ދިރުމެއްނެތް ދިރިއުޅުން 40
ބެލްކަނީގައި ތުވާލި އަޅުވަން އަހަރެން ހުރީ ވިސްނުމެއްގައެވެ. އަހަރެން ފެންނަ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެއެވެ. އެއީ އެހެންނޫނީ ހަރަކާތްތެރި ވާވަރަށްވުރެ އަހަރެންގެ ހަރަކާތްތައް ލަސްވީމައެވެ. ނާސިފް ފޯނު ބޭއްވިކަން އެނގުނަސް ތުވާލި އަޅުވާ ނިމިގެން އަހަރެން ބެލްކަނީގައި މަޑުކޮށްލީމެވެ. އަނެއްކާ ނާސިފް….. ނާސިފަށް އެގުޅީ ކާކަށް ބާއެވެ؟ ކޮޓަރި އަކާއި ކާރުވެސް ހަމަޖެއްސީހެއްޔެވެ؟ ނާސިފް އަނެއްކާ ސިއްރު ލޯބިވެރިއެއް ގެންގުޅެނީބާއެވެ؟ މާތްކަލާކޯއެވެ! އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަން މިއުޅެނީ ކިހާވަރެއްގެ ޒަލްޒަލާއެއްބާއެވެ؟
ބެލްކަނީގައި ވިސްނަން ހުރެ ދެއަތަށް ބޯހޫރާލަމުން ޒީން އެތެރެއަށް ވަނެވެ. ޒީންގެ ކޮންމެ ހަރަކާތެއް ދުރުން ބަލަމުންދިޔަ ނާސިފަށް އެމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ސޯފާގައި ނާސިފް މަޑުކޮށްލައިން އިނީވެސް ޒީން އެތެރެއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
“ޒީން!… ކިހިނެއްވެފަ ތިހިރީ؟ ކަމަކާ ހާސްވެފަ ހުރިހެން ހީވަނީ..” ނާސިފް ސުވާލު ކޮށްލުމުން އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.
“ތަނަކަށް ތަދުވަނީތަ؟… މިހާ ހެނދުނާ ބޮލަށް ފެންއަޅައިން ފެންވެރީމަ ޒީން ބަލިވެދާނެ..” އަނެއްކާވެސް ނާސިފްއަށް ވިސްނޭ އެއްޗެއް ބުނެލިއެވެ. ހަމަ އެއާއިއެކު އަނެއްކާވެސް އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލީމެވެ.
ހަގީގަތުގައި އަހަރެން ހުރީ ހާސްވެފައެވެ. ހިތް ބިރުގަނެފައެވެ. އަހަންނަށް ވާގޮތް ބުނެދޭކަށް އަހަންނަކަށް ނޭނގެއެވެ. އަމިއްލަ ނަފްސާ ދޭތެރޭވެސް އަހަންނަށް މަލާމާތް ކުރެވުނެވެ. ސުވާލު އުފެއްދުނެވެ. ޒީންއެވެ. ސައި ތައްޔާރުކޮށްފައި ނާސިފަށް އިންތިޒާރު ކުރެވުނީ ކީއްވެހެއްޔެވެ؟ މާދަމާ މެހެމާނަކު އަންނަ ވާހަކަ ނާސިފްގެ ފަރާތުން ނުރަސްމީކޮށް އަޑުއިވުމުން ޒީންއަށް ތިވަނީ ކީއްހެއްޔެވެ؟
“ޒީން!…. މާދަމާ މިގެއަށް އަހަރެންގެ ރައްޓެއްސަކާ އޭނަގެ ވައިފް އަންނާނެ. ހުސްކޮށް ހުރި ދެކޮޓަރި ތެރެއިން ކޮޓަރިއެއްގަ އެމީހުން ތިބޭނީ.. އެމީހުން އެއަންނަ ބޭނުމެއް ނިމުނީމަ އެމީހުން ފުރައިގެން ދާނެ.. އޭރުން ދެން ޒީންވެސް ފޫހިވާތީ އުޅޭކަށް ނުޖެހޭނެ.” އެތެރެއަށް ވަދެގެން އައި ޒީން ހުއްޓުނީ ނާސިފްގެ އަޑުއިވުމުންނެވެ.
“އާނ” އެކޭ ބުނުމުގެ ގޮތުން އަހަރެން ބޮލުން އިޝާރާތްކޮށްލީމެވެ. ނާސިފްއާ ދާދި ގާތުގައި ހުރެ އަހަރެން ކޮޓަރިއަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ. އަހަރެންގެ ކަނާއަތް ނާސިފްގެ ކަނާއަތުގައި ބީހިލިއެވެ. ކުއްލިޔަކަށް އަހަރެންގެ ގަޔަށް ކަރަންޓް އައިހެން ހީވިއެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިން ދިޔައެވެ. އިރުކޮޅަކަށް ނަމަވެސް އަތުގައިހުރި ލޯލިތަށް އެކީއެކަށް ކޮޅަށް ޖެހުނެވެ. އެވަގުތު އަހަރެން ކުރިޔަށް އެޅި ފިޔަވަޅުތައް މަޑުޖެހިލިއެވެ. އެހެނަސް، ފަސްއެނބުރި ބަލާލާކަށް އަހަންނަކަށް ނުކެރުނެވެ.
ހަމަ އެގޮތަށް ނާސިފަށްވެސް ހުއްޓުން އެރިއެވެ. ފުރަތަމަ ފަހަރަށް ޒީންގެ ގައިގައި ބޭއިހްތިޔާރުގައި ބީހިލެވުނީއެވެ. ހިނދުކޮޅަކަށް ނަމަވެސް ދުނިޔެ ހުއްޓުނުހެން ނާސިފަށް ހީވިއެވެ. ޒީންއެކޭ އެއްފަދައިން ނާސިފްއަށްވެސް ތަފާތު އިހްސާސެއް ކުރެވުނެވެ. އެހެނަސް ނާސިފްވެސް ފަސްއެނބުރި ބަލައެއްނުލައެވެ.
“އިޝާލް!… ދަރިފުޅާ!… ހިނގާ ސައިބޯން.” ކޮޓަރިން ނުކުމެގެން އައި އިޝާލް ފެނުމުން ސަހީމާ ބުނެލިއެވެ.
“އާނ ސައިބޯންވީނު…. ކޮބާ ބައްޕަ؟ މިއަދު އެބަޖެހޭ ބައްޕައާ ވާހަކައެއް ދައްކަންވެސް.” ހާލިދު ފެންނަން ނެތުމުން އިޝާލް ބުނެލިއެވެ.
“އަދި ހަނދާން ނެތިފައޭ މިހުރީ.. ބައްޕަވީ މާލޭގަ. ހަވީރު އަންނާނެ ކަންނޭނގެ. ރަށު ޖައުފަރުބެ މިއަދު މާލެ އަންނަ ވާހަކަ ބުނީމަ އެދިޔައީ. އަހަރުމެން ވިލިގިއްޔަށް ބަދަލުވިފަހުން ރަށަށް ނުދާތާ ވަރަށް ދުވަސްވެއްޖެ ނޫންހޯ ރައްޓެހިންނާ ދިމާނުވާތާ. އެހެން ކިޔާފަ އެދިޔައީ.” ސަހީމާ ކިޔައިދިނެވެ.
ރީތިވެލުމަށްފަހު ކޮޓަރީގައި އަހަރެން އިރުކޮޅަކު މަޑުކޮށްލީ ވިސްނާލާށެވެ. ނާސިފަކީ ވަފާތެރި މީހެކެވެ. ފޯނުން ނާސިފް ވާހަދެއްކީ ލޯބިވެރިޔަކާ ނޫންކަން އަހަންނަށް އޮޅުންފިލީ ޚުދު ނާސިފްގެ ދުލުންނެވެ. އެހެނަސް އޭގެ ހަގީގަތް އަހަރެން ހޯދާނަމެވެ. ކޮޓަރިއެއްގެ ވާހަކަ ދެއްކިޔަސް އެދެއްކީ ސީދާ މިގޭގައި ހުރި ކޮޓަރިއެއްގެ ވާހަކައެވެ. ދެން އޮތީ ކާރުގެ ވާހަކައެވެ. އެވާހަކަ ނާސިފް މާހާއްސަވެ އަހަންނާ ހިއްސާއެއް ނުކުރާނެނޫންހެއްޔެވެ؟ އެއީ އަހަރުމެން އެކަކު އަނެކަކަށް މިއީ މާހާއްސަ ބައެއްވެސް ނޫންވީމައެވެ. އެކަން އަހަރެން ގަބޫލު ކުރަމެވެ. ހުރިހާ ކަމެއް އަހަންނަށް ޝައްކެއްނެތި އޮޅުން ފިލަން އަހަރެން ބޭނުމެވެ. އެހެނަސް ދާދި ދެންމެ ނާސިފްގެ ގައިގައި ހިނދުކޮޅަކަށް ބީހިލި ބީހިލުން އަހަރެން އަދިވެސް ހަނދާނެއް ނުނެތެއެވެ. ގަނެފައިވާ ލަދެއްގެ ސަބަބުން ނާސިފްގެ ކުރިމައްޗަށް ނުކުންނަން އަހަރެން ކުއްލިޔަކަށް ޖެހިލުންވިއެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން ސިއްރު ސިއްރުން އަހަރެން ސިޓިންގްރޫމްއާ ދިމާލަށް ބަލައިލީމެވެ. ނާސިފްގެ ހިލަމެއް ނުވެއެވެ. އަނެއްކާވެސް އަހަރެން ލަސް ހިނގުމެއްގައި ގޮސް ސިޓިންގްރޫމާއި ބެލްކަނި ބަލައިލީމެވެ. ނާސިފެއް ނެތެވެ. ބެލްކަނީގައި ހުރެ މަގުމަތީ ހިނގަމުންދިޔަ މީހުންނަށް އަހަރެން ބަލައިލީމެވެ. އަހަރެންގެ އެއްވެސް ހޯދުމަކުން ނާސިފްއެއް ނުފެނުނެވެ. ބެލްކަނިން ނުކުމެގެން ސިޓިންގްރޫމްއަށް ވަންނަން އެނބުރިލި ވަގުތު އަހަރެން ސިއްސައިންގޮސް ހުއްޓުން އެރީ ނާސިފްގެ އަޑަށެވެ. ކުރިމަތީގައި ހުރީ ނާސިފެވެ.
“ޒީން…. މިހާރު އަހަންނަށް އެނގިއްޖެ ކޮންމެސް ކަމެއް ޒީންއަށް ވާކަން…. ކޯއްޗެއްތަ ތިވަރަށް ތިހޯދަނީ؟ ކޮންކަމަކާ އަސްލު މާހާސްވެގެން ތިއުޅެނީ؟” އެއް އަތުން ކޮފީތަށި ހިފައިން ހުރެ ނާސިފް ވާހަކަ ދެއްކިއެވެ.
“ނު… އަހަރެން ނުހޯދަން އެއްވެސް އެއްޗެއް.” އަހަންނަށް ދޮގުހަދަން މަޖުބޫރުވީ ތެދަށް ބުނަން ނުކެރިގެންނެވެ.
“ހޯދައިފި…. އަހަރެން މިހުރީ ބަލަންނޭ ޒީން ދެންމެ މިތާ އުޅުނުގޮތް. އެކަމުވެސް ތިހަދަނީ ދޮގު… ވަރަށް ގަދަވެލާފަ އުޅޭމީހުންވެސް ބައެއްފަހަރަށް ކަމަކާ ދިމާވީމަ ފިނޑިވާނެ.. މިބުނަނީ ދެން ޒީންތީ ފިނޑިއެކޭ ނޫން… އެހެން ބުނެވޭކަށްވެސް ނޯންނާނެތާ. މުޅި ކާއިނާތުވެސް ހެކިވާނެ ޒީންއަކީ ވަރަށް ގަދަ މީހެއްކަން…. އެކަމަކު ތިހާ ހާސްވެފަ ހުރެގެން ހޯދާތީވެ އަހާލީ… ބައެއްފަހަރަށް ތިހެން ހޯދާނެ ހިތާވާއެއްޗެއް ގެއްލުނީމަ…. ދެން ނޫނީ ހިތާވާ އެއްޗެއް ގެއްލިދާނެތީ ބިރުން…..” ނާސިފްގެ ނުސީދާ ބަސްތަށް ޒީންގެ ހިތަށް ފޮނުވާލީ ވަރަށް ކެރިހުރެއެވެ.
“ހާސްނުވޭ… ދެން ތިހާސްކަން ފިލާފާނެ…. ފަހަރެއްގަ މިއަދު އަހަރެން ގޭގަ ހުރީމަކަންނޭނގެ ހާސްވެގެން ތިއުޅެނީ…. އަހަރެން މި ކޮފީތަށި ބޯލައިން މިދަނީ ބޭރަށް.. ރަނގަޅަށް ސައިބޮއެގެން ހުންނައްޗެ..” ނާސިފް އެހެން ބުނުމަށްފަހު ވަގުތުން ކޮފީތަށި ބޯލުމަށްފަހު އަހަންނަށް ދިނެވެ. އެއަށްފަހު ގެއިން ނުކުމެގެން ދިޔައެވެ.
ތަށި ހިފައިން ގޮސް އަހަރެން ކާގެއަށް ވަނީމެވެ. ކުއްލިޔަކަށް އަހަރެންގެ ފިޔަވަޅުތަށް މަޑުޖެހިލީ ކުރިމަތިން ފެނުނު މަންޒަރުންނެވެ. މޭޒުމަތީގައި ކޮފީތައްޓެއް ހުއްޓެވެ. އެޔާއެކު ކެއުމަށް ޓޯސްޓް ކޮށްފައިވާ ޕާން ފޮއްޗަކާއި ބިސްގަނޑެއް އެހެން ތައްޓެއްގައި އޮތެވެ.
“ރަނގަޅަށް ސައިބޮއެގެން ހުންނައްޗެ..”
އަހަރެންގެ ކަންފަތް ދޮށުގައި ނާސިފް މަޑުމަޑުން ބުނެލިހެން ހީވެއެވެ. އެއީ ނާސިފް ނުކުމެގެން ދަމުން އެންމެ ފަހުން ބުނެލި އިބާރާތްކޮޅެވެ. އަހަރެން ސައިބޯންފެށީމެވެ. އެއީ މިއަދުގެ ސައި އަހަންނަށް ތައްޔާރުކޮށްފައި ހުރީ ނާސިފްކަން އެނގުމުންނެވެ.
ވަގުތުތައް އޭގެ ބާރުމިނުގައި ފާއިތުވެގޮސް އާދުވަހަކަށް އިރުއެރީއެވެ. ދުވަހަކީ ޒީންއަށް ބިޒީ ދުވަހެކެވެ. ނާސިފްގެ ރައްޓެހިން އައުމަށް ހަމަޖެހިފައިވާ ދުވަހެވެ. މެންދުރު ދެއެއް ޖެހުމުގެ ކުރިން ގޭތެރެ ސާފުކޮށް ކައްކާ ނިންމަންޖެހެއެވެ. އެއީ މެހެމާނުން ގެއަށް އަންނާނެ ކަމަށް ނާސިފް ބުނެފައިވާ ގަޑިއެވެ.
“ހެލޯ” ރިންގ ވަމުންދިޔަ ފޯނު ކަންފަތުގައި ޖައްސާލަމުން އަހަރެން ބުނެލީމެވެ.
“ދަރިފުޅު ކިހިނެއްތަ؟” އެކޮޅުން ވާހަކަދެއްކީ ފަރީދެވެ.
“ބައްޕާ! އަހަރެން ރަނގަޅު.. ބައްޕަ ކިހިނެއް؟” ބައްޕަގެ ހާލު އޮޅުން ފިލުވާލަން ބޭނުންވެގެން އަހަރެން އަހާލީމެވެ.
“ކޮންމެސް ވަރަކަށް ބަލި…. ކޮބާ ނާސިފް؟” ފަރީދު ސުވާލުކޮށްލިއެވެ.
“މިއަދު ނާސިފްގެ ރައްޓެހިން އަންނާތީ ބޭރުގަވީ. ހީވަނީ އެމީހުން ބަލާދިޔައީހެން.. އަހަރެންވެސް މިއަދު ވަރަށް ބިޒީ.. އެކަމު ނާސިފް ބުނި ގަޑިޔަށް ހުރިހާކަމެއް ގާތްގަނޑަކަށް މި ނިމެނީ…. ބައްޕަ ސައި ބޮއެފިންތަ؟” އަހަރެން ބުނެލީމެވެ.
“އެހެންތަ؟ ދަރިފުޅު ދިޔައީ ބައްޕަ ހަވާލުކޮށްފައެއްނު ނަތޫއާ… އެމަންޖެ ވަރަށް ބަރާބަރުވާނެ. އަހަރެންގެ ލޯބިވާ ނަޖުމާއަށް ކައްކާ އެއްޗިހިން ނަތޫ އަހަންނަށްވެސް ކާންދެޔޭ. ހެހެހެ…. އެމަންޖެ ބުނި ދެން ފަރީދުބެގެ ހުވަފެން ސީދާނުވިޔަސް މިވަރުވެސް ފުދޭ ނޫންހޯ….ހެހެހެ” ފަރީދު މަޖާ ރާގެއްގައި ބުނެލިއެވެ.
“ބައްޕާ ނަތޫއާ ނަޖްމައްތައަށް ސަލާމް އިނގޭ.. މިގަޑީގަ ދެން ބާއްވާލީ.. ގެއަށް މީހުން އަންނަންވާއިރަށް ފެންވަރާލަން މިދަނީ.” ފޯނު ބޭއްވުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ.
ނާސިފް ހުރީ މެހެމާނުންގެ އިންތިޒާރުގައެވެ. ޕާރކް ކޮށްފައިވާ ކާރުގައި ލެނގިލައިން ހުރި ނާސިފްގެ ދޮން މޫނުގައި އަޅާފައިވާ ކަޅުކުލައިގެ އަވިއައިނުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. އައިނުގެ ދަށުން ފައިބަމުން ދިޔަ ކަރުނަތިކިތައް ބައެއްފަހަރަށް ގޮސް ކަޅުކަން ގަދަ ތުނބުޅީގެ ތެރެއަށްވަދެ ފިލައެވެ. ކުރިމަތިން އަންނަމުން ދިޔަ މެހެމާނުން ފެނުމާއެކު އަތުގެ ނުފުށުން އެކަރުނަ ތިކިތައް ފޮހެލީ އަވަސް އަވަހަށެވެ.
“ކޮބާ! އަވަހަށް ކާރަށް އަރާ.” ކުރިމަތިން އައި ދެ އަންހެން ކުދިން ކާރަށް އަރަން ތަން ދައްކަމުން ނާސިފްގޮސް ކުރީ ސީޓަށް އެރިއެވެ.
ހަލަބޮލި މާހައުލުގައި ދުއްވާފައިދިޔަ ކާރުގައި ވަނީ ހިމޭންކަމެވެ. އެހިމޭންކަން ނަގާލުމުގެ ގޮތުން ނާސިފް ބޭނުންވީ ލަވައެއް ޖަހާލާށެވެ. އުމަރު ޒާހިރުގެ އަޑުން ކިޔާލާފައިވާ ހިތާމައިގެ ލަވައެކެވެ. ރީތި ލަވައެކެވެ. މާނަފުން ބަސްތަކެވެ. އިބާރާތްތަކުގެ ފަށުވި ހާރުން ހާދިޘާއާ ގުޅުވާލާފައިވެއެެވެ. ލަވައިގެ ޅެން ހެއްދެވި ޝާޢިރަށް އަބަދުވެސް ނާސިފްގެ ހިތުގައި ތަޢުރީފް އޮހެމުން ދެއެވެ.
“ތަޤްދީރުގައި މިހެންވީ ހަމަޖެހިފަ ވީމަތާ
ބޭކާރޭ ނަސީބުގައިވީ…….
ލޯބީގެ ހާދިޘާ….”
ރީތިވެލައިން އަހަރެން އިނީ މެހެމާނުންގެ އިންތިޒާރުގައެވެ. ސޯފާގައި އިންއިރު އަހަރެންގެ ހިޔާލުތައް ގުޅިފައިވަނީ މާޒީއާއެވެ. ރަންޒަމާނުގެ އުފާވެރި ހަނދާންތަކާއި ހަމަ އެޒަމާނުގެ ހިތި ތަޖްރިބާތަކެވެ. ބައެއްފަހަރު އަހަރެން އެހަނދާންތައް އާކުރަން ބޭނުމެވެ. އަނެއްބައި ފަހަރު އެހަނދާންތަކުން އަހަންނަށް ލިބެނީ ފަރުވާއެއް ނެތްފަދަ އަނިޔާތަކެކެވެ.
ކުއްލިޔަކަށް އަހަރެންގެ ޚިޔާލުތައް ދިޔަތަނެއް ނޭނގުނެވެ. ބެލް ރިންގވީ އަޑަށް ސިއްސައިންގޮސް އަހަރެން ދޮރު ހުޅުވީމެވެ. އެއާއިއެކު ބުނަން ނޭނގޭފަދަ އުފާވެރި އިހްސާސެއް އަހަރެން ވަށާލިއެވެ. ކުރިމަތީގައި ތިބި ދެއަންހެން ކުދިން ތެރެއިން އެކަކީ އަހަރެންގެ އެކުވެރި ނަތޫއެވެ. އުފަލުންގޮސް އަހަންނަށް ނުރޮވުނީ ހަމަކިރިޔާއެވެ.
“ނަތޫ…… އަޅޭ! އަހަރެން ވަރަށް ވަރަށް އުފާވެއްޖެ.” ނަތޫގެ ގައިގައި ބައްދާލުމަށްފަހު ދުރުވެލަމުން އަހަރެން ބުނެލީމެވެ.
“ޒީން އެކަނިތަ މިގޭގަ؟” އަނެއް އަންހެން ކުއްޖާ ސުވާލުކޮށްލީ ސީދާ އަހަރެންގެ ނަމުންނެވެ. އެކަމާ އަހަރެން ކޮންމެސް ވަރަކަށް ހައިރާން ވިޔަސް އެއީ ވެދާނެ ގޮތެކެވެ. މިއީ ނާސިފްގެ ރައްޓެހިންނެވެ. ވީއިރު އަހަރެންގެ ނަން ނޭނގޭންވީ ސަބަބެއް އޮންނާކަށް ނުޖެހެއެވެ.
“ހޫމް… މިވަގުތު އެކަނި… ތީ ކޮންކުއްޖެއް؟ ނާސިފް ބުނި ދެމަފިރިންނޭ. ކޮބާ ހަޒްބެންޑް؟” ޒީން ސުވާލުކޮށްލީ އެއްވެސް ފިރިހެނަކު ފެންނަން ނެތުމުންނެވެ.
“ޒީން…. ވަރަށް އަވަހަށް ފާޚާނަ ދައްކަބަލަ!” ކައިރީގައި ހުރި ކުއްޖާއަށް ޖަވާބު ނުދެވެނީސް ނަތޫ ވާހަކަދައްކަން ފެށިއެވެ.
“އަވަހަށްދޭ.. އެންމެ އެތެރޭގަ އިން ކޮޓަރިއަށް.” އަހަރެން އެހެން ބުނުމާއެކު ނަތޫ އެތެރެއަށް ދިޔައެވެ.
“އާދޭ… ކޮންނަމެއް ކިޔަނީ؟” އަހަރެން އެހެން ބުނުމުން އެކުއްޖާ ކުޑަކޮށް އެތެރެއަށް ޖެހިލިއެވެ.
” ސަލާމް ކޮއްލާ… މީ ނަޝްފާ… ވަރަށް އުފަލުންދޯ ތިހުރީ ނަތޫ އައިމަ؟” ނަޝްފާ އަމިއްލައަށް ތަޢާރަފް ވަމުން އަހާލިއެވެ.
“އާނ!… އެކަމު ކިހިނެއް ނަޝްފާ ނަތޫއާ ރައްޓެހި…. މިބުނީ ކިހިނެއްހޭ ތި ދެމީހުން….” އަހަރެން ވާހަކަ ދައްކަމުން ދިޔައިރު އަނެއްކާވެސް ކުއްލިޔަކަށް ބެލް ރިންގ ވިއެވެ. އެޔާއެކު އަހަރެން ވާހަކަ މެދު ކަނޑާލީމެވެ.
ހިނިތުން ވެފައިހުރެ އަހަރެން ދޮރު ހުޅުވާލީމެވެ. ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ހުވަފެނެއް ނޫނެވެ. މިއީ ހަމަ ހަގީގަތެކެވެ. ބުނަން ނޭނގޭފަދަ އިހްސާސެއް އަހަރެންނަށް ވެރިވީ ހަމަ ކުއްލިޔަކަށެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އަހަރެން މަޑުމަޑުން ދެއަތަށް ބޯގުޑުވާލީ އަހަރެންގެ ހަށިގަނޑަށް ވެރިވި އަސަރަކުންނެވެ. ކުއްލިޔަކަށް އަހަރެން އެނބުރުން އަރައިން ވެއްޓެން އުޅޭހެން ހީވިއެވެ. އެޔާއެކު އަހަންނަށް ވީއެންމެ ބާރަކަށް ދޮރުގެ ތަޅުގައި އިރުކޮޅަކަށް ހިފަހައްޓާލީމެވެ.
ކުރިމަތީ ހުރީ އިޝާލްއެވެ. އަހަރެންގެ ބޭވަފާތެރިކަމުގެ ބަދަލު ހިފަން އިޝާލް ކައިވެނި ކުރީ ނަޝްފާއާ ހެއްޔެވެ؟ ނަޝްފާއާ އިޝާލް އެންމެ ސިކުންތަކަށްވެސް އަހަރެންގެ ކުރިމަތީ އުޅޭތަން ބަލަން އަހަންނަށް ކެތްވާނެހެއްޔެވެ؟ މިހުރިހާ ކަމެއް ހިނގިއިރު ނަތޫވެސް އަހަންނަށް އަންގާވެސް ނުލީ ކީއްވެހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމަކީ ކޮންކަހަލަ އެއްޗެއްހެއްޔެވެ؟ މިދިރިއުޅުން އަހަންނަށް ސާބިތު ކޮށްދޭން ބޭނުންވަނީ ކޯއްޗެއްހެއްޔެވެ؟ އަހަރެންގެ އެކަނިވެރިކަން ހެއްޔެވެ؟ ނޫނީ ބަދުނަސީބު ކަންހެއްޔެވެ؟ އަހަންނަކީ މިދުނިޔެއަށް ކިހާ ބޭކާރު މީހެއްހެއްޔެވެ؟
އަހަރެން އިޝާލްއާ ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ. އިޝާލްއާއެކު އެތެރެއަށް ވަދެގެން އައީ ނާސިފެވެ. އިޝާލްއަށް ދީފައިވާ އަހަރެންގެ ލޮލުގެ ނަޒަރު އެއްކިބާ ކޮއްލަމުން އަހަރެން ބަލާލީ ނާސިފަށެވެ. ދެންވެސް ފެނުނީ ތަފާތު މަންޒަރެކެވެ. ނާސިފްގެ ފަރާތުންނެވެ.
އަނެއްކާވެސް އަހަންނަށް ލިބުނީ ހައިރާން ކަމެވެ. ފެނުނު މަންޒަރުން ނާސިފްދެކެ ރުޅި އާދެވުނެވެ. ހިތުގައި ގިނި ރޯވީ ކިހާ އަވަސް މިނެއްގައިކަމެއް ނޭނގެއެވެ. އެކަމަކު އަހަރެން ލޯބި ނުވާމީހެއްގެ ފަރާތުން ފެންނަ އެކަހަލަ އެންމެ މަންޒަރަކަށްވެސް އަހަރެން ނަފްރަތު ކުރަންޖެހޭހެއްޔެވެ؟ އެކަމަކުވެސް އަހަންނަށް ކޮންޓްރޯލް ނުކުރެވުނީއެވެ.
އަހަރެން ކައިރީގައި ހުރި ނަޝްފާގެ އުނަގަނޑުގައި ނާސިފްގެ އަތް އަޅުވާލިއެވެ. އެޔާއެކު ހިނިއައިސްފާހުރެ ނަޝްފާވެސް ނާސިފްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިޔަށް ހިނގައިގަތެވެ. އަހަންނަށް އޮޅިއްޖެއެވެ. އިޝާލް އަކީ ނަޝްފާގެ ފިރިމީހާނަމަ ނާސިފް މިއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ނާސިފް ފިޔަވާ މިތަނުގައި ދެމަފިރިންނަކީ ކޮބައިބާއެވެ؟ ނަތޫއާ އިޝާލްހެއްޔެވެ؟ އިޝާލްއާ ނަޝްފާ ހެއްޔެވެ؟ ނަޝްފާއާ ނާސިފް ހެއްޔެވެ؟ ކުއްލިޔަކަށް އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ.
– ނުނިމެ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Vvv Reethi mi part vs Maasha Allah ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊..
Thanks my dear…
V ufaavejje. And next part ves Hama dhuvahah kiyaalan libeytho shaleenves try kuraanee .
Thanks for waiting 🙂
Lysm ifoo
Maasha Allah mi part ves varah varah varah reethi… Next part kiyaalan libeyny kon iraku???
Hi my dear…
Thanks v bodah … Ufaavejje mi part ah ves comment libuneema.. so next part dho?
Ummeedhu kurey hama dhuvahah kiyaalan libeyne kamah in sha Allah.
Shaleen Hama fit koh hureeyaa abadhuves balaanan dhuvahah up kolleveytho.
Next part innaanee Thursday GA in sha Allah
Lysm Vempire girl ❤️
varah curious vejje. kihineh baa vaan miulheni kehtherikameh nethi next part ah inthizaaru kuran
Aharumenge Nadhoo 👋
Salhi comment eh libifa mi inee mifaharu ingey.
Ummeedh kuran Hama thihaa kehtherikamei nethives kehkuraane kamah Thursday ge part 41 ah …
In sha Allah Hama e dhuvahah vhk kiyaalan libeyvaru kollaanan.
Lysm Nadhoo 😍
Mi part vex varha reethi furihamaa
Next part kiyaalan libeeney kama unmeedhu kuran
Once again mi part vex varha reethi
Shaleen sis ge vaahaka libuneema varha ufaaveje
Thanks imko 🤗
Next part Thursday GA kiyaalan ready velaa
Shaleen try kollaanan Hama time ah vhk up kolleveytho.
Ummeedhu kuran inthizaaru kuraane kamah.
Lysm 🌹
❤️💗💓💯😭
🤗❤️❤️❤️💯
Mi gady vahkaige inthizaaru ga thibi kudhin kobaaaa😭😭
1. Lily
2.