Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިނާ (3) 8

Annna Level 510 Stories100 Comments100 Login
November 21, 2023 7 Mins Read
5 Comments

އަށްވަނަބައި

ހިޝާންގެ ކިބައިން އައިނާ ޖަހައިގަންނަން ނައުފް ހުރީ ތައްޔާރަށެވެ. ނަމަވެސް އެދޭތެރެއަށް ނުވިސްނައިހުއްޓައި އިތުރު މުސީބާތެއް ނައުފްއަށް ކުރިމަތިވިހެން ހީވިއެވެ. ނައުފްގެ ހިތުގައި ވަނީ އެފުރާނަވެސް ދުއްވާލުމުގެ ނުރައްކާތެރި ވިސްނުމެވެ. ނައުފްގެ ސިކުނޑީގައި އެނބުރެމުންދިޔައީ މިކަހަލަގެ ގޯސް ވިސްނުންތަކެވެ. މިވަގުތު ނައުފް ފެނުނު މީހަކަށްވެސް ބިރުންގޮސް ރޫރޫ އަޅާނެއެވެ. ނައުފް މިވަގުތު ފެންނަނީ އެހާވެސް ނުރައްކާތެރިކޮށެވެ.

***

ދުވަސްތައް އޭގެބާރު މިނުގައި ފާއިތުވަމުންދިޔައެވެ. ދުވަހަކަށްފަހު ދުވަހެކެވެ. އެހެންގޮސް ހަފްތާއެއް ފާއިތުވިއިރު އައިނާ އާއި ހިޝާން ފުރަން ދެދުވަހަށް ވީއެވެ.

އާދުވަހަކަށް އިރުއެރީ އިސްރާ ބަދިގޭގައި ބުރަކޮށް ހަރަކާތްތެރި ވަމުން ދަނިކޮށެވެ. ވާނީވެސް އެހެންތާއެވެ. މެންދުރުގެ ކެއުމާއި ހަވާލުވެ އިނީ އިސްރާ ވިއްޔާއެވެ. މިކެއުމަށް ކްރިސްޓަލްގޭގެ ހުރިހާ އެންމެން ވެސް ބައިވެރިވެއެވެ. ސަބަބަކީ އެއާއިލާއަށް ލިބިފައިވާ ބޮޑު އުފަލެއްގެ ސަބަބުންނެވެ. އަނީލް އާއި އިސްރާ އުމުރުން ސަޅީސް ދެ އަހަރުގައި އަލަށް ކާފައާއި މާމަ ކިޔަން އުޅޭ ކުއްޖަކު ލިބޭތީ އެކަމުގެ އުފަލުގައެވެ.

ހެނދުނުގެ ވަގުތުގައި އައިނާ އޮތީ އެނދުމަތީގައި ބޯހިތްލާލަންވެސް ނުކެރިފައެވެ. ކިރިޔާ ބޯހިތްލާލިއަސް ހީވަނީ މުޅިތަން އެނބުރޭހެންނެވެ. މަންމައަށް އެހީވެދެން ދާން ކިތަންމެ ބޭނުންވިއަސް އައިނާއަށް ދެވޭގޮތެއްނުވިއެވެ.

ނަމަވެސް، މެންދުރު އަތަށް އެޅިއިރު އައިނާ ބޮލަށް ތަދުވުން ރަނގަޅުވިއެވެ. އެހެންވެ މަންމައަށް އެހީވެދޭން ބަދިގެ ފަރާތައް ނިކުތެވެ. ފެންވަރައި ތާޒާވެލައިގެން އައިނާ ބަދިގެއަށްދިޔައިރު އިސްރާ ހޭބޭނާރައި ބަދިގޭގެ މަސައްކަތުގައި އުޅުނެވެ. މަސައްކަތެއް ކުރަން އައިނާ އަތްލިއަ ވެސް ނުދިނެވެ. އެހެންވެ އައިނާ ޖެހުނީ ކިޗެން އައިލެންޑުގައި މަންމަ ކުރާކަމެއް ބަލަން މަޑުކުރާށެވެ.

ހުރިހާ އެއްޗެއް ރެޑީކޮށް އިސްރާ ނިންމާލިއިރު މެންދުރު ނަމާދަށް ބަންގިގޮވަން ފަންސަވީހަކަށް މިނެޓު ހުއްޓެވެ. އެންމެ ފަހުކަމަކަށް ސެލެޑު މޮޑެން އިސްރާ އެއްޗެހި ރެޑީކުރިއެވެ. އެއްޗެހިތައް ނަގާ އަތުރާނިމުނުއިރު އެންމެ މުހިންމު އެތި ނުގަނެވޭކަން ރޭކާލިއެވެ.

“އަޅޭ.. ސެލެޑު ކްރީމްއެއް ނުގަނެވުނު އެވަރުންވެސް…” އިސްރާ ކަންބޮޑުވެފައި ބުނެވުނެވެ.

“އަނާ.. ދޭބަ ބައްޕަ ނޫނީ ހިޝާންގެ މީހެއް ގޭގައި އުޅޭތޯ ބަލާލަން..” އިސްރާ ހާސްވެފައި ބުނެލީ ކެރެތެއްނަގައި އެ ކޮށާން ފަށަމުންނެވެ.

“މަންމާ.. މާދަންނު އަނެއްދުވަހު ފުރަންޖެހޭތީވެ އޮފީހު ކަމަކު ބައްޕަ އާއި ހިޝާންވީ އޮފީހުގަ..” އައިނާ ބުނެލިއެވެ.

“ގުޅާލަބަ.. އަވަސް..” ވަގުތު ޖެހޭއިރު ވެސް ސެލެޑު ތައްޔާރުނުވެދާނެތީވެ އިސްރާ ވަނީ ނިކަން ހާސްވެފައެވެ.

“އަހަރެން ގޮސްފާނަން..” އައިނާ ބުނެލިއެވެ.

އިސްރާ ވަގުތުން ދެކޮޅު ހެދިއެވެ. ސަބަބަކީ އެއީ ތަންކޮޅެއް ދުރުގައި ހުންނަ ފިހާރައަކަށް ވުމާއެކު އައިނާ ބަލިވެ އުޅޭއިރު ވަކިން ވެސް އަދި އެންމެ ބަލައިގެން އުޅެން ޖެހޭ ދުވަސްކޮޅު ވުމުންނެވެ.

“އޯކޭވާނެ މަންމާ.. އަންނާނަން ގޮއްސަ..” އައިނާ މިހެންކިޔާފައި ކޮޓަރިއަށް ދާން ނިކުތީ ސައިކަލުގެ ތަޅުދަނޑި ބަލައެވެ. ހިތާއި ދެކޮޅަށްވިއަސް ވެސް އިސްރާޖެހުނީ އައިނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ.

އައިނާ ކޮޓަރިއަށްވަދެ އެންމެ ފުރަތަމަ ވެސް ހެދުން ބަދަލުކޮށްލީ ބޭރަށްދާއިރު ލާން ގެންގުޅޭ ހެދުމަކަށެވެ. އަދި ބުރުގާ ބަދަލުކޮށް ކުޑަކޮށް ރީތިވެލައިގެން އައިނާ އަވަހަށް ނިކުތީ ބަންގިގޮވުމުގެ ކުރިއަށް ފިހާރައާއި ހަމައަށް ފޯރާތޯއެވެ.

އައިނާ އޭނާގެ ސްކޫޕީ ސައިކަލު ގަރާޖުން ނެރިފައި އިސްޓާޓު ކޮށްލިއެވެ. އަދި ހުންގާނު އަނބުރާލައި ސައިކަލު ދުއްވާލިއެވެ. ތާރު މަގުންލާފައި އައިނާ ދިޔައީ އެހެންޏާ ދުއްވާވަރަށްވުރެ ތަންކޮޅެއް ބާރަށެވެ. ބަންގިގޮވަން ގިނަ ވަގުތު ނެތުމާއެކު ވެސް މެއެވެ.

ވަކިހިސާބަކަށް ދިޔަތަނުން ކުއްލިއަކަށް އައިނާ ބްރެކި ޖައްސާލަން ޖެހުނީ ކުރިމަތީ އިން ގޯޅިއަކުން ބާރުބާރަށް ނިކުތް ސައިކަލެއްގެ ސަބަބުންނެވެ. އެސައިކަލު ދުއްވަންހުރިމީހާ ހުށިޔާރު ކަމާއެކު އައިނާ ނައްޓާފައި ދިޔައެވެ.

ނަމަވެސް، އައިނާ އަކަށް ސައިކަލު ކޮންޓްރޯލެއް ނުކުރެވުނެވެ. ބުރެއްކަށް ފިތާފިތާ ވެސް އެމަސައްކަތެއް ނުކުރިއެވެ. އައިނާ ހާސްވެ ބިރުގަންނަން ފެށިއެވެ. ހަދާނެގޮތް ހުސްވިއެވެ. ކުއްލިއަކަށް ބުރެކި ފެއިލްވާންވީ ސަބަބެއް އައިނާގެ ސިކުނޑިއަކަށް ނުވަނެވެ.

އެންމެ ފަހުން އަޝްހާއާއި އެއްކޮށް ހޮސްޕިޓަލަށް ދިޔަދުވަހުވެސް އެސައިކަލު ބަރާބަރު ވިއްޔާއެވެ. ހާސްވެފައިއިން ވަރުން އައިނާއަށް ހެދޭ ނުހެދޭގޮތް ވެސް ނޭނގެއެވެ. ސައިކަލު ހުއްޓުވާނެ ގޮތެއް ސިކުނޑިއަކަށް ނުވަނެވެ. ބިރުންގޮސް އައިނާގެ އަތް ވެސް ތުރުތުރު ލާންފެށިއެވެ.

އެހެން ހާސްވެއިނދެ ސައިކަލު ހުއްޓުވޭތޯ އެކިއެކި ކަންކަން ކުރެވޭތޯ އައިނާ ބެލިއެވެ. ފައިޖައްސައިގެން މަޑުކުރަން ހިތަށް އެރިއެވެ. އެހެން އުޅެނިކޮށް، އޮޅިގެން އައިނާއަށް ސައިކަލުގެ ހުންގާނުގެ މުށްގަނޑު އަނބުރާލެވުނެވެ. އެއާއެކު ސައިކަލުގެ ދުވެލިބާރުވީ އެހެނަކުން ނޫނެވެ. އައިނާއަތުން ސައިކަލު ކޮންޓްރޯލުނުވެ، ސައިކަލުގޮސް އެރީ މަގުގެ އެއްފަރާތުގައި އިން ހޮޅިދަނޑިއަކަށެވެ. ކުއްލިއަކަށް އެރި ލޮޅުމުން ސައިކަލުގެ މަތިންލާފައި އައިނާ ގޮސް ހޮޅިދަނޑީގައި ޖެހިފައި ބިންމައްޗައް ވެއްޓުނެވެ. ވަގުތުން އައިނާ ޚަބަރު ހުސްވިއެވެ.

އޭރު އައިނާގެ ކައިރިންލައިފައި ލޭގެ ކޯރެއް މަޑުމަޑުން ޕޭމަންޓުމަތީގައި ދެމެމުން ދިޔައެވެ. އައިނާ ވެއްޓިފައި އޮތްއިރު ސައިކަލު އޮތީ އައިނާގެ ގައިމަތީގައެވެ. އެވަގުތު މަގުމަތީގައި ތިބިމީހުންތައް ހިސާބުގަނޑަށް އެއްވެ އައިނާއަށް އެހީވާންފެށިއެވެ. އައިނާގެ ގައިމަތިން ސައިކަލު ނަގައި އެދުރަށްގެންގޮސް އެންބިއުލެންސަށް ގުޅާ ހެދިއެވެ.

***

އޮފީސް ނިންމާލައިފައި ހިޝާންއަށް ނިކުމެވުނީ މެންދުރު ނަމާދަށް ބަންގިގޮވަން ކައިރިވެފައި ވަނިކޮށެވެ. އަވަހަށް ގެއަށްގޮސް ފެންވަރާލައިގެން މިސްކިތަށް ދިއުމުގެ ބޭނުމުގައެވެ. ލަސްނުކޮށް ހިޝާން ސައިކަލަށް އަރައި ދުއްވާލީ އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. އާދައިގެ ދުވެއްޔެއްގައި ދުއްވަމުން ދިޔަ ހިޝާން، ގޭ ކުރިމަތީ މަގަށް އެޅިއިރު އެތާގައި މީހުން އެއްވެފައި ތިބިތަން ފެނުނެވެ. ހިޝާންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.

މާދުރުގައި އޮތް ސައިކަލު ފެނުމުން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. މީހުންތައް ގިނަކަމުން އަނިޔާވެފައި އޮތް މީހެއް ހިޝާން އަކަށް ފެންނަ ގޮތެއް ނުވިއެވެ. ހިޝާން އެތާގައި މަޑުކުރާ ޚިޔާލެއް ނުކުރިއެވެ. އެހެންވެ މާކަބޮޑު ސަމާލުކަމެއްނުދީ ހިޝާން މަގަށް ސަމާލުކަން ދެމުން ކުރިއަށް ދިޔައެވެ.

ނަމަވެސް، ތަންކޮޅަކަށް ނުދެވެނީސް އައިނައި ތަނެއްނޭނގި އެތަނަށް ވެއްޓިފައި އޮތް ސައިކަލު ހިޝާންގެ ސިކުނޑީގައި ކޮށްޓާލިއެވެ. އެއީ ހަމަ އައިނާ ދުއްވާކަހަލަ ސައިކަލަކަށް ވުމުން އަނިޔާވީ ކާކުތޯ ނުބަލާ ދާކަށް ހިޝާންގެ ހިތް އެއްބަހެއް ނުވިއެވެ.

ހިޝާން ސައިކަލު އަނބުރާލިއެވެ. މީހުންތައް އެއްވެފައި ތިބި ފަޅިނޫން އަނެއްފަޅީގައި ސައިކަލު ޕާކުކޮށްފައި ހިޝާން އެދިމާއަށް ހިނގައިގަތެވެ. އަނިޔާ ލިބުނު މީހާއަށްޓަކައި ކިތަންމެ ދެރަވިނަމަ ވެސް އެއީ އައިނާއަށް ނުވޭތޯ ދުޢާކޮށްލަ ކޮށްލާ ޙާލުއެވެ. އޭރު އެންބިއުލެންސް އައިސް ކައިރިކޮށްފިއެވެ. އެތަނުން ދެމީހެއްގެ އެހީގައި އަނިޔާވި މީހާ ނަގައި ސްޓްރެޗާއަށް އެރުވި ހިނދު އެމީހެއްގެ މޫނު ނުފެނުނަސް އެއީ ކާކުކަން ހިޝާންއަށް ޔަގީންވީ ލައިފައި ހުރިހެދުމުންނެވެ.

ހިޝާންއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތްހެންނެވެ. އެއޮށްބޮޑު އުޑު އޭނާގެ ބޯމައްޗައް ވެއްޓުނުކަހަލައެވެ. އޭނާގެ ހިތައް ވަޅިއެއް ހަރާލިއަސް ލިބޭ ވޭން މިއަށް ވުރެއް ކުޑަވީހެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެންބިއުލެންސައް އެއެރުވީ އިތުރު ދެވަނަ މީހެއް ނޫނެވެ. އައިނާއެވެ. އޭނާގެ ލޯބިވާ އައިނާއެވެ.

ހިޝާންއަށް އެދިމާއަށް ދުއްވައިގަނެވުނެވެ. އައިނާއާއި ހަމައަށް ފޯރިއުރު އެދެލޮލުން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. ކަންބޮޑުވުމެވެ. ދެރަވުމެވެ. ބިރުވެރިކަމެވެ. އައިނާގެ ލެއިން ކަޅިވެފައިވާ ބުރުގަލާއި ހެދުން ފެނި ހިޝާންއަށް އޭނާގެ ދެލޯ މަރާލެވުނީ ބަލަން ކެތްވާވަރުގެ މަންޒަރަކަށް ނުވުމުންނެވެ. އެއީ މިދުނިމަތީގައި އޭނާ ދެކެން ބޭނުންވި ފަހު މަންޒަރެވެ.

އެންބިއުލެންސް ސައިރެން އަޅާފައި ހޮސްޕިޓަލު ކުރިމަށްޗައް މަޑުކޮށްލިއެވެ. އައިނާ އާއެކު ހިޝާން ވެސް އައެވެ. އައިނާ ވަގުތުން އޮޕަރޭޝަން ރޫމަށް ވައްދައި ފަރުވާން ދޭން ފެށިއެވެ. ހިޝާން އެތާގެ ގޮނޑިއަކަށް ތިރިވިއެވެ.

އޮފީސް ނިންމާފައި ރަސްމީހެދުމުގައި ހުރި ހިޝާންގެ ކަރުގައި އޮތް ޓައީ އޮތީ ދޫވެފައެވެ. ބެގީ ހުރީ ނެއްޓިފައެވެ. ތަރުތީބުކޮށްއޮތް އިސްތަށިގަނޑު ހޭވިފައެވެ. ހިޝާންއަށް އޭނާގެ އަމިއްލަ ދެއަތަށް ބަލާލެވުނެވެ. ލޯބިވާ އައިނާގެ ލެއިން އެއަތުގެ ހަންގަނޑު ނޭނގޭވަރަށް ވަނީ ފޮރުވިފައެވެ.

އައިނާ ނެރޭތޯ ހިޝާން މަޑުކުރަމުން ދިޔައިރު، ވަގުތު ހީވަނީ އޭނާގެ ކެތްތެރިކަން ހިސާބު ކުރަން އުޅޭހެންނެވެ. އެތަނަށް އައިނާ ވެއްދިފަހުން ގަޑީގެ ކަށި ހުރީ ހުއްޓިފައިހެން ހީވާ ފަހަރުވެސް އާދެއެވެ. ވަގުތު ހިނގާލެއް ލަސްހެން ހީވަނީއެވެ.

***

ސިކުންތަކަށްފަހު ސިކުންތެއް، މިނެޓަކަށްފަހު މިނެޓެއް ދުގުދެމެމުންގޮސް ގަޑިއިރަށް ބަދަލުވެ ރޭގަނޑު ނުވައެއް ޖެހިއެވެ. އައިނާއަށް ފަރުވާދީފައި ގެނެސް ބާއްވާފައި އޮތީ ހުސްކޮށް އޮތް ވޯޑެއް ގައެވެ. ހުދުއެނދެއް މަތީގައި އޮތް އައިނާ އެސްފިޔަ މަޑުމަޑުން ތަޅުވާލިއެވެ. ލޯހުޅުވާލިހާ އަވަހަށް ލައްޕާލަން ޖެހުނީ ލޮލަށްވަތް ގަދައަލީގެ ސަބަބުންނެވެ.

އަނެއްކާވެސް ލޯހުޅުވާލައި އައިނާ ވަށައިގެން ބަލާލައި އޮވެވުނުތަން ދިރާސާކޮށްލިއެވެ. ހުދު ފާރާއި ދަމާފައި ހުރި ފޮތިގަނޑުން އޭނާއަށް މިއޮވެވުނީ ހޮސްޕިޓަލުގައިކަން އައިނާއަށް އެނގުނެވެ. ވަގުތުން މެންދުރުގަޑީގައި ދިމާވި ކަންތައްތައް ފިލްމެއްހެން އައިނާގެ ސިކުނޑީގައި ނިއުޅެމުން ދިޔައެވެ.

އައިނާ އަރިއަކަށް ޖެހިލަންވެގެން އަތްފައި ހަރަކާތްކޮށްލި ވަގުތު އެޅިވޭނުގެ ސަބަބުން އަނގައިން މަޑު އާހެއް ނިކުތެވެ. މިއަޑަށް އެނދަށް ފުރަގަސްދީގެން ވާހަދައްކަން ތިބި ގޭމީހުން އައިނާގެ އެނދުވަށާލިއެވެ. އައިނާ ބުރުގާ ނާޅާ އޮތުމުން އެވަގުތު އެނދުކައިރީގައި ތިބީ ހިޝާން އާއި އިސްރާގެ އިތުރުން އަޝްހާއާއި އަނީލްއެވެ.

އައިނާ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. ކޮންމެމީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔާމާޔޫސްކަން އައިނާއަށް އިހުސާސް ކުރެވުނެވެ. އިސްރާ އާއި އަޝްހާގެ ދެލޯ ރޮއެރޮއެ ފޮއްސިވެފައި ވާއިރު އަނީލް އާއި ހިޝާންގެ މޫނުމަތިން ވެސް އުޖާލާ ކަމެއްނެތެވެ.

އިސްރާ އައިނާގެ އަތުގައި ހިފާލިއެވެ. އަދި ހިތްވަރުކުރައްޗޭ ބުނެލިއެވެ. އައިނާއަށް އެބުނިއެއްޗެއް ފަހުމްވާގޮތެއް ނުވިއެވެ. އަނެއްކޮޅުން އަޝްހާވެސް އައިނާގެ އަތުގައި ހިފާލިއެވެ. އަޝްހާވެސް އައިނާއަށް ހިތްވަރުލައިދެން އުޅުނު ކަހަލައެވެ. އަޝްހާ އާއި އިސްރާގެ އެހީގައި އައިނާ އެނދުގައި އިށީންދެލިއެވެ.

އިސްރާ ދެންބުނި ވާހަކައަކުން އައިނާގެ ދެލޯ ބޮޑުވިއެވެ. ވަމުން ދިޔަތަދު ވެސް ހަނދާން ނެތުނެވެ. އިސްރާ އެބުނި ވާހަކަ އައިނާއަށް ގަބޫލެއް ނުކުރެވުނެވެ. މަންމަ ސަމާސާ ކުރަނީކަމަށް ހީކޮށް ދެން ބަލާލީ އަޝްހާ އަށެވެ. އަޝްހާވެސް ބޯޖަހާލިއެވެ. އަޝްހާވެސް އެހަދަނީ ދޮގެކޭ ހިތައި އައިނާ އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސީކަން ފެނި ބައްޕަވެސް އެކްޓު ކުރަނީއޭ ހިތަށްއެރިއެވެ. އައިނާ ދެން ބަލާލީ ގާތުގައި ހުއްޓިލައިގެން ހުރި ހިޝާންއަށެވެ. ހިޝާންގެ ދިރުމެއް ނެތް މޫނުމަތީގެ ކުލަވަރުފެނި އައިނާގެ ލޮލުން ފުރަތަމަ ކަރުނަތިކި ކޯތާފަތުގައި ބޮސްދެމުން ގޮސް ދަތްދޮޅިދަށައް ގެއްލުނެވެ.

ދިމާވި އެކްސިޑެންޓުގައި އައިނާއަށް ލިބުނު އެކިވަރުގެ ގެއްލުންތަކުގެ ސަބަބުން އައިނާގެ ދަރިފުޅު ސަލާމަތް ނުކުރެވުނީއެވެ. އެއާއެކު އައިނާގެ ވައަތުފައިގެ ކަށިމަތި ބިންދައިގެން ދިޔައިރު ދަށްބޮލާއި ނިތްކުރިމަތިވެސް ވަނީ ފަޅައިގެން ގޮއްސައެވެ. ގައިގެ އެކިތަންތަނުން ވަނީ މަށައިގެން ވެސް ގޮއްސައެވެ.

އައިނާ އާއި ހިޝާންއަށް ތަންދެމުން އެހެން އެންމެން ބޭރަށް ނިކުތެވެ. ހިޝާން އައިނާގެ ގާތަށް ޖެހިލައި އައިނާގެ އަތުގައި ހިފާލިއެވެ. އެނދުން ތެދުވެ އައިނާ ހިޝާންގެ ގައިގައި ބާރަށް ބައްދާލިއެވެ. އައިނާގެ އަތަށް ގުޅާފައި އޮތް އައިވީގެ ވާގަނޑަށް ބާރުވުމުން ހިޝާން އެނދުގައި އިށީނެވެ.

އެވަގުތު އައިނާގެ ބަޑިފަޅައިގެން ގޮސް ބާރަށް ރޯންފެށިއެވެ. މުޅިހިސާބުގަނޑުގައި އައިނަގެ ވޭނީ ރުއިމުގެ އަޑު ގުގުމާލިއެވެ. އެއަޑު އިވޭ ކޮންމެމީހަކަށް ވެސް އައިނާގެ ރުއިމުގެ އަޑުއިވި ހިތަށް އަސަރުކުރާނެކަން ގައިމެވެ. އައިނާ ހުއްޓުވާކަށް ހިޝާން ނޫޅެއެވެ. އައިނާ ރޯނެވަރަކަށް ވަގުތު ދީގެން ހުރި ހިޝާންގެ ލޮލުންވެސް ކަރުނަ އައެވެ. އެހުރިހާ ވަގުތަކު ހިފަހައްޓައިގެން ހުރި ކަރުނަތައް ކޮންޓްރޯލުން ދޫވިހެންނެވެ. އޭރުވެސް އައިނާ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ.

އައިނާ ރޯއަޑު އިވި އިސްރާއަކަށް ވެސް ކެތެއްނުވިއެވެ. އަނީލް ވެސް މާޔޫސްވެފައި ހުރެ ލޯބިވާ އަނބިމީހާއަށް ހިތްވަރުލައިދެމުން ދިޔައެވެ. އޭރު އަޝްހާ ވެސް ނައިލްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައެވެ. އެއާއިލާގެ ހުރިހާ އެންމެން ވެސް ތިބީ އައިނާ އާއި ހިޝާންއަށްޓަކައި ދެރަވެފައެވެ.

ދަންވަރު އެކެއް ޖެހުމުން ހިޝާން ފިޔަވައި އެންމެން ގެއަށް ދިޔައެވެ. އޭރު ރޮއެރޮއެ ވަރުބަލިވެގެން އައިނާ ވެސް ނިދިފައިއޮތެވެ. އިސްރާ ދާން އެއްބަސްވީ ވަރަށް ވަރުންނެވެ. ހެނދުނު ހެނދުނާއި އޭނާ އެތަނަށް ގެނެސްދޭނެކަމަށް އަނީލް ވައުދު ވުމުންނެވެ. ކޮނަމެ މީހަކުވެސް ވަރުބަލިވެފައިވީ ނަމަވެސް ދިމާވިކަންތަކުގެ ސަބަބުން އެކަކު ވެސް ލޮލު ފިޔަ ޖަހައިނުލައެވެ. ހުރިހާ އެންމެން ވެސް ވަނީ އައިނާއަށްޓަކައި ކަންބޮޑުވެފައެވެ.

އެހާލަތުގައި ލޮލުފިޔަ ނުޖެހިފައި އެހެން މީހަކުވެސް އޮތެވެ. ހުރިހާއެންމެން އައިނާއަށްޓަކައި ކަންބޮޑުވެފައި ވާއިރު އެހާލަތާއިމެދު އުފާވެފައިވާ މީހެއް ވެސް ހުއްޓެވެ. އެއީ އިތުރު ދެވަނަ މީހެއް ނޫނެވެ. ނައުފްއެވެ. އޭނާގެ މޮޅު ޕްލޭން ކާމިޔާބުވީތީވެ ނައުފް ހީވަނީ އުފަލުން ގޮސް އުދުއްސައި ގަނެފާނެ ހެންނެވެ. ދެވަރަ އިންނަމަ އޭނައަށް ދެވޭ އެންމެ މައްޗައް އުދުއްސައިގަތީހެވެ.

އައިނާގެ ދަރިފުޅަށް ވީގޮތުގެ ޚަބަރު އިވުނީއްސުރެ، ނައުފްގެ އަނގައިގެ ދެކަން ތިރި ނުވެއެވެ. އުފަލުން ގޮސް ނައުފް މުޅިކޮޓަރީގެ ތެރޭގައި އެނބުރިއެނބުރިފައި އެނދުމައްޗައް ވެއްޓިގަތެވެ. އަދި ފުންނޭވައެއް ދޫކޮށްލައި އެނދުމަތީގައި ހަމަޖެހިލިއެވެ. ހީވަނީ ބުރަމަސައްކަތެއް ކޮއްނިންމާލެވުނު ހެންނެވެ.

ކުރެވުނު ކަންތައް ހިތަށް އައުމުން ނައުފްއަށް ބޭއިޚްތިޔާރުގައި އެއްމިޔަނަކުން ހީލެވުނެވެ. ކުރެވުނު ކަންކަމާމެދު ވަރަށް ފަޚުރުވެރި ވާކަން އެމޫނުމަތިން ދޭހަވެއެވެ. ނައުފްގެ ވިސްނުން އެހެންއޮށްވައި ކުރެވުނުކަންތައް ހިތަށް ގެންނަމުން ދެލޯ މަރާލިއެވެ.

***

މެންދުރު ވާން އުޅެނިކޮށް އެނދުން ހިއްލާލި ނައުފް މިސްރާބު ޖެހީ ކަރުހިއްކައިގަނެފައި ހުރުމުގެ ސަބަބުން ބަދިގެ އާއި ދިމާއަށެވެ. ބަދިގެ އާއި އަރައި ހަމަވިއިރު އެތެރެއިން އިސްރާއާއި އައިނާ ވާހަކަދައްކާ އަޑު އިވުމުން އޭނާ ބަދިގޭގެ ދޮރު ފަހަތަށް ވަދެ ފިލީ އެދެމީހުން ދައްކާ ވާހަކައެއް އަޑު އެހުމުގެ ނިޔަތުގައެވެ.

އެދެމީހުންގެ ވާހަކައިން އައިނާ ފިހާރައަށް ދާން އުޅޭކަން ނައުފްއަށް އެނގުނެވެ. އެއީ ކޮން ފިހާރައެއްކަން އެނގުމުން ނައުފް ހިތަށް އެރީ އައިނާއަށް ޖެއްސުމަށް އޭނާގެ ފަހަތު އަޅުވާލާށެވެ. ނަމަވެސް އެވިސްނުމުގެ މައްޗައް ކުއްލިއަކަށް އެހެން ޚިޔާލެއް ނައުފްގެ ސިކުނޑީގައި އެނބުރެންފެށިއެވެ.

އެންމެ ފުރަތަމަ އައިނާއަށް އަނިޔާ ވާނެކަން ޚިޔާލު ކުރެވުމުން އެޚިޔާލު ސިކުނޑިން ނެރެއެއްލާލި ނަމަވެސް، އައިނާގެ ބަނޑުގައި އޮތް ދަރިފުޅުގެ މަތިން ހަނދާންވެ، އައިނާއަށް ލިބިދާނެ ގެއްލުމަކާއިމެދު ނައުފް ވިސްނާކަށް ވެސް ބޭނުމެއްނުވިއެވެ. ނައުފް ބޭނުންވީ އައިނާ އާއި އޭނާގެ ދެމެދަށް އެޅިފައި އޮތް ‘ހުރަސް’ ނެތިކޮށްލާށެވެ. ނައުފްގެ ހިތުގައި އޮތީ އެއީ އައިނާއަށް ދޭހެއްލުމެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ހިތުގައި އޮތީ އެއީ ހިޝާންއަށް ދޭ ދެރައެއްގެ ގޮތުގައެވެ.

އައިނާ ބަދިގެއިން ނިކުމެގެން ދިއުމުން އޭނާއަށް ލިބިފައި އޮތް ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހިފަން ނައުފް ކޮޓަރިއަށް ދިޔައެވެ. އަދި އޭނާގެ ފޮށި ހުޅުވާލައި އެއަށް ލައިގެން ގެންގުޅޭ ކޮޅު ހިމަކޮށް އޮތް، މެދުގައި ވަކި ޑިޒައިނަކަށް ކަފާފައި އޮތް ވަޅިއެއް ނެގިއެވެ. އެވަލީގެ ތޫނުފަރާތުގެ ކޮޅު ހުރީ ތުނޑުތަކެއް ލާފައެވެ. އެވަޅި އެންމެ ވައްތަރީ ފިލްމުތަކުންފެންނަ ގޭންގުތަކުގެ މީހުން ގެންގުޅޭ ވަޅިއަކާއެވެ. އެހިފައިގެން އޭނާ މިސްރާބުޖެހީ ގަރާޖަށެވެ. ނައުފް ދިޔައިރު ދިޔައީ އެވަޅި ނުފެންނާނެ ގޮތަކަށް ފޮރުވަމުންނެވެ.

ނައުފް ދިޔަގޮތަށްގޮސް އައިނާގެ ސައިކަލުކައިރިއަށް ތިރިވެލައި ބުރެކި ސިސްޓަމް ފެއިލްކޮށްލީ ނިކަން ހުށިޔާރުކަމާއެކީއެވެ. އެކަން އޭނާ އެކުރީ އަލަށް ނޫންކަން ނައުފްގެ ހަރަކާތުން ދޭހަވެއެވެ. ކުރެވުނީ ނިކަން މޮޅުކަމެކޭހިތައި ނައުފް އެނބުރި ކޮޓަރިއަށް ވަތްއިރު އައިނާ ނިކުމެގެން ދާތަން ފެނުނެވެ.

“އައިމް ސޮރީ މައި ލަވް.. އަހަރެންގެ ހައްގަކަށް އައިނާ ކޮންމެހެންވެސް ހަދާނަން.. އެކަންކުރަން މިދެމެދައް އެޅޭ ކޮންމެ ހުރަހެއްވެސް ނައްތާލާނަން….” ނައުފްގެ ހިތުގައި ވިއެވެ.

***

އެރޭގައި ނައުފްއަށް މިއިން ޒަމާނަކު ވެސް ނުނިދޭހާ އަރާމުކޮށް ނިދުނެވެ. ނިދެމުން ދިޔަވަގުތު ވެސް އޭނާގެ ތުންފަތުގައި ވަނީ ނުފިލާ ފަދަ ހިނިތުންވުމެކެވެ.

***

އައިނާ ގެއަށް ދޫކޮށްލީ އޭގެ ދެދުވަސް ފަހުންނެވެ. އައިނާގެ އުޖާލާ މޫނުމަތި މިލާފައި ވާއިރު އެމޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. ނެގިމަޑުވެފައި ހުރެ، ހިޝާންގެ އެހީގައި އައިނާ ގޮސް ކޮޓަރީގެ އެނދުމަތީގައި އިށީންދެލިއެވެ.

އައިނާގެ ދެލޮލުގައި ވިދުމެއް ނެތްއިރު، މުޅިމީހާ ވަނީ ހިތާމައިގެ ސާލެއްގައި ބަނދެވިފައެވެ. އިރުއިރުކޮޅުން އިސްރާ ހިފައިގެން އަންނަ ކާއެއްޗެއް ވެސް އައިނާއަކަށް ނުކެވެއެވެ. ކާހިތެއް ނުވެއެވެ. އަރުތެރެ ހީވަނީ ބެދިފައި ހުންނައެވެ.

އައިނާ އެނދުމަތީގައި އިށީނުމުން އެހެން މީހުން އެކޮޓަރިން ނިކުމެގެން ދިޔައެވެ. އައިނާ އާއި ހިޝާން އެތާގައި އެކަނިވިއެވެ. ހިޝާން އުޅުނީ ފޯނު ޗާޖުނުކޮށް އޮވުމުން އެޗާޖަށް ޖަހާށެވެ. ނަމަވެސް މަޑުޖެހިލެވުނީ އައިނާ އޭނާގެ ނަމުން ގޮވާލުމުންނެވެ.

އެއީ އައިނާ އެކްސިޑެންޓަށްފަހު އެދުލުން އެއްޗެކޭ ބުނި ފުރަތަމަ ފަހަރެވެ. ރޮއެރޮއެ އައިނާގެ އަޑުވަނީ ފާވެފައެވެ. އަސްލު އަޑު ގެއްލީ ވާހަކަ ދެއްކިއިރު ކުރަކި ކަމެއް އެއަޑުގައި ހުއްޓެވެ.

ހިޝާން އައިނާގެ ގާތުގައި އިށީންދެލިއެވެ. އަދި އޭނާމީހުރީ އަޑުއަހަންށޭ ބުނެލީ އައިނާގެ އަތުގައި ހިފާލަމުންނެވެ. އައިނާ ދައްކާނެ ވާހަކައެއް ދައްކަން ފުރުސަތު ދީގެން ހިޝާން ހުއްޓެވެ.

“ހިޝާން.. އަހަރެންގެ ސައިކަލު.. ސައިކަލު ކުއްލިއަކަށް.. ބުރެކި ނުޖެހުނު..” ހިޝާންއާއި ހަތަރުކަޅި ހަމަކޮށްލަމުން އައިނާ ބުނެލިއެވެ. ކުރެހިފައިވާ އަޑަކުންނެވެ.

ހިޝާން ހުރީ އައިނާ ބުނަން އުޅޭ ވާހަކައެއް ބުނެނިމެންދެން އެއްޗެކޭ ނުބުނެ މަޑުކޮށްގެންނެވެ.

“އަހަރެން ހޮސްޕިޓަލަށް އަޝޫ އާއެއްކޮށް ދިޔަ ދުވަހުވެސް އެ ރަނގަޅު.. ފަހަކުން އެނުވެސް ދުއްވަން.. ދެން ކީއްވެ ކީއްވެ ކުއްލިއަކަށް…” އައިނާއަށް ވާހަކަ ކުރިއަށްގެންދަން އުނދަގޫވިއެވެ. އެބިރުވެރި ވަގުތު ހިތައް ސިފަވާ ކޮންމެ ވަގުތަކު އައިނާއަށް ހީވަނީ މީހަކު އޭނާގެ ހިތްމަތީގައި އަތް އަޅާހެންނެވެ.

ހިޝާން ވެސް އައިނާގެ ސައިކަލަށް ވެފައި ހުރިގޮތް ބެލިއެވެ. އަދި އޭގެ ބުރެކި މީހަކު ގަސްތުގައި ފެއިލްކޮށްލާފައި ހުރިކަމަށް ހިޝާން އައިނާ ގާތު ބުނެލިއެވެ. އައިނާއަށް ގަބޫލު ކުރަން ދަތިވިއެވެ.

އެހާވަރުގެ ބޮޑު ގެއްލުމެއް އޭނާއަށް ދޭން މީހަކު އުޅެފާނެ ކަމަކަށް އައިނާއަށް އަންދާޒާ ކޮށްލަން ވެސް ނޭނގުނެވެ. އޭނާއަށް އެހާވަރުގެ އަނިޔާއެއް ދޭން އުޅޭނެ މީހަކު ވިސްނާވިސްނާ ވެސް އައިނާގެ ހިތަކަށް ނުގެނެވުނެވެ.

ކުއްލިއަކަށް އައިނައި ތަނެއް ނޭނގި އައިނާގެ ސިކުނޑި ގޮވާލީ ހަމައެންމެ މީހެއްގެނަމެވެ. މިވޭތުވިދިޔަ ދުވަސްތަކުގައި އޭނާއަށް އެންމެ އުނދަގޫކޮށް، އަމިއްލަ ގޭގައި އުޅެން ދަތިކޮށްފައިވާ މީހާގެ ނަމެވެ. ނައުފްގެ ނަމެވެ.

“ހިޝާން.. އަހަރެން އެބަ އޮތް ވާހަކައެއް ބުނަން..” ހިޝާންގެ ގެ ދެއަތުގައި ހިފައި ބާރުކޮށްލަމުން އައިނާ ބުނެލީ ކުށްވެރިއެއް ފަދައިން އިސްޖަހާލަމުންނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އިފްރާ 5

Next

އިފްރާ 6

Next
November 23, 2023

އިފްރާ 6

Previews
November 21, 2023

އިފްރާ 5

5 Comments!

  1. Annna says:
    November 22, 2023 at 12:01 am

    Here is 8th part.. i hope you all liked it.. and even though i don’t reply all of your comments, I read them regularly.. sorry for not being able to reply. Jazaakallah for all of your kind and supportive words..

  2. vempire girl says:
    November 22, 2023 at 1:08 am

    Maasha Allah mi part vx varah varah reethi 🤗 Aina buney avahah Hishaan kairy nauf ge vaahaka. Mifaharu Aina nuhuhtuvahcheyy… Next part kiyaalan libeyny konirakun thr?????

  3. Reem says:
    November 22, 2023 at 1:26 am

    Thank you dear avahah up kolla dhineema. ohh god, ainaa fakeerah haadha bodu dhera eh e libunee.. even this part is also very nice. next part kon irakun. it’s too curious now. unmeedhu kuran next part avahah kiyaalan libeyne kamah. much loves 🫶🏻

  4. love imko 💕💕 says:
    November 22, 2023 at 5:55 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part vex varha reethi vaane Kama
    Once again varha reethi mi part vex
    Love you so much 😘

  5. Ifoo says:
    November 22, 2023 at 6:40 pm

    aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

Comments are closed.

Next Episodeއައިނާ (3) 9←


All Right Reserved!