ޙަޤީޤަތް ހޯދުމޭ 16
އޭނާ ވަދެގަތީ ތަކެތި ބަހައްޓާ ހަރުތަކުގެ ދެމެދަށެވެ. ނެގި އެއްޗެހިނަށް ލާރި ދައްކައިފައި އަހަރެން އެދުނީ އެތަކެތި ޑްރޯނަކުން ގެއަށް ފޮނުވާލުމަށެވެ. އަވަސް އަވަހަށް ދެން ހިނގައިގަތީ އެ ކުއްޖާ ދިޔަ ހަރުތަކާއި ދިމާއަށެވެ. އެއީ ނޫޑުލީހާއި ޕާސްޓާ ކަހަލަ ތަކެތި ހުރި ބައެވެ. އަހަރެން ހޯދި މީހާ އެތަނުން ފެނުނެވެ. އޭނާ ހުރީ ޕްލެއިން ކަޅު ހުޑީއަކާއި ކެރެޓެއް ލައިގެންނެވެ. ލޯމަތިން ގެއްލުމުގެ ކުރިން އެ ދިމާލަށް ދުވެލައިފައި ދިޔައީމެވެ. އަހަރެން އޭނާއާއި ކުރަން ކެތްމަދުވެފައި ހުރި ސަތޭކަ ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ
އެ ސޮރަށް އަހަރެން އަންނަކަން އެނގުނީ ކަމަށް ވެދާނެއެވެ. އަވަސް އަރުވާލައިފައި ކައުންޓަރާއި ހަމައަށް ގޮސް ރުފިޔާ ދީފައި ބާކީ ވެސް ނުނަގާ ފިހާރައިން ނުކުމެއްޖެއެވެ. އަހަރެން ވެސް ފަހަތުން ދިޔައީ ދުވެފައެވެ. އޭނާއާއި އަރާ ހާމަކޮށް އެ ސޮރު ފާރުގައި ޖައްސާލި ގޮތަށް ހޭންޑް ލޮކެއް އަޅުވާލީމެވެ. “ފައިނަލީ. އަތުވެއްޖެ” އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އެހެން ބުނި ކަމެއް ނޭނގެއެވެ. ލޮކު ނައްޓާލައިފައި އަނެއްކާ ދުއްވައިގަތެވެ. މިއީ ވާ ވަރުގަދަ ސޮރެކޭ ހިތަށް އެރިއެވެ.
ދުވަމުން ގޮސް އެ ސޮރު އެރީ ފްލެޓަކަށެވެ. އަހަރެން ފަހަތުން އަންނާތީ ކަމަށް ވެދާނެއެވެ. މައްޗަށް އަރަން ފެށީ ސިޑިންނެވެ. ފަނަރަ ވަނަ ބުރިއަށް އަރާ ދެން އުޅެގަތީ އެތަނުން އެޕާޓްމަންޓަކަށް ވަންނާށެވެ. އެ ދޮރުގެ ތަޅު ހުޅުވާލައިފައި އެ ސޮރު އެތަނުގެ އެތެރެއަށް ވަދެގަތެވެ. އެހެނަސް އޭނާ ދޮރު ލައްޕާ ތަޅުލަން ވާއިރަށް އަހަރެން އެތަނުގެ އެތެރެއަށް ވަނީމެވެ. އެހާ ވަރަށް ދުވުމުން ވެސް އަހަރެން ވަރުބަލި ނުވީ ޓްރައިނިންގައި އެގޮތަށް ދުވަން ފަރިތަކޮށްފައި ވުމުންނެވެ. އެ ސޮރު ވެސް ވަރުބަލިވެގެން އުޅޭ ހެންނެއް ހިޔެއް ނުވެއެވެ. އޭނާ އަކީ ބައިމަތި ފުޅާ އިސްކޮޅުން ދިގު ސޮރެއް ވިއްޔާއެވެ. އަތަށް މަސް އަރާލައިފައި ހުރެ ބާރުގަދަ ކަމަށް ދައްކާ މީހަކު އެހެން ދުވެލައިގެން އެކަނި ވަރުބަލި ވެގެން ނުވާނެއެވެ.
“ބްލޫ އައި ސްޓޯކާ” އެ ސޮރު އަހަރެންނާއި ދިމާލަށް އައެވެ. “ކަލޭ ކަހަލަ ކުޑަކުޑަ އަންހެން ކުއްޖަކު ވަރުބައްޔެއް ވެސް ނުވޭތަ. މަގޭ ފަހަތުން ތިޔަ އުޅެނީ ކީއްވެގެންތަ؟ ހުރެބަލަ ނިކަން. މިތަނަށް ވަދެވިދާނެ. އެކަމަކު ދެނެއް ނުނިކުމެވޭނެ އިނގޭ ޔޫ ކްރޭޒީ ގާލް!” އެ ސޮރު ފެށީ އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާށެވެ. “ކަލޭ އާއި ސުވާލުތަކެއް ކުރާށޭ މި އައީ. މާ ގައްޑާ ނުވެ ތެދަށް ޖަވާބު ދޭން ޖެހޭނެ.” އަހަރެން ސީދާ މައުޟޫޢަށް ދިޔައީމެވެ. “ކަލޭ ކުރާ އެންމެ ސުވާލަކަށް ވެސް މަށަކަށް ނުޖެހޭނެ ޖަވާބު ދޭކަށް.” އެހެން ބުނެ އަހަރެންނާއި އިތުރަށް ގާތް ވިއެވެ.
އަހަރެން ސިހުނީ އޭނާ އަހަރެންގެ މޭގައި އަޅާ ކޮށްޕާލުމުންނެވެ. ވެއްޓުނީ ފަހަތުގައި ހުރި ސޯފާ ގޮނޑިއަކަށެވެ. އޭގައި އަހަރެން ޖެހުނު ތަނާހެން ހައްޔަރު ވިއެވެ. ވަގުތުން އެއީ ލޮކް ސޯފާއެއް ކަން ދެނެގަނެވުނެވެ. އެހެނަސް މިހާރު އެއިން ސަލާމަތް ވެވޭ ވަރަށް ވުރެ މާ ލަސް ވެއްޖެއެވެ. އެ ސޮރު މި ސޯފާގޮނޑި އަންލޮކް ކުރުމުން ނޫނީ އަހަރެން ސަލާމަތެއް ނުވާނެއެވެ. އޭނާ ފަހަތުން އާދެވުނު މޮޔަ ހިތަށް އެރިއެވެ. އަތަކަށް ހެލި ނުލާ މަޑުން އޮތީ ތެޅިގެންފި ނަމަ އެ ލޮކު ބާރު ވާނެކަން އެނގޭތީއެވެ.
“ކަލޭ ތީ ކާކު؟” އަހަރެން އެ ސޮރާއި ދިމާލަށް ލޯ އަޅާލީމެވެ. “ބަލަ މަށެއް ނޫންތަ ތި ސުވާލު ކުރަން ޖެހޭނީ. މަށާއި ހެދިގެން އުޅޭ މަންޖެ ގަނޑެއް ވިއްޔާ. ފިހާރައަކަށް ދިޔަ ތަނާ ފަހަތުން އައިސް އަހަރެންގެ އެޕާޓްމަންޓަށް ވެސް ވަނީއޭ” އޭނާގެ ކުލަގަދަ ކަޅު ދެލޯ އަހަރެންނާއި ސީދާ ކޮށްލިއެވެ. “ޗީ! މަށެއް ނޫޅެން ކަލެއާ ވެގެންނެއް. މަ ބުނެފިން ދޯ ސުވާލެއް އަހާށޭ މި އައީ. ކަލެއެއްނު މަދެކެ ބިރުން ފިލަން ދުއްވައިގަތީ. ދެން މަށަށް ޖެހޭނީ ކަލޭގެ ފަހަތުން އަންނާކަންނު.” އަހަރެން އަނގަޔަށް ގޮތެއް ހަދާލީމެވެ.
“ކަލޭ އަކީ ކާކުތަ؟” އޭނާ ހީވަނީ އަހަރެންގެ ގޮތް ނުހޯދިގެން އުޅޭ މީހެއް ހެންނެވެ. “ނޫނުން ނު ބު ނާ ނަ ން” އަހަރެންގެ ބޯހަރުކަން މީނާ އަށް އަދި ނޭނގެނީއެވެ. “އާނ ހެޔޮ. ދެން ތިތާ ތާށިވެފަ އޮވޭ. މަ ސަލާން” އެ ސޮރު އަނެއް ފަރާތަށް އެނބުރިފައި ދިޔައީ ކޮޓަރި އަކާއި ދިމާއަށެވެ. އަހަރެން ތެޅިގަތީމެވެ. “އޭތް އެނޮއިން ކެޓާ. ހަމަ މިހާރު މި އަންލޮކް ކުރޭ!” އަހަރެން ހަޅޭއްލަވައިގަތީމެވެ. “ފާރުތައް ސައުންޑް ޕްރޫފް. ނީވޭނެ އެކަކަށް ވެސް.” އޭނާ ފެށީ ހޭށެވެ. އަހަރެން ހިމޭންވެލައިފައި ދަތްކުނޑި ވިކާލީމެވެ. ތެޅިގަތީމާ ލޮކު ވެސް ބާރު ވެއްޖެއެވެ.
“ރިފްޤާ! މި ބުނީ ނަން. ދެން މި އަންލޮކް ކުރޭ” އަހަރެން ބުނީމެވެ. “އޭ ބަލަ ބްލޫ އައި ސްޓޯކަރޫ. ހަމައެކަނި ރިފްޤާ އޭ ބުނީމަ ވޭތަ ނޭނގެ މި ދުނިޔޭގައި ކިތައް ސަތޭކަ ރިފްޤާއެއް ކަމެއް އުޅެނީ” އޭނާ އައިސް އެހެން ސޯފާގޮނޑިއެއްގައި އިށީނެވެ. “މަރްޔަމް ރިފްޤާ ނަޢީމް. ހޭޝްޓެގް ކޮންޕެނީގެ ހިންގުންތެރިޔާ ނަޢީމް ޢަލީގެ ހަމައެކަނި އަންހެން ދަރި. އުފަންވީ އެއްތިރީސް ޖުލައި 2205 ގައި. ފުދިއްޖެ؟” އަހަރެންގެ އަޑުގައިވީ ހަރުކަށިކަމެވެ. “އޯހ. ކީއްވެގެންތަ ކުރިން ރެއަކު ލިޒްގެ ގަރާޖު ކައިރިއަށް ދިޔައީ.” އަނެއްކާ އަނެއް ސުވާލެވެ. ބަލަ މަ މިއީ އެލެކްސާ ހެއްޔެވެ؟ މީނާ ކުރާހާ ސުވާލަކަށް ޖަވާބު ދޭން ހުންނަ ޑިވައިސެއް ހެއްޔެވެ؟
“މަ މި އިނީ އިންޓަވިއު އަކަށް އައިސްފަތަ؟ ނޫޅެން ކަލޭ ކުރާހާ ސުވާލަކަށް ޖަވާބު ދޭކަށް.” އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. ކުއްލިއަކަށް އެ ސޮރު އައިސް އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ވީ ދިމާލަށް އަނބުރާލައިފައި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާ ހުރީ އަހަރެންގެ މޫނާއި އެންމެ ނުރައްކާތެރި ދަރަޖައަކަށް ގާތްވެފައެވެ. އެ ތޫނު ދެލޮލުން ނުރައްކާތެރިކަން ފާޅުވެއެވެ. އަހަރެން ހިންދިރުވާލީމެވެ. “ކީއްވެގެން ހޭ؟” މިފަހަރު ބުނެލީ އަޑަށް ބާރުލައިފައެވެ. އަހަރެން ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. މި ސޮރު އަހަރެންނަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެއެވެ. މިހާރު އަހަރެން މި އިނީ އޭނާގެ ބާރު ދަށުގައި ވިއްޔާއެވެ. މިގޮތަށް ހުރިހާ ކަމެއް ވެސް ވީ ހަމަ އަހަރެންގެ ސަބަބުންނެވެ. ހިތާ ހިތުން އަހަރެންގެ އަމިއްލަ ނަފްސާއި ދިމާލަށް އެއްޗެހި ކިޔާ މަލާމާތް ކޮށްލެވުނެވެ.
“އޭނަ ކުރާ ކަމެއް ބަލަން.” އެ ފިރިހެން ކުއްޖާގެ ލޮލަށް ނުބަލަ ވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ބޭކާރު މަސައްކަތެކެވެ. “އަހަރެންނާއި ގާތް މީހެއް ގެއްލުނު ވަގުތު އެ ހިސާބުގެ ކެމެރާއަކަށް އަރާފައި ހުރީ އޭނަ.” ޖުމްލަ އިތުރަށް ފުރިހަމަކޮށްލީމެވެ. ދެލޯ އަޅާލަމުންނެވެ. އޭނާ އަހަރެންގެ ދަތްދޮޅިން އަތް ދޫކޮށްލާފައި އެ ގޮނޑި އަންލޮކް ކޮށްލިއެވެ.
އަހަރެން އެ ގޮނޑީގައި ލޮކު ކޮށްލި ކަމުގެ ބަދަލު ހިފަން ތައްޔާރު ވެލީމެވެ. އެގޮތުން އޭނާ ނުވިސްނާ ހުއްޓާ އެ ލޮކް ސޯފާއަށް ވައްޓާލީމެވެ. “ބްލޫ އައި ސްޓޯކާ!” މިފަހަރު ހަޅޭއްލަވައިގަތީ އެ ސޮރެވެ. “މަ ކުރަން އައި ސުވާލުތަކަށް ކަލޭ ޖެހޭނެއްނު ޖަވާބު ދޭން.” އަހަރެން ނުލަފާ ގޮތަކަށް ހިނިތުންވެލީމެވެ. އާނ ދެން ކުރަން އައި ކަމެއް ކޮށްފައި ނޫނީ ދެވޭ ހެއްޔެވެ؟ އެ ސޮރު އަނގައިން ތުނބުން ނުބުނުމުން އަހަރެންގެ ފޯނު ނަގާ އޭނާގެ ފޮޓޯއެއް ނަގާލީމެވެ. އެ ފޮޓޯ މޯލްޑިވިއަން ރެޒިޑެންޓްސްގެ ޕޯޓަލަށް ލައިފައި އެއީ ކާކު ތޯ ބަލައިލީމެވެ. ހެކު ނުކޮށް ފަސޭހައިން އެއަށް އެކްސެސް ލިބެނީ އަހަރެން އެޖެންޓް ޓްރައިނިން ހަދާތީއެވެ.
“އަހްމަދު އާހިލޫ! ކަލޭ ކީއްކުރަންތަ ލިވާޒުމެންގެ ފަހަތުން ތި އުޅެނީ؟” ފޯނު ޖީބަށް ލަމުން އަހަރެން ސުވާލު ކޮށްލީމެވެ. “އެއްޗެއް ޔަޤީންކޮށްލަން. މިހާރު އެނގިއްޖެ އޭނާކަން.” މިފަހަރު ޖަވާބެއް ދީފިއެވެ. ކޮން އެއްޗެއް ހޭ އެހީމެވެ. “ކަލޭ ކަހަލަ ރެންޑޮމް މީހެއްގެ ކައިރީ އެކަހަލަ މުހިންމު ކަމެއްގެ ވާހަކަ ބުނެވޭނެތަ؟ ޑްރީމް އޮން ބްރޯ. ކިހިނެއް އެނގެނީ ކަލޭ އަކީ ވެސް އަނެއް މީހުންގެ ތެރެއިން އުޅޭ ޖާސޫސް ކުރާ މީހެއް ނޫން ކަމެއް. އައި ރޭދަރ ލިވް ދެން ގެޓް ކިޑްނެޕްޑް ބައި ދެމް” އޭނާގެ ވާހަކައަށް އަހަރެންގެ ޝައުގުވެރިކަން ހުއްޓުނެވެ.
“ކިޑްނެޕޭ. ތި ބުނީ ޒުވާން ދިވެހިން ރަހީނު ކުރާ މީހުންގެ ވާހަކަ ތަ؟ ކަލެއަށް އެމީހުންގެ ގޮތް އެނގޭތަ؟ އެ ގެއްލޭ މީހުން ވީ ތަނެއް އެނގޭތަ؟” އަހަރެންނަށް އެކަން ފާހަގަވުމުން ބަރިއަކަށް ސުވާލުތަކެއް ކޮށް އަޅާލީމެވެ. “ކަލެއަކީ އޭގެ މީހެއް ނޫން ދޯ. ދެން ގެއްލޭ މީހުން. ކީކޭ ބުނާނީ ވެސް. ދެން ދުވަހަކުވެސް އެ މީހަކު ފެނިދާނެ ކަމަށް އުންމީދު ނުކުރައްޗޭ. ކިތަންމެ މޮޅު މީހަކަށް ވިޔަސް އެ ގެއްލޭ އެކަކު ވެސް ނުހޯދޭނެ. މަ އަންކަލް ވެސް ގެއްލުނީ އެހެން ވިއްޔާ. މިހާރު ކިތައް ލައްކަ ސުވާލަށް ޖަވާބު ދީފިން. މަ ދޫކޮށްލާ!” އޭނާ ބުންޏެވެ. މި ސޮރަށް އިތުރު އެއްޗެއް އެނގެނީ ހެއްޔެވެ؟ އެހާ ޔަގީންކަމާއި އެކު ދެން އެ ގެއްލޭ އެކަކު ވެސް ނުފެންނާނެ ކަމަށް ބުނާނީ ކޮންމެވެސް ސަބަބަކާއި ހުރެގެންނެވެ.
އަހަރެން އެ ސޯފާ އަންލޮކް ކޮށްލީމެވެ. ގެއަށް ވެސް ދާން ޖެހޭނެ ތާއެވެ. އެހެނަސް އެ ބޯހަރު ސޮރު ދޮރު ހުޅުވާކަށް ނޫޅުނެވެ. “އެނޮއިން ކެޓްގެ އަންކަލް އަކީ ކާކުތަ؟” އަހަރެން އަހާލީމެވެ. “އީމާން.” އޭނާ ޖަވާބެއް ދިނީ ދުރު ބަލާލަމުންނެވެ. “އެ ދޮރު ހުޅުވަދީފާނަންތަ؟ މިތާ މުޅި ދުވަހު ބަންދުކޮށްފައި ބަހައްޓަންތަ ތި އުޅެނީ؟ އާނ މިހާރު ދޮރު ހުޅުވަން ވެއްޖެއްނު.” އަހަރެން ތަޅުލެވިފައިވާ ދޮރަށް އިޝާރާތް ކޮށްލަމުން ބުނެލީމެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އައިސް އެ ދޮރު ހުޅުވާލަދީފިއެވެ. އަހަރެން އަވަހަށް އެތަނުން ނުކުތީމެވެ. ގެއަށް ދިއުމުގެ ނިޔަތުގައި އެ އިމާރާތުން ވެސް ބޭރަށް ނުކުތީމެވެ. މި ތަން ގެއަށް ކުޑަކޮށް ދުރުވުމުން އަހަރެން ދިޔައީ ބަހުގައެވެ.
“ރިފްޤާ! މަންމަ ބުނީ ދަރިފުޅު ފިހާރައަށް ގޮސް އެ ގަންނާށޭ. މަންމައަށް ވެސް އެނގެޔޭ ޑްރޯނުން އެއްޗެހި ގެއަށް ގެނެވޭ ކަން.” މަންމަ އިޝާރާތް ކުރީ އަހަރެން ގަތް ތަކެއްޗަށެވެ. “ޑްރޯނުން އެއްޗެހި ގެއަށް ފޮނުވާފައި ކޮންތާކަށްތަ ދިޔައީ؟” މަންމަ ދޭފަތް އަތަށް ލައިގެން އަހަރެންގެ ގާތަށް އައެވެ. ކެއްކުމަށްޓަކައި މަންމަ އަޅާ އޭޕްރޯނުގައި ކިރިޔާ ވެސް އެއްޗެއް ހޭކިލައިފައެއް ނެތެވެ. މަންމަ އަކީ ސާފުތާހިރުކަމުގެ އިންތިހާއެވެ. ކަންކަން ކުރުމުގައި ހިސާބަށް ވުރެ ފަރުވާތެރިވާނެއެވެ. މަންމަ ‘އޯސީޑީ’ ހުރެޔޭ ހިތަށް އަރާ ފަހަރުތައް ވެސް މަދު ނުވަނީ އެހެންވެގެންނެވެ. “ބުންޏަސް މަންމަ ޤަބޫލެއް ނުކުރާނެ.” އަހަރެން އެހެން ބުނެފައި ކޮޓަރިއަށް ވަންނަން ދިޔައީމެވެ. އާނ ދެން ނުވެސް ދަންނަ ސޮރެއްގެ އެޕާޓްމަންޓަށް ވަދެގަނެފައި އޭނާގެ ދުލުން ޖަވާބުތަކެއް ނެރެފައި އައި ވާހަކަ މަންމަ ގާތު ބުނެވޭ ހެއްޔެވެ؟ އެކަމާ ރުޅިއައިސްގެން ގޮވާލައިފިނަމަ މިތަނަށް ބިންހެލުމެއް އަރައިފާނެއެވެ.
އެ ދުވަހުގެ މެންދުރު ހަތަރު ވަނަ ފިޔަވައްސަށް ދާން ކިޔައިފައި ވެސް ނުދިޔައީ މާ ވިއްސާރަ ކަމުންނެވެ. ދެވެން އޮތަސް ހަމަ ގަސްތުގައި ނުދިޔައީއެވެ. އެ އާހިލްގެ ދެއްކި ވާހަކަ ތަކާއި މެދު އަހަރެންނަށް ވިސްނެން ފެށިއެވެ. އަނެއްކާ އެ ސޮރަކީ އެ މީހުންނަށް މަސައްކަތް ކުރާ މީހެއް ހެއްޔެވެ؟ ނޫނެކެވެ. އަމިއްލަ ބޮޑުބޭބެއަށް އެ ކަހަލަ ގޮތެއް ހަދާލި ބަޔަކަށް ވާގިވެރިވާން އެއީ މޮޔައެއް ނޫނެވެ. ދެން އޭނާއަށް އިތުރު އެއްޗެއް އެނގެނީ ހެއްޔެވެ؟ އެނގޭނަމަ ކޮން އެއްޗެއް ހެއްޔެވެ؟
“ރިފް ވާރޭގަނޑު ތެރޭގައި އެ އަނބުގަހަށް ބަލަހައްޓައިގެން ތިހުރިއްޔޯ.” އަހަރެން ޝެހެނާޒު ވާހަކަ ދެއްކި އަޑަށް އެދިމާއަށް ނަޒަރު ހިންގާލީމެވެ. އޭރު އަހަރެން ހުރީ ވާރެއާ ތެމިފޯވެފައެވެ. ފިނިވިޔަސް އަހަރެން ހިޔެއް ނުކަރުވައެވެ. އަހަރެންނަކީ ޗުއްޓީ ހޭދަކޮށްލަން އެލޭސްކާ ކަހަލަ ސްނޯ ވެހޭ ޤައުމު ތަކުގައި ވެސް އާދައިގެ އަތްދިގު ޓީޝާޓު އެކަނި ލައިގެން އުޅޭ މީހެކެވެ. އެތަނުގައި ވާ ފިންޏާއި ބަލާފަ މިއީ ކޯއްޗެއް ހެއްޔެވެ؟
“ޝަހިކްސް! ޝީން ދައްތަ މަރު…” އަހަރެންނަށް މެދުކަނޑާލަން ޖެހުނީ ޝެހެނާޒު ހަރު އަޑުން ހުއްޓާލާށޭ ބުނުމުންނެވެ. “އަދި ޝީން ދައްތަ މަރުވިކަމެއް ޔަޤީނެއް ނޫނެއްނު.” ޝެހެނާޒުގެ ވިސްނުން ހުރީ އެފަދައިންނެވެ. އަހަރެން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން އޭނާ އެތެރެއަށް ވަދެއްޖެއެވެ. ވާރޭ ބޯކުރަމުން އަޔަސް އަހަރެން ބޭރަށް ނުކުތީމެވެ. ހިނގާލާށެވެ. ބައެއް މީހުން ބުނާނީ އަހަރެންނަކީ ‘މޮޔަ’ އެކޭއެވެ. ކޮންމެ ފަދަ އެއްޗެކޭ ކިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. ވާރޭ ބޯކުރަމުން ދިޔަވަރަކަށް އޭގެ އަސަރު ވެސް ވަރުގަދަވަމުން ދިޔައެވެ.
ބޮޑެތި ވާރޭ ތިކިތައް ބާރު މިނުގައި އައިސް ގައިގައި ޖެހޭއިރު ހީވަނީ އޮށްގަލުން ތަޅާ ހެންނެވެ. ވައި ގަދަކަމުން ތެމިފައި އޮތަސް ދޫކޮށްލެވިފައިވާ އަހަރެންގެ އިސްތަށިގަނޑު ހިމޭނަކުން ނޯވެއެވެ. އެހެން ވިޔަސް އަހަރެންނަށް ހެވެވެ. އަހަރެން ދެކޭ ގޮތުގައި މިކަހަލަ ވާރޭ ތެރޭގައި އުޅުމަކީ ބޮލުގައި ރިހުމާއި ‘ސްޓްރެސް’ ފިލުވާލަން އެންމެ މޮޅު ބޭހެވެ. އަނެއްކޮޅުން ހަށިގަނޑަށް ވެސް އަރާމެވެ. އުޑުމަތި ކަޅު ވިލާތަކުން ބައްދާލެވިފައި ވާއިރު އަނދިރިކަން ފަޒާގައި ރަސްކަން ކުރަމުން ދިޔައެވެ. މަގުގެ އެއްފަރާތުގައި ބަރިއަކަށް ހުރި ގަސްތައް ހޫރޭ އަޑު ވާރެއަށް ވުރެ ގަދައެއް ނުވެވުނެވެ. ބޭރުގައި މީހަކު ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެއެވެ. ހުދުކާޅެއް ފެންނަހާ މަދެވެ. އެމީހުން ދެކޭ ގޮތުގައި މޫސުން ހިސާބަށް ވުރެ ގޯސްވީމާ ކަމަށް ވެދާނެއެވެ.
ވާރޭ ވެހޭ ވަރުން ތަނަކަށް ދާ މީހަކު ވެސް ދަނީ ލޭންޑް ކެޕްސޫލްގައެވެ. ލޭންޑް ކެޕްސޫލް އަކީ ބިމުގެ އަޑިން ދަތުރު ކުރެވޭ އެއްޗެކެވެ. އެއިން އެކި ތަންތަނަށް ދެވޭނެއެވެ. ތަފާތު ރޫޓްތައް ހުންނާނެއެވެ. އެއަށް ބޭނުންކުރަނީ ހައިޑްރޯޖަން ޕަވާ ކަމުން އެއްވެސް ކާބަންޑައި އޮކްސައިޑެއް ދުލެއް ނުކުރާނެއެވެ. އެއީ ސައިކަލުގެ ބަދަލުގައި ގިނަބަޔަކު ބޭނުންކުރާ އެއްޗެކެވެ. އެއީ އަގުހެޔޮ ވެފައި ގެއަކަށް، މިބުނީ ޢާއިލާއަށް ގެންގުޅެވެނީ އެންމެ ސައިކަލެއް ކަމަށް ވާތީއެވެ. ސަރުކާރުގެ ޤަވާޢިދެވެ. ޕާރކިން ލޮޓްތައް މަދުކޮށް މަގު ރީތި ކުރާށޯލައެވެ.
އަހަރެން ހިނގަމުން ގޮސް ތިންވަނަ ފިޔަވައްސަށް ވެސް އެރިއްޖެއެވެ. އާއެކެވެ. ހަމަ ވަކި މިސްރާބެއް ނެތި ހިނގެނީއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް އަހަރެންނަކަށް ވެސް ނޭނގެއެވެ. ފައިވާނަކަށް އަރައިގެން ހުރި ކަން ރަނގަޅެވެ.
ތިން ވަނަ ފިޔަވަހީގެ ވަކި ހިސާބަކަށް ދެވުނު ތަނާ މީހަކު އަހަރެންގެ ފަހަތުގައި އުޅޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ވިސްނާލުމަށް ފަހު އަހަރެން ނިންމީ ދުއްވައިގަންނާށެވެ. މަގުމަތީގައި ތަނބިކަށްޓާއި ހަމައިގައި ފެން ކޯރު ހެދިފައި ހުއްޓަސް ހެވެވެ. ހިނގުން ބާރު ކޮށްލައިފައި ދުއްވައިގަތީމެވެ. ފުލު ސްޕީޑުގައެވެ. ފެން ބުރުއްސަމުންނެވެ. އެހެނަސް އަރައިގެން ހުރީ ސޮއްސާ ކަހަލަ ފައިވާނެއް ކަމުން އަހަރެން ކައްސާލާން ދިޔައެވެ. ކިރިޔާ ހަށިގަނޑު ބެލެންސް ކޮށްލެވުނު ނަމަވެސް ފަހަތުން އައި މީހަކު އަހަރެންނާއި އަރާ ހަމަކޮށްފިކަމުގެ އިހުސާސް ކުރެވުނެވެ. ކިތަންމެ ބާރަށް ހަޅޭއްލަވައިގަތަސް އެ އަޑު މި ވާރޭގެ ތެރެއަށް އޮބިގެން ދާނެކަން ޔަޤީން ވާއިރު އެ އަޑު ފޯރާނީ ކާކުގެ ކަންފަތާއި ހަމައަށް ހެއްޔެވެ؟
މީހަކަށް ގުޅާކަށް އަތަކު ފޯނެއް ނެތެވެ. އެ މީހާއާއި ދެކޮޅަށް ހަމަލާދޭން ވަޅިއެއް ނެތެވެ. އެ ބިޔަ ފިރިހެނާގެ ކުރިމަތީގައި އަހަރެންނަށް ދެއްކޭނެ އެއްވެސް ބާރެއް ނެތެވެ. އޭނާ އައިގޮތަށް އައިސް އަހަރެންގެ ކަރުގައި އަޅުވާލިއެވެ. ރުމާލެއް ނޭފަތް މަތީގައި އެޅީ އަހަރެން ހޭނައްތާލަން ކަމަށް ވިޔަސް މި ވާރެއާއި ހެދި އޭގެ އެއްވެސް އަސަރެއް ކުރާނެ ހެއްޔެވެ؟ އެ ނަސީބުގައި ހިފާ އަހަރެން އޭނާގެ ބަނޑުގައި ފައިން ޖެހީމެވެ. ކަރަށް ދުލެއް ލިބުމުން އެނބުރިލައިފައި އޭނާގެ ފައިގައި ދަތި އަޅުވާ ވައްޓާލީމެވެ. އެމީހާ ހުރީ އެކަހަލަ ކަމަކާއި މެދު ނުވިސްނާ ކަމުންދާއިރު އަހަރެން ވަރަށް ފަސޭހައިން ކާމިޔާބުވިއެވެ.
އަހަރެން އިތުރު އެހީ އެއް ހޯދުމުގެ ނިޔަތުގައި ދުއްވައިގަތީމެވެ. އެހެނަސް އެމީހާ ތެދުވެގެން އައިސް އަހަރެންގެ ގައިގައި ފަހަތުން ހިފަހައްޓައިފިއެވެ. ހިރިނުލެވޭ ވަރަށް ބާރަށެވެ. ދެން ނެރުނު ތާކުން ނެރެފައި އަހަރެންގެ އަތަށް އިންޖެކްޝަނެއްގެ ތޫނު ކަށި ހަރާލިއެވެ. އޭގެ އަސަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑުގައި ފެތުރިއްޖެކަން ނަގައިގަނެވުނީ ޓްރައިނިންގައި ދީފައިވާ ތަމްރީނުގެ ސަބަބުންނެވެ. އެ ބިޔަ ފިރިހެނާ ނިވާވެގެން ހުރިލެއް ފުރިހަމަ ކަމުން އޭނާ މޫނު ވެސް ފެންނަ ވަރެއް ނުވިއެވެ. މަންޒަރު އިތުރަށް ފުސްވަމުން ދިޔައެވެ. ގައިން ވަރު ދޫވާހެން ހީވެއެވެ. ދެން އަހަރެން ދެމުނީ އެމީހާގެ އަތްމައްޗަށް ކަން އެނގޭ ވަރު ވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rifga ah gotheh nuhadhachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
Sorry Eyee cutie girl ge comment eh
Not a problem.
Thnx cutie girl. appreciate ur support
V reethi mi part ves waiting for the next 💜
Thankyou for the comment Jennei!
Mi part varah ves salhi
Keep up your work
Curiously waiting for next part♥️♥️🙂
Thnx Anonymous
Alhey rif ah dhera gotheh nahadhahchey…
Mi part ves hama HABEYS…
Can’t wait to read next one.
Thnx Shyheyrs…
Vrh reethi story eh
When is the next part ?
Next part this week IA.