ހިތް ނުރޮއްވާ… (1)
ބާރު ދުވެލީގައި އައި ލޯންޗް ބަނދަރާއި ގާތް ކޮށްލުމާއި އެކު ރިހާ ފަޅުވެރިއެއްގެ އެހީގައި ލޯންޗުން ފޭބިއެވެ. ފުރަތަމަވެސް ރިހާ ވަށައިގެންވީ މާހަޢުލަށް ނަޒަރު ހިންގާލީ އުންމީދާއި އެކުއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މާޔޫސްވެ ހުރެ އިސްޖަހާލީ މިފަހަރު އެހެން ފަހަރު ފަހަރާއި ތަފާތު ވާނެ ކަމަށް އުންމީދު ކުރެވުނީތީ އެކަމާ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. ރިހާ މަޑުމަޑުން އޭނާގެ ޝޫޓް ކޭސް ހިފައިގެން ހިނގައި ގަންނަމުން ފޯން ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. އެކޮޅުން ފޯންނަގައި ‘ހެލޯ’ އޭ ބުނުމުން އެއްޗެކޭ ބުނުމަށް އަނގަ ހުޅުވާލާފަވެސް ރިހާ ފޯން ކަނޑާލިއެވެ. އަދި މަގުގެ ދެކޮޅު ހޯދާ ބަލަމުން ޓެކްސީއެއް ހޯދަންނޫޅި ގެ އާ ދިމާއަށް ހިނގައިގަތީ ރިހާގެ ގެ ‘ޕެރެޑައިސް’ މާދުރު ނޫންވީމައެވެ.
ވަގުތަކީ ރޭގަނޑުގެ އަދިރިކަމުގެ ތެރޭގައި ދުނިޔެވީ ވަގުތު ނަމަވެސް ރިހާ ޝޫޓް ކޭސް ހިފައިން ހިނގާލާފައި ދިޔައީ ރިހާ ފަދަ އެހެން އަންހެންކުދިންނާއި ހިލާފަށް އެއްވެސް ބިރެއް ފިކުރެއް ނެތިއެވެ. ރިހާ އެގޮތަށް ހިނގާފައި ދާތަން ފެނުމުން ޒުވާންފުރައިގެ ކުދިން ކަޅިޖަހާ ނުލާ އޭނާއަށް ބަލަމުން ދިޔައިރު، އެއްބަޔަކު ތިބީ ރިހާ އެގޮތަށް ހިނގާފައި ދާތީ ހައިރާންވެފައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ރިހާއަކީ އުމުރުން ކިތަންމެ ހަގު ނަމަވެސް މުޅި ރަށުގެވެސް އެންމެން ގަދަރުކުރާ މީހުންގެ ތެރެއިން ހިމެނޭ ކުއްޖެކެވެ. މުއްސަނދި ޢާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް މިރޭ އެއީ އެމީހެއްގެ ޚިދުމަތުގައި އެތަށްބައިވަރު ނޯކަރުންނެއް ތިބޭ އަންހެންކުއްޖާ ބާއޭ އެތަށް ބައެއްގެ ހިތަށް އަރަމުންދިޔައީ ރިހާގެ އަމިއްލަ އެތަށް ކާރުތަކެއް ހުންނަ އިރުވެސް އެގޮތަށް ހިނގާފައި ދާތީއެވެ. ރިހާ ދިޔައިރު އެތަށް ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވުމުން އެކަމާއި ރިހާއަށް އުނދަގޫވީ ނަމަވެސް ރިހާ އޭނާގެ ގޮތުގައި ދިޔައިރު ވަރަށް ވެސް ޝާހީ ގޮތް އެ ލޫޅާފަތި ރީތި އަންހެންކުއްޖާގެ ހުއްޓެވެ.
ވަރަށްވެސް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައިވާ ‘ޕެރެޑައިސް’ގެ ބޮޑު ހޯލްތެރެއިން ހިތްގައިމު މަޑުމަޑު މިއުޒިކްގެ އަޑާއި ހިނގަމުން ދިޔަ ޕާޓީއަށް އައިސް ތިބި މެހެމާނުންގެ އަޑުވަނީ އެކުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމެވެ. އެހެން އެންމެނަށް ވުރެވެސް ބޮޑަށް އުފާވެފަ ހުރީ މާޔާ އެވެ. އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޒާން އާއި ދެމީހުންގެ ކައިވެނި އެ ޙަފްލާގައި އިޢުލާން ކުރެވިގެން ދިއުމުންނެވެ.
ޒާން އާއި މާޔާ ވާހަކައެއްގައި ތިއްބަ ޒާންގެ އެންމެ ގާތް އެކުވެރިޔާ ޒީޝާން އައިސް ޒާންގެ ކޮނޑަށް އަތްވައްޓާލަމުން ސަމާސާ ރާގެއްގައި އެދެމީހުނަށް ބުނެލިއެވެ. “ދެން ޒާންއަށް އަހަރެމެން ނުފެންނާނެ މިހާރު މި ފެންނަ ވަރަށް ވެސް ދޯ؟ ދެން ފެންނާނީ ހަމަ މާޔާ. މިހާރުވެސް ކިރިޔާ އަހަރެމެން އުޅޭކަން އެނގޭކަން ޒާންއަށް…”. ޒާންވެސް ދެރަވާކަށް ބޭނުމެއް ނުވިއެވެ. ” މަށަށްވާ މިވަރުވެސް އެބަ ވޭ… އެކަމް ޝާން ޢިޝްޤުގަ ޖެހޭދުވަހު މަ ނުބުނާނަން ޝާން އަށް މިވަރުވެސް ވާނެ އެކޭ” ޒާން އެހެން ބުނެލީ ވަރަށް ޔަޤީން ކަމާއެކުއެވެ. އެވަގުތު މާޔާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައީ ގޭގެ ހޯލް އަށް ވަންނަ ދޮރުމައްޗަށް އައިސް ހުއްޓުނު މީހާ ފެނިފައެވެ. މާޔާ އެދިމާލަށް ބަލައިން ހުންނަން ފެށުމުން ޒީޝާނާއި ޒާން ވެސް އެދިމާބަލާލިއެވެ. ކުރިމަތީގައި ހުރީ ޒީޝާން ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ވަންދެން އެސޫރައެއް ދެކިލުމަށް ކެތްމަދުވެފާ ހުރި ސޫރައިގެ ވެރިޔާއެވެ. ރިހާއެވެ.
ޒީޝާން އަށް ރިހާ ފެނުނީ މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ތެރެއިންނެވެ. ފުރަތަމަ ފެނިލުމުންވެސް ރިހާގެ ސޫރަ އެހިތުގައި ބިންވަޅުނެގިގެންދިޔައީ ރިހާ އެއީ ކޮންތާކު އުޅޭ ކާކުކަންވެސް ނޭނގިއެވެ. އެހާވެސް ރިހާ ފުރިހަމައެވެ. ލޫޅާފަތި ހަށިގަނޑެވެ. ހަނދު ފަދަ ޗާލު ރީތި މޫނު އިތުރަށް ފުރިހަމަ ކޮށްދޭ ބޮޑު ދެ ލޮލެވެ. ހުދު ގަމީހެއް މަތިން ގަދަ ނޫކުލައިގެ ބްލޭޒަރ އެއްލައިފައި ކަޅު ކުލައިގެ ލެގިންގސް ލައިފައިވުމުން ރިހާގެ ފުރިހަމަކަން އިތުރުވެފައިވިއެވެ. އެއަށްފަހު ފާއިތުވާ ކޮންމެ ދުވަހަކީވެސް ރިހާ ދެކިލުމަށް އެދިއެދި ޒީޝާން ހުންނަ ދުވަހެކެވެ. ދާ ކޮންމެ ތާކުން އެދެލޯ ހޯދަނީ ރިހާއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ޒީޝާން އަށް ޖެހުނީ މާޔޫސްވާށެވެ. ނަމަވެސް މިއަދު ރިހާ އެހުރީ ޒީޝާންގެ ކުރިމަތީގައެވެ. އެންމެ ފުރަތަމަ ދުވަހު ފެނުނުއިރެކޭ މިއަދެކޭ ތަފާތެއްނެތެވެ.
ގޭގެ މާހައުލު ފެނި ކުޑަކޮށް ހައިރާންވި ވަރުން ދޮރުމަތީ މަޑުކޮށްލައިން ހުރި ރިހާ މާ ގިނަ އިރު އެހެން ހުންނަން ނުހަދާ އެތެރެއަށް ވަނުމަށް ހިގައިގަތެވެ. އެއްއަތުން ޝޫޓް ކޭސް ދަމަމުން ކުރިމަތީ ހުރި ސިޑިއާއި ދިމާއަށް ދިޔައިރު އަނެއް އަތްދަނޑި މަތީ ރިހާ ލައިން ހުރި ކަޅުކުލައިގެ ލެގިންގސް އާއި ކަޅުކުލައިގެ ގަމީހާއި އެކު ލާން ގެންގުޅުނު ރަތްކުލައިގެ ބްލޭޒަރ ބާއްވާލައިފައިއޮތެވެ. ރިހާ ސީދާ ދިމާ ކުރިމައްޗަށް ބަލަމުން ކުރިއަށް އަންނަމުން ދިޔަވަރަކަށް ރިހާ ދިޔަދިމާގައި ތިބި އެންމެން ކޮންމެވެސް އެއްފަރާތަކަށް ޖެހި ރިހާ ދިއުމަށް ތަން ދައްކަމުން ދިޔައެވެ. އޭރު ގޭގެ ނޯކަރުން ތިބީ އެމީހިކު ކުރަންހުރި މަސައްކަތެއް ހުއްޓާލުމަށް ފަހު ރިހާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ބުނާއިރަށް އެކަމެއް ކުރުމަށް ތައްޔާރަށެވެ. ސިޑިއާ ހަމައަށް ގޮސް ރިހާ ހުއްޓި ހޯލް ތެރޭ ތިބި އެންމެނަށް ނަޒަރު ހިންގާލީ އެ އެންމެންގެ ނަޒަރު ރިހާއަށް ހުއްޓިފައިވާކަން އެނގޭތީއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ސިޑިން އަރައިގެން ދިޔައީއެވެ.
ރިހާ ގޮސް ރިހާގެ ކޮޓަރިއަށް ވަނުމުން މާޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެތަންފެނި ޒާން ގާތަށް ހިނިއައެވެ. ޒާން ހޭންފެށުމުން މާޔާ އޭނައަށް ލޯ އަޅާލިއެވެ. “ސޮރީ، ސޮރީ… އެކަމަކު ހިނިއަންނާނުން! މާޔާ ހީވީ ގޯސްޓެއް ފެނިގެން ނޭވާ ހިފަހައްޓާލިހެންވިޔަ.” ޒާން ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުނެލިއެވެ. މާޔާ ތުން އަނބުރާލަމުން ބުނެލިއެވެ. “ހުމް… ޝީ އިޒް ސަޕޯސް ޓު ކަމް ޓޫ ވީކްސް ލޭޓަރ. މަށަށް ކިހިނެއް އެނގޭނީ މިހާ އަވަހަށް އައިސް ދާނެ ކަމެއް. އަދި އެ ވެސް މިރޭ.” އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ޒީޝާން އެވަގުތު ބޭއިޚްތިޔާރުގައި އަހާލިއެވެ. ” ހޫ އިޒް ޝީ؟” މާޔާ ޒީޝާން އަށް ޖަވާބު ދެމުން ފަރުވާ ކުޑަ ރާގެއްގައި ބުނެލިއެވެ. ” އެ؟! މަގޭ ދޮންތަ… މިގޭ ރާނީ ކަމަނާފާނު.” މާޔާގެ މޫނުމަތިން އެވަގުތު ފެނިގެން ދިޔަ ފޫހިކަން ޒީޝާން ދެނެގަތެވެ. އެކަމާ ސުވާލު އުފެދުނު ނަމަވެސް މާޔާ އާއި އެސުވާލު ޒީޝާން ނުކުރެއެވެ.
ކުރިއެކޭވެސް އެއްގޮތަށް ޕާޓީ ރުޖޫއަވާން މާ ގިން އިރުތަކެއް ނުނަގައެވެ. ނަމަވެސް ނަސީރު ހުރީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެ ހަލަބޮލި މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއް އޭނައަށް އެނގޭ ހެންވެސް ހީނުވެއެވެ. ނަސީރު ވިސްނަމުންދިޔައީ އޭނާގެ ދަރިފުޅު ރިހާއާ މެދުއެވެ. ދެންމެ ރިހާ އައިސް ވަތްއިރު ރިހާގެ މޫނަށް އަރާ ފޭބި ކުލަވަރުން މިރޭ އެހިނގަމުންދާ ޕާޓީގެ އެއްވެސް ކަމެއް ރިހާއަށް އެނގިފައި ނުވާކަން އޭނާ ދެނެގަތެވެ. ރިހާ ސިޑިން ފައިބައިގެން އަންނަތަން ފެނުނީ ނަސީރު އެވިސްނުމުގަ ހުއްޓައެވެ. އޭރު ރިހާގެ އަތުގައި އޭނާ އޮފީހަށް ދާއިރު އާންމުކޮށް ގެންދާ ދަބަސް އޮތުމުން ރިހާ އެދަނީ އޮފިހަށްކަން ނަސީރު ދެނެގަތެވެ. ނަސީރު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން ދިހަ ގަޑި ބައިވަނީ އެވެ. “ރިހާ” ނަސީރު ރިހާއަށް އިވޭނެ ވަރަށް ވަރަށް މަޑުމައިތިރިކަމާއެކު ގޮވާލުމުން ސިޑިން ފައިބާ ދޮރާ ދިމާއަށް މިސްރާބު ޖަހާފައި ހުރި ރިހާ މަޑުޖެހިލައި ފަސްއެނބުރި ނަސީރަށް ބަލާލަމުން “ޔެސް ޑޭޑް” އޭ ބުނެލީ މަޑުމަތިރިކަމާއި އަދަބުވެރިކަމާއި އެކުއެވެ.ނަސީރު ރިހާއަށް ގޮވާލީ ޒީޝާންވެސް ކަޅިޖަހާނުލާ ރިހާއަށް ބަލަން ހުއްޓައެވެ. މޫނުމަތިން ތާޒާކަން ފެންނަން ހުރުމުން ރިހާ އައީ ފްރެޝް ވެލައިންކަން ދޭހަވެއެވެ. އަތްދިގު މަޑުނޫކުލައިގެ ގަމީހެއް ލައިފައި ކަނޑު ނޫ ކުލައަކަށްދާ ޖިންސެއް ލައިގެން ހުރިއިރު އިރުއިރު ކޮޅުން އަތުކުރީގަ އޮތް ގަޑިއަށް ބަލާލަނީ ތަނަކަށް ދާން ލަސްވެފަ ހުރި ފަދަ ގޮތަކަށެވެ.
(ނުނިމޭ)
12 Comments
Comments are closed.
ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަން. އަދި ވާހަކައަށް އިންތިޒާރު ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ…..
ފެށުން ހަބޭސް…ރީތި ވާނެހެން ހީވޭ.. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް 🙂 🙂
Starting is interesting
hope it will be nice till the end
ސަޅި!!!!!!!!!!!!!!!!!!!!!!!!!!!!
ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަން!
ސަޅި
ފެށުން ވ ކަމުދޭ
ވ ބެސްޓް ފެށުން…. ވެއިޓިންގް އީގާރލީ ފޮ ދި ނެކްސްޓް ޕާރޓް…..
thank you all
I may not be able to upload the next part soon, but i”ll try to upload the story at least once a week
Mighty useful. Make no mistake, I aptraciepe it.
I’d venture that this article has saved me more time than any other.
vrh salhi…hyvey rythi vaanehen…waiting for the next part…avahah up kolla dheveythw balahchey…