ދާނިޔާ ގައިގައި ލައްކޮށްލައިގެން ހުރި ސުޖާޢު ގާތު ތިބި އިތުރު ފަސްވަރަކަށް މީހުން ދާނިޔާ ހިފަހައްޓަން އުޅުނު ދެމީހުންނާ ޑްރައިވަރު ހުއްޓުވި އެވެ. ސުޖާޢުއަށް އެތަނުގައި ތިބި ދެމީހުން ފެނިފައި ހީވީ އޭނާގެ ދެފައި ބިމުގައި ތަތްލެވި ހެންނެވެ.
“ކަލޭމެންތަ؟؟؟” ދުވަހަކު މިހާ ބާރަށް ވާހަކަ ނުދައްކަވާ ސުޖާޢުގެ އަޑު ހޮނު ގުގުރިއެއްގެ ސިފައިގައި ބޭރުވި ވަގުތު ގާތުގައި ހުރި ކައިލްވެސް ދިޔައީ ތެޅިގަނެގެންނެވެ. ވާނުވާ ނޭނގިހުރެ ކައިލާއި، ސުޖާޢުގެ ފަސް މުއައްޒަފުންވެސް ތިބީ އެއްފަހަރު ސުޖާޢުއަށް، އަނެއް ފަހަރު ހިފަހައްޓައިގެން ތިބި މީހުންނަށް ބަލަބަލަ އެވެ. އެތާ ޕާޓޭންގެ ސިފައިގައި ތިބި ދެމީހުންނަކީ ހަމަ ގައިމުވެސް ސުޖާޢު ކުރިން ދެކެފައިވާ ދެމޫނެވެ. އެކަކަކީ ފުދޭވަރަކަށް ދޮން މީހެކެވެ. ބޮލުގެ އަރިމަތީ ދެފަރާތް ތުނިކޮށް ކޮށާލާފައިވާއިރު ބޮލުގެ މެދުގައިވަނީ ޖެލް ލައި އުފުލާލާފައެވެ. ލައިގެން ހުރީ އޮލިވް ކުލައިގެ ހުރަސް ރޮނގުދެމި ޓީޝާޓެކެވެ. އެއީ ހަމަ އެދުވަހު ސީގަލް ކެފޭ ތެރެއިންވެސް ފެނުނު ޓީޝާޓެވެ. ދެން ހުރި މީހާގެ ބޯހުރީ ދިގު ކޮށްފައެވެ. ބޮލުގެ މަތިން ފެށިގެން ތިރިއަށްވާގޮތަށް ހުރީ ގަދައިން މަޑުކުލައަށް އޮރެންޖުކުލައެއް ޖައްސާފައެވެ. އެއިސްތަށިގަނޑެއް ނޯޅޭނެކަން ހަމަ ގައިމެވެ. އެއީ އަލާރިކާއި ފްރާންޒް ކަން ސުޖާޢު އަށް މިހާރު ޔަޤީންވެ ކަށަވަރު ވެސް ވެއްޖެ އެވެ. އައިސްފައިހުރި ރުޅިން އަތުންފައިން ގޯހެއް ހެދިދާނެކަމަށްޓަކައި ސުޖާޢު ހުރީ ފަރުވާތެރިވެގެންނެވެ. މިއީ ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އޭނާ ބޭނުންވެލެއްލި ދެކުށްވެރިން އެތިބީ އޭނާ ކުރިމަތީގަ އެވެ. އަދި އެނިމުނީކީއެއް ނޫނެވެ. އެމީހުން އެތިބީ ހިފަހައްޓާފަވެސް މެއެވެ. ސުޖާޢު ބޭނުންފުޅުނަމަ ސިފައިންނާވެސް ގުޅިދާނެ އެވެ. ކައިލާއި، ދެންތިބި ފަސް މީހުންގެ ހެކިބަހާއިއެކު، އަންހެން ކުއްޖަކަށް ބިރުދައްކަން މަސައްކަތްކުރިއޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް އޭރުން އެކަށީގެންވާ އަދަބެއް އެމީހުންނަކަށް ނުލިބޭނެ އެވެ. ބޮޑުވަރަކަށްވެސް ވާނީ ގޭބަންދުކުރުމެވެ. ނޫނީ އެއްވެސް އަދަބެއް ނުލިބި، ކޯޓުގެ ހުކުމުން އެމީހުން ކޮންމެވެސް ގޮތަކުން ރެކިދާނެ އެވެ. ސުޖާޢު ބޭނުންވެލައްވަނީ އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ޝެރިން ކިޑްނެޕް ކުރި ހާދިޘާގައި، މިމީހުންގެ އަތެއް ވާކަން ޔަޤީންކުރާށެވެ. އަދި މިހާތަނަށް ސިފައިންގެ ޓީމުން އެހާދިޘާއާ ޝައްކު ކުރެވޭ މީހެއް ނުފެންނާތީ ސުޖާޢުވެސް ހުރީ ތަންކޮޅެއް ކަންބޮޑުވެފަ އެވެ. އޮޅުންބޮޅުން އިތުރުވީ، އެމީހުން ރާއްޖޭގައި ތިބިއިރުވެސް، އެމީހުންނަކީ ޝައްކުކުރެވޭ ބައެއްކަމަށް މީހުން ނުދެކޭތީ އެވެ. އެންމެ ފަހުން ސުޖާޢު އެދިލެއްވީ ވީކަމެއް ވެނިމުނީކަމަށް ހެދުމަށެވެ. އަދި އެކަން އެއީ ނުވާކަމަށް ހެދުމަށެވެ. ފުރުސަތެއް ލިބޭނެ ދަނޑިވަޅަކަށް އޭނާހުރީ ފެންބޮވައިގެންފަ އެވެ.
……………………………………………..
ނިދިފައި އިން މިކްޔާލަށް ހޭލެވުނީ އޭނާގެ އަރިމައްޗަށް ކުއްލި ތަދެއް އެރުމުންނެވެ. ޖަރުމަނުގައި ދިމާވި އެކްސިޑެންޓުގެ ފަހުން އެތަނުގައި އެހާވަރަށް އެރިއްސީ އެތަށް ދުވަހަކަށްފަހުގަ އެވެ. އެއީ ބިރުވެރިކަމުން ފުރިގެންވި ދުވަހެކެވެ. ކުރުގޮތަކަށް ބުނާނަމަ، މިކްޔާލްގެ ފުރާނަވެސް އެދުވަހު ނުދިޔައީ ކިރިޔާ އެވެ.
އާދައިގެ މަތިން ބަރލިންގައި ހުރި އޭނާ ހުންނަ އެޕާރޓްމަންޓަށް ދިޔުމަށްޓަކައި، ކޮލެޖުން ނިމިގެން އައީ ބައިސްކަލެއްގަ އެވެ. އެއީ ކޮލެޖުގެ ކޮންމެވެސް ކަމަކާ އޭނާ ވަރަށް ބޮޑަށް ރުޅިގަދަވެފައި ހުރި ދުވަހެއް ކަމުން ދުއްވަމުން ގެންދިޔައީވެސް މީހުން ގިނައިން ގޮސްނޫޅޭ ހިސާބަކުންނެވެ. ކުއްލިއަކަށް ސައިކަލެއްގައި އައި މީހަކު އޭނާގެ ކުރި ބައްދައިފި އެވެ. ލިބުނު ކުއްލި ޝޮކާއިއެކު ބެލެންސް ނުކުރެވިގެން މިކްޔާލް ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިއޮތް ޓްރަކެއްގެ ކަނުގައެވެ. ގޮސް ޖެހުނުލެއް ބާރުކަމުންނާއި، ވީތަދެއްގެ ބޮޑުކަމުން މިކްޔާލަށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
“ސަލާމަތް ބޭނުމިއްޔާ އަހަރެމެންނާއެކު އާދޭ!” އެތަނުން އެކަކު އެއްވެސް ރަޙުމެއްނެތް އަޑަކުން ހަޅޭއްލަވާގަތެވެ. ވާހަކަ ދައްކަނީ ޖަރުމަން ބަހުންނެވެ. އެމީހުންތިބީ ކޮން ބައެއްކަން ނޭނގޭގޮތަށް ނިވާވެފަ އެވެ. އަރިމަތީގައި އަޅަމުންދާ ވޭނަށް ކެތްކުރަމުން މިކްޔާލް ތެދުވަން މަސައްކަތްކުރި އެވެ.
“ތީ ކޮންބައެއް؟ އަހަރެން ހައްޔަރު ކުރުމުގެ ބޭނުމަކީ ކޮބާ؟؟” ދެދަތްޕިލަ އަށާއި، އަޑަށް ބާރުލަމުން މިކްޔާލް އެހިއެވެ.
“އަމިއްލަ އާއިލާ ދޫކޮށް އެހެން ބައެއް ކައިރީގަ އުޅެވޭކަމެއް ނޭނގެދޯ…!” އެތަނުގައިހުރި އެހެންމީހަކު މިކްޔާލް ގާތަށް އަންނަމުން ބުނަމުންގެންދިޔަ އެވެ. މިކްޔާލަށް އެބުނި އެއްޗެއް އެއްވެސް ވަރަކަށް ނޭނގުނެވެ. އެބުނި ގޮތުންނެވެ. އޭނާ އެހުރީވެސް އާއިލާއާ ދުރުގައި ކިޔަވާށެވެ. ނަމަވެސް އެހެން ބައެއްގެ ކައިރީގައޭ ބުނުމުން އޮޅުންބޮޅުން އިތުރުވީ އެވެ. ސަބަބަކީ އޭނާއާއިއެކު އެޕާޓްމަންޓްގެ ބައި ހިއްސާ ކުރާ އެހެން މީހެއް ނުހުންނާތީ އެވެ. އެހެންކަމުން އެހެން ބައެއް ކައިރީގަ އުޅެނީއެކޭ ނުބުނެވޭނެ އެއްނޫންހެއްޔެވެ؟
“ރާއްޖޭގަ އުޅެވޭތީ ހީވަނީ ދޯ އަހަރެމެންނަކަށް ނޭނގޭނެޔޭ… އަހަރެމެން މިދަނީ ކަލޭމެންގެ ބޯކޮޅު ބަލަމުން. އެހެންވެ އެނގެނީ.” ކުރިންވެސް ވާހަކަދެއްކި މީހާ ބުންޏެވެ.
“ކަލޭމެން ތިދައްކާ ވާހަކައެއް ހަމަ ޖެހޭތަ؟؟” ބަނޑުގެ އަރިމަތީ އަތްއަޅައިގެން ހުރެ އަނެއްއަތުން ބައިސްކަލުގެ މަޑީގައި އަތްވިއްދާފައި މިކްޔާލް ކޮޅަށް ތެދުވަމުން ބުންޏެވެ.
“ނުވިސްނޭނެ… އެއްގޮތަކަށްވެސް ނުވިސްނޭނެ!” މަލާމާތުގެ ހިނިގަނޑަކާއެކު އެކަކު ބުންޏެވެ.
ޝިކާރަވެރިންތަކެއް ފަދައިން އެމީހުން ކައިރިވަމުން އަންނާތީ މިކްޔާލަށް އެތަނުން ފިލުމަށް މަޖުބޫރުވި އެވެ. ބައިސްލަކަށް އެރުމާއިއެކު ބުރަކައްޓަށާއި އަރިމައްޗަށް އެރި ގަދަފަދަ ތަދެއްގެ ބޮޑުކަމުން ‘އާހް!’ އޭބުނެވުމަށްފަހު އަނެއްކާވެސް މިކްޔާލް ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އެތަނުން ދެމީހުން އައިސް އޭނާގެ ދެއަތުގައި ހިފައި ނަގަން އުޅުމުން މިކްޔާލް އޭނާގެ ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތަކާއެކު ދެމީހުންވެސް ދެދިމާއަށް ވިއްސާލި އެވެ. އެކަކުގޮސް ޖެހުނީ މަގުގެ އެއްފަރާތުގައިވާ ގަސްތަކުގެ ތެރެއަށެވެ. ކޮލެޖުން ފުދޭވަރަކަށް މާޝަލް އާޓްސް ދަސްވެފައި ހުރުމުން މިކްޔާލް އޭނާގެ ހުނަރުގެ ބޭނުން ހިފާލި އެވެ. ބައިސްކަލަށް އަރާ، ކުރިމަތީ ތިބި ދެމީހުންނާ ދިމާއަށް ދުއްވަމުން، އަރާ ހަމަވުމުގެ ކުރިން ބައިސްކަލުން ފުންމާލުމުން ބައިސްކަލު ގޮސް ދެމީހުންގެ ގައިގައި ޖެހުނެވެ. އެވަގުތު ދެންތިބި ދެތިން މީހުން މިކްޔާލާ ދިމާކުރަން މިސްރާބުޖަހަން ފެށުމުން ވިދުވަރެއް ފަދައިން މިކްޔާލް ބައިސްކަލަށް އަރާ ދުއްވާލި އެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ބައިސްކަލުގެ ފިޔަވަޅުގަނޑު އަނބުރަމުން ދިޔައިރު ފަހަތުން އެމީހުންވެސް އަޅުވާލައިފި އެވެ. އެމީހުން އަންނަނީ ސައިކަލުގައި ކަމުން މިކްޔާލާ އަރާހަމަކުރުމަށް އެހާ ގިނައިރެއް ނުނަގާނެކަން އޭނާއަށް ޔަޤީން ވި އެވެ. އަދި އޭނާގެ ބަނޑުގެ އަރިމައްޗަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާއަކަށް އެހާ ގިނައިރު ވަންދެނެއް ނުވެސް ދުއްވޭނެ އެވެ. މިކްޔާލް ދެން ނިންމީ ބުއްދީގެ ބޭނުން ހިފާށެވެ. ބައިސްކަލަކާ ބައިސްކަލެއް ދޫކޮށްލުމަށްފަހު، މަގުގެ އެއްފަރާތުގައި ވާ ގަސްބޯ ޖަންގައްޔާ ދިމާއަށް ދުއްވައިގަތެވެ.
މިކްޔާލް ޚިޔާރުކުރީ ވީހާވެސް ދަތި ދޭތެރެ އެވެ. މާނޭވާލަމުން، އެއްއަތުން ބަނޑުގެ އަރިމަތީ ހިފަހައްޓައިގެން ހުރެ ގުދުވަމުން ކަހަލަ ގޮތަކަށް ކުރިއަށް ދިޔައީ ސަލާމަތްވުމުގެ އެއްވެސް އުންމީދެއް ނެތި އެވެ.
ވަރަށް ދުރަށް ދެވުނުފަހުން އެމީހުން ގެއްލިއްޖެ އެވެ. އެވަގުތު ދެންފެނުނީ އޭނާ ހުރި ދިމާ ކުރިމަތީ ހުރި ގަސްގަނޑުގެ ތެރެއިން ހައެއްކަ މީހުން ނިކުތްތަނެވެ. ދެންވީގޮތެއް ނޭނގުނެވެ. ފަހުން ހޭއެރިއިރު އޮވެވުނީ ހޮސްޕިޓަލުގަ އެވެ. ގާތުގައި ތިބީ ކޮލެޖުގެ އެކުވެރިންނެވެ. މިކްޔާލްގެ އެދުމާއިއެކު އެހާދިޘާ އޭނާގެ އާއިލާއާ ހަމައަށް ފޯރާގޮތެއް ނުވި އެވެ.
………………………
“ދޮނާ! ކީއްވެ އެކަނި އަންނަން އުޅުނީ؟ އެކަނި އަންނަން ނޫޅެއްޗޭ އިނގޭ… މިއަދު ބައްޕަގެ ރައްޓެއްސަކަށް ދޮނާ ޓެކްސީއަށް އަރަނިކޮށް ނުފެނުނުނަމަ މިއަދު ދޮނާ ނުވެސް ފެނުނީސް!” ގެއަށް ވަންނަމުން ދާނިޔާގާތު ކައިލް ބުންޏެވެ. ބަދަލުގައި ދާނިޔާ އިސްޖަހާލީ އެވެ. އެވަރުގެ ބިރުވެރިކަމެއް އޭނާގެ ހަޔާތުގައިވެސް ދިމާވި މީ ފުރަތަމަ ފަހަރެވެ.
ނީމާއި ދާނިޔާ، ދިޔާނާ ގާތުގައި ވަރަށް ގިނައިރު ވަންދެން ތިބުމަށްފަހު، ރޭގަނޑު އެގާރަ ޖެހުމުން ނީމްވެސް އޭނާގެ ގެއަށްދިޔައީ އެވެ. އޭރު ދާނިޔާވެސް ކުޑަކޮށް ހަމަޖެހިއްޖެ އެވެ. އެހެންކަމުން އޭނާވެސް ކޮޓަރިއާ ދިމާއަށް ދިޔައީ ތާއްޔާޖެހެމުން ކަހަލަ ގޮތަކަށެވެ.
ކުޑަކޮށް ގައިދޮވެލައިގެން އައިސް އެނދުގައި އޮތްތަނާ ފޯނުމަތިން ހަނދާންވި އެވެ. އެވަގުތު އަނެއްކާވެސް މޫޑު ގޯސްވި އެވެ. ނިދުމުގެ ކުރިން ރަޔާނަށް ގުޑް ނައިޓް މެސެޖެއް ފޮނުވުމަކީ އޭނާ އަބަދުވެސް ކުރާ ކަމެކެވެ. ނަމަވެސް މިރޭ ކުއްލިއަކަށް މާބޮޑަށް ރަޔާން މަތިން ހަނދާންވާތީ ލެޕްޓޮޕް ނަގާ ވައިބާ އިން ރަޔާނަށް މެސެޖު ފޮނުވާލި އެވެ. އެއަށްފަހު އެނދުގައި އޮށޯވެ ހަމަޖެހިލި އެވެ. ގިނައިރުތަކެއް ނުވެ އެސްފިޔަތަށް ބަރުވާން ފަށައިފި އެވެ. އެއާއިއެކު އަރާމު ނިންޖަކަށް ގެނބިގެން ގޮސްފި އެވެ.
“ދޮންތާ…! ދޮންތާ!! ހޭލަބަލަ!! ދޮންތާ!!” ވަރަށް ދުރުދުރުން މީހަކު ދާނިޔާއަށް ގޮވާހެން ހީވެ އެވެ. ދާނިޔާ ވަށައިގެން ބަލާލި އިރު ކޮޓަރީގެ ފެންލައިޓުން ދުން އަރާތަން ފެނެ އެވެ. އެވަގުތު ލިބުނު ޝޮކާއިއެކު އޭނާގެ ދެލޯވެސް މުދުނަށް އަރައިފި އެވެ. އަޑުއަންނަނީ ޖެހިގެން ހުރި ކޮޓަރިންނެވެ. އެއީ ޝެރިންގެ ކޮޓަރި އެވެ. އެކޮޓަރީގައި ޝެރިން އުޅެންވީ ކީއްވެ ހެއްޔެވެ؟ ޝެރިން ވީ ގެއްލިފަ އެވެ. އެކަމަކު އެއީ ހަމަ ޝެރިންގެ އަޑެވެ.
ދާނިޔާ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރުން ހިތްވެސް އަނގައިން ނިކުންނާނޭނަމަ ފުންމައިގެން ނިކުތީހެވެ. އެހާވެސް ބޮޑު ޝޮކެއް ލިބުނެވެ. މުޅި ގޭގައި ވަނީ އަލިފާން ރޯވެފަ އެވެ. މީހެއްގެ އަޑަކަށް އިވެނީ ހަމައެކަނި ޝެރިންގެ އަޑެވެ. ކައިލްމެން އެހެން މީހެއްގެ ޚަބަރެއްވެސް ނުވެ އެވެ.
ބިރުންގޮސް ރޮވިފައި ހުރި ދާނިޔާ ދުވެފައިގޮސް ޝެރިންގެ ކޮޓަރީ ދޮރުގައި ހިފާގަތެވެ. އޭރު ހޯލުގެ އެކި ތަންތަނަށް އަލިފާންގަނޑު އަންނަނީ ފެތުރެމުންނެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން އިތުރަށް ހާސްވެ ތެޅިފޮޅިގަތީ ޝެރިން ކޮޓަރީގައި ހުރިތޯ ޔަޤީން ކުރުމަށެވެ. އަޑަށް ލެވުނުހާ ބާރެއްލާފައި ޝެރިނަށް ގޮވަންފެށިއެވެ. ހަމައެއާއިއެކު އެތެރެއިންވެސް އަޑުއައެވެ. ޝެރިންގެ އަޑުއައި ގޮތުން އޭނާ ހުރީ ނުހަނު ބިރުގެންފައިކަން ހާމަވެ އެވެ. އެކުޑަކުޑަ ކުއްޖާއަށް ވަނީ ރޮވިފަ އެވެ. އަޑުވެސް ވަނީ ކުރެހިފަ އެވެ.
ހާސްވެގެން ގޮސް ދާނިޔާގެ ހޭބުއްދިވެސް ހުރީ ހަމަ ކިރިޔާ އެވެ. އެހެން ހުއްޓާ ދެން ފެނުނީ އަލިފާންގަނޑު އެހިސާބަށް އެއްކޮށް ފެތުރިގަތް ތަނެވެ. ތެޅިގަނެފައި ދާނިޔާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
ހޭލެވުނުއިރު މުޅިމީހާވަނީ ދާހިއްލާ ފޯވެފަ އެވެ. މަތިނޭވާލެވެމުން ދިޔައިރު ދާނިޔާއަށް ދެންމެ ފެނުނު ހުވަފެނާއިމެދު ވިސްނެން ފެށުނެވެ. އަނެއްކާ ޝެރިންވީ ކޮންތާކުބާ އެވެ؟ އެކުއްޖާ ފަކީރުގެ ޙާލަކީ ކޮބާބާވަ އެވެ؟ ދިރި ދުނިޔޭގައި އެބަ ހުރިކަމެއް، ނޫނީ ނުބައި މީހުންތަކެއްގެ ޝިކާރައަކަށް ވީކަމެއް އެއްވެސް ގޮތަކަށް ނޭނގެ އެވެ. ނަމަވެސް ދެންމެ އެފެނުނު ހުވަފެނަކީ ހަމަގައިމުވެސް ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ސިގްނަލެއްކަން ދާނިޔާއަށް ވިސްނެން ފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




v reethi…
So interesting…..faxoo. dhen kon irakun aneh bai???
V v v reethi. Next part thankolheh dhigu kohlaafa avahah genedhechchey. Thnx 4 bringing such a nice story…:-)
this story is sssssooo boring…
mi isha hunnaany hurihaa story akah ves negative ccomment dhyfa ?
Faxu mi part ves varah reethi ingey…when is the next part…hope i can read it soon
next part hopefully day after tomorrow 🙂
ގާތުގައި ހުރި ކައިލްވެސް ދިޔައީ ތެޅިގަނެގެންނެވެ. hahaha ryn ah ethan image khleveny serious kh.. ethan dhn abadhu kiya kiyaafa mi heny. kury prt ga vx ethah kiyaafa heveny.. lolx. anyways mi prt vrh habeys.. waiting fr day aftr tmrw.. 🙂 🙂 😀 😉 gd lck…
hhehehe seriously?
next part day aftr tmmrw in sha Allah 🙂 thanx Ryyn for reading PLUS commenting
Vv nice mi story .
v reethi maadhan kiyaanan next part………………….insha allah
❤️ ? ? ? the story
LOL
? ? ?
? fly like the birds in the sky
?
haha thanx Baibu ? dhen udhuhenikoh nuvettecchey ? ?? thanx for commenting little sis ?
pls reply soon
V reethi .. Eagerly waiting for next part.. ?
Faxoo varah reethi egey waiting for nxt part
Thank you Kidy ?
faxoo v v v v reethi…………i know that u will not reply because u don’t know who am i? but iam always very close u…Hope u will know faxooo<3
now i know you, Dark Princess ☺ sorry i couldnt notice your comment. really… ? i know how much You like reading stories… you really inspires me. ?