އިހުސާސްތަކޭމީ 3
ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަސް ނަމަވެސް މައުވާ ސްކޫލަށް ދާން ޖެހުނެވެ.އޭނާއަކީ ރަށު ސްކޫލް ގްރޭޑް އެގާރައިގައި ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.އެހެންކަމުން ބައެއް ހަފްތާ ބަންދުތަކުގައި ވެސް އެކްސްޓްރާ ކްލާސްތަކަށް ދިއުމަށްޓަކައި ސްކޫލަށް ހާޒިރުވާންޖެހެއެވެ.
ހެނދުނު 9 އަކުން ފެށިގެން މެންދުރު 12 ޖަހަންދެން އެކްސްޓްރާ ގަޑިތައް ކުރިޔަށް ދިޔައިރު މައުވާ ކްލާހުގައި އިންއިރު އިނީ ފޫހިވެގެން ހަލާކުވާވަރުވެފައެވެ.މުދައްރިސު ބޯޑު ކުރިމަތީ ހުރެ ކިޔައިދެމުންދާ އެއްޗެއް އޭނާގެ ސިކުނޑިޔަށް ވަންނަހެނެއް ހިޔެއް ނުވެއެވެ.ކޮންމެއަކަސް ގަޑިތައް ނިމުމުން މައުވާ ގެޔަށް އައިސް އެއްޗެހި ބަދަލު ކޮށްގެން ބޭރަށް ނުކުތްތަނާ ލިބުނީ ލިޝްކާގެ މެސެޖެކެވެ.މިއަދު ހަވީރު ބޭރަށް ދެވޭނެތޯ އަހާފައި އޮތްތަން ފެނުމުން މައުވާ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އޯކޭ ޖަހައި ފޮނުވާލިއެވެ.
3 ޖެހިއިރު މެންދުރު ކެއުމަށްފަހު މައުވާ ތައްޔާރުވަމުން ދިޔައީ ލިޝްކާއާއި ބައްދަލުކުރަން ދިއުމަށެވެ.ގަދަނޫކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ފަޔަށް ހިފާލާފައި ހުރި ޖީންސެއް ލައި ނަމާދުކުރަން ބޭނުންކުރާ ހަށިގަނޑު ނިވާވާވަރުގެ ގަޔަށްދޫ އަބާޔާ ލުމަށްފަހު މައުވާ އަސްރު ނަމާދުކުރިއެވެ.ނަމާދުކޮށް ނިމިގެން ޒިކުރުތައް ކިޔުމަށްފަހު ބޯ ކަޅު ޝޯލްއަކުން ނިވާކޮށްލަަމުން ފޯނާއި އޭނާގެ ހިތުގެ އެއްފަޅި ކަމުގައިވާ އެއަރޕޮޑްސް ނަގައިގެން ކޮޓަރީގެ ލައިޓްތައް ނިއްވާލުމަށްފަހު ބޭރަށް ނުކުތެވެ.
އެވަގުތު ސިޓިންރޫމު ސޯފާގައި ޝާހިދާ ގަާތުގައި ތިބި މެދުއުމުރުގެ ދެ އަންހެނުން ފެނި އޭނާގެ ތަބީޢަތު ގޯސްވިއެވެ.އެއީ މީހުންގެ މަސްކައި ރަށު ތެރޭގައި ފާޑުފާޑުގެ ވާހަކަތައް ދައްކަމުންދާ ދެ މީހުންނެވެ.އެހެންގޮތަކަށް ބުނާނަމަ “ކަންމަތީ އާންޓީންނެވެ”.މައުވާ އަޅާނުލާ އެ ދެމީހުން ކުރިމަތިން އަޅާފައި ގޮސް ބޫޓު ކަބަޑު ހުޅުވާލުމަށްފަހު އޭނާއަށް ކަމުދާ ބޫޓެއް ފެނޭތޯ ބަލަންފެށިއެވެ.”މައު ކޮންތާކަށް؟”.ޝާހިދާގެ އަޑުއިވުމުން އެކަމަށް ތައްޔާރުވެގެން ހުރި މައުވާ ޖަވާބުދިނީ ތެދަށެވެ.މިފަހަރު ދޮގު ހެދުމުގެ ބޭނުމެއް ނެތްތާއެވެ.
“ލިޝްކާއޭ؟ އާނ މަ ދަންނަން އެ މަންޖެގެ މަންމަ.އެ މަންޖެ މައޫ އާ އެއް އުމުރެއް ދޯ.އޭނަ މަންމަ ނާޒިމާ އެއީ ހަމަ އަހަރެން ފަދައިން ކައުންސިލުގައި ކުނި ކަހަން ހުންނަ މީހެއް.އެ ކުއްޖާއަށް ވުރެ ހަގަށް ތިބޭނެ ކުޑަ ދެކުދިން.ނާޒިމާ ފިރިމީހާ ކައިރިން ވަރިވީ މިދިޔަ އަހަރު.މިހާރު އެ މީހުން އުޅެނީ ފްލެޓްގަ ދޯ” ސޯފާގައި ހިކިކޮށް ކުރުކޮށް އިން ފާތުމާ މައުވާ ދަނީ ލިޝްކާމެން ގެޔަށޭ ބުނުމުން ލިޝްކާގެ ވަނަވަރު ކިޔާދިން ފަރިތަކަމުން ހީވީ ރެޕެއް ކިޔާލިހެންނެެވެ.ރަށުގައި އޭނާއަށް ނޭނގި މީހަކަށް ފިޔަވަޅެއްހާ ހިސާބުވެސް އަޅާލެވޭކަށް ނޯންނާނެއެވެ.ނިއުސް ރިޕޯޓަރެކޭ އެއްވެސް ތަފާތެއް ނެތެވެ.ގޭގެޔަށް ގޮސް މީހުންގެ ވާހަކަ ދެއްކުމަކީ އޭނާގެ އާދައެކެވެ.އެ ގެޔަށް އޭނާ އާއްމުގޮތެއްގައި އައިސް އުޅެނީ ޝާހިދާމެންގެ ބޮޑުދައިތަ އަކަށް ވުމުންނެވެ.
ޖެހިގެން އިން ޝަހާމާ އަކީ ވެސް ހަމަ އެފަދަ މީހެކެެވެ.ރަށު ކައުންސިލުން ހިންގާ ހިފްޒު ކްލާހުގައި ބައިވެެރިވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރަށް ގޭގައި އަމިއްލަ ޤުރުއާން ކްލާހެއް ހިންގަމުން އަންނާތީ ޝަހާމާއަށް ވަނީ ލައިވެންދޫ ރައްޔިތުންގެ ލޯތްބާއި ޤަދަރު ހާސިލްކުރެވިފައެވެ.އެއީ އެ މީހުންގެ ދަރީން ޤުރުއާން ކިޔެވުމުން ހޯދަމުން އަންނަ ކާމިޔާބީތައް ހޯދަން އެހީތެރިވުމުގަަައި ސްކޫލުގައި ޤުރުއާން ކިޔަވައިދޭ މުދައްރިސުންނަށް ވުރެ ޝަހާމާގެ ދައުރު ބޮޑުވުމުންނެވެ.އެހެންނަމަވެސް ޝަހާމާއަކީ ދެބައޮޑުވުމާއި ނެތިމޮށުމުގައި އަރައި ހުރި މީހެކެވެ.ދަރިން ބޮޑެތިވެ މާލޭގައި ދިރިއުަޅެމުން ދާތީއާއި އޭނާގެ ގެ މައުވާ މެން ގެޔާއި ކައިރިވުމުން ކޮންމެ ދުވަހަކުހެން ހަވީރު ގަޑީ އޭނާ އެގެޔަށް އާދެއެވެ.ފާތުމަ ފަަދައިން ޝަހާމާއަކީ ވެސް ޝާހިދާގެ މަންމަ ފަރާތު ބޮޑުދައިތައެކެވެ.އަދި ފާތުމަ އަކީ ޝަހާަމާގެ ބެސްޓް ފްރެންޑް ވެސް މެއެވެ.
މައުވާ ބޭރަށް ނުކުމެ ލިޝްކާއަށް ގުޅައި ހުރީ ކޮންތާކުތޯ އޮޅުންފިލުވުމުން އޭނާ އެދުނީ މައުވާމެން ގެޔާއި ފުދޭވަރަކަށް ކައިރީގައި އޮންނަ ބީޗައް އައުމަށެވެ.އެވަގުތު އޭނާ ހުރީ އެތާ ކަމަށް ބުނަމުންނެވެ.އަވިއައިނު އަޅާލަމުން މައުވާ ބީޗް އޮންނަ ދިމާލަށް ހިނގައިގަތެވެ.ފޯނާއި ކުޅެމުން ހިނގަމުން ދިޔައިރު އެ ވަގުތު މަގުމަތީގައި ތިބި ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ.ނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ނެތި މައުވާ ކުރިޔަށް ދިޔައީ ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތިއެވެ.މައުވާއަކީ މިޒާޖުގައި ފޮނި ގޮތެއް ހުރިނަމަވެސް އޭނާއާއި ގާތްކޮށް އުޅޭ ރައްޓެހިންނާއި ހީނ ސަމާސާ ކޮށް އުޅޭ ކުއްޖެކެވެ.އެހެންގޮތަކަށް ބުނާނަމަ “އިންޓްރޮވާޓް” އެކެެވެ.ގާތް މީހުނަށް ނޫނީ އޭނާގެ ސަކަ ގޮތްގަނޑު ނުފެންނާތީ ގިނަ މީހުން މައުވާ ލޭބަލް ކުރަނީ “ވިއަރޑް” ކުއްޖެއްގެ ގޮތުގައެވެ.އެހެންކަމުން އޭނާގެ މާ ގިނަ ރައްޓެހިންތަކެއް ވެސް ނުތިބެއެވެ.ސްކޫލުގަައިވެސް ބައެއް ކުދިން މައުވާގެ ފުރަގަހުގައި އޭނާގެ ނޭދެވޭ ވާހަކަ ދައްކާ ހަދައެވެ.މައުވާ މިކަން ވަރަށް ރަނގަޅަށް ދަނެއެވެ.އެހެންނަމަވެސް އަޅައެެއްނުލައެވެ.އޭނާ ޤަބޫލުކުރާ ގޮތުގައި ބަޔަކު ވިސްނާހާ ގޮތެއް ބަލާކަށް ނުޖެހެއެވެ.އިންސާނާ އޭނާގެ އަމިއްލަ ނަފްސާއި މެދު ހިތްހަމަޖެހެންޔާމުން އެ ނިމުނީއެވެ.
10 ވަރަކަށް މިނިޓު ފަހުން މައުވާއަށް ބީޗަށް ދެވުނު އިރު އެތާ ގަހެއްގައި އެލުވައިފައި ތިބި އުނދޯލިތަކުގައި އިށީނދެގެން ތިބި 2 ކުދިން ފެނުމުން އޭނާ އެ ދިމާލަށް މިސްރާބު ޖެހިއެވެ.”ލިޝް.އީޝް.ވަޓްސް އަޕް ގާއިސް؟”މައުވާ ގޮސް އެ ދެކުދިންނާއި އަރާ ހަމަވުމުން އަހާލިއެވެ.އެއިރު އުނދޯލީގައި އިން ލިޝްކާގެ ލޯ ކައިރި ކަޅުވެފައި ހުރުމުން މައުވާއަށް ވީ ގޮތް ނަގައިގަނެވުނެވެ. ވަށްކަޅިން އީޝާއާއި ދިމާލަށް ބަލާލީ އޭނާއަށް މި ހީވަނީ ރަނގަޅަށްތޯއޭ އަހާ ފަދަ ގޮތަކަށެވެ.މައުވާގެ މި ހަރަކާތުގެ މާނަ ނަގައިގަނެވުމުން އީޝާ ދެ ފަރާތައް ބޯ ހޫރުވާލިއިރު އެ މޫނުމަތިން ހިތާމަވެރިކަން ފާޅުވިއެވެ.އެއާއެކު އައި ރުޅިން މައުވާގެ ދެއަތް މުއްކެވިގެން ދިޔައެވެ.ނަމަވެސް ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މައުވާ އިށީނދެލީ އެ ދެކުދިންގެ މެދުގައި ހުރި އުނދޯލީގައެވެ.
ލިޝްކާއާއި އީޝާއަކީ އޯލެވެލް ގްރޭޑް 9 އަދި 10 އެއްގައި މައުވާއާއި އެއް ކްލާހެއްގައި ކިޔެވި ކުދިންނެވެ.ތިން ކުދިންވެސް ކިޔެވީ ޢާއްމު ގޮތެއްގައި ސައިންސްގެ އެއް މާއްދާތަކެއް ކަމުން ގިނަ ވަގުތު އެ ކުދިން ތިބެން ޖެހެނީ އެއްތަނެއްގަައެވެ.އެހެންކަމުން ބެންޗްޕާޓްނާސް ގެ ގޮތުގައި ތިބެފައި މިކުދިން ގާތް އެކުވެރިންނަށް ވާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ.އެއިރުއްސުރެ އަދާއި ހަމަޔަށްވެސް މި ތިންކުދިންނަކީ ބެސްޓް ފްރެންޑްސް އެވެ.އޯލެވެލް ނަތީޖާ ދެއްކިއިރު ތިން ކުދިންގެ ތެރެެއިން 8 މާއްދާއިން ފާސްވުމާއެކު އޭލެވެލް ހެދުމުގެ ފުރުސަތު ލިބުނީ ހަމައެކަނި މައުވާއަށެެވެ.ލިޝްކާ ފާސްވީ އެންމެ 2 މާއްދާއިންނެވެ.އީޝާ 5 މާއްދާއަށް ވުރެ މަދުން ފާސްވުމުން އޭލެވެލް ކިޔެވުމަށް ޝަރުތު ފުރިހަމައެއް ނުވެއެވެ.މައުވާއާއި ޙިލާފަށް ދެކުދިންވެސް މިހާރު ދަނީ ފިހާރަތަކުގައި ވަޒީފާ އަދާކުރަމުން ދިރިއުޅުމާއި ކުރިމަތިލެވޭތޯ މަސައްކަތް ކުރަމުންނެވެ.
އިރުގަނޑެއް ފާއިތުވީ ތިންމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ ތިއްބައެވެ.“ލިޝް.މަށަށް އަދިވެސް އިނގެޔޭ ތި ވިސްނަނީ ރާއިޝްއާއި މެދުގަކަން” ފުންނޭވައެއް ދޫކޮށްލުމަށްފަހު މައުވާ ފެށިއެވެ.އެއަޑައް ލިޝްކާ އިސްޖަހާލިއެވެ.”އައި އެމް ސޮރީ މައު.އެކަމަކު އަހަންނަކަށް ފަސޭހައެެއް ނޫން ރާއިޝްއާއި ވަކިވާކަށް.އިޓް ވޯޒް މައި ލޯންގެސްޓް ރިލޭޝަން އެވަރ” ލިޝްކާ ކުރެހިފައިވީ އަޑަކުން ބުންޏެވެ.އެޔާއިއެކު މައުވާ ލޯ މަރާލީ ލޮލަށް ޖަމާވި ކަރުނަތައް އެތެރެއަށް ހިންދާލަމުންނެވެ.ލިޝްކާގެ ޖުމްލައިން އެ ހިތައް ކުރި އަސަރަކުން އޭނާއަށް ރޮވެން އުޅުނެވެ.ނަމަވެސް މިވަގުތު އަމިއްލަ މީހާގެ އިހުސާސްތަކަށްވުރެ މުހިއްމީ އެކުވެރިޔާކަން އެނގުމުން ގަަދަކަމުން ހިނިތުންވެލިއެވެ.
“މޫވް އޮން ލިޝް.އައި ނޯ ހައު ޔޫ ފީލް.ރާއިޝް އިޒް ގޯން.ހީ ނެވަރ ލަވްޑް ޔޫ.އޯ އިޓް އިޒް ޕޮސިބަލް ދެޓް ހީ އިޒް އިމެޗުއަރ.ބުނީމެެއްނު ތިއީ ރާއިޝްގެ ފަސްޓޭ.ސޯ ހީ މައިޓް ނޮޓް ބީ ރެޑީ ފޯރ އިޓް.އިޓްސް ނޮޓް އަ ބިގް ޑީލް ލިޝް.ދިސް އިޒް ޓީން ލައިފް.މިއީ ލިޝް ދެރަކުރަން ބުނާ އެއްޗެއް ނޫން.އަދި ލައިފްގަ ވަރަށް ހީނުކުރާ ކަންތަކާ ކުރިމަތި ލާން ޖެހޭނެ.ލިޝްއަށް ރާއިޝްއަށް ވުރެ މާ ރަނގަޅު ކުދިން ލިބޭނެ.ލިޝް ނުބުނަން އުޅުނަސް މައުއަށް އިނގޭ ލިޝްއަށް އަންޑަސްޓޭންވާނެކަން.މިކަހަލަ ކަންކަމުގަ ހިތް އެދޭހާ ގޮތަކަށް ކަންތައް ކުރުމަށް ވުރެ ރަނގަޅުވާނީ ސިކުނޑި ބޭނުންކޮށްގެން ވިސްނިއްޔާމުން.ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއްނޫން”މައުވާ ދުރު ބަލައިލަމުން ބުންޏެވެ.އެޔާއެކު ކައިރީގައި އިން އީޝާވެސް ބޯ ޖަހައިލީ އެއީ ތެދެއްކަމަށް ބުނަމުންނެވެ.
“ތެދެއް ލިޝް.އައި ނޯ ޔޫ އަރ މޭޑްލީ އިން ލަވް ވިތް ހިމް.މައު ތިދެެއްކި އެއްވެސް ވާހަކައެއް އޭނަގެ ސިކުނޑިއަކަށް ނުވަންނާނެ.ލޯބީގަ އިޝްޤު ބަލި ޖެހިފަ ހުންނަ މީހަކާ ވާހަކަދެއްކުމެކޭ މިހިރަ ގަހާ ވާހަކަދެއްކުމެކޭ ވާނީ އެއްކަމެއް”އީޝާ އެ ކުދިން ހެއްވުމުގެ ބޭނުމުގައި މަޖަލަކަށް ހަދާފައި ނަމަވެސް އެ ބުނީ ސީރިއަސް ވާހަކައެކެވެ.އަދި އެކަން އޭނާއަށް ކާމިޔާބު ވެސް ވިއެވެ.މައުވާއާއި ލިޝްކާ ޕަކަޕަކަ ލާފައި ހޭންފެށިއިރު އިރުކޮޅެއްކުރިން ދެކެވުނު ވާހަކައިގެ ސަބަބުން މާހައުލުގައި ވީ ސީރިއަސްކަން މުޅިން ނެތިގެން ދިޔަ ކަހަލައެވެ.ލިޝްކާ ހަމަޔަކަށް އެޅުމުން ދެން ފެށުނީ ޖޯކު ކިޔުމާއި އެކަކު އަނެކަކާއި ދިމާ ކުރާށެވެ.ތިން މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް ވުރެ ގިނައީ ހުނުމެވެ.
އިރުއޮއްސެން ކައިރިވީއިރުވެސް މައުވާމެން އެތަނުން ދާ ޙިޔާލެެއް ނުކުރިއެވެ.އެހެން ތިއްބާ 6 ޖެހިތަނާ އެ ކުދިން އިށީނދެގެން ތިބި އުނދޯލިތަކުގެ ފުރަގަހުގައި އޮތް ބޯ ގަސްގަނޑުގެ ތެރެއިން އަތެއް ނުކުމެ އުނދޯއްޔާއެކު އެއްލެމުން ދިޔަ އީޝާގެ ފައިގައި ހިފުމާއެކު ތިން ކުދިންނަށް އެއްފަހަރަކާ ހަޅޭއްލަވައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
