ދިރުމެއްނެތް ދިރިއުޅުން 38
“ޒީން!…. އަހަރެންގެ ބައްޕައަކީ އަހަރެން ވަރަށް އިހްތިރާމް ކުރާމީހެއް. ޒީންއަށް ވުރެބޮޑަށް އަހަރެން ބައްޕަގެ ގޮތް އިނގޭނީ ޒީންގެ ބައްޕައަށް…. ޒީންއަށްވުރެ ބޮޑަށް އަހަރެންގެ ބައްޕަގެ ގޮތް އެނގޭނީ ޒީނިޔާއަށް.. ފަރީދަށް…. އަހަންނަށް…. އެހެންވީމަ ދެން ތިވާހަކަ ހުއްޓާލާ…. ނިދަންދޭ…. ބިރުންއިނދެ އަހަންނަށް އިންތިޒާރު ނުކުރާތި…. އަހަރެން މިރޭވެސް…. ދުވަހެއްގަވެސް ޒީންގައިގަ އަތްލާކަށް ނެތީން. އެންމެ އެތެރޭގަހުރި ދެކޮޓަރި ތެރެއިން ޒީންގެ އެއްޗިހި ހުރި ކޮޓަރީގަ ޒީން އުޅޭ. ދެން ހުރި ކޮޓަރިޔަކީ އަހަންނަށް ވަރަށް ހާއްސަ މީހަކު ބަހައްޓަން ނިންމާފަ ހުރި ކޮޓަރިއެއް…..” ހިތްހަމަ ނުޖެހިފައި ހުރެ ނާސިފް ދައްކަން ހުރި ވާހަކަތައް ދައްކާ ނިންމާލިއެވެ. އެއަށްފަހު ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
ހަފްތާއެއް ވޭތުވެދިޔައީއެވެ. ގޭގެ ސިޓިންގް ރޫމްގައި ހުޅުވާފައި ހުރި ޓީވީ ބަލަން ސޯފާގައި ސަހީމާއާއި ޚާލިދު އިނެވެ. ކުއްލިޔަކަށް ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. ދޮރުން އެތެރެއަށް ވަދެގެންއައި އިޝާލް އަވަސްވެގަތީ އަރާފައިވާ ސްޕޯރޓްސް ބޫޓާއި ސްޓާކީން ބާލާށެވެ. އެއަށްފަހު އަޅާފައިވާ ދަބަސް ކޮނޑުން ވަކިކޮށްލަމުން ގޮސް ސޯފާގެ އެއްފަރާތުގައި ބާއްވާލިއެވެ.
“ކޮބާ މިއަދު މެޗް ކިހިނެއްވީ؟” ޚާލިދު ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.
“ބައްޕަ ވަރަށް މޮޅެއްނު އެހެންވީމަ… ދެންތިހެން ނޭނގޭ ކަމަށް ހަދާފަ އެހީމަ ބުނާނީ އަހަރެންގެ ޓީމޭ މޮޅުވީ.. ހެހެ..” ޚާލިދު ދިމާކޮއްލަން އުޅޭކަން އެނގިގެން ރަކިވެފާއިހުރެ އިޝާލް ބުނެލިއެވެ.
“އާޗާ… ދެރަނުވާންވެގެން ބުނެލި ވާހަކަ މޮޅެއްނު….. ސަހީމާއަށް އެނގޭތަ؟ އަހަރެން މެޗް ބަލަން ހުރެފަ ލަދުންނޭ ގެއަށް މިއައީ. އިޝާލްމެން ޓީމު ދެރަވީ ތޭރަ ދެއަކުން…” ކޮންޓްރޯލް ކުރަން އުނދަގޫ ހިނިގަނޑެއް ޖަހާލަމުން ޚާލިދު ކިޔައިދިނެވެ.
“ދެން އޮންނަ ފުޓްބޯޅަ މެޗަކުން މޮޅުވާނަމޭ… މަންމާ! އަހަރެން މިދަނީ ފެންވަރާލަން. އެބަޖެހޭ ރައްޓެއްސަކާ ދިމާކޮއްލަން ބޭރަށް ދާންވެސް.” އިޝާލް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
“ސަހީމާ! އަހަރެން ވަރަށް ހައިރާންވެފަ އަސްލު މިހުންނަނީ އިޝާލްއަށް އައި ބަދަލުން. ޒީން ކައިވެނި ކުރިރޭ ވަރަށް ހާލުދެރަކޮށް އުޅެފަ…. އަނެއްދުހު ހޭލިއިރު އެކަހަލަ ކަމެއް ވެފަހުރި މީހެއްހެންވެސް ހިއެއްނުވޭދޯ؟ އަހަރެން ހިތަށްއަރާ ކިހިނެއްބާއޭ އެސޮރަށް އެވީ؟ ގައިމު އެރެޔާ އެދުހު ގެއިން ބޭރަށްވެސް އިޝާލް ދިޔައީކީވެސް ނޫން؟” ޚާލިދު ވާހަކަ ދެއްކީ ވޭތުވެދިޔަ ހަފްތާގައި އިޝާލްގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ހިތްވަރުންނެވެ.
“މަށަށް އެނގޭ އެވީގޮތް. ޑޮކްޓަރު ދިން ބޭސް ކޭމަ ވިމީގޮތެއް. އޭރުވެސް ގެއަށް ދޫކޮށްލަމުން ޑޮކްޓަރު ބުންޏޭ ވަރަށް އަވަހަށް ހިތާމަތަކުން ދުރުވެދާނެއޭ… އެކަމަކު އެރޭ ކެއީ އެންމެ ބޭސްގުޅައެއް… އެންމެ ފަހަރަކުން އެވަރުގެ ބޮޑު ބަދަލެއް އަންނާނެހެން މަށަށްވެސް ހިއެއްނުވޭ. ޚާލިދު ތިވާހަކަ ދެއްކުމުގެ ކުރިން އަހަރެންވެސް މިހުންނަނީ ހައިރާންވެފަ. އިޝާލްއަށް އަސްލު އެހާ އަވަހަށް އެބަދަލު އައިގޮތެއް ނޭނގިގެން. މަ ހީކުރީ ބޭހުން ކަމަށް.” ޝައްކެއްގައި އިނދެ ސަހީމާވެސް ޚާލިދާ ބައިވެރި ވެލިއެވެ.
ޒީންގެ ހަޔާތުގެ އެންމެ ފޫހި ދުވަސްތައް ކުރިޔަށް ދަނީއެވެ. ހަމަ ނަމަކަށް ކައިވެނި ކޮށްގެންނެވެ. ބޮޑު އެޕާރޓްމަންޓެއް ތެރޭ ދުވަސްތައް ހޭދަކުރެވެނީއެވެ. ގޭތެރެ ކިތަންމެ ރީއްޗަސް ފޫހިކަމުގެ އިންތިހާއެވެ. ހީވާ ގޮތުން ގޭތެރޭގެ ޒީނަތްތެރިކަމަށް ބަހައްޓާފައިވާ ތަކެތިވެސް ޒީންގެ މާޔޫސްކަމުގައި ބައިވެރިވެއެވެ. ރަނގަޅު ރޫފައަކާއި ރީތި ސިފައެއް ލިބިހުރި ޒީންގެ ފިރިމީހާ ނާސިފެވެ. މާލޭގައި ހުރިއްޔާ ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ބޭރުގައެވެ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ކަންތައް ހިނގާ އާދައެވެ.
ފޫހިކަން ފިލުވުމައްޓަކާ އަހަރެން އެކިފަހަރުމަތިން އަންނައުނާއި ހިފާގެންގުޅޭ ތަކެތި ކޮޓަރީގެ އަލަމާރީގައި ތަރުތީބުކޮށްލީމެވެ. އެހެން ނަމަވެސް އަހަރެން ކުއްލިޔަކަށް ކަމެއް ހަނދާންވިއެވެ. އެއީ އަހަރެންގެ ހަޔާތާއި ގުޅުންހުރި ހަނދާނީ ޚަޒާނާއެއް ފޮރުވާފައިވާ ފޮށިގަނޑު މަތިންނެވެ. އޭގައި ވާނީ އަހަރެންގެ މާޒީގެ އުފާވެރި ގިނަ ހަނދާންތަކެވެ. ނާސިފަށް ފެނުމުގެ ކުރިން ފޮށިގަނޑު ފެނޭތޯ އެޕާރޓްމަންޓްގެ އެކި ދިމަދިމާ އަހަރެން ބެލީމެވެ. ފޮށިގަނޑު ފެންނަގޮތެއް ނުވިއެވެ. ކޮންމެ ގޮތެއްގައި ވިޔަސް، ނާސިފް ކައިރި އޭގެ ވާހަކަ އަހާކަށް އަހަންނަކަށް ނުކެރޭނެއެވެ. އެންމެފަހުން ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަހަރެން ގޮސް ސޯފާގައި އިށީނީމެވެ.
ނާސިފް ގެއަށް އައީ ހަވީރުގެ ވަގުތެއްގައެވެ. ފުރަތަމަވެސް ނާސިފްގެ ލޮލުގައި އަޅައިގަތީ ސޯފާގައި ނިދާފައި އޮތް ޒީންއެވެ. އިރުކޮޅަކު ޒީންއަށް ބަލަން ހުރުމަށްފަހު ނާސިފް ހިނގައިގަތެވެ. ގޭތެރޭގެ އެކި ދިމަދިމާލުން ފެންނަނީ ހައިރާން ކަމެވެ. ކޮންމެ ދިމާލެއްގައިވެސް ކޮންމެސް ތަފާތުކަމެއް ފެންނަން ހުއްޓެވެ.
ސޯފާ ކައިރި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާލާފައިވަނީ ގޮތްތަކެކެވެ. ކާގެތެރެއެވެ. ކާގެ މޭޒުމަތީގައި ކުރިން އަޅާފައިއޮތް ރަބަރު ވަނީ ބަދަލުކޮށްލާފައެވެ. މޭޒުމަތީގެ އެއްފަޅީގައި މާޓުކުރި ބަހައްޓާލާފައި ހުރުމުން އިތުރަށް ފުރިހަމައެވެ. މީގެ އިތުރަށް ކާމޭޒު މަތީގައި ވަނީ ތަފާތު ވައްތަރުން މަދު ހެދިކާކޮޅަކާއި ބިސްކޯދު ތައްޓެކެވެ. ކުޑަކުޑަ ރީތި ބިއްލޫރި ޖަގެއްގައި ސައި ތައްޔާރުކޮށްފައި ހުއްޓެވެ. އެތަކެތި ފެނި ނާސިފްގެ ސިކުނޑި ނާސިފަށް ވިސްނައިދިނީ،
ޒީންގެ ފަރާތުން ކޮންމެސް ބަޔަކު އެގެއަށް ސައިގެ ދަޢުވަތަކަށް އަންނަން ތައްޔާރުވެފައިވާކަމެވެ.
“ބަޔަކަށް ސައި ތައްޔާރުކޮށްފަ ޒީން ނިދާފަ…. ހެހެ..” އަމިއްލަ ނަފްސަށް ވާހަކަ ދައްކަމުން ހިނިތުން ވެފައިހުރެ ނާސިފް ހިނގައިގަތެވެ.
“ކޮބާ…. ޒީންގެ ހަބަރެއް ނުވޭތަ؟ ޒީން ނެތީމަ ނަތޫ މިހާރު ވަރަށް ފޫހިގޮތަކަށް ފެންނަނީ.” ނަތޫ ފިހާރައިން ނުކުތް ވަގުތު އިޖޫ ބުނެލިއެވެ.
“އާނ… ދެން ހަބަރެއް ބަލަން ބޭނުމިއްޔާ ޖެހޭނީ މާލެ ދާން.. މަންމަ ބާއްވާފަ ކިހިނެއް ދާނީ؟… މަންމަ އެހާ ބަލިވީމައާވެސް އެއެއްކޮށް މާލެ ނުދެވެނީ… އެކަމާވެސް ދެރަވޭ. އެކަނިވިއްޔަ ގޭގަވެސް ހުރިހާ ކަމެއް ކޮށްގެން މި އުޅެނީ. ބުރަވެސް ވާނެއްނު. ދެން އަހަރެން ޖޮބަކަށް ނުދިޔަސް ޝިއުޒްއާ މާހިލް ރިޒޯރޓް ވަޒީފާގަ ތިބެގެން ފައިސާގެ ގޮތުން ވަރަށް އެހީވޭ. އެހެންވެ މި އުޅެވޭނީވެސް.” ނަތޫ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
“ނަތޫވެސް ދެން އަވަހަށް މީހަކާ އިންނަންވީއޭ. މިހާރު ތޭވީސް އަހަރުވީ… އަދިވެސް ހުހަށް ތިހުންނަނީ.. ތިހެން ހުރީމަ އުމުރުން ގިނަ ދުވަސްތަކެއްނު އިސްރާފުވާނީ.” ނަތޫއަށް ހިޔާލެއް ދެމުން އިޖޫ ބުނެލިއެވެ.
“ނޫން. އަހަރެން އަދިވެސް ނުވިސްނަން މީހަކާ އިންނާކަށް. ދެން އިޖޫއަށްވެސް އިނގޭނު.. އަހަރެނަށް ރީތި ބިޓުން ފެނުނަސް ލައިފެއް ފަށާނެ ސީރިއަސް ވިސްނުމެއް ނުގެންގުޅެން…. މީހަކާ ނީނަސް މިއޮއް އުޅެވެނީނު… އިޖޫ ދެންތީ ސްކޫލް ނިމުނު ގޮތަށް އަހަރެއްވެސް ނުވަނީސް މީހަކާ އިނދެގެން އުޅޭ މީހެއް. ކޮބާ ދަރިފުޅު؟” ނަތޫ މަލާމާތުގެ ގޮތުން އިޖޫއާ ދިމާކޮށްލިއެވެ.
“ހެހެ… ދެން މަށާ މަލާމާތް ކުރާނެކަމެއްނެތް.. އެންމެ ކުރިން ނަތޫ ކައިރިދޯ މަ އާދޭސްކުރީ. އޭރުވެސް ދިން ޖަވާބު މިހާރުވެސް ތިދެނީ. ކީއްކުރާނީ؟……… ދަރިފުޅު ވެއްޖެ އަންހެނުންނާއެކީ “ސްޓިޗް ޝޮޕް” އަށް ހެދުމެއް ފަހަންގޮސް.” އިޖޫ އެހެން ބުނަމުން ހިނގައިގަތެވެ. އަނެއްކާވެސް ކަމެއް ހަނދާންވެގެން އިޖޫ ހުއްޓުނެވެ.
“އޭތް… ނަތޫ.. މިހުރީ އަދި ހަނދާން ނެތިފައޭ. އިހައްދުހު މާލެ ގޮސްފަ މިއައީ. އިޝާލްއާ ދިމާވި.. އެމީހުން އުޅެނީ ވިލިނގިލީގަ.. މަށަށް ފެނުނީ ފެރީ ޓާރމިނަލް ކައިރިން.. ބުނި ނަތޫއަށް ސަލާމް ބުނައްޗޭ.” އިޖޫ ބުނެލިއެވެ. އެޔާއެކު ނަތޫގެ ޝައުގުވެރިކަން ބޮޑުވެގެން ދިޔައެވެ.
“އެހެންތަ؟ އިޝާލްގެ ހާލު ރަނގަޅުތަ؟ އޭނަ ހުރީ ހަމަޖެހިފަތަ؟ ނޫނީ އޭނަ ހުރީ ވަރަށް ވަރަށް ދެރަވެފަތަ؟ ކިހިނެއްތަ ހުރީ؟ އެއްވެސް ކަމަކާ ހިތާމަ ކުރާހެން ހީވޭތަ؟'” އިޖޫ ބުނި ވާހަކައިން ނަތޫ ތެޅިގަނެފައި އެތައް ސުވާލެއް އެއްފަހަރާ އަމުނާލިއެވެ.
“އޭތް…އޭތް… ހަމަޖެހޭ…. ހަމަޖެހޭ… އިޝާލްގެ ވާހަކަ ދެއްކީމަ ހާދަހާ ހާސްވެފަ؟ ނަތޫއަށް ކިހިނެއް ތިވަނީ؟ އަނެއްކާ……” ވެގެން އުޅޭގޮތް ނޭނގި ހުރެ އިޖޫ އަހާލިއެވެ.
“އިޖޫ…. މަށަށް ދޯ ގޮތެއް ވަނީ… މަމިއުޅެނީ ޒީން އާ އިޝާލްގެ އެއްވެސް ޚަބަރެއް ނޭނގޭތީ ވަރަށް ފިކުރު ބޮޑުވެގެން. އެހެންވެ މަށަށް ަވަރު ވަރުންވެސް ސުވާލު އެހޭނެދޯ؟ ޒީން އެބުނާ ކައިވެންޏެއް ކުރިފަހުން އެދެމީހުން….އެކަކު އަނެކަކުގެ ހާލު މަށަށް އިނގެނީކީނޫން. އެހާ ލޯބިން އުޅުނު ދެމީހުން… ވަކިވާން ޖެހުނީމަ އެމީހުންނަށް އަސަރު ކުރާނެ ވަރު ވިސްނިފަ މިހެން މިބުނެވެނީ.” ނަތޫ ތެދަށް ބުނެދިނެވެ. އެއީ ނަތޫގެ އެންމެ ރަނގަޅު އެއް ސިފައެވެ. ވެގެން އުޅޭގޮތް ހިތުތެރޭ ފޮރުވުމަށް ވުރެ އަވަހަށް އެވާހަކަތައް ހިއްސާކުރެވޭތޯ ބަލާނެއެވެ.
“އޯހް… އެހެންވެދޯ؟ މިރަށަށް އަލަށް އުފަންވި ބޮޑު ކައިވެނީގެ ވާހަކަދޯ ތިދައްކަނީ؟ ނަތޫ ހަމަޖެހޭ… އިޝާލް ރަނގަޅު. ހަމަ ވަރަށް ސަޅި… އޭނަ ކަމަކާ ވިސްނާ ހިތާމަކުރާހެން ހިއެއް ނުވޭ. މަށާވެސް ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފަ ހުރެގެން. އެކަމު ދެން ޒީން މިހާރު ކައިވެނި ކޮށްގެން އުޅޭތީ މަށަކަށް ނުކެރުނު އިޝާލްކައިރި ޒީންގެ ވާހަކަ އަހާކަށް.” އިޖޫ ކިޔައިދިނީ ހަމަ ހަގީގަތަށެވެ.
“ކީކޭ؟… އިޝާލް ހުރީ ވަރަށް ހަމަޖެހިފަ…..؟؟؟؟” ގަބޫލުކުރަން އުނދަގޫ ވާހަކައެއްކަމުން ނަތޫ ޝައްކުގެ ނަޒަރުން އިޖޫއާ ސުވާލުކޮށްލީ ދެލޯ ހަނިކޮށްގެން ހުރެއެވެ.
ނާސިފް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއީ ތަރުތީބު ކޮޓަރިއެކެވެ. ބޮޑު އަލަމާރިއަކާއި ކިންގް ސައިޒް އެނދެއް ކޮޓަރީގައި ވެއެވެ. ކުޑަ ދޮރުތަކުގައި ދަމާފައިވާ ފަރުދާގެ ޝާއްބަކަން އިންތިހާއެވެ. އަލަމާރީގެ އެންމެ ބޮޑު ދޮރު ނާސިފް ހުޅުވާލީ މަގްސަދެއްގައެވެ. އަލަމާރީގެ އެންމެ ތިރީ ވަތްގަނޑުގައި އިން ކުޑަވަރެއްގެ ލަކުޑި ފޮއްޓެއް ނަގާ އެނދުމަތީގައި ބައިންދާލިއެވެ. އެއަށްފަހު، އެ ފޮށި ހުޅުވާލީ އޭގައިވާ އެއްޗެއް އެކަނިހުރެ ބަލާލުމުގެ ޝައުގުވެރިކަން ބޮޑުކަމުންނެވެ. ފޮށި ހުޅުވާލުމާއެކު ނާސިފް ހައިރާންވިއެވެ. އޭގައިވަނީ މާކުރީގެ ކަރުދާސްތަކެކެވެ. ސިޓީއުރަ ތަކަކާއި ސިޓީ ފާޑުގެ ލިޔުންތަކެވެ.
ފަހަރަކު ކަރުދާސްގަނޑެއް ނަގަމުން ނާސިފް އެކަރުދާސްތައް ހުޅުވާ ބަލަމުން ގެންދިޔައެވެ. އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ވަގުތު ނެތަސް ކޮންމެ ގަނޑެއްވެސް ވަކިވަކިން ހުޅުވާލުމަށްފަހު ލައްޕާލައެވެ. ފޮށިން އެއްޗިހި ނަގަމުން ގޮސް ވަކިހިސާބަކުން ނާސިފްގެ ދެލޯ ބޮޑުވިއެވެ. ހައިރާން ވިއެވެ. މިއީ ހަގީގަތެއްބާއެވެ.؟ ނާސިފްގެ ހިތަށް އަރަމުން ދިޔައެވެ.
އާނއެކެވެ! މިހާ ދުވަސް ވީއިރުވެސް، އެއީ އެ ފިނިފެންމަލެވެ. ބަދަލުވީ ހަމައެކަނި މަލުގެ ކުލައާއި ވަހެވެ. ބަދަލު ނުވަނީ މަލުގެ ތަނޑުގައި ނާސިފް އޮޅާލާފައި އިން ޕާރސަލް ނަރުކޮޅެވެ. ޔަގީނެވެ. އެއީ މީގެ ހަތް އަހަރު ކުރިން ނާސިފްގެ އަތުން ޒީންއަށް ދޭންއުޅުނު ފިނިފެންމަލެވެ. ވީނުވީއެއް ނޭނގި ގެއްލުނު ފިނިފެންމަލެވެ. އިއްތިފާގުންވެސް އެއޮތީ ޒީންގެ ހިމާޔަތުގެ ދަށުގައެވެ. ނާސިފް އަނެއްކާވެސް ހަރަކާތް އަވަސްކޮށްލިއެވެ. އިތުރަށް ބަލަން ބޭނުންވިއެވެ. ޒީން ލަކުޑި ފޮއްޓެއްގައި ފޮރުވައިން އުޅޭ ހަގީގަތައް ނާސިފް ދެނެގަންނަން ބޭނުންވިއެވެ.
ވަގުތުން ދެންހުރި ކަރުދާސް ތަކާއި ސިޓީފަދަ ތަކެތި ނަގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ މޮނީޓަރ ފޮތެކެވެ. އަވަސް ހަރަކާތަކާއިއެކު ނާސިފު އެފޮތް ހުޅުވާލިއެވެ. އިސާހިތަކު އެފޮތް ތެރެއިން ލޫދިގެން ލުއި އުދުހުމެއްގައި ގޮސް ވެއްޓުނީ ފޮޓޮއެކެވެ. ނާސިފް އެއަށް ބަލައިލިއެވެ. އޭގައި ވަނީ ނާސިފްގެ އެކުވެރި އިޝާލްއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






