ދުއްވާފައި ދިޔަ ލޯންޗެއްގެ ސަބަބުން ލޯންޗުގައި އައިސް ބީހެމުން ދިޔަ ރާޅުތައް އިތުރަށް ގަދަވެގެން ދިޔުމާއިއެކު އަހަރެންނަށް ވަގުތުން އެދިމާލަށް ބަލާލެވުނެވެ. އަދި އަނެއްކާވެސް އަނެއް ފަރާތަށް ބަލާލި ވަގުތު ކުރެހުމަކަށްވުރެ އެތައް ތަނެއް ފުރިހަމަ އިރުއޮއްސި ރަތްވިލާލައިފައިވާ މަންޒަރުގެ ދަށުން އަހަރެންގެ މިސްރާބު އޮތީ ފެންނާށެވެ. މިއީ އަހަރެން ރާއްޖޭތެރޭ ރަށަކަށް ވަޒީފާ އަދާކުރަން އައި ފުރަތަމަ ފަހަރެވެ. ބޭރުން ކިޔަވައިގެން އައިސް މާލޭގެ ކުލިނިކެއްގައި ސައިކޮލޮޖިސްޓްއަކަށް މަސައްކަތްކުރަމުން ދަނިކޮށް ކުލިނިކްގައި އަލިފާން ރޯވެގެން ކުލިނިކް އުވާލަން ޖެހުމުން އަހަރެންގެ އެވަޒީފާ ގެއްލުނީއެވެ. އަދި އަހަރެން ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް ރައްޓެއްސެއްގެ އެހީގައި ހދ.ހަނިމާދޫ އިން ވަޒީފާއެއް ހަމަޖެހިގެން އެރަށަށް ދާން މަޖުބޫރުވީއެވެ. ރާއްޖެތެރޭގައި އުޅުމަކީ އަހަރެން ވަރަށް ފޫހިވާކަމެކެވެ. ސަބަބަކީ ބޭނުންވާ ރަނގަޅު ވަސީލަތްތައް ލިބެން ނެތީމައެވެ. އަދި ކުޑައިރުއްސުރެ މާލޭގެ ރައްޔިތަކަށްވެ މަންމަމެން އަބަދުވެސް ރާއްޖެތެރޭ މީހުންގެ ނުބައި ވާހަކަ ދައްކާ އަޑު އިވޭތީއެވެ. އެހެންވެ މިއިން ދުވަހަކުވެސް ވަޒީފާ އަދާކުރަން ކީއްކުރަން އެހެން ކަމަކު ވެސް ރާއްޖެތެރޭގެ ރަށަކަށް އައިސް ނަހަދަމެވެ.
” ޑޮކްޓަރ. މިއޮތް އަތުވީ މިރަށް… ފައިބަން އުޅެމާ… ” ލޯންޗުގެ ކައްޕީގެ އަޑުން އަހަރެންނަށް ހިޔާލުތަކުން ބޭރުވާން ޖެހުނެވެ. ފަޅުވެރިޔެއްގެ އެހީގައި އެރަށުގެ ބަނދަރުމަތީގެ ވާޓަރު މައްޗަށް ފޭބި އިރު އެރަށުގެ ކައުންސިލަރ އަހަރެންނަށް މަރުޙަބާ ކިޔުމަށް އައިސް ހުއްޓެވެ.
” ވެލްކަމް ޓު ހދ.ހަނިމާދޫ ޑޮކްޓަރ ނަވީން… ” ކައުންސިލަރ މުހުސިން އަހަރެންނާ ސަލާމްކޮއްލިއެވެ.
” ޝުކުރިއްޔާ… ” އަހަރެން ގަދަކަމުން ހިނިތުންވެލަމުން ކައުންސިލް އިދާރައިގައި އިސްކޮށް އުޅޭ ދެ މީހުންނާއި ހޮސްޕިޓަލުގައި އިސްކޮށް އުޅޭ ދެފަރާތުން ވެސް އައިސް ތިބުމުން އެެމީހުންނާ ވެސް ސަލާމްކޮއްލީމެވެ.
” މިރަށަށް އަދި އަލަށް ގެނެވުނު ސައިކޮލޮޖިސްޓް ޑޮކްޓަރ ތިއީ. ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަކަށްފަހު މިކަން ވެސް މިހާސިލްވީ. މިކޮޅުން އަވަހަށް ޖާގަ ނުލިބިގެން އަޅުގަނޑުމެން ކުޅުދުއްފުށީ މަގުން ދަތުރު ހަމަޖައްސަން ޖެހުނީ. ކޮބާ ދަތުރު ކިހިނެތްތޯ؟ ” ލޯންޗުގެ ފަޅުވެރިޔަކު އަހަރެންގެ ލަގެޖު ބޭލުމުން އޭގައި ހިފަމުން މުހުސިން ސުވާލުކޮއްލިއެވެ.
” ކަނޑުގަދަ ނޫންވީމައި އަނެއްހެން ހަމަ ރަނގަޅު.. ޕުލައިޓް ޑިލޭވީމައި މައްސަލައަކީ.. ދެން ފޯމަލްކޮށް ވާހަކަ ނުދައްކާ ނޯމަލްކޮށް ވާހަކަ ދެއްކިއްޔާ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭނެ.. ” އަހަރެން މުހުސިނަށް ނިއްއަރުވާލާއި ހިނިތުންވެލަމުން ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލީމެވެ. ހިތްގައިމުހެން ހީވާ މިރަށަށް އަހަރެން ލޯބިޖެހިދާނެޔެކޭ އެއްގޮތަކަށްވެސް ހިތެއް ނުބުނެއެވެ.
” ވާހަކަ ގިނަ ކުރެވޭނީ ދެން މިތާ ތިއްބާ.. ބަންގި ގޮވަން އެއުޅެނީ.. އަވަހަށް ހިނގާ އަޅުގަނޑާއިއެކު… މިހިސާބު ދާދި ކައިރީގައި އެގެ އިންނާނީ.. ” މުހުސިންގެ ފަސްފަހަތުން އަހަރެން ހިނގަމުން ދިޔަ އިރު އެކި ދިމަ ދިމާއަށް އަހަރެންނަށް ބެލެމުން ދިޔައެވެ. މިރަށަކީ މިހާރުވެސް ފުދޭ ވަރަކަށް ރޭގަނޑަށް ހާއްސަވެގެން ނާމާން ރަށަކޭ ބުނި އަޑު އަހަރެންގެ ރައްޓެއްސެއް ފަރާތުން ވަރަށް ފަހުން އެހީމެވެ. އެހެންވުމާއެކު ހިތުގައި ބިރުވެރިކަން ވެސް އުތުރިއަރަމުން ދިޔަކަން އަހަރެންނަށް އިހުސާސް މިވީ އަދި ކިރިޔާއެވެ. ހާއްސަކޮށް އެބުނާ ގެޔެއްގައި އަހަރެން އެކަނި ހުންނަން ޖެހޭނެތީއެވެ.
އަހަރެން ހުންނަން ހަމަޖެހިފައިވާ ގެ ކަމަށްވާ ‘ރިވާ ލޭކް’ ހުންނަނީ މީހުން މޫދަށް އެރޭ ހިސާބާއި ދާދި ވަރަށް ކައިރީގައިގައެވެ. މޫދާ ދާދި ގާތުގައި ދެ ހޮޅުވައްޓާއި ޖޯލިފަތިތައް ވެސް ބަހައްޓާފައިވެއެވެ. ފަޅުގެތައް ފުދޭވަރަކަށް ވަށައިގެން އެގެޔާއި ކައިރީގައި ހުރި ކަމުގައި ވިޔަސް އެގެޔާއި ކައިރީގައި މޫދު ހުރުމުން އަހަރެންނަށް ވަރަށް ރަނގަޅެވެ. ހެނދުނު ވަގުތު ފަތާލައި ނޫނީ ހިތްހަމަ ޖައްސާލަން މިދިމާލަށް ނިކުމެވެންޏާ އަހަރެން ކޮންމެވެސް ވަރަކަށް މިރަށާ ދޭތެރޭ ހިތްހަމަޖެހޭނެއެވެ. އަދި ހަވީރުގެ ފިންޏަށް ނިކުމެލަން ބޭނުންވަންޏާ ވެސް މިއީ ހިތްފަސޭހަ ހިސާބެކެވެ.
” މިއީ އަހަރެންގެ ދުރުތާ ތިމާގެ މީހެއްގެ ފިރިމީހާގެ ގޭ. މިގޭގެ އެއްވެސް ވާރިސެއް ނެތީމައި އަޅުގަނޑުގެ ބެލުމުގެ ދަށުގައި މިގެ ހުންނާނީ. މިގޭގައި އަނެއްހެން ގިނަ ދުވަހު ބަޔަކު ނޫޅޭތާ ވެދާނެ ގާތްގަނޑަކަށް ފަސްދޮޅަސް ދެވަރަކަށް އަހަރު. އަނެއްކާ އެހެން ބުނީމައި ކަންބޮޑު ނުވައްޗޭ. މިގެ މިއީ މިހާރުވެސް ޑެއިލީ ރެންޓަށް ކުއްޔަށް ދޫކުރަމުން ދާ ގެޔެއް. ވަރަށް ފަހުން ގޭ މަރާމާތުވެސް ކޮއްލާފައި ހުންނާނީ. ” މުހުސިން އަހަރެން ގޮވައިގެން ގޭގެ ދޮރާށިން އެތެރެޔަށް ވަންނަމުން ކިޔައިދިނެވެ.
ގޭގެ ގޯތިތެރެ ފުދޭވަރަކަށް ބޮޑުވެފައި ތަނަވަހެވެ. މެދުގޯތީގެ ދެފަރާތުގައި ރުށްތައް ހުރި އިރު ދެތިން މޭވާ ގަސްވެސް ރުށްތައް ކައިރީގައި ހުއްޓެވެ. ކަނާތް ފަރާތު ރުށްތައް ކައިރީގައި ބޭރު ޤައުމުތަކުން ފެންނަ ކަހަލަ ރީތިކޮށްލާފައިވާ ބޮޑު ފެންގަނޑެއް ފެންނަން އޮތެވެ. ގޯތިތެރޭގެ މެދު ހުސްކޮށް އޮވެފައި ގެ ހަދައިފައިވަނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އަދި ގެއާއި ދާދި ދުރުނޫން ހިސާބެއްގައި ކުރީ ޒަމާނުގެ ގޮތައް ފަނުން ހަދާފައިވާ ތަނެއް ހުރުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ.
” މިއީ އެންމެ ކުރިން ހުރި ގިފިލި. ވަޅު ހުރީމައި އާއިއެކު ބޭރު ފަތުރުވެރިން މިގެޔަށް ކުއްޔަށް އަންނާނީ ގިފިލި ހުރި ގޮތަށް ހުންނާނީ. ދެން ހުންނާނެ ބޮޑެތި ރުނބާތަކާއި އިހު ޒަމާނުގެ ސާމާނުތައް ވެސް. އެބައިތައް ވެސް ހަލާކު ނުވާނެހެން ގިނަ ދުވަހު ބަހައްޓާފައި އެހުރީ ކުރިން ވެސް ބުނިހެން ފަތުރުވެރިން އަންނާތީ. ” މުހުސިން ގޭގެ ދޮރު ހުޅުވާލަމުން އަހަރެންގެ ލަގެޖު ސިޓިންރޫމު ދޮރުމަތީގައި ބަހައްޓާދިނެވެ.
” ދެކޮޓަރިއާއި ކޮންމެ ކޮޓަރިއެއްގައި ފާހަނަޔާ ލިވިން އެންޑް ކިޗަން އަދި ޑައިނިން ރޫމް ވެސް ހުންނާނެ. ބޭނުމިއްޔާ ހަމަ ބޭނުން އެއްޗެއް ހަދާލައިގެން ކާން ވެސް ފަސޭހަ ގޮތަށް ހުންނާނީ. ދެން މިގެޔަށް ހުންނާނެ ދުވާލު ގަޑީގައި ގެޔަށް އައިސް ކަންނާނެ އަންހެނަކު ހަމަޖައްސާފައި. ހައްވައިދީ ވަރަށް ރަނގަޅުވާނެ. މިގެޔާއި ޖެހިގެން އެކޮޅަށް އެއިނީ ހައްވައިދީ އުޅޭގެ. ހަމަ ކޮންމެ ކަމެއް ބޭނުން ވިޔަސް އެދައްތައަށް ގޮވާލާ އިނގޭ… އާން އަދި މިރޭގެ ކެއުމަށް ދުރުވަންވާނީ އަޅުގަނޑުގެ ގެޔަށް. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުވެސް. އަޅުގަނޑު އިޝާ ނަމާދު ފަހުން ނަވީން ބަލައި އަންނާނަން. މިމަގުން ގޮސް އުތުރަށް އިންނާނެ މިރަށުގެ މިހިސާބުގައި އިންނަ މިސްކިތް. އަޅުގަނޑު ދެން ގޮސްލީ… ” މުހުސިން އަހަރެންގެ ކޮނޑުގައި ޖަހާލަމުން އޭނަގެ މިސްރާބަށް ހިނގައިގަތެވެ. އޭރު އެބުނާ މިސްކިތުން ބަންގި ގޮވަން ފަށައިފިއެެވެ.
އަހަރެންނަށް އެންމެ ފުރަތަމަ ވެސް ކުރަން އެނގުނު ކަމަކީ ގެޔަށްވަދެ ހުރިހާ ބޮތްކެއް ދިއްލާ ދޮރުތައް ލައްޕާ ތަޅުލުމެވެ. އެކުވެރި ސުޖާއު މިރަށާ ބެހޭ ގޮތުން ކިޔައިދިން ވާހަކަތަކުން އަދިވެސް އަހަރެންގެ ގައިން ހީބިހި ނަގައިގެންދެއެވެ. ކޮންމެވެސް މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ތުއްތު ކުއްޖެއް ގެއްލުނު ގޮތުގެ ވާހަކަޔާ މޫދުން އެރި އެއްޗެއް ރަށުގެ އެއްކޮޅުން އަރައިގެން އަނެއް ކޮޅުން ފައިބައިގެން ދިޔަތަން މީހަކަށް ފެނުނު ވާހަކާޔާއި އަދިވެސް އެކަހަލަ އިތުރު ވާހަކަތަކެވެ.
އަހަރެން އެއްކޮޓަރީގެ ފާޙާނައަށްވަދެ އަވަހަށް ތާޒާވެލުމަށް ފާހާނަޔަށް ވަތް އިރު ވެސް ބެލެނީ ފާޙަނައިގެ ފެންލައިޓާ ދިމާއަށެވެ. އަދި އަވަސް އަވަހަށް ފެންވަރައިގެން ނިކުމެ އަހަރެން އެނދުގައި އޮށޯވެ މަންމަމެންނަށް ގުޅާ އާދެވުނު ވާހަކަ އަންގާލާފައި ފޯނުން މަޖާ ފިލްމެއް ބަލަން ފެށީ ބިރުވެރި ހިޔާލުތަކުން މީހާ ބޭރުވާށެވެ. ކުޑައިރުއްސުރެ ދީނާ އަހުލުވެރިނުވުމުން ޤަވައިދުން ނަމާދުކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫކަމެވެ.
ނުނިމޭ
ޢައްސަލާމްއަލައިކުމް. މިއީ އަޅުގަނޑު މިސައިޓްގައި ލިޔާ ފުރަތަމަ ވާހަކައެވެ. އުއްމީދުކުރަނީ ކިޔުންތެރިން މިވާހަކަ ޝައުގުވެރިކަމާއިއެކު ކިޔާލާނެ ކަމަށެވެ. އަދި ކިޔުންތެރިންގެ ހިޔާލުތައް ވެސް މިވާހަކައާއި ބެހޭގޮތުން ހުށައަޅާނެ ކަމަށް އުއްމީދުކުރަމެވެ.
ޝުކުރިއްޔާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Woooaaaaa amazinggg