ޙަޤީޤަތް ހޯދުމޭ 21
ފޮނި މީރު ނިދިން އަހަރެން ހޭ ލައްވާލީ ބާރުގަދަ އަޑަކުންނެވެ. ހީވަނީ ފަޔާ އެލާމެއް ހެންނެވެ. ފޫކޮޅުގައި ކައްޓެއް ޖެހުނު ފަދައިން އަހަރެން ފުންމައިގެން ތެދުވީމެވެ. އަނެއްކާ މި ހޮޓެލުގައި އަލިފާން ރޯވީ ހެއްޔެވެ؟ ހާސްވެގެން ކޮޓަރިތެރެ ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. އެލާމު އަޑު އަންނަނީ އަލިފާން ރޯވެގެންނެއް ނޫނެވެ. އެ ފަތަރާސީ އާހިލްގަނޑުގެ ފޯނު ރިންގު ވާތީއެވެ. ދަތްކުނޑި ވިކާލަމުން އަހަރެން ތެދުވީ އޭނާ ހޯދާށެވެ. އޭނާ ފޯނުގެ ރިންގުޓޯނަށް ފަޔާ އެލާމުގެ އަޑު ލާން ޖެހޭ ހެއްޔެވެ؟ އެ ސޮރު ވީ ވެސް ފާޚާނާގައެވެ. އަހަރެން ދަބަހުން ޕެއިން ސްޓިކެއް ނެގީމެވެ. އެ ދިގުކޮށްލައިފައި އަހަރެން އިންތިޒާރު ކުރީ އާހިލް ފާޚާނާއިން ނުކުންނާނެ އިރަކަށެވެ. މިފަހަރު ރަނގަޅު ބޮނޑިއެއް ދޭނަމެވެ. އެ އަރާމު ނިދިން ހޭލައްވާލަން ފޯނަށް ފާޑުފާޑުގެ ރިންގުޓޯނުތައް ލާން ޖެހޭ ހެއްޔެވެ؟
ދެތިން މިނެޓު ފަހުން ފާޚާނާއިގެ ތަޅު ހުޅުވާލި އަޑު އިވުނެވެ. ސްޓިކް އަތަށް ހެޔޮވަރު ކޮށްލީމެވެ. ދޮރު ހުޅުވާލާފައި އާހިލް ނުކުތީ ހުސްގަޔާ ހަމައެކަނި ޖިންސެއް ލައިގެންނެވެ. އަހަރެން އަތަށް ބާރުލައިފައި އޭނާގެ ގައިގައި އަޅުވާލީމެވެ. “އައްދިއްޔޯތް މަ މަރައިފި” ކަންފަތުގެ ހިނދުރި ފަޅައިގެން ދާހާ ބާރަށް އޭނާ ހަޅޭއްލަވައިގަތެވެ. ކޮޓަރީގެ ފާރުތައް ސައުންޑް ޕްރޫފް ކޮށްފައި ނުވާނަމަ އިމާރާތުގެ އެންމެ ތިރިއަށް ވެސް އެ އަޑު އިވޭނެ ކަންނޭނގެއެވެ. އަހަރެން ޖަހާ އަޅުވާލި ހިސާބުގައި ފިރުމަމުން އާހިލް އަހަރެންނާއި ދިމާލަށް އެނބުރުނެވެ. ދެން ބަލައިލި ގޮތުން ހީވަނީ އަހަރެން ފިއްސާލަފާނެ ހެންނެވެ.
“ޔޫ” ދަތްކުނޑި ވިކާލަމުން އޭނާ އައީ އަހަރެންނާއި ދިމާލަށެވެ. އަހަރެންގެ އަތުގައިވީ ޕެއިން ސްޓިކް ކުޑަކޮށްލައިފައި އެނދު ތަންދަށަށް ވައްޓާލީމެވެ. އޭނާގެ އަތު ނުޖެހެން ކޮޓަރި ވަށާ ދުވުނީމެވެ. އެހެނަސް ހަކަތަ ބޭކާރު ނުކުރަން ވެގެން ދެން ވިސްނީ އޭނާގެ ފައިގައި ދަތިއަޅުވާ ވައްޓާލުމަށް ފަހު ފާޚާނާއަށް ވަންނާށެވެ. އެ ވިސްނުމާއި އެއްގޮތަށް ޢަމަލުކުރީ ކުއްލިއަކަށެވެ. އޭރު އޭނާ ހުރީ އެނދު ކައިރީގައެވެ. އެހެނަސް ފަހަތަށް ވެއްޓެން ދިޔަ ވަގުތު އޭނާ އަހަރެންގެ ޓީޝާޓުގައި ހިފިއެވެ. އޭނާއާއި އެކު އަހަރެން ވެސް ވެއްޓެން ދިޔައެވެ. އަހަރެންގެ މޫނު ތަރަވީ އޭނާގެ ތަނަވަސް މޭމަތީގައެވެ.
“އާހިލްގަނޑާ” އަހަރެން އޭނާއާއި ދުރުވާން މަސައްކަތް ކުރީމެވެ. ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ދޮރުޖެހީމެވެ. އޭނާ އަށް ވެސް އެހެން ހަދަން ޖެހޭ ހެއްޔެވެ؟ އެކަމާ ނުވިސްނަން ބޯހޫރާލަމުން އަހަރެން މޫނު ދޮވެލާ ދަތް އުނގުޅީމެވެ. އައި އިރު ވެސް ލީ އެއްޗެހި ‘ވައްޓާލީ’ އެއީ އެވަގުތު އަތުގައި ޖެހުނީ އެ ކަމަށް ވާތީއެވެ. އަހަރެން ފާޚާނާއިން ނުކުތް އިރު އާހިލް ހުރި ބޮލުގެ އިސްތަށިގަނޑުގައި ޖެލް ލާ އެއްވަރުކުރާށެވެ. މި ސޮރާއި ނައިލާއި އެއް ކޮޓަރިއެއްގައި ދެ ހަފްތާ އުޅެން ޖެހޭނެއޭ ހިތަށް އެރުމުން ކަރު އެލުވާލެވުނެވެ. މި އާހިލަކީ އުނދަގޫ ބޮޑު ޖެއްސުން ބުޅަލެއް ވިއްޔާއެވެ. ދެން އެ ނައިލްގެ އަނގަގަނޑާއި ހެދި އަހަރެން ބޯ ހަލާކުވާނެއެވެ.
އަހަރެން ވޫލުކޮޅަކުން އިސްތަށިގަނޑު ހައްޔަރު ކޮށްލައިފައި ދަބަސް ކޮނޑުގައި އަޅުވާލީމެވެ. އާހިލަށް ލޯއަޅާލައިފައި ނުކުމެގެން ދިޔައީ މިރޭ ލައިލާ އަށް ޖާސޫސްކުރުމުގެ ނިޔަތުގައެވެ. އާހިލް ވެސް އަހަރެންނާއި އެކު ނުކުތެވެ. އޭނާ ވެސް މިރޭ މަސައްކަތް ފަށަނީ ކަމަށް ވެދާނެއެވެ. ހުރި ގަދަ މުށިކުލައިގެ ހުޑީއެއް ލައިގެންނެވެ. އަހަރެން ލިފްޓަށް އެރީ އާހިލް އެހެން ލިފްޓަކަށް އެރުމުންނެވެ. މިއަދު މާ އަވަހަށް ނައިލް މަސައްކަތް ފަށައިގެން އުޅެނީ ކަމަށް ވެދާނެއެވެ.
ހޮޓެލުން ނުކުމެފައި އަހަރެން ހިނގައިގަތީ އިހަވަންދޫ މަދަރުސާއަށެވެ. ލައިލާ މަސައްކަތް ކުރަނީ އެތަނުގައި ކަމަށް ވާތީއެވެ. އަހަރެން ހިނގައިފައި ދިޔައީ ފޯނުން މެޕު ހުޅުވާލައިގެންނެވެ. ހޮޓަލާއި ދުރެއް ނޫނެވެ. އެއީ ވެސް އަހަރެންނަށް ލިބޭނެ ލުޔެކެވެ. ޑަބްލިޔު ސަރ ގެ އެހީގައި އަހަރެން އެ މަދަރުސާއިން ވަޒީފާއެއް ނެގީމެވެ. މާދަމާ ފަށާ ގޮތަށެވެ. އެތަނަށް ވަންނާނެ ގޮތެއް ސަރ ހޯދާލީ ފެންފޮދެއް ބޯލާހާ ފަސޭހައިންނެވެ. އެ ކަމުގެ ހުރިހާ ތަފްސީލެއް އަހަރެންނަކަށް ނޭނގެއެވެ.
މަދަރުސާގެ ކުރިމައްޗަށް ވާގޮތަށް ކެފޭއެއް ހުއްޓެވެ. ކެފޭގެ ބޭރުގައި ހުރި މޭޒެއްގެ ދޮށުގައި އަހަރެން އިށީނީމެވެ. ޗޮކްލެޓް މިލްކްޝޭކަކަށް އޯޑަރު ދީފައި އަހަރެންގެ އޭއައި އައިނު އަޅާލީމެވެ. އެ އައިނުން ޒޫމް ކޮށްލުމުން ދުރު ކޮރިޑޯއިން ހިނގަމުން އަންނަ ލައިލާ ފެނުނެވެ. ކަޅުކުލައިގެ އަބާޔާ އަކާއި އެކު އަޅާލައިފައިވާ ދަނބުކުލައިގެ ޝޯލްގެ ތެރެއިން ފެނުނު އުޖާލާ މޫނުމަތީގައި ވީ ރީތި ހިނިތުންވުމެކެވެ. ކޮނޑުގައި ލެޕްޓޮޮޕް ދަބަހެއް އަޅުވާލައިފައި އޮތް އިރު އަތުގައި ފައިލްތަކެއް ހުއްޓެވެ. ފެންނަ ފެނުމަށް ހަރުދަނާ މުދައްރިސެއް ވައްތަރު ޖަހައެވެ.
އަހަރެން އެ ސުކޫލުގެ ގޯތިތެރޭއަށް ނަޒަރު ހިންގާލީމެވެ. ބޭރު ފާރާއި ހެދި ރަނގަޅަކަށް ނުފެނެއެވެ. އެހެނަސް މަތިމައްޗަށް ނަގައިފައި ހުރި ފުލޯތައް ފެނެއެވެ. މިއީ ރޭގަނޑުގެ ވަގުތު ކަމަށް ވިޔަސް ކިޔަވާކުދިން އިތުރު ގަޑިތަކަށް އައިސްގެން އުޅެއެވެ.
މަގުމަތީގައި ހިނގައި އުޅޭ މީހުން ވެސް ފުދޭ ވަރަކަށް ގިނައެވެ. ކިތަންމެ ވަރަކަށް ފަންނިއްޔާތުގެ ރޮނގުން މިރާއްޖެ ވިދާލިއަސް ދުޅަހެޔޮ ޞިއްޙަތަށްޓަކައި އާންމު ގޮތެއްގައި ގިނަ ބަޔަކު އުޅެނީ ފައި މަގުގައެވެ. އެއީ މީގެ ގަރުނެއްހާ ކުރީގެ މީހުންގެ ޞިއްޙަތު ހުރި ޙާލަތަށް ވެއްޓެން އެކަކު ވެސް ނޭދޭތީއެވެ.
އެ ޒަމާނުގައި މީހުން މުޅިންހެން ދަތުރު ކުރަމުން ދިޔައީ ކާރާއި ސައިކަލު ކަހަލަ ތަފާތު އުޅަނދުތަކުގައި ކަމަށް ވުމުން އެމީހުންނަށް ކިރިޔާ ވެސް ކަސްރަތެއް ލިބުން ވަނީ ނާދިރު ކަމަކަށް ވެފައެވެ. ފަލަ ބަލީގެ ޝިކާރައަކަށް އެތައް ބަޔަކު ގޮސް ނުހިފެހެއްޓި އުދުހި މައްޗަށް އަރައިގެން ދިޔައީ މީހުންގެ ބްލަޑް ޕްރެޝަރާއި ހަކުރާއި ކޮލެސްޓުރޯލާއި މިކަހަލަ އެއްޗެހިނެވެ. މި ޙާލަތަށް ގިނަ ބަޔަކު ވެއްޓުމުން ހަށިހެޔޮ މަގުމަތިން ފެންނަ ފެނުން ހޯރައެއް ފެނުމަށް ވުރެ ތަދު ވިއެވެ. އާއެކެވެ. އެމީހުންގެ ޞިއްޙަތު ޤުރުބާން ކުރަމުން ދިޔައީ ލިބެން ހުރި އަރާމާއި ލުއިފަސޭހައަށް ޓަކައެވެ. މިއަދުގެ މީހުން އެހެނެއް ނުވާނެއެވެ. ނިކަން މުރާލި ވާނެއެވެ. އެންމެ އިހުޒަމާނުގެ މީހުން ފަދައިން ‘ފިޓު’ ވާނެއެވެ.
ލައިލާ ގްރައުންޑް ފުލޯއަށް ފޭބި ފަހުން ދެނެއް ނުފެނުނެވެ. މިލްކްޝޭކު ގެނައުމުން އެއިން ކޯވަރު ކޯވަރު ބޯން އިނީ ފޫހި ވެފައެވެ. އާހިލު ސޮރު ކުރާކަމެއް ބަލާލަން ބޭނުން ވިއެވެ. ޖިމަށް ގޮސް ކަސްރަތު ކުރަނީ ބާއެވެ. “އެނޮއިން ކެޓާ. ކަލޭ ކީއް ކުރަނީތަ؟” އަހަރެން އާހިލުގެ ނަންބަރަށް މެސެޖެއް ފޮނުވާލީމެވެ. އެ ނުވެސް ބަލާލައެވެ. ފޮނި މީހެކޭ ހިތަށް އެރިއެވެ.
ފޫހި ވެގެން ގޮސް މީހާ ހަލާކުވާން އުޅެނިކޮށް މަދަރުސާގެ މައި ގޭޓުން ނުކުމެގެން އައި ލައިލާ ފެނުނެވެ. އެ އުޅެނީ އޭނާގެ ގެއަށް ދާން ކަމަށް ވެދާނެއެވެ. ފަހަތުން ޖާސޫސްކުރަމުން ދިއުމަށްޓަކައި އަހަރެން ތެދުވީމެވެ. އަހަރެން ލަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔައީ ލައިލާއަށް އޭނާގެ ފަހަތުން މީހަކު އަންނަކަން ނޭންގުމަށެވެ. އެހެން މީހަކު ލައިލާއަށް ފާރަލާ ތޯ މަގުގެ އެކި ހިސާބުތަކަށް ކަޅިއުކީމެވެ. މިވަގުތު އެކަހަލަ މީހަކު ނެތުމުން ހިތްހަމަޖެހުނެވެ. ލައިލާ ގޮސް އޭނާގެ ގެއަށް ވަންނަން ދެން އަހަރެން ފަހަތުން ދިޔައީމެވެ. އޭނާ ގޮސް އެރީ ދިހަ ވަރަކަށް ބުރީގެ އިމާރާތަކަށެވެ. އޭނާ އެ އުޅެނީ ސަރުކާރުން ދޫކުރި އެޕާޓްމަންޓެއްގަ ތާއެވެ.
އަހަރެން އެތަނަށް ވަންނާކަށް ނޫޅެމެވެ. އުޅުނީ އަނބުރާ ހޮޓެލަށް ދާށެވެ. އެހެނަސް އެ ޚިޔާލު ބަދަލުކޮށްލާ އަހަރެން ގަސްތުކުރީ ރަށުގެ އެކި ހިސާބުތަކުގައި ހިނގާލާށެވެ. މެޕަކާއި ނުލާ އުޅެވޭނެ ވަރު ކުރަން ބޭނުންވާތީއެވެ. މި ރަށާއި ހުޅުމާލެއާއި ތަފާތުކޮށްދޭ މައިގަނޑު ކަމަކީ މަގުތަކުގައި ކެމެރާ ނެތުމާއި ސްކައި ލިފްޓުގައި ޚިދުމަތް ލިބެން ނެތުމެވެ. މި ރަށުގައި ދެ ސުޕަމާކެޓާއި ބޮޑު ފިހާރަ މޯލްއެއް އޮވެއެވެ. ފެންވަރު ރަނގަޅު ހަސްފަތާލަކާއި ސަޅި ސުކޫލެއް އެބައޮތެވެ. ގުދުރަތީ ދިރުންތަކުން ފުރިފައިވާ ޕާކަކާއި ކުޑަކުދިންގެ ޕާކާއި ޖިމްތަކާއި އިންޓަނެޓް ކެފޭތަކާއި ރަހަމީރު ކެއުން ލިބޭ ރެސްޓޯރެންޓުތައް އެބަހުއްޓެވެ. ސްޕޯޓްސް ސެންޓަރު ތަކާއި ކުޅޭ ދަނޑަކާއި މީހުން ދިރިއުޅުމަށް އިމާރާތްތައް ވެސް ހަދައިފައި ވަނީ އެންމެ ވަރުގަދަ ފައުންޑޭޝަނުގެ މައްޗަށް ކޮލެޓީގެ އެއްޗެހި ބޭނުން ކޮށްގެންނެވެ. އަތްތެރިމަސައްކަތާއި ގަލު ވަޑާމާއި ތިލޭރުކަމާއި ވަޑާންކުރުމާއި ވެލްޑިން މަސައްކަތް ކުރާ ތަންތަން ހުރީ ރަށުގެ ދެކުނު ކޮޅުގައެވެ.
މުޅި ރަށުގައި ހިނގައި ރަށް ކުޑަކޮށްފައި އަހަރެން އަނބުރާ ހޮޓެލަށް އައި އިރު އެގާރަ ޖަހައިފާނެއެވެ. ހޮޓެލުން ކޮޓަރިއަށް ދެވުނު އިރު ނައިލާއި އާހިލް ހުރީ އަތަށް ޕޯޓަލް ޓެބެއް ލައިގެން ހަމަހިމޭނުންނެވެ. އެކަމަށް ގޮސް ހުސްވެފައި ވާވަރުން އަހަރެން ގޮސް ވަތް ކަން ވެސް ނޭނގޭ ކަހަލައެވެ. އަހަރެން އަޅާނުލާ ގޮސް ކުރިން ނިދަން ލީ އަތްދިގު ޓީޝާޓާއި ޓްރެކްޝޫޓު ނަގައިގެން ވަނީ ފާޚާނާއަށެވެ.
އިސްތަށިގަނޑު ރޫޅާލައިފައި އަހަރެން ވެސް އެނދަށް އަރައިފައި ޕޯޓަލް ޓެބު ނެގީމެވެ. މަޢުލޫމާތު އަޕްޑޭޓް ކޮށްފައި ދެން ނެގީ އަހަރެންގެ ލެޕްޓޮޮޕެވެ. ލައިލާ އުޅެނީ ދިވެހި ޑިޕާޓުމެންޓުގައި ކަމީ ވެސް ނަސީބެކެވެ. ހިސާބު ކަހަލަ މާއްދާއެއް ޖެހިއްޖެނަމަ އެ ކިޔަވާ ކުދިންނަށް އެނގޭ ވަރު ވެސް އަހަރެންނަކަށް ނޭނގޭނެއެވެ. އޭރުން އަހަރެން ވާނީ ބޮޑު ޖޯކަކަށެވެ. ދިވެހި ޑިޕާޓުމެންޓުގައި އިތުރު ދިހަ މުދައްރިސުން މަސައްކަތް ކުރެއެވެ. އަހަރެން އުޅުނީ އެމީހުންގެ ބެކްގްރައުންޑް ޗެކަޕެއް ހަދާލާށެވެ.
އެކަން ނިމުމުން އަހަރެންގެ ނިދީގެ ގޮވުމަށް އިޖާބަ ދެމުން ދެލޯ މަރާލީމެވެ. ބްލޭންކެޓް ގައިގައި އޮޅާލައިފައި ރަނގަޅަށް ހަމަޖެހިލީމެވެ. އަނެއް ދުވަހު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި މިރޭ ނިދާލަން ޖެހޭނެއެވެ. މާދަމާ މަދަރުސާއަށް ދާން ހަމަޖެހިފައިވަނީ އަށަކަށެވެ. އަސްލު ދަންފަޅި ފެށޭނީ ނުވައެއް ޖަހާއިރެވެ. އަހަރެން ކުރިން ދަނީ އެ މާޙައުލަށް ހޭނިލާ އުޅެންވީ ގޮތާއި ހަމަތައް ދެނެގަތުމަށެވެ. އެސިޓެންޓް މުދައްރިސެއްގެ ގޮތުގައި ލައިލާ އާއި އެކު މަސައްކަތް ކުރާއިރު ކަންތައް ކުރަން ޖެހޭ ގޮތް ވެސް ދެނެގަތުން މުހިންމު ވާނެއެވެ. އަހަރެންނަށް އެ ފުރުސަތު ލިބުނީ ކުރިން އެ މަޤާމުގައި ހުރި މުދައްރިސް ދެ ހަފްތާގެ ޗުއްޓީއެއް ނެގުމުންނެވެ. ސަބަބު އެނގޭނީ ޑަބްލިޔު ސަރ އަށެވެ.
އެލާމުގެ ބޮލަށް ތުރާ އަޑާއި ހެދި ތެދުވަންނަން މަޖުބޫރުވީ އަހަރެންގެ ނާޒުކު ކަންފަތަށް ކެތްނުވާވަރު ވުމުންނެވެ. ގަދަކަމުން ދެލޯ ހުޅުވާލައިފައި ތެދުވެ އިނގިލިތަކަށް ދަމާލުމާއި އެކު ފެނުނީ ނިދާ މަރުވެފައިވާ އާހިލާއި ނައިލެވެ. އެމީހުން ހާދަހާވާ ނަސީބު ގަދައެވެ. ފަތިސް ނަމާދުކޮށްގެން ނިދަން އެހާ ވަގުތު ލިބޭ ވިއްޔާއެވެ. އަހަރެން ފަކީރު މި ޖެހެނީ ކުރިން ހޭލާށެވެ. އަހަރެންގެ ގަމާރު ކަމާއި ހެދި ނަގަން އެނގުނީ ވެސް މުދައްރިސަކަށް މަސައްކަތް ކުރާ މީހާ ވިއްޔާއެވެ. އަހަރެން އެ ސްކޫލަށް ދާން ޖެހޭނެ ތާއެވެ. ލައިލާއާއި އެކުގައި މަސައްކަތް ކުރާ އެހެން މީހުންގެ ދިރާސާއެއް ކޮށް އެއީ ރަހީނުކުރާ ގުރޫޕުގެ ތެރެއިން އައިސްގެން އުޅޭ މީހެއް ނޫންކަން ކަށަވަރު ކުރަން ޖެހޭނެއެވެ.
ފެންވަރާލުމުން ގޮތަކަށް އަހަރެންގެ ނިދި ފިލައިގެން ދިޔައެވެ. އަހަރެން މަސައްކަތް ކުރީ އާދައިގެ މުދައްރިސަކު ލާނެ ކަހަލަ ހެދުމެއް ފެނޭތޯއެވެ. އަހަރެންނަށް ފެނުނީ މުށިކުލައިގެ ހެދުމެކެވެ. މޭމައްޗަށް ރޫޖައްސާލައިފައިވާ އެ ހެދުން އަހަރެންނަކަށް ކަމަކު ނުދިޔައެވެ. އެހެނަސް މިހާރުގެ ޙާލަތަށް ބަލައިފައި އެހެން ގޮތެއް ނެތުމުން އެ ހެދުން ލާން ގަސްތުކުރީމެވެ. ހުޑީއެއް ނުވަތަ ސްވެޓާއެއް ލައިގެން ކިޔަވައިދޭ މީހަކު ނުދާނެ ތާއެވެ.
ގޮށްޖެހިފައިވީ އިސްތަށިގަނޑުން ގޮށްފިލުވަމުން ފުނާއެޅީމެވެ. އަހަރެންގެ މުށިކުލައިގެ އިސްތަށިގަނޑާއި އެ ހެދުން ވަރަށް ގުޅެއެވެ. ސެންޓު ޖަހާލުމަށްފަހު އަހަރެން ކަޅުކުލައިގެ ސްނީކާސްއަކަށް އަރާލީމެވެ. އަހަރެން ގެނައީ ތިން ބޫޓެވެ. ދުވަން ޚާއްޞަ ބޫޓާއި ހުދު އަދި ކަޅު ސްނީކާސްއެވެ.
ކޮޓަރިން ނުކުތީ ކޮނޑުގައި އަތް ދަބަސް ވާގަނޑު އަޅުވާލަމުންނެވެ. ބާރު ބޮޑު ލިފްޓު ފެނިފައި އަހަރެން މިސްރާބު ޖެހީ ސިޑިން ފައިބަންނާށެވެ. ރޫސްލައިފައި އޭގެން ތިރިއަށް ފޭބީ ފަރިތަކަމާއި އެކުގައެވެ. ގޭގައި ސިޑިން އަރާ އަރާ ގޮސް މިހާރު ލޯ މަރައިގެން ވެސް އެއިން ފޭބޭނެހާ ފަރިތަވާނެއެވެ. ހޮޓެލް ދޮރުން ނުކުމެގެން އަހަރެން ހިނގައިގަތީ މަދަރުސާއާއި ދިމާއަށެވެ. ހިނގައިފައެވެ. އެހެނަސް އެހެން ހެދުމުގެ މޮޔަ ހިތަށް އަރަން ފެށީ މަގުމަތިން ދާހާ މީހެއްގެ ނަޒަރު އަހަރެންނާއި ދިމާލަށް ހުއްޓޭ ވަރުންނެވެ. އަހަރެން ހަމަ އެހާ ބަލައިލަން ރީތީ ހެއްޔެވެ؟ ނުވެސް ދަންނަ ގިނަބައެއްގެ ބެލުންތައް އަހަރެންނާއީ އަމާޒުވާތީ ރުޅިވެސް އައެވެ. އަދި މަދަރުސާއަށް ދިޔައިމާ ކިހާ ވަރެއް ވާނެ ބާއެވެ. ކުއްޖަކު އަހަރެންނާއި ހިތާ ނުވިއްޔާ ރަނގަޅެވެ. ކުރިން އަހަރެންނާއި އަޅައިގަނެގެން އުޅޭ ސޮރު ސޮރު ރޮއްވާލައިފައި ފޮނުވާލިއަސް ދަރިވަރަކަށް އެވަރެއް ނުކުރެވޭނެއެވެ. މި ޖެހުނީ ވަރަށް ވިސްނައިގެން އުޅޭށެވެ.
މަދަރުސާގެ ގޯތިތެރެއަށް ވަދެގެން ދިޔައިރު ވަރަށް މީހުން މަދެވެ. މުދައްރިސުން ވެސް ޙަޤީޤަތުގައި އަންނަނީ އަށް ގަޑި ސާޅީސް ފަހެއްގައެވެ. މިއަދު އަހަރެންނަށް ކުރިން އަންނަން ޖެހުނީއެވެ. އަހަރެން ހިނގައިގަތީ އޮފީހާއި ދިމާއަށެވެ. ޑަބްލިޔު ސަރ ބުނި ގޮތުގައި އެތަނުން ސުކޫލު ޕުރިންސިޕަލްއާއި ބައްދަލުވާނެއެވެ. އެމީހާ އަހަރެންނަށް މުދައްރިސެއްކަން އަންގައިދޭ ކާޑު ދޭނެއެވެ. އެ ބޭނުން ކޮށްގެން މުދައްރިސުން ވަނުމަށް ފުރުސަތު ދީފައިވާ ހުރިހާ ތަނަކަށް ވެސް ވަދެވޭނެއެވެ. އޮފީސް ދޮރުމަތީގައި ފިރިހެނަކު ޕުރިންސިޕަލް ކާޑު އަޅައިގެން ހުއްޓާ ފެނުމުން އެ ދިމާލަށް ދިޔައީމެވެ.
“ތިއީ ރިފްޤާ ދެއްތޯ؟ އަޅުގަނޑު މިއީ އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް ޢަބްދުﷲ ފަލާޙް. މިއީ މުދައްރިސްގެ ކާޑު. ސުކޫލުގައި އުޅުއްވާ އިރު މި ކާޑު އަޅުއްވައިގެން އުޅޭނީ.” އެމީހާ ތަޢާރަފު ވެލަމުން ވާހަކަ ދެއްކި މާތް ބަހުރުވައިން އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެއް ވިއެވެ. އަހަރެންނަށް ވުރެ އެތައް އަހަރެއް ދޮށީ މީހަކު އެގޮތަށް ވާހަކަ ދެއްކީމާ ކަމަށް ވެދާނެއެވެ.
އެއަށްފަހު އަހަރެން މިސްރާބު ޖެހީ ސްޓާފްރޫމަށް ދިއުމަށެވެ. އެތަނުން ލައިލާއާއި ދިމާވިިއެވެ. ލައިލާގެ އެހީގައި ފިލާވަޅު ކުރިއަށް ގެންދާނެ ގޮތުގެ ހުރިހާ ތަފްސީލެއް އެނގިގެން ދިޔައެވެ. އެއީ ފަސޭހަ ކަމަކަށް ހަދައިފައި އަހަރެން މަސައްކަތާއި ގުޅުން ނެތް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. އޭނާއާއި ގުޅުން ބަދަހި ކުރުމަށެވެ. އޭނާއާއި ގާތްވީ ވަރަކަށް އޭނާގެ ގާތުގައި އުޅޭ މީހުންގެ ގޮތް ހޯދާ ރަނގަޅު ބައެއް ކަން ޔަޤީން ކުރަން ޖެހޭނެއެވެ.
“މިއީ ހާދަ ރީތި ކެވެލިކޮޅެކޭ. ކާކު ދިން އެއްޗެއް ތަ؟” އަހަރެން ލައިލާގެ އަތުގައި އޮތް ރިހި ކެވެލި ކޮޅުގައި ޓްރެކަރެއް ހަރުކޮށްލަމުން ވާހަކަ ދެއްކީމެވެ. “އާނ ވަރަށް ރީތި. މިއީ މާމަ އެއްފަހަރު ޙައްޖަށް ގޮސްފައި ސައޫދީ އިން ގަނެގެން ގެނައި އެއްޗެއް.” ލައިލާ ރައްދުގައި ބުނެލިއެވެ. އޭނާ އަހަރެންގެ ލޮލާއި ބެހޭގޮތުން ވެސް ސުވާލު ކުރިއެވެ. އެނޫން ވެސް ތަފާތު ވާހަކަތައް ދައްކަމުން ގޮސް ހުއްޓާލީ ނުވައެއް ޖަހަން ދެތިން މިނެޓަށް ވީމައެވެ. އަހަރެން ލައިލާއާއި އެކު ސްޓާފްރޫމުން ނުކުތީ މިއަދުގެ ފުރަތަމަ ކުލާސް ނަގައިގެން ޖެހޭ ކުލާހަށް ދިއުމަށެވެ. އެއީ އަށެއް ސީ އެވެ. ފަސްވަނަ ފުލޯއެވެ. މިވަގުތު ފާޑަކަށް ކަންނެތް ވުމުން އަހަރެން އިޚްތިޔާރު ކުރީ ލިފްޓުން އަރާށެވެ. ކުލާހުގެ އެތެރެއަށް ވަދެވުމުން އެތަނުގެ އެތެރެއަށް ނަޒަރު ހިންގާލީމެވެ. ރެހެންދި ސްކޫލްގެ ކުލާސް ރޫމު ތަކާއި ތަފާތެވެ. ގޮނޑި ޑެސްކު ހުރީ މުށި ކުލައިގައެވެ. ޑިޖިޓަލް ބޯޑަކާއި ސްމާޓް ޓީވީއެއް ހުއްޓެވެ. ކުޑަދޮރުތައް ހުޅުވައިފައި ހުރުމުން ވެންޓިލޭޝަން ރަނގަޅު ވާނެއެވެ. ފިނިވާ ފަންކާ ތަކެއް ހުރިކަން ރަނގަޅެވެ. އަހަރެންގެ ލޮލުގައި ފާރުގައި ހަރުކޮށްފައި އިން ކެމެރާއެއް ވެސް އަޅައިގަތެވެ. އެއީ ވެސް ރެހެންދި ސްކޫލުގައި ނުކުރާކަމެކެވެ.
ކުލާހަށް ވަދެގެން އައި ކުދިންގެ ލޯތައް ވެސް ހުއްޓެނީ އަހަރެންނާއި ދިމާލަށެވެ. އަހަރެންގެ ލޮލަށެވެ. ހީވަނީ އަދި އަލަށް ނޫކުލަ ލޮލެއް ފެނިގެން އުޅޭ ހެންނެވެ. ދެން އެ ވެސް އިންސާނުން ވިއްޔާއެވެ. ތަފާތު ކަމެއް ހުރުމުން ބަލާނެތާއެވެ. އަހަރެން މާ ވަރަކަށް އަޅާ ނުލާ ހިނިތުންވުމެއް ހަދިޔާ ކޮށްލައިގެން އިނީމެވެ. ކުލާސް ފެށުނީ ޤުރުއާން ކިޔަވާ ކުއްޖާ ކިޔަވާ ނިމުމުންނެވެ.
“މިއީ ރިފްޤާ މިސް. ތިކުދިން ރަނގަޅު ވާނެ ރަފާ މިސްގެ ނަމުން މުޚާޠަބު ކުރިޔަސް. ސަމާ މިސް ކުއްލި ގޮތަކަށް ޗުއްޓީއެއް ނެގުމުން ވަގުތީ ގޮތުން ގުޅުނު ފަރާތެއް މިއީ.” ކުދިންނަށް އަހަރެންނަކީ ކާކު ކަން އޮޅުންފިލުވައިދިނީ ލައިލާއެވެ. “ވާވް. ތިއީ ހަމަ އަސްލުގައި ވެސް ނޫކުލައިގެ ކަޅިރަވައެއް ތަ؟” އަނގަގަދަ ސޮރަކު މަޑުން ނީނދެވިގެން ކޮށްލި ސުވާލަކުން އަހަރެންނަށް ހެވުނެވެ. އެ ސޮރު ޤަބޫލުނުކުރެވިގެން އުޅޭތީ އެހެން ކުއްޖަކު އަނގަބާނާލިއެވެ. “އެހެން ނުވާނެ. އެ ވާނީ ލެންސަކަށް. ދިވެހިރާއްޖޭގަ އެކުލައިގެ ކަޅި ހުންނަމީހުން އުޅޭނެތަ؟” އެ އަންހެން ކުއްޖާގެ ރައްދު އިވިފައި އަހަރެންނަށް ދެ ބުމަ ގޮށްޖަހާލެވުނެވެ.
“މިއީ އަސްލުގައި ވެސް މިސް ލޮލުގެ ކަޅި ހުންނަ ކުލަ. ދެން ހިނގާ ދޯ މިއަދުގެ ފިލާވަޅައިގެން ކުރިއަށް ދާން.” އަހަރެން މައުޟޫ ބަދަލު ކޮށްލަމުން ލައިލާ ކިޔަވައިދިނުމަށް ފުރުސަތު ދިނީމެވެ. ލައިލާގެ ޙަރަކާތްތައް އަހަރެން ބަލަން އިނީމެވެ. އަހަރެން އިނީ ހަމަޖެހިލައިފައެވެ. ޚަބަރު ލިބިފައިވާ ގޮތުން އިހަވަންދޫގައި އޮށްގާ ގޭންގުގެ މީހުންނެއް ނޫޅެއެވެ. އެހެނަސް އެމީހުން ނެތިއްޔޭ ކިޔާފަ ލައިލާއަށް ނުރައްކަލެއް ނެތެކޭ ނުބުނެވޭނެއެވެ. އެއީ ރަހީނުކުރުމުގައި މަސައްކަތް ކުރަނީ ހުނަރުވެރި ސިއްރުވެރި ބައެއް ކަމަށް ވާތީއެވެ. ބޭރު ފުށުން ބަލާއިރު އެ މީހުން ވެސް ވާނީ އާދައިގެ ވަޒީފާ އަދާކުރާ މީހުންނަށެވެ. ފަރުވާތެރިކަމާއެކު ދިރާސާ ކުރަން ޖެހޭނީ އެހެން ވެގެންނެވެ.
އެދުވަހުގެ ގަޑިތައް ނަގައިދިނުމުގައި ލައިލާ އަށް އެހީވީ އިރު އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ. އާހިލް ބުނި ކަހަލަ ރިހި އަނގޮޓީގައި ޔާޤުތެއް ޖަހައިފައިވާ ކަހަލަ އަނގޮޓިއެއް އަޅައިގެން އުޅޭ މީހަކު ވެސް ލައިލާގެ ގާތަކުން ނުފެނެއެވެ. ދިވެހި ޑިޕާޓްމެންޓުގައި ވެސް ނުރަނގަޅު ބައެއް ނެތެވެ. އަދި ލައިލާގެ އެކުވެރިންނާއި ބައްދަލުކޮށް އެމީހުން ވެސް ބަލަންޖެހޭނެއެވެ.
އަހަރެންނަށް ހޮޓެލަށް އާދެވުނީ ފަހެއް ޖެހުމަށެވެ. ފުރަތަމަ ދުވަސް ކަމަށް ވުމުން މިއަދު އަވަހަށް ފެށުނު ގޮތަށް ލަހުން ނިމުނީއެވެ. މި މުދައްރިސުންގެ މަސައްކަތް ވެސް ހާދަހާވާ ބުރައެވެ. ދެ ހަފްތާ މިކަމުގައި ހިފަހައްޓާލެވޭނެ ކަމާއި މެދު ޝައްކެވެ. އާހިލް މިހާރު ވާނީ ޖިމުގައެވެ. ނައިލް ދެން ވަޑާންކުރާ ބޭބެގެ ފަހަތުން ބިސްމަޅި ދުއްވަފާނެއެވެ. އަހަރެންނާއި އާހިލާއި ޚިލާފަށް ނައިލް އުޅެނީ އަނިލްއާއި ދުރު ދުރުންނެވެ. ސިއްރުން ޖާސޫސް ކުރަނީއެވެ.
އަހަރެން ހެދުން ބަދަލުކޮށްލާ ދަނބުކުލައިގެ ހުޑީއަކާއި ޓްރައުޒާއެއް ލައިފައި އެނދުމަތީގައި އިށީނީމެވެ. ވޫލަކުން ނާއްސަ އިސްތަށިގަނޑު ދޫކޮށްލައިގެން ހުންނަން ހާދަ ފަސޭހައެވެ. ޓެބު ނަގާ އެޖެންޓު ޕޯޓަލަށް މަޢުލޫމާތު އަޕްޑޭޓް ކުރަން ފެށީމެވެ. އެކަން ނިންމާލައިފައި އަހަރެން ބަލައިލީ ރަވާނުމެންގެ މަސައްކަތެވެ. އެމީހުން އެންމެ ފުރަތަމަ ދިޔައީ ބާރަށަށެވެ. އެރަށުގައި ރަހީނުކުރާ ގުރޫޕުގެ އަމާޒުފަތްގަނޑަކަށް ވެދާނެހެން ހީވާ ތިން މީހަކު އެބަހުއްޓެވެ. އެކަކީ ބޮޑީގާޑެއްގެ ވަޒީފާ އަދާކުރާ ނިޔާޒު ނަމަކަށް ކިޔުނު ފިރިހެނެކެވެ. ދެވަނައަށް ހުރީ ޒައިނު ނަމަކަށް ކިޔާ ހިންގުންތެރި ބޭކަރީ އޯނަރެކެވެ. ދެން ޝައިހާއެވެ. ވެބް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ އުފެއްދުންތެރި އަންހެނެކެވެ.
އަހަރެމެންނާއި ޚިލާފަށް އެމީހުން މަސައްކަތް ކުރާ އެކުގައެވެ. މިބުނީ ތިން މީހުން އެއްކޮށް އެކަކާއި ދިމާކުރާ ވާހަކައެވެ. މިހާރު ނަމަ އެ ވެބް ޑިޒައިނަރުގެ ގާތް އެކުވެރިއަކަށް މަލަކު އުޅެއެވެ. ރަވާނު ބަލަނީ ޝައިހާ ބައްދަލު ކުރާހާ ބައެއްގެ ގޮތެވެ. ހޫދު ސްޕައި އެއް ނުވަތަ ޖާސޫސް ކުރާ މީހެއް ގޮތަށް ޝައިހާ ބޭރުގައި އުޅޭއިރު ދާހާ ތަނަކަށް ދެއެވެ. މިހާތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު ޝައިހާއަކީ ‘ސޭފް’ ސައިޑުގައި އިން މީހެކެވެ.
އައި ފަހުން އަދި މަންމައަށް ގުޅާ ނުލެވޭކަން ހަނދާން ވުމުން އަހަރެން ފޯނު ނަގާ ގުޅާލީމެވެ. ރިންގުވެލަން ސިކުންތު ކޮޅެއް ވެސް ނުދީ މަންމަ އެކޮޅުން ފޯނު ނަގައިފިއެވެ. “އައްސަލާމު ޢަލައިކުމް. ދަރިފުޅު ކީއް ކޮއްލަނީ؟” ފޯނު ނެގުމާއި އެކު ދެން އިވުނީ މަންމަގެ މަޑުމައިތިރި އަޑެވެ. އަހަރެން ސަލާމަށް ޖަވާބު ދީފައި ބުނެލީ މާ މޮޅު ކަމެއް ނުކުރާ ވާހަކައެވެ. “މަންމަގެ އެއް ދަރިއަކަށް ވެސް ނޭނގުނުތަ ރަށުގައި ހުރެގެން ކުރާ މަސައްކަތެއްގައި އުޅޭކަށް. މަންމަ އެކަނި ކޮށްލާފަ ތި ދަނީ މަންމަ ދެކެ އެހާ ރުޅިއަންނާތީތަ؟ ޒާން ވެސް މާމަ ދަރިންކޮޅު މިތަނުގައި ބައިތިއްބަން ވެދާނެތީ އެހެން ރާއްޖެއަކަށް ގެންގޮސް ލާފަ.” މަންމަ ވާހަކަ ހުރިގޮތުން އެ އިނީ ފޫހިވެގެން ހަލާކުވާވަރު ވެފައި ކަން އެނގުނެވެ.
މަންމަގެ އިތުރުން ޝެހެނާޒާއި ވެސް އަނގަތަޅާލައިފައި އަހަރެން ފޯނު ބޭއްވީމެވެ. ހޮޓެލުގައި ނޯންނަން ވެގެން އަހަރެން އަތުކުރީ ގަޑިއަޅާލަމުން ނުކުތީމެވެ. އަހަރެން ދިޔައީ އިހަވަންދޫގައި އެންމެ މަޝްހޫރު، އެންމެ ކެއުން މީރު ކަމަށް ބުނާ ރެސްޓޯރެންޓަށެވެ. އެކަނި ވިޔަސް އަހަރެންގެ ފަރުވާލެއްނެތެވެ. ކާތަކެތީގެ މީރުކަން ރަނގަޅަށް އިޙްސާސް ކޮށްލެވޭނީ ވެސް ސަމާލުކަން އަތުލާނެ މީހަކު ނެތީ ވިއްޔާއެވެ. އަހަރެން އޯޑަރު ކުރީ އެތަނުގައި އެންމެ ހިނގާ ކެއުން ކަމުގައިވާ ކުކުޅު ކޮއްތު ރޮށްޓަށެވެ.
އޯޑަރަަށް ކެއުން ގެނައިލެއް އަވަހެވެ. ރަހަ ވެސް އެހާ މީރެވެ. މީރު ކަމުން އެއަށް މޮޔަވާހާ ވަރު ވެއެވެ. އޭގެ އިތުރު ތިނެއްޗަށް އޯޑަރު ދިނީ ޕެކުކުރާ ގޮތަށެވެ. ނައިލްމެންނަށް ވެސް އޭގެ ރަހަ ދައްކާލަން ޖެހޭނެތާއެވެ. އެ އެއްޗެހި ފޮތިކޮތަޅެއްގައި ގެނެސްދިނުމުން އަހަރެން ކޭޝްކާޑުން ބިލަށް ވާވަރު ދީފައި އުޅެގަތީ ހޮޓެލަށް ދާށެވެ.
ހޮޓެލުގެ ރިސެޕްޝަނުން އަހަރެންނަށް ދިނީ އަދި މާ އުފާވެރި ޚަބަރެކެވެ. ހޮޓެލުން ދެ ކޮޓަރި ތަނެއް ހުސްވީއެވެ. އެ ވަގުތުގެ ބޭނުން ހިފާ އެ ތަން ނަގަންވެގެން ކުރިން ނެގި ތަނަށް ދެއްކި ވަރުގެ އިތުރަށް ބޭނުންވާ ވަރު އަހަރެން ކޭޝްކާޑުން ދެއްކީމެވެ. އެ ލިބުނު ތަނުގެ ޖާގަ ތަނަވަހެވެ. ކުޑަ ސިޓިންރޫމަކާއި ބަދިގެއެއް ވެސް އެތަނުގައި ހުއްޓެވެ. ވީ އުފަލުން ނަށާ ވެސް ލައިފައި އަހަރެން ހޮޓެލް ސްޓާފެއްގެ އެހީގައި އަހަރެމެންގެ ސާމާނު މިތަނަށް ބަދަލުކުރުމަށް އަވަސްވެގަތީމެވެ. އެންމެ ސިކުންތެއް ވެސް ނަގާލާކަށް އަހަރެން ބޭނުން ނުވާތީ ނައިލްމެންނަށް އެކަން ފަހުން އަންގަން ލަސްކޮށްލީމެވެ.
އަހަރެންނާއި ނައިލްގެ އެއްޗެހި ގެނެސްފައި އެންމެ ފަހުން ގެނައީ އާހިލްގެ ފޮށްޓާއި ދަބަހެވެ. އިތުރު އެހެން އެއްޗެއް އެތަނުގައި ބޭއްވިފައި އޮވެދާނެ ކަމަށް ހާވާލި ވަގުތު އެނދުގެ ކައިރީގައި އޮތް ފޮޓޯ ފްރޭމެއް ފެނުނެވެ. އެ ފޮޓޯ ލޯގަނޑު ނަގާ ބަލާލި ވަގުތު އަހަރެންގެ މޫނު މައްޗަށް ރޫގިނަވެގެން ދިޔައެވެ. ހިންދިރުވާލެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






