Skip to content
އެސްފިޔަ

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 38

ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، ނުރޮއެ ވޭތޯ ޔައިނާ ހިތްވަރު ކުރިއެވެ. ކައިވެނީގެ ފަހުން މި ހޭދަވީ ދެމަހެއްހާ ދުވަސްތެރޭ މިލާންގެ އެ ފިނިކަމާ ރުޅިވެރިކަމަށް އޭނާ އާދަވެފައިވާ ކަހަލައެވެ. ފުނެ ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ގޮސް ގެއިން ނުކުތެވެ. ހޮސްޕިޓަލާ ގެޔާ އެހާ ދުރު ނޫން ކަމުން، ޓެކްސީއަކަށް ނުގުޅައި، ޔައިނާ ބޭނުންވީ ހިނގާލާފައި ދާށެވެ.

*** ** ***

“ކެއަރލޫޕް” ހޮސްޕިޓަލުގެ ތެރެޔަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޔައިނާއަށް ކުރެވިގެން ދިޔައީ މުޅީން ތަފާތު އިޙުސާސެކެވެ. މިއީ އޭނާ އެންމެ ކުޑަ އިރުއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އެތައް އަހަރުތަކެއް ވާންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެތައް ރެޔެއްގެ ނިދި ގެއްލުވައިލައިގެން ކުރި ބުރަ މަސައްކަތެވެ. މިއީ، އޭނާގެ ހުވަފެން ޙަޤީގަތަކަށް ހެދުމަށް އޭނާ އަޅާ އެންމެ ފަހު ފިޔަވަޅެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ޔައިނާ އޭނާގެ އަމިއްލަ ނަފްސަށް ކާމިޔާބު ވާނެކަމުގެ ޔަޤީންކަން ދިނެވެ. މަޑު ފިޔަވަޅުތަކަކާއެކު ޔައިނާ ހޮސްޕިޓަލުގެ ގޯތިތެރެއަށް ވަދެގެން ދިޔަ އިރު، އެތައް ބައެއްގެ ނަޒަރު ޔައިނާއަށް ހުއްޓިފައި ވިއެވެ.

ރިސެޕްޝަނަށް ގޮސް ޔައިނާ އޭނާ ދާން ޖެހޭ ތަނާއި، ބައްދަލު ކުރަން ޖެހޭ ފަރާތުގެ މަޢުލޫމާތު ހޯދިއެވެ. އެއާއެކު، ރިސެޕްޝަނުގައި އިން ކުއްޖާ، ޔައިނާއަށް އެ މަޢުލޫމާތު ދިނުމުން، އެކުއްޖާއަށް ޝުކުރު އަދާކޮށްލާފައި، ޔައިނާ އޭނާ ދާން ޖެހޭ ދިމާއަށް މިސްރާބު ޖެހިއެވެ.

އިންޓަރވިއު އޮތީ ފަސްވަނަ ބުރީގައެވެ. ލިފްޓުން ފޭބުމާއެކު، ޔައިނާއަށް ފުރަތަމަވެސް ފެނުނީ، ޒާރާއެވެ. ހިނިތުންވެލާފައި، ޒާރާ އަތުގެ އިޝާރާތުން ޔައިނާއަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު، އަނގަ ހަދާލާފައި “ގުޑް ލަކް” އޭ ބުނެލީ ޔައިނާ އެ އައީ އިންޓަރވިއުއަށް ކަން އެނގޭތީއެވެ. ހިނިތުންވެލަމުން ޔައިނާވެސް ޒާރާ ބުނި ފަދައިން “ތެންކްޔޫ” އޭ ބުނެލިއެވެ. އެއަށްފަހު، ގޮސް ގޮނޑީގައި އިށީނެވެ. އޭރުވެސް ހައެއްކަ މީހުން އިންޓަރވިއުއަށް ގޮވާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.

އިންޓަރވިއުއަށް ގޮވުމާއެކު، ޔައިނާ ތެދުވިއެވެ. މެނޭޖަރުގެ އޮފީހަށް ޔައިނާ ވަނީ، ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ކުރެވުނު ހުރިހާ ސުވާލަކަށްވެސް ޔައިނާ ޖަވާބު ދިނީ ކެރުންތެރިކަމާ، ތެދުވެރިކަމާ އެކީގައެވެ. އިންޓަރވިއު ނިންމާލާފައި ޔައިނާ ނުކުތް އިރު، ވަޒީފާ ލިބޭނެ ކަމާއި މެދު އޭނާގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ރޯވެފައި ވިއެވެ. އަތުގައި އޮތް ފައިލު މެޔާލައި ބޮނޑިކޮށްލަމުން، ޔައިނާ މިސްރާބު ޖެހީ ހޮސްޕިޓަލުން ނުކުންނާށެވެ.

*** ** ***

“އަހަރެން މާ ބޮޑަށް ހަނދާންވޭ..” ބެލްކަނީގައި ހުރި އުނދޯއްޔެއްގައި އިށީނދެގެން އިން ލައުރާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އަޒާންއާއެވެ.

“ދެރައީ އަސްލު ލާރާ އާއެކޭ ބުނިތަނާ ސިކުންތެއްވެސް ނުވެ އަހަރެން ފުރައިގެން ދާން ޖެހުނީމަ.. އެއްވެސް މެމޮރީއެއްވެސް ނެތެއްނު އަހަރުމެންނެއް..” އެކޮޅުން އަޒާން ބުނެލި އަޑު އިވުނެވެ. “އެކަމަކާ އަހަރެން ނުކުރާނަން ޝަކުވާއެއް.. ކިތަންމެ ދުރުގަ ހުއްޓަސް އަޒާން އަހަރެން ދެކެ ލޯބިވާ ވަރު އަހަންނަށް އެނގޭ.. މިވެސް ހަމަ މެމޮރީ އެއްނު.. އެހެންނޫނަސް ދެ އަހަރު ފަހުން އަޒާން މިކޮޅަށް އަންނާނަމެއްނު.. އަހަރެން އިންތިޒާރު ކުރާނަމޭ..” އަޒާންއާ ވާހަކަ ދައްކަމުން ދިޔަ އިރު ލައުރާގެ މޫނުމަތިން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ.

އަޒާންއާ އެކުގައި ލައުރާ ހޭދަކުރަމުން ދިޔަ ވަގުތުތަކަށް ނިމުމެއް އައީ، ގޭގެ ބެލް އެޅި އަޑު އިވުމުންނެވެ. އަޒާން ކައިރީގައި ފަހުން ގުޅާނަމޭ ބުނެ، ފޯނު ކަނޑާލާފައި، ލައުރާ ގޮސް ގޭގެ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރި މިލާން ފެނުމުން ލައުރާ ހިނިތުންވެލާފައި، މިލާނަށް ވަނުމަށް ތަން ދެއްކިއެވެ. މިލާންވެސް ލައުރާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ގޮސް ސޯފާގައި އިށީނެވެ.

މިއްލު ހާދަ ނުގަޑިއެއްގަ.. އެއްޗެއް ބޯލަން ވީނު..؟” ލައުރާ އެއްސެވެ. “ނޫނޭ ދެން މިހާރަކު ނޫން.. ދެންމެ މި އައީ ކައިގެން..” މިލާން ދެކޮޅު ހެދިއެވެ. “އަފާން ބުނި އަހަރެން ކައިރި ވާހަކައެއް..” މިލާން ހަމަ އެހެން ބުނުމާއެކު، ލައުރާގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވެގަތެވެ. އެ ދައްކަނީ އޭނާއާ އަޒާންގެ ވާހަކަ ކަން އެނގުމުން ލަދުން އިސްޖަހައިލެވުނެވެ.

“އައްދެ.. މި މަންޖެއަށް ލަދު ގަންނަންވެސް އެނގޭތަ..” މިލާން ވަގުތުން ހޭން ފެށިއެވެ. އެއާއެކު ލައުރާ ސޯފާއިން ބާލީހެއް ނަގައި، މިލާންގެ ގައިގައި ޖެއްސެވެ.

“އަސްލު އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން އަޒާންއާ ލައުއާ ގުޅިދާނެ ކަމަކަށް.. ރަށުގަ އުޅުނު އިރު ދުވަހަކު ވާހަކަ ދައްކާ ތަންވެސް ފެނުނު ދެމީހުންނެއް ނޫން ވިއްޔަ.. އެކަމަކުވެސް ވަރަށް އުފާވެއްޖެ ލައުވެސް ދެން މީހަކާ ގުޅެން ނިންމީމަ.. އަޒާންއަކީ ވަރަށް ރަނގަޅު ކުއްޖެއް.. އަހަންނަށް ޔަގީން އޭނަ ލައުއަށް ދެރަ ގޮތެއް ނުހަދާނެކަން.. އައިމް ވެރީ ހެޕީ ފޯރ ޔޫ ލައު..” މިލާންގެ ވާހަކައިން ލައުރާގެ ހިތަށް ފިނިކަން ލިބުނެވެ. ހީކުރި ގޮތާ ޚިލާފަށް އެކުވެރި އެންމެންގެ ފަރާތުންވެސް އެ ގުޅުމަށް އެއްބާރުލުން ލިބުނީތީ އިންތިހާއަށް އުފާވިއެވެ.

“ތެންކިއު ތެންކިއު މިއްލު.. ހޫމް ދެން އަހަރެންގެ ވާހަކަ ބާއްވާފަ މިއްލު ބުނެބަ.. ޔައިއާ މެރީ ކުރި ފަހުން އަދި އަލަށް ދޯ މިއްލުއަށް މިގެޔަށް އާދެވޭ ވަރު ތިވީ.. ހަމަ އެހާ ބިޒީތަ ވައިފްއާ އެކީ..؟” ލާނެތްކަން މޫނުމައްޗަށް ވެރި ކުރުވަމުން، ލައުރާ މިލާންއާ ދިމާކޮށްލީ، ޔައިނާއާ މިލާންއާ ދޭތެރޭގައި ވާ އެއްވެސް ކަމެއް ނޭނގި ހުރެއެވެ. ލައުރާގެ އެ ސުވާލާއެކު މިލާންގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވީކަން ލައުރާއަށްވެސް ފާހަގަ ކުރެވުނެވެ.

“މިއްލު.. ހުރިހާ ކަމެއްވެސް ރަނގަޅުތަ..؟” މިލާންގެ ކޮނޑުމަތީ އަތް ބާއްވައިލަމުން ލައުރާ އެއްސެވެ. އެއާއެކު މިލާން ދެ އުޅަނބޮށި ކަކުލުގައި ވިއްދާލަމުން، ދެއަތުން މޫނު ފޮރުވައިލިއެވެ. “މިއްލޫ.. ބުނެބަލަ..” ލައުރާ އަނެއްކާވެސް އެދުނެވެ. އެއާއެކު، މިލާން ހަށިގަނޑު ސީދާކޮށްލަމުން، ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ލައު.. ލައުއަށްވެސް އެނގޭނު އަހަރުމެން ދެމީހުންގެ ކައިވެނި މީ ވަރަށް އެހެން ގޮތަކަށް ވީ ކައިވެންޏެއް ކަން.. ޔައިނާ އަހަންނަށް ބޭވަފާތެރިވީމަވެސް، އަހަރެން ޔައިނާއާ އިންނަން ޖެހުނީ އަހަރެންގެ މަޖުބޫރީ ހާލަތަކުގެ ސަބަބުން.. ޔާސިރުބެގެ ވަސިއްޔަތަކަށް ވާތީ.. ކައިވެނި ކުރެވުނަސް، ދެމަފިރިއެއްގެ ދޭތެރޭ އޮންނަން ޖެހޭ އެއްވެސް ކަހަލަ ގުޅުމެއް އަހަރުމެން ދެމީހުންގެ ދޭތެރެޔަކު ނޯވޭ.. ޔައިނާއާ ރީތިކޮށް ވާހަކަ ދެއްކުންވެސް އަހަންނަށް ވަނީ ވަރަށް އުނދަގޫ ކަމަކަށް.. ގިނަ ފަހަރަށް އަހަންނަށް އެއްޗެހި ބުނެވެނީވެސް ވަރަށް ބާރަށް.. އަސްލު އަހަރެންގެ އެ ނަފްރަތު އޭނާއަށް ޑިޒަރވް ވޭ.. އެކަމަކަު ނޭނގެ ކީއްވެ ކަމެއް.. އެގޮތަށް ކަންތައް ވާ ކޮންމެ ފަހަރަކު ފަހުން އަހަރެން ވަރަށް ގިލްޓީ ވޭ.. ހިތްވެސް ދެފަހަރު ބުނާނެ ދޭއްޗެކޭ.. އެއްފަހަރު ބުނާނެ ޔައިނާއަށް ތިހެން ހަދާށޭ.. އަނެއް ފަހަރު ބުނެފާނެ ޔައިނާގެ އެއްވެސް ކުށެއް ނެތޭވެސް.. އަހަންނަކަށް ނޭނގެ ދެން އަހަރެން ކަންތައް ކުރަންވީ ގޮތެއް.. މިހެން އުޅެން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ..” ހިތުގައިވީ ހުރިހާ އުދާސްތަކެއް މިލާން އެއްފަހަރާ ބޭރުކޮށްލިއެވެ.

މިލާންގެ ވާހަކަތައް އަޑު އެހުމަށްފަހު، ލައުރާވެސް އިނީ ޝޮކެއްގައެވެ. ޔައިނާ މިލާންއަށް ދިން ކެއްސަށްފަހު، މިލާން އުޅުނު ހާލު އެންމެ ކައިރިން ފެނިފައި ވާނީ ލައުރާއަށެވެ. ހިނގާ ދިޔަ ހުރިހާ ކަމަކަށް ފަހު، ޔައިނާއަށް އިތުބާރު ކުރަން މިލާންއަށް އުނދަގޫވާނެކަންވެސް ލައުރާއަށް އެނގެއެވެ. އެހެންނަމަވެސް، ކައިވެންޏަށް ފަހު އެ ދެމެދުގައި ވީ ގުޅުން މަޑުމަޑުން ބަދަލުވެގެން ދާނެކަމަށް ލައުރާއަށް ހީކުރެވުނެވެ. ހީކުރެވުނީ ކުށްހީއެއްކަން ލައުރާއަށް އިހުސާސްވީ ދެންމެއެވެ. މިލާންއަށް ދޭނެ ނަސޭހަތެއް ނުވަތަ ލަފައެއްވެސް އެވަގުތު ލައުރާގެ ހިތަކަށް ނައެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހައިގެން އިނުމެވެ. މިލާންގެ މަޤާމުގައި މިއަދު އޭނާ ހުރި ނަމަވެސް، ކަންތައް ކުރާނެ ގޮތް ޚުދު އޭނާއަށްވެސް ނޭނގޭނެކަން ޔަޤީނެވެ.

*** ** ***

ލައުރާގެ ގެއިން ކައިގެން ނުކުމެ، މިލާން ދިޔައީ އޮފީހަށެވެ. އޭނާ ހަވީރު ސައި ބޮއުނީވެސް ހޮޓަލަކުންނެވެ. ރޭގަނޑު ދިހައެއް ޖަހަންދެން އޭނާ އޮފީހުގައި ހޭދަކުރީ ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. ޔައިނާގެ ކުރިމައްޗަށް އަރާހިތް ނެތީމައެވެ. ގެއަށް ދާންވެގެން މިލާން އޮފީހުން ނުކުތީވެސް ދިހަގަޑި ބައިވީ ފަހުންނެވެ.

ގެއަށް ވަން ގޮތަށް އެންމެ ފުރަތަމަވެސް މިލާންގެ ލޮލުގައި އަޅައިގަތީ ސޯފާގައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ޔައިނާއެވެ. މިލާން ފެނުމާއެކު، ޔައިނާ ވަގުތުން ޓީވީ ނިއްވާލާފައި ކޮޅަށް ތެދުވިއެވެ. “މިލާން.. ކާންވީނު..” ނުކެރި ހުރެފައިވެސް، ޔައިނާ އެދުނެވެ. “އަހަރެން ބޭރުން ކައިގެން މި އައީ..” މިލާޏްގެ ޖަވާބު ފިނިވެފައި ކުރެވެ. ހަމައެކަނި އެހެން ބުނެލުމަށްފަހު، މިލާން ގޮސް ވަނީ ކޮޓަރިއަށެވެ. މިލާން ދިޔަތަން ބަލަން ޔައިނާއަށް ހުރެވުނީ ފެންކަޅިވެފައިވީ ލޮލަކާ އެކުގައެވެ. އެހެންނަމަވެސް، ނުރޮއެ ވޭތޯ އޭނާ ކެތް ކުރިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ގޮސް ކާ މޭޒުމަތީގައި ހުރި ތަށިތައް ދޮވެލިއެވެ. އޭނާ މިރޭ ނިންމައިގެން ހުރީ މިލާން ގެއަށް އައުމުން މިލާންއާ އެކީގައި ކާށެވެ. އެހެންނަމަވެސް، ކުރެވުނީ ކިހާ މޮޔަ ހީއެއްކަން ޔައިނާއަށް އިހުސާސްވީ ދެންމެއެވެ. ތަށިތައް ދޮވެލާފައި، މޭޒުމަތި ސާފުކޮށްލާފައި، ޔައިނާ ގޮނޑިއެއްގައި އިށީނދެ، ވިސްނައިލިއެވެ.

ކައިވެންޏަށް ހަތަރު މަސް ވެގެން ދިޔަ އިރު އެދެމެދުގައި އަނބިފިރިކަމުގެ އެއްވެސް ގުޅުމެއް ނުހިނގައެވެ. މިލާންގެ ފަރާތުން އަމާޒުވާ ހޫނު ބަސްތަކާއި، ހަމަލާތައް ކޮންމެ ދުވަހަކު ޔައިނާގެ ތޮރުފަމުން ދެއެވެ. އާއެކެވެ. އޭނާ މިލާން ދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. މިއީ މިލާން ކޮންމެ މަޤްސަދެއްގައި ކުރި ކައިވެންޏެއް ނަމަވެސް، މި ކައިވެނީގެ ގުޅުން ރަނގަޅުކޮށް، ކައިވެނި ދަމަހައްޓަން ޔައިނާ ބޭނުންވިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، ޔައިނާ ނިންމުމެއް ނިންމިއެވެ. އޭނާ މިރޭ މި ވާހަކަ މިލާންއާ ދައްކާނެއެވެ. އަބަދަކު އޭނާއަކަށްވެސް މިހެންނެއް ނޫޅެވޭނެއެވެ. އަންބަކު ފިރިޔަކަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމަޔަށް އޭނާ މިލާންއަށް ކޮށްދޭ އިރު، ފިރިޔެއްގެ ފަރާތުން އަނބިމީހާއަށް ލިބެން ޖެހޭ އެއްވެސް ޙައްޤެއް މިލާންގެ ފަރާތުން އޭނާއަކަށް ނުލިބެއެވެ. ވަރަށް ވިސްނުމަށްފަހު، ޔައިނާ ގޮނޑިން ތެދުވެގެން ގޮސް، ކޮޓަރިއަށް ވަނެވެ. އޭރު ސޯޓަކާ ޓީޝާޓަކާ ލައިގެން، މިލާން ފާޚާނާއިން ނުކުންނަނީއެވެ.

“މިލާން.. އަހަރެން ބޭނުން ވާހަކައެއް ދައްކައިލަން…” ނުކެރި ހުރެހުރެފައިވެސް، ޔައިނާ އެންމެ ފަހުން ބުނެލިއެވެ. “ބުނެބަލަ..” ޔައިނާއާ ދިމާއަށް ބަލައިލުމެއްވެސް ނެތި، މިލާން ބުނެލިއެވެ.

“މިލާން.. އަހަރުމެންގެ ކައިވެންޏަށް ހަތަރު މަސް ވެގެން ދިޔަ އިރުވެސް އަހަރުމެން ދެމީހުންގެ ދޭތެރޭގަ އެއްވެސް ގުޅުމެއް ނެތް.. އެންމެ ކުޑަމިނުން ދެ އެކުވެރިންގެ ދެމެދުގައި އޮންނަ ކަހަލަ ގުޅުމެއްވެސް ނެތް.. މިލާން އަހަންނާ ކައިވެނި ކުރީ މިގޮތަށް އުޅެންތަ..؟ މުޅި އުމުރަށް މިގޮތަށް އަހަރެން ގަނަތަޅުވަންތަ..؟ އަހަރެން މިލާންގެ އަބިމީހާގެ ގޮތުގައި މި ގެޔަށް އައި ފަހުން މިލާންއަށް ކޮށްނުދެނީ ކޮން ކަމެއް..؟ މިލާންއަށް ކައްކަދީ، މިލާންގެ އެއްޗެއްހި ދޮވެ އިސްތިރިކޮށްދީ، ގޭތެރެ ފޮޅައި ސާފުކޮށް.. އެކަމަކު މިލާންއަށް އަހަންނަށް ކޮށްދެވުނީ ކޮން ކަމެއް؟ ކުޑަމިނުން އަހަރެން ކައްކާ އެއްޗެއް މިލާންގެ އަރުތެރެއިން ދިރޭ ކަމަކަށް ވަނީކީ ނޫން.. މުޅި ދުވަހު ގޭގަ އަހަރެން އެކަނިމާއެކަނި މި އިންނަނީ.. އެކަމަކު މިލާންއަށް އޮފީހުން މިންޖުވެގެން އަހަންނާ އެކީ ހޭދަކޮށްލާނެ ވަގުތެއް ނުލިބޭ. ނުވިތާކަށް ގެޔަށް އައުމާއެކު މިލާންގެ ކަމަކީ އަހަންނާ ދިމާއަށް އެއްޗެހި ކިޔުން.. ޕްލީޒް މިލާން.. އަހަންނަކީވެސް އިންސާނެކޭ.. ހަމަ އަންހެން ކުއްޖެކޭ އަހަންނަކީވެސް.. އަހަރެންގެ ހިތަށްވެސް ތަދުވެޔޭ.. ކީއްވެތަ މިލާން އެކަން ނުދަންނަނީ..؟ މިގޮތަށް ދެ ބީރައްޓެހިން ހެން އުޅެންޏާ ކީއްކުރަން މިލާން އަހަންނާ ކައިވެނީ ކުރީ..؟” ހިތުގައި އޮތް ހުރިހާ އެއްޗެއް ދުލާ ހަމަޔަށް ގެނައުމުގައި ޔައިނާ ކާމިޔާބު ކުރިއެވެ.

ޔައިނާގެ ވާހަކަތައް ނިމުނު އިރު، މިލާންގެ ދެލޮލުގައި އަނދަމުން ދިޔައީ ނަފްރަތުގެ އަލިފާނެވެ. އެ ރުޅިވެރިކަމުން ފުރިގެންވީ ދެލޮލުން ޔައިނާއަށް ބަލަން ހުރި ގޮތުން، ހީވީ ދެންމެ ދެންމެ ޔައިނާ ފިއްސާލަފާނެ ހެންނެވެ. ލަސް ފިޔަވަޅުތަކެއްގައި މިލާން ޔައިނާއާ ދިމާޢަށް އަންނަން ފެށުމުން ޔައިނާއަށް ބިރުން ފަހަތަށް ޖެހެވުނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް، ފާރުގައި ޖެހުމާއެކު، ބިރުވެރިކަމުން ޔައިނާޣެ ހިތް ފުރިގެން ދިޔަ ކަމެވެ. މިވަގުތު މިލާން އައިސްފައި ހުރި ރުޅި އަންދާޒާ ކޮށްލަންވެސް އޭނާއަށް ދައްޗެވެ.

މިލާން އައިސް ޔައިނާގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކުރުމުން ޔައިނާއަށް ބިރުން ގޮސް ދެލޯ މަރައިލެވުނެވެ. އައިސްފައި ހުރި ރުޅިއާ އެކީ، މިލާން އެއް އަތުން ޔައިނާގެ ދެކޮލުގައި ހިފައި، ބާރުކޮށްލިއެވެ. އެއާއެކު، ވީ ތަދުން ޔައިނާގެ ދެލޮލަށް ކަރުނަތައް ޖަމާވާކަށް އިރުކޮޅެއްވެސް ނުނެގިއެވެ. ވަގުތުން މިލާންގެ އަތުގައި ހިފަހައްޓާ، އެ އަތް ދުރުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިލާންގެ ކުރިމަތީގައި ޔައިނާ ކުރަމުން ދިޔަ ހިތްވަރު އެކައްޗަކަށްވެސް ނުވިއެވެ.

“ކަލޭ ލަދެއް ނުގަނޭތަ ކައިވެންޏޭ އަނބިމީހާގެ ޒިންމާތަކޭ ކިޔައިގެން އައިސް މަގޭ ކުރިމަތީ އަނގަ ގަދަ ކުރާކަށް..؟ އޭނ..؟ ހިލޭ ފިރިހެނުންނާއެކީ ހެއްދެވި ނުހެއްދެވި ގޮތަށް އުޅެފަ އައިސް މަށަށް ކައިވެނީގެ ހައްގުތައް ކިޔައިދޭން ކަލޭ ތީ ކާކު..؟ މަ ކަލެއަށް ގޯސްވާ ވާހަކަ ކަލޭ ދައްކާ އިރު ކަލޭ އެއްފަހަރުވެސް ވިސްނާލިންތަ މަ އެގޮތަށް ކަލެޔާ ދޭތެރޭ ކަންތައް ކުރަން ޖެެހުނީ ކީއްވެގެންކަން..؟ އޭނ..؟! ވިސްނާލިންހެއްޔޭ؟!!” ބާރުބާރަށް ހަޅޭލަވައިގަނެފައި، މިލާންގެ ޔައިނާގެ މޫނުން އަތް ދޫކޮށްލި އިރު، ޔައިނާގެ މޫނުމަތި ވަނީ އެކީހެން ރަތްވެފައެވެ. އެ ބޮޑު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ އިރު، ގިސްލުމުގެ އަޑު އެންމެ ހިނދުކޮޅަކަށްވެސް ކެނޑިގެނެއް ނުދެއެވެ. ނަމަވެސް، އެ މަންޒަރުން މިލާންގެ ހިތަށް އެއްވެސް އަސަރެއް ކުރިހެންނެއް ހިޔެއް ނުވެއެވެ.

“ވަރަށް ބޭނުން ދޯ ބަލަން އަހަރެން ޔައިނާއާ ކައިވެނި ކުރީ ކީއްވެގެންކަން؟ ވަރަށް ބޭނުން ދޯ އެނގެން؟ ޔައިނާ ހީކުރީ އަހަރެން ޔައިނާއާ އިނީ ޔައިނާއަށް އިތުރު ފުރުސަތެއް ދޭންވެގެން ކަމަށްތަ؟ ތިހާ އެނގެން ބޭނުމިއްޔާ އަޑު އަހާ.. އަހަރެން ޔައިނާއާ އިނީ އެއީ ޔައިނާގެ ބައްޕަ މަރުވުމުގެ ކުރިން އަހަރެންނަށް ކުރި ވަޞިއްޔަތަކަށް ވާތީ.. ޔާސިރުބެ ނިޔާވުމުގެ ކުރިން އަހަރެންގެ ކިބައިން އެދުނީ އެހެން މީހެއްގެ ބެލުމުގެ ދަށަށް ޔައިނާ ދިޔަ ނުދީ، އަހަރެންގެ ބެލުމުގެ ދަށުގައި ޔައިނާ ބަހައްޓައިދިނުމަށް.. އެއީ އަހަރެންގެ ބައްޕައެއް ކަހަލަ މީހެއް.. ވީއިރު ޔާސިރުބެ އަހަރެންގެ ކައިރިން އެދުނު އެދުމާ ބޮލާލައި ނުޖަހަން ވެގެން އަހަރެން ޔައިނާއާ އިނީ.. އެއީ ކޮންމެހެން އަހަރެން ޔައިނާ ދެކެ ލޯބިވާތީ، ޔައިނާއަށް އިތުރު ފުރުސަތެއް ދޭންވެގެން އަހަރެން ކުރި ކަމެއް ނޫން.. އެހެންވީމަ ދެންވެސް ޝަކުވާ ނުކޮށް މައިތިރި ވެގެން ހުރޭ.. އަހަރެން ނުދެކެން ތީ އަހަރެންގެ އަނބިމީހާ ކަމަކަށް.. ތިހާ ފެންވަރު ދަށް، އަގެއް ނެތް އަންހެނަކާ ދިމާއަށް އަހަރެންގެ އަންހެނުންނޭ ބުނަންވެސް ލަދު ގަނޭ.. ތިކަހަލަ ގޮތެއް ފޮތެއް ނެތް މީހަކާ ކައިވެނި ކުރުން އެއީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެޔަށް ވެއްޓުނު ކަމެއް..” އައިސްފައި ހުރި ރުޅީގައި، ހިތަށް އައިހާ ހުރިހާ އެއްޗެއް ޔައިނާއާ ދިމާއަށް ގވައިލެވުނު އިރު، މިލާނަށް އެކަން ރޭކާވެސް ނުލިއެވެ.

“ހެޔޮނުވާނެ ހުއްޓާލަބަލަ!! އަހަންނާ ދިމާއަށް ލަދުކުޑައޭ ގޮތްކުޑައޭ ގޮތެއް ފޮތެއް ނެތޭ ބުނާ އިރު މިލާން ކީއްތަ ވާނީ އެންމެ ފަހަރަކުވެސް އަހަރެންގެ ވާހަކަވެސް އަޑު އަހައިލިއްޔާ؟! އޭނނ؟! މިލާން ކީއްތަ ވާނީ އަހަންނަށް އިތުބާރު ކުރިއްޔާ؟؟ އެންމެ ފަހަރަކުވެސް މިލާން ހަމަޖެހިލައިގެން އަހަރެން ދެއްކި ވާހަކަ އަޑު އެހި ނަމަ މިއަދު މިހެންނެއް ނުވީސް.. އަހަންނަށް އިތުބާރު ނުކުރާތީ-” ޔައިނާގެ ވާހަކަ ނިމުމުގެ ކުރިން މިލާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އިތުބާރޭ..؟ އިތުބާރޭ ކިޔާ އަނގަ ހުޅުވަން ޔައިނާ ލަދެއް ނުގަނޭތަ..؟! ހިލޭ ފިރިހެނަކާ އެކީ ޔައިނާ އޮއްވާ ލޮލުން ދެކި އަތުން ހިފުނީމަވެސް އަދިވެސް މަ ވީ ޔައިނާއަށް އިތުބާރު ކުރަންތަ..؟! އައި ކޯޓް ޔޫ އިން ދަ އެކްޝަން ޔައިނާ!! ފޭސް އިޓް!! ޔޫ އާރ އަ ޗީޓަރ އެންޑް އަ ޑިސްގްރޭސް ޓޫ އެވްރީވަން ހޫ ނޯވސް ޔޫ!!” އެހެން ބުނުމަށްފަހު، އިތުރަށް އެންމެ ސިކުންތެއްވެސް އެތަނުގައި މަޑު ނުކޮށް، މިލާން އެތަނުން ނުކުމެގެން ދިޔައީ، ކޮޓަރީގެ ދޮރު ބާރުބާރަށް ޖަހާފައެވެ.

މިލާން ނުކުމެގެން ދިޔުމާއި އެކު، ޔައިނާގެ ބަޑި ފަޅައިގެން ދިޔަ ކަހަލައެވެ. ބާރު ބާރަށް ރޮވެން ފެށުނު އިރު، ދެކަކޫ މައްޗަށް ތިރިވެވުނެވެ. އެ މޭގައި އިންތިހާއަށް ވޭން އަޅަމުން ދިޔުމާއެކު، ދެއަތުން މޭމަތީގައި އަތް އަޅައި، ބާރުކޮށްލެވުނެވެ.

މިލާން އެ ބުނީ ތެދެއް ހެއްޔެވެ؟ މިލާން ޔައިނާއާ އިނީ ޔައިނާގެ ބައްޕަގެ އެދުމުގެ މަތީން ހެއްޔެވެ؟ އޭނާގެ ބައްޕަ މިލާންއާ އޭނާ ހަވާލު ކުރާނީ، މިލާނަށް ހާދަ އިތުބާރެއް ކޮށްފައިހެއްޔެވެ؟ އެހެންނަމަވެސް، މިއަދު މިލާންގެ އަނބިމީހާގެ މަޤާމުގައި ހުރެ، އޭނާ ތަހައްމަލު ކުރަމުންދާ ވޭން ބައްޕައަށް ފެނިއްޖެ ނަމަ، ބައްޕަ ހާދަ ދެރަވާނެއެވެ. ބައްޕަގެ އެދުމުގެ މަތީން ވިޔަސް، ޔައިނާއާ ކައިވެނި ކޮށް، ހިތު ހުރިހާ ގޮތަކަށް ޔައިނާއާ ދޭތެރޭ މިލާން ކަންތައް ކުރަމުން ދިޔައީތީ، ފުރަތަމަ ފަހަރަށް ޔައިނާގެ ހިތުގައި މިލާންއާ ދޭތެރޭ ނަފްރަތު އުފެދުނެވެ. މި ހުރިހާ ދުވަހު މިލާންގެ އެ އަނިޔާއަށް އޭނާ ކެތް ކުރީ، ވެ ނިމިދިޔަ އެއްވެސް ކަމެއްގެ ޙަޤީގަތް މިލާންއަށް ނޭނގޭތީ ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. ނަމަވެސް، އެންމެ ފަހަރަކުވެސް ޔައިނާގެ ވާހަކަ މިލާން އަޑު އެހިއްޔާ ވާނީ ކީއްހެއްޔެވެ؟ ކުޑަކޮށް ނަމަވެސް ޔައިނާޢަށް އިތުބާރު ކުރިއްޔާ ވާނީ ކީއްހެއްޔެވެ؟ މިލާންއާ ދޭތެރޭގައި ޝަކުވާއިން ފުރެމުން ދިޔަ އެ ބަލިކަށި ހިތް ހީވީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެ ހެންނެވެ. ވިސްނުމާއި، ފިކުރު ކުރުމާއި، ރުއިމުގައި ވަގުތު ހޭދަކުރަމުން ދިޔަ ޔައިނާ، ގައިން ވަރު ދޫވެ، މުށިތަކުގެ މައްޗަށް ވެއްޓުނީ އިރުކޮޅެއް ފަހުންނެވެ.

*** ** ***

އާޓިފިޝަލް ބީޗުގެ ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން އިން މިލާން އިނީ އުދަރެހަށް ނަޒަރު ހުއްޓާލައިގެންނެވެ. އިސާހިތަކު، އެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ކުރެވޭ ކަންތައްތަކާއި، ބުނެވޭ ބަސްތަކާއި ދޭތެރޭގައި މިލާނަށް ވިސްނެނީ މާ ފަހުންނެވެ. އޭނާ މިހާ ރުޅި ގަދަ، ހިތް ހަރު މީހަކަށްވީ ކޮން އިރަކު ހެއްޔެވެ؟ ގަސްތަކާ ނުލައި ކަމުގައި ވީ ނަމަވެސް، ޔައިނާއަށް އަތް އިސްކުރެވުނީތީ މިލާންގެ ހިތަށް އިންތިހާއަށް ތަދުވަމުން ދިޔައެވެ. އެހީ، އެއީ އަދިވެސް މިލާންގެ އަލަތު ލޯތްބެވެ. އަލަތު އަނބިމީހާއެވެ. އެ ޙަޤީގަތެއް ބަދަލެއް ނުކުރެވޭނެއެވެ.

“ހެޔޮނުވާނެ ހުއްޓާލަބަލަ!! އަހަންނާ ދިމާއަށް ލަދުކުޑައޭ ގޮތްކުޑައޭ ގޮތެއް ފޮތެއް ނެތޭ ބުނާ އިރު މިލާން ކީއްތަ ވާނީ އެންމެ ފަހަރަކުވެސް އަހަރެންގެ ވާހަކަވެސް އަޑު އަހައިލިއްޔާ؟! އޭނނ؟! މިލާން ކީއްތަ ވާނީ އަހަންނަށް އިތުބާރު ކުރިއްޔާ؟؟ އެންމެ ފަހަރަކުވެސް މިލާން ހަމަޖެހިލައިގެން އަހަރެން ދެއްކި ވާހަކަ އަޑު އެހި ނަމަ މިއަދު މިހެންނެއް ނުވީސް..”

ކުއްލިއަކަށް މިލާންގެ ކަންފަތް ދޮށުގައި ގުގުމައިގަތީ ޔައިނާގެ އެ ވާހަކަތަކެވެ. އެ ދުވަހުގެ ހާދިސާއާ ދޭތެރޭ މިލާނަށް ފުރަތަމަ ފަހަރަށް ރަނގަޅަށް ވިސްނައިލެވުނެވެ. ޙަޤީގަތުގައިވެސް އެކަމުގައި ޔައިނާގެ ކުށެއް ނެތީހެއްޔެވެ؟ މިލާންގެ ލޯމައްޗަށް ފޮރުވިފައިވާ ޙަޤީގަތްތަކެއް އެކަމުގެ ފަހަތުގައި ވަނީ ހެއްޔެވެ؟

ވިސްނަމުން ދިޔަ ވަރަކަށް މިލާންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އެންމެ ފަހަރަކު ޔައިނާގެ ވާހަކަތައް އަޑު އަހައިލުމަށް އެވަގުތު މިލާންގެ ހިތް ބުނަމުން ދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. ވަގުތުން މިލާން ތެދުވެގެން ގޮސް، މާ ދުރު ނޫން ހިސާބެއްގައި ޕާކު ކޮށްފައި އޮތް އޭނާގެ ކާރަށް އެރިއެވެ. އެއަށްފަހު، ހަލުވި ދުވެލީގައި މިސްރާބު ޖެހީ، އަވަހަށް ގެޔަށް ދެވޭތޯއެވެ.

*** ** ***

މަޑުމަޑުން އެސްފިޔަތައް ތަޅުވައިލުމަށްފަހު، ޔައިނާ ދެލޯ ހުޅުވައިލިއެވެ. ތަޅުންގަނޑުގައި އަތް ވިއްދައިލަމުން، އުނދަގޫކަމާއެކީ ނަމަވެސް، ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އަދިވެސް ބޮލުގައި މަޑު ރިހުމެއް ހުރުމާއި އެކު، ކޮޅަށް ތެދުވުންވެސް ޔައިނާއަށް ވީ އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް، ފާރުގައި އަތް ވިއްދާލައިގެން ޔައިނާ ކޮޅަށް ތެދުވެ، ދެ އަތުން މޫނު ފުހެލިއެވެ. ގޭގެ ބެލް އެޅި އަޑު ޔައިނާއަށް އިވުނީ އެވަގުތެވެ. ޔަގީނެވެ. މިލާން ގެޔަށް އައީއެވެ. އެހެން ހިތަށް އެރުމާއެކު، ޔައިނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުމެ، ގޭ ދޮރު ކުރިމަތީގައި ހުއްޓުނެވެ. ފުން ނޭވާއެއް ދޫކޮށްލީ މިލާންއާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވައިލި އިރު ފެނުނު ސޫރަ އަކުން، ޔައިނާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. މުޅި ހަށިގަނޑު ރޫރޫ އަޅައިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. ބިރުވެރިކަމުން އެ ހިތް ވަށައިލެވުނު ކަހަލައެވެ. އެ ނާޒުކު ވަގުތުކޮޅު، ޔައިނާގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތީ އެންމެ ނަމެކެވެ.

“ޝިޔަލް…”

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. vempire girl

    Maasha Allah mi part vx varah varah reethi. Next part kiyaalan libeyny konirakun??? Thankolheh avahah genes dhehchey. Alhey e shiyal gandu e aii kyhkuran thr? Yaina nikan court ah mahssala laa eynage kusheh neiikan milaan ah angabala. Once again mi part vx varah varah reethi 🤗

    💞💞💞 LYSM 💞💞💞

    1. Nayaa
      vempire girl

      thank youuuusm vempire girl <333
      next part maadhamaa submit kohlaanan insha allah..
      shiyal ai beynumeh ingeyne next part ga.. lets wait for it dho
      hehe thy vrh rangalhu idea eh hama.. lets see dhen vaa gotheh dhw
      once again tysm dear <333
      lym <33333

  2. Rifoo

    Masha Allah mi part vx varah reethi.next part kiyaalan libeyni kon irakun..hama inthizaaru ga hutta kuhli akah up vefa in than fenunma varah ufaa vi.once again mi part varah vx reethi
    Lysm nayaa

    1. Nayaa
      Rifoo

      thank youu rifoo <33
      next part mihaaru liyany mi hama.. insha allah maadhamaa submit kohlaanan
      lym darlx <333

  3. Anonymous

    Dhen abadhu yaina ah dheragoiy vanee kyhvetha

    1. Nayaa
      Anonymous

      dhiri ulhumakee abadhu ufaaveri vumeh noonennu.. laura ves varah gina dhuvahu hithaamaiga ulhunu.. ekamaku allah iraadha kurevveethee laura ge kehtheri kamuge sababun laura ah ves ufaaverikan libuny.. azaan ah ves ufaaverikan libuny.. zaaraa aa afaan ah ves.. yaina ves varah ufaluga ulhunu dhuvas thakeh dhiya ennu.. adigandakah fahu usgandeh annaane.. hama egothah usgandakah fahu adigandeh ves annaane.. thats how life goes on.. insha’allah adhi yaina ge dhiri ulhun ves konmes dhuvahakun varah ufaaveri vaane.. e dhuvas othy maa dhuraku noon.. hingaa e dhuvahakah inthizaaru kuramaa dhw <333

  4. Aal

    Milan ah hageegai ingeyne irehge inthizaaru ga mihury yai haadha dhera vaaney…..mi part ves vrh reethi…. can’t wait for next part darl

    1. Nayaa
      Aal

      nayaa ves mi inthizaaru kurany milaan ah hageegaiy engeyne dhuvahakah.. hehe
      varah bodah shukuriyaa Aal <333
      next part miadhu mendhuru submit kohlaifin.. admin approval libunuhaa avahakah kiyaalan libeyne <3

  5. imko 💕💕

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Can’t wait for next part 💕

    1. Nayaa
      imko 💕💕

      thank youuu sm imko <333
      next part mendhuru submit kohlaifin.. admin approval libunuhaa avahakah kiyaalan libeyne <333

  6. Ifoo

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Nayaa
      Ifoo

      shukuriyyaa ifoo <333
      next part sibmit kohlaifin

  7. Yaal

    thank you so much darling.. how was ur exam? BTW mi part ves hama varah obi❤️ as always.. miee mi site in emme inthizaaru kurevey vaahaka😊

    1. Nayaa
      Yaal

      thank youuuu Yaal <333
      exam hama varah salhi alhamdhulillah.. insha allah mock exam adhi mi exam ah vure rangalhu vaane
      awwwnn thats sooo sweet dearr <333

  8. Lulu

    Alhe noon.. mifaharu ves milaan anna gadeega drama kulhentha e Shiyal gandu e aee😡 I hate you, Shiyal. I hate Milan too.. that’s too much.. I meee Yaina nama mihaaru Milan ulhey thanehga nuves hunnaanan.. 😭😭😭

    1. Nayaa
      Lulu

      dhen hingaa dhw vaa gotheh balamaa.. dhen anna part in engigen dhaane dhen vaa gotheh
      lets see dhw yaina kanthah kuraa gotheh.. dhen vaahaka kuriyah dhaa varakun engidhaanethaa.. thanks for the comment Lulu <333

Comments are closed.