“މިލާން.. ކާން އަންނަންވީނު..” ޔައިނާގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ. “އަހަރެން ކާނީ ބޭރުން..” މިލާންގެ އަޑުގައިވީ ފިނިކަމެވެ. “އެކަމަކު އަހަރެން ގޭގަ ކައްކާފަ ހުއްޓާ-” ޔައިނާގެ ދުލުގައި އޮތް ބަސް ފުރިހަމަ ނުކުރެވުނީ މިލާން ފަސްއެނބުރި، ނުރައްކާތެރި ބެލުމެއް ޔައިނާއަށް ރައްދު ކޮށްލުމުންނެވެ. “އަހަރެން ބުނިންތަ އެއްފަހަރުވެސް ޔައިނާ ކައިރި އަހަނަންނަށް ކައްކައިދޭށޭ..؟ ޔައިނާގެ އެއްވެސް އެހީއެއް އަހަންނެއް ބޭނުމެއް ނޫން.. އެހެންވީމަ ޔައިނާވެސް ދެން ރަނގަޅުވާނީ މީގެ ފަހުން ތި ދަޅަތައް އަހަންނަށް ދައްކަން ނޫޅުނިއްޔާ.. ތި ކުޅޭ ކުޅިގަނޑުގައި ބައިވެރިވާކަށް މަށެއް ބޭނުމެއް ނޫން.. ތި ކައްކާ އެއްޗެހި ގޮސް އެ ޝިޔަލްއަށް ކާން ދީބަލަ.. އެ ނިމުނީނު..” ހިތަށް އެރިހާ އެއްޗެއް ޔައިނާއާ ދިމާއަށް ބުނުމަށްފަހު، މިލާން ނުކުމެގެން ދިޔައީ، ބަންލާފައި، ދޮރު ޖަހާފައެވެ. މިލާން ހަމަ ނުކުތުމާއެކު، ޔައިނާގެ ކަރުނަތައް އެ ދިގު އެސްފިޔަތަށް ފޫއަޅުވާލަފައި އޮހިގަތެވެ. ކޮޅަށް ހުންނާނެ ހިތްވަރުވެސް ނެތި، ބިންމައްޗަށް ތިރިވެވުނު އިރު، ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ. ހިތަށް ވަމުންދިޔަ ތަދާއި އެކު، ހިތާވީ ދިމާލުން މޭމަތީގައި އަތް އެޅުނު އިރު، ނޭވާ ކުރުވަމުން ދާ ކަހަލަ އިޙުސާސެއް ކުރެވެމުން ދިޔައެވެ.
“މިލާން ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ..؟ އަހަރެން އެއްވެސް ކުށެއް ނުކުރަން.. މިލާންއަށް ބޭވަފާތެރިއެއްވެސް ނުވަން.. ޕްލީޒް… އަހަންނަށް އިތުބާރު ކޮށްބަލަ…” ގިސްލެވޭ ޙާލު، ޔައިނާ އަމިއްލަ ނަފްސާ ޝަކުވާ ކުރަމުން ދިޔައެވެ. އެގޮތުގައި، އެތައް އިރަކު ރޮއެ ރޮއެ އޭނާ އިނެވެ. އެ އިންތަނުން ތެދުވާނެ ހިތްވަރެއްވެސް އޭނާއަށް ލިބުނީ، ޢަޞުރު ނަމާދުގެ ބަންގީގެ އަޑު އިވުމުންނެވެ.
ފާޚާނާއަށް ގޮސް ވުޟޫކޮށްލައިގެން ޔައިނާ ނަމާދަށް އެރި އިރުވެސް، ހިމޭން ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ނަމާދުގެ އެންމެ ފަހު ރަކްޢަތުގެ ސަޖިދައިގައި އޮވެ، އޭނާގެ ދެލޮލުން ފޭބިހާ ކަރުނައަކާއި، އަނގައިން ބޭރުވިހާ ގިސްލުމެއްގެ އަޑު، މަތިވެރިވެގެންވާ ﷲ އައްސަވާވޮޑިގެންވާނެކަން ގައިމެވެ. ނަމާދަށް ފަހުވެސް، ޔައިނާއަށް ދުޢާ ކުރެވުނީ މިލާންގެ ރުހުން އޭނާއަށް ދެއްވާތޯއެވެ. މި ކައިވެނި ބާއްޖަވެރިކޮށްދެއްވާތޯއެވެ. އެއަށްފަހު، ކޮންމެ ނަމާދެއްގެ ފަހުންވެސް އޭނާ ކަންތައް ކުރާ ފަދައިން، ބައްޕަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ.
*** ** ***
އުނދުން މައްޗަށް ރިހަ ތެއްޔެއް އުދަން ތައްޔާރުވާން ހުރި ޒާރާ ސިހުނީ، ފަހަތުން އައިސް މީހަކު އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދައިލުމުންނެވެ. ސިހުނު ވަރުން ދޭފަތް އަތުން ދޫވި ވަގުތު، އަފާންގެ އެ ފިރިހެންވަންތަ ލުއި ހީލުމުގެ އަޑު އިވުމުން، ޒާރާގެ ހިތަށް ވަގުތުން ހަމަޖެހުން ލިބުނެވެ.
“ހާދަ ބިރެއް ތި ގަތީ.. މީ މަށޭ…” ހާމައަށް އޮތް ޒާރާގެ ކަނދުރާގައި މޫނު ފޮރުވައިލަމުން އަފާން ބުނެލިއެވެ. “ދެން އަފާން މިގަޑީގަ ތީ ކޮން ކަމެއް.. އަޒާންވެސް އެބައުޅޭ ގޭގަ.. އޭނައަށް ފެނިދާނެ..” ޒާރާ ބުނެލީ ހާސްވެ ހުރެއެވެ. “އަޒާންއަށް ފެނުނަސް ކީއްތަ..؟ ތީ އަހަރެންގެ އަންހެނުންނޭ.. އަހަރެންގެ އަނބިމީހާގެ ގައިގަ ބޭނުން ވަގުތަކު އަތްލުމުގެ ޙައްޤު އަހަންނަށް އޮންނާނެ..” އެ ހުރި ގޮތަށް ހުރެ އަފާން ބުނެލިއެވެ. އެއާއެކު، ޒާރާ ގަތީ ލަދެވެ. ލަދުން އެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔަ އިރު ވަގުތުން އިސްދަށަށް ޖެހުނެވެ.
“ޒާރާ…” ހިނދުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު އަފާން ގޮވައިލިއެވެ. “ހޫމް..” ޒާރާ ހަމައެކަނި ހޫމް ލައްވައިލީއެވެ. “ހިނގާ ހަނީމޫންއަށް ދާން..” އަފާން އޭނާގެ ބޭނުން ހާމަ ކުރިއެވެ. “މިދުވަސްކޮޅު އަފާންއަށް ޗުއްޓީ ލިބޭނެތަ..؟” އަފާންއާ ވީ ދިމާއަށް އެނބުރިލަމުން ޒާރާ އަހައިލިއެވެ.
“އަހަރެންގެ ޗުއްޓީވެސް ޒާރާގެ ޗުއްޓީވެސް އަހަރެން ހަމަޖައްސައިފިން.. އެއް ހަފްތާއަށް..” އަފާން ހީވީ ވަރަށް ކުރީއްސުރެވެސް ތައްޔާރުވެގެން ހުރި ހެންނެވެ. “ކޮންތާކަށް ދާން އަފާން ތި ވިސްނަނީ..” ޒާރާ އެއްސެވެ. “އަހަރެންގެ ލޯބިލޯބި އަނބިމީހާ ބޭނުން ތަނަކަށް..” ޒާރާގެ ނޭފަތުގައި ހިފައިލަމުން އަފާން ބުނެލިއެވެ. އެއާއެކު، އަނެއްކާވެސް ޒާރާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. އަފާންގެ ދުލުން “އަނބިމީހާ” އޭ ބުނެ އޭނާއަށް މުޚާތަބު ކުރެވޭ ކޮންމެ ފަހަރަކު ގޮތް ނޭނގޭ އިޙުސާސެއް މުޅި މީހާ ވަށައިލައެވެ. އެ ހިތުގެ ވިންދު އަވަސްވެ، ބަނޑުގައި ކޮކާ އުދުހޭ ފަދަ އިޙުސާސެއް ކުރެވެއެވެ.
“އަހަރެންގެ އަންހެނުން ލަދުގަތީމަ ހާދަ ލޯތްބޭ…” ކަޅިޖަހައިނުލާ ޒާރާއަށް ބަލަން ހުރެ، އަފާން ބުނެލި ގޮތުން ޒާރާ އިތުރަށް ލަދުގަތެވެ. ވަގުތުން އަފާންގެ މޭގައި މޫނު ފޮރުވައިލި އިރު އެ ހިތް ތެޅެމުންދާ މިންވަރު އަފާންއަށްވެސް އިޙުސާސްވާނެކަން ގައިމެވެ. “ވަރަށް ލޯބިވޭ އިނގޭ…” މިއަދު އަފާން އެހެން އެ ބުނީ މިހާރު ހަތްވަނަ ފަހަރަށެވެ. “އަހަރެންވެސް…” ލަދުން ހުރެވެސް ޒާރާ އިއްވައިލީ އޭނާގެ ހިތުގެ ބަހެވެ.
“ދެން މިއޮތް ކަމެއް ދޯ.. ޕިސް ޕިސް..” ބަދިގެއަށް ވަދެގެން އައި އަޒާން ހިނިގަނޑެއް ޖަހައިލަމުން ބުނެލީ، އަފާންއާ ދިމާކޮށްލުމުގެ ނިޔަތުގައެވެ. އަޒާންގެ އަޑު އިވުމާއެކު، ޖެހި ދުމެއްހެން ޒާރާ ވަގުތުން އަފާންގެ އަތުތެރެއިން ވީއްލިގަތެވެ. އޭރު، އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ލަދު ގަނެފައެވެ.
“ތިވަރު ނުކުރިޔަސް ދެން މީ ތުއްތުމެންގެ ހަނީމޫން ޒަމާންކަން އަހަންނަށް އެނގެޔޭ..” އަޒާން އަދިވެސް ހެނީއެވެ. “ހޭނެ ކަމެއް ނެތޭ.. އަޒާންއަށްވެސް މި ދުވަސް އައީ މަ އަދި އެނގޭނީ.. އެދުވަހަކުން މަވެސް އަޒާންއާ ދިމާކޮށްލާނަމޭ.. ބަލަން ހުންނާތި..” އަފާންވެސް ދެރަ ނުވާންވެގެން އަޒާންއަށް ރައްދު ދިނެވެ. “އެކަމް ދެން ދޮންބެ ތީ ތިހާ ރޮމޭންޓިކް މީހެއް ކަމެއް ކުރިޔަކުން ނޭނގޭ.. ފަހަރި ވަރަށް ބަލައިގެން އުޅޭތި އިނގޭ.. މީނަ ގޮވައިގެން އުޅެވޭނީ ވަރަށް ކެތް ގަދަ މީހަކަށް..” ޒާރާއާ މުޚާތަބްކޮށް އަޒާން ބުނެލި ބަހުގައި ފޮރުވިފައިވީ މާނަ އެނގުމުން ޒާރާ ލަދުން ގޮސް ނުވިރުނީ ކިރިޔާއެވެ. ވަގުތުން އެމީހުންނަށް ފަސްދީފައި، ކުރަން ހުރި މަސައްކަތުގައި މަސްއޫލުވި އިރުވެސް، އެ މޫނުން ރަތްކަން ފިލައި ނުދެއެވެ.
“ފާޑު ފާޑު އަނގަ ނުތަޅަ މިތަނުން ދާން ހަދާ..” އަޒާންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލަމުން އަފާން ބުނެލިއެވެ. “ހޫމް އަހަރެން ހުރީމަ ދޮންބެއަށް ބޭނުންވާ ކަމެއް ފަހަރިއަށް ނުކުރެވެނީ ދޯ.. އޯކޭ އޯކޭ.. މަ މި ދަނީ.. ހަހަހަ..” ހެމުން ހެމުން އަޒާން ގޮސް ކޮޓަރިއަށް ވަނުމާއި އެކު، އަފާންއަށް ހަމަޖެހިލުމުގެ ނޭވާއެއް ލެވުނެވެ. ޒާރާއާ ދިމާއަށް ބަލައިލާފައި، އަނެއްކާވެސް ޒާރާއަށް ޖެއްސުމެއް ކޮށްލަން ހިތަށް އެރިއެވެ. ނަމަވެސް، އެކަމަށް ހުރަސް އެޅީ، ރިންގުވަމުން ދިޔަ އޭނާގެ ފޯނެވެ. ބައްޕަގެ ކޯލަކަށް ވުމުން، ނުނަގަން ހުރެފައިވެސް އަފާން ފޯނު ނެގީ މުހިންމު ކޯލަކަށް ވެދާނެތީއެވެ. އަކްމަލް އެދުނީ މުހިންމު ކަމަކު ހޮސްޕިޓަލަށް ދިޔުމަށެވެ. އެހެންކަމުން ޒާރާ ކައިރި ދަނީއޭ ބުނެލާފައި، އަފާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ގެއިން ނުކުތެވެ.
*** ** ***
އޮފީހުގައި އިނދެ، ކައިވެނީގެ ހެދުމެއްގެ ޑިޒައިނެއް ކުރަހަން އިން ލައުރާ އިނީ މިއަދު މަސައްކަތަށް ޝައުގުވެރިކަން ނުދެވޭތީ، އެކަމާ ރުޅިގަދަ ވެފައެވެ. މޭޒުދޮށުގައި އިންއިރު، އެއް އަތުގެ އުޅަނބޮށިން މޭޒުގައި ވިއްދާލައި، ދަތްދޮޅީގައި އަތްތިލަ ވިއްދާލައިގެން އިން އިރު، އަނެއް އަތުގައި އޮތް ފަންސޫރުން، ކުރިމަތީގައި އޮތް ގަނޑުގައި ކުރަހަމުން ދިޔައެވެ. ޚިޔާލުގެ ކަނޑަކަށް ގެއްލި އިނދެ ފަންސޫރުން ގަނޑުގައި ކާއްތަމުން ދިޔަ ލައުރާއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެއެވެ. އަމިއްލަ އިޚްތިޔާރުގައި ކަންތައް ކުރެވޭ ވަރަށްވުރެ ބޮޑަށް ލައުރާ އިނީ އޭނާގެ ޚިޔާލީ ދުނިޔެއަށް ގެއްލިފައެވެ.
“މޭމް..” ޓަކިޖަހާލައިފައި އެތެރެއަށް ވަދެގެން އައި ޝާހާގެ އަޑުން ލައުރާއަށް ސިހުން ލިބުނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން، ވީ ކީއްތޯ ޝާހާގެ ގާތުގައި ސުވާލު ކޮށްލިއެވެ.
“ކްލައިންޓުން އެބަ ތިއްބެވި ރެޑީގަ.. މޭމް ދުރުވަންވީ ނޫންތޯ..؟” ޝާހާ ބުނެލިއެވެ. “މި ދަނީ..” ލައުރާ އެހެން ބުނުމުން ހިނިތުންވެލާފައި، ޝާހާ އޮފީހުން ނުކުމެގެން ދިޔައެވެ. ގޮނޑިން ތެދުވެ، ލައުރާ އޭނާ ލައިގެން ހުރި ގަމީސް ރީތިކޮށްލިއެވެ. އެއަށްފަހު، ދެންމެ ހެދުމުގެ ޑިޒައިން ކުރަހަން އިން ގަނޑަށް ބަލައިލެވުނު އިރު، އޭނާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
“އަޒާން…..” އޭފޯސައިޒްގެ އެ ގަނޑުގައި ކުރެހިފައިވަނީ ހެދުމެއްވެސް ނޫނެވެ. ބޮޑު އަކުރުން އެ ގަނޑުގައި ކަނޑާ ނެގިފައިވީ އަޒާންގެ ނަމެވެ. ލިބުނު ސިހުމުގައި ލައުރާއަށް ހުރި ގޮތަށް ހުރެވުނީއެވެ. އޭނާއަށް އަޒާންގެ ނަން ލިޔެވުނީ ކޮން އިރަކު ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ސިކުނޑީގައި މިހާރު އަބަދު އަބަދު އަޒާންގެ ނަން އިންނަނީ ކީއްވެގެން ހެއްޔެވެ؟ މިވީ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޒާންގެ މަތިން ނުވި ހަނދާނެއް މިހާރު ވަކި ވާންވީ ކީއްވެހެއްޔެވެ؟ ބޮލުތެރޭގައި އުފެދެމުން ދިޔަ ހައިޖައިނުގަނޑާއި އެކު ލައުރާއަށް ދެއަތުން އިސްތަށިގަނޑުގައި ހިފައި، ބާރުކޮށްލެވުނެވެ.
އެގޮތުގައި ދެތިން މިނެޓު ހުރުމަށް ފަހު، އަމިއްލަ ނަފްސު ނަފްސު ހަމައަކަށް އަޅުވައިލުމުގެ ގޮތުން ލައުރާ ފުންކޮށް ދެތިން ނޭވާ ދޫކޮށްލިއެވެ. އެއަށްފަހު، އިސްތަށިގަނޑު ރީތިކޮށްލަމުން، މޭޒުމަތީގައި އޮތް އޭނާގެ ލެޕްޓޮޕާއި، މުހިންމު ބައެއް ފައިލްތައް ހިފައިގެން ލައުރާ މިސްރާބު ޖެހީ، އޮފީހުން ނުކުންނާށެވެ.
*** ** ***
މެންދުރު ގެއިން ނުކުތް ގޮތަށް އޮފީހުގައި އުލެއުޅެފައި މިލާން ގެއަށް ވަނީ ރޭގަނޑު ނުވައެއްވެސް ޖެހި ފަހުންނެވެ. އޭނާ މެންދުރު ކެއީވެސް ބޭރުންނެވެ. މުޅި ދުވަހު އޭނާ އޮފީހުގައި އުޅުނީ ކޮންމެހެން މާ ބުރަ މަސައްކަތެއް އޮތީމަކާވެސް ނޫނެވެ. ޔައިނާގެ ކުރިމައްޗަށް އަރާ ހިތް ނެތީމައެވެ. މެންދުރު ގަޑީގައި ޔައިނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، އެފަހަރުވެސް މިލާން އަމިއްލަ ހިތަށް ވިސްނައިދިނީ ޔައިނާއަށް އެކަން ޙައްޤުވާ ކަމުގައެވެ.
ގެއަށް ވަން އިރު ޑައިނިން ޓޭބަލް މަތީގައި ޔައިނާ އޭނާއަށް ކާން ހަދާފައި ހުރިތަން ފެނުނެވެ. ނުކާން ހުރެހުރެފައިވެސް ބަނޑުހައިވެގެން ގޮސް ކެތް ނުވާ ވަރު ވުމުން، މިލާން ގޮސް މޭޒު ދޮށުގައި އިށީނެވެ. ކާއެއްޗެހިން ދުވަމުން ދިޔަ މީރު ވަހުން މިލާނަށް ނޯށް ދަމައިލެވުނެވެ. ލަސް ނުކޮށް ކާން ފެށީ، ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ދުލުން ބޭރު ނުވި ކަމުގައި ވިޔަސް، ޔައިނާގެ ކެއްކުމަށް ހިތާހިތުން މިލާނަށް ތަޢުރީފު ކުރެވުނެވެ.
ކައި ނިންމާލައިގެން މިލާން އޭނާ ކެއި ތަށިތައް ޒިންކަށް ލާފައި، އަތް ދޮވެލައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ޔައިނާ އަރާމުކޮށް ނިދާލާފައި އޮތެވެ. އިޚްތިޔާާރެއް ނެތި މިލާނަށް އެ ދިމާއަށް ދެވުނެވެ. އެނދު ކައިރި، ތަޅުންގަނޑު މަތީގައި އިށީނދެލާފައި، ފުންކޮށް އެ މޫނަށް ނަޒަރު ހިންގައިލިއެވެ. ޔައިނާގެ ތެމިފައިވީ އެސްފިޔަތަކުންނާއި، ކޮލުގައި ނުހިކި ހުރި ކަރުނަތަކުން، މިލާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަޑުމަޑުން އެއް އަތް ގެންގޮސް، ޔައިނާގެ މޫނުގައި ޖައްސައިލެވުނީ، އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.
“އައިމް ސޯ ސޮރީ މައި ލަވް…” މިލާންގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ސިކުނޑިން އެތައް ފަހަރަކު ޔައިނާއަށް އޭނާގެ ހުރިހާ ނަފްރަތެއް ޙައްޤު ކަމުގައި ބުނަމުން ދިޔަ ނަމަވެސް، އެ ހިތުން ބުނަމުން ދިޔައީ މުޅީން އެހެން ވާހަކަތަކެކެވެ. ނަމަވެސް، އޭނާގެ ހިތުގެ އެދުމަށް އިޖާބު ދެވޭ ވަރަށްވުރެ ބޮޑަށް، ނަފްރަތާއި، ބަދަލު ހިފުމުގެ ރޫޙުން މިލާންގެ ހިތް ވަނީ ކިލަނބު ވެފައެވެ.
އެތައް އިރަކު ޔައިނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ އިނދެފައި، ތެދުވެގެން ގޮސް މިލާން ފާޚާނާ އަށް ވަނީ، ފެންވަރާ، ތާޒާވެލުމަށެވެ. ފެންވަރައިގެން ނުކުމެ، އަތްކުރު ޓީޝާޓަކާ ސޯޓެއް ލައިގެން ނުކުމެ، އެނދުން ބާލީހެއް ހިފައިގެން ގޮސް އޮށޯތީ ސޯފާގައެވެ. އެތައް އިރަކު ނުނިދިގެން ފުރޮޅި ފޮރުޅި އޮވެފައި، މިލާން ނިދީގެ ފުން ޢާލަމަށް ދަތުރު ކުރީ، ވަރުބަލިކަން އޭނާގެ ނަފްސުގެ މައްޗަށް ކުރި ހޯދުމުންނެވެ.
*** ** ***
އެންމެ ފަހު މީޓިން ނިންމާލާފައި، ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ނިމުނު އިރު، ލައުރާ ހުރީ އަވަހަށް ގެއަށް ދާން ބޭނުން ވެފައެވެ. އޭރު ގަޑިން ރޭގަނޑު ބާރަ ޖަހަނީއެވެ. ކޮމްޕެނީއިން ނުކުތް އިރު ޝާހާވެސް ގެއަށް ގޮއްސިއެވެ. ކާރު ނަގަން ވެގެން ގަރާޖާ ދިމާއަށް ދާން އުޅެފައިވެސް، ގަރާޖުގެ ތަޅުގަނޑި ޝާހާ އަތަށް ދެވުނުކަން ހަނދާން ވުމުން ނިތުގައި ޖަހައިލެވުނެވެ. މިރޭ މި ޖެހުނީ ހިނގާފައި ގެއަށް ދާންތާއޭ ހިތަށް އެރިއެވެ. ވިއްސާރަ ދުވަސްކޮޅެއް ކަމުން، ބަނަވެފައިވީ ވިލާތައް ފޫއަޅުވާލާފައި ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ކަމުގެ ބިރު އޮތެވެ. ލައުރާގެ އަތަކު ކުޑައެއްހާ ހިސާބުވެސް ނެތެވެ. އެހެންކަމުން، ލަސް ނުކޮށް ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ހިނގައިގަތީ، ގެއަށް ދިޔުމަށެވެ.
ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު މާލޭގެ މަގުމަތިން މީހަކުވެސް ނުފެނެއެވެ. ރޭގަނޑު ގަޑީގައި އެކަނި ހިނގާފައި ދާން ޖެހުމުން ލައުރާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް ވިއެވެ. ނަމަވެސް ﷲއަށް ވަކީލު ކޮށްލަމުން، ލަސްނުވެ ހިނގަމުން ދިޔައީ، ބުރަ ދުވަހަކަށްފަހު، އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރި ވަރުންނެވެ.
ފަހަތުން ބަޔަކު ތުން ފުމޭ އަޑު އިވެން ފެށީ ކުއްލިއަކަށެވެ. ލިބުނު ކުއްލި ސިހުމާއި އެކު، ލައުރާއަށް ފަހަތް ބަލައިލެވުނު އިރު، ތިން ކުދީންގެ ފިރިހެން ގުރޫޕެއް އޭނާގެ ފަހަތުން އަންނަ ތަން ފެނުނެވެ. އެމީހުން ތިބީ ކަނދުރާ ނުފެންނަ ވަރަށް އިސްތަށިގަނޑު ދިގު ކޮށްފައެވެ. އަތާއި ކަރުގައި ފުރެންދެން ޗޭނު އަޅާފައި ހުރި އިރު، އެ ސިފައިންވެސް ލައުރާގެ ހިތަށް ވެރިވީ ރުޅިވެރިކަމާއި ފޫހިކަމެވެ. ގަޔަށް ލާފައި ހުރި ޓީޝާޓުތައް ދޫކަމުން ހީވަނީ ކޮނޑެއްގައި އަޅުވާފައި ހުރި އަންނައުނުތަކެއް ހެންނެވެ. ތިރިން ލައިގެން ތިބި ޖިންސުތައްވެސް ސޮހިފައި އޮތް ގޮތުން ދެންމެ ދެންމެ ފައިބަފާނެހެން ހީވިއެވެ.
“އޭތް މަންޖޭ.. ކޮންތާކަށް ތި ދަނީ..؟” އެތަނުން އެކަކު ލާނެތް ފާޑަކަށް ހީލާފައި ބުނެލިއެވެ. “މިގަޑީގަ ތިކަހަލަ ރީތި ހޫރުޕަރީން އެކަނި ބޭރުގަ އުޅޭކަށް ނުވާނެ.. ހިނގާ އަހަރެމެން މަންޖެ ގެއަށް ލައިދޭނަން..” އަނެކަކު ބުނެލާފައި، ލައުރާއާ ދިމާއަށް އަންނަން ފެށި ގޮތުން ލައުރާގެ ހިތް ގުޑައިގަތެވެ. އޭނާ ބިރުގަތީ އެހިސާބުންނެވެ. ފޯނުން މީހަކަށް ގުޅަން ބަލައިލި އިރު ފޯނުވެސް އޮތީ ޗާޖު ގޮސްގެން ނިވިފައެވެ. ފިޔަވަޅުތައް ހަލުވިކޮށްލަމުން އޭނާ ހިނގައިގަތީ، އަވަހަށް އެމީހުންގެ ކިބައިން ސަލާމަތް ވެވޭތޯއެވެ. ނަމަވެސް ހިނގަ ހިނގާ ހުއްޓާ، އެތަނުން އެކަކު އައިސް ލައުރާގެ އަތުގައި ހިފެހެއްޓުމުން، އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ސަލާމަތް ވާނެ މަގެއް ދެން ނެތޭ ހިތަށް އެރިއެވެ.
“ދޫކޮށްލާ އަހަރެންގެ އަތުން.. މި ބުނީނު ދޫކުރާށޭ..!” އަޑަށް ރުޅިވެރިކަން ގެންނަން ލައުރާ މަސައްކަތް ކުރީ، ބިރުގަނެފައިވާކަށް އެމީހުންނަށް ހާމަވިޔަ ނުދިނުމަށެވެ. “އައްދެ ހާދަ ރުޅިއެއް ތި އައީ..؟ އަންހެން ކުދން ތިހާ ބާރަށް ވާހަކަ ދައްކާކަށް ނުވާނެ..” ލައުރާގެ ކޮލުގައި ހިފައިލަމުން އެ ޒުވާނާ ބުނެލި ގޮތުން ލައުރާއަށް ދަތްކުނޑި ވިކައިލެވުނެވެ.
“އަހަރެންގެ ގައިގަ ނާތްލާށޭ!! ދުރަށް ދޭ!!” ގައިގައި ހުރި ބާރެއްލައި، އެމީހާ ކޮއްޕައިލަމުން ލައުރާ ދުއްވައިގަތެވެ. ނަމަވެސް، އޭނާއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. ފަހަތުން ދެމީހުން އައިސް އޭނާގެ ގައިގައި ހިފެހެއްޓިއެވެ. ތިންވަނަ މީހާ އޭނާގެ ކުރިމައްޗަށް އަރާފައި ހީލި ގޮތުން ލައުރާގެ ލޭ ކެކިގަތެވެ.
“އޭރުވެސް ބުނިން ދޯ އެހާ ބާރަށް ވާހަކަ ނުދައްކާށޭ.. ކީއްވެ އަހަރެން ކޮއްޕައިލީ.. ދެން އަންހެންވަންތަ ކަމުގެ އެއްވެސް ސިފައެއްވެސް ނެތެއްނު ތިހެން ކަންތައް ކުރީމަކާ..” ލައުރާގެ ދެކުލޮގައި ހިފައި، ބާރުކޮށްލަމުން އެމީހާ ބުނެލިއެވެ. އެވަގުތު ވީ ތަދުން، ލައުރާގެ ދެލޯ ފެންކަޅިވިއެވެ. “އާއްޓޭ.. ހިނގާ މި މަންޖެއަށް ރީތި އަދަބުތައް ދަސްކޮށްދޭން..” ލައުރާގެ ގައިގައި ހިފަހައްޓައިގެން ހުރި މީހާ ބުނެލިއެވެ. އެއާއެކު، ލައުރާއަށް ބިރުން ރޮވެން ފެށުނެވެ. ދެމީހުންވެގެން ލައުރާ ހިއްލާލައިގެން ގެންގޮސް ވެއްދީ އެތާ ހުރި ހަނި ގޯޅިއަކަށެވެ. ވަށައިގެން އަނދިރިކަން ވީ އެ ގޯޅިތެރެއަށް ގެންގޮސް ވެއްދުމުން، ލައުރާއަށް ގިސްލަގިސްލާފައި ރޯން ފެށުނެވެ. އެހީއަކަށް އެދި ހަޅޭއްލަވަން ވެގެން އަނގަ ހުޅުވައިލި އިރަށް އެތަނުން އެކަކު ޖީބުން ނެގި ފޮތިގަނޑެއް ލައުރާގެ އަނގައިގައި އައްސައިލިއެވެ. އެއާއެކު، ސަލާމަތް ވެވެން އޮތް އެންމެ ފަހު މަގުވެސް ލައުރާއަށް ބަންދު ވިއެވެ.
“ރީތިކޮށް ބަސްއަހައިގެން އޮވޭ.. ގަދަ ދައްކަން އުޅެފިއްޔާ އަނިޔާ ވާނީ ހަމަ ތި ނާޒުކު ކުއްޖާއަށް..” އެ ޒުވާނާ އެހެން ބުނުމާއެކު ލައުރާގެ ލޮލުން އިހުނަށްވުރެ ގިނައިން ކަރުނަ ފައިބަން ފެށިއެވެ. ލައުރާގެ ވޭނުން ފުރިގެންވީ އާދޭސްތަކަސް ބީރު ކަންފަތެއް ދިނުމަށްފަހު އެ ޒުވާނާ ލައުރާގެ ގަމީހުގެ ކަރުވަޅުގައި ހިފާފައި ދަމައިލި ގޮތުން ގަމީހުގެ ގޮށްތައް ވިއްސައިގެން ދިޔައެވެ. އެއްވެސް ރަޙުމެއް، ކުލުނެއް އަދި އިންސާނިއްޔަތު ކަމެއްވެސް ނެތް މި ޖަނަވާރުންގެ ކުރިމަތީގައި ހަށިގަނޑުގެ ބޮޑު ބައެއް ކަޝްފުވެގެން ދިޔުމުން ކަރުބުޑުން ލައުރާއަށް ހަޅޭއް ލަވައިގަނެވުނެވެ. އަނގަމަތީގައި އަޅާފައިވި ފޮތިގަނޑާއި އެކުވެސް އެވަގުތު ލައުރާގެ އަޑު ކޮންމެވެސް ވަރަކަށް އިވުނެވެ. ހަޅޭ ލެވުނުލެއް ބާރުކަމުން، އޭނާގެ ކަރުގައިވެސް އެވަގތު ރިއްސަމުން ދިޔައީ އިންތިހާއަށެވެ. އެ ތިން މީހުން ދަހިވެތިވެފައިވާ ސިންގާތަކެއްހެން ލައުރާއަށް ބަލަން ތިބުމަށްފަހު، އެންމެ ކުރީގައި ހުރި ޒުވާނާ ލައުރާގެ ގަޔަށް ޖެހިގަތެވެ. ދެލޯ މަރައި ތަގުޅިކޮށްލެވުނު ވަގުތު ލައުރާގެ ހިތަށް އައީ ހަމަ އެންމެ ނަމެކެވެ.
އަޒާންއެވެ. އަހަރެން ސަލާމަތް ކޮށްދޭށެވެ.
ނަމަވެސް ހިތުގައިވީ ބަސް ދުލާ ހަމައަށް ގެނައުމަށް ނުކުޅެދިފައިވީ ވަރުން، ލައުރާގެ ހިތް ރޯލިއެވެ. އެވަގުތު އަޒާން އޭނާގެ ސަލާމަތަށް އަންނާނެކަމަށް އުންމީދު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.
ހަމަ އެވަގުތެވެ. ކުއްލިއަކަށް ލައުރާގެ ގައިމަތީގައި އޮތް މީހާ ވިއްސައިގެން ދިޔުމުން ލައުރާއަށް ދެލޯ ހުޅުވައި ބަލައިލެވުނެވެ. ލޯ ހުޅުވައިލެވުމާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ އަޒާންގެ ރުޅިވެރިކަމުން ފުރިގެންވީ ދެލޮލެވެ. ލައުރާގެ ގައިމަތީގައި ދެންމެ އޮތް ޒުވާނާއާ ދިމާއަށް ދާން ފެށި އިރު، އެ ދެ އަތް ވަނީ މުއްކެވިފައެވެ. އަޒާން ދިޔަ ގޮތަށް ގޮސް އެ މީހާގެ ޓީޝާޓު ކަރުވަޅުގައި ހިފާފައި، ގޮށްމުށުން އެތައް ފަހަރަކު އެ މީހާގެ މޫނުމަތީގައި ޖެހިއެވެ.
“ހައު.. ޑެއާރ.. ޔޫ..؟!” ފަހަރަކު ބަހެއް ވަކިވަކިން ކިޔަމުން ދިޔަ އިރު، އަޒާންގެ ކޮންމެ ބަހަކާ އެކީ، ގޮށްމުށުގެ ޙަމަލާއެއް އެ ޒުވާނާގެ މޫނަށް އަރަމުން ދިޔައެވެ. “މަގޭ ލައުރާގެ ގައިގަ އަތްލަން ކަލޭ ތީ ކާކު؟! އޭނ؟!” އަޒާން އަދިވެސް ހުއްޓާކަސް ނޫޅުނެވެ. އެތަނުގައި ދެން ތިބި ދެ ސޮރުވެސް، އެމީހުން ކުރަން އުޅުނު ބަދުއަޚުލާޤީ ޢަމަލު ފަޅާއަރާފާނެ ކަމުގެ ބިރަށް އެތަނުން ފިލައި، ރައްކާވިއެވެ. އޭރުވެސް އަޒާން ހުއްޓާކަށް ނޫޅުނެވެ. ކުރިމަތީގައި ހުރި މީހާގެ މޫނުން ލޭ ފޭދިގެން ގޮސް ބިމާ ހަމަވަންދެން ގޮށްމުށުން އެމީހާގެ މޫނުގައި ޖަހަމުން ދިޔައެވެ.
“ހަހަ.. ކައެގެ މަންޖެތަ އެއީ..؟ ސަޅި އިނގޭ އޭނަ.. ދެން މަށަށް ނުވެސް ފެށި އުޅެނިކޮށް ކައޭ އައިއްސަ ހުރިހާ ކަމެއް ފަނި ކޮށްލީއޭ ތި ހަމަ.. ތީތި ކަޑައޭ ބުރޯ..” ވެއްޓިގެން، ކޮޅަށް ތެދުވާނެ ވަރުވެސް ނެތް ޙާލަތުގައި އެ މީހާ އަނގައިން އަރާކަށް ނޫޅުނެވެ. އެކަމުން އަޒާންގެ ރުޅި ވީ ހައްތަހާ ގަދައެވެ.
“ތި ނުލަފާ އަނގަ މައިތިރި ކޮށްގެން އޮވޭ..!! ބައްޔެއްނު!” އޭނާގެ ބަނޑުގައި ފައިން ބާރު އެތިފަހަރެއް އަޅުވައިލަމުން އަޒާން ބުނެލިއެވެ. “އަދި ތިހާ ރުޅި އަންނާކަށް ނުވޭނު ބުރޯ.. މަ އެއްފަހަރު ބޭނުން ކޮށްލިޔަސް ކޮބާތަ މައްސަލަ އަކީ..؟ އެހާ ރީތި މަންޖެއެއް ކައެ އެކަނި ބޭނުން ކޮށްލާކަށް ނުވާނު..” ދެންވެސް އެމީހާ ހުއްޓާކަށް ނޫޅުނެވެ. ލައުރާއާ ބެހޭގޮތުން އެހާ ހަޑިކޮށް އެމީހާ ވާހަކަ ދައްކަމުން ދިޔުމުން އަޒާންއަކަށް ކެތެއް ނުކުރެވުނެވެ. މިފަހަރު އަޒާން ޖެހިޖެހީނުން، އެމީހާގެ ހޭވެސް ކެނޑުނެވެ. އެވަރުންވެސް އަޒާންގެ ހިތެއް ނުފުރުނެވެ. ބޭނުންވީ އެ ނުބައި އިންސާނާގެ ވަސްވެސް މި ދުނިޔެއިން ފިލުވައިލާށެވެ.
ފަހަތަށް އެނބުރެވުމާއި އެކު ލައުރާ އިން ގޮތް ފެނި، ވަގުތުން އަޒާންގެ ރުޅިގަނޑު އެކީ ފިލައި ދިޔައެވެ. ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އަންނަމުން ދިޔަ އިރު، އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން ގިސްލުމުގެ އަޑު ބޭރެއް ނުވެއެވެ. މުޅި ކުއްޖާ ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނި، ވަގުތުން އަޒާނަށް އެދިމާއަށް ދެވުނެވެ. ލައުރާ ކައިރީގައި، އެއްކަކޫ މައްޗަށް އިށީނދެލާފައި، ލައުރާގެ އަނގަމަތީގައި އަޅާފައިވި ފޮތިގަނޑު މޮހައިލަދިނެވެ. ލައުރާގެ ގިސްލުމުގެ އަޑު ބޭރުވީ ދެނެވެ. ބާރުބާރަށް ގިސްލަމުން އަޒާންގެ މޭތެރެއަށް ބޮނޑިވެގަތް އިރު، އެ ވޭނީ ގިސްލުމުގެ އަޑު އިވިފައި، އަޒާންގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ލައުރާގެ ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑުގައި އޭނާގެ ދެއަތް ވަށައިލެވުނީ، އިޚްތިޔާރަކާ ނުލައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Aww.. Vv reethi mi part vs Maasha Allah ❤️😍.. When next part…plxx Avahah kiyaalan genas dhahcey next part 😩
tysm ifoo.. next part hama liyamun mi gendhany.. next week ga hen heevany kiyaalan libeyny.. keep waiting <3
Maasha Allah mi part ves varah reethi.. dhen oii episode varah avahah kiyaalan libeyne kamah ummeedhu kuran..
vrh bodah shukuriyyaa vempire girl.. dhen oiy episdoe hama avahah nereeythoa mi masakkaiy kurany
Masha Allah v.reethi mi bai vx. iyye 5 ah vure gina faharah belin up vefa in thoa balan.ekam miadhu beli iru up vefa inee.11 pm ga beli iru vx up eh nuvi viyya.dhen fahun miadhu hendhunu beli iru inee up vefa 😁
WOW!!!!
Varah ryythi mj story… thankolheh kurin mi story kiyunu hadhaan vey 🤔
kon iraku next part kiyaalan libeyny?
Varah curious 🧐
Can’t wait
Adhivex ehfaharu, story varah ryythi!!!☺️👏👏
Next part kon dhuvahaku?…
Next part kiyaalan libeynee Kn dhuvahaku 😩
The story is awesome. dhen kon irakun next part fennany.? waiting for the next part.
Next part kiyaalan libeyny kon dhuvahakun ?????????
When is the next part. Avas kohladheey
Please. Cant wait
When next part??????
When is next part
Next part kiyaalan libeynee kon irakun?
Next part kiyaalan libeyny kon iraku?????????????????
Anehkaa vhk Kiyaalan nulibi vhk medu keduneetha
When is next part kiyaalan libeeney khodhuvahakun
Next part kon dhuvahakun..
Hey can’t wait for the next part please upload it fast…at least give an update for next part.. when we can see next part episode.. it’s been a week now waiting for next part.. Please please please give an update and upload fast.. 🙏🙏
Mi vhk haadha lasvany??? Kon irakun next part?? Mi part ves kiyunu adhadheh neynge mihaaru…
comment thakah reply nudhevi las vaathy adhi story las vaathy vrh bodah sorry.. aslu scl ga vrh vrh busy mhr.. baivaru kanthah eba oiy scl ga ves.. plus exams kairi vaathy.. hurihaa readers ves aslu understand vaan vaane mee alhuganduge fahu aharu kan.. so vrh busy vaane kan.. but im still trying my best.. next part ge bodu bai mhr iny liye nimifa.. insha allah mirey noony maadhamaa submit kohlaanan.. kurin ves bunin vhk medhu kanda eh nulaanamey nunimeneeheh.. so adhni kuda inthizaareh kohlaa.. unmeedhu kuran hurihaa readers ah ves undersgtand vaane kamah.. thanks for the endless support.. varah loabivey hurihaa readers dheke ves <333
Hey dear…We understand your busy days. Cox Aharumen vex ulhunu haalhu thee O’level and A’level ge last year ga. Try your best and wish you for better days..🥺🫶🏻
Vvv reethi MI part vx
Keep it up
When kiyaalan libeynee next part??
when is next part