ދިރުމެއްނެތް ދިރިއުޅުން 34
ވިލިމާލެ ހޮސްޕިޓަލްގައި އިޝާލް އެޑްމިޓް ކުރެވުނީއެވެ. އިޝާލްގެ ގޯސް ހާލަތުގެ ސަބަބުން ސަހީމާއަށް ހިތްވަރު ކުރަން މަޖްބޫރެވެ. ޚާލިދްއާ ނުލާ ސަހީމާ އެކަނި އިޝާލް ކައިރީގައި ހޭހަން ކުރަމުންދިޔައެވެ. ޑޮކްޓަރަކާއި ނަރުހުން އިޝާލްއަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
މާފަންނު ވެސްޓް ޕާރކްގައި ނާސިފްއާ ޒީން މަޑުކޮށްލައިން ތިބީ ހާޒިރީންގެ އިންތިޒާރުގައެވެ. ޕާރޓީ ފެށުމާއިއެކު މަޑުމަޑު މިޔުޒިކެއްގެ އަޑު މުޅި މާހައުލުގައި ވަނީ ހަރުލާފައެވެ. ދައުވަތަށް ހާޒިރު ވަމުންދާ ކޮންމެ މީހަކުވެސް ހަދިޔާއެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް ގެނެސްދެއެވެ. ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލާފައިވާ އެ މާހައުލުން ގިނަ މީހުންނަށް ލިބިގެންދަނީ ބަޔާންކުރަން ނޭނގޭފަދަ އުފާވެރި ކަމެކެވެ.
ނާސިފްއާ ދާދި ގާތުގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ނަގަމުންދާ ކޮންމެ ފޮޓޯއަކަށް ނާސިފް އަހަންނާ ގާތަށް ޖެހިލައެވެ. އުނަގަނޑުގައި އަތްއަޅުވާލާފަދަ ގޮތަކަށް އަހަރެންގެ ހެދުމުގައި އަތްތިލަ ޖައްސާލާކަން އަހަންނަށް އެނގެއެވެ. ގަސްތުގައި އަހަރެންގެ އުނަގަނޑުގައި ހިފަހައްޓާލި އެއްވެސް ވަގުތެއް ނުދެއެވެ. އަހަރެން ހައިރާންވިއެވެ. އަހަރެން އެގޮތް ބޭނުންވާތީ އެއް ނޫނެވެ. އެހެނަސް ނާސިފްގެ ރުހުމުގައި އަހަންނާ މިކައިވެނިކޮށް މިވަގުތުވެސް އަހަންނާ އޮންނަ ދުރު ގުޅުން އަހަންނަށް އިހްސާސް ވެއެވެ. އަހަރެން އަޖައިބު ވަނީ އެކަމާއެވެ. އެހެން ފިރިހެނެއްނަމަ އަހަރެންގެ ނުރުހުމުގައިވެސް، އަހަންނަށް ހަދާނީ ހަދާނެގޮތެއް ނޫންހެއްޔެވެ؟ އުނަގަނޑުގައި ވެސް ހިފައްޓާލާނެއެވެ. ނޭވާގެ އިހްސާސްވާހާ ކައިރިއަށްވެސް ޖެހޭނެއެވެ.
ޕާރޓީއަށް އަންނަ މީހުން ތަންކޮޅެއް މަދުވެލި ވަގުތެވެ. އެހެންކަމުން، އަހަންނާއި ނާސިފްއަށް މިއީ ކުޑަކޮށް ހުސްވަގުތުކޮޅެކެވެ. އިރުއިރުކޮޅާ ނާސިފް އޭނާގެ ފުން ނަޒިރުގެ ބެލުން އަހަންނަށް ހުއްޓާލާކަން އަހަންނަށް އެނގެއެވެ. އެކަން އިހްސާސްވުމުން އަހަރެން ޖެހިލުންވެއެވެ. ނާސިފްއާ ކައިރީގައި ހުންނަންވުމުން ބައެއް ފަހަރަށް ހީބިހި ނަގާހެން ހީވެއެވެ. އަނެއްބައިފަހަރު އަހަރެންގެ ހިތުގެ ވިންދު މާބާރަށް އަވަސްވަމުން ދެއެވެ. ނާސިފް އަހަންނަށް ބަލާހެން ހީވުމުން އަހަރެން ކޮންމެ ފަހަރަކުވެސް އަނެއް ފަރާތަށް ބޯއަނވުރާލަނީ ނާސިފްއާ ހަތަރު ކަޅި ހާމަކުރަން ބޭނުން ނުވާތީއެވެ.
“ޒީން!…” ނާސިފް އަހަންނަށް ގޮވާލުމުން އަހަރެން ބަލައިލީމެވެ. އޭރު ނާސިފްގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންގެ ކަރުގައި އަޅާފައިވާ ހާރަށެވެ. އެއީ ނާސިފް މިރެއަށްޓަކާ އަހަންނަށް ގަނެދިން އެއްޗެއް ނޫންކަން އަހަންނަށް ކަނޑައެޅިގެން އެނގުނީ ނާސިފްގެ ދުލުންނެވެ. ކޮންމެ މީހަކު ހަދިޔާއަށް ދިނަސް އަހަރެނަށް މިރޭ އެންމެ އެކަށީގެން ވަނީ އެ ހާރުކަމަށް އަހަރެން ގަބޫލުކުރަމެވެ. އެމީހެއްގެ ހަނދާނުގައިވެސް އަހަރެން އެހާރު އެޅީ ހަގީގަތެއް ހޯދުމުގެ މަގްސަދުގައެވެ. ވަގުތު އެގޮތަށް ތަންދީފިނަމަ، އަހަރެން މިރޭ އެކަން ހޯދާނަމެވެ.
“ކީއްވެ އަނގޮއްޓި ނާޅާ އައީ؟ މީހުންނާ ސަލާމް ކުރާއިރު އަނގޮއްޓި ނެތީމަ ޒީންގެ އަތްތިލަ ވަރަށްފަޅު.” ބޮކޭ ގައި ހިފައިގެން ހުރުމުން އަހަރެންގެ ވައަތްތިލަ ވަނީ މާތަކުން މުޅިންހެން ފޮރުވިފައެވެ. އެހެންވެ ނާސިފްއަށް ނުފެންނަނީއެވެ.
“ވައަތުގަ އެޅީ..” ނާސިފަށް ބަލައިވެސް ނުލާ އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“ކޮން އަނގޮއްޓިއެއް އެޅީ؟ ދައްކަބަލަ ބަލާލަން!” ނާސިފް ބޭނުންވީ ބަލާލާށެވެ.
އަހަރެންގެ ވައަތުގައިވާ ބޮކޭ ކަނާއަތަށް ބަދަލުކޮށްލުމަށްފަހު ނާސިފްއަށް ވައަތްތިލަ ދައްކާލަމުން އޭނާގެ ދެލޮލަށް ބަލައިލީމެވެ. މިޕާޓީއަށް އަހަރެންގެ އަތުގައި އަޅަން އަހަރެން ޚިޔާރުކުރީ ނާސިފް ގަނެދިން “ދެފަޅިވެފައިވާ ހިތް” ޖަހާފައިވާ އަނގޮއްޓިއެވެ. އަހަރެންގެ އަތްތިލައަށް ނާސިފްގެ ނަޒަރު ހިނގާލި ވަގުތު އަހަރެން ދިޔައީ ނާސިފްގެ އިހްސާސްތައް ދެނެގަނެވޭތޯ މަސައްކަތް ކުރަމުންނެވެ.
“އަހަރެން ދުވަހަކުވެސް ޒީންކައިރި މިނޫނީ ކަމަކު ނުބުނާނަން… އެހެންވީމަ، ޒީން ވީއެއްނު ތި އަނގޮއްޓި ކަނާއަތަށް ބަދަލުކޮށްލަން.” ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ޒީންގެ ކަންފަތާ ކައިރިވެލުމަށްފަހު ނާސިފް ބުނެލިއެވެ.
ބޮކޭގައި ކޮންމެސް ގޮތަކަށް ހިފަހައްޓާލަމުން އަހަރެން ވަގުތުން ކަނާއަތު އިނގިއްޔަށް އަނގޮއްޓި ބަދަލުކޮށްލީމެވެ. އަހަރެން އެކަމާ އެއްވެސް ޖެހިލުމެއް ނުވެއެވެ. ނާސިފް ދެރަވާނަމަ އެފަދަ އަނގޮއްޓިއެއް އަހަރެންގެ އަތުގައި މިރޭ ކޮންމެހެން އަޅުވަންވީ ކޮން ބޭނުމަކުހެއްޔެވެ؟ މިއީ އަހަރެން ބޭނުންވެގެން ކުރި ކައިވެންޏެއް ނޫނެވެ. ވީއިރު އެ އަނގޮއްޓި އަހަރެން މިރޭ ނާޅާންވީ ސަބަބެއްވެސް ނެތެއްނޫންހެއްޔެވެ؟ އަހަރެންގެ ކަނާއަތަށް ބަލައިލުމަށްފަހު ނާސިފް ހިނިތުންވެލީ އަހަންނަށް ބަލަންހުރެއެވެ.
“ޕޭޝަންޓް މިވަގުތު އަދި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ ބާއްވާލާނީ. ޑޮކްޓަރަށް ބޮޑަށް ލަފާކުރެވެނީ ޕޭޝަންޓް މާބޮޑަށް ކޮންމެސް ކަމަކާ ވިސްނާތީ ވީގޮތެއްކަމަށް. މިދުވަސްކޮޅު އެއްވެސް ކަމަކާ މާބޮޑަށް ވިސްނާ، ދެރަވާތީ އުޅޭތޯ؟” ޑޮކްޓަރގެ ތަރުޖަމާނަށް ހުރި ނަރުސްކުއްޖާ ވާހަކަ ދެއްކީ ސަހީމާއާއެވެ.
“އާދެ… ވަރަށް ބޮޑަށް ކަމަކާ ވިސްނާ ރޮއެހަދާ…” ސަހީމާއަށް ބުނެވުނީ އެވަރަށެވެ.
“ޑޮކްޓަރ ދަންނަވާފަ އިނީ އެކަމަށް މިވަގުތަށް ބޭހެއް ދޭނެކަމަށް. އޭރުން އެހާ ބޮޑަށް އެގޮތަށް ވިސްނާ މެޔަށްތަދުވެ އުޅޭކަށް ނުޖެހޭނެ. މިރޭވެސް އަޅުގަނޑުމެން ދޭ ބޭސް ނަގައިގެން ގެޔަށް ދުރުވެ ، ގަވައިދުން ބޭސްކޭމަ ރަނގަޅު ވަމުން ދާނީ އިނގޭ.” ނަރުސް ކުއްޖާ އެހެން ބުނެލުމާއެކު ސަހީމާ ހިނިތުންވެލަމުން އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
ޕާރޓީތެރެއަށް ޚާލިދު ވަދެގެންދިޔައީ ނާސިފްއާއި ޒީން ތިބި ދިމާލަށެވެ. ޚާލިދު ފެނުމާއިއެކު ޒީންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދިމަދިމާލަށް އެނބުރި ޒީން ބަލަމުން ދިޔައީ އިޝާލް ފެނޭތޯއެވެ. ލަސް ހިނގުމެއްގައި ދިޔަގޮތަށްގޮސް ޚާލިދު ސަލާމްކޮށްލަން ދިއްކުރި އަތުގައި ފުރަތަމަވެސް ހިފާލީ ނާސިފެވެ. ހިނިތުން ވެފައިތިބެ ދެމީހުންވެސް ސަލާމްކޮށްލީ ނުހަނު އުފަލުންނެވެ. ނާސިފްއާ ސަލާމްކޮށްލުމަށްފަހު ޒީންއާ ސަލާމް ކޮށްލަން ޚާލިދު އަތް ދިއްކޮށްލިއެވެ. އެއްވެސް އުފާވެރިކަމެއް ނެތް މޫނަކާއެކު ޚާލިދުގެ އަތުގައި ޒީން ހިފައްޓާލިއެވެ.
“ކޮބާ އިޝާލް؟” ނާސިފް ކޮށްލި ސުވާލު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންގެ އަތްތިލަ ހީވީ ޚާލިދުގެ އަތްތިލައިގައި ތަތްވިހެނެވެ. ޚާލިދުގެ އަތުގައި ހިފައިން ހުރި އަހަރެން ހީވަނީ ހަރަކާތް ހުއްޓިފައިވާ މީހެއްހެނެވެ.
“އިޝާލްދޯ؟…. ވަރަށް މުހިއްމު ކަމެއް ދިމާވެގެން ނާދެވުނީ. އެކަމަކު، ސަހީމައްތަ ނާސިފްއަށް ސަލާމް ބުނި.” ޚާލިދު ހިނިތުންވެލަމުން ބުނެލިއެވެ.
އެވަގުތު އަހަރެންގެ އަތުން ޚާލިދުގެ އަތްތިލަ ދުރުކޮށްލީ ނާސިފްއެވެ. ނާސިފްގެ އެއްއަތުން ޚާލިދުގެ އަތްމަތީ އޭނާގެ އަތްތިލަ ބާއްވާލިކަން އެނގުމާއެކު އަހަރެން ސިއްސައިން ދިޔައެވެ. ހީވީ ދެއަތްތިލައިގެ އަތްޖޯޑު ކުރުން ނިންމާލާށޭ ބުނާހެންނެވެ. ހުރެވުނު ގޮތް ހިތަށް އަރާ އަހަރެން އަވަސް އަވަހަށް ޚާލިދުގެ އަތުން އަތް ދުރުކޮށްލީމެވެ. އެޔާއެކު ކިޔުގައިތިބި އެހެން ބަޔަކަށް ފުރުސަތު ދެމުން ޚާލިދު ހިނގައިގަތެވެ.
ގެއަށް ވަނުމާއެކު އިޝާލް އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. ކޮތަޅުގައިވާ ބޭސްތަކަށް ވަކިވަކިން ބަލާލުމަށްފަހު ފަރުވާކުޑަ ގޮތަކަށް ކޮތަޅު ލައްޕާލިއެވެ. ވެފައިވާ ބައްޔަށް ފަރުވާއެއް ބޭނުމެއް ނޫނޭ ބުނާ ފަދައިންނެވެ. އެނދުން ބާލީހެއް ނެގުމަށްފަހު ބާލީސް ހަމަޖައްސާލަމުން އިޝާލް އެނދުގައި އޮށޯއްވެލިއެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން ކަންނޭނގެއެވެ. އިޝާލްގެ މޫނުމަތީގެ ތާޒާކަން ވަނީ މާކުރީއްސުރެ ގެއްލިފައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ދެލޯމަރާލިއެވެ.
ދެގަޑިއިރެއް ވޭތުވެ ދިޔުމަށްފަހު ޕާރޓީ މުޅިންހެން ނިމިއްޖެއެވެ.
ޒީންއާއި ނާސިފް ކައިނިމުމަށްފަހު އެމާހައުލު ދޫކޮށް ދިއުމަށްޓަކާ ކާރެއް ހޯދަން ބޭރަށް ނުކުމެ ތިއްބެވެ. ފަހަތުން އެހެން މީހުންވެސް ނުކުތެވެ. އެވަގުތު ޒީންގެ އެންމެ ގާތުގައި މަޑުކޮށްލައިން ހުރީ ފަރީދެވެ. ނާސިފްއާ އެންމެ ގާތުގައި މަޑުކޮށްލައިން ތިބީ ނާސިފްގެ ބައްޕަގެ އިތުރުން ދުރުތާ ތިމައިގެ މީހުންނާއި ރައްޓެހިންނެވެ.
“ދަރިފުޅާ! ބައްޕަ މާދަމާ ރަށަށް ދާން ފުރާނަން. ދަރިފުޅު ނުލާ ގޭގަ އެކަނިއުޅެންވެސް ވަރަށް ފޫހިވާނެ…… ވަރަށް ހަނދާން ވާނެ…” އެހެން ދިމާލަކަށް އެނބުރިލާ ލޮލުން ކަރުނަ ފޮހެލުމަށްފަހު ޒީންއަށް ބަލައިލަމުން ފަރީދު ބުނެލިއެވެ.
“ބައްޕާ! ދެރަނުވޭ. ވަރަށް އަވަހަށް ގޮތެއް ހޯދާފަ ބަލާނަން އަހަރެން ކައިރިއަށް ބައްޕަ ބަދަލުކުރެވޭތޯ.” ހިނިތުން ވެލަމުން އަހަރެން ބެލީ ބައްޕަގެ ހިތްހަމަ ޖައްސާދެވޭތޯއެވެ.
“ނޫން. ބައްޕަގެ މަރުދުވަހާ ހަމައަށްވެސް ހުންނަން ބޭނުންވަނީ ރަށުގަ….” ފަރީދު ދައްކަމުންދިޔަ ވާހަކަ ހުއްޓާލީ ނާސިފްގެ އަޑު އިވުމުންނެވެ.
“ޒީން….ކާރު އައިއްސި.” ތަންކޮޅެއް ދުރުގައިހުރި ނާސިފް އަހަންނަށް ގޮވާލަމުން އަންނާށޭ ބުނާފަދައިން އަތުން ހަނާއަޅާލިއެވެ.
“ދަރިފުޅާ! ދެންދޭ…. އެއީ ފިރި މީހާ.. މިހާރު ނާސިފް ބުނާގޮތް ހަދައިގެން އުޅެންޖެހޭނީ.. ބައްޕަގެ ބަސްއެހިގޮތަށް، ނާސިފްގެ ބަސްއަހައިން ކިޔަމަންތެރިކޮށް އުޅެއްޗެ. ނާސިފްއާ ދިމާލަށް ރުންކުރުކޮށް ވާހަކަ ނުދައްކާ އުޅެވޭތޯ ބަލައްޗެވެ. ދެންދޭ..” ޒީންގެ އަތުގައި ހިފާލައިންހުރެ ވާހަކަ ދައްކަމުން ދިޔައިރު ފަރީދު ބަލަމުންދިޔައީ ޒީންގެ މާޔޫސް ވެފައިވާ މޫނަށެވެ.
ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާ ބަލައިލުމަށްފަހު ސަހީމާއާއި ޚާލިދު ދޮރު ލައްޕާލީ ކުޑަކުޑަ ހިތްހަމަޖެހުމަކާއެކުއެވެ. ދެމަފިރިން އަވަސްވެގަތީ ހަމަޖެހިލައިގެންތިބެ ވާހަކަ ދައްކާލުމަށެވެ. ސިޓިންގް ރޫމް ސޯފާގައި އިށީންނަމުން ވާހަކަ ދައްކަން ފެށީ ސަހީމާއެވެ. ހާލިދު ގެއިން ދިޔަފަހުން އިޝާލްގެ އާންމު ހާލަތަށް އައި ކުއްލި ބަދަލުގެ ވާހަކައެވެ. ހޮސްޕިޓަލަށް ދިޔުމާއި ހަމައިން ގެއަށް އައުމާއި ހަމައަށް ހިނގާދިޔަ އެކި ކަންކަމުގެ ވާހަކަތަކެވެ.
“ވަރަށް ދެރަ… އިޝާލްގެ ނަސީބު ދެރައީ. އެހެން ނޫންނަމަ އެސޮރު މިއަދު އެހާލުގަ އުޅޭކަށް ނުޖެހުނީސް. މިހިރީ ދުނިޔޭގަ ކަންކަން ހިނގާ އުސޫލު. އަހަރުމެން ކިތަންމެ ބޭނުންވިޔަސް ބޭނުންހާ ގޮތަކަށް ކިހިނެއް ކަންކަން ނިމޭނީ. ދެން މިހާރު އިޝާލް ރަނގަޅުތަ؟” ކަންބޮޑު ވެފައިވާ ހާލިދު ސަހީމާގާތު އަހާލިއެވެ.
“އާނ… ބޭސްދީފަ އެތާ ބޭއްވި ހަމައަކަށް އެޅެންދެން. އޭގެފަހުން އެ ފޮނުވާލީ.. އަހަރެންވެސް ދެރަވޭ އިޝާލްއަށް ޒީން ނުލިބުނިމަ. އިޝާލްގެ އެކަހަލަ އުންމީދެއް ހާސިލްނުވީމަ، އޭނާގެ މުސްތަގްބަލަށް ހުރިހާ އަސަރެއް ކުރާނީ… އެކަމަކު ރަށު އެންމެނަށްވެސް އިނގިފަދޯ އޮތީ އެއީ މަޖްބޫރު ކައިވެންޏެއް ކަން….. ޕާރޓީގަ ޒީން ހުރީ އުފަލުންތަ؟” ސަހީމާ ސުވާލުކޮށްލީ އަދިވެސް އެކަންކަމާ ވިސްނޭވަރުންނެވެ.
“ސަހީމާ… ޒީންއަށް އިންސާފު ކުރާކަށް އަހަންނަކަށް ނޭނގުނު. އެހެން މިބުނީ، ޒީން ކަރުގަ އަޅާފަ އޮތީ އިޝާލް ބުނިގޮތަށް ހަދާފަ އަހަރުމެން ދިން ހާރު. އެކަމަކު އިނގިލީގަ އަޅާފަ އެ އިން އަނގޮއްޓިއެއްދޯ؟؟؟…… އޭގަ އިނީ ދެފަޅި ވަކިވެފަ އިން ހިތެއް…. އަހަންނަށް ކިހާރީއްޗަށް ފެންނާނެ. އިޝާލްގެ ވާހަކަ އަހާލީމަ ޒީންގެ އަތް ހީވީ އަހަރެން އަތުގަ ތަތްވިހެން. އެގަޑީގަ އަހަންނަށް ފެނުނީ… ބޮޑަށް ހީވަނީ އެ އަނގޮޓި އެއީ ޒީން އަމިއްލައަށް އަޅާފައިން އެއްޗެއްހެން. ހިޔެއްނުވެ މިރެއަށް ނާސިފް އެކަހަލަ އަނގޮއްޓި އެއް ދީފާނެހެން.” ހާލިދު ކިޔައިދިނީ ޕާރޓީއިން ލިބުނު ހައިރާންކަމެވެ.
ކާރަށް އަރާ ފުރަތަމަ ސީޓުގައި ނާސިފް ހަމަޖެހިލިއެވެ. އަހަރެން އެރީ ކާރުގެ ފަހަތު ސީޓަށެވެ. ގަސްތުގައިވެސް ނާސިފް ފަހަތު ސީޓަމުގައި އިށީންނަން ބޭނުން ނުވީކަން އަހަންނަށް އެނގެއެވެ. އެއީ އަހަރެންވެސް އެންމެ ބޭނުންވާ ގޮތެވެ. ނާސިފްއާ އެކު އަހަރެން ބޭނުންވަނީ އެތައް މޭލެއްގެ ދުރުމިނުގެ ގުޅުމެކެވެ. ކާރަށް އަރާ ހަމަޖެހިލުމާއެކު ކާރުގެ ފުރޮޅު އަވަސްވެގަތީ ކުރިޔަށް ދިއުމަށެވެ.
“ކޮންތާކަށް؟” ކާރުގެ ޑްރައިވަރު ސުވާލު ކޮށްލިއެވެ.
“ހެންވޭރު…..” ގެއަށް ދިއުމައްޓަކާ، ޖެހިލުމެއް ނެތި ޖަވާބުދޭން އަނގަހުޅުވާލީ އަހަންނެވެ. އަހަރެންގެ އަޑު އިވުމާއެކު އަހަރެން ބުނަން އުޅުނު އެޑްރެސް ބުނިޔަނުދީ ހުއްޓުވީ ނާސިފްއެވެ.
“އާރޓިފިޝަލް ބީޗަށް. އެސަރަހައްދަށް މަޑުކޮށްލީމަ ރަނގަޅު ވާނެ.” ނާސިފް ބުނި ލޮކޭޝަން އަޑުއިވުމާއެކު ކުއްލިޔަކަށް ސިއްސައިންގޮސް އަހަންނަށް ބަލައިލެވުނީ ކުރީ ސީޓުގައި އިން ނާސިފްއާ ދިމާލަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Aww😍.. Vv reethi Mi part vs Maasha allah ❤️.. Unmeedhu kuran veehaa vs avahah aneh part kiyaalan libeyne kamah 😊
Hi ifoo
Bodu bodah shukuriyyaa 🤗❤️
In sha Allah v balaanan Hama dhuvahah publish kureveytho.
Again thanks 👍
Varha reethi mi part vex
Unmeedhu kuran next part kiyaalan libeeney kama
Shaleen thankolheh dhigukoh genas dhineeba
Once again varha reethi mi vaahaka libuneema
Hey imko
Emme furathamaves bunelaanee v v bodah thanks ey comment kollaafa ineema.
Next part kiyaalan libeyne in sha Allah Thursday GA..
Imko..
Shaleen vhk up kuran feshi iru innaanee 700 words varu .
Ekam mi part ga innnaane 1066 words
Shaleenves Hama mi balanee THIKUDHINNAHTAKAA Hama veehaaves dhigu kureveytho komme part eh ves ingey 😄❤️
Andddd… Once again thankyou