Skip to content
އެސްފިޔަ

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36

ލައުރާގެ އެ ކުއްލި ޙަމަލާއާއި އެކު، އަޒާންއަށް ލައުރާއާ ދިމާއަށް ބަލައިލެވުނީ ދެލޯ ބޮޑުވެފައިވާ ޙާލުގައެވެ. އޭރު ލައުރާގެ ދެލޮލުގައިވީ ކަރުނަތަކާއެކު ވިދަމުން ދިޔައީ ނަފްރަތާއި، ރުޅިވެރިކަމެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ފަސް އަހަރު ފަހުން ލައުރާގެ ފަރާތުން އޭނާ ހިތް އެދޭ ކަހަލަ ޖަވާބެއް ލިބޭނެކަމުގެ އުންމީދީ ހުޅުކޮޅު ރޯވެފައި، ކުއްލިއަކަށް ނިވުނީ ކީއްވެގެން ހެއްޔެވެ؟ ލައުރާގެ ފަރާތުން ނޫނީ ޖަވާބެއް ލިބެން ނެތް އެތައް ސުވާލުތަކެއް އެވަގުތު އަޒާންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.

“މީ ދޯ އަޒާން އެރޭ އަހަންނަށް އެހީވި ސަބަބަކީ..؟؟ އަހަރެން ހިޔެއް ނުކުރަން އަޒާންއަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް.. އަހަރެން ހީކުރީ އަޒާން އަަހަންނަށް އެހީވީ އެއްވެސް އަމިއްލަ އެދުމެއް ނެތި އަހަރެންނަށް ހެޔޮ އެދިގެން ކަމަށް.. އެކަމަކު އެހެންނެއް ނުވިތާ.. އަހަރެން ހިޔެއް ނުކުރަން އަޒާން ތިގޮތަށް އަހަރެން ހާސިލް ކުރަން މަސައްކަތް ކޮށްފާނެ ކަމަކަށް.. ދެން ދުވަހަކުވެސް އަޒާންގެ ސޫރަ ދެކޭކަށްވެސް އަހަންނެއް ބޭނުމެއް ނޫން.. އަހަރެންގެ ކުރިމަތިން ދުރަށް ދޭ..” ލައުރާގެ ދުލުން ބުނި ކޮންމެ ލަފްޒެއް ވަކިވަކިން ރުވާފައި ދިޔަ ތީރުތަކެއްހެން އަޒާންގެ ހިތް ޒަޚަމް ކޮށްލިއެވެ. ފިރިހެނަކަށް ވީ ނަމަވެސް، އެވަގުތު އަޒާންގެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ހިތަށް ވީ ތަދާއި އެކު އެއްވެސް އެއްޗެއް ބުނުމެއް ނެތި، އަޒާން ލައުރާގެ އެޕާރޓްމެންޓުން ބޭރަށް ނުކުތެވެ.

އަޒާން ދިޔުމާއެކު، ލައުރާ ދޮރު ލައްޕައިލިއެވެ. އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ދެނެވެ. ދުލުން ދެންމެ ބުނެވުނު އެއްވެސް ޖުމުލައަކީ އޭނާ ބުނަން ބޭނުންވެގެން ބުނެވުނު އެއްޗެއް ނޫނެވެ. އޭނާ ހަމައެކަނި ބޭނުންވީ އަޒާންއާ މެދު އެ ހިތުގައި އުފެދިފައިވާ އިޙުސާސްތަކަށް ނިމުމެއް ގެންނާށެވެ. އަޒާންގެ ހަނދާންތަކުން ދުރުވާށެވެ. އޭނާއާ އަޒާންއަކީ ދުވަހަކުވެސް ގުޅެވޭނޭ ޖޯޑެއް ނޫނެވެ.

ނަމަވެސް، ލައުރާއަށް ނޭނގުނު ކަމަކީ މިއަދު އޭނާ ނިންމި ނިންމުމުގެ ސަބަބުން ވަރަށް އަވަހަށް އޭނާ ހިތާމަ ކުރަން ޖެހޭނެ ކަމެވެ. އަދި އަޒާންގެ ލޯތްބަށް އެދި، ލައުރާވެސް ރޯން ޖެހޭނޭ ދުވަހެއް އަންނަން އޮތް ކަމެވެ.

*** ** ***

މިލާން ގެޔަށް ވަން އިރު ގަޑިން ހުރީ އެގާރަވެސް ޖަހާފައެވެ. ގޭތެރެއަށް ވަން އިރު ގޭތެރެ އަނދިރިކޮށް އޮތުމުން ޔައިނާ ނިދީކަން މިލާނަށް އެނގުނެވެ. މަޑު ފިޔަވަޅުތަކެއްގައި މިލާން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލީ މަޑުމަޑުންނެވެ. އޭރު އެނދުމަތީގައި ޔައިނާ ނިދާފައި އޮތެވެ. ވީހާވެސް މަޑުން ފިޔަވަޅުތައް އަޅަމުން ގޮސް އަލަމާރިން ހަމައެކަނި ކަޅުކުލައިގެ ސޯޓެއް ހިފައިގެން ގޮސް މިލާން ފާޚާނާއަށް ވަނެވެ. ދަތް އުނގުޅާ، މޫނުދޮވެ ހަދައިގެން، ހަމައެކަނި ސޯޓު ލައިގެން މިލާން ނުކުތް އިރު، އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ.

އެނދު ކައިރިޔަށް ގޮސް ބާލީހެއް ހިފައިގެން އެނބުރި ދާން އުޅުނު ވަގުތު މިލާންގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ، ބެންޑޭޖުކޮށްފައި އޮތް ޔައިނާގެ އަތެވެ. އެއާއެކު އޭނާގެ އަތުތެރެއަށް ޔައިނާގެ އަތް ލެވުނީ، އިޚްތިޔާރަކާ ނުލައެވެ. އެއީ ކޮންއިރަކު ވީ ކަމެއްކަމާއި މެދު އަމިއްލަ ނަފްސާއި ސުވާލު ކުރަމުން ދިޔަ އިރު، މިލާން ހަނދާންވީ މިއަދު އޭނާ ތަޅައިލި ޖޯޑުގެ މަތިންނެވެ. އެއަށްފަހު މުށިތަކުގެ މައްޗަށް ޔައިނާ ކޮއްޕައިލާފައި، ނުކުމެގެން ދިޔަ ހަނދާނެވެ. ޔައިނާއަށް އެ ޒަޚަމް ލިބުނީ އޭނާގެ ސަބަބުންކަން ހިތަށް އެރުމާއެކު މިލާންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ޔައިނާއަށް ކިތަންމެ ނަފްރަތު ކުރި ނަމަވެސް، އެގޮތަށް ޔައިނާއަށް އަނިޔާއެއް ދިނުމަކީ، އޭނާ ދުވަހަކުވެސް ކުރަން ބޭނުންވީ ކަމެއް ނޫނެވެ. ނަމަވެސް، މިލާނަށް ނޭނގުނު ކަމަކީ، ބޭރުފުށުން ފެންނަން ހުންނަ ޒަޚަމްތަކަށް ވުރެ، ރުޅި އައިސްގެން މިލާން ބުނެލާ ކޮންމެ ލަފްޒަކުންވެސް ޔައިނާގެ ހިތަށް ދެވޭ އަނިޔާ މާ ބޮޑުކަމެވެ.

*** ** ***

ހަނީމޫން ދަތުރު ނިންމައިލުމަށްފަހު ޒާރާއާއި އަފާން މާލެ އައީ ހަފްތާއެއް ފަހުންނެވެ. މާލެއަށް އާދެވުމާއި އެކު ދެމީހުންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ނުކުތުމަށެވެ. ހަފްތާއެއް ވީ ފަހުން އަފާންގެ މަސައްކަތްތައް ހީވީ ހަތްގުނަ އިތުރުވެފައިވީ ހެންނެވެ. އެހެންކަމުން މާލެ އައިސް ފުރަތަމަ ދެތިން ދުވަހު އަފާން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ.

ގޭގައި އުޅޭ ވަގުތުތަކުގައި ޒާރާއަށް އަޒާންގެ ކިބައިން ތަފާތުކަމެއް ފާހަގަ ކުރެވޭހެން ހީވާން ފެށީ މާލެ އައިތާ ދެވަނައަށް ވީ ދުވަހުއެވެ. އަބަދު ދެރަވެފައި ހުރުމާއި، ގިނަ ވަގުތު ކޮޓަރީގައި އުޅުމަކީ ކުރިން އަޒާން އުޅުނު ގޮތެއް ނޫނެވެ. މުޅި ދުވަހު ކޮފީ ފިޔަވައި އެހެން އެއްޗެއް ބަނޑަށް ނުލައި ހުރުމަކީ އަޒާން ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އެ ވާހަކަ އެންމެ ފުރަތަމަ ޒާރާ ދެއްކީ އަފާންއާއެވެ. އަފާން ފަހުން އަޒާންއާ ވާހަކަ ދައްކާނެ ކަމަށް ބުނެފައި، ހޮސްޕިޓަލުގެ ކަންކަމާ މާ ބޮޑަށް ބުރަވުމުގެ ސަބަބުން ހަނދާން ނެތުނީއެވެ.

*** ** ***

އޮފީހުގައި މަސައްކަތް ކުރަން އިނދެފައި ލައުރާއަށް މިހާރު ފޯނު ބަލައިލެވުނު އެއީ ހަތްވަނަ ފަހަރެވެ. މިފަހަރުވެސް އޭނާއަށް ފޯނު ބާއްވަން ޖެހުނީ މާޔޫސްކަމާ އެކީއެވެ. މަސައްކަތަށް ސަމާލުކަން ނުދެވޭހެން ހީވުމާއި އެކު، ލައުރާ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ބޭރުން ފެންނަމުން ދިޔަ ސިނަމާލެ ބްރިޖްގެ ހިތްގައިމު މަންޒަރުންވެސް ލައުރާގެ ހިތަށް ލުޔެއް ނުލިބުނެވެ. އަޒާންގެ ޚަބަރެއް ނުވާތާ މިއަދު މިވީ ހަފްތާއެކެވެ. އެހެންޏާ ކޮންމެ ދުވަހަކުވެސް ދެތިން ފަހަރު ލައުރާގެ ހާލު ބަލައި އަޒާން، ލައުރާއަށް މެސެޖެއްހާ ހިސާބުވެސް ކޮށްނުލާތާ މިހާރު ހަފްތާއެއް ވެގެން ދިޔައީއެވެ. ލައުރާގެ މުޅި ދުވަސް މިހާރު ހޭދަވަނީ އަޒާންގެ ހަނދާނުގައެވެ. އެ ޚިޔާލުތަކުގައެވެ. އެ ދުވަހު އަޒާންއާ ދިމާއަށް ބުނެވުނު ބަސްތަކުގެ ހޫނުކަން މިއަދު ލައުރާގެ ހިތާ ހަމަޔަށް ފޯރައިފިއެވެ.

އަޒާންގެ ޚިޔާލުތައް ކުރެވުމާއި އެކު ލައުރާގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފޫދިގަތެވެ. ބާރަށް ގިސްލެވެން ފެށުމާއި އެކު ދެއަތުން މޫނު ފޮރުވައިލެވުނެވެ. މިވަގުތުވެސް އަޒާން އޭނާގެ ކައިރީގައި ވުމަށް އިންތިހާއަށް ހިތް އެދެމުން ދިޔައެވެ. ލައުރާއަށް މިއަދު ޔަޤީންވާ އެއް ކަމެއް ވެއެވެ. ކިތަންމެ ދެކޮޅު ހަދަން މަސައްކަތް ކުރިޔަސް، އޭނާއަށް އަޒާން ދެކެ ލޯބި ވެވިފައިވާ ކަމެވެ.

*** ** ***

“ތުއްތު ދައްތާ..” އުނދުން މައްޗަށް ރިހަ ތެއްޔެއް އުދައިގެން ހުރި ޒާރާއަށް ފަހަތަށް ބަލައިލެވުނީ އަޒާން ގޮވައިލި އަޑު އިވުމުންނެވެ. “އަޒާން ބަނޑުހައިވީތަ..؟ މަޑުކޮށްލާ އިނގޭ.. މި ނިމެނީ..” ޒާރާ ހީކުރީ އަޒާން އުޅެނީ ބަނޑުހައިވެގެން ކަމަށެވެ. “ނޫނޭ.. މިގަޑީގަ ނުކާނަން.. އެހެން ވާހަކައެއް ބުނަން ވެގެން މި އައީ..” ގޮނޑިއެއްގައި އިށީންނަމުން އަޒާން ބުނެލުމާއެކު، ޒާރާ އުނދުން ނިއްވާލާފައި އައިސް، އަޒާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

“އަޒާން ކީއްވެތަ މިހާރު ނުކަނީ..؟ ތުއްތު ދައްތަ ކައްކާ އެއްޗެހި ނުބައީތަ..؟” ޒާރާ ނިންމީ އެންމެ ފަހުން އަޒާންއާ އެ ވާހަކަ ދެއްކުމަށެވެ. “ނޫނޭ.. އެހެންނެއް ނޫން.. އަސްލު ކާ ހިތް ނުވަނީ..” އަޒާން އިސްދަށަށް ޖެހީ ޒާރާއަށް ކަމެއް ޝައްކުވެއްޖެކަން ރޭކާލުމުންނެވެ. “އަޒާން.. ދުވަސްކޮޅެއް ވެއްޖެ އަޒާންއަށް ތި އައި ބަދަލު ތުއްތުއަށްވެސް ތުއްތު ދައްތައަށްވެސް ފާހަގަ ކުރެވޭތާ.. ކިހިނެއްތަ ވީ..؟ ވެގެން އުޅޭ ކަމެއް ބުނީމަ ދޯ އެހީވާންވެސް އިނގޭނީ..” ޒާރާ ވާހަކަ ދައްކަމުން ދިޔަ އިރުވެސް އަޒާން އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. އޭނާ ޖަވާބު ދިނީ މިނެޓެއްހާ އިރު ފަހުންނެވެ.

“ނުވޭ އެއްވެސް ކަމެއް.. މީ.. އަހަރެން މި އުޅެނީ މާދަން ނޫން އަނެއް ދުވަހު އެކޮޅަށް ފުރަން ވެގެން..” އަޒާން ބުނެލި އެއްޗަކުން ޒާރާއަށް ލިބުނީ ހައިރާންކަމެކެވެ. “ފުރާށޭ..؟ ހާދަ އަވަހަށް..؟ އަދި ދެ ހަފްތާ ވަންދެން އަޒާން މިކޮޅުގަ މަޑުކުރާ ގޮތަކަށް ނޫންތަ އޮތީ..؟” ޒާރާ އަހައިލިއެވެ. “އާނ.. އެގޮތަށް އޮތީ.. އެކަމް މިހާރު ބޭނުން ވަނީ ދާން..” އަޒާން ބުނެލިއެވެ. “އަޒާން މާ އަވަހަށް ދާން ތި އުޅެނީ ކީއްވެ..؟ މިކޮޅަށް އަޒާން އައީ ވަރަށް އަންނަ ހިތުން.. ދެން އެހާ ކުއްލިއަކަށް ޗުއްޓީ ނުނިމެނީސް ދާން ތި ނިންމީ ކީއްވެ..؟” ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޒާރާއަށް އިހުސާސް ކުރެވުނެވެ. “އެއްވެސް ކަމެއް ނުވޭ.. ފައިނަލްސް ފެށެން ކައިރިވާތީ ތަންކޮޅެއް އަވަހަށް ޕްރިޕެއަރ ވާން ފަށަން ވެގެން އެކޮޅަށް ދާން ކަމަށް.. ތުއްތު އައީމަ ތުއްތު ކައިރި ބުނެލަދޭތި އިނގޭ..” ހިނިތުންވެލުމަށް ފަހު، އަޒާން ތެދުވެގެން ދިޔަ އިރުވެސް، ޒާރާއަށް އިން ގޮތަށް އިނދެވުނެވެ.

އަޒާންގެ ދިރިއުޅުމުގައި ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި ކަމަށް އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު، ޒާރާ ފޯނު ނަގައި، އަފާންއަށް ގުޅައިލިއެވެ.

*** ** ***

“އަޒާން..”

ފޯނުން ލައުރާގެ ފޮޓޮއަކަށް ގެއްލިފައި އިން އަޒާންއަށް ސިހުމެއް ލިބުނީ ކޮޓަރިއަށް ވަން އަފާންގެ އަޑު އިވުމުންނެވެ. އަވަސްއަވަހަށް އެނދުމަތީގައި ބަންޑުން ފޯނު ބާއްވަމުން ހަމަޖެހިލިއެވެ.

އަފާން ފެނުމާއި އެކު އަޒާންގެ މޫނުމައްޗަށް އެރި ސިހުމުގެ ކުލަވަރުތައް އަފާންއަށް ވަރަށް ރަނގަޅަށްވެސް ފެނުނެވެ. މަޑު ހިނގުމެއްގައި އަފާން އައިސް އަޒާންގެ ކައިރީ އެނދުމަތީގައި އިށީނދެފައި އަޒާންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

“ޒާރާ ބުނި އަޒާން ފުރަން އުޅޭ ވާހަކަ..” އަފާން އެހެން ބުނުމާއި އެކު، އަޒާން ހަމައެކަނި ބޯ ޖަހައިލީއެވެ. “އެ ކީއްވެ ކުއްލިއަކަށް އެހާ އަވަހަށް ފުރަން ތި ނިންމީ..؟ އަޒާން ދާ ގޮތަށް އޮތީ އަދި ދެ ހަފްތާ ފަހުންނެއްނު..” އަފާން އެއްސެވެ. “ކަމެއް ނުވޭ. ހަމަ ދާން ބޭނުންވަނީ..” އަޒާން ހުރީ ލައުރާގެ ވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރާ ގޮތަކަށް ނޫނެވެ. އެއާއެކު، އަފާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އަޒާން ތުއްތުއަށް ކަމެއް ސިއްރު ކުރަނީ ދޯ..؟” އަފާންއަށް ޔަޤީންވީ އެހިސާބުންނެވެ. އޭނާގެ ކޮއްކޮ އޭނާއަށް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރެއެވެ.

“ނޫން..” އަޒާންގެ ޖަވާބު ކުރެވެ. “ކަމޯން އަޒާން.. އަޒާން ދޮގު ހެދިޔަސް ތުއްތުއަށް ނޭނގި ހުންނާނެތަ..؟ ކުޑައިރުއްސުރެވެސް އަޒާންގެ ހުރިހާ ވާހަކަތަކެއް ތުއްތުއާ ޝެއަރ ކުރަމެއްނު.. ދެން މިއަދު ކީއްވެގެންތަ ތި ތުއްތުއަށް ކަންތައްތައް ސިއްރު ކުރަން މަސައްކަތް ކުރަނީ..؟” އަފާންގެ ވާހަކަތަކުން އަޒާންއަށް ދެލޯ މަރައި ބާރުކޮށްލެވުނު އިރު، ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އެއްވެސް ކަމެއް ތުއްތުއަކަށް ސިއްރެއް ނުކުރަމޭ..” އަޒާން ހުރީ އަދިވެސް ދޫދޭ ގޮތަކަށް ނޫނެވެ. “އަޒާން އަދިވެސް ދޮގު ހަދަނީތަ..؟ މިވީ ދެ ހަފްތާއެއްހާ ދުވަސް ތެރޭ އަޒާންގެ އުޅުމަށް އައި ބަދަލުތައް ތުއްތުއަށް ފާހަގަ ވެއްޖޭ.. އެއްގޮތަކަށްވެސް ބޭރަށް ނުނުކުމެ އަބަދު ކޮޓަރީގަ.. އެއްޗެއް ކަނީކީ ނޫން.. ތީ އަޒާން ދުވަހަކުވެސް އުޅުނު ގޮތެއް ނޫން.. ބުނެބަލަ.. ތުއްތުއަށް ކަމެއް ފޮރުވަނީ ދޯ..؟” އަފާންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގިފައި އަޒާން އިން އިރު، އަފާންގެ ހިތުގައިވީ ޝައްކު ޔަޤީނަށް ބަދަލުވެއްޖެއެވެ.

“އަޒާން މާ ދެރަ ވެގެން ތި އުޅެނީ އަންހެން ކުއްޖެއްގެ ކަމެއްގަ ދޯ..؟” ވަރަށް ޔަޤީންކަމާ އެކީ އަފާން ކޮށްލި ސުވާލުން އަޒާންއަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނެވެ. އަޒާންގެ މޫނުމަތީގެ ކުލަވަރުންވެސް އަފާންއަށް އޭނާ ބޭނުންވި ޖަވާބު ލިބުނެވެ. “އަޒާން ދެން އިތުރަށް ސިއްރު ކުރަން ނަހަދާ ތުއްތުއަށް ކިޔައިދީބަލަ.. އޭރުން ދޯ އެހީއެއް ވާން އެނގޭނީވެސް..” އަފާން ބުނެލުމާއެކު، އަޒާން ތެދުވެގެން ގޮސް، ކުޑަދޮރުކައިރީގައި ހުއްޓުނެވެ.

“ބުންޏަސް ކުރާނެ ފައިދާއެއް ނޯންނާނެ.. އެ އަންހެން ކުއްޖާ އަހަންނަށް ދުވަހަކުވެސް ނުލިބޭނެ.. ތުއްތުއަށް އިނގޭތަ..؟ ފަސް އަހަރު.. އަހަރެން އެ ކުއްޖާ ދެކެ ލޯބިވާތާ ފަސް އަހަރު ވެއްޖެ.. ފަސް އަހަރު ވަންދެން އަހަރެން އެ ކުއްޖާގެ ލޯތްބަށް އެދި އާދޭސް ކޮށްފިން.. މިފަހުން އަހަންނަށް އެކަން ކާމިޔާބު ވާން އުޅުނުހެންވެސް ހީވި.. އެކަމަކު އަހަރެންގެ އެއްވެސް ކުށަކާ ނުލައި އޭނަ އަހަރެން ބާކީ ކޮށްލީ.. އަހަރެން އޭނައަށް ހިމާޔަތާ ރައްކާތެރިކަން ދިނީ އަމިއްލަ އެދުމެއް އޮވެގެންނެއް ނޫން.. އަހަރެން އޭނަ ދެކެ ހަގީގަތުގަވެސް ވަރަށް ވަރަށް ބޮޑަށް ލޯބި ވާތީ.. އެކަމަކު އޭނަ ދެކުނީ އެހެންނެއް ނޫން.. އޭނަ އަހަންނާ ދިމާއަށް އެ ހުރިހާ އެއްޗެއް ކީ އިރު އަހަރެންގެ ހިތަށް އެ ވީ ތަދު އަދި ދުވަހަކުވެސް އެއްވެސް މީހަކު އަހަންނާ ދިމާއަށް އެއްޗެއް ބުނެގެންނެއް ނުވޭ.. އާނ.. ގަބޫލު ކުރަން.. ސްކޫލުގަ އުޅުނު އިރު އަހަންނަކީ މާ ރަނގަޅަށް އުޅުނު މީހެއް ނޫން.. ކްލާހުގަ އަހަރެން ރައްޓެހިނުވާ އަންހެން ކުއްޖަކު މަދުވާނެ.. އެކަމަކު އެ ކުއްޖާ ދެކެ ލޯބި ވެވުނު ފަހުން އަހަރެން ބަދަލުވާން ހާދަ މަސައްކަތެއް ކުރީމޭ.. އެކަމަކު އެ ހުރިހާ ކަމަށް ފަހުވެސް އަހަންނަށް އެ ކުއްޖާ ހާސިލެއް ނުކުރެވުނު.. އެ ކުއްޖާ ލިބޭތޯ އަހަރެން އިންތިޒާރު ކުރި ފަސް އަހަރު ދުވަސް ބޭކާރުވެގެން އެ ދިޔައީ.. އިތުރަށް އަހަންނެއްވެސް އޭނަގެ ފަހަތުން ސަލާން ޖަހަމުންނެއް ނުދުވާނަން..” އަޒާންގެ ވާހަކަތައް ނިމުނު އިރު އެ ދެލޯ ފުރިފައިވީ ތާޒާ ކަރުނުންނެވެ. އަފާންއަށް ފުރަގަސްދީގެން، ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު، އަޒާންގެ ހިތުގައި އާދަޔާޚިލާފު ރިހުމެއް ވިއެވެ. ލައުރާއަށްޓަކައި ކުރަމުން ދިޔަ އިންތިޒާރުގެ ނިމުމަކީ މިއީކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަ އިރު، އެ ހިތުގައި އިންތިހާއަށް ވޭން އަޅަމުން ދިޔައެވެ.

އެކުގައި އުޅެބޮޑުވި ލޯބިވާ ކޮއްކޮގެ ފަރާތުން އެ އިވުނު ވާހަކަތަކުން އަފާންގެ ހިތް ވަނީ މުޅީން މާޔޫސް ވެފައެވެ. އެ ހިތާމައިގައި ފަސް އަހަރު ދުވަސް އަޒާން ވޭތު ކުރި އިރު، އޭނާއަށް އެއިން އެއްވެސް ކަމެއް ފާހަގަ ނުކުރެވުނީތީ، އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. އޭނާގެ އަޅާލުމާއި އެހީ، ކޮއްކޮއަށް އެންމެ ބޭނުންވީ ދުވަހު، ނުދެވުމުން އިންތިހާއަށް ދެރަވިއެވެ. އެއްވެސް އެއްޗެއް ނުބުނެ ދެބެން ތިބި އިރު، ދެބެންގެ ދެލޮލުގައިވެސް ކަރުނައިގެ އަސަރު ފާއްދާލާފައި ހުއްޓެވެ.

އެނދުމަތީގައި އޮތް އަޒާންގެ ފޯނަށް މެސެޖެއް އައުމާއެކު، އަފާންގެ ނަޒަރު އެ ފޯނާ ދިމާއަށް ދަތުރު ކުރިއެވެ. ނޮޓިފިކޭޝަން އައި އަޑު އަޒާންއަށް ނީވޭ ކަން ޔަޤީން ވުމާއެކު، އަފާން އެ ފޯނު ނެގިއެވެ. އަޒާންގެ ފޯނުގެ ޕާސްވޯޑު އިނގޭތީ، މާ ބޮޑު ކަމަކަށް ނުހަދައި، ފޯނު ހުޅުވައިލި ވަގުތު އަފާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.

ހުޅުވާފައި އެ އިން ފޮޓޯގައި އެ ހުރީ ލައުރާ ނޫން ދެވަނަ މީހެއް ނޫނެވެ. ވަގުތުން އަފާން ބެކަށް ގޮސް، އަޒާންގެ ގެލަރީ ހާވަމުން ދިޔަ އިރު “މައި ލަވް” އޭ ޖަހާފައި އިން ފޯލްޑަރ އެއްގައި ލައުރާގެ ވިއްސަކަށް ފޮޓޯ ހުއްޓެވެ. ގިނަ ފޮޓޯ ހީވަނީވެސް ސިއްރުން ނަގާފައި ހުރި ފޮޓޯތަކެއް ހެންނެވެ. ލިބުނު ސިހުމުގައި އެއްޗެއް ނުބުނެވިފައި، އަފާންއަށް އިރުކޮޅަކު އިނދެވުނެވެ.

“އަޒާން ލޯބިވަނީ… ލައުރާ ދެކެތަ…؟” މަޑުމަޑުން އަފާން ކޮށްލި ސުވާލު އަޒާންގެ ކަންފަތާ ހަމަޔަށް ފޯރީ ކިރިޔާއެވެ. ނަމަވެސް އެ އަޑު އަޒާންއަށް އިވުނީ ހޮނު ގުގުރިއެއްހާ ބާރަށެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރެވުނު އިރު އަފާންގެ އަތުގައި އޮތް އޭނާގެ ފޯނު ފެނުމުން އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ދެތިން ހުތުރު ބަސް ބޭރުކޮށްލެވުނެވެ. ޖެހި ދުމެއްހެން ގޮސް، އަފާންގެ އަތުގައި އޮތް އޭނާގެ ފޯނު ޖަހައިގަނެފައި، އެޔަށް ބަލައިލި ވަގުތު ފެންނަން އިން ލައުރާގެ ފޮޓޯ ފެނިފައި ދެލޯ މަރައި ބާރުކޮށްލެވުނީ، އަފާންގެ ކުރިމަތީގައި ޙަޤީގަތް ހާމަވުމުންނެވެ.

“އަޒާން.. ވަޓް ދަ ހެލް..؟! މިވީ ފަސް އަހަރު ދުވަހުގެ ތެރޭ އަޒާންއަށް ހަނދާން ނައްތައި ނުލެވިގެން ތި އުޅޭ އަންހެން ކުއްޖަކީ ލައުރާއޭތަ ތި ބުނަނީ..؟!” އަފާންއަށް އެނދުން ތެދުވެވުނު އިރު، މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް މާނަ ކުރާކަށް އަޒާނައަކަށް ނޭނގުނެވެ. ދޭނެ ޖަވާބެއް ނޭނގި، އަޒާންއަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހައިލުމެވެ.

“އަޒާން!! މަ މި ސުވާލު ކުރަނީ އަޒާން އާއޭ.. އަޒާން އަކަށް ނޭނގޭތަ ލައުރާއަކީ އަޒާންއަށް ވުރެ ބޮޑު މީހެއް ކަމެއް..؟ ލައުރާއާ އަޒާންއާ ގުޅުން އެއީ ނާދިރުކަމެއް ކަން ނުވިސްނޭ އިރު ލައުރާއާ ހަދައި އަމިއްލަ ނަފްސު ތި ހަލާކު ކުރަނީ ކީއްވެތަ..؟!” މިފަހަރު އަފާންގެ އަޑުގައި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އެކުލެވިގެން ވިއެވެ. އަފާންގެ ޖުމްލަތަކުން އަޒާންގެ ހިތުގައިވެސް ނަފްރަތުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.

“އަހަރެން ލައުރާއަށް ވުރެ ކުޑަވީމަ ކީއްވެތަ އެންމެންނަށް މައްސަލައަކަށް ވެގެން މި އުޅެނީ.. ލައުރާވެސް އެހެންވެ އަހަންނާ ނުގުޅެން ވެގެން.. އަހަރެމެންގެ ޢުމުރު އަހަންނަށް މައްސަލައަކަށް ނުވާ އިރު ކީއްވެތަ އެހެން މީހުންނަށް މައްސަލައަކަށް ވާންވީ..؟؟ އެހެންނޫނަސް އެންމެ ދެ އަހަރޭ.. ލައުރާއަށް ވުރެ އުމުރުގެ ގޮތުން ކުޑަޔަސް އަހަންނަކީވެސް މިހާރު ތަންދޮރުފިލާ ވަރަށް ބޮޑުވެފަ ހުރި ފިރިހެނެއް.. އަހަރެން ބޭނުންވާ މީހެއް ދެކެ ލޯބިވުމުގެ ހައްގު އަހަންނަށްވެސް އޮންނަން ވާނެ..” އަޒާންގެ ވާހަކަތަކުން އަފާންގެ މޫނުމަތީގައިވީ ކުލަވަރު ބަދަލުވިއެވެ. އެ ބުނީ ތެދެކެވެ. އަޒާންއަކީވެސް މިހާރު ކުޑަ ކުއްޖެއް ނޫނެވެ. ލައުރާއަށްވުރެ އަޒާން ކުޑައީވެސް އެންމެ ދެ އަހަރެވެ. ގަސްތަކައި ނުލައި ބުނެވުނު އެއްޗަކުން އަޒާންގެ ހިތަށްް ކޮށްފާނެ އަސަރަކާ ދޭތެރޭގައި ކުރިން ވިސްނައިނުލެވުނީތީ އަފާން އިންތިހާއަށް ދެރަވިއެވެ.

“ސޮރީ.. ތުއްތު އެހެން ބުނި އެއްޗެއް ނޫން.. އެގަޑީ މާ ބޮޑަށް ހާސްވެފަ ހުރީމަ އެހެން ބުނެވުނީ.. ވަރަށް ބޮޑަށް ސޮރީ..” އަޒާންގެ ކޮނޑުގައި އަތް ބާއްވައިލަމުން އަފާން ބުނެލިއެވެ. “އިޓްސް ފައިން.. އިޓްސް ނޮޓް ލައިކް އިޓް މޭޓަރސް އެނީވޭސް.. ލައުރާ ދުވަހަކުވެސް އަހަންނަށް އާނ ބަހެއް ނުބުނާނެ.. ލެޓްސް ޖަސްޓް ފޮރގެޓް އެބައުޓް ދިސް.. އަހަރެންވެސް ދެން ލައުރާ މަތިން ހަނދާން ނައްތާލާފައި އައު ދިރިއުޅުމަކައިގެން ކުރިޔަށް ދެވޭތޯ ބަލާނީ..” ލުއި ހިނިތުންވެލުމަކާ އެކު އަޒާން ބުނެލި ނަމަވެސް، އެ ހިނިތުންވުމުގައި އެއްވެސް ދިރުމެއް ނެތެވެ. ހީވަނީ ހިނިތުންވާން މަޖުބޫރުވެފައި ހުރި މައްޔިތެއް ހެންނެވެ. އެއާއެކު، އަފާންގެ ހިތް ކިލަނބުވެގެން ދިޔައީ އަޒާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ގޮތެއް ޚިޔާލަށް ނައުމުންނެވެ. އަފާންއަށް ކުރެވުނުހާވެސް ކަމަކީ އަޒާންގެ ގައިގައި ބައްދައިލުމެވެ. ދުލުން އެއްޗެއް ބުނެލާނެ ހިތްވަރުވެސް އެވަގުތު އަފާންގެ ގައިގައި ނެތް ފަދައެވެ.

އަޒާންގެ ކޮޓަރި ދޮރު ކައިރީގައި ހުރިހާ އެއްޗެއް އަޑު އަހަން ހުރި ޒާރާގެ ދެލޯ ވީ ކަރުނުން ފުރިފައެވެ. ހިތާވީ ދިމާލުގައި އަތް އަޅައިގެން ހުރި އިރު، އަޒާންގެ ހިތަށް ވާނޭ ތަދު އޭނާއަށްވެސް އިޙުސާސް ކުރެވޭ ފަދައެވެ. އަޒާންއަކީ އޭނާގެ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައި ދެކޭ ފަރާތެކެވެ. ދުވަހެއްގެ ކޮޅުންވެސް، އަޒާންއަށް ދެރައެއް ލިބުމަކަށް ޒާރާއެއް ނޭދޭނެއެވެ.

އިރުކޮޅަކަށް ފަހު ޒާރާ މޫނު ފުހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލި އިރު، އޭނާގެ ހިތުތެރޭގައި ރޭވުމެއް ރޭވިފައި ވިއެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަމުން، މާދަމާގެ އިރަށް ޒާރާ އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ.

*** ** ***

ހެނދުނު ހަތެއް ނުޖަހަނީސް ލައުރާ ލެޕްޓޮޕް ހިފައިގެން ކާމޭޒު ދޮށުގައި އިނީ އޮފީހުގެ މަސައްކަތެއް ނިންމާށެވެ. އަޒާންގެ ޚިޔާލުތަކާ ދުރުވުމަށް ލައުރާ ބޭނުންކުރާ އުކުޅަކީ އެޔެވެ.

ކުރަން އިން މަސައްކަތް ހުއްޓައިލަން ލައުރާއަށް ޖެހުނީ ބެލްގެ އަޑު އިވުމުންނެވެ. ތެދުވެގެން ގޮސް، ދޮރު ހުޅުވައިލި އިރު ބޭރުގައި ޒާރާ ހުރި ތަން ފެނުނެނެވެ. ހިނިތުންވެލުމާއި އެކު، ޒާރާއަށް ވަނުމަށް ތަންދެއްކިއެވެ. ޒާރާ އެތެރެއަށް ވަނުމާއި އެކު ލައުރާ ދޮރު ލައްޕައިލިއެވެ.

“ހާދަ ނުގަޑިއެއްގަ.. ސައިބޯން ހިނގާ..” ލައުރާ ބުނެލިއެވެ. “ނޫނޭ.. ހަމަ ދެންމެ މި އައީ ސައި ބޮއެގެން.. އަސްލު އަހަރެން މި އައީ ލައުރާއާ ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން ވެގެން..” ޒާރާ ބޭނުންވީ ސީދާ މަޢުޟޫއަށް ދާށެވެ. “ބުނެބަ..” ލައުރާ ބުނެލިއެވެ.

“ލައުރާ އަޒާން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭތަ..؟” ޒާރާގެ ސުވާލުން ލައުރާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ހިތުގެ ވިންދު އަވަސްވާހެން ހީވިއެވެ. އޭނާއާއި އަޒާންގެ ވާހަކަ ޒާރާއަށް އެނގުނު ގޮތާއި މެދުގައި ސުވާލު އުފެދުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. Reem

    finally it’s uploaded.. Mi part ves v furihama. i hope azaan ah azaan ge loabi varah avahah libeyne kamah. Next part ves varah avaha fennaane kamah unmeedhu kuran. good luck for your hard works darling 💕

    1. Nayaa
      Reem

      finally dhww.. i wanted upload one more part before my term exam.. mi masakkaiy kurany term test feshumuge kurin adhi ithuru 1 episode submit kohleveythoa.. eyah fahu vaahakaige dhen oiy bai exams nimumaa eku hama genesdheyn fashaanan IA.. hingaa dhw azaan ah azaan ge loabi kaamiyabu veythoa balamaa.. thanks darlinggg.. means a lot to me <33

  2. ނަދާ

    aah! finally up vejje. haadha reechey hama rohvaalaifi varah molhu… next part kiyaalan libeyni kihaa thaaku kan buneladhee

    1. Nayaa
      ނަދާ

      vrh vrh bodah shukuriyyaa nadha <33 next part insha allah mi hafthaa therey submit kohleveythoa mi ulheny..

  3. vempire girl

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun???

    1. Nayaa
      vempire girl

      varah bodah shukuriyyaa vempire girl. <33 next part IA mi wek nimumuge kurin kiyaalan libeyne

  4. Rifoo

    Mi bai varah reethi Masha Allah when next

    1. Nayaa
      Rifoo

      thankiu rifoo <33 next part inasha allah mi week therey kiyaalan libeyne kamah balamaa hingaa

  5. love imko 💕💕

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama

    1. Nayaa
      love imko 💕💕

      vrh bodah shukuriyyaa imko <33 next part kiyaalan libeyne kan eii hama yageen kamennu <3

  6. ifoo

    Aww 😍..maasha Allah vv reethi mi part vs❤️..unmeedhu kuran next part vs avahah kiyaalan libeyne kamah😊

    1. Nayaa
      ifoo

      thanks a lott ifoo darling <33 next part nayaa ge term test feshumuge kurin upload kuraanan insha allah.. keep waiting.. maa las thakeh nuvaane IA <33

  7. Yaal

    Vaahaka varah reethi ..as always 😊.. ekam mihaaru yaina menge part kiyaalan nulibeythee varah dheravey.. yainage part eh ayas innanee emme 2 line.. laura ge story mihaaru mulhin.. so disappointing 😭

    1. Nayaa
      Yaal

      thanks for the feedback darling..
      well, meege kuree part ga hama ginain yaina men ge bai genessa hunnaany.. and gina readers abadhu shakuvaa kurey laura ge life ge happiness ge vhk nugenesdheythy.. and mihaaru vhk gossa mi oiy hisaabuga yaina ge vhk liyunas liyan jeheyny hama ekahcheh dhw.. milaan yaina ah kuraa nafrathuge vhk.. but laura ge story mi dhn hama gaaiy gandakah nimuny.. laura and azaan ge story vaki gothakah nimuneema dhen hama mulhi story ga ves onnaany yaina and milaan ge bai..
      really sorry to disappoint you.. but alhugandu mi balany hama vhk veehaaves shauguveri koh genesdheveythoa.. so hingaa dhw yaina and milaan ge life alun rebuild vaane bayah inthizaaru kuramaa.. once again thanks a lot for ur comment.. fenna goiy bunela dhineema vrh ufaa vejje <33

  8. Rudhey

    When next part so interesting

  9. Rudhey

    When next part so interesting

  10. LIM🖤

    When next part so interesting

  11. Anonymous

    when is next part

    1. Nayaa
      Anonymous

      submit kohlaifin.. admin approval libunuhaa avahakah upload vaane

Comments are closed.