އަރައިގެން އައި އިރުގެ ރަން ދޯދި ތަކުން މުޅި ރަށް ވަނީ އަލިކޮށްލާފައެވެ. ދުނިޔެއާއި ވާދަޔަށް ދުވާނޭ ވިލާކޮޅެއްހާ ހިސާބުވެސް އުދަރެހުން ފެންނަން ނެތެވެ. ދެތިން ގެއަކުން އަންހެންވެރިން ނުކުމެ ގޯދަށް ކުނިކެހުމުގައި އަވަދިނެތި އުޅެއެވެ. އަތިރިއާ ދިމާލުން އެހެން ގެ ތަކާއި އެކަހެރިކޮށް ހުރި ގެއެއްގެ ބޭރުގައި އިރު އަރާ މަންޒަރު ބަލަން އަންހެން ކުއްޖެއް ހުއްޓިލައިގެން ހުއްޓެވެ. ގެ ވަށައިގެން ގަސްތައް ބޯކޮށް ހެދިފައި ވީނަމަވެސް، އެންމެ ފަތެއްހާ ހިސާބުވެސް ފެންނަން ނެތެވެ. ކުނިކަހާ ލާފައި ވަނީ އެހާވެސް އޮމާންކޮށެވެ. ސާދާ ގޮތަކަށް ހެދުން އަޅައިގެން، އާދައިގެ ބުރުގަލެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާ ބަލާބެލުމަށް ހީވަނީ އަށާރަ، ނަވާރަ އަހަރު ވެދާނެ ހެންނެވެ. ހިމަ ތޮޅި ހަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދަނީ ނިމުމެއްނެތް ހިނިތުންވުމެކެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުން އެ ހިނިތުންވުން ނިގުޅައިގަތީ އެ ގެއާދިމާލުން މޫދަށް ފޭބި ފިރިހެން ކުދިން ތަކެކެވެ. ދިގު އެސްފިޔަތަށް ފޫދުއްވާލީ ހޫނު ކަރުނަ ތިއްކަކުންނެވެ. އެ ކުދިން ފެނުމާއެކު މަޑުމަޑުން އިސްޖަހާ ގޭތެރެއަށް އެ ކުއްޖާ ވަނެވެ.
“ބައްޕާ. ހޭލާތަ؟ އަޅުގަނޑު ހީކުރީ އަދި ބައްޕަ ނުހޭލާނެ ކަމަށް.” ގެއަށް ވަތް އިރު އުނދޯލީގައި އިން އޭނާގެ ބައްޕަ ފެނުމުން ލޯ ފުހެލާ ބައްޕައާ ވާހަކަ ދެއްކިއެވެ. “ބައްޕަ ފަތިސް ނަމާދަށް ގޮސް އައިސް ދަރިފުޅު ބަދިގޭގަ އުޅޭތީ ނުގޮވާ މިތާ އިނީމި. ހިނގާ ދެން ބައްޕަ އާއެކު ސައި ބޯން.” ރަޝީދު އުނދޯލިން ތެދުވެ ކާގެއާ ދިމާލަށް ހިނގައިގަތެވެ. އެ ގެއަކީ ރަށުގެ އެހެން ގެ ތަކާ ޚިލާފަށް ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެއް ނޫނެވެ. ގެއާއި ބަދިގެއާ ހުންނަނީ ވަކިންނެވެ. ރަޝީދުގެ އަންހެނުން އަދި އަނާޔާގެ މަންމަ ޝަފީގާ ވަނީ އަނާޔާ ގެ އުމުރުން 6 އަހަރުގާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ކެންސަރު ބަލީގައި ފަރުވާ ކުރެވޭނެ ވަރުގެ ތަނަވަސް ކަމެއް ނެތި ފަސް އަހަރު ދުވަސް ހޭދަކުރުމަށް ފަހުގައެވެ. ޝަފީގާގެ ވަކިވުމާއެކު އަނާޔާ ބަލާ ބޮޑުކޮށް ރަށުން ކިޔެވެން ހުރި ވަރަކަށް ކިޔަވައިދިނީ ރަޝީދުއެވެ.
ދެބަފައިން އެކުގައި ހެނދުނުގެ ނާސްތާ ނެގުމަށްފަހު ރަޝީދު މިސްރާބުޖެހީ ބަނދަރާއި ދިމާލަށެވެ. ރަޝީދަކީ އެ ރަށުގައި ހުރި އެންމެ ކުޅަދާނަ މަސްވެރިޔާއޭ ބުނުމަކުން މުޅިޔަކުން ދޮގެއް ނުވާނެއެވެ. އެތުރު ތިން ފަޅުވެރިންނާއެކު ރަޝީދު މަސްވެރިކަމަށް މޫސުން ރީތި ނަމަ ކޮންމެ ދުވަހަކު ވެސް ދެއެވެ. ހެންދުނު ދާގޮތަށް އެނބުރި ރަށަށް އަންނަނީ އޮއްސޭ އިރާއެކީއެވެ. އަނާޔާ އަކީ ރަށު މީހުންނާ ދުރުދުރުން އެކަނި އުޅޭ ކުއްޖަކަށް ވުމުން ރަޝީދު ރަށުގައި ނުހުންނަ ވަގުތުތަށް ގިނަފަހަރު އަނާޔާ ހޭދަކުރަނީ އަތިރިމަތީ ފޮތް ކިޔުމުގައެވެ. ރަށު ސުކޫލުން ޖީ.ސީ.އީ އޯ ލެވެލް ނިންމާލީ ރާއްޖެއިން އެއްވަނަ އާއެކުއެވެ. ރަށަކީ ކުޑަ ރަށެއް ކަމުން ވަޒީފާގެ ފުރުސަތެއް ހުޅުވާލަނީ ވެސް ހާހަކުން ފަހަރަކުއެވެ. އަނާޔާ ސުކޫލް ނިމުން ފަހުން ތިން އަހަރު ފާއިތުވެ ދިޔައިރުވެސް ރަށުން ވަޒީފާއެއް ނުލިބެއެވެ.
ގަޑިން މެންދުރު އެގާރަ ގަޑި ބައި ވީއެވެ. އަތިރިގައި އިން އުނދޯލީގައި ފޮތްކިޔަން އިން އަނާޔާ އުނދޯލިން ތެދެވެ ގެއާ ދިމާލަށް މިސްރާބުޖެހީ ނަމާދު ވަގުތު ކައިރި ވާތީއެވެ. އޭނާ ފެންވަރައިގެން ނުކުތް އިރު ބަންގި ގޮވަނީއެވެ. ނަމާދަށް ތައްޔާރު ވެލުމަށްފަހު ހަލުވި ފިޔަވަޅު ތަކެއްގައި އަނާޔާ މުޞައްލަ ހިފައިގެން މިޞްރާބުޖެހީ ރަށު އަންހެނުންގެ މިސްކިތާ ދިމާލަށެވެ. ފަސްވަގުތު ނަމާދަށް މިސްކިތަށް ދިޔުމަކީ އޭނާގެ އާދައެވެ. ރަމަޟާން މަހު ނޫނިއްޔާ އަންހެނުންގެ މިސްކިތުގައި ނަމާދު ކުރަނީ އަނާޔާ އާއި މިސްކިތުގެ މުދިމު ހައްވައްތަ އެކަންޔެވެ. އެހެންކަމުން ހައްވައްތަ އާ އަނާޔާ އާ އުފެދިފައި ވަނީ ގާތް ގުޅުމެކެވެ. ކޮންމެ ނަމާދަކަށް ފަހުވެސް ޒިކުރު ކިޔާ ޤުރުއާން ކިޔެވުމަށް ގަޑީރެއްހާއިރު އަނާޔާ މިސްކިތުގައި ހޭދަކުރެއެވެ.
ހައްވައްތަގެ ގެ ހުންނަނީ އަނާޔާގެ ގެ ހުންނަ މަގުގައި ކަމަށް ވުމުން ދެމީހުން އެކުގައި މިސްކިތުން ފައިބެ ހައްވައްތަގެ ގެއާ ހަމައަށް އައީ ވާހަކައިގައި ހުރެއެވެ. ބަސްއަހައިގެން ގެއަށް ދިނުމަށް އަނާޔާއަށް އިރުޝާދު ދިނުމަށްފަހު ހައްވައްތަ ގެއަށްވަނެވެ. އިސްޖަހާލައިގެން މަޑު ހިނގުމެއްގައި ގެއާ ދިމާލަށް ދިޔަ އަނާޔާގެ ފިޔަވަޅަށް ހުއްޓުމެއްއައީ އޭނާގެ ކުރިމައްޗައް މީހަކު އެރުމުންނެވެ. އިސް އުފުލާ ބަލާނުލާ އަރިއަކަށްޖެހި ކުރިޔަށް ހިނގައިގަތީ ފިރިހެނެއް ވީމަކަމަށް ވެދާނެއެވެ. “އައްސަލާމް އަލައިކުމް” އެ ޒުވާނާ އަނެއްކާވެސް އައިސް އަނާޔާގެ ކުރިމައްޗައް އެރިއެވެ. “އެ ކޮޅުގަ އެ ހުރި ގޭގެ މީހުންނާ އަޅުގަނޑު ބައްދަލު ކޮށްލަން ބޭނުން.” ޒުވާނާ އަތުގެ އިޝާރާތުން ދެއްކީ އަނާޔާގެ ގެއެވެ. ރީތިކަމެއް ލިބިފައި ހުރި އިސްކޮޅުން ދިގު ޒުވާނެކެވެ. ބައިމަތި ފުޅާ ރޫފަ ރަނގަޅު ހަށިގަނޑެއްގެ ވެރިއެކެވެ. “އެ..އެ.. ކީއްކުރަންތޯ؟” ހުއްޓުން އަރަމުން އަނާޔާ ޖަވާބު ދިން އިރު ބަލާން ހުރި މީހަކަށް ހީވާނީ އަނާޔާއަށް ބިރެއްފެނިފައި ހުރި ހެންނެވެ. “އެ ދިމާލުން މި އައީ. އެބަ ހުރި ވަރަށް ރީތި ގަސްތަކެއް. ގަންނަން ލިބޭ ތޯ ބަލާލަން.” އަނާޔާ ހުރިގޮތް ފެނި ހިނިތުންވަމުން ޒުވާނާ ޖަވާބު ދިނެވެ. “ނު..ނު.ނުވިއްކަން.” ބުނެވުނު އެއްޗެއްވެސް އަނާޔާ އަކަށް ނޭނގުނެވެ. އަރިއަކަށް ޖެހިލުމަށްފަހު ދުވެފައި ގޮސް އަނާޔާ ގެއަށް ވަތް މަންޒަރު ބަލަން އެ ޒުވާނާ ހުރީ ވީ ގޮތް ނޭނގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr?
Insha Allah next week ga genesdheynan. 🙂
Mi part vex varha reethi Masha Allah bless you doing this story
Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Thankyou.. Insha Allah vaahaka nimendhen genes dheynan 🙂