Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 15

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
September 21, 2024 8 Mins Read
8 Comments

އަހަރެން ސިހުނީ ފަހަތުން ބަޔަކު އަންނަ އަޑު އިވުމުންނެވެ. ހުރެވުނީ ގަރާޖާއި ވީ ފަރާތަށް ކުރިމަތިލައިގެން ކަމުން އަހަރެން ހައްތަހާ ހާސްވިއެވެ. އެވަގުތު އަންނާނީ އެ ލިވާޒު ސޮރުމެން ކަމަށް ވާތީ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. އިރު ވިދިފައި އިން މާކަނައެއް ހެން  (ކަމަކާއި މެދު މާ ބޮޑަށް ދެރަވެ ހާސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓިފައި އިނުން) އަހަންނަށް ގަނޑުވެފައި އިނދެވުނީއެވެ. ލިވާޒަށް ބަސްޓުވިއްޔާ ރީއްޗެއް ނުވާނެއެވެ. ހޫދު ވެސް އަދި ނާދެއެވެ. ކުރިން ނާންގާ ކަންތައް ކުރެވުމުން މޮޔަ ހިތަށް އަރަން ފަށައިފިއެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ މިހާ ހަމަނުޖެހޭ ކަމެއް ކުރެވެން އަހަރެން އެހާ ގަމާރުވީ ކޮން އިރަކު ހެއްޔެވެ؟

ވާނެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހަރެން ދެލޯ ވެސް މަރާލީމެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތުމުން ސިހުނެވެ. އޭނާ އަހަރެން ވައްދާލީ އެ ހަނިހަނި ގޯޅިގަނޑުގެ ތެރެއަށެވެ. އެއީ ހޫދު ނޫންކަން އަހަންނަށް އެނގުނެވެ. އެ ނުދަންނަ ފިރިހެން ކުއްޖާ އަހަރެން ފާރާއި ލައި ހައްޔަރުކޮށްލިއެވެ. ގަރާޖުގެ ފާރުގައި އެއް އަތް އަޅުވާލައިފައި އަނެއް އަތް އެޅީ އަހަރެންގެ އަނގަމަތީގައެވެ. އަހަރެން ހަޅޭއްލަވައިގަނެފާނެތީ ކަމަށް ވެދާނެއެވެ. އެ ކުއްޖާގެ ކުއްލި ޢަމަލުން ލިވާޒުމެންނަށް ނުފެނި ސަލާމަތްވިއެވެ. ގަރާޖުގެ ބޮކިތައް ނުދިއްލާ ހުރި ކަމީ ވެސް ހަމަ ނަސީބެކެވެ. އެހެން ނޫން ނަމަ އެމީހުންނަށް އަހަރެން ފެނުނީހެވެ. 

ލިވާޒުމެން އަނގަތަޅަމުން އައިސް އެ ގަރާޖުގަނޑަށް ވަންނަން ވެސް ތިން ހަތަރު މިނެޓުނެގިއެވެ. ހިނގަނީ ވެސް ފިނިހަކައަކަށް ވުރެ ލަސްލަހުން ވިއްޔާއެވެ. އެމީހުން އެ ގަރާޖަށް ވަނުމުން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. އަހަރެންނަށް ހުރެވުނު ގޮތާއި މެދު ވިސްނާލެވުނީ އެހިސާބުންނެވެ. އެ ފިރިހެން ކުއްޖާއާއި އަހަރެންނާއި ދެމެދުގައި ވަނީ ކިރިޔާ ވައި ރޯޅިއަކަށް ވަދެވޭނެހާ ދުރުމިނެވެ. ދެމީހުންގެ ނޭވާ އިހުސާސްވާހާ ގާތެވެ. އޭނާއާއި ދިމާލަށް ނަޒަރު ހިންގާލުމާއި އެކު ހަތަރުކަޅި ހަމަވާގޮތް ވިއެވެ. އެހެންވީ އެކުއްޖާ ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ކަމުންނެވެ. 

ރީތި ފުން ކަޅުކަން ގަދަ ކަޅިއެކެވެ. ފުން ކަނޑަކަށް ގެނބިގެން ދާ ފަދައިން އަހަރެން ވެސް އެ ކަޅީގެ ތެރެއަށް ގެނބުނެވެ. އާއެކެވެ. އެ އާދަޔާ ޚިލާފު ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މާ ތަފާތު ވީމާ ކަމަށް ވެދާނެއެވެ. ޤަބޫލުކުރަން ވެސް ދަތިވިއެވެ. އަހަރެންގެ ހިތް ތެޅެނީ ވެސް އާދައިގެ ގޮތަކަށް ނޫނެވެ. އެ ސޮރު ވެސް ދުރުވާކަށް ނޫޅުނެވެ. އަހަރެންނަށް ހޭވެރިކަމެއްވީ މީހަކު ބާރަށް ކަރުކެހިލުމުންނެވެ. އަހަރެން ވަގުތުން އެ ކުއްޖާއާއި ދުރުވެވޭތޯ މަސައްކަތް ކުރީމެވެ. ހޫދުގެ ކިލަނބުވެފައިވާ ވިސްނުމާއި ހެދި ނަގާނީ ނުބައި މާނައެއް ކަމާއި މެދު ޝައްކެއް ނެތެވެ. ދެން ފަށާނީ ދިމާކުރާށެވެ. ވީގޮތެއް ނުބަލާނެއެވެ. ޤަބޫލުކުރާނީ އޭނާއަށް އެ ފެނުނު މަންޒަރެވެ. ބޯ ހަލާކެވެ. 

ހޫދު އައުމާއި އެކު އެކުއްޖާ އެތަނުން ދިޔައެވެ. އަހަރެން އަޅައެއް ނުލަމެވެ. އޭނާގެ ލޮލުގެ ކުލައިގެ ކަޅުކަން ގަދަކަމުން އަހަރެން އަޖައިބު ވިޔަސް ދެން އެއީ މާ ޚާއްސަ ކަމެއް ނޫނެއްނު ހެއްޔެވެ؟ “އޯއޯ… ރިފް މިތަނަށް އައީ ސޮރަކު އަޅުވާލަންތަ؟ އައްދޭ.. ކަޑައެއްނު އަހަރެންނަށް އެއޮއް ސަޅި ވަގުތުކޮޅު ހަލާކު ކޮށްލެވުނީ. ސޮރީ އިނގޭ.” ހޫދު އައިސް އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އަހަރެން އޭނާގެ އަތް ފޮޅުވާލީމެވެ. އަހަރެން އެކަހަލަ ގޮތަކަށް ނޫޅޭނެކަން ޔަގީން ވާއިރު ވެސް ހޫދުގެ ވާހަކަ މި ހުންނަ ގޮތެއް ދޯއެވެ. 

“ދެން ވައިޓީ! ލިވާޒުމެންނަށް އަހަރެން ބަސްޓުވެދާނެތީ އެކުއްޖާ އަހަރެން ސަލާމަތްކޮށްދިނީއޭ” އަހަރެން އޭނާގެ އިސްތަށިގަނޑު ހާވާލީމެވެ. އެއީ އޭނާ ވަރަށް ނުރުހޭ ކަމެއް ކަން އެނގޭތީއެވެ. “ރިފްގެ މޮޔަކަން ދޯ! ބަލަ މެސެޖެއް ފެންނައިރަށް އަންނަންޖެހޭތަ. ވައި ސަޗް އަ ރޭޝް ޑެސިޝަން” އެ ސޮރު އަހަރެންނާއި ދުރަށް ދަމުން ފެށީ ލެކުޗަރު އަޅާށެވެ. އަހަރެމެން ދެމީހުންގެ ކޯޅުން ހުއްޓުނީ ހޫދުގެ ފޯނަށް މީހަކު ގުޅަން ފެށުމުންނެވެ. އޭނާ އެ ފޯނު ނަގައިފައި ވާހަކަ ދައްކަން ފެށިއެވެ. 

“ހިނގާ ދާން. ވާންބޭ ބުނީ އެގަރާޖުގެ ތެރޭގައި ހަރުކޮށްފައި އޮންނާނެޔޯ ރިފް ގެންގުޅޭ ކަހަލަ ރެކޯޑަރެއް.” ހޫދު އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. އަހަރެން އޭނާއާއި އެކު ގެއަށް ދާން ހިނގައިގަތީމެވެ. ކަންފަތުގައި ހެޑުފޯނު އަޅާލަމުންނެވެ. ހޫދު ގަނޑުގެ ބޮލަށް ތުރާ ދުލުން ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާތީއެވެ. ގެއަށް ވަދެވުމާއި އެކު ރަވާނު ސޮރުގެ ސުވާލުތައް އަމާޒުވިއެވެ. އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ހޫދު އަނެއްކާ ވެސް ފަށައިފިއެވެ. 

ހެޑުފޯނު މަތީގައި ވެސް ދެއަތް އަޅާލަމުން އަހަރެން އަވަސް އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އެތެރެއަށް ވަދެ ދޮރު ލޮކު ކޮށްލާ ހެޑުފޯނު ނަގައި އެއްލާލަމުން އެނދުމައްޗަށް ވެއްޓިގަތީމެވެ. ފުން ނޭވާއެއް ލުމަށްފަހު ތެދުވެގެން ގޮސް ބެލްކަންޏަށް ނުކުތީމެވެ. ވައި ގަދަކަމުން އަނބުގަހާއި ފޭރުގަހާއި އެހެނިހެން ގަސްތަކުގެ ގޮފިތައް ހޫރެމުން ދިޔައެވެ. އުޑުމަތީގައި ވިލާ ބޯކަމުން މި ސާދަ ވިލޭރޭގެ ހަނދު އެއްވެސް ގޮތަކަށް ނުފެނެއެވެ. ހީވަނީ މިރޭ ބޯކޮށް ވާރޭ ވެހޭނެ ހެންނެވެ. 

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން އެ ފިނިކަމުން ހިތްހަމަޖެހުން ހޯދަމުން ދިޔައިރު މީގެ ކުރިން ހިނގައިދިޔަ ކަންތަކުގެ މަތިން ހަނދާން ނެތޭ ގޮތް ވިއެވެ. އަހަރެންގެ އިސްތަށިގަނޑު ދޫކޮށްލާފައި އޮތުމުން ގަހުގެ ގޮފިތަކެކޭ އެއްފަދައިން އެ ވެސް ވިހުރެމުން ދިޔައެވެ. އެ ހިތްފަސޭހަކަމުން ސިކުނޑި ވެސް އިތުރަށް ތާޒާ ވިއެވެ. އަހަރެން ވެސް ޙަވާލުވި ޝާނާ ގެއްލުމުގެ މައްސަލަ އާއި މެދު ވިސްނާލެވުނެވެ. އެ މައްސަލައިގައިި ކިރިޔާ ވެސް ފެށޭނެ ކޮޅަކަށް ވަނީ ލިވާޒާއި ޝާނާގެ އެކުވެރިޔާއެވެ. 

މި ރާއްޖޭގައި ގެއްލޭ ގެއްލުން ތަކުގެ ފަހަތުގައި އެވަނީ އޮށްގާ ގޭންގު މީހުންކަން ޔަޤީނޭ ހިތަށް އަރާ ފަހަރު ވެސް އާދެއެވެ. ލިވާޒަކީ އެ ގޭންގުގެ އެއް ގޮފީގެ ލީޑަރެވެ. ކުށެއް ވިއްޔާ ކޮށްފައިވާ ބަޔަކީ ގިނަ ފަހަރު އެމީހުންނެވެ. މައްސަލައަކީ އެމީހުންނާއި ދެކޮޅަށް ދެއްކޭނެ ހެއްކެއް ނެތުމެވެ. ގޭންގުގެ މީހުންނަށް އެ ހުރިހާ ހެއްކެއް ނައްތާލަން ކުޅަދާނަވީމައެވެ. 

އިރުގަނޑަކު އެތަނުގައި ހުރެފައި އަހަރެން އަނބުރާ ކޮޓަރިއަށް ވަނީމެވެ. ނިދާ އަރާމު ކުރަން ވެސް ޖެހޭނެއެވެ. ނިދާ ހެދުން ލައިފައި އަހަރެން އޮށޯވެލީމެވެ. 

އަނެއް ދުވަހުގެ އިރު ފެނުން ތޮޅެލީ އަހަރެން ދުވަން ހުއްޓައެެވެ. މިއަދު ފަތިސް ނަމާދު ކޮށްގެން އެކީ ދުވަން ދިޔައީއެވެ. ހެނދުނު ޓްރައިނިން އަށް ގޮސް އެކަން ނިންމާލައިފައި އިއްޔެގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މިއަދު އޮތީ ސައިކޮލޮޖީގެ ސެޝަނެކެވެ. ދެން ޖައްސާނީ މީހުންގެ މައިންޑް ރީޑް ކުރަން ބާއެވެ. މި ސައިކޮލޮޖީ ބަޔާއި ހެދި އަހަރެންނަށް ފުރަތަމަ އަހަރުން އެޖެންޓަކަށް ނުވެވި ހިނގައިދާނެއެވެ. 

ދުވެ ނިންމާފައި ގެއަށް ދާން ގަޑި ބަލައިލި އިރު ހަތެއް ޖަހަނީއެވެ. ފެންވަރާލުމަށް ފަހު ކައިގެން ދާން ވީ ޓްރައިނިން ސެންޓަރަށެވެ. 

ޓްރައިނިން ސެންޓަރު ހުންނަނީ ވިލިނގިލީގައެވެ. އެއީ ފަޅު ރަށަކެވެ. އެތަނުގައި ހުންނާނީ އެ ސެންޓަރު އެކަންޏެވެ. އެއީ ސިފައިންނާއި ފުލުސް ޓްރައިނިން ހަދާ ސެންޓަރެވެ. އަހަރެމެންގެ ޓްރައިނިން އެތަނުގައި ހެދި ނަމަވެސް ތަމްރީނު ކުރާ ބައި ހުންނާނީ ބިމުގެ އަޑީގައެވެ. ޢާއްމުންގެ ލޯތަކަށް ވަންހަނާ ވެފައެވެ. ސިފައިންގެ ޓްރައިނިނާއި ފުލުސް ޓްރައިނިން ހަދާ މީހުންނަށް ވެސް އެތަނުގެ ގޮތެއް ނޭނގޭނެއެވެ. 

ފެންވަރައިގެން އަހަރެން ލީ ހުދު ކުލައިގެ ސްވެޓާއަކާއި ދޫ ޖިންސެކެވެ. އަހަރެންނަކީ ބާރު އެއްޗެހި ލާ މީހެއް ނޫނެވެ. އެކަހަލަ ގަޔަށް އުނދަގޫ އެއްޗެހި ބައެއް މީހުން ލާތަން ފެނިފައި ވެސް އަހަރެން އަޖައިބުވެއެވެ. އަހަރެން ދެކޭގޮތުގައި ގަޔަށް އަރާމު ދޫ އެއްޗެހިނުގެ ބަދަލުގައި އެކަހަލަ ބާރު އެއްޗެހި ލާނީ މޮޔައިންނެވެ. 

ދަބަސް އަޅުވައިގެން އަހަރެން ކޮޓަރިން ނުކުތީ ބޮލުގައި ތޮތްޕެއް އަޅާލަމުންނެވެ. އަހަރެން ބަދިގެއަށް ވަދެ އިށީނީ ސައިބޯށެވެ. ގިނަ ދުވަސް ދުވަހާއި ޚިލާފަށް ސަޔަށް އެންމެން ހަމަ ދުވަހެކެވެ. އިތުރު މީހަކަށް ޝެހެނާޒު ވެސް އިނެވެ. ދެން އެކުއްޖާ އެކަނި އުޅެން އެޕާޓްމަންޓަކަށް ފޮނުވާލެވޭ ހެއްޔެވެ؟ އެ ފަކީރު އަމިއްލަ ޙާލަށް ދޫކޮށްލައިފިނަމަ އަހަރެން ވާނީ ކޮންކަހަލަ އެކުވެރިއަކަށް ހެއްޔެވެ؟

ސައިގައި މާކަ ގިނަ ވާހަކައެއް ނުދައްކައެވެ. ވަރަށް ހަމަ ހިމޭނެވެ. ސައި ނިންމާލައިފައި އަހަރެންގެ ފޯނު ނަގާ ހޫދަށް ގުޅާލީމެވެ. ދެން ގެއިން ނުކުތީ ހުދު ސްނީކާސް އަކަށް އަރާލަމުންނެވެ. ގެއިން ނުކުމެ ހިނގައިގަތީ ސްކައި ލިފްޓަށް އަރާށެވެ. ހޫދު ބުނީ އެތަނުން ދިމާ ކުރާ ވާހަކައެވެ. އެ ހިސާބަށް އާދެވުނު އިރު އަދި ހޫދެއް ނާދެއެވެ. ތިރީ ބެންޗެއްގައި އަހަރެން އިށީނދެލީ އޭނާ އަންނަން ދެންނެވެ. ޖީބުން ފޯނު ނަގާ އެ ހާވާލަ ހާވާލާ އިނީމެވެ. 

ހޫދު އައުމުން އޭނާއާއި އެކު ލިފްޓަށް އެރީމެވެ. އެއިން ވިލިނގިއްޔާއި މާލޭގެ އިތުރުން ހުޅުމާލޭގެ ރޫޓްތައް ހުންނާނެއެވެ. “ހޭއި. ރިފްގެ ހޮޓް ބުރޯ އާއި މެސެޖު ކުރަނީތަ؟ ބަލާބަލަ އެ ފޯނުން ނަޒަރު ކަނޑާނުލައޭ!” ލިފްޓުގައި ހުރެ ވެސް އެ ސޮރު ފެށީ އެ ކުޅިގަނޑެވެ. އަހަރެން އައި ރުޅިން އެ ސޮރު ކަނަކަށް ޖައްސައިފައި ޖީބުން ނެގި ވަޅި އޭނާގެ އިސްތަށިގަނޑާއި ދިމާކޮށްލީމެވެ. އެއީ ވަރަށް ތޫނު ވަޅިއެކެވެ. ވަރަށް ފަސޭހައިން އެ އިސްތަށިގަނޑު ކޮށާލެވިދާނެއެވެ. “ބްރޯ ކާމް ޑައުން. ޗިލް. ޗިލް.” އެ ސޮރު ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ސްކައި ލިފްޓަކީ އެތެރެފެންނަ ޓްރާންސްޕޭރަންޓު އެއްޗަކަށް ވިޔަސް ހެވެވެ. ބަލާ މީހަކު ބަލައިފާނެއްނު ހެއްޔެވެ؟ 

“ރޭގައި ވީ އެއްވެސް ކަމަކާއި ގުޅުވާފަ އެންމެ ލަފުޒެއް ވެސް ތި ދުލުން ބޭރު ކޮށްލަބަލަ. ތިޔަ އިސްތަށިގަނޑު ކޮށާލާފަ ކާޅަށް ކާންދޭނަން!” އަހަރެން ދިނީ އިންޒާރެކެވެ. އޭނާ އެ ވާހަކަ ނުދައްކާނަމޭ ބުނުމުން އަހަރެން އެ ސޮރު ދޫކޮށްލީމެވެ. ވެއްޓިފައިވާ ވަޅީގެ ކަވަރު ނަގައި ލައްވާލަމުން އެ ޖީބަށް ލީމެވެ. ހޫދު ފުން ނޭވާއެއް ލައިފައި އިށީނެވެ. ވިލިނގިއްޔަށް އާދެވުމުން އަހަރެމެން ހިނގައިގަތީ ޓްރައިނިން ސެންޓަރާއި ދިމާއަށެވެ. 

މިއަދުގެ ސެޝަން ނިމުނީ މެންދުރު ފަހު ދެގަޑި ތިރީހުގައެވެ. ދެން ދޭތެރެއަކުން ބްރޭކެއް ނެގީމެވެ. ނަމާދުކޮށް ކެއުމަށެވެ. އަނބުރާ ހުޅުމާލެއަށް ދެވުމުން އަވަސް އަރުވާލައިގެން އަހަރެން ގެއަށް ދިޔައީމެވެ. ހޫދު ވެސް އަހަރެންނާއި އެކު އައެވެ. ގެއަށް ވަދެވުނު އިރު އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. އަހަރެން ޖީބުން ފޯނު ނަގައިފައި ރަވާނަށް ގުޅާލީމެވެ. އޭނާ ބުނީ ޝާހިދުގެ ކޭސް ކުރިއަށް ގެންދިއުމަށް އަހަރެމެން ކުރިން ވެސް ދިޔަ ތަނަށް އައުމަށެވެ. 

އަހަރެން އެތަނަށް ދިޔައީ ހުދުކުލައިގެ ޓީޝާޓެއްގެ މަތިން މަޑު ފިޔާތޮށި ކުލައިގެ ޖެކެޓެއް ލައިފައެވެ. ހޫދާއި އެކު ހަތަރުވަނަ ފިޔަވައްސަށް ދިޔައީ ސްކައި ލިފްޓުންނެވެ. އެއަށް ވުރެ އަވަސް އެހެން ގޮތެއް ނޯންނާނެއެވެ. 

އެ ހެދުން ވިއްކާ ފިހާރައަށް ވަދެފައި ރަވާނަށް ގުޅާލީ ‘އެތަނުގެ’ އެތެރެއަށް ވަންނާށެވެ. ވަދެވުނު އިރު އެތަނުގައި އެންމެން ހަމައެވެ. ފާރުގައި ހުރި ކުލަ ސްކްރީނަށް އަރުވައިފައި ވަނީ ނަރުސް ހެދުމުގައި ހުރި ޒުވާން އަންހެނެއްގެ ފޮޓޯއެވެ. ލިއުނާއެވެ. އޭގެ ކައިރީ ލިޔެފައި ވަނީ ‘ލާސްޓް މެޓް’ މިހެންނެވެ. އެ ބުނަނީ ޝާނާ ގެއްލުމުގެ ކުރިން އެންމެ ފަހުން އެކުގައިވީ މީހަކީ އެއީ ކަމެވެ. 

“އެރޭ މި އަންހެން މީހާގެ ގެއަށް ޝާނާ ދިޔަ ކަމަށް ވަނީ. މިހާރު އެބަ އޮތް ހަސްފަތާލުގަ. ހިލާ ވާހަކައެއް ނުދެއްކި.” މަލަކު ހުރި ރުޅިގަދަވެފައެވެ. ޝެހެނާޒު އިނީ ސުވާލު ސެޓެއް ލިޔާށެވެ. ރަވާނާއި ނައިލް އުޅުނީ ލިވާޒުގެ ޙަރަކާތްތައް ބަލާށެވެ. “ލިއުއްތަ އާ ސުވާލުކުރަން ދިޔައީ ކާކު؟” އަހަރެން ސުވާލެއް ކޮށްލީމެވެ. މަލަކު އެއީ އޭނާ ކަމަށް ބުނެލިއެވެ. ދެން ބުނެލީ ތަފާތު ވާހަކައެކެވެ. 

“އެ އަންހެން މީހާ އަކީ ފުރަތަމަ ނަރުހެއް ނޫން. އޭނާގެ އަތެއް ވޭ ޝާނާގެ ގެއްލުމުގަ. ދުލުން ނުބުންޏަސް އޭނާގެ އެހެން ގުނަންތައް އެކަމަށް ހެކި ދޭ ވިއްޔާ!” މަލަކު ހުރީ ނުރުހުންވެފައެވެ. އަދިވެސް ނޭނގި މި އޮތީ ޝާނާ އަށް ވީ ގޮތެކެވެ. ލިއުނާ އާއި ވާހަކަ ދައްކައިގެން ނޫނީ ސަބަބެއް ވެސް ނުހޯދޭނެ ކަން ނޭނގެއެވެ. “އަނޭ…  ކޮބާ ތަ ރޭގެ ރިކޯޑިން؟ އެ ލިވާޒުމެން ގަރާޖުގަ ކޮން ކަމެއްތަ މަޝްވަރާ ކުރީ. މި ކަމާއި ގުޅޭ ކަމެއް ތަ؟” އަހަރެން ހަނދާން ވެގެން އަހާލީމެވެ. ރަވާނު އަހަރެންގެ އަތަށް ދިނީ އޭނާގެ ލެޕެވެ. ހަމަ ދުލުން ބުނީމާ ވީ ނޫން ހެއްޔެވެ؟ ޗުސް ތަޅާލަމުން އޭގައި ވީ ރިކޯޑިން ބަލަން ޖައްސާލީމެވެ. ކޮންމެ ވެސް ޑުރަގު ޑީލެއް ކަން އެނގުމުން އަނގަ ހަދާލެވުނެވެ. 

އެދުވަހު މަސައްކަތް ކޮށް ބަލިވިއިރު ވެސް އިތުރު އެއްކަމެއް ވެސް ނުހޯދުނެވެ. މާ ލަސް ވުމުން ނިންމާލައިފައި ގެއަށް ދިޔައީ އެވެ. އެ ރޭ ނިދުމުން ހުވަފެނުގައި ވެސް ފެންނަނީ ގޮތް ހުސްވެފައިވާ ޝެހެނާޒެވެ. އާދުވަހަކަށް ފެށިގެން ދިޔައީ މިއަދު ވެސް އަހަރެން ދުވަން އުޅެނިކޮށެވެ. ހޫދާއި އެކުގައެވެ. ދުވުނު އިރު ވެސް އަހަރެމެންގެ މެދުގައިވީ މަރު ފަދަ ހަމަހިމޭންކަމެވެ. ދުވެ ނިންމާފައި އެ ދުވަހުގެ ޓްރައިނިން އަށް ދިޔައީމެވެ. އެ ނިމިގެން ނޭވާއެއް ލެވުނު އިރު ހަވީރު ވަނީއެވެ. 

މިއަދު އުޅުނީ ލިއުނާގެ ގާތަށް ދިއުމަށެވެ. އުމުރުން ސައްބީސް އަހަރުގެ އަންހެނެކެވެ. އެމީހާގެ ގާތަށް ދެވުނު އިރު އޭނާގެ ޙާލު މިހާރު ރަނގަޅު ހެން ހީވެއެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްގެން ހަސްފަތާލަށް ގެނެވުނީ ޝާނާ ގެއްލުނު ރެއެވެ. ގެއްލުނުތާ އިރުގަނޑެއް ފަހުން ކަމަށް ބެލެވެއެވެ. “ލިއުއްތާ. ކިހިނެއްތަ މިހާރު؟” އަހަރެން ވާހަކަ ދެއްކީ އާންމު ކޮށް ޝާނާ އާއި އެކު ލިއުނާ އުޅޭއިރު މުޚާޠަބު ކުރާ ފަދައިންނެވެ. ލިއުނާ އަކީ އުޅުން ރީތި ހިތްހެޔޮ އަންހެނެކެވެ. ބޭރު ފުށަށް ފެންނަނީ އެގޮތަށެވެ. 

“ރަ…ނގަޅު. ރިފްޤާމެން ދެކުދިން ކިހިނެއް؟” ލިއުނާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އަހަރެމެން ވެސް ރަނގަޅު ވާހަކަ ބުނެލީމެވެ. އަސްލު މައުޟޫޢަށް ދާން ވާނީ ދުރުދުރުންނެވެ. އެހެނަސް ލިއުނާއަށް އެކަން އެނގުނު ކަހަލައެވެ. “ތި އަހަނީ އެ ދުހު…. ޝީން… ޝީން ދައްތަ ދެވަނަ ފިޔަވައްސަށް ދިޔަ ސަބަބު ދޯ! ޝީން އައީ އަހަރެ…ން ބުނެގެން ޝެހޭ ރިފްޤާމެން ގެއަށް ދިޔައީމަ އެ…އެކަނި ވާނެތީ.” ލިއުނާ ވާހަކަ ދެއްކި އިރު ވެސް ހީވަނީ ދެންމެ ދެންމެ ރޮއިގަނެފާނެ ހެންނެވެ.

“އެރޭ ޝީން ނުގެނެވުނު ނަަމަ. ދަންވަރު އެ ފިހާރައަށް ނުދެވުނު ނަމަ” ލިއުނާގެ އަޑު އައީ ކުރަކި ވަމުންނެވެ. އަހަރެން ހިތަށް އެރިއެވެ. އަނެއްކާ މަލަކު ދޮގެއް ހަދާލީ ހެއްޔެވެ؟ ލިއުނާ އެ އޮތް ޙާލު ބަލައިބަލާށެވެ. އެ ފަކީރު ވެސް ވާނީ އަނިޔާ ލިބުނު މީހަކަށެވެ. އަހަރެން ލިއުނާ ގާތު އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމަށް އެދުނީމެވެ. “އެރޭ އަހަރެން ޝީން އަށް ވުރެ ކުރިން ފިހާރައިން ނުކުތިން. ދެން…ދެން  ކުރިއަށް ހިނގާލިތަނާ.” އެހިސާބުން ލިއުނާ އަށް ރޮވެން ފަށައިފިއެވެ. ގިސްލަގިސްލައިފައެވެ. އަހަރެން އޭނާގެ އަތަށް ޓިޝޫއެއް ދިއްކޮލީމެވެ. ލިއުނާ އޭގައި ހިފި ވަގުތު އޭނާގެ އަނގޮޓީގައި އަތް ޖެހުނެވެ. ލިއުނާ ބުނި ގޮތުގައި އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ދިން އެއްޗެކެވެ. ރަތް ކުލައިގެ ޔާގޫތެއް ބޭނުން ކޮށްގެން ފަރުމާކޮށްފައިވާ ރިހި ކުލައިގެ އަނގޮޓިއެކެވެ. 

“މޫނު ނިވާކޮށްގެން ހުރި މީ…މީހެއް… އާހް. އޭނާ އަހަރެން ދަމާފައި އެ އިމާރާތަށް ގެންދިޔައީ. އެތާ ދޮ…ދޮރު މައްޗަށް. މަގުމަތީގައި ފެންނަ ހިސާބެއްގައި މީހަކު ނެތް. އެމީހާ އަހަރެން… ބޮލުގައި ދަގަނޑު އެއްޗަކުން ޖެހި…ޖެހިކަން އެނގޭ. އެވަގުތު ޝީން…ޝީން އަހަރެންނާއި ދިމާލަށް ދުވެފައި އައި…” ތުރުތުރު ލަމުން ލިއުނާ ވާހަކަ ދެއްކީ ކޮށަ ކޮށައިގެންނެވެ. އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ފުން، އަވަސް ނޭވާތަކެއް ލާން ފެށިއެވެ. އަހަރެން ހާސްވެފައި ޑަކުޓަރަކަށް ގޮވީމެވެ. 

ލިއުނާ މައިތިރިވީ ނިދާ އިންޖެކްޝަނެއް ޖަހައިގެންނެވެ. ޑަކުޓަރު ވަރަށް ނުރުހުން ވެލައިފައި އަހަރެމެން ގާތު ބުނީ ބަލިމީހާ އެ ޙާލުގައި އޮއްވާ އޭނާގެ ބޮލަށް އުނދަގޫވާ ކަހަލަ ވާހަކަ ނުދެއްކުމަށެވެ. ސާޖަރީ ކޮށްގެން ލިއުނާ ސަލާމަތް ކުރެވުނީ އުނދަގުލުން ކަމަށެވެ. އަހަރެންނަށް ލިއުނާގެ ޙާލަތު ރަނގަޅަށް އެނގުމުން ދެރަވިއެވެ. އޭނާގެ ޙަޔާތުގައި ކުރި ހިތި ތަޖުރިބާ އަހަރެމެންނަށް ކިޔައިދޭން މި ބުނީ ވެސް އޭނާގެ ސިއްހީ ހާލަތު ވަރަށް ދަށުގައި ވަނިކޮށެވެ. 

ލިއުނާއަކީ ކުރީގައި ވެސް ޝާނާ އަށް ވަރަށް ހެޔޮ އެކުވެރިއެކެވެ. ޝާނާއަށް ވީގޮތެއް އޭނާއަށް އެނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ޝާނާ ލިއުނާއާއި ހިސާބަށް ނާދެވެނީސް ޚަބަރު ހުސްވީއެވެ. ނަސީބު ރަނގަޅު ކަމުން ދަންވަރު ފިހާރައިގެ މަސައްކަތް ނިންމާފައި ނުކުތް މީހަކަށް ލިއުނާ ފެނުނީއެވެ. ލިއުނާ ހަސްފަތާލަށް ގެނައީ އެމީހާއެވެ. ޝެހެނާޒާއި އެކު އަހަރެން ހަތަރުވަނަ ފިޔަވައްސަށް ދިޔައިރު ވެސް އަހަރެން އިނީ ހަމަހިމޭނުންނެވެ. 

“ލިއުއްތަ އަކީ ކުށެއް ނެތް މީހެއް.” އަހަރެން މަލަކު އަތަށް ދެއްކި ވާހަކަ ތަކުގެ ރިކޯޑިން ދެމުން ބުނެލީމެވެ. ނައިލް އައިސް ހުއްޓުނީ އަހަރެމެންގެ ގާތުގައެވެ. “ލިއުނާގެ އަސްލު ނަމަކީ ފައިހާ މުޙައްމަދު. އެއީ ނަރުހެއް ނޫން. ޑަކުޓަރެއް.” އޭނާ ބުނި އެއްޗަކުން އަހަރެން ހައިރާންވިއެވެ. “އެ ނަން ލިއުނާ މުޙައްމަދަށް ބަދަލުކުރީ މިދިޔަ އަހަރު. ސަބަބެއް ނޭނގޭ.” ރަވާނު އިތުރަށް ބުނެލިއެވެ. އަހަރެން ހިތަށް އެރިއެވެ. ނަން ބަދަލު ކުރުމަކީ މައްސަލައެއް ނޫނެވެ. އަހަރެން އެނގެން ބޭނުންވީ އޭނާ ޑަކުޓަރެއްގެ މަޤާމުގައި ހުރެފައި އާދައިގެ ނަރުހަކަށް ޑީމޯޓު ވީގޮތެކެވެ. 

“އެހެންވީމަ މިކަމަށް އެންމެ ޝައްކު ކުރެވޭ މީހަކީ ލިވާޒެއްނު. އެ ސޮރު ފަހަތުން ބިސްމަޅި ދުއްވަން މަށަށް ފެންނަނީ.” މަލަކު ރިކޯޑިން އަޑުއަހާ ނިންމާލައިފައި ބުނެލިއެވެ. އެހެންވީމާ މިކަމުގެ ފަހަތުގައި ވެސް މި ވަނީ އެ ހައްދުން ނައްޓާ ގުރޫޕުގަނޑު ތާއެވެ. ބޮޑު އުނދަގުލެއް ކަހަލަ ބައެކެވެ. ޝާނާއަކީ އެމީހުންގެ ހަތުރެއް ވެސް ނޫނެވެ. އޭނާއާއި ބެހެން ޖެހޭ ހެއްޔެވެ؟

“މަ ގޮސްފާނަން އޭނާ ފަހަތުން އެންމެ ރަނގަޅެއްނު. ރަވާނު ބޭނުންވީ އެކަން ކުރާށެވެ. ނައިލް ދެން ގެނެސްދިނީ ސްޕްރައިޓު ދަޅުތަކެކެވެ. މީހަކަށް ދަޅެކެވެ. 

ލިވާޒުގެ އިތުރުން މުޅި އޮށްގާ ގޭންގުގެ ތެރެ ‘އިންފިލްޓްރޭޓް’ ކުރަން ޖެހޭނެއެވެ. އެ ގެއްލޭ މީހުންނަށް ކުރާ ކަމެއް ވެސް އެނގެނީއެއް ނޫނެވެ. ދިރިހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގެނީއެއް ނޫނެވެ. އެއިން މީހަކު މަރުވެފައި އޮންނަ ފުރާނަ ނެތް މަސްގަނޑު ވެސް ލޮލަކަށް ނުފެނެއެވެ. 

އެދުވަހު ވެސް ނިންމާލީ އެގާރަ ޖެހި ފަހުންނެވެ. ޖެހިގެން އައި ދެ ދުވަހުވެސް އަހަންނަށް އަހަރެމެން އުޅުނީ ހަމަ އެކަހަލަ ގޮތަކަށެވެ. ލިވާޒަށް ޖާސޫސް ކޮށްގެން ވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެއެވެ. އޮށްގާ ގޭންގުގެ އެންމެ އެތެރެއަށް ފީނާ ބަލައިގެން ވެސް ކަމެއް ވާކަށް އުޅެނީއެއް ނޫނެވެ. 

ހުކުރު ދުވަހެވެ. އަހަރެން ހެނދުނުގެ ވަގުތުގައި ފިހާރައަށް ދިޔައީ މަންމަ ބުނެގެން ކެރެޓާއި ބޭކިން ޕައުޑަރ ދަޅެއް ގަންނާށެވެ. މަންމަ އެކަހަލަ އެއްޗެހި ވެސް އޯޑަރެއް ނުކުރާނެއެވެ. ޑްރޯނަކުން އެތަކެތި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެނެވެން ހުންނަ އިރު ވެސް ފިހާރައަށް ފޮނުވަފާނެއެވެ. އަހަރެން ފިހާރައިގެ ތަރުކާރީތައް ހުރި ބައިން ތިން ހަތަރު ކެރެޓު ނަގައިފައި ދިޔައީ މަންމަ ބުނި ވައްތަރުގެ ބޭކިން ޕައުޑަރ ދަޅެއް ފެނޭތޯއެވެ. އެ ފެނުމުން އެއް ދަޅު ނަގައިފައި އުޅެގަތީ އެތަކެއްޗަށް ފައިސާ ދައްކާށެވެ. ކައުންޓަރު ކުރިމަތީގައި ހުއްޓާ ފިހާރަ ތެރެއިން މީހަކު ފެނުނެވެ. 

އޭނާ ވަދެގަތީ ތަކެތި ބަހައްޓާ ހަރުތަކުގެ ދެމެދަށެވެ. ނެގި އެއްޗެހިނަށް ލާރި ދައްކައިފައި އަހަރެން އެދުނީ އެތަކެތި ޑްރޯނަކުން ގެއަށް ފޮނުވާލުމަށެވެ. އަވަސް އަވަހަށް ދެން ހިނގައިގަތީ އެ ކުއްޖާ ދިޔަ ހަރުތަކާއި ދިމާއަށެވެ. އެއީ ނޫޑުލީހާއި ޕާސްޓާ ކަހަލަ ތަކެތި ހުރި ބައެވެ. އަހަރެން ހޯދި މީހާ އެތަނުން ފެނުނެވެ. އޭނާ ހުރީ ޕްލެއިން ކަޅު ހުޑީއަކާއި ކެރެޓެއް ލައިގެންނެވެ. ލޯމަތިން ގެއްލުމުގެ ކުރިން އެ ދިމާލަށް ދުވެލައިފައި ދިޔައީމެވެ. އަހަރެން އޭނާއާއި ކުރަން ކެތްމަދުވެފައި ހުރި ސަތޭކަ ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 1

Next

ހަނދުވަރު ދިން އެރޭ…2

Next
September 22, 2024

ހަނދުވަރު ދިން އެރޭ…2

Previews
September 21, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 1

8 Comments!

  1. Cutie girl says:
    September 22, 2024 at 8:45 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Rifga aa v gulhey e kujja
    Kaaku baa fehnuni
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. White rose White rose says:
      September 23, 2024 at 7:05 am

      Thnx for the lovely comment Cutie girl! 💕

  2. ❤️ says:
    September 22, 2024 at 2:49 pm

    Kaaku baa eii 👀

    1. White rose White rose says:
      September 23, 2024 at 7:06 am

      Varah mysterious boy eh dhw.

  3. Anonymous says:
    September 22, 2024 at 3:42 pm

    Whn is the next part coming??
    Curiously waiting 🫣

    1. White rose White rose says:
      September 23, 2024 at 7:08 am

      IA this week.
      Thnx Anonymous. 💕

  4. Army gurl says:
    September 23, 2024 at 6:33 pm

    v reethi mi part ves curiously waiting? 💜

    1. White rose White rose says:
      September 24, 2024 at 5:10 am

      Thnx Army girl! 💕

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 16←


All Right Reserved!