ޙަޤީޤަތް ހޯދުމޭ 13
އޭރު ބޭރުގައި ހުރިީ މަންމަ އެއް ނޫނެވެ. ހާސްވެ އޮށްދާ ހިއްލައިފައި ޝެހެނާޒެވެ. އަހަރެންގެ ދެބުމަ ގާތް ކޮށްލެވުނެވެ. އޭނާގެ ދެލޯ ވެސް ރަތް ވެފައި ހުރި ހެން ހީވެއެވެ. އޭނާގެ ކޯތާފަތް މަތި ތެމިފައި އެ ހުރީ ފެނުން ނޫންކަން ދެނެގަންނަން ނެގީ ސިކުންތު ކޮޅެކެވެ. އެހެނަސް އަހަރެންނަށް އެއްޗެއް ބުނެވުމުގެ ކުރިން މެދު ކަނޑާލަން ޖެހުނީ އޭނާ ވާހަކަ ދައްކަން ފެށުމުންނެވެ. “ރިފް! ދޮ… ދޮންތި ނެތް ގެއަކު. ހޮސްޕިޓަލަކު ވެސް ނެތް. ގުޅީމަ ފޯނެއް ނުނަގާ.” ޝެހެނާޒު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކޯތާފަތް މަތީގައި ކަރުނަައިގެ ރޮނގެއް ދެމިފައި ވެއެވެ.
“އޭނ!” ޝެހެނާޒު ބުނި އެއްޗެއް ރަނގަޅަށް ފަހުމު ނުވުމުން އަހަރެންގެ އަޑު ނުކުތީ ބާރަށެވެ. އަނެއްކާ ޝާނާ އަށް ކަމެއް ވީ ހެއްޔެވެ؟ “ޝީން ދައްތަ ވެދާނެންނު އެކުވެރިއެއްގެ ގޭގަ ވެސް.” އަހަރެންގެ ސިކުނޑީގެ ކަނަކުން ބޮޑުކަމެއް ވެއްޖެއޭ ބުނަމުން ދިޔަ ނަމަވެސް އަހަރެން މަސައްކަތް ކުރީ ޝެހެނާޒު ހަމަޖައްސާލެވޭތޯއެވެ. އޭނާ ރުއިން ހުއްޓާނުލުމުން އަހަރެން ބުނީ ޝާނާ ގެ ފޯނު ހެކު ކޮށްލައިފައި އެ އޮތް ލޮކޭޝަން ހޯދައިދޭނެ ކަމަށެވެ. އަހަރެންނަށް ހެކު ކުރަން ފެން ފޮދެއްހާ ފަސޭހަ ވިއްޔާއެވެ. އެހާ ގިނައިން އެކަން ކުރެވިއްޖެއެވެ.
ޝެހެނާޒުގެ އަތުގައި ހިފާ ދަމަމުން އޭނާ ގޮވައިގެން އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. ދޮރު ލޮކު ކޮށްލައިފައި ލެޕު ނެގީމެވެ. ޝެހެނާޒުގެ ފޯނާއި އެ ގުޅާލީ ޔޫއެސްބީ ވާގަނޑަކުންނެވެ. ދެން ގުޅާލީ ޝާނާއަށެވެ. ފޯނު ނުނަގާނެ ކަން އެނގެއެވެ. އެހެނަސް އެ ފޯނު އޮތް ތަނެއް ޓްރެކު ކުރެވިދާނެއެވެ. އަހަރެންނަށް އެކަން ވަރަށް ފަސޭހައިން ވިއެވެ.
އެ ފޯނު އޮތް ތަން އެނގުމުން އަހަރެން ހައިރާންވީ ވަރުން އަނގަ ވެސް ހުޅުވާލެވުނެވެ. އެ ތަނުގައި އެ ފޯނު އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ނުބައި އެއްޗެއްގެ ލޮކޭޝަން ހޯދުނީ ހެއްޔެވެ؟ އަހަރެން ބޭނުންވީ އެ ފޯނު އެތަނުގައި އޮތް ކަން ޔަގީން ކުރަން ބަލަން ދާށެވެ. ޝެހެނާޒުގެ ގާތުގައި ވެސް އެ އޮތް ތަނުގެ ވާހަކަ ނުބުނެ އަހަރެންނާއި އެކީ އަންނަން އެންގީމެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ މީހުން މަދު ހިސާބަށް ދިޔައީ ކާރެއްގައެވެ. އެ މަގަށް ކާރު ހުއްޓާލުމުން އެއިން ފައިބައިގެން ފޯނު ބަލަމުން ޝާނާގެ ފޯނު އޮތް ކަމަށް ދައްކާ އިމާރާތާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެ އިމާރާތަކީ މީގެ ދެ އަހަރު ކުރިން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އަލުން މަރާމާތު ކުރަން ފެށި ތަނެކެވެ. ތަޅާލި ގޮތަށް އަދި ހެދިފައި ވަނީ ފަސް ބުރިއަށް މައްޗަށެވެ. އެ ހިސާބުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް އެ ހުރީއެވެ.
“މިތަނުގައިތަ ދޮންތިގެ ފޯނު އޮތީ؟” ހާސްކަމުން ފުރިފައިވާ ޙާލު ޝެހެނާޒު އަހަރެންނާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. މިކަހަލަ މަސައްކަތް ހުއްޓިފައިވާ އިމާރާތެއްގައި ސަހަލު ކަމެއް ނުހިނގާނޭ ކަން އަހަރެންނަށް އެނގެއެވެ. މާ ބޮޑަށް އިދިކީލި ވިސްނުމުން ސިކުނޑި ހިސާރުކުރަމުން ދާތީ އަހަރެން ބޯ ހޫރާލައިފައި އެ ފޯނު ހޯދަން ފެށީމެވެ. ފަސޭހަ ކަމެއް ނޫނެވެ. އެންމެ ތިރިން މައްޗަށް ފަރުވާތެރިކަމާއެކު ފާސްކޮށް ބަލަން ގަޑިއިރަކަށް ވުރެ ގިނައިރު މަސައްކަތް ކުރެވިއްޖެއެވެ. އެވަރުން ވެސް ފޯނު ފެންނަ ގޮތް ނުވުމުން އަހަރެންގެ ގާތަށް ރުޅިއައެވެ.
އަހަރެންގެ ހާސްވެފައިވާ މޫނަށް ބަލަން ހުރެފައި ޝެހެނާޒު އޭނާގެ ފޯނު ނެގިއެވެ. އެވަގުތު އިމާރާތުގެ ބޭރުން ފޯނެއް ރިންގުވާ އަޑު އިވެން ފެށިއެވެ. ދުވެފައި ބޭރަށް ނުކުތީ އަމިއްލަ މޮޔަ ކަމަށް މަލާމާތް ކުރަމުންނެވެ. އެންމެ ފުރަތަމަ ވެސް އެކަން ކުރަން ވެދާނެތީ ވަގުތުތަކެއް ބޭކާރު ކޮށްލެވިއްޖެ ވިއްޔާއެވެ. އެހެނަސް އަދިވެސް އަހަރެންނަކަށް މިތަނުގައި އެ ފޯނު އޮންނާންވީ ސަބަބެއް ޚިޔާލަށް ގެނެވޭ ވަރެއް ނުވިއެވެ. އެމީހުން އުޅެނީ ފުރަތަމަ ފިޔަވަހީގައެވެ. މިތަނަށް އަންނަނީ ކީއް ކުރަން ހެއްޔެވެ؟
“ހިނގާ ޕޮލިހަށް ރިޕޯޓުކުރަން.” ޝެހެނާޒު އެހެން ބުނެލީ މިހާރު ޝާނާ ގެއްލިއްޖެ ކަން ޔަޤީން ކުރެވުމުންނެވެ. އަހަރެން އޭނާގެ ބަހަށް އެއްބަސް ވަމުން އެ ފޯނު ނަގާ ރަބަރު ކޮތަޅަކަށް ލީމެވެ. ސީދާ އަތުންނެއް ނޫނެވެ. ލައިގެން ހުރި ޓީޝާޓުގެ އެހީގައެވެ. އަހަރެންގެ އިނގިލީގެ ނިޝާން އަރައިފާނެތީއެވެ. އަހަރެން އެ އިމާރާތުން ނުކުންނަމުން ވެސް ލޯ ހިންގާލާ ސްކޭން ކޮށްލީމެވެ. ބެލި ބެލުމުން އެނގުނީ އެ ޢިމާރާތުގެ އެތެރޭގައި ވެސް އަދި ބޭރުގައި ވެސް ކެމެރާއެއް ނެތް ކަމެވެ. ދެން ވީ ޝާނާގެ ފޯނު މިތަނަށް އައި ގޮތެއް ހޯދާށެވެ.
އަހަރެެމެން ރިޕޯޓުކުރީ ދެވަނަ ފިޔަވަހީގެ ފުލުހުންގެ މަރުކަޒަށެވެ. ޝާނާގެ ފޯނު ފެނުނީ މި ފިޔަވަހީގައި ހުރި އިމާރާތެއްގެ ތެރެއިން ވިއްޔާއެވެ. އެތަނަށް ދިޔަ އިރު ވެސް ޝެހެނާޒު އިނީ ފާޑަކަށް ގަބު ވެފައެވެ. ވާހަކަދައްކަން ޖެހުނީ އަހަރެންނަށެވެ. ދެން އެ ފަކީރުގެ ގާތްތިމާގެ މީހަކަށް ހުރި ހަމައެކަނި ފަރާތަކީ ޝާނާ ވިއްޔާއެވެ. އޭނާއަށް ގޮތެއް ވިއްޔާ ޝެހެނާޒަށް ވާނީ މިވަރެއް ނޫން ހެއްޔެވެ؟
މީގެ ނުވަ އަހަރު ކުރިން ޝެހެނާޒުގެ މައިންބަފައިން ކާރު އެކްސިޑެންޓެއްގައި ނިޔާވީ ލޭ ހުސްވެގެންނެވެ. އޭރު ކުޑަކުޑަ ޝެހެނާޒަށް ހަތް އަހަރެވެ. ޝާނާއަށް ކިރިޔާ ސާދަ އަހަރު ފުރުނު ކަމެވެ. އެ ޙާލުގައި އެ ދެމީހުން އެކަނި ވީ ދުވަހު އެހީގެ އަތެއް ލިބުނީ އަހަރެންގެ މަންމަގެ ފަރާތުންނެވެ. ޝާނާއަށް ކިޔެވުމަށް ޚަރަދުކޮށްދީ އުޅޭނެ ތަނެއް ހޯދައިދިނެވެ. ޝާނާއަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭންދެން ހުރިހާ ޚަރަދުތަކެއް ކޮށްދިނެވެ. އަހަރެމެންނާއި އެ މީހުން ގާތްވީ މި ސަބަބާއި ހުރެއެވެ.
އަހަރެމެން ޝާނާ ގެއްލުނުކަން ރިޕޯޓު ކުރުމުން ފުލުހުންގެ މަސައްކަތަށް ފެށި ނަމަވެސް އެމީހުން ވެސް ހުރީ ޝައްކެއްގެ މަތީގައި ކަން އެ ފުލުސް މީހާގެ މޫނުމަތިން ހެކި ދިނެވެ. އެއީ މީގެ ކުރިން ވެސް އެ ގޮތަށް ގެއްލިފައިވާ އެކަކު ވެސް ފެނިފައި ނުވާތީ ކަމަށް ވެދާނެއެވެ. އަހަރެންގެ ހަނދާނަށް އައީ އިއްޔެ ކިޔާލި ޚަބަރެވެ. އެ ލިސްޓުގައި ވީ އެކަކު ވެސް އަދި ފެނިފައެއް ނުވެއެވެ. މިއަދު އަނެއްކާ އެ ލިސްޓަށް އެކަކު އިތުރުވީއެވެ. ޝާނާ އެކާވީސް ވަނަޔަށް ހަދާލަމުންނެވެ.
އަހަރެން ޝެހެނާޒު ގޮވައިގެން ގެއަށް ދިޔައީ މި ވަގުތު އޭނާ ޖަޒުބާތުގައި ޖެހިފައި ވާނެތީއެވެ. އޭނާއަށް މެހުމާނުންގެ ކޮޓަރި ދީފައި އަހަރެން ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އެ އިމާރާތް ހުރި ހިސާބުގައި ހުރި ކެމެރާތަކުގެ ވީޑިއޯތައް ބަލާލުމަށެވެ. ސީދާ އެ އިމާރާތަށް ވާގޮތަށް ކެމެރާއެއް ހަރުކޮށްފައި ނެތަސް އެ ހިސާބު ކޮންމެވެސް ކެމެރާ އަކަށް ޝާނާ އަރައިފައި ވެދާނެއްނު ހެއްޔެވެ؟ އަހަރެންގެ ލެޕު ނަގައިފައި އެ މަސައްކަތް ފެށީމެވެ.
ރޭގެ ވީޑިއޯތައް އަހަރެން ބެލީމެވެ. ކޮންމެ އެއްޗެއް ވަކިވަކިންނެވެ. ޝާނާ އެއިން ކެމެރާއަކަށް އަރައިފައިވާ ކަމަށް ދައްކަނީ ދަންވަރު ދެގަޑި ތިރީހުގައެވެ. ޝާނާގެ ފޯނު އޮތް އިމާރާތާއި ދިމާއަށް ދުވެފައި ދާތީ އަހަރެން ކަންބޮޑުވިއެވެ. އެގޮތަށް ދާނީ ކޮންމެވެސް މުހިންމު ޙާލަތެއް މެދުވެރިވެގެން ކަމަށް ޤަބޫލުކުރެވުނެވެ. އެހެނަސް އަހަރެންނަކަށް ވިސްނާ ވިސްނާ ވެސް އެކަމަށް މެދު ވެރިކުރުވާނެ ސަބަބެއް ވިސްނުމަކަށް ނުގެނެވުނެވެ. އެކަމަކުގައި އިން ވަގުތު ހޫދު އައެވެ. އެ ސޮރަށް ވެސް ޚަބަރު ލިބުނީ ކަމަށް ވެދާނެއެވެ. އަހަރެން ފޯނު ނެގީ ޚަބަރު ބަލާލުމަށެވެ.
ފޯނުގައިވާ ގަޑި ފެނުމުން އަހަރެން ސިއްސައިގެން ދިޔައެވެ. މެންދުރު އެކެއް ޖެހީ ވިއްޔާއެވެ. ނުރުހުން ވެލަމުން އަހަރެންގެ އަމިއްލަ ބޮލުގައި ޓަތްކެއް ޖަހާލަމުން ތެދުވީ ނަމާދު ކުރާށެވެ. ނަމާދު ކޮށްގެން އަނބުރައި ކުރިން ހުރި މަސައްކަތަށް ދިޔައީމެވެ. ޚަބަރުއަށި އެޕަށް ވަދެލުމުން ފުލުފުލުގައި އަރަން ފެށީ ޝާނާ ގެއްލުނު ޚަބަރެވެ. ގިނަ ސުރުޚީތައް ހުރީ ކުރިން ހިނގައިދިޔަ މީހުން ގެއްލުމުގެ ހާދިސާ އާއި ގުޅުވައިފައެވެ. އެކި ރަށްރަށުން އެކި ހިސާބުތަކުން އެކި ޢާއިލާއަށް ނިސްބަތްވާ ދެ ޖިންސުގެ ޒުވާނުން ގެއްލުނު ކަމަށް ވިޔަސް އެ ބައެއް ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާ އެއްގޮތެވެ. ހީވަނީ ފޫނެތްފަޔަކަށް ފެން އަޅާ ފުރާލުމަށް ގަދައަޅާ މަސައްކަތް ކުރާ ހެންނެވެ.
އަހަރެންނަށް ވެސް ޝާނާ އެކަހެރިވެގެން އެ އިމާރާތަށް ދިޔަ ގޮތަށް ބަޚަބަރު ވީ ސަބަބެއް ހޯދޭ ގޮތް ނުވުމުން ރުޅިގަދަވިއެވެ. ޝެހެނާޒު ވެސް އަދި ހުރީ ޝޮކުގައެވެ. ޢައޫޒު ކިޔާ ފުން ނޭވާއެއް ލަމުން އަހަރެން ހޫދަށް ގޮވާލީމެވެ. އޭނާ ހުރީ ޝެހެނާޒު ގާތުގައި ކަމަށް ވުމުން ގޮވިއަޑު ޝެހެނާޒުގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ. އަހަރެންގެ ގޮވުމަށް އިޖާބަ ދިނީ ހޫދު އެކަންޏެއް ނޫނެވެ. ޝެހެނާޒު އައުމުން އަހަރެން ހައިރާންވިއެވެ. މިހާރު އެހާ އަވަހަށް އައި ބަދަލަށް ހޭނުނީ ހެއްޔެވެ؟ އެކަމަކު އޭނާގެ ޙަޔާތަށް އެ ބިންދާލީ ބިޔަ ރާޅެކެވެ. އޭނާ އަށް އަސަރު ވެސް ކުރިކަން ހާމަކޮށްދެނީ އޭނާގެ ދުޅަވެ ރަތް އަރައިފައިވާ ރަތް ދެލޮލުންނެވެ.
އެމީހުންނަށް ވެސް އަހަރެން އެ ވީޑިއޯތައް ދައްކާލީމެވެ. ޝެހެނާޒު އެ ބަލައިފައި އެދުނީ އަދި އެއްފަހަރު އެ އިމާރާތުގެ ކައިރިއަށް ދާށެވެ. ކީއްކުރަން ތޯ އެހުމުން ވަކި ޖަވާބެއް ނުދިނެވެ. އިތުރަށް ސުވާލުކުރަން ނޫޅެ އަހަރެމެން އުޅެގަތީ އެތަނަށް ދާށެވެ. މަންމަ ގާތު ޓްރައިނިން މަސައްކަތެކޭ ބުނަމުން ދިޔައީމެވެ. އަވަސް ކުރަން ވެގެން ސްކައި ލިފްޓުންނެވެ.
އެހިސާބަށް ދެވުނު އިރު އިމާރާތުގެ މައި ދޮރު ބަންދުކޮށްލެވިފައި ވަނީ ފުލުހުން ގެންގުޅޭ ވަނުން މަނާ ރަތް ކުލައިގެ ޓޭޕުންނެވެ. ޝެހެނާޒު މާ ވަރަކަށް އަޅާލާކަށް ނޫޅުނެވެ. އޭނާ ހިނގަމުން ދިޔައީ އެހިސާބުގައި ހުރި ކެމެރާތައް ކައިރިއަށެވެ. އޭނާ އެ ހޯދަން އުޅެނީ ކޮން އެއްޗެއްތޯ ބެލުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. އައި މަގުމަތީގައި ވެސް އެހާ ވަރަށް ކިޔައިގެން ވެސް ނުބުނި ވިއްޔާއެވެ. އޭނާ އެކި ކެމެރާތައް ކައިރީގައި އެނބުރިފައި ދެން ދިޔައީ ފިހާރައަކާއި ދިމާއަށެވެ.
“ކޮން އެއްޗެއްތަ ތި ހޯދަނީ؟ ބުނީމައެއް ނޫންތަ އަހަރެމެންނަށް ވެސް ކަމެއް ކުރެވޭނީ.” އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކޮށްލީމެވެ. “މީތި މި ހޯދީ” އޭނާ ނެގީ ހަލާކުވެ މަސްހުނިވެފައިވާ ކެމެރާއެއްގެ ބައިތަކެވެ. ކިތަންމެ ޙާލެއްގައި އެ އޮތަސް އޭގައިވާ މެމޮރީ ކާޑު އޮތިއްޔާ ނިމުނީއެވެ. ނޭނގޭނެއެވެ. އެ ވަގު ސޮރުންތައް ދާނީ އެ ވެސް ހިފައިގެން ތޯއްޗެއެވެ. ކުޑަވެސް ކަމެއް ދުނުކޮށްލާ ފުރިހަމައަށް ނިންމާ ވިއްޔާއެވެ.
“ޔެސް” ޝެހެނާޒުގެ މޫނުމައްޗަށް ކުޑަ ވަރެއްގެ ހިނިތުންވުމެއް އެރުމުން އަހަރެން އޭނާގެ އަތަށް ބަލައިލީމެވެ. ނަސީބަކުން އޭގެ މެމޮރީ ކާޑު ސަލާމަތުން އޮތެވެ. އެ އަތަށް އެރުމުން އަހަރެމެން އުޅެގަތީ އަނބުރާ ގެއަށް ދާށެވެ. މި ރަތްދަކަ އަވީގައި ފިހެވޭކަށް އެކަކު ވެސް ބޭނުމެއް ނުވާނެ ވިއްޔާއެވެ. އެހާ ވެސް ހޫނު ގަދައެވެ. މިހާރު ވެސް ދާހިއްލައިފިއެވެ. ދެން ސްކައި ލިފްޓަށް އެރުމުން ފިނި ވެދާނެއެވެ.
ހުޅުމާލެއަކީ ވަރަށް ފުރިހަމައަށް ހެދިފައިވާ ރަށަކަށް ވުމުން ގިނަ ފަތުރުވެރިން މިތަނަށް ވެސް އާދެއެވެ. ހުޅުމާލޭގެ ‘ޓޮޕް ވިއު’ އެއް އެންމެ ރީއްޗަށް ލިބޭނީ ސްކައި ލިފްޓުންނެވެ. އެގޮތުން ފަތުރުވެރިންނަށް ޙާއްޞަކުރެވިފައި ވަކި ސްކައި ލިފްޓް ރޫޓެއް ހުންނާނެއެވެ. އޭގެ ހުރިހާ އެއްޗެއް ވެސް ދަތުރު ކުރާނީ ލަސްލަހުންނެވެ. އެމީހުން ބޭނުންވަނީ އެ ރީތިކަން ބަލައިލަން ވިއްޔާއެވެ. އެކަމަކު ވިޔަފާރިވެރި ފަތުރުވެރިން ދަތުރު ކުރާނީ އަވަސް ލިފްޓުންނެވެ. އެއީ އަހަރެމެން ވެސް އެއް ފިޔަވަހިން އަނެއް ފިޔަވައްސަށް ދިއުމަށް ބޭނުން ކުރާ އެއްޗެކެވެ. އޭގައި އެންމެ ހަތް މިނެޓް ތެރޭގައި ފުރަތަމަ ފިޔަވަހިން ފަސްވަނަ ފިޔަވައްސަށް ދެވޭނެއެވެ. ރާސްތާ ދިގު ވިޔަސް އެހާ އަވަސް ވާނެއެވެ.
އަހަރެެމެން ތިން މީހުންނަށް ގެއަށް އާދެވުމާއި އެކު އުޅެގަތީ ކޮޓަރިއަށް ދާށެވެ. އެހެނަސް ނެގި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ސިޓިންރޫމުގައި ހުރި ޓީވީއިން އިވެމުން ދިޔަ ޚަބަރެއްގެ ސަބަބުންނެވެ. އެ ޓީވީއާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. އިވުނު އެއްޗެއް އިވުނީ ހަމަ ރަނގަޅަށް ކަން އެނގުމުން އަހަރެންގެ ސިކުނޑި ފުރުނީ ސުވާލުތަކާއި ޝަކުވާތަކުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހާ އަވަހަށް……
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thnx Cutie! 💕
Maashaa Allah vrh Reeth I
Kon irakun next
part upload kureveynee?
Vrh curious
Thnx Anonymous. 💕
Next part this week IA.
Vrh reethi vaahaka eh maasha Allah
Continuously waiting for next part
You’re my fav author
Thnx No one 007. 💕