Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 35

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
October 15, 2023 8 Mins Read
20 Comments

ފަހަތަށް އެނބުރެވުމާއި އެކު ލައުރާ އިން ގޮތް ފެނި، ވަގުތުން އަޒާންގެ ރުޅިގަނޑު އެކީ ފިލައި ދިޔައެވެ. ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އަންނަމުން ދިޔަ އިރު، އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން ގިސްލުމުގެ އަޑު ބޭރެއް ނުވެއެވެ. މުޅި ކުއްޖާ ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނި، ވަގުތުން އަޒާނަށް އެދިމާއަށް ދެވުނެވެ. ލައުރާ ކައިރީގައި، އެއްކަކޫ މައްޗަށް އިށީނދެލާފައި، ލައުރާގެ އަނގަމަތީގައި އަޅާފައިވި ފޮތިގަނޑު މޮހައިލަދިނެވެ. ލައުރާގެ ގިސްލުމުގެ އަޑު ބޭރުވީ ދެނެވެ. ބާރުބާރަށް ގިސްލަމުން އަޒާންގެ މޭތެރެއަށް ބޮނޑިވެގަތް އިރު، އެ ވޭނީ ގިސްލުމުގެ އަޑު އިވިފައި، އަޒާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ލައުރާގެ ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑުގައި އޭނާގެ ދެއަތް ވަށައިލެވުނީ، އިޚްތިޔާރަކާ ނުލައެވެ.

“އަޒާން… އަ.. އަޒާން… އެމީހުން… އެމީހުން އުޅުނީ.. އަ… އަހަރެން-” ގިސްލެވޭ ވަރުން ލައުރާއަށް ވާހަކަވެސް ނުދެެއްކުނެވެ. “ޝްޝް.. އައި ނޯ ލާރާ.. އައި ނޯ.. ޑޯންޓް ވޮރީ.. އެތަނުން ކޮންމެ މީހަކަސްވެސް ހައްގު އަދަބު ލިބޭނެކަން އަހަރެން ކަށަވަރު ކުރާނަން.. ލާރާގެ ގައިގަ އިނގިލި ކުރި ޖައްސައިލުމުގެ ޙައްޤުވެސް އެހެން މީހަކަށް ނޯންނާނެ.. މާރކް މައި ވޯރޑްސް.. ދޭ ވިލް ޕޭ ފޯރ ދިސް..” ލައުރާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އަޒާން ވާހަކަ ދެއްކީ، ކުޑަކޮށް ނަމަވެސް، ލައުރާ ހަމަޖެހޭތޯއެވެ.

އަޒާންގެ އަތުތެރޭގައިވީ ލައުރާއަށް އެ ދެއަތުގެ ތެރެއިން އިޙުސާސް ކުރެވުމުން ދިޔައީ ދުވަހަކުވެސް ލިބިފައި ނުވާ ފަދަ ޙިމާޔަތަކާ ރައްކާތެރިކަމެކެވެ. އަޒާންގެ މޭމަތީގައި ބޯ އަޅައިގެން އޮވެ، ހިތް ފުރެންދެން ރޮމުން ދިޔައީ، ހިތުގައިވީ ހުރިހާ އުދާހެއް ބޭރު ކުރުމަށްހެން ހީވެއެވެ.

“ޝްޝް.. ދެން ހުއްޓާލަބަލަ ޕްލީޒް.. ލާރާ ތިގޮތަށް ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ..” އެަގޮތުގައި އެތައް އިރެއް ހޭދަވެގެން ދިޔުމުން އަޒާންއަށް ކެތް ނުވެގެން، އެންމެ ފަހުން ބުނެލިއެވެ. އެއާއެކު، ލައުރާގެ ގިސްލުމުގެ އަޑު އިހުނަށްވުރެ މަޑުވިއެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ހޭދަވުމަށްފަހު، އަޒާންއާ ދުރުވެލާފައި، މޫނު ފުހެލިއެވެ.

ލައުރާގެ އެ ރަތްވެ، ދުޅަވެފައިވީ މޫނުމައްޗާއި، ދެލޯ ފެނުމުން އަޒާންގެ ހިތަށް ބާރުވެގެން ދިޔަ ފަދަ އިޙުސާސެއް ކުރެވުނެވެ. އޭނާ ޓީޝާޓުގެ މަތިން ލާފައި ހުރި ޖެކެޓު ނަގައި، ލައުރާގެ ހަށިގަނޑު ނިވާކޮށްލަދިނެވެ. އެއަށްފަހު، ލައުރާއަށް ތެދުވަން އެހީވިއެވެ. ލައުރާގެ ހަށިގަނޑު އޭރުވެސް ތުރުތުރު އަޅަމުން ދިޔަ އިރު، ހިނގަން ނުހަނު އުނދަގޫވިއެވެ. ވަގުތުން އަޒާން އޭނާގެ އަތްދަނޑިމައްޗަށް ލައުރާ ނެގީ، އެކަން އެނގުމުންނެވެ. އެއްވެސް އެއްޗެއް ބުނާނެ ހިތްވަރު ނެތި، ލައުރާވެސް އަޒާންގެ ކަރުގައި ދެއަތް ވަށައިލަމުން ދެލޯ މަރައިލީ، އަޒާންއަށް އިތުބާރު ކުރެވޭތީއެވެ.

އަޒާން ލައުރާ ގޮވައިގެން ދިޔައީ، އޭނާގެ ކާރާ ދިމާއަށެވެ. ލައުރާ ތިރީގައި ބަހައްޓާފައި، ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވަައިލުމާއެކު، އެއްވެސް ބަހެއް ބުނުމެއް ނެތި ލައުރާ ކާރަށް އެރިއެވެ. ލައުރާ ކާރަށް އެރުމުން އަޒާންވެސް ޑްރައިވިން ސީޓަށް އަރާ، ހަމަޖެހިލިއެވެ. އެއަށްފަހު، ކާރު ދުއްވަން ފެށީ، ލައުރާއަށް އަވަސް ނަޒަރެއް ދީފައެވެ.

ލައުރާގެ ގެއަށް ދެވެންވެސް އެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. ކާރުގެ ލޯގަނޑުން ބޭރު ބަލަން އިން އިރު، ލައުރާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އަޒާން ކާރު ހުއްޓައިލުމުންވެސް، ލައުރާ ފައިބާކަށް ނޫޅުނެވެ. އެއްވެސް ޙަރަކާތެއް ނެތި، އެ އިން ގޮތަށް އިނީއެވެ.

އަޒާން ކާރުން ފައިބައިގެން ގޮސް، ލައުރާގެ އިން ފަރާތުގެ ދޮރުހުޅުވައިލިއެވެ. އަދި ލައުރާއަށް އޭނާގެ އަތް ދިއްކޮށްލިއެވެ. ހިނދުކޮޅަކު އަޒާންގެ އަތަށް ބަލަހައްޓައިގެން އިނދެފައި، ލައުރާ އެ އަތުގައި ހިފިއެވެ. އަޒާންގެ އެހީއާއެކު، ކާރުން ފައިބާފައި، ލައުރާގެ ގެއަށް ވަންނަން ހިނގައިގަތީ ދެމީހުން އެކީގައެވެ.

ލައުރާގެ އެޕާރޓްމެންޓަށް ވަދެފައި، އަޒާން ލައުރާ ކައިރި ތާޒާވެލުމަށް އެދުނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މަޑު ހިނގުމެއްގައި ލައުރާ ގޮސް ކޮޓަރިއަށް ވަނުމާއި އެކު، އަޒާން ސޯފާގައި އިށީނީ ލައުރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

އިރުކޮޅަކު ފުން ވިސްނުމަކަށް ގެއްލި އިނދެފައި، އަޒާން އޭނާގެ ފޯނު ނަގައި، މީހަކަށް ގުޅިއެވެ. ދިހަވަރަކަށް މިނެޓު ވާހަކަ ދެއްކުމަށްފަހު، ފޯނު ބާއްވާފައި، ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިނދެފައި، ދެލޯ މަރައިލި އިރު، ވިސްނެމުން ދިޔައީ ދާދި ދެންމެއަކު ވީ ކަންތަކާ މެދުގައެވެ.

*** ** ***

ނުނިދިގެން ކޮޓަރީގެ ބެލްކަންޏަށް ނުކުމެ ހުރެފައި، މިރޭ ނުނިދޭނެކަން ޔަޤީން ވުމުން އަޒާން ނިންމީ ބޭރަށް ދާށެވެ. ގަރާޖުން ކާރު ނަގައިގެން، ކާރަށް އަރައި، ދުއްވައިލީ، އެ ހަމަހިމޭން ވަގުތުގެ އުފާވެރިކަން ލިބިގަތުމުގެ ބޭނުމުގައެވެ. އަމީނީ މަގުން ދުއްވާފައި ދިޔަ އިރު، އޭނާ އިނީ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްގެންނެވެ. ބޭރުން ޖެހޭ ފިނިފިނި، ލުއިލުއި ވައިރޯޅިތައް އަޒާންގެ މޫނުގައި ބީހުމަށް ފުރުސަތު ދީގެންނެވެ.

ކުއްލިއަކަށް އަޒާނަށް ކާރު ހުއްޓައިލެވުނީ ކައިރި ހިސާބަކުން އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު އިވުމުންނެވެ. ކުއްލިއަކަށް ކާރު ހުއްޓައިލާފައި، ބޭރު ބަލައިލެވުނު އިރު، ތިން ފިރިހެނުން ވެގެން އަންހެން ކުއްޖަކު ދަމާފައި، ގޯޅިގަނޑަކަށް ވައްދާތަން ފެނުނެވެ. ވަގުތުން އަޒާންގެ ލޭ ކެކިކަގެތެވެ. އެ އަންހެން ކުއްޖާއަށް އެހީ ނުވެ އެތަނުން ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ކާރުން ފައިބައިގެން ގޮސް، އެ އަނދިރި ގޯޅިގަނޑަށް އޭނާ ވަނީ އެހެންވެއެވެ.

އެހިސާބަށް ދެވުމާއެކު ފެނުނު މަންމޒަރުން އަޒާންގެ ލޭ އިތުރަށް ކެކިގަތެވެ. އެ އަންހެން ކުއްޖާގެ މޫނު ފެނުމާއި އެކު، އަޒާންގެ ހިތް ހީވީ އަތަށް އައި ހެންނެވެ. އެއީ އޭނާ ފުރާނަ ފަދައިން ލޯބިވާ އޭނާގެ ލައުރާއެވެ. އެ ހަށިގަނޑުގައި އިތުރު ފިރިހެނަކު ބީހޭތަން ބަލަން އަޒާނަށް ކެތްވާނެ ހެއްޔެވެ؟ އައި ރުޅީގައި ވަގުތުން އަޒާން ގޮސް ލައުރާގެ ގައިމަތީގައި އޮތް މީހާއަށް ޙަމަލާ ދިނެވެ.

*** ** ***

“އަޒާން”

ޚިޔާލީ ކަނޑުން ބޭރުވާން އަޒާނަށް އެނގުނީ ލައުރާ އޭނާއަށް ގޮވައިލުމުންނެވެ. ދާދި ދެންމެއަކު ފެންވަރާލައިގެން ހުރި އިރު، ލައިގެން ހުރީ އަތްދިގު ޓީޝާޓަކާއި އަޅިކުލައިގެ ދޫ ހަރުވާޅެކެވެ. ތެތްކޮށް އޮތް ފަން އިސްތަށިގަނޑުން ތަޅަމުން ދިޔަ ފެންތިކިތަކުން އެ ދޮން ކަނދުރާ ތެމެމުން ދިޔައެވެ. މޫނުމަތިން ތާޒާކަން ފެންނަމުން ދިޔަ ނަމަވެސް، ލައުރާގެ ރަތްވެފައިވީ ދެލޮލުންނާއި، ނޭފަތުން ވަރަށް ރޮއެފައި ހުރިކަން އެނގެއެވެ. އެ މަންޒަރު ފެނިފައި އަޒާންގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ.

“އަހަރެން ދަނީ އިނގޭ ދެން.. ލާރާ ނިދައިލާ.. އެކަމާ ނުވިސްނައްޗޭ ދެން.. އެކަން އެ ނިމުނީނު.. އެއިން އެކަކަށްވެސް ދެން ލާރާއާ ކައިރިވާކަށް ނުކެރޭނެ..” ލައުރާގެ މޫނުގައި ދެއަތުން ހިފަހައްޓާލައި، ލޮލާ ލޯ ސީދާ ކޮށްލަމުން އަޒާން ބުނެލިއެވެ. އެއަށްފަހު، ލައުރާގެ ނިތުގައި ބޮސްދެވުނީ، އަމިއްލަ އިޚްތިޔާރަކު ނޫނެވެ. “ވަރަށް ލޯބިވޭ ލާރާ ދެކެ.. ގުޑް ނައިޓް..” އެހެން ބުނުމަށް ފަހު ނުކުންނަށް ދިޔަ އަޒާންގެ ފިޔަވަޅުތައް ހުއްޓުނީ ލައުރާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

“އަޒާން މިރޭ މިގޭގަ މަޑުކޮށްދީފާނަންތަ..؟ އަހަރެން ވަރަށް ބިރުގަނޭ..” ނުކެރި ހުރެފައިވެސް ލައުރާ އަހައިލީ އަޒާން އޭނާގެ ކުރިމަތިން ދާތަން ބަލަން ބޭނުން ނުވާތީއެވެ. އަޒާން ހުރުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމަކާއި، ޙިމާޔަތްތެރިކަން އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ގޮތް ނޭނގޭ، އެ އިޙުސާސަށް ދޭނެ ނަމެއް ލައުރާއަކަށް ނޭނގުނެވެ. އެކަމަކު އޭނާއަށް އެއް ކަމެއް ޔަޤީން ވިއެވެ. މިލާނާއި ދޭތެރޭގައި އުފެދިފައިވާ އިޙުސާސްތައް މަޑުމަޑުން އެ ހިތުން ފިލަން ފަށައިފި ކަމެވެ. މިލާންގެ ހަނދާންތަކުން މިންޖުވެވެން ފަށައިފި ކަމެވެ. އޭގެ ބަދަލުގައި އަޒާންގެ ޚިޔާލުތައް އެ ސިކުނޑި ވަށައިލާފައިވާ ކަމެވެ.

ލައުރާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި، އަޒާން ލައުރާ އޭނާގެ އަތްދަނޑިމައްޗަށް ނަގައި އުފުލައިލިއެވެ، އެއަށްފަހު، ލައުރާގެ ކޮޓަރިއަށް ގޮސް، ލައުރާގެ އެނދުގައި ބާއްވައިލިއެވެ. ލައުރާގެ ގައިމަތީގައި ރަޖާގަނޑު އަޅައިލަދެމުން ކޮޓަރީގެ އަލި ފަނޑުކޮށްލިއެވެ.

“އަހަރެން އިންނާނަން ސިޓިންރޫމުގަ.. މިރޭ ނުދާނަން ގެޔަކަށް.. ލާރާއަށް ނުނިދިއްޖެޔާ، ނުކުމެފަ އަހަންނަން ގޮވައިލާ.. އޭރުން އަހަރެން އަންނާނަން..” އެހެން ބުނުމަށްފަހު، ލައުރާގެ އިސްތަށިގަނޑުގައި ފިރުމައިލާފައި އަޒާން ނުކުމެގެން ދިޔައީއެވެ. އަޒާން ދިޔުމާއެކު، ލައުރާވެސް ދެލޯ މަރައިލަމުން ނިދީގެ ފުން ޢާލަމަށް ދަތުރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

*** ** ***

އޭގެ އަނެއް ދުވަހު އިރު އެރީ، އަފާންއާއި ޒާރާ އެމީހުންގެ ހަނީމޫން ދަތުރަށް ތައްޔާރު ވަމުން ދަނިކޮށެވެ. އަކްމަލްގެ ފަރާތުން ލިބުނު ކައިވެނީގެ ހަދިޔަލަކީ އެއީއެވެ. ކައިރީގައި އޮންނަ ރިސޯޓަކަށް ހަފްތާއަކަށް ދިޔުމުގެ ދަތުރު ހަމަޖައްސައިދިނީ އަކްމަލްއެވެ.

“ކޮބާ ދޮންބެމެން ރެޑީވީތަ..؟ އަހަރެން ކާރުވެސް ނެރެފިން.. ފުރަން މިހާރު ދިހަ މިނެޓަށް ވީނު..” އަފާން ފޮށީގެ ޒިބު އަޅުވައިލި ވަގުތު ކޮޓަރިތެރެއަށް ބޯ ދިއްކޮށްލާފައި އަޒާން ބުނެލިއެވެ. އެއާއެކު ލޯގަނޑު ކުރިމަތީގައި ޝޯލް އަޅަން ހުރި ޒާރާ އިތުރަށް އަތްމަތި އަވަސް ކޮށްލިއެވެ.

“ދެވޭނީވެސް މަގޭ މިހިރަ ތަތް ގަބުޅި ބޯކިބާ ތައްޔާރުވެ ނިމުނީމައެއްނު.. ދުވަހަކު ގަޑިއަކަށް ތައްޔާރުވެވޭ މީހެއް ނޫނޭ..” ޒާރާގެ ބޮލުގައި މަޑުމަޑުން ޖަހައިލަމުންަ އަފާން ބުނެލީ ޒާރާ ރުޅިއަރުވައިލާށެވެ. ކަންވީވެސް އަފާން ބޭނުންވީ ގޮތަށެވެ. ރުޅި މޫނު ހަދާލާފައި، ޒާރާ އެނބުރިފައި، އަތުގައި އޮތް ޕިނުން އަފާންގެ މުލައްދަނޑިއަށް ހަރައިލިއެވެ. ވީ ތަދުން އަފާނަށް ހަޅޭލަވައިގަނެވުނެވެ.

“މަންމާތް މަ މަރައިފިޔޭ..!!” އަތުން ނެގި ދިލައިން އަފާނަށް ބުނެވުނެވެ. “ދެންވެސް މަށާ ނުބެހި ހުންނާނީ.. ބޮޑުވެއްޖެ ކަމެކޭ..” ޒާރާ އަނެއްކާވެސް ލޯގަނޑާ ދިމާއަށް އެނބުރިލަމުން، ޝޯލް ރީތި ކުރަން ފެށިއެވެ. އެދެމީހުންގެ ކޯޅުން ބަލަން ހުރި އަޒާން ހުރީ ހީހީ ހަލާކުވާން ކައިރިވެފައެވެ. ކައިވެންޏާ ހަމައަށް އެދެމީހުންގެ ގުޅުން ދިޔަ ނަމަވެސް، އަދިވެސް އެ ކޯޅުން ނުނިމޭތާއޭ އަޒާންގެ ހިތަށް އެރިއެވެ.

*** ** ***

އެނދުމަތީގައި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން އިން މިލާން އިނީ ލެޕްޓޮޕަށް ގެއްލި ހުސްވެފައެވެ. މިއަދު ހެނދުނު ހޭލި އިރު ކުޑަކޮށް ހުން އައިސްފައި ހުރުމުން މިލާން ނިންމީ ގޭގައި އިނދެގެން، ކުރަން ހުރި މުހިންމު ބައެއް މަސައްކަތްތައް ނިންމައިލުމަށެވެ.

މަސައްކަތުގައި އިން މިލާންއަށް ކޮޓަރިއަށް ވަދެގެން އައި ޔައިނާއެއް ނުފެނުނެވެ. ޔައިނާގެ އަތުގައި އާވި އަރައަރާ ހުރި އިނގުރު ސައިތައްޓަކާއި، ބޭސްގުޅައެއް އޮތެވެ. މިލާންގެ ކައިރީގައި ހުރެފައި މިލާންގެ ނަމުން ގޮވައިލުމާއެކު، މިލާން ޔައިނާއާ ދިމާއަށް ބަލައިލީ ކިހިނެއް ވީހެއްޔޭ އަހާ ފަދަ ނަޒަރަކުންނެވެ.

“މި ސައިތަށި ބޮއެލައިގެން ބޭސް ކާންވީނު.. ރޭގަވެސް ނިދާފަ އޮވެގެން މިލާން ވަރަށް ކެއްސި.. މަންމަ ބުނީ ރޯގާ ޖެހިގެން އުޅޭ އިރު އިނގުރު ސައި ބޮއުނީމަ މިލާން ވަރަށް އަވަހަށް ރަނގަޅު ވެޔޯ..” ހިނިތުނެވްލަމުން، އަތގައި ހުރި ސައިތަށި މިލާނަށް ދިއްކޮށްލަމުން ޔައިނާ ބުނެލިއެވެ. އެއާއެކު، މިލާން އެއްވެސް އެއްޗެއް ނުބުނެ، އަނެއްކާވެސް މަސައްކަތުގައި މަސްއޫލު ވިއެވެ. މިލާންގެ އެ އަޅައިލުން ކުޑަ ކަމުން ޔައިނާގެ ހިތަށް އިންތިހާއަށް ތަދުވިއެވެ. އެހެންނަމަވެސް، ނުރޮއެ، އޭނާ ކެތް ކުރިއެވެ.

“މިލާން-”

“އަހަރެން މިގަޑީ ވަރަށް ބިޒީ،، މިވަގުތު އުނދަގޫ ނުކުރިއްޔާ ވަރަށް ރަނގަޅު..” އެ އިން ގޮތަށް އިނދެ ލެޕްޓޮޕުން ނަޒަރު ވަކިކޮށްނުލައި އިނދެ، މިލާން ބުނެލިއެވެ. މިލާންގެ ޖުމުލައިން ޔައިނާ އިތުރަށް ހިތުގައިޖެހޭ ގޮތް ވިއެވެ. “އެކަމް.. މިލާން ހުން އައިއްސަ ހުރީމައޭ.. އައިމް ޖަސްޓް ކޮންސަރންދް އެބައުޓް ޔޫ.. ޕްލީޒް އެއްފަހަރު އަހަރެންބުނާ އެއްޗެއް އަދު އަހާ-” ޔައިނާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ މިލާން ޔައިނާގެ އަތުގައި ހުރި ޖޯޑުގައި ޖަހައި، ޖޯޑު ވައްޓައިލުމުންނެވެ. ޖޯޑު ތަޅައިގެން ދިޔަ އަޑަށް ޔައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “އަހަރެން ވަރަށް ރީތިކޮށް ބުނެފިން ދޯ މިވަގުތު ވަރަށް ބިޒީއޭ.. ދެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަރެންގެ މޫޑު އިތުރަށް ޚަރާބު ކުރަން ތި އުޅެނީ ކީއްވެގެންތަ؟!” އެނދުމަތިން ތެދުވަމުން، މިލާން ބުނެލީ، ބާރަށެވެ.

“އެ.. އެކަމް.. މިލާން… ހުން އައިސްފަ ހުރީމަ.. އަހަ.. އަހަރެން-” ގިސްލެވެމުން ދިޔުމާއި އެކު، ޔައިނާއަށް ވާހަކަ ދައްކަންވެސް އުނދަގޫ ވިއެވެ. “އަހަރެން ބަލިވިޔަކަސް އެއީކީ ޔައިނާއަކާ ބެހޭ ކަމެއް ނޫން.. އަހަރެންގެ އެއްވެސް ކަމަކާ ޔައިނާ ބެހޭކަށް ނުޖެހޭނެ.. އެހެންވީމަ މީގެ ފަހުންވެސް ޔައިނާ ރަނގަޅުވާނީ އަހަރެންގެ ކަންކަމާ ބެހެން ނޫޅުނިއްޔާ.. ޖަސްޓް ލެޓް މީ ބީ!” އައިސްފައި ހުރި ސިނގު ރުޅީގައި ޔައިނާގެ ކޮނޑުގައި އަތް އަޅައި، ކޮއްޕައިލަމުން، މިލާން ނުކުމެގެން ދިޔައީ ޔައިނާއާ ދިމާއަށް ބަލައިލުމެއްވެސް ނެތިއެވެ.

މިލާން ކޮއްޕައިލުމާއެކު، މުށިތަކުގެ މައްޗަށް ވެއްޓުނު ގޮތުން ޔައިނާގެ އަތްތިލަ ގޮސް ޖެހުނީ ތަޅައިގެން ގޮސްފައި ހުރި ބިއްލޫރިކޮޅުތަކުގައެވެ. ވީ ތަދާއެކު، އިތުރަށް ރޮވެން ފެށުމުން ޔައިނާ ދެތުންފަތް ޖައްސައި ބާރުކޮށްލީ، ރޯ އަޑު ބޭރުކުރަން ނޭދޭތީއެވެ. އަތަށް ހެރިފައިވާ ބިއްލޫރިކޮޅަށް ބަލަން އިނދެފައި، ރޮވޭ ޙާލު، އަތުން ބިއްލޫރިކޮޅު ނައްޓައިލިއެވެ. އެއާއެކު، އިތުރަށް އަޅަންފެށި ވޭނުން، އިހަށްވުރެ ބާރަށް ގިސްލެވެން ފެށިއެވެ. ހިތްވަރު ކޮށްލާފައި، ޔައިނާ ތެދުވެ، ފާޚާނާއާ ދިމާއަށް މިސްރާބު ޖެހިއެވެ. އިސްކުރު ދޫކޮށްލާފައި، އަތް ދޮވެލިއެވެ. ރޯކޮސް ހުރި ޡަޚަމުގައި ފެން ޖެހުމުން އިތުރަށް ނަގަން ފެށި ދިލައިން، ބާރަށް ރޮވެން ފެށުނެވެ. ދެންވެސް އޭނާ ހިތްވަރު ކުރިއެވެ. އަތް ދޮވެލައިގެން އައިސް، އަލަމާރި ތެރޭގައި ހުރި ފަރސްޓް އެއިޑް ބޮކްސް ހިފައިގެން ގޮސް އެނދުމަތީގައި އިށީނެވެ. އަތުގައިވީ ޒަޚަމް ސާފުކޮށްލުމަށްފަހު ބޭސް އެޅޭތޯ މަސައްކަތް ކުރިއެވެ. އެއް އަތުން އެ މަސައްކަތް ކުރަން ވަރަށް އުނދަގޫ ވިއެވެ. އެކަން ކުރަން ޔައިނާއަށް ވިއްސަކަށް މިނެޓު ނެގިއެވެ.

ބޭސް އަޅައި ނިންމައިލުމަށްފަހު، ފަރްސްޓް އެއިޑް ބޮކްސް އަލަމާރި ތެރެއަށް ލުމަށްފަހު ފިހިގަނޑު ހިފައިގެން އައިސް، ދެންމެ ތަޅައިގެން ދިޔަ ބިއްލޫރިކޮޅުތައް ނަގައި، ސާފުކޮށްލިއެވެ. އެއަށްފަހު، މޮޕު ހިފައިގެން އައިސް، ތިރިއަށް ޖަހާފައި ހުރި ލޭތިކިތަކށާއި، ވެރިފައި ހުރި ސައިވެސް ސާފުކޮށްލިއެވެ. ހުރިހާ ކަމެއް ކޮށް ނިމުމާއި އެކު، ޔައިނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އެއާއެކު، އަނެއްކާވެސް ގިސްލެވެން ފެށި، ބާރު ބާރަށް ރޮވެން ފެށިއެވެ. އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ މިލާން އޭނާއަށް އެ ކުރާ ނަފްރަތު ހުއްޓައިލާނީ ކޮން ދުވަހަކުން ބާވައެވެ؟ އޭނާގެ ކުށެއް ނެތް ކަން މިލާނަށް ވިސްނޭނީ ކޮން ދުވަހަކުން ބާވައެވެ؟

*** ** ***

ބައިގަޑިއިރުގެ ދަތުރަކަށްފަހު، އަފާންއަށާއި ޒާރާއަޑް ބަނޑޮހަށް ލެފުނު އިރު، ހުރީ މެންދުރުވެސް ވެފައެވެ. ރިސެޕްޝަނުން ސަލާމަތްވެގެން ގޮސް ރޫމަށް ވަދެވުނީ އަދި އޭގެ ވިއްސަކަށް މިނެޓު ފަހުންނެވެ. ކޮޓަރިއަށް ވަން އިރު، އެނދުމަތީގައި އިނގިރޭސި އަކުރުން “ހެޕީ ހަނީމޫން” އަޅާފައި، ފިނިފެންމަލުގެ ފިޔަތައް އަތުރާލާފައި ހުއްޓެވެ. ކޮޓަރިތެރެއަށް އެޅިފައިވާ ރަން އައްޔާއި، ދުވަމުން ދިޔަ ފިނިފެންމަލުގެ މީރު ވަހުން ޒާރާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ.

“ކަމުދޭތަ..؟” ޒާރާއަށް ސިހުމެއް ލިބުނީ ފަހަތުން އަފާން އައިސް، ޒާރާގެ ގައިގައި ބައްދާލާފައި، މަޑުމަޑުން އެހެން އަހައިލުމުންނެވެ. “ވަރަށް ވަރަށް ބޮޑަށް..” އަފާންއާ ވީ ފަރާތަށް އެނބުރިލާފައި، ޒާރާ އަފާންގެ ކަރުގައި ދެއަތް ވަށައިލިއެވެ. އެވަގުތު އަފާންގެ ދެލޮލުން ފެނުނު އަސަރަކުން ޒާރާގެ ހިތުގެ ވިންދު ހިނދުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. އެހުރި ގޮތަށް ހުރެ، އެއް އަތުން ޒާރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެފައި، އަނެއް އަތުން އެނދުމަތީގައި އޮތް ފިނިފެންމަލެއް ނެގިއެވެ. ޒާރާގެ މޫނާއި އެ ފިނިފެންމާ ކައިރިކޮށްލުމާއެކު ޒާރާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިލިއެވެ. ޒާރާގެ އެ އޮމާން މޫނުގައި ފިނިފެންމަލުގެ ފިނިފިނި ފިޔަތައް ޖެހުމާއި އެކު، ކުރުވި ފުން އިޙުސާސަކުން ދެލޯ މަރައިލެވުނެވެ. ވަގުތުން އަފާންގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު، އަފާންގެ ނަޒަރު ދަތުރު ކުރީ، މަޑު ތުރުތުރެއް އެކުލެވިފައިވީ، ޒާރާގެ ތުނި ތުންފަތަށެވެ. އިހަށްވުރެވެސް ބޮޑަށް ޒާރާގެ މޫނާއި، މޫނު ކައިރިކޮށްލެވުނު އިރު، އަފާންއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދަތިވިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ދެމަފިރިންވީ ލޯބިވެތި މަންޒަރު ކިތަންމެހާވެސް ފުރިހަމަވެފައި، ރީއްޗެވެ.

*** ** ***

ލައުރާ އިނީ ބަދިގޭގައި ކާށެވެ. ކުރިމަތީގައި ހުރި ތަށީގައި ސްޕެގެޓީ ހުރި ނަމަވެސް، އަތުގައި އޮތް އުލުން އެ ހާވައިލަ ހާވައިލަ އިނީ ކާ ހިތް ނެތީމައެވެ. އެ ޙާދިސާ ހިނގި ފަހުން ދެ ދުވަސް ވީ އިރުވެސް، އެކަން ހަނދާން ނައްތައިލުމަށް ލައުރާ ވަނީ ނުކުޅެދިފައެވެ. އެ ރޭގެ ބިރުވެރިކަން އަދިވެސް އޭނާގެ ހިތަށް ގޯނާ ކުރަމުން ދިޔައެވެ.

ނުކެވިފައި އިން ލައުރާއަށް ދޮރާ ދިމާއަށް ބަލައިލެވުނީ މީހަކު ބެލް އެޅި އަޑު އިވުމުންނެވެ. ދެއަތުން މޫނު ފުހެލާފައި، ލައުރާ ތެދުވެގެން ގޮސް ހިންމިއަކަށް ދޮރު ހުޅުވައިލިއެވެ. ބޭރުގައި ހުރި އަޒާން ފެނުމާއި އެކު، ލައުރާ ބޮދަށް ދޮރު ހުޅުވައިލިއެވެ. އަޒާން އެތެރެއަށް ވަނުމުން، ލައުރާ ދޮރު ލައްޕައިލިއެވެ.

“ލާރާއަށް އެރޭ އެހެން ހެދި މީހުން އަހަރެން ފުލުހުންނާ ޙަވާލު ކޮށްފިން..” ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހައިލަމުން އަޒާން ބުނެލިއެވެ. އަޒާންއ އެހެން ބުނުމާއި އެކު، ލައުރާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. “ކިހިނެއް އަޒާން އެމީހުން ހޯދީ..؟” މިވީ ދެ ދުވަހުގެ ތެރޭގައި އެއިން މީހެއްގެ ހިލަމެއްވެސް ލައުރާއަށް ވެފައި ނުވާ އިރު، އަޒާން އެހާ ފަސޭހައިން އެމީހުން ހައްޔަރު ކުރީ ކިހިނެއް ބާވައެވެ؟

“އައި ހޭވް މައި ވޭސް.. ލާރާ ދެން އެކަމާ ނުވިސްނައްޗެ.. އަހަރެން ހުރިހާ ހިނދަކު އެތަނުން މީހަކަށްވެސް އަދި އެހެން މީހަކަށް ލާރާގެ ގައިގަ އިނގިލި ކުރިވެސް ޖައްސާލިޔަކަ ނުދޭނަން..” ސީދާ ލައުރާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ގޮތުން ލައުރާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އަޒާން އަޑުގައިވީ ޔަޤީންކަމާއި، ސާބިތުކަން ލައުރާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑަށް ލުޔެއް ހޯދައިދީފިއެވެ.ހަމައެކަނި އަޒާންގެ އެ ސޫރަ ފެނިލުމުންވެސް އޭނާގެ ހިތަށް ދުވަހަކު ނުލިބޭހާ ހަމަޖެހުން ލިއްބައިދީފިއެވެ.

“އަހަރެން ދަނީ ދެން.. ލާރާ ކައިރި މި ވާހަކަ ބުނެލަން ވެގެން މި އައީ.. ޓޭކް ކެއަރ..” ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު، އަޒާން ބުނެލިއެވެ. އެއަށްފަހު، ލައުރާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އަޒާން ދިޔައީ ނުކުންނާށެވެ. ނަމަވެސް އަޒާނަށް ހުއްޓެން މަޖުބޫރުވީ ލައުރާ އޭނާގެ އަތުގައި ހފައި ހުއްޓުވުމުންނެވެ. ލައުރާ އިސްވެ އެގޮތަށް އޭނާގެ ގައިގައި އަތްލުމުން ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް، އަޒާން ފަހަތަށް އެނބުރި އެއްބުމަ އަރުވައިލީ، ކިހިނެއްވީ ހެއްޔޭ އަހާ ފަދައަކުންނެވެ. “ތެންކެސް…” މަޑުމަޑުން ލައުރާ ބުނެލިއެވެ. “ކޮންކަމަކަށް..” އަޒާން ކޮށްލީ ސުވާލެކެވެ. “ހުރިހާ ކަމަކަށްވެސް.. އެރޭ އަހަރެން ސަލާމަތް ކޮށްދިނީމަ.. އަހަންނާއެކީ އެރޭ މިގޭގަ މަޑުކޮސްދނީމަ.. އަހަންނަށް އިންސާފު ހޯދައިދިނީމަ..” ލައުރާ ޖަވާބުދާރީވިއެވެ. “އަހަރެން ލާރާއަށް ކޮށްދޭ އެއްވެސް ކަމަކަށް ލާރާ ޝުކުރު އަދާކުރާކަށް ނުޖެހޭނެ..” ހިނިތުންވެލާފައި އަޒާން ބުންޏެވެ. ދެންވެސް ލައުރާއަށް ހުރި ގޮތަށް ހުރެވުނީއެވެ. އަޒާންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމަށް ލައުރާ ނުކުޅެދުނީއެވެ. އެހިތުގައި އަޒާންއާ ދޭތެރޭގައި އުފެދިފައިވާ އިޙުސާސްތައް ކޮންޓްރޯލްކުރާނެ ގޮތެއް ލައުރާއަށް ނޭނގުނީއެވެ.

“ލާރާ.. އަހަރެންގެ އަތް..” އަޒާން އެހެން ބުނުމާއި އެކު، ލައުރާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށެވެ. ވަގުތުން އަޒާންގެ އަތުން ދޫކޮށްލެވުނެވެ. “ސޮރީ..” އެހެން ބުނުމަށްފަހު، އަނެއްފަރާތަށް ލައުރާ އެނބުރުނީ އަމިއްލަ ނަފްސަށް ކުދި ކިޔަމުންނެވެ. ކޮޓަރިއާ ދިމާއަށް ދާން އުޅުނު ލައުރާގެ ފިޔަވަޅުތައް މަޑުޖެހުނީ، އަޒާން އޭނާގެ އަތުގައި ހިފައި ހުއްޓުވުމުންނެވެ.

“ލާރާ..” އަޒާންގެ އަޑުގައިވީ އަސަރުތައް ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. “ލާރާ ޕްލީޒް.. އަދިވެސް ހަމަ ތިހެންތަ އަހަންނަށް ހަދާނީ..؟ އަހަރެން އަދިވެސް މި ހުރީ ލާރާގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އިންތިޒާރުގަ.. ލާރާ ދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ..” އަޒާންގެ އަޑުގައި ކުއްލިއަކަށް އެކުލެވުނީ ދެރައާއ، ހިތާމައެވެ. ލައުރާ އަޒާންއަށް ފުރަގަސްދީގެން ހުރި އިރު، އެ ދެ އަތް ވަނީ އަދިވެސް ލާމެހިފައެވެ. އަޒާން އެހެން ބުނުމާއި އެކު، ލައުރާއަށް ދެލޯ މަރައިލެވުނެވެ. އެއާއެކު، ލައުރާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް، އެ ދިގު އެސްފިޔަތައް ފޫދުއްވާލާފައި ފައިބައިގަތެވެ. ކީއްވެކަމެއް ނޭނގުނެވެ. މިފަހަރު އަޒާނަށް ފުރަގަސްދީފައި ދާން ލައުރާއަށް ފަސޭހައެއް ނުވިއެވެ. ބޭނުންވީ އަޒާންގެ މޭތެރޭގައި ބޮނޑިވެލާށެވެ. ހިތް ފުރެންދެން ރޮއެލާށެވެ. އަޒާންއަށަޓަކައި އެ ހިތުގައި އުފެދިފައިވީ ގޮތްނޭނގޭ އިހުސާސްތައް ދުލާ ހަމައަށް ގެންނާށެވެ. ނަމަވެސް، އެކަމަށް ދެކޮޅު ހެދީ އޭނާގެ ހިތެވެ. ނޫނެކެވެ. އޭނާ އަޒާން ދެކެ ލޯތްބެއް ނުވެއެވެ. އޭނާ ލޯބިވަނީ މިލާން ދެކެއެވެ. ހަމައެކަނި މިލާން ދެކެއެވެ. ކިތަންމެ ދުވަހެއް ވީ ނަމަވެސް މިލާންގެ ނަން އެ ހިތަކުން ފިލުވައެއް ނުލެވޭނެއެވެ. އޭނާ އަޒާން ދެކެ ލޯތްބެއް ނުވާނެއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލައުރާ އަޒާންއާ ވީ ފަރާތަށް އެނބުރުނެވެ. އަޒާންގެ އަތުތެރޭގައިވީ އޭނާގެ އަތް ދަމައިގަނެފައި އަޒާންގެ ކޯމަތީ ޖެހީ އަޒާންއަށް ތަދުވާނެހާ ބާރަށެވެ.

ލައުރާގެ އެ ކުއްލި ޙަމަލާއާއި އެކު، އަޒާންއަށް ލައުރާއާ ދިމާއަށް ބަލައިލެވުނީ ދެލޯ ބޮޑުވެފައިވާ ޙާލުގައެވެ. އޭރު ލައުރާގެ ދެލޮލުގައިވީ ކަރުނަތަކާއެކު ވިދަމުން ދިޔައީ ނަފްރަތާއި، ރުޅިވެރިކަމެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ފަސް އަހަރު ފަހުން ލައުރާގެ ފަރާތުން އޭނާ ހިތް އެދޭ ކަހަލަ ޖަވާބެއް ލިބޭނެކަމުގެ އުންމީދީ ހުޅުކޮޅު ރޯވެފައި، ކުއްލިއަކަށް ނިވުނީ ކީއްވެގެން ހެއްޔެވެ؟ ލައުރާގެ ފަރާތުން ނޫނީ ޖަވާބެއް ލިބެން ނެތް އެތައް ސުވާލުތަކެއް އެވަގުތު އަޒާންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ފެށި ލޯބި އޮޔާ ދިޔުމުން 11

Next

ފެށި ލޯބި އޮޔާ ދިޔުމުން 12 ( ފަހު ބައި )

Next
October 15, 2023

ފެށި ލޯބި އޮޔާ ދިޔުމުން 12 ( ފަހު ބައި )

Previews
October 13, 2023

ފެށި ލޯބި އޮޔާ ދިޔުމުން 11

20 Comments!

  1. Rifoo says:
    October 15, 2023 at 10:14 pm

    Mi part VX varah reethi.inthizaaru ga hutta hama kuli akah nerunyma v.ufaa vejje.masha Allah mi vaahaka vareh nei.

    1. Nayaa Nayaa says:
      October 15, 2023 at 10:37 pm

      shurukuriyyaa rifoo.. varah ufaa vejje mi comment kiyaalaafa.. kurinves bunihen hafthaa aku 1 part nereveythoa mi balany.. insha’allah mi dhennevi gothah hama pasrt thah upload kuramun gendhaanan

  2. Rifoo says:
    October 15, 2023 at 10:19 pm

    Hey.kon irakun next

    1. Nayaa Nayaa says:
      October 17, 2023 at 11:27 am

      next part nerunumuga kudakoh las vedhaane cuz vrh vrh busy dhuvaskolhegga mi ulheny but im trying my best hama

  3. Ifoo says:
    October 15, 2023 at 11:32 pm

    Vvv Reethi mi part vs Maasha Allah ❤️.. Knme dhuvahaku ethah faharaku beley vhk upload vefa in thoa.. Ekm vs v ufaa vehje mi part kiyaalan libuneema.. Unmeedhu kuran next part vs genas dhevey ehnme avahakah kiyaalan genas dheyne kamah 😊

  4. vempire girl says:
    October 16, 2023 at 6:48 am

    Maasha Allah mi part ves varah reethi… Komme dhuvahaku ethah faharaku beley up vefa in thw…. Alhey milaan ah yaina ge kusheh nehkan engeyny kon iraku??? Next part kiyaalan libeyny kon iraku

  5. Nayal says:
    October 16, 2023 at 9:19 am

    milaan yaina fakeerah ehen e hadhani keehve milaan ah avaha hageegah engigen dhaane baa

  6. love imko 💕💕 says:
    October 16, 2023 at 4:29 pm

    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran
    Once again varha reethi mi part vex
    Nayaa ge vaahaka libuneema varha ufaaveje
    Next part inaani khonirakun

  7. Ifoo says:
    October 21, 2023 at 2:03 pm

    When next part kiyaalan libeynee??

  8. Isha💋 says:
    October 22, 2023 at 3:11 pm

    Kon dhuhukun next part kiva kiyaalan liberties????????

  9. vempire girl says:
    October 22, 2023 at 7:36 pm

    When is next part?????

  10. kokila modi says:
    October 24, 2023 at 12:39 pm

    when is next part????

  11. Pretty girl says:
    October 26, 2023 at 9:16 am

    When is next prt???????

  12. Ifoo says:
    October 27, 2023 at 11:18 pm

    Mi vhk kiyaalan libeynee dhn knirakun tha?

  13. Daisy 🌼 says:
    October 28, 2023 at 9:07 am

    Alheyyy konirakuntha next part kiyaalan libeyny.. Waiting ingey hama

  14. kokila modi says:
    October 28, 2023 at 12:17 pm

    waiting next part kobaa?

  15. Eyvs says:
    October 29, 2023 at 5:16 pm

    Kon irakunn tha nxt part kiyaalan libeyny.. Can’t wait hama

  16. Elly says:
    October 29, 2023 at 7:20 pm

    next part kiyaalan libeynee kon dhuvahakun tha?? really waiting for the next part..Very curious.. hope to see next part soon..

  17. Ifoo says:
    October 30, 2023 at 10:53 pm

    Alhe haadha inthizaareh Eba kurevey ey next part kiyaalan libeythoa.. Knme dhuvahaku vs evarah mihaaru beley up vi thoa next part.. Plx nayaa ah vanyaa next part avahah upload kohla dheeba 😩

  18. Reem says:
    November 2, 2023 at 1:02 am

    Nayaa darling kobaa next part kon irakun up kureveynee.. waiting for the next part 🥲

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36←


All Right Reserved!