ޙަޤީޤަތް ހޯދުމޭ 20
“އިއްޔެ ބައްދަލު ކުރީމެންނު ދެ ސޮރަކާ. އެމީހުންނަށް މިއަދު ޙުކުމް ކުރެޔޯ.” ހޫދު ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ. “އޯ އެހެންތަ. މަށަށް ޖެހުނު ސޮރު ޔަޤީނުން ވެސް ތާށި ވާނެ ފިލި ޒަކިއްޓެއާ އެކު. އެ ސޮރު މާ ގިނަ ވާހަކަތައް އަހަރެން ގާތު ބުނި ވިއްޔާ. އެ ފަކީރުގެ ހާއަލިފު ޓިކެޓް ހަމަ އެކަށް ކެންސަލް ވީނުން.” އަހަރެން ރައްދުގައި ބުނެލީމެވެ.
“ކީކޭ؟” ބަރުބަރު އަޑަކުން އެހެން ބުނެލިތަނާ އަހަރެން ސިހުނުވަރުން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ދެން އަހަންނަށް ބުނެވުނު އެއްޗަކާއި މެދު ވިސްނާލެވުނީ ދެނެވެ. ކަމެއް ރެއަކާލީ ދެނެވެ. އެއީ ކިހާ މުހިންމު މަޢުލޫމާތެއް ކަން ކަން ކުރިން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބައްދަލު ކުރި ސޮރަކީ އެ އޮށްގާ ގޭންގަށް ނިސްބަތްވާ ސޮރެކެވެ. އެއީ ސިއްރު ހިފެހެއްޓުމުގައި ކުޅަދާނަ ބައެއް ކަމުން އެމީހުން ކުރާ ކަންކަން ސިއްރުކޮށްލަނީ ފުރިހަމައަށެވެ. އެދުވަހު ބައްދަލު ކުރި ސޮރު އަހަރެންގެ ގާތުގައި ހާއަލިފު ޓިކެޓޭ ބުނެފައި އިތުރަށް އެއްޗެކޭ ނުބުނީ އެހެން ވެއެވެ. އެހެނަސް އެ ވަރު ވިޔަސް އޭނާގެ އަނގައިން ނެރެވުނު ކަމީ ނަސީބެކެވެ. ދެން ގެއްލޭނެ ފަރާތް ހުރި އަތޮޅު އެނގުނީއެވެ. ހިތާ ހިތުން އޭނާއަށް ޝުކުރުކޮށްލެވުނެވެ.
“ރިފް ވެސް ދޯ! އެކަހަލަ މުހިންމު ކަންކަމުގެ ވާހަކަ ބުނަން ވާނެއްނު. އަހަރެމެން އެހިސާބުގެ ވަކިވަކި ރަށްރަށަށް ގޮސްފިނަމަ ހާދަ ވަގުތެއް ބޭކާރު ވީހޭ. ޕިސްޕިސް.” މަލަކު ބޯ ހޫރާލިއެވެ. އެއީ ވެސް ތެދެކެވެ. ދެން އަހަރެމެންގެ ގުރޫޕް ވައްޓާލަންވީ އެ އަތޮޅަށެވެ. ބާވީސްވަނަ އަމާޒުފަތްގަނޑު ފާހަގަކޮށް ރަހީނުކުރާ ގުރޫޕު ހޯދަން މަސައްކަތް ކުރަންވީއެވެ. އެމީހުން ހައްޔަރުކޮށް ޙައްޤު އަދަބު ދިނުމުން މި ކޭސް ވެސް ނިމުނީއެވެ. އެހެނަސް އެ އަމާޒުފަތްގަނޑު ވަކިކުރަން އުނދަގޫ ވާނެއެވެ.
“ހާ އަލިފުގަ ވެސް އެބައޮތޭ ހުވަހަންދޫ ނުލާ މީހުން އުޅޭ ދިހަ ރަށް. ބާވީސްވަނަ ޓާރގެޓް އަހަރެމެންނަށް ފާހަގަ ނުކުރެވެނީސް އެމީހުން އެ ފަކީރު ރަހީނުކޮށްފާނެ.” ރަވާނު އެ ބުނީ ދޮގު ވާހަކައެއް ނޫނެވެ. އެ ބަޔަކު ހޯދުމަށް އަހަރެމެންނަށް އޮތީ ކިހާ ދުވަހެއް ކަމެއް ވެސް ނޭނގެއެވެ. އަހަރެންނަށް ހީވަނީ ހަތަރު ވަރަކަށް މަސް ލިބިދާނެ ހެންނެވެ. މި ވަގުތު ކޮޅު ތެރޭގައި ވަރަށް ރަނގަޅަށް އެ އަތޮޅުތެރޭ އަތްފުނާއަޅާލަން ޖެހޭނެއެވެ.
“ތިން މީހަކަށް ފަސް ރަށް ދިނީމަ ރަނގަޅު ވާނެ. ކުރިން ނެގި ގުރޫޕަށް ކުޑަ ބަދަލެއް ގެންނާނީ. ނައިލް ރިފްޤާމެންނާއި އެއްކޮށް ދޭ. ރަވާނު އާދޭ އަހަރެމެންނާއި އެކު.” މަލަކު އަމުރު ނެރުނެވެ. ނައިލް ހާއަލިފު އަތޮޅުގެ ޗާޓު ފާރަށް އަޅުވާލިއެވެ. ފަސް ރަށޭ ބުންޏަސް އެއީ ހާދަ ގިނައެކެވެ. ނައިލް ރަށްތަކުގެ ކައިރި ވަރެއް ބަލައިފައި އަހަރެމެންނަށް ފަސްރަށް ފާހަގަ ކޮށްލިއެވެ. އެއީ އިހަވަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި މޮޅަދޫއެވެ. ބާކީ ހުރި ރަށްތައް ކަމުގައިވާ އުތީމު، މާރަންދޫ، ދިއްދޫ، ކެލާ އާއި ބާރަށަށް ދާނީ މަލަކުމެންނެވެ.
“އެނޮއިން ކެޓް ލިސްޓުގެ ފުރަތަމަ ރަށް އިހަވަންދޫއަށް ދާން ޓިކެޓު ނަގާ. މަ އެބަ ވަކިކުރަން އެރަށުގެ ރައްޔިތުން ތެރެއިން ޕޮސިބްލް ޓާރގެޓް ތަކެއް.” އަހަރެން ލެޕު ހުޅުވާލީމެވެ. ހެކު ކުރަން ގެންގުޅޭ އެއްޗެއް ނޫނެވެ. ޓްރައިނިންގައި ބޭނުން ކުރާ އެއްޗެވެ. “ކަލޯ މިރަށުގަ އުޅޭ އެ އުމުރުފުރާއަށް ފެތޭ ސަތޭކަ މީހުން.” އަހަރެން ފުންނޭވާއެއް ލީމެވެ.
“އެމީހުންގެ ޢާއިލާ އަށް ސިއްޙަތަށް ވެސް ބަލަން ޖެހޭނެއޭ. ދައްކަބަލަ މަ އަތަށް.” ނައިލް އަހަރެންގެ އަތުން ލެޕްޓޮޮޕު ދަމައިގަތެވެ. ލެޕު އަހަރެންގެ އަތުން ޖަހައިގަންނަން އެއީ އޭނާގެ އެއްޗެއް ހެއްޔެވެ؟ އަހަރެންނަށް ވެސް އެކަން ނޭނގެނީއެއް ނޫނެވެ. ނައިލް ފުރަތަމަ ކަނޑާލީ ރަނގަޅު އާއިލާއެއް ތިބި މީހުންނެވެ. އެވަރުން ވެސް ވިއްސަކަށް މީހުން އަދި ތިއްބެވެ. އެ ސޮރަށް ނޭނގުނީ އެމީހުންގެ ހެލްތު ރެކޯޑަށް އެކްސެސް ކުރާށެވެ. މަސައްކަތް ކޮށްކޮށް ނާކާމިޔާބު ވާތީ އަހަރެން އެ ސޮރަށް މަލާމާތްކުރަން އިނީމެވެ.
“ހޫން. ދެން ހެވޭ. މޮޅު މީހަ ހަދާބަލަ” ނައިލް އަހަރެންގެ މަލާމާތުގެ ބަސްތަކުން ބޮލަށް ނުކުޅަދާނަވާވަރު ވުމުން ލެޕު ދިނެވެ. މަލަކުމެން އަހަރެމެން އުޅޭ ގޮތް ބަލައިފައި ބޯ ހޫރާލައެެވެ. “އެހެންވެގެންނޭ މީހުންގެ އެއްޗެހިނާ ނުބެހޭނީ. ނޭނގެންޏާ މަޑުން ހުންނާނީ.” އަހަރެން ލެޕު އެއްފަރާތުގައި ބަހައްޓައިފައި އަހަރެން ހެކު ކުރަން ބޭނުންކުރާ ޚާއްޞަ ލެޕު ނެގީމެވެ. އަހަރެމެން އެޖެންޓުންނަކަށް ވެސް މީހުންގެ ޕާސަނަލް ހެލްތު ރިކޯޑަކަށް އެކްސެސްއެއް ނުލިބޭނެއެވެ. އެހެނަސް އަހަރެން ކަހަލަ މީހަކު އެހެން ހަދައިގެން ހުއްޓުވާލެވޭނެ ހެއްޔެވެ؟ އެއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫނެވެ.
ހެލްތު ރެކޯޑު ތަކުގެ ތެރެއަށް ވަންނަން އަހަރެންނަށް ނެގީ ފަސް މިނެޓެވެ. ލިސްޓުގައި ހުރި ވިހި މީހުންގެ ތެރެއިން އެ ސާފުކޮށް އޮތީ ތިން މީހެކެވެ. އެއީ ދެފިރިހެނުންނާއި އަންހެނެކެވެ. މި ލިބުނީ ދެން ޖެހޭ މަސައްކަތަށް ބޮޑު ލުޔެކެވެ. އެ އަންހެން މީހާގެ މަޢުލޫމާތު ހޯދީ އަހަރެންނެވެ. ދެން ތިބި ދެމީހުން ނެގީ އާހިލާއި ނައިލެވެ. އެއަށްފަހު ދެން ހުރި ރަށްތަކުގެ ދިރާސާއެއް ވެސް ކުރީމެވެ. މުޅިއަކު ގެއްލިދާނެހެން ހީވާ ސޯޅަ މީހުން އެބަ ތިއްބެވެ.
“މިހާރު ފުދިއްޖެއެއްނު. މަ ދަނީ” އަހަރެން ތެދުވެ ކޮނޑުގައި ދަބަސް އަޅުވާލީމެވެ. އާހިލް ވެސް އަހަރެންނާއި އެކު ނުކުތެވެ. އެ ސޮރާއި އެކު ދާން ނިންމީ އެކަނި ދިއުމުގެ ބަދަލުގައި އޭނާއާއި އެކު ދިއުމުން ފޫހި ފިލާނެ ކަމަށް ބަލައިފައެވެ. އެ ސޮރު ގޮސް އެރީ ބަހަށެވެ. ކުރު މަގެއް އޮއްވާ އެންމެ ދިގުވީ މަގެވެ. އެހެނަސް އެއްޗެކޭ ނުބުނެ އަހަރެން ވެސް އެއަށް އެރީމެވެ. އެހެނަސް އާދެވުނު މޮޔަ ހިތަށް އަރަން ފެށީ އޭނާގެ ވާހަކަ ފެށުމުންނެވެ. އޭނާގެ އަނގަގަނޑާއި ހެދި އަހަރެން އިނީ ބޮލުގައި ރިއްސައިގަނެފައެވެ.
“ކަލޭއަށް ހަމަ އަނގަމަޑުން ލައިގެން ނީނދެވެނީތަ؟ މުޅި ދުނިޔެއަށް އަޑުއިވޭ ވަރަށް ވާހަކަ ދައްކަން ޢަޒުމް ކަނޑައަޅައިގެން ތަ ތި ހުރީ.” ބޮލަށް އުނދަގޫވީ ވަރުން އަހަރެން އޭނާގެ އަނގަމަތީގައި އަތް އެޅީމެވެ. އެ ފަހާފޮށި ދަތްގަނޑު ބިންދާލައިގެން ނޫނީ ނުހުއްޓުވޭނެއެވެ. މި ސޮރާއި އެއްކޮށް އިހަވަންދޫއަށް ގޮސް ކަމެއް ކުރެވޭނެ ހެއްޔެވެ؟ އެއްގަލަކަށް ނޭރޭ ދެމީހުންނަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ މަސައްކަތް ކުރާނީ ނައިލް ފަކީރު އެކަނި ތޯއްޗެއެވެ.
ދިގު ބަސް ދަތުރު ނިމުމުން އަހަރެން ބަހުން ފައިބައިގެން ދިޔައީމެވެ. އަސްރަފީވިލާގޭގެ ގޭޓުން އެތެރެއަށް ވަދެ އަހަރެން ފުން ނޭވާއެއް ލީމެވެ. ދެން އުޅުނީ ޓެރަހަށް އަރާށެވެ. ގޭގެ ގްރައުންޑާއި ފުރަތަމަ ފުލޯގެ އިތުރުން ޓެރަހަކީ ވެސް ކުއްޔަށް ދޭ ތަނެއް ނޫނެވެ. އަހަރެން އެތަނަށް ދިޔައީ މިހާރު މަންމާފުޅު ވާނީ އެތަނުގައި ކަން އެނގޭތީއެވެ. މާދަމާ ފުރާކަމެއް އަދި މަންމައަކަށް ނޭނގޭނެއެވެ. ބުނީމާ ނުފޮނުވައިފާނެއެވެ. އެއީ އެވަރުގެ މީހެކެވެ. ލިފްޓަށް އެރިއިރު ވެސް އަހަރެން ވިސްނަމުން ދިޔައީ މަންމަ އެއްބަސް ކުރުވާނެ ގޮތަކާއި މެދުގައެވެ.
“މަންމާ. ފޮތް ކިޔާލަނީތަ؟” ޓެރަހުގައި ހުރި ޓްރާންސްޕޭރެންޓު ކޮޓަރިއަށް ވަންނަމުން ގޮވާލީމެވެ. އެއީ މަންމަ ބުނި ގޮތަށް ހަދާފައިވާ ތަނެކެވެ. ހީވަނީ ކުޑަ ސިޓިންރޫމެއް ހެންނެވެ. މަންމަ އިނީ ދިވެހި ފޮތެއް ކިޔާށެވެ. އަހަރެން ވަނުމުން އިސްނަގާ ބަލައިލިއެވެ. “ކޮން ކަމެއް ބޭނުންވެގެން އެހާ ލޯބިން ތި ގޮވާލީ.” މަންމައަށް ފޮތެއް ހެން އަހަރެން ހިތުދަސްވެފައިވާ ކަހަލައެވެ. އެންމެ ފުރަތަމަ ޖުމުލައިގެ އަޑާއި ރާގުން ވެސް އެކަން ދެނެގެންފި ވިއްޔާއެވެ. “މަންމާ ޓްރައިނިންގެ ކަމަކު އެބަ ޖެހޭ ހާއަލިފަށް ދާން. މާދަން ފުރާ ވާހަކަ ބުނަން މިއައީ.” އަހަރެން ވެސް އެތަނުން ބީން ބޭގުގައި އިށީނީމެވެ.
“ނޫނޭ. ކުޑަކުދިން އެކަނި ދަތުރުކުރާކަށް ނުވާނެ. ބުނޭ ނުދެވޭނެއޭ.” ކިޔަން އިން ފޮތަށް ނަޒަރު ހުއްޓާލަމުން މަންމަ ބުނެލިއެވެ. “ކުޑަކުއްޖެކޭ. މިހާރު އަޅުގަނޑު ދިހައެއް ނިންމާ ޓްރައިނިން އަށް ވެސް ދާން ފެށީނުން. މާ ލަހެއް ނުވެ އަންނާނަމޭ.” އަހަރެން މަންމަގެ އަތުގައި ހިފާލަމުން ބުނެލީމެވެ. “މަރްޔަމް ރިފްޤާ ނަޢީމް. ސަތާރަ އަހަރުގެ އަންހެން ކުއްޖެއް. އަށާރަ އަހަރު ނުވާ ކުދިންނަކީ ޤާނޫނީ ގޮތުން ކުޑަކުއްޖެއް.” މަންމަ ވާހަކަ ދެއްކީ ރޮބޮޓެއް ހެނެވެ.
“ތިއްތި ވެސް ދާނޭ.” އަހަރެން ހަދާލީ ދޮގެއް ނޫނެވެ. އޭނާ ވެސް ދަނީ ހަމަ ހާއަލިފަށެވެ. އެހެނަސް މަންމަގެ އަނގައިން އެރުންހާ އުނދަގޫ ކަމެއް މި ދުނިޔެ މަތީގައި ނުވާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން އަވަހަށް އެތަނުން ނުކުތީ އެހެން ވެގެންނެވެ. ސުވާލުގެ ކަނޑަކަށް ގަންބާލުމުގެ ކުރިން ފިލާ ރައްކާވާށެވެ. މަންމަ ވެސް އަހަރެންގެ ފަހަތުން އަންނާކަށް ނޫޅުނެވެ. އަހަރެން ގޮސް ވަނީ އަހަރެންގެ ލޯބިވާ ކޮޓަރިއަށެވެ. ފުރުމުގެ ކުރިން ފޮށްޓަށް އެއްޗެހި އަޅާށެވެ.
އެކަން ނިމުމުން މަޣްރިބް ނަމާދުކޮށް ޤުރުއާން ކިޔަވާލައިގެން އަހަރެން ދިޔައީ މަންމަ ގާތަށެވެ. “އެންމެ ރަނގަޅު ރިފްކޮ ދިޔަޔަސް.” މަންމަ ވާހަކަ ދެއްކި އަޑު އިވިފައި އަހަރެން އަޖައިބުވީ ވަރުން އަނގަ ހުޅުވާލައިގެން ބަލަން އިނީމެވެ. މަންމަ ހިނިގަނޑެއް ޖަހާލައިފައި އަހަރެންގެ އަނގަ ލައްޕާލުމާއި އެކު އަހަރެން މަންމަގެ ގައިގައި ބާރަށް ބައްދާލަމުން ޝުކުރުގެ ބަސްތައް އޮއްސަން ފެށީމެވެ.
ޓިކެޓު ބަދަލު ކޮށްފައި ވަނީ ހެނދުނަށް ކަމުން އަވަހަށް ހޭލީމެވެ. ރަވާނު ވެސް އެވަގުތު ފުރާ ކަމީ ނަސީބެކެވެ. އެހެން ނޫންނަމަ މަންމައަށް އަހަރެެމެން ދެމީހުން ދަނީ ވަކިން ކަން އެނގުނީހެވެ. އަހަރެން ފެންވަރައިގެން ނުކުމެ ރީތިވެލީމެވެ. މިބުނީ ހެދުންލާ ފުނާއަޅާ ސެންޓު ޖަހާ ވާހަކައެވެ. އަހަރެން ލީ ކަޅުކުލައިގެ ޓީޝާޓެއްގެ މަތިން ހަމަ އެކުލައިގެ ޖެކެޓެކެވެ. ތިރިން ލީ ކަޅުކުލައިގެ ދޫ ޖިންސެކެވެ. އިސްތަށިގަނޑުގައި ރަނގަޅަށް ފުނާއަޅާލައިފައި އަހަރެން ފޮށްޓާއި ދަބަސް ހިފައިގެން ނުކުތީމެވެ. ޝެހެނާޒާއި މަންމަައާއި ސަލާން ކޮށްލުމަށް ފަހު އަހަރެން ރަވާނާއި އެކު ގޮސް ބައްޕަގެ ކާރަށް އެރީމެވެ. އޭގެތެރޭގައި އިން އިރު އަހަރެން ވާހަކައެއް ނުދައްކަމެވެ. އެއާޕޯޓާއި ހަމައަށް އާދެވުމުން އަހަރެން ފޮށި ނަގައިފައި އެތަނުގެ އެތެރެއަށް ވަނީމެވެ. ޗެކިން ވާށެވެ. އެ ބައި ނިމުމުން އަހަރެން އުޅުނީ ދެން ތިބި މީހުން ފެނޭތޯއެވެ. މިއޮއް ބާރު ބޮޑު ތަނުން އެމީހުން ހޯދަން އުނދަގޫ ވާނެއެވެ.
“ހަލޯ! ކަލޭ ކޮންތާކު ތި ހުރީ؟ އާދެ ބަލަ އެއާޕޯޓު ކުރިމަތީގައި ހުރި އިންޓަނެޓް ކެފޭއަށް.” އަހަރެން ގުޅީ އާހިލަށެވެ. އެހެން ބުނެފައި އެކީ ފޯނު ކަނޑާލީ އޭނާއަށް ވާހަކަ ދައްކަން ފުރުސަތު ނުދޭން ވެގެންނެވެ. ދެން ނައިލްގެ ނަންބަރެއް އަހަރެންގެ އަތަކު ނެތް ވިއްޔާއެވެ. އޭނާއަށް ނުގުޅުނީ އެހެން ވެގެންނެވެ. އިރުކޮޅެއް ފަހުން އާހިލް އައެވެ. އޭނާގެ އަތުގައި އެކައްޗެއްވެސް ނެތެވެ. ޗެކިން ވީއިރު އަތުގައި ހުރިނަމަހާ އެއްޗެއް އެތަނަށް ދޫކޮށްލީ ކަމަށް ވެދާނެއެވެ.
މިއަދު އާހިލް ލައިގެން ހުރި ކަޅު ކުލައިގެ ސްވެޓާއަކާއި އެކުލައިގެ ކެރެޓެކެވެ. ބޯ ދޮވެފައި ހުރިކަން ހާމަކޮށްދެނީ އޭނާގެ ތަރުތީބެއް ނެތް އިސްތަށިގަނޑުގައި ފެން ތިކިތިކި ވިދަމުން ދާތީއެވެ. ޖީބަށް އަތް ޖަހާލައިގެން ލަސްލަހުން ހިނގައިފައި އައީ ފޮނި ދެއްކެން ތޯއްޗެއެވެ. އެއާޕޯޓުގައި ތިބި މީހުންގެ ނަޒަރު އަހަރެމެންނާއި އަމާޒުވާވަރުން ބޮލަށް އުނދަގޫވެގެން އަހަރެން އާހިލްގެ އަތުގައި ހިފާ ދަމައިފައި އެ ކެފޭގެ ތެރެއަށް ވަނީމެވެ. ފުރާނީ އަދި ސާޅީހަކަށް މިނެޓު ފަހުންނެވެ.
“މަށަށް ލައިލާ. ނައިލް ނަގައިފި އަނިލް. އެހެން ވީމާ ކަލޭ ނަގާ ޝަފަޤު. އެމީހުން އަތުޖައްސާފަ އެކުގައި އުޅެގެންނެއްނު އެނގޭނީ ރަހީނުކުރާ މީހުންގެ އަމާޒުފަތްގަނޑަކީ އެމީހުން ކަމެއް ނުވަތަ ނޫން ކަމެއް.” އަހަރެން ބުނެލީ ވައިއަޑުންނެވެ. މިތަނުގައި ތިބި މީހުންނަށް އަޑު އިވިދާނެތީއެވެ. “އާނ މަށަށް ވަރިހަމަ. ބްލޫ އައި ސްޓޯކާ ބޭނުން ގޮތެއް.” މިއަދު އެ ސޮރު ވާހަކަ ދައްކާ ގޮތުން ހީވަނީ ހުވަފެނެއް ފެނިގެން އުޅޭހެންނެވެ.
އެތަނުގައި ކުޅެން ތިބެފައި އަހަރެމެން ނުކުތީ ބޯޑިންކުރަން ފަސް މިނެޓަށް ވެފައި ވުމުންނެވެ. އެ ތަނުން ނައިލާއި ދިމާވިއެވެ. އިއްތިފާގަކުން އޭނާ ވެސް މިއަދު ހެދުންއަޅައިގެން ހުރީ ކަޅުންނެވެ. ފްލައިޓަށް އަރަން ގޮވާލުމުން އަހަރެން އެ ދިމާއަށް ދިޔައީމެވެ.
އަހަރެންނަށް ލިބުނީ ވިންޑޯ ސީޓެކެވެ. އަހަރެންނައި ޖެހިގެން އިނީ އާހިލެވެ. އެއަށްފަހު ނައިލެވެ. ފްލައިޓު ވައިމައްޗަށް އެރުމާއި އެކު އާހިލް އޭނާގެ ފަހާފޮށި ދަތްގަނޑު ޖައްސާލައިފިއެވެ. މިފަހަރު އަހަރެން އެއްޗެއް ނުބުނެ މަޑުން އިނީމެވެ. އަހަރެން ޑައިރީ އަކަށް ހަދައިފައި އެ ސޮރު އޭނާގެ ޙަޔާތުގެ ވާހަކަ ފަށައިގެން އުޅުނެވެ. ނައިލް އޮތީ ސީޓަށް ރަނގަޅަށް ވެޑުވިގެން ނިދާލައިފައެވެ. އޭނާއަށް އާހިލް ސޮރު ދައްކާ ވާހަކަތައް ނީވެނީ ސައުންޑް ބްލޮކް ހެޑްފޯނެއް އަޅައިގެން ހުރުމުންނެވެ. “ބްލޫ އައި ސްޓޯކާ” އާހިލް ގޮވާލިއެވެ. އަހަރެން ކީއްވީހޭ އަހާލީމެވެ. “އޭ ކަލޭ ތި އިނީ ހެޔޮ ޙާލުގަތަ؟” އަހަރެން އޭނާއާއި ދެކޮޅަށް ވާހަކަ ނުދައްކާތީ ވެސް އުނދަގޫ ވެގެން އުޅޭ ކަހަލައެވެ.
“އާނ. އެހެން ނޫނަސް ކަލޭ އާއި ވާހަކަ ދައްކައިގެން މަށަށް ފައިދާއެއް ވޭތަ؟ މިހާރު އެ އުޅެނީ ފްލައިޓު ޖައްސަން. އަދި އިހަވަންދޫއަށް ދެވޭނީ ކަނޑުދަތުރު ކޮށްލާފަ.” އަހަރެން ރައްދުގައި ބުނެލީމެވެ. ތެދު ތެދަށެވެ. އެ ސޮރު ވާހަކަދެއްކުން ހުއްޓާލުމުން ވަރަށް ބޮލަށް ފަސޭހަވިއެވެ. އަހަރެން ފޯނު ނަގައިފައި އެކޮއްޓާލަ ކޮއްޓާލަ އިނީމެވެ.
“ފައިނަލީ. އިހަވަންދޫ” އަހަރެން އިހަވަންދޫގެ ސާފު ޖައްވަށް ނޭވާއެއް ދޫކޮށްލީމެވެ. ދެން މަސައްކަތް ފަށަން ވީއެވެ. ފުރަތަމަ އިހަށް ދާންވީ ހޮޓެލަކަށެވެ. އިހަވަންދޫގައި އަހަރެމެން ތިބެން ގެއެއް ނުހުރޭ ވިއްޔާއެވެ. އެކުވެރިއެއް، ދަންނަ މީހެއް އުޅޭ ރަށެއް ނޫނެވެ. ހުންނާނެ ތަނެއް ހޯދަން ޖެހޭނެތާއެވެ. އަހަރެން ފޯނު ނަގާ ކާރަކަށް ގުޅާލީމެވެ. ތިން މީހުން އެކުގައި އެ ހޮޓެލަށް ދިޔައީ ކާރު ގައެވެ.
ހޮޓެލުގެ ރިސެޕްޝަން ކައިރިއަށް ގޮސް އަހަރެން ބެލީ އެތަނުން ކޮޓަރިއެއް ނެގޭތޯއެވެ. ވަރެއްގެ ހޮޓެލެކެވެ. މުޅި ތަނުން ވެސް ހުސްކަމަށް ބުނީ އެއް ކޮޓަރި ތަނެކެވެ. މި ރަށުގައި ހުރީ ވެސް އެންމެ ހޮޓެލެކެވެ. ބާރު ބޮޑުވަނީ އެހެންވެގެންނެވެ. ދާނެ އެހެން ތަނެއް ނެތުމުން އެ ނެގި ތަނަށް ދާން ހިނގައިގަތީމެވެ. ދެ ހަފްތާއަށް ވާވަރަށް ލާރި ދައްކައިފައެވެ. ވީހާ ވެސް އަވަހަށް އެ ތިން މީހުންގެ ސޭފްޓީ ޔަޤީން ކުރަން ޖެހޭ ވިއްޔާއެވެ. އެއިން މީހެއް ނޫންނަމަ ދެން ނައްޓާލާނީ ހޯރަފުށްޓަށެވެ. އެތަނުގައި ވެސް ރަހީނުކުރާނެ ކަމުގެ ބިރު އޮތް ތިން މީހަކު ވެއެވެ.
“ކަޑަ ހޮޓެލެކެއްނު. މަށަށް މި ޖެހުނީ ދެ ފިރިހެނުންނާއި އެއްކޮށް މި ކޮޓަރި ގަނޑުގައި އުޅެން. މަށަށް ގެނޭ ވާތްފަޅި. ކަލޭމެން ދެމީހުން ތިބޭ ކަނާތް ފަޅީގަ.” އަހަރެން ކޮޓަރި ދެބަޔަކަށް ބައިކޮށްލައިފައި ބުނެލީމެވެ. އެ ކޮޓަރި ބޮޑުކަމުން ދެފަރާތުގައި ދެ ކުއީން ސައިޒުގެ އެނދެއް ހުއްޓެވެ. އަހަރެން ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލުމަށްފަހު އެނދަށް އަރާ ގައިގައި ބްލޭންކެޓް އަޅާލީ ނިދާލުމުގެ ނިޔަތުގައެވެ.
އެ ފޮނި މީރު ނިދިން އަހަރެން ހޭ ލައްވާލީ ބާރުގަދަ އަޑަކުންނެވެ. ހީވަނީ ފަޔާ އެލާމެއް ހެންނެވެ. ފޫކޮޅުގައި ކައްޓެއް ޖެހުނު ފަދައިން އަހަރެން ފުންމައިގެން ތެދުވީމެވެ. އަނެއްކާ މި ހޮޓެލުގައި އަލިފާން ރޯވީ ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.






Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kon adeh baa
Rigfaa ah gotheh nuhadhachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thnx Cutie girl. 💕
Woww v reethi I love this story ! when next part
Thnx Jennie. 💕
Mi part vx vrh vrh reethi.. when next??
Thnx nawar. 💕
Next one next week IA.
When next can’t wait😭😭😭
Sorry it’s my comment
Now uploaded.
Thnx Jennie.
I can’t wait anymore. but I should
Hehe, mifaharu inthizaaru kuran jehunuleh dhiguvehje dhw.
Aslu vee gothakee Esfiya team in upload kohlileh lasvee.
I submitted the part on sunday.
Thnx kai
Interesting 🫰🏻