލިބުނީ އޮށްގާ ގޭންގުގެ ބޮޑު މީހާ ރަހީނުކުރާ ގުރޫޕުގެ ބޮޑު މީހާ ބައްދަލު ކުރި ރޭ. އެމީހުން ބައްދަލު ކުރީ ހުޅުމާލޭގެ ފަސްވަނަ ފިޔަވަހީގެ ޕައިން ފޮރެސްޓުން. ދެމީހުން ވެސް ތިބީ މޫނު ނިވާކޮށްގެން. ވާހަކަ ދެއްކީ އަޑު ބަދަލުވާ މައިކަކުން. އެ މީހުންނަކީ ކޮން ބައެއް ކަން އަދިވެސް ނޭނގިގެން މި އުޅެނީ. ނަމަށް ވެސް ކިޔަނީ އޮށްގަލާއި ރޭރެއް ވިއްޔާ.” އޭނާ ނޭފަތް ދަމަމުން ވާހަކަ ދެއްކިއެވެ. މިފަހަރު އަޑުގައި ކުޑަ ހަރުކަށިކަމެއް ވިއެވެ.
ވާހަކަ ދެއްކުން ހުއްޓާލައިފައި ވެސް އޭނާ ހަމަ އެގޮތަށް ހުރީއެވެ. ދެލޮލުން ކަރުނަ ބާލާށެވެ. އާހިލްގެ އެ ހިތާމަވެރި ކަޅު މާޒީގެ ވާހަކަ އަޑު އިވިފައި އަހަރެންނަށް އޭނާ އާއި މެދު ހަމްދަރުދީ ވެވުނެވެ. އޭނާގެ އުޅުން ހުންނަ ގޮތުން އެއީ ކުރިން ކިހާ ޙާލެއްގައި އުޅުނު މީހެއް ކަމެއް ނޭނގި ދާނެއެވެ. އަހަރެން ލައިގެން ހުރި ހުޑީ ވެސް އޭނާގެ ކަރުނައިން ފޯވެއްޖެއެވެ. ނައިލް ތަނުގެ ދޮރު ހުޅުވާލާފައި ވަނުމާއި އެކު އެ މަންޒަރު ފެނުމުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. އެހެނަސް އަހަރެން އެކަން އަތުން މަނާ ކޮށްލީމެވެ.
އާހިލް އޮތީ ނިދިފައި ކަމުން އެ ސޯފާގައި ބާއްވާފައި އަހަރެން ތެދުވީމެވެ. ނައިލް ފާޑަކަށް އާހިލާއި ދިމާލަށް ބަލައިލިއެވެ. އާހިލްގެ ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފެނިފައި އޭނާ ސިހުނުކަން އެނގުނެވެ. “އެ ސޮރު ގާތު މާދަން ނާހާތި މި ކަމާއި ގުޅިގެން އެންމެ ސުވާލެއް ވެސް. މަ ނުބުނާނަން އެކައްޗެކޭ ވެސް. ނޭލް އަށް އުޅެވިދާނެ އޭނާގެ ހިތާމަވެރި ސަފުހާތައް ނުބެއްޔަސް. އާއިލާއެއް ނެތުމުގެ އިހުސާސް ޢާއިލާއެއް ހުރި މީހަކަށް ނުކުރެވޭނެ.” މާނަ ފުން ޖުމްލައެއް ބުނެލައިފައި އަހަރެން ކޮޓަރިއަށް ވަންނަން ދިޔައީމެވެ.
ކޮޓަރިއަށް ގޮސް ލައިގެން ހުރި އެއްޗެހި ބަދަލުކޮށްގެން ނިދަން އޮށޯތީމެވެ. އޭރު ވެސް ވިސްނެނީ އާހިލްގެ ވާހަކަ ތަކާއި މެދުގައެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި އެ ސޮރަށް އުޅެން އެ ޖެހުނީ ހާދަ ޙާލެއްގައެވެ. އަހަރެންގެ ޢާއިލާ އެންމެހާ މެންބަރުން ދުނިޔޭގައި ހެޔޮ ޙާލުގައި ލެއްވި ކަމަށް ޓަކައި މާތްﷲ އަށް ޙަމްދުކުރީމެވެ. ދެލޯ މަރާލަމުން އަހަރެން ފުން ނޭވާއެއް ލީމެވެ.
އަހަރެން އަނެއް ދުވަހު ހޭލީ ހަތަރެއް ޖެހުމަށެވެ. އެލާމު ނިވާލައިފައި އަހަރެން ކަންނެތް ކަމާއި އެކު ތެދުވީ މިއަދު ޓްރައިނިން ސެޝަން ވާރޗުއަލް ކޮށް އޮންނާތީއެވެ. އެއީ ޑެސްކު ޓްރައިނިންގެ ބައެއް ކަމުން އެ ގޮތަށް ވެސް ކުރިއަށް ގެންދެވޭނެއެވެ. އެ ގަޑި ނިންމާފައި ތެދުވިއިރު އަށެއް ޖެހީއެވެ. އަހަރެން ކޮޓަރިން ނުކުމެލީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. މިހާރު ހޮޓެލުން ހެނދުނުގެ ނާސްތާ ގެނެސްފައި ހުންނާނެއެެވެ. ހުރިހާ އިރެއްގެ ކެއުން މިތަނުން ހަމަޖައްސައިދޭކަން ރަނގަޅެވެ. ކެއުން ބޭނުން ނޫންނަމަ އެ މީހުންނަށް ގުޅާލައިފައި އަންގާލުމުން ނިމުނީއެވެ.
އަހަރެން ނުކުތް އިރު އާހިލް ކާން ހުއްޓެވެ. މިއަދު ހުރީ ވަރަށް ބޮޑަށް މައިތިރި ވެފައެވެ. އަހަރެން ވެސް ގޮނޑީގައި ކަން އިށީނީމެވެ. ކުކުޅު ސޭންޑްވިޗާއި މޭވާ ސެލެޑެކެވެ. ބުއިމަކަށް ހުރީ މިލްކް ޓީ އެވެ. ނާސްތާކޮށް ނިންމާލައިފައި އަހަރެން ގޮނޑިން ތެދުވީމެވެ.
“އަސްލު މިހާރު ވަރަށް ބޮލަށް ފަސޭހަ އެ ކަންތައް މީހަކާ ޝެއާ ކޮށްލެވުނީމަ.” އާހިލް ވެސް ފެންތަށި ބޯލައިފައި ތެދުވަންނަމުން ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ހަދިޔާކޮށްލައިފައި އަނބުރާ ކޮޓަރިއަށް ވަނީމެވެ. ބޭރަށް ދާން ތައްޔާރު ވެލާށެވެ. ލައިލާއާއި ވާހަކަ ދައްކާ އުޅުނަސް އަދި މާ އެކުވެރިއެއް ނޫނެވެ. މިއަދަކީ އަތުއަޅުވާލަން ރަނގަޅު ދުވަހެކެވެ. ސުކޫލަށް ވެސް ދާކަން ނުޖެހޭ ވިއްޔާއެވެ.
އަހަރެން ހޯދާ ހޯދާ ވެސް ލާނެ ރަނގަޅު ހެދުމެއް ނުފެނުނެވެ. މި ޖެހުނީ ހެދުން ގަންނާށެވެ. މާ ޔޯ ވައްތަރެއްގެ ސްޓައިލް ގަނޑެއް ގެންގުޅޭތީ ޖެހޭ އަހުވައެވެ. ފިހާރައަކަށް ދިޔަޔަސް އަހަރެން އަމިއްލައަކަށް ލާން ރަނގަޅު ހެދުމެއް ނުނެގޭނެއެވެ. ދާން ވާނީ އެކަން ރަނގަޅަށް ދަންނަ މީހަކާއި އެކުގައެވެ. “ފިހާރައަށް ދާންވީ މަގޭ ލޯބި ލައިލާއާއި އެކު” ކުއްލިއަކަށް އައި ޚިޔާލު އަހަރެންގެ ދުލުން ވެސް ބޭރުކޮށްލެވުނެވެ. މިގޮތަށް ކަން ކޮށްގެން އޭނާއާއި ގާތްވާން ވެސް ފަސޭހަ ވާނެއެވެ. މިއީ ވާ ރަނުގެ ފުރުސަތެކެވެ.
މަޑު ފިޔާތޮށި ކުލައިގެ ސްވެޓާއަކާއި ހުދު ޓްރައުޒާއެއްގައި އަހަރެން ކޮޓަރިން ނުކުމެ ލައިލާއަށް ގުޅާލީމެވެ. ނަސީބަކުން އޭނާ ވެސް ހުސްކޮށް ހުރި ވަގުތެކެވެ. އަހަރެން އޭނާގެ ގާތުގައި އުޅެނީ ކޮން ތަނަކު ތޯ އެހީ ކުއްލިއަކަށް އެގެއަށް ގޮސްފިނަމަ އޭނާގެ ހިތުގައި ސުވާލު އުފެދޭނެތީއެވެ.
އެގެއާއި ހިސާބަށް އަހަރެން ދިޔައީ ބަހެއްގައެވެ. ތިން ހަތަރު ވަރަކަށް ގެ ގެނެވޭނެ ވަރަށް ލާރި އަހަރެންގެ އަތުގައި ހުއްޓަސް ކާރެއްގައި ދާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ދިޔަ އިރު ލައިލާ އެ އިމާރާތުގެ ކުރިމަތީގައި ހުއްޓެވެ. އޭނާ އުޅޭ އިމާރާތުގެ ނަލަކަން ފުރިހަމައީ ރޭގަނޑުގެ ވަގުތުގައެވެ. ދުވާލު ވެސް ވަކި ހަޑިއެއް ނޫނެވެ.
ލައިލާއާއި އެކު މޯލްއަށް ދިއުމަށް އަހަރެން ގަސްތުކުރީ ހިނގައިފައެވެ. ދުރަސް އެ ގޮތް އަހަރެން އިޚްތިޔާރު ކުރީ އޭނާއާއި ގިނައިން ވާހަކަދައްކާށެވެ. މަދަރުސާއިން ބޭރުން ލައިލާ ވާހަކަ ދައްކާ ގޮތާއި އުޅޭ ގޮތް ވެސް ތަފާތެވެ. އޭނާ އަނގަގަދަ ވެފައި ވަރަށް އެކުވެރިއެވެ. ފިހާރައާއި ހަމައަށް ދެވުނު އިރު އަހަރެމެން އެކުވެރީންނަށް ވެ ނިމިއްޖެއެވެ. އޭނާ އަކީ ވަރަށް މަޖާ މީހެކެވެ. މި އަންނަ މަހު މީހަކާއި އިންނަ ވާހަކައަށް ދަންދެން ބުންޏެވެ. މުޅިން ވެސް ދެކެވުނީ އޭނާގެ ވާހަކައެވެ. އަހަރެންނާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކަމެވެ.
ހެދުން ފިހާރައަށް ވަދެފައި އަހަރެމެން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ފުލޯއަށް އެރިމެވެ. އެތަނުގައި އެކި ޑިޒައިނު ޑިޒައިނަށް ފަހާފައިވާ އެކި ކުލަކުލައިގެ ހެދުން ހުއްޓެވެ. “ލައީ އަހަންނާ ކޮން ކަހަލަ ހެދުމެއްތަ ގުޅޭނީ. މި ރަށަށް އެންމެ ހެދުމެއް ހިފައިގެން ވިއްޔާ!” އަހަރެންނަކަށް ނަގާނެ ހެދުމެއް ނޭނގުނެވެ. އެ ފަދަ އެއްވެސް ރަހައެއް ނެތީއެވެ. “ރިފް ހާސްކަނޑާލަބަލަ. އަހަރެން މިހުރީނުން. ތި ރީތި ހަށިގަނޑަށް ގުޅުވާލެވޭނެ ރީތި ހެދުން ތަކެއް ނަގައި ދީފާނަމޭ. ނުލަން ދޯ އަހަރެން މި ލާ އަބާޔާ ކަހަލަ ދިގު ހެދުމެއް.” ލައިލާ އަހަރެންގެ އަތުގައި ހިފައިގެން ހެދުން ބަރިތައް ހާވަމުން ދިޔައެވެ.
އެކި ދިމާލުން ހޯދަ ހޯދައިފައި ލައިލާ ތިން ހެދުމެއް ނެގިއެވެ. ހަތަރު ވަނަ އަށް ނަގަން އަތްލި ހެދުން ފެނި އަހަރެން ހައިރާންވިއެވެ. މަޑު ދަނބުކުލައިގެ އެ ގަމީސް ހެދުން ހާދަހާވާ ރީއްޗެވެ. އެ އަރާނީ އަހަރެންގެ ކަކުލާއި ހަމައަށެވެ. އޭގެ އަތަށް ރޫޖައްސާލައިފައި ވަނީ ވަރަށް ރީތި ގޮތަކަށެވެ. އެހެން ގަމީސް ހެދުން ހުންނަގޮތަށް އޭގައި ވެސް ގިރުވާނަކާއި ޖީބެއް ހުއްޓެވެ. އަދި އެންމެ ކޮލެޓީގެ ފޮއްޗެވެ. ކުލަ ނުވެއްޓޭ ރޮދި ނުނެގޭ ވައްތަރެވެ.
“އަޅޭ. މި ހާދަ އަގުބޮޑޭ. އެއް ހާސް ރުފިޔާއަށް ވެސް ހެދުން ވިއްކާތަ.” ލައިލާ އެ ހެދުން އަނބުރާ ހަރުގައި އަޅުވާލިއެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. “އަހަރެންނޭ ލާރި ދައްކާނީ މި ހެދުން އެހެން މީހަކު ނުނަގަނީސް ނަގަން ހިނގާ.” އަހަރެން އެ ހެދުން ނެގީމެވެ. “އެހާ ވަރަށް ލާރި ހުރިއްޔާ ކީއްކުރަން ތަޖުރިބާ ހޯދާށޭ ކިޔާފަ ތި ވަޒީފާ ނެގީ. އަހަންނަށް ވެސް ދެން ހުރި ހެދުންތަކަށް ލާރި ދައްކާފަ މި ގަންނާކަށް ނުހުންނާނެ.” ލައިލާ ދެކޮޅު ހެދިއެވެ.
އޭނާ ޤަބޫލު ނުކުރާނެކަން އެނގުމުން އަހަރެން އަތް ދަބަހުން ވޮލެޓު ނެގީމެވެ. އޭގެ ކޯޑާއި ފިންގަރ ޖަހާ ގޮތް ގޮތް ހަދައިފައި އެތެރެއިން ކަޅުކުލައިގެ ކޭޝްކާޑު ނެގީމެވެ. ލައިލާ ދަތްދޮޅި ބިމުގައި ޖަހައިގެން އެއަށް ބަލަން ހުއްޓެވެ. އާނ ދެން އަހަރެން ކަހަލަ ކުޑަ ކުއްޖެއްގެ އަތުގައި މިކަހަލަ ޑެބިޓް ކާޑެއް އޮތިއްޔާ ހައިރާންނުވެ ނުދާނެ ވިއްޔާއެވެ. “ވާޓް. ޔޫ ރިއަލީ އާރ ފިލްތީ ރިޗް.” ލައިލާ ވާހަކަ ދެއްކި އިރު އޭނާގެ އަނގައިން ސޮނި ނުފައިބާ ހުރި ކިރިޔާއެވެ.
އޭނާގެ ކޮނޑުގައި ޖަހާލާފައި ވަކި އެއްޗެކޭ ނުބުނެ ކާޑު އަނބުރާ ވޮލެޓު ތެރެއަށް ލީމެވެ. ލައިލާގެ އަތުގައި އޮތް ހަތަރު ހެދުން ހިފައިގެން އަހަރެން ދިޔައީ ޗޭންޖިން ރޫމް ބަރިއަށް ވަނީމެވެ. އެތަނުން ހުސް ގޮޅިއަކަށް ވަދެފައި ފުރަތަމަ ލީ ކަޅުކުލައިގެ ވަށްތިރި ހެދުމެކެވެ. ބޭރަށް ނުކުމެލައިފައި ލައިލާ އަށް ދައްކާލުމުން ވާ ސަރީއޭ ބުނެލައިފިއެވެ. އަދި ފޯނު ފޮޓޯއެއް ވެސް ނެގިއެވެ. ފަހަރަކު ހެދުމެއް ބަލަމުން ގޮސް އެންމެ ފަހުން އެ ދަނބުކުލައިގެ ހެދުން ލީމެވެ.
ލޯގަނޑުން ބަލާލުމުން ވެސް ކަށަވަރުވީ އަހަރެންނާއި އެ ހެދުން ގުޅޭ ކަމެވެ. ހީވަނީ ސީދާ މިން ބަލައިގެން ފަހައިފައި ހުރި ހެންނެވެ. އެހާ ވެސް ހެޔޮވަރު ވެފައި ރީއްޗެވެ. މިކަހަލަ ހެދުމެއް އަހަރެންނަށް ރީތިވި ފުރަތަމަ ފަހަރެވެ. ލައިލާ އަށް އަހަރެން ފެނުމުން އެސްފިޔަ ޖަހާ ނުލާ ބަލަހައްޓައިގެން ހުއްޓެވެ. “ދެން ތި ވަރަށް ނުބަލަ ބަލަ. އަހަރެން ވެސް ލަދު ގަނެއޭ.” އަހަރެން ކޮލުގައި އަތް އަޅާލަމުން ލަދުގަންނަ ކަމަށް ހެދުނީމެވެ. “މާޝާ ﷲ. ވަރަށް ރީތި.” އެހެން ބުނެލަމުން ލައިލާ އޭނާގެ ފޯނުން ދެތިން ފޮޓޯއެއް ނަގާލިއެވެ. އަސްލު ލައިގެން އައި ސްވެޓާލައިގެން ދެން ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ. އަހަރެން ހެދުންތަކަށް ވާ ވަރަށް ލާރި ދައްކައިފައި ދިން ކޮތަޅު ގައި ހިފަމުން ޝުކުރުއަދާކޮށްލީމެވެ.
ފިހާރައިން ނުކުމެގެން ހިނގައިގަތީ ލައިލާގެ ގެއަށް ދިއުމުގެ ނިޔަތުގައެވެ. “ރިފް މި ރަށަށް ހާދަ ފަރިތައޭ. ކުރިން ވެސް އައިސްގެން އުޅުނިންތަ؟ މިހާރު އުޅެނީ ކޮންތާކު ތަ؟” ލައިލާ އެންމެ ފަހުން އަހަރެންނާއި ބެހޭ ގޮތުން ސުވާލުތަކެއް ކޮށްލިއެވެ. “ނޫނޭ، އަދި އަލަށް މި އައީ. ހޮޓެލުގައި އުޅެނީ.” އަހަރެން ޖަވާބު ދިނީމެވެ. ދެން ލައިލާގެ ޙަޔާތުގެ ސަފުހާތައް އެއްވެސް ޖެހިލުމެއް ނެތި އަހަރެންގެ ކުރިމަތީގައި ހުޅުވާލި އިރު އެކަހަލަ ކުޑަ ކަމެއްގެ ވާހަކަ ނުބުނިއްޔާ އެވީ ކޯއްޗަކަށް ހެއްޔެވެ؟
“އަޅޭ. އެކަނިތަ؟ މިހާރު ކިތައް އަހަރު ތަ؟” ލައިލާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. “ނޫނޭ އެކަންޏަކު ނޫން އުޅެނީ. ދެން ކޮންމެހެން އުމުރުގެ ވާހަކަ ދައްކަން ޖެހޭނެ ތަ؟” އަހަރެން ނުބުނެ ރެކިގަނެވޭތޯ މަސައްކަތް ކުރީމެވެ. “ކީއްތަ ވާނީ ބުނިއްޔާ. އަހަރެން ވެސް ބުނީމެއްނު މިއަހަރު ތޭވީސް އަހަރު ފުރިއްޖެއޭ.” ލައިލާ ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އެހެނަސް އަހަރެންނަކަށް ލައިލާ ގާތުގައި ދޮގު ވާހަކައެއް ނުދެއްކޭނެއެވެ. އެހެން ނޫންނަމަ ‘ފުލް ޓްރަސްޓް’އެއް ނުލިބޭނެއެވެ. “ވިއްދާފަ އެއްޗެކޭ ނުބުނާތި. އަހަރެންނަށް މިވީ ސަތާރަ އަހަރު” އަހަރެން އެކަން ފާޅުކޮށްލީމެވެ.
ލައިލާގެ ހައިރާންކަން ދިހަ ގުނަ އިތުރުވެގެން ދިޔަކަން ހާމަ ވަނީ ކަފިހިހުރަސް މަތީގައި ހުއްޓިގެން ހުރުމުންނެވެ. އަހަރެން ހިނގައިފައި ދަމުން އަންނާށޭ ބުނެލީމެވެ. އެހެނަސް ލައިލާ އެ ހުރީ ތަނުން ގުޑާވެސް ނުލިއެވެ. ދެން އެއްލި ކަޅިއަކުން ފެނުނީ އެ ދިމާލަށް ބާރު ސްޕީޑުގައި ދުއްވައިފައި އައި އުޅަނދެކެވެ. އެ ދުއްވަން އިން މީހާއަށް އަށް ވެސް އެ ކޮންޓްރޯލް ކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. އެވަގުތު ލޯ މައްޗަށް ސިފަވީ ކިޔާރާ ނިޔާވުމުގެ ސަބަބަކަށް ވި ނުރައްކާތެރި އެކްސިޑެންޓެވެ. ކޮންޓުރޯލުން ނައްޓައިގެން އައި ސައިކަލެއްގަ ޖެހިފައި ކިޔާރާ ވިއްސައިގެން ދިޔަ ގޮތެވެ. ތާރުގަނޑު މައްޗަށް ޖެހި ބޯ ފަޅައިގެން ގޮސް ދެ އަތް ބިނދި ބުރިވެގެން އެލުނު ބިރުވެރި ގޮތެވެ. އޭނާގެ ލޭ ބަސް ސްޓޮޕުގެ ބިއްލޫރިގަނޑާއި ހަމައަށް ބުރައިގެން ދިޔަ ގޮތެވެ. މިފަހަރު އެ ކަހަލަ ޙާލަތަކާއި ގާތް ވެފައި އެ ވަނީ ލައިލާ އެވެ. ތެޅިގަނެފައި ދާން އުޅުނަސް އެކަމަށް މިހާރު މާ ލަސްވެއްޖެއެވެ.
– ނުނިމޭ –
8 Comments!
Comments are closed.
Maasha allah mi part vx varah varah reethi…
Alhey laila maraa nulahcheyy…
Whn next??
Next kiyaahithun keii madhu
Thnx Nawar.
This week IA.
Maasha allah mi part ves V reethi when next can’t wait
Thnx Jennie.
Will submit this week IA.
Mi part Ves vrh reethi
When next part
Keep up the good work
Thnx Anonymous.
Pretty soon IA.
alheyy vrh reethi mi part vess
lailaa ah ehn nuhadhaa
keep her alive
when next part
curiously waiting
Thnx ……
Its uploaded.