Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 17

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
September 29, 2024 8 Mins Read
6 Comments

އަހަރެން އިތުރު އެހީ އެއް ހޯދުމުގެ ނިޔަތުގައި ދުއްވައިގަތީމެވެ. އެހެނަސް އެމީހާ ތެދުވެގެން އައިސް އަހަރެންގެ ގައިގައި ފަހަތުން ހިފަހައްޓައިފިއެވެ. ހިރިނުލެވޭ ވަރަށް ބާރަށެވެ. ދެން ނެރުނު ތާކުން ނެރެފައި އަހަރެންގެ އަތަށް އިންޖެކްޝަނެއްގެ ތޫނު ކަށި ހަރާލިއެވެ. އޭގެ އަސަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑުގައި ފެތުރިއްޖެކަން ނަގައިގަނެވުނީ ޓްރައިނިންގައި ދީފައިވާ ތަމްރީނުގެ ސަބަބުންނެވެ. އެ ބިޔަ ފިރިހެނާ ނިވާވެގެން ހުރިލެއް ފުރިހަމަ ކަމުން އޭނާ މޫނު ވެސް ފެންނަ ވަރެއް ނުވިއެވެ. މަންޒަރު އިތުރަށް ފުސްވަމުން ދިޔައެވެ. ގައިން ވަރުދޫވާހެން ހީވެއެވެ. ދެން އަހަރެން ދެމުނީ އެމީހާގެ އަތްމައްޗަށް ކަން އެނގޭ ވަރު ވިއެވެ. 

އަހަރެންނަށް ހޭވެރިކަމެއް ވީއިރު އިނދެވުނީ ފާޑެއްގެ ބަންދު ކޮޓަރި ގަނޑެއްގައެވެ. ‘މެޓަލް’ ގޮނޑިއެއްގައެވެ. މެޓަލް ގޮނޑިއެއްގައި ލޮކު ކޮށްލައިފިނަމަ ފަސޭހައަކުން ސަލާމަތެއް ނުވެވޭނެއެވެ. އެއީ އެކަތައިން ހަދައިފައިވާ އެއްޗެކެވެ. އަހަރެން ހަނދާންވީ މަގުމަތީގައި ހުއްޓާ ވީގޮތެެވެ. އަހަރެންނަށް ނުވިސްނުނީ އަހަރެން މިތަނަށް ގެނައި ސަބަބެކެވެ. ގައިމު ބަޔަކާއި ބެހުނީއެއް ނޫނެވެ. އަހަރެންނަށް މި ވަރު ކުރަން ޖެހުނީ ކީއްވެގެން ބާ އޭ ހިތަށް އެރިއެވެ. 

“ހޭއެރީ ދޯ!” ދެން ދައްކާލީ ލިވާޒެވެ. މަ މިތަނަށް ގެނައީ މީނާ ހެއްޔެވެ؟ އަނެއްކާ އެރޭ އެ ގަރާޖު ކައިރިއަށް ދިޔަކަން އެނގުނީ ބާއެވެ. ނޫނީ އޭނާގެ ފޯނު ހެކު އަރުވާލިކަން ފަޅާއެރީ ބާއެވެ. ނޫނެކެވެ. ހެކު ކުރިކަމެއް އޭނާއަކަށް ފަޅައެއް ނާރާނެއެވެ. އެއީ އަހަރެންގެ އުކުޅުތަކަކީ ހެކު ކުރާ އިރު އަހަރެންގެ ޓާގެޓްގެ ތެރެއަށް ފުރިހަމަ އަށް ހެކުކޮށްލާ މީހެކެވެ. އެ އެއްޗެއްގެ ވެރީންނަށް ކަމެއް ވީކަން ވެސް ނޭނގޭނެއެވެ. 

އަހަރެން ފުން ނޭވާއެއް ލީމެވެ. މިކަމެއް ހެޔޮ ގޮތަކަށް ނުނިމޭނެއެވެ. އަހަރެން މަރާ ވެސް ލައިފާނެއެވެ. މި އޮށްގާ ގޭންގުގެ މީހުންނަކީ އެވަރުގެ ބައެއް ވިއްޔާއެވެ. ޝާނާމެން ވަގަށް ނަގައިފައި އެ ކުރާ ކަމެއް ވެސް ޖެހޭނީ ހޯދާށެވެ. 

“މިއީ ކާކު؟” ލިވާޒު އޭނާގެ ފޯނު ނަގައިފައި ދައްކާލީ ފޮޓޯއެކެވެ. އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ ލިއުނާ ވިއްޔާއެވެ. އެ ސުވާލު ކުރުމުން ސިހުނު ވަރުން ބުނެވުނީ އެއީ ‘ފައިހާ’ ކަމަށެވެ. އެކަން ރެއަކާލީ ލިވާޒު އަހަރެންގެ ޓީޝާޓުގައި ހިފުމުންނެވެ. “ކައެ އަށް ކިހިނެއް އެއީ ފައިހާ ކަން އެނގުނީ؟ ބުނޭ. އެ ފައިހާ ވީ ކޮންތާކު؟” ލިވާޒު ހަޅޭއްލަވައިގަތެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ފައިހާ ފިލީ ހެއްޔެވެ؟ އެ ޙާލުގައި އޮވެ އެ ބޮޑު ހަސްފަތާލުން ކިހިނެއް ހެއްޔެވެ؟

އަހަރެންގެ ޖަވާބު ލަސްވާތީ ލިވާޒު ރުޅިގަދަވެގެން އަހަރެންގެ މޫނުމައްޗަށް އަތް ވީއްލާލިއެވެ. “ނޭ…ނޭނގެ!” އަހަރެންނަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. ބިރުން ފިތްކަނޑައިގެންދާ ވަރު ވެފައި އިނީމައެވެ. ހާސްވެ އޮށްދާ ހިއްލައިފިއެވެ. އެހެނަސް އަހަރެން ބުނި އެއްޗެއް ލިވާޒު ޤަބޫލެއް ނުކުރިއެވެ. އަހަރެންގެ ކަނާތު އަތުކުރީގައި ތޫނު ވަޅިއެއް އަޅާލިއެވެ. ކަނޑައިގެން ދިޔަ ހިސާބުން ބޮކިޖަހައިފައި ލޭ އޮހިގަތެވެ. ރަތްކުލަ ގަދަ ލެޔެވެ. ފުންކޮށް އެތެރެއަށް ވަޅި ވައްދާލައިފައި ވުމުން އެ އަތުކުރީގައި ތޫނު ގޮތަކަށް ރިހެން ފެށިއެވެ. “އާހް… އަހަންނަކަށް ނޭނގޭއޭ” އެހެން ބުނި ކަމެއް ނޭނގެއެވެ. ވައަތު އަތުކުރިއަށް އެ ޙާލު ޖައްސައިފިއެވެ. 

“ކޮން ދޮގެއް ހަދާކަށްތަ؟ އެމީހުން ޝާނާގަނޑެއް ގެންދިޔައީމަ ކުރިން ރެއަކު އެ އަންހެނާ އާއި ސުވާލުކުރަން ދިޔައީމެންނު. އެ ބޭވަފާތެރިޔާ ކީކޭ ތަ ކީ؟ އޭނ!” ލިވާޒު އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތް ގޮތަކުން ކަރަށް ތަދެއް އެރިއެވެ. “އޭނާ…ބުނީ… ޝާ…ޝާނާ… ގެއްލުނު ރޭ އޭނާއަށް… އަ…އަނިޔާ ވީ ގޮތް…ގޮތުގެ ވާހަކަ.” ހިތްވަރު ކުރަމުން އަހަރެން ވާހަކަ ދެއްކީ އުނދަގުލުންނެވެ. އޭނާ އެކަން ޤަބޫލު ކުރިޔަސް ނުވަތަ ނުކުރިޔަސް ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ މިތަން ރަވާނުމެން ޓްރޭސް ކޮށްލަން އަހަރެންގެ އަތުގައި އެކައްޗެއްވެސް ނެތެވެ. 

އަހަރެން އިތުރު އެއްޗެއް ނުބުނުމުން އެ ޙާލަށް ދޫކޮށްލާފައި ލިވާޒު ނުކުމެގެން ދިޔައެވެ. މިހެން އިންދާ ލޭ ހުސްވެގެން މަރު ވެދާނެއެވެ. އަތުގައި އަޅަމުން ދިޔަ ވޭން މުޅި ހަށިގަނޑަށް ފެތުރިގެން ދިޔަ ކަހަލައެވެ. ހަށިގަނޑުން މާގިނައިން ލޭ މަދުވާން ފެށުމުން ގައިން ހަކަތަ ހުސްވާން ފެށިއެވެ. ލަމުން ދިޔަ އަވަސް ނޭވާތައް މަޑު ޖެހިލިއެވެ. މަރުވަނީ އޭ ހިތަށް އެރިއެވެ. ދުލުން ޝަހާދަތް ވެސް ކިއިއްޖެއެވެ. ލިވާޒު އަންނާކަށް ނޫޅުނެވެ. 

އަހަރެންގެ ލޯ މައްޗަށް އަނދިރިވާން ފަށައިފިއެވެ. މިހާރު ވިސްނެނީ އެ ލިވާޒު ދެއްކި ވާހަކަ ތަކާއި މެދުގައެވެ. ލިއުނާއަކީ ކާކު ކަން ލިވާޒަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ހަސްފަތާލުގައި އެނދުމަތި ކުރެވިފައިވާ ފައިހާ އަށް ކިހިނެއް ވީ ހެއްޔެވެ؟ އަނެއްކާ ފައިހާ އަކީ ޝާނާ ރަހީނުކުރި ބަޔަށް ވާގިވެރިވި ފަރާތެއް ހެއްޔެވެ؟ ޝާނާ އެވަގުތު ފިހާރައަށް ގެނައީ ރޭވުމަކަށް އަމަލު ކުރުމުގެ ގޮތުން ހެއްޔެވެ؟ ފައިހާ އަށް ލިބުނު އަނިޔާ އެއީ މީހުންގެ ޝައްކުން ސަލާމަތްވާން އަމިއްލައަށް ލިބިގަތް އެއްޗެއް ހެއްޔެވެ؟ ނޫނީ އޭނާ އެ ދެއްކީ ހަމަ ތެދު ވާހަކަ ތަކެއް ހެއްޔެވެ؟ އެ ވާހަކަތައް ލިވާޒަށް އެނގެން ބޭނުންވެގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟

އަހަރެންނަށް ދެން ހޭވެރިކަމެއްވީ އިރު އޮވެވުނީ ހަސްފަތާލުގައި ކަން އެނގުނީ އަތަށް ގުޅައިފައިވީ އައިވީ ފެނުމުންނެވެ. ދެ އަތުކުރީގައި ހުދުކުލައިގެ ބެންޑޭޖު އޮޅާ ބަނދެފައި ހުއްޓެވެ. އެނދު ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މަލަކެވެ. އަހަރެން ލޯ ހުޅުވާލުމާއެކު މަލަކު ޑަކުޓަރަށް ގޮވިއެވެ. އެ ވަގުތު އަހަރެން އޮތް ޕްރައިވެޓް ރޫމަށް އައިސް ވަނީ ހޫދާއި ޝެހެނާޒެވެ. ޝެހެނާޒު ގަދަޔަށް ރޯލައިފައި ހުރިކަން އަންގައިދިނީ އޭނާގެ ރަތް ދެލޮލެވެ. އެއީ އަދި މާ ހިތް ބަލި މީހެކެވެ. ކިރިޔާ ކަމެއް ވާއިރަށް ރޯނެއެވެ. 

ޑަކުޓަރު އައިސް ބަލަބަލައިފައި ދެތިން އިންޖެކުޝަނެއް ޖަހައިފައި ދިޔައެވެ. ރަވާނު އައިސް އަހަރެން އެނދު ކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ. “ކިހިނެއް އަހަރެން ހޯދީ؟” އަހަރެން އަހާލީމެވެ. “ޝަހިކްސް ބުނީ ރިފް ބޭރަށް ނުކުތް ގޮތަށް ނާންނަ ވާހަކަ. ދެން މަގުމަތީގައި ހުރި ކެމެރާތަކުގެ އެހީގައި ރިފް ހިނގައިފައި ދަނިކޮށް ފެނުނީ މީހަކު ރިފް ކިޑްނެޕް ކުރަން އުޅޭތަން” ރަވާނު އެހިސާބުން ވާހަކަ ދެއްކުން މެދުކަނޑާލިއެވެ. އިސްޖަހާލިއެވެ. “ތިއްތި އަކީ ކޮންކަހަލަ މީހެއް؟ ރިފްގެ ފުރާނައަށް ގެއްލުން ވާނެ ވަރުގެ ކަމަކާއި ދިމާވާ އިރުވެސް…..” ރަވާނު ހުއްޓާލީ ވާހަކަ ނުދެއްކިގެންނެވެ. އަނެއްކާ މީނާއަށް ކުށްވީ އަމިއްލަ ނަފްސު ކަމަށް ބެލީ ހެއްޔެވެ؟ ދެން ބުނާނީ ކީކޭ ހެއްޔެވެ؟ ގައިމު އިރުއޮއްސެން ގާތްވެފައި ވަނިކޮށް ބޭރަށް ނުކުތީ އަހަރެން އަމިއްލައަށެވެ. އެކަނިމާއެކަނި ހިނގައިފައި ދިޔައީ އަހަރެން އަމިއްލައަށެވެ. ހަމަ ނުގޮސް ގޭގައި އިނީމާ ވީނޫން ހެއްޔެވެ؟ އަދި މަތިން ބައިން ޖެހިގެން ދާންޖެހިއްޖެ ވިއްޔާއެވެ. 

“ޝަހިކްސް ކޮބާ؟” ޑަކުޓަރާއި އެކު ނުކުތް ގޮތަށް އޭނާ ނައުމުން އަހަރެން އަހާލީމެވެ. “ބޭރުގަ އެބައިން. އޭނާ ބުނީ އޭނަ އާއި ހެދިއޯ ރިފް ބޭރަށް ނުކުތީ. އޭނާ އެގޮތަށް ވާހަކަ ދެއްކީމަޔޯ ދިޔައީ.” ރަވާނު ބުނި އެއްޗެއް އަޑު އިވިފައި އަހަރެންނަށް ބޯ ހޫރާލެވުނެވެ. މުޅިން ވެސް އެއްތަނަކުން ދަރިވަރުވެގެން އުޅޭ މޮޔައިންނެވެ. ދިމާލަށް އެހެން ބުނަން ވެސް ހިތަށް އެރިއެވެ. “އެ ލިވާޒު ފިލައިގެންނޭ އެ އުޅެނީ. ހުރެބަލަ ނިކަން. މިފަހަރު ހޯދާފަ ރަނގަޅަށް ހޭއަރުވާލާނަން.” ރަވާނުގެ އަޑު ހަރުކަށިވިއެވެ. “ނޫން. އެ ސޮރާ ނުބެހޭތި. އަދި ނުވޭ އޭނަގެ ބޯމައްޗަށް ބޮމެއް އެއްލާކަށް.” އަހަރެން ވަގުތުން އިންކާރު ކުރީމެވެ. އާނ ދެން މިހާރު އެމީހުންނަށް ބެހެފިއްޔާ އަހަރެމެންނަށް މާގިނަ ގެއްލުން ލިބޭނެއެވެ. ބެހެންޏާ ބެހެން ޖެހޭނީ ފަހުން އެމީހުންނަށް އަހަރެމެންނަށް ވައި އެޅިލަން ވެސް ނުކެރޭނެކަން ޔަގީން ކުރުމަށް ފަހުގައެވެ. 

އަނެއް ދުވަހަށް މަރުހަބާ ކީ އަހަރެން ހަސްފަތާލުގެ ކަސްތޮޅުތަކުން މިނިވަން ވަމުންނެވެ. އެ ގޮތަށް އެނދެއްގައި އެންމެ ދުވަހަކު އޮތުމަކީ އަހަރެންނަށް ބޮޑު ވޭނެކެވެ. އެ ލިވާޒު ސޮރު އަހަރެންގެ އަތުން ލޭ އޮހޮރުވާލިއިރު ވެސް މިހާ އުނދަގުލެއް ނުވެއެވެ. ތަދަށް ކެތްކުރެވިދާނެއެވެ. އެހެނަސް ކުރާނެ ކަމެއް ނެތި ބިއްޖެހިފައި އިނުމަކީ އަހަރެން ކަހަލަ މީހަކަށް ދުނިޔެމަތީ ނަރަކައެއްގެ ތެރެއަށް ވަނުން ކަހަލަ ކަމެކެވެ. އެ ފޫހިކަމުގެ ހަރުގެއިން ސަލާމަތްވުމުގެ އުފަލުގައި އެދުވަހުގެ ޓްރައިނިން ސެޝަން ތަކުގައި ފުރިހަމައަށް ބައިވެރިވީމެވެ. އެ ރަވާނުގަނޑު އަހަރެން ނުފޮނުވަން އުޅުނު ނަމަވެސް ގަދަހަދާލައިފައި ދިޔައީއެވެ. 

އަހަރެންނަށް ގޮތެއް ވިކަން މަންމައަށް ނޭންގި ކަމީ ހަތް ނަސީބުން ނަސީބެކެވެ. އެ ދުވަހުގެ ތަޙުޤީޤު މަސައްކަތް ފެށުނީ ހަތަރެއް ޖެހުމަށެވެ. “މިހާތަނަށް ގެއްލުނު އެކާވީސް މީހުން ގެންދިޔައީ އޮށްގާ ގޭންގުގެ މީހުންނެއް ނޫން!” އަހަރެން އެހެން ބުނެލީ ދެން ތިބި މީހުން ހައިރާން ވާނެ ކަމަކަށް ނޫނެވެ. އެހެނަސް އެމީހަކު ކުރަން ހުރި މަސައްކަތެއް ހުއްޓާލައިފައި އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. އެމީހުންނަށް އަހަރެން ބުނި އެއްޗެއް ފަހުމް ނުވަނީ ކަމަށް ވެދާނެއެވެ. ފުން ނޭވާއެއް ލަމުން އަހަރެންގެ ކަންފަތަށް ލައްވައިފައި ދެ މުދި ނެގީމެވެ. މޭޒުމަތީގައި އެ ބާއްވާލަމުން އެއަށް ރެކޯޑް ވެފައި ހުރި އެއްޗެހި އަހަރެންގެ ލެޕަށް ނެގީމެވެ. އެއިން ލިވާޒާއި ދެމެދު ދެކެވުނު ވާހަކަތަކުގައި ބައި ވަކިން ނަގައިފައި އަޅުވާލީމެވެ. 

އެ ކަންފަތު މުންޖަކީ ހަމަ އެކަނި ރީއްޗަށް ލައްވާ އެއްޗެއް ނޫނެވެ. އެއީ ފާޑެއްގެ ރިކޯޑަރެއް ކަހަލަ އެއްޗެކެެވެ. އެ އޮންނަ ތަނެއް ވެސް ޓްރެކް ކުރެވޭނެއެވެ. އެއީ އަހަރެންނަށް ސަތާރަ އަހަރު ވީ ދުވަހު މަލަކު ދިން ހަދިޔާއެކެވެ. ރަނުން ރީތި ގޮތަކަށް ފަރުމާކުރެވިފައިވާ ވުމުން އޭގެ ބޭނުމެއް ކޮންމެ ކޮންމެ މީހަކަށް ނޭނގޭނެއެވެ. 

“ކޮން ދޮގެއް ހަދާކަށްތަ؟ އެމީހުން ޝާނާގަނޑެއް ގެންދިޔައީމަ ކުރިން ރެއަކު އެ އަންހެނާ އާއި ސުވާލުކުރަން ދިޔައީމެންނު. އެ ބޭވަފާތެރިޔާ ކީކޭ ތަ ކީ؟” އަހަރެން ތަކުރާރުކޮށްލީމެވެ. “އެމީހުންގެ މަތިން ތިބޭ ބަޔަކު އަސްލު އެކަން ކުރަނީ. ލިވާޒު ހަމައެކަނި އެބަޔަކަށް އެހީވީ. ޝާނާ ނަގައިގެން ގެންދިޔައީ ‘އެ’ މީހުން.” އަހަރެން ތަފްސީލު ކޮށްލަދިނީމެވެ. 

“އެ ފައިހާއަކީ ވެސް ކުށެއް ނެތް މީހެއް ނޫނެއްނު. އެހެންނޫންނަމަ ލިވާޒަށް ފައިހާގެ ގޮތް ނޭނގުނީސް. ބޭވަފާތެރިޔާ… އަހަންނަށް ހީވަނީ ތި ފައިހާ އަކީ އެ ރަހީނު ކުރާ މީހުންގެ ތެރެއިން އައިސް ހުރި މީހެއް ހެން.” ނައިލް ބުނެލިއެވެ. އަހަރެންނަށް ވެސް އެކަމާ އެއްބަސް ވެވުނެވެ. ފައިހާ އަކީ ވެސް ވިކްޓިމް އެއް ނަމަ އެގޮތަށް އެ ހަސްފަތާލުން ފިލައިގެންނެއް ނުދާނެއެވެ. 

ރަހީނުކުރާ ގުރޫޕު ހޯދުން ވާނީ ކަނޑަށް ވެއްޓުނު ތިނޯސް ހޯދަން އުޅުން ކަހަލަ ކަމަކަށެވެ. މިނެޓް ތަކެއްގެ ތެރޭގައި ނައިލް ގެއްލުނު މީހުންގެ މައްޗަށް ބިނާކޮށް ބޮޑު ޗާޓެއް ކުރަހާލިއެވެ. މިހާތަނަށް ގެއްލުނު އެންމެން ހުރިހާ މަޢުލޫމާތެއް އޭގައި ހިމަނައިގެންނެވެ. އަހަރެން އަޖައިބުވީ އެ ހުރިހާ އެންމެން ވެސް ނިސްބަތްވަނީ ތަފާތު ރަށަކަށް ކަމަށް ވާތީއެވެ. ކިހިނެއް ވެގެން ރަހީނު ކުރާ ބައެއް ބާއެވެ. އެއްވެސް ކަހަލަ އެއްގޮތް ކަމެއް ހުރީއެވެ ނޫނެވެ. އެކި އުމުރު ތަކުގެ ދެޖިންސުގެ މީހުންނެވެ. އެކި ފަންތީގެ މީހުންނެވެ. މިހާރު މި ދިވެހިރާއްޖޭގައި ހުރިނަމަހާ އަތޮޅަކުން މީހުން ގެއްލިފައި ވެއެވެ. މިހެން އެކި ހިސާބު ތަކުގެ މީހުންނަށް އަމާޒުކުރާނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެންނަށް ފާހަގަ ވި އަނެއް ކަމަކީ އެތަނުން އެކެއްގެ ވެސް ފުރިހަމަ އާއިލާއެއް ނެތުމެވެ. 

“މަލަކީ ރަނގަޅަށް ބަލާބަލަ. އެއިން އެކެއްގެ ވެސް ރަނގަޅު ޢާއިލާއެއް ނެތެންނު.” އަހަރެން އެކަމުގެ ވާހަކަ ބުނެލީމެވެ. “ހޭ. ހަމަ ނެތް. އަހަރެންނަށް ފެންނަނީ މި ރަހީނުކުރާ ގުރޫޕު މި ގެއްލޭ މީހުންނަށް ހަދާ ގޮތެއް ހޯދަން.” ނައިލް ގޮނޑިއަށް ވެއްޓިގަންނަމުން ބުނެލިއެވެ. “ދުވަހަކު ވެސް މީހަކު ނުފެންނާނީ ކިހިނެއް ހެދީމަތަ؟” އަހަރެން އަހާލީ ދެން ތިބި މީހުން ބުނާ އެއްޗެއް ބަލާލުމުގެ ނިޔަތުގައެވެ. “މިސާލަކަށް މީހަކު އިންސިނަރޭޓް ކޮށްލިއްޔޯ. އޭރުން ނުފެންނާނެއްނު.” ހޫދު ބުނެލި އެއްޗަކުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ވައިޓީ. އަޅެ ބަޔަކު އެހާ މަސައްކަތުން ގިނަ ބަޔަކު ރަހީނުކޮށްފަ އެގޮތަށް ކަންތައް ނިންމާލާނެތަ؟ ހުއްޓުމެއްނެތި މިހެން އުޅޭނެތަ؟ އެމީހުން އެހާ ގިނަ ހަތުރުން ތިބޭނެތަ؟  ހަމައެކަނި އެ މީހަކު މަރާލުމުގެ ނިޔަތުގައި އެހާ ފުރިހަމައަށް ތައްޔާރު ވެގެން މަސައްކަތް ކުރާނެތަ؟” އަހަރެން ހޫދަށް ބަލައިލީމެވެ. 

އެހެން ހުއްޓާ އަހަރެންގެ ވިސްނުމަށް އައީ އަހަރެންގެ ގާތު އެ ގެއްލޭ ބަޔަކު ދުވަހަކުވެސް ނުފެންނާނޭ ބުނި މީހާގެ މަތިންނެވެ. އެ ސޮރު ގާތަށް ދާންވީއެވެ. ޖަވާބެއް ލިބިދާނެއެވެ. “އެބަ އަންނަން ތާކަށް ޖައްސާލާފަ” އަހަރެން ދަބަސް އަޅުވާލުމުން ތެދުވީމެވެ. “އޭ މަޑުކުރޭ. އެކަންޏަކު ނުދެވޭނެ. މަ ގޮވައިގެން ދާން ޖެހޭނީ.” މަލަކު އަހަރެންގެ ފަހަތުން އައެވެ. އަހަރެން ދެކޮޅު ހަދަން ވެސް ވިސްނާލީމެވެ. އެހެނަސް އެއްޗެކޭ ނުބުނީ އެ ރަވާނުމެން ކަހަލަ މީހަކު އަތުވެދާނެތީއެވެ. އާހިލްގަނޑާއި ބައްދަލުކުރަން އެއިން މީހަކު ގޮވައިގެން ގޮސްފިނަމަ ނިމުނީއެވެ. މަލަކާއި އެކު އަހަރެން އެ ފުލެޓަށް ދާން ނައްޓާލީ ސައިކަލުގައެވެ. އެ ހިސާބަށް އާދެވުމުން އަހަރެން އެދުނީ މަލަކު ބޭރުގައި މަޑުކޮށްލުމަށެވެ. 

“ރިފް، ތިހެން ހަދަން ނޫޅޭ. ތި ވަންނަ ތަނަކަށް މަ ގޮވައިގެން ވަންނަން ޖެހޭނީ.” މަލަކު ހުރީ އެތެރެއަށް ވަންނަން ޢަޒުމް ކަނޑައަޅައިގެންނެވެ. އެންމެފަހުން އަހަރެން އެ އެޕާޓްމަންޓަށް ދިޔައީ އޭނާ އާއި އެކުގައެވެ. އެ އާހިލްގަނޑު ދޮރު ވެސް ނުހުޅުވަ ހުރެދާނެއެވެ. މަށާ ޖައްސާލައިގެން އުޅޭ މީހެއް ވިއްޔާއެވެ. އަހަރެން އެ އެޕާޓްމަންޓުގެ ބެލް ޖަހައިފައި އެއްފަރާތަށް ޖެހިލީމެވެ. މަލަކު އެކަނި އެ ސްކްރީނަށް އަރާ ގޮތް ހެދުމަށެވެ. 

ދޮރު ހުޅުވާލީ އިރުކޮޅެއް ފަހުންނެވެ. “ކީއްކުރާ މީހެއް؟” އާހިލްގެ ރާގު މަޑުމައިތިރިއެވެ. “މަ ބޭނުން ވެގެންނެއް ނޫން މިއައީ. އޭނަ….”  އާހިލަށް އަހަރެން ފެނިއްޖެއްޔާ ދޮރު ލައްޕާ ތަޅުލާނެކަން އެނގޭތީ މަލަކުގެ ޖުމްލަ ފުރިހަމަ ނުވަނީސް އެ ދޮރުގައި ފައިން ހިފެހެއްޓީމެވެ. އަދި އަތް އެހާ ގިނައިން ޙަރަކާތް ކުރަން ޑަކުޓަރު ހުއްދައެއް ނުދެއެވެ. “ބްލޫ އައި ސްޓޯކާ! ކަލޭ އަނެއްކާ ވެސް މަށަށް ދުއްތުރާ ކުރަން އައީތަ؟” އާހިލްގެ ‘ޓޯން’ އެކަށް ބަދަލުވިއެވެ. “ބްލޫ އައި ސްޓޯކާއޭ. އަނެއްކާ މިއީ ރިފްގެ މިތުރެއްތަ؟ ނޫނީ ހަތުރެއްތަ؟” އަހަރެން އެއްޗެއް ބުނަން ވާއިރަށް ވާހަކަ ދެއްކީ މަލަކެވެ. 

“ނޫނޭ ވާ ރިފް ތި އުޅެނީ ސަޅި ބިޓެއް ނަގައިގެންނު. ބަލާބަލަ މަށަށް އަންގާވެސް ނުލައޭ. ހާދަ ވަގު ވެއްޖެއޭ މިހާރު.” ދެން ބުނެލި އެއްޗަކުން އަހަރެން މަލަކާއި ދިމާލަށް ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. އަނެއްކާ މަލަކުގެ މޮޅު ސައިކޮލޮޖީ އުކުޅުތައް ނެތުނީ ހެއްޔެވެ؟ މިހިރަ ފޮނި ފަތަރާސީ ފިރިހެނާ އާއި އެކު އެކަހަލަ ކަމެއް ހުވަފެނެއްގައި ވެސް ނުވާނެއެވެ. “އަޗި! މަޑުން ހުރޭ. މަ ނޫޅެން މިނާއާ ރައްޓެހިވެގެންނެއް.” އަހަރެން އަނގަޔަށް ވައްތަރެއް ޖައްސާލީމެވެ. “ނުދައްނަ ގާލް ވެސް ދައްކާ ވާހަކަ ދޯ. ބްލޫ އައި ސްޓޯކާ ކައިރިއަށް އެއްވެސް ފިރިހެނަކު ދާނެތަ؟” އާހިލް ވެސް އަނގަޔަށް ގޮތެއް ހަދާލިއެވެ. “ކުއްޖާއަށް ނޭނގެނީ ރިފް އާއި ވެގެން އުޅޭ މީހުން ގިނަކަން. އޭ…..” މަލަކު އިތުރަށް އެއްޗެއް ބުނަން ވާއިރަށް އޭނާގެ އަނގަމަތީގައި އަހަރެން އަތް އެޅީމެވެ. “ދެޓްސް ނޮޓް ދި ޕޮއިންޓް. ކުރިން ދުހު. މަޑުކުރޭ. މިތަނަކު ނޭހޭނެ” އަހަރެން ހުއްޓާލީ އެކަހަލަ ވާހަކައެއް މިކަހަލަ ހާމަ ތަނެއްގައި ބުނަން ރަނގަޅު ނުވާނެތީއެވެ. އަހަރެން ފައިން ދޮރު ކޮށްޕާލައިފައި އާހިލްގެ ނުރުހުމުގައި އެ ތަނުގެ އެތެރެއަށް ވަދެގަތީމެވެ. ތަޅު ލޮކް ކޮށްލީ ވެސް ފައިންނެވެ. “ކޮޔާ ހުރިހާ ތަނަކަށް ފައި ނުލައިބަލަ.” އާހިލް މަސައްކަތް ކުރީ އަހަރެން އެ ގެއިން ނެރޭށެވެ. “މަ އަތް އަދި ރަނގަޅެއް ނުވެޔޭ. ވަރަށް ސީރިއަސް ވާހަކައެއް އަހާށޭ މި އައީ.” އަހަރެން ބުނެލީމެވެ. 

“މަށަށް ހެވޭ ކިތަންމެ މުހިންމުވިޔަކަސް. މަށަށް ޖެހޭތަ ކަލޭ ބުނާހާ ކަމެއް ކުރަން.” މި އާހިލުގެ ގޮތްދޫނުކުރުމުގެ ސިފައެއް ދޯއެވެ. “ކީއްވެގެންތަ ގެއްލޭ މީހުން ނުފެންނާނެ އޭ ބުނީ؟” އަހަރެން ބުނި އެއްޗަކުން އާހިލް ހުއްޓުން އެރިއެވެ. ހީވަނީ އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާ ހެންނެވެ. “ބްރޯ އަވަސް ކޮށްބަލަ. މަ ކަހަލަ ބިޒީ އެޖެންޓަކަށް މިތާކު މާގިނަ އިރަކު ނުހުރެވޭނޭ.” މަލަކުގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ. އާހިލް ފަހަތަށް ޖެހުނެވެ. “އެޖެންޓެކޭ” އާހިލް އެ ލަފުޒު ތަކުރާރުކޮށް ލިއެވެ. މަލަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. ބުނެވުނީ ކީކޭ ކަން ރެއަކާލީ ކަމަށް ވެދާނެއެވެ. 

“ޕްލީޒް އަވަސް ކޮށްލާފަ ބުނެބަލަ. އިންވެސްޓިގޭޝަން އަކަށް ވަރަށް މުހިންމު ވެގެންނޭ.” އަހަރެން އަނެއްކާ ވެސް އެދުނީމެވެ. “އޭތް ކުއްޖާޔާ. އީމާން ވަގަށް ނެގި ބަޔަކު ހޯދަން ބޭނުމިއްޔާ ރިފް ގާތު އެ ކަމެއްގެ ވާހަކަ ބުނޭ. ހެޔޮ މަ ގާތު ނުބުންޏަސް.” މަަލަކު އެހެން ބުނެފައި ބޭރަށް ނުކުތެވެ. އާހިލް ދޮރު ހުޅުވީމައެވެ. އަހަރެން އަނެއްކާ ވެސް އާދޭހުގެ ކަޅިއެއް އެއްލީމެވެ. “ކަމެއްގެ މަތިން. ތި އިންވެސްޓިގޭޝަންގަ މަ ވެސް ބައިވެރި ކުރަން ޖެހޭނެ. އެ ކޮޕުންނަކަށް މި ކަމެއްގެ ޙަޤީޤަތެއް ނުހޯދުނު ވިއްޔާ.” އާހިލްގެ ލޯ ވިދައިގަތެވެ.

އޭނާ އަހަރެންގެ އަތުގައި ހިފައިފައި ކޮޓަރި އަށް ގެންދަން އުޅުނެވެ. “މަގޭ އަތަށް ނުބެހިބަލަ.” އަހަރެން ދެލޯ ވަށްކޮށްލައިފައި އޭނާއާއި ދިމާއަށް ބަލާލުމުން އަތުން ދޫކޮށްލިއެވެ. “ބްލޫ އައި ސްޓޯކާ އަތަށް ކީއް ކުރީތަ؟” އޭނާ އެހިއެވެ. “މާ ބޮޑު ކަމެއް ނުވޭ. ސޮރަކު މަ މަގުމަތީގައި ހުއްޓާ ރަހީނުކޮށްގެން ގެންގޮސްފައި ދެ އަތުކުރީގައި ވަޅި އަޅާލީ. ނަސީބު ރަނގަޅު ކަމުން އަތް ބުރިއެއް ނުވެ.” އަހަރެން ރައްދު ދިނީ ހަމަޖެހިލައިފައެވެ. އާހިލް ހުއްޓިފައި އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. 

އެތަނުން ކޮޓަރިއަކަށް ވަދެ ބޮކި ދިއްލާލުމުން އަލިވެގެން ދިޔައެވެ. އާހިލް ދިޔައީ ފޮތިގަނޑެއް އަޅައިފައި ހުރި އެއްޗަކާއި ދިމާއަށެވެ. އެ ފޮތިގަނޑުގައި ހިފާ ދަމައިގަތުމުން ލޯމައްޗައް ކަޝްފުވީ ބޯޑެކެވެ. އޭގައި މިހާތަނަށް ގެއްލުނު މީހުންގެ ފޮޓޯ ހަރުކޮށްފައި ހުއްޓެވެ. އެއް ކައިރިމަތީ އެއްޗެއް ލިޔެފައި ހުއްޓެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ އެތަނަށެވެ. “މުޅިން ވެސް ވިއްސާއި ތިރީހާއި ދެމެދުގެ އުމުރުގެ މީހުން. ރަނގަޅު ސިއްޙަތެއްގައި ތިބި ބައެއް. ޢާއިލާގެ ގިނަ މީހުންނާއި ގުޅުން ކެނޑިފަ ނޫނީ އެމީހުން ނިޔާވެފަ.” އަހަރެން ކިޔާލީމެވެ. 

“ގެޓެއް ނުވި” އަހަރެންގެ ބޮލަކަށް އާހިލް ބުނެދޭން އުޅޭ އެއްޗެއް ނުވަނެވެ. އާހިލް މާކަރެއް ނަގައިފައި މަތީގައި ދެ އިނގިރޭސި ލަފުޒު ލިޔެލިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. “އިމްޕޮސިބްލް. ހަ…ހައު… އިން މޯލްޑިވްސް…. ނޯވޭ… ނޫނެކޭ ބުނޭ” އަހަރެން އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެ ބަޔަކު އެ ހިންގަނީ ހާދަހާވާ ލާއިންސާނީ ޖަރީމާއެކެވެ. މިކަން ކުރަން މީހުން ނަގައިފިނަމަ ދެން ނުފެންނާނެ ކަން އެނގެއެވެ. އެހެނަސް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ކުށެއް ނެތް އެތައް ބައެއްގެ ޙައްޤަކަށް އެ އަރައިގަންނަނީއެވެ. މިއީ ދެން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިއުމެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އާނާ

Next

ލޯބިން ބަލާލީމާ 19

Next
September 29, 2024

ލޯބިން ބަލާލީމާ 19

Previews
September 29, 2024

އާނާ

6 Comments!

  1. Nawar says:
    September 29, 2024 at 4:38 pm

    Whn nexttt?.
    Maa gina dhuvahu inthizaaru nukurahcheyy…
    Mi part vx varah varah reethi…

    1. White rose White rose says:
      September 29, 2024 at 6:27 pm

      Thnx Nawar.
      Next part hama mi week ge kommeves dhuvahakun kiyaalan libeyne.

  2. Cutie girl says:
    September 29, 2024 at 5:41 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah

    1. White rose White rose says:
      September 29, 2024 at 6:28 pm

      Thnx Cutie girl…

  3. Gossip gurll says:
    September 29, 2024 at 7:15 pm

    Woww mi part ves v reethi! this is one of my favourite story.

    1. White rose White rose says:
      September 29, 2024 at 7:26 pm

      Thnx a lot Gossip gurll…

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 18←


All Right Reserved!