Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 21 )

saarah Level 210 Stories100 Comments
October 23, 2015 8 Mins Read
34 Comments

” ދުވަހަކުވެސް އަހަރެން ދޫ ނުކޮށްލަށްޗޭ.. ” ކިޔާން މަޑުމަޑުން އެހެން ބުނެލީ ކުރިއަށްވުރެވެސް ބާރަށް މާޔާގެ ގައިގަ ބައްދާލަމުންނެވެ. މާޔާ ފެންކަޅިވެގެން ދިޔަހިނދު ހިތުން ” އައި ވިޝް ” އޭ ބުނެލީ ކިޔާންގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ. ކިޔާން އަވަހަށް ފޮނުވާލަން ވެގެން މާޔާ އެއް އަތުން ފޯނު ނަގައިގެން މަންމައަށް މިސްޑް ކޯލް އެއް ދިނެވެ. އޭރުން މަންމަ ގުޅާނެކަން އެނގޭތީއެވެ. މަންމަ ގުޅުމުން ކިޔާން މާޔާއާ ދުރުވެލިއެވެ. މާޔާ ފޯނު ނަގައިގެން މިދަނީ އޭ ބުނެލީ މަންމަގެ ޖަވާބާ ނުވެސް ގުޅޭ ގޮތަށެވެ. މަލީހާ ހައިރާންވެފައި ކީކޭހޭ އަހާލިއެވެ. ދެން މާޔާ އެއްޗެކޭ ނުބުނެ ފޯނު ބޭއްވިއެވެ. ” ބައި ” މާޔާ ފޯނު ބާއްވަމުން ކިޔާނަށް ބަލާލިއެވެ. ކިޔާންވެސް ބައި އޭ ބުނެލަމުން ކާރުން ފޭބިއެވެ. ކިޔާން ކާރުން ފޭބިތަނާ މާޔާ ކާރު ދުއްވާލީ ދެން ބަލާވެސް ނުލައެވެ. ” ދެން ކިހާ ދުވަހެއް ވަންދެން ތިހެން ދުވާނީ؟ ޖަސްޓް ޓޫ މޯރ ޑޭސް.. އެއަށް ފަހު ޔޫ ވިލް ބީ މައިން.. ” ކިޔާން މާޔާ ދިޔަ ދިމާލަށް ބަލަން ހުރެ ޖީބަށް އަތް ޖަހާލަމުން އުޑާ ދިމާލަށް ނަޒަރު ހުއްޓާލީ ހިނިތުންވެފައެވެ.

މާޔާ ގެއަށް ދެވުނު ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު މާއިޝާ ކޮޓަރީގެ ދެ ކޮޅަށް ހިނގާލަ ހިނގާލަ ހުރީ ދެއަތް ދެއަތާ މޮޑެމުންނެވެ. މާޔާއަށް މާއިޝާ ފެނުމުން ކުޑަކޮށް ސިހުނެވެ. މާއިޝާއަށް ބަލާލަމުން މާޔާ ގޮސް އެނދުގެ ކޮޅުގައި އިށީދެލިތަން ފެނިގެން މާއިޝާ ހިންދިރުވާލަމުން ގޮސް މާޔާގެ ކައިރީ އެނދުގައި އިށީދެލީ އިސްޖަހާލަމުންނެވެ. މާޔާވެސް އިސްޖަހާލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ދެމީހުން ކުރެ އެކަކުވެސް ހިނދުކޮޅެއް ވެގެން ދިޔައިރު އެއްޗެކޭ ނުކިޔައެވެ. ” މާއިޝާ އެއްޗެކޭ ބުނަން ބޭނުންވީތަ؟ ” އެންމެ ފަހުން މާޔާ އިސްއުފުލާލަމުން މަޑުމަޑުން ސުވާލުކޮށްލިއެވެ. މާއިޝާ މާޔާއަށް ބަލާލަމުން ބޯ ޖަހާލިއެވެ. މާޔާ ނިތް އަރުވާލީ ބުނާށޭ ފަދައިންނެވެ. ” ދޮންތަ ކިޔާން ދެކެ ލޯބިވޭތަ؟ ” މާއިޝާގެ ސުވާލުން މާޔާ އިސްޖަހާލިއެވެ. މާއިޝާ ކައިރީ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. ފުރާނަޔަށް ވުރެވެސް ބޮޑަށް ކިޔާންދެކެ ލޯބިވާއިރުވެސް އޭނައަށް މިއަދު މިވަނީ އެ ލޯތްބާ ދުރަށް ދާން މަޖުބޫރުވެފައޭ ބުނަންވީހެއްޔެވެ؟ އޭނައާ ހެދި ކިޔާންގެ ފުރާނަ ގޮސްދާނެޔޭ ބުނަންވީހެއްޔެވެ؟ މާޔާ ވިސްނާލަމުން އިސްއުފުލާލާ މާއިޝާގެ މޫނަށް ބަލާލީ ފުންނޭވައެއް ދޫކޮށްލަމުންނެވެ. ދެވަނަ ސުކުންތުގައި މާޔާ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. މާއިޝާ އުފަލުންގޮސް ހުރިހާ ދަތްތަކެއް ދައްކާލަމުން ހިނތުންވެލާފައި މާޔާގެ ގައިގަ ބައްދާލިއެވެ. މާޔާ ކުޑަކޮށް ހީލަމުން މާއިޝާ ގަޔާލާ ދުރުކޮށްލަމުން ތިމަންނަ ނިދަން ވެއްޖެއޭ ބުނެލީ މާއިޝާ އެތަނުން ފޮނުވާލަންވެގެނެވެ. މާއިޝާ ބޯ ޖަހާލަމުން ނުކުމެގެން ދިޔުމުން މާޔާ ގޮސް ދޮރުތަޅުލަމުން ދޮރުގައި ބުރަކަށި ޖައްސާލިއެވެ. ލޯ މަރާލި ހިނދު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ހިތާ ދިމާލުން މޭގައި އަތުން ފިރުމާލީ ހިތް ތެޅޭލެއް ބާރުކަމުންނެވެ.

އޭގެ އަނެއް ދުވަހެވެ. ފަތިސް ނަމާދު ކޮށްލައިގެން މާޔާ ކޮފީއެއް ހަދާލައިގެން ގޮސް އިނީ ޓެރެސްގެ އޮންނަ ޕޫލަށް ދެފައި ބާލައިގެންނެވެ. އާވި އަރަމުން ދިޔަ ކޮފީތަށިން ދުވަމުން ދިޔަ މީރުވަހުން ހިތަށް ހަމަޖެހުން ލިބުނެވެ. ފަޒާ ރަނގަޅަށް އަލިނުވާތީ ޓެރެސްގައި ހުންނަ އޮރެންޖް ކުލައިގެ ބޮކިތައް ދިއްލާފައި ހުރި އިރު މާޔާގެ މޫނަށް ރަންކުލައެއް އެޅިފައި ހުއްޓެވެ. މިނިވަންކަމާއެކީ ދޫކޮށްލިފައި އޮތް އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު މާޔާ އިސްތަށިތައް ދުރުކޮށްލައެވެ. މާޔާ ތެދުވެގެން ދާން އުޅުނުވަގުތު ހުޅުވާލެވިފައި ހުރި ކުޑަދޮރުން ޕިޔާނޯ ފެނިގެން އެ ދިމާލަށް ދިޔައެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޕިޔާނޯގައި އިނގިލިތަކުން ފިރުމާލަމުން ގޮނޑީގައި އިށީދެލިއެވެ. ލޯ މަރާލަމުން ޕިޔާނޯގެ ފިތްތަކާ ކުޅެމުން ދިޔައިރު އެ ތުންފަތް ހަރަކާތް ކުރަމުން ދިޔައީ ހިތްގައިމު ލަވައަކުންނެވެ.

” އިންތިޒާރު ކުރަމޭ ލޯބިވާތީ ”

” ހުންނަމޭ މަ ރޮއެ ރޮއެ ކެތްނުވާތީ ”

” މަރުވެފާ މި ހިތް ވީ ވާ ހަދާނުން ”

” ހިތް ހަލާކުވެއްޖޭ ލޯބި ވާތީ ”

މާޔާ ހުއްޓާލީ އަޑުކުރެހިގެންނެވެ. އޭރު ދެލޯ ފެންކަޅިވެފައި ވެއެވެ. މާޔާ ދެލޯ ފޮހެލަމުން ހަލުވިފިޔަވަޅުތަކެއްގައި ހިނގާލާފައި ނުކުމެގެން ދިޔައިރު މާއިޝާ ހައިރާންވެފައި ފާރާ ނިވާވެގެން ބަލަން ހުއްޓެވެ. މާޔާ ޕިޔާނޯ ކުޅެނީ ހިތްދަތިވެ މީހަކަށް ބޭނުންވާ ހިނދު އެކަނިވެރިކަން ފިލުވުމަށެވެ. މީހަކަށް ނޫނެވެ. ކިޔާން ގެ ހަނދާނުގައެވެ. ކިޔާން ނެތުމުން ކިޔާންގެ ހަދިޔާ އަކީ ކިޔާނަށް ބަލައިގެންނެވެ. ޕިޔާނޯ ކުޅުމުން ކިޔާން ކައިރީގަ ހުންނަހެން ހީވާތީއެވެ. ދެން މިއަދު ކިޔާން ކައިރީގަ ހުއްޓާ މާޔާ ޕިޔާނޯ ކުޅެނީ ކީއްވެ ހެއްޔެވެ. އެ ދެމީހުން ދެމެދު އަނެއްކާ މައްސަލައެއް ޖެހުނީ ބާއެވެ. ނޫނެކެވެ. ރޭގަވެސް ދެމީހުން ނުލާހިކު ރީއްޗަށް ވާހަކަދެއްކިއެވެ. މާއިޝާ ހީލަމުން ގޮސް ޓެރެސްގެ ރެއިލިންގަ ދެއަތް އަޅުވާލަމުން ދުރު ދުރުން ފެންނަ މަންޒަރުތަކަށް ނަޒަރު ހުއްޓާލިއެވެ.

ރޭގަނޑު ވަގުތެވެ. އޮފީހުގައި މާ ބުރަކޮށް އުޅުނު ދުވަހެއްކަމުން ގެއަށް އާދެވުނު އިރު ރޭނގަނޑު ވެއްޖެއެވެ. އައި ގޮތަށް ކައިގެން މާޔާ ދިޔައީ ނިދަންށެވެ. ފާއިޒު، މަލީހާ އަދި މާއިޝާ މާޔާ އަވަހަށް ނިންދަވަން ފޮނުވަން ރާވައިގެން ތިއްބާ މާޔާ އަމިއްލައަށް ދިޔުމުން ހީގަތެވެ. މާޔާ ނިދިކަން ޔަގީންވުމުން ތިންމީހުންވެގެން ސިޓިންރޫމު ތައްޔާރުކޮށްލިއެވެ. މުޅި ސިޓިންރޫމަށް ފުއްޕާހަން އަޅާ ތައްޔާރުކުރި އިރު ހީވަނީ ކުޑަކުއްޖަކު އުފަންދުވަހަށް ތައްޔާރުކުރިހެނެވެ. މެދުގައި ކުޑަ މޭޒެއް ބަހައްޓާފައި އޭގެ މަތީ ކޭކެއް ބެހެއްޓިއެވެ. ބާރަ ޖަހަން ފަސް މިނެޓްއަށް ވެފަ ހުއްޓާ ތިން މީހުން އެކީ މާޔާގެ ކޮޓަރިއަށް ދާން ކޮންމެ މީހަކު ފުއްޕާހަމެއް ހިފައިގެން ދަނިކޮށް ގޭގެ ބެލްޖެހި އަޑަށް ހައިރާންވިއެވެ. ފާއިޒު ހަލުވިފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވި އިރު ކިޔާނެވެ. ކިޔާން ބޮޑު ލިލީ މާ ބޮނޑިއެއް ހިފައިގެން ހިނިތުންވެފައި ހުރިލެއް ނިކަން ހިތްގައިމެވެ. މާއިޝާ ރަކި ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. ކިޔާންވެސް މާޔާއަށް އުފަންދުވަހުގެ ތަހުނިޔާ ދޭން އައީއެވެ.  ހަތަރުމީހުން އެކީ ގޮސް މާޔާގެ ކޮޓަރިއަށް ވަން އިރު އަރާމު ނިންޖަކުން ނިދާލާފަ މާޔާ އޮތީ މައުސޫމު ގޮތަކަށެވެ. ކިޔާން އެ މޫނަށް ބަލަން ހުރީ އެސްފިޔަވެސް ޖަހާނުލައެވެ. ބާރަޖެހި އިރަށް ހަތަރުމީހުންއެކީ ފުއްޕާހަންތައް ފަޅާލަމުން ހެޕީ ބާރްތް ޑޭ އޭ  ބާރަކަށް ކިޔަން ފެށިއެވެ. މާޔާ ސިހިފައި ދެލޯ ހުޅުވިއިރު ހިސާބަކަށް ބިރުވެސް ގަތެވެ.

މަންމައާ ބައްޕައާ ދެމީހުން ކައިރިވެލާފައި ކުޑަކޮށް ބައްދާލަމުން ހެޕީ ބާރްތްޑޭ އޭ ބުނެލުމުން މާޔާ ހައިރާންވެފައި މިއަދު މީ އޭނަގެ އުފަންދުވަސްހޭ އަހާލައިފިއެވެ. އެންމެން ހައިރާންކަމާއެކީ މާޔާގެ މޫނަށް ބަލާލީ މާޔާއަށް އަމިއްލަ އުފަންދުވަސް ހަނދާން ނެތުމުންނެވެ. ހަގީގަތުގައިވެސް މާޔާ އުފަންދުވަސް ހަނދާނެއް ނެތެވެ. މި ހުރިހާ ހިތާމައިގަ އަމިއްލަ އުފަންދުވަސް ވެސް ހަނދާން ނެތުނީއެވެ. މާޔާ ފާޑަކަށް އަނގަ ހަދާލަމުން އަސްލުވެސް ހަނދާން ނެތޭ ބުނެލިއެވެ. މާއިޝާ ހީލަމުން އައިސް ދެން ދުވަހަކުވެސް ހަނދާން ނުނެތޭ ވަރުކޮށްލާނީއޭ ބުނެލަމުން މާޔާގެ މޫނުގައި ކުލަ ހާކާލިއެވެ. މާޔާ ކުޑަކޮށް ހަޅޭލައްވައިގަންނަމުން މާއިޝާގެ އަތަށް ވިކާލުމުން މާއިޝާ ދުވަމުން ގޮސް ކޮޓަރިން ނުކުތެވެ. ކިޔާން ދުރުގައި އެ މަންޒަރު ބަލަން ހުރީ ހެވިފައެވެ. މަލީހާއާ ފާއިޒުއާ ދެމީހުންވެސް ހެމުން ކޮޓަރިން ނުކުމެގެން ދިޔައީ ބޭރަށް އައިސްބަލާށޭ ބުނެފައެވެ. އެންމެން ނުކުތުމުން މާޔާ ކިޔާނަށް ބަލާލިއެވެ. އެ ތުންފަތުގައިވި ހިނިތުންވުން ވެސް ފިލާ ދިޔައެވެ. ކިޔާން ހީލަމުން އައިސް މާޔާގެ މަގަތުގައި އިށީދެލަމުން އެއްޗެކޭ ބުނަން އަނގަ ހުޅުވިތަނާ މާޔާގެ ފޯނު ވައިބްރޭޓް ވި އަޑަށް މާޔާ ފޯނު ނެގިއެވެ. ނިހާން ގުޅަނީއެވެ. މާޔާ ކިޔާނަށް ބަލާލަމުން ފޯނުނަގަމުން ކަންފަތުގައި ޖަހާލަމުން މަޑުމަޑުން ހަލޯ އޭ ބުނެލިއެވެ. ” ހެޕީ ބާރްތް ޑޭ ” ނިހާން މަޑުމަޑުން ބުނެލީ ކުޑަ ހިނިތުންވުމަކާއެކީއެވެ. މާޔާ ތެންކިއުއޭ ބުނެލުމުން ނިހާން ފޯނު ބޭއްވީ ” އެންޖޯއި ” އޭ ބުނެލަމުންނެވެ. މާޔާ ފޯން ކަނޑާލަމުން ބަލާލިއިރު ސީދާ ބާރަ ޖެހިއިރު ނިހާން މެސެޖް ވެސް ކޮށްލާފަ އޮތެވެ. އޭރު ކިޔާން އިސްޖަހާލައިގެން އިނީ ހިތްހަމަނުޖެހިފައެވެ. ކިޔާނަށް ސްކްރީންގަ އިން ނަން ރީއްޗަށްވެސް ފެނުނެވެ. މާޔާ ކިޔާނަށް ވުރެ ބޮޑަށް ނިހާނަށް އިސްކަން ދިނުމުން ހަގީގަތުގައިވެސް ދެރަވިއެވެ. އެހެންނަމަވެސް އެކަން ނުދައްކަންވެގެން ކިޔާން މާ ބޮނޑި ދިއްކޮށްލަމުން ” ހެޕީ ބާރްތް ޑޭ ” އޭ ބުނެލީ ހިނިތުންވެލަމުންނެވެ. މާޔާ ކުޑަކޮށް ހީލަމުން މާ ބޮނޑި ނަގައިގެން ސައިޑް ޓޭބަލް މަތީ ބޭއްވިއެވެ.

ދެމީހުން އެކީ ސިޑިން ފައިބައިގެން އައި އިރު މުޅި ސިޓިން ރޫމުގައި ފުއްޕާހަން އޮތް ތަން ފެނިގެން ހީލިއެވެ. އުފާވެލާފައި އައިސް ކޭކް ފަޅަން ކައިރިވެލިއެވެ. ކޭކް ފަޅާ ނިމުނުތަނާ މާއިޝާ ކޭކް މާޔާގެ މޫނުގައި ހާކާލިއެވެ. ކިޔާންވެސް މާއިޝާގެ ސަކަރާތުގައި ބައިވެރިވެގެން މާޔާގެ މޫނުގައި ކޭކް ހާކަމުން ދިޔައެވެ. މާޔާ އެ ދެމީހުންގެ އަތުގައި ނުޖެހެން ދުވަމުން ދިޔައިރު ހުރިހާ ހިތާމައެއް ހަނދާންނެތުނު ފަދައެވެ. ކުޑަކުދިންތަކެއް ހެން ތިންމީހުން ސަކަރާތް ޖަހަމުން ދިޔައިރު ކުރީގެ ދުވަސްތަކެކޭ އެއްފަދައެވެ. އަށް އަހަރަށް ފަހު މާޔާއާ ކިޔާން ދެމީހުން ކުރީގެ ގޮތަށް އުފަންދުވަސް ފާހަގަކޮށް ސަކަރާތް ޖަހާތަން ބަލަން މަލީހާއާ ފާއިޒު ހެވިފައި ބަލަން ތިއްބެވެ. ދުވަސްތަކައް ފަހު ދަރިފުޅުގެ މޫނުމަތިން ފުރިހަމަ ހިތްހަމަޖެހުން ފެނިގެން ދިޔަފަދައެވެ. ނިހާން މާޔާމެންގޭ ބޭރުގައި ގޭޓް ކައިރީ ޖީބަށް އަތް ޖަހާލައިގެން ހުރީ އެ ގޭ ތެރެއަށް ބަލާށެވެ. ކުޑަދޮރުން މާޔާ ހެމުން ދުވެ ސަކަރާތް ޖަހާތަން ފެނުމުން ހިނިތުންވެލެވުނެވެ. އިރުކޮޅަކު އެ ގޮތަށް ބަލަން ހުރެލާފައި ނިހާން ހިނގައިގަތެވެ.

އިރުގަނޑެއް ވަންދެން ސަކަރާތް ޖަހާފަ އެތަން ސާފުކޮށްފަ ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. މާޔާ ކިޔާން ދަން ދެން ތިރީގައި މަޑުކޮށްލިއެވެ. ކިޔާން މޫނުގައި ކޭކް ހޭކިފައި ހުއްޓާ ދާން އުޅުމުން މާޔާ ކިޔާން ގޮވައިގެން ކޮޓަރިއަށް ދިޔައީ މޫނު ދޮވެގެން ދާށޭ ބުނެފައެވެ. ކިޔާން ފާހާނައަށް ވަނުމުން މާޔާ ޓިޝޫއަކުން މޫނު ފޮހެމުން ގޮސް ކިޔާން ދިން މާ ބޮނޑި ނަގައިގެން ތުންފަތް ޖައްސާލީ ހިނިތުންވެލަމުންނެވެ. ފާހާނައިން ނުކުތް ކިޔާނަށް އެ މަންޒަރު ފެނުމުން ގޮސް މާޔާގެ ފަހަތުގައި ހުއްޓި ކޮނޑު މަތީ މަޑުމަޑުން އަތް ބޭއްވިއެވެ. މާޔާ ސިހިފައި މާ ބޮނޑި ބާއްވަމުން ފަހަތަށް އެނބުރިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަހިނދު މާޔާ ދުނިޔެ މަތިންވެސް ހަނދާން ނެތުނު ފަދައެވެ. އެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން މާޔާ ބޭނުންވިއެވެ. މަޑުމަޑުން އަތް އުފުލާ މާޔާ ކިޔާންގެ މޫނުގައި ފިރުމާލިއެވެ. ކިޔާން މާޔާގެ އަތުގައި ހިފާ ހުއްޓުވަމުން އަތްތިލައިގަ ބޮސްދިނެވެ. ދެން މަޑުމަޑުން މާޔާގެ މޫނާ މޫނު ކައިރިކޮށްލިއެވެ. މާޔާ ކިޔާން ހުއްޓުވާކަށް ވެސް ނޫޅެ ލޯ މަރާލިއެވެ. ކިޔާން މާޔާގެ އުނަގަނޑުގައި ދެ އަތުން ވަށާލަމުން އެ ތުންފަތުގައި ބޮސްދިނެވެ. މާޔާ ކިޔާންގެ ބުރަކަށީގައި އެއް އަތުން ވަށާލި އިރު އަނެއް އަތް ކިޔާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. އެހެންނަމަވެސް އިރުކޮޅަކަށް ދެމިގެން ދިޔަ އެ ކަންތައް ނިމުނީ  މާޔާގެ އިނގިލތައް ކިޔާންގެ ބޮލުގެ ފަހަތުގައި އަޅާފަ ހުރި ބޭސްގަނޑުގައި ބީހުމުންނެވެ. ބިރެއް ފެނުނު ހެން މާޔާ ކިޔާނާ ދުރުވެލީ ގަދަކަމުންނެވެ. ކިޔާން ހައިރާންވެފައި މާޔާއަށް ބަލާލިއެވެ. މާޔާ ނޭވާ ހަމައަކަށް އަޅުވަމުން އަނެއް ފަރާތަށް އެނބުރުލިއެވެ. ކިޔާން ކުޑަކޮށް ހީލީ މާޔާ އެހެން އެ ހެދީ މާ ދުރަށް ދެވިދާނެތީ ބިރުން ކަމަށް ހީކޮށްފައެވެ. ކުޑަ ހިނިތުންވުމަކާއެކީ ކިޔާން އައިސް ފަހަތުން މާޔާގެ ގައިގަ ކުޑަކޮށް ބައްދާލަމުން ” ގުޑް ނައިޓް ” އޭ ބުނެލިއެވެ. މާޔާ ހަމަޖެހިލަމުން ގުޑް ނައިޓް ބުނުމުން ކިޔާން ނުކުމެގެން ދިޔައެވެ. މާޔާ ކިޔާންގެ ފަހަތުން ގޮސް ގޭގެ ބޮޑު ދޮރު ތަޅުލިއެވެ.

ޝަހާ ފިޔަވާ އެހެން އެންމެން މާޔާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވިއެވެ. ޝަހާގެ ފަރާތުން ތަހްނިޔާ ލިބޭނެ ކަމަށް މާޔާ އުއްމީދެއްވެސް ނުކުރެއެވެ. ހަވީރު ވަގުތު ގޭގަ އުޅެނިކޮށް ބެލް ޖެހި އަޑަށް މާޔާ ގޮސް ދޮރުހުޅުވި އިރު ނުވެސް ދަންނަ  މީހަކު ބޮޑު ފިނިފެންމާ ގުލްދަސްތާއެއް ހިފައިގެން ހުއްޓެވެ. އޭގަ މާޔާގެ އިސްކޮޅުވެސް ހުންނާނެއެވެ. އެހާވެސް ބޮޑެވެ. މާޔާ ސުވާލުއުފެދިފައި ކާކު ފޮނުވި އެއްޗެއްހޭ އަހާލިއެވެ. އެމީހާ ހަމައެކަނި އޭގެ ތެރޭ އޮތް ކާޑަކަށް އިޝާރާތްކޮށްލަމުން ބަހައްޓަންވީ ކޮންތާކުހޭ އަހާލިއެވެ. މާޔާއަށް ފަހުން އޭތި ކޮޓަރިއަށް ވައްދަން އުދަގޫވެދާނެތީ އެމީހާ ލައްވާ އޭތި ކޮޓަރިއަށް ވެއްދިއެވެ. އެ މީހާ ދިޔުމުން މާޔާ ނޯޓް ކޮޅު ނަގައި ނިއުޅާލިއެވެ.   ” ހެޕީ ބާރްތް ޑޭ މާޔާ! ހޯޕް ޔޯ ވިޝް ގޮޓް ޓުރޫ…. – ނިހާން –” މާޔާ ނޯޓް ކޮޅު ކިޔާ ނިމުނު އިރު ކުރީގެ ހަނދާނެއް ހިތު ތެރޭ ކޮނެލިއެވެ.

****

އެއީ މީގެ ހަތް އަހަރު ކުރިން މާޔާ ނިހާންމެންގޭ އުޅުނު އިރު އޭނަގެ އުފަންދުވަހެވެ. ނިހާން މާޔާއަށް އެކި އެއްޗެހި ހަދިޔާއަކަށް ދިނެވެ. މާޔާ އެ އެއްޗެހީގަ ހިފަމުން ތިމަންނަ އަބަދުވެސް ބޭނުންވާ އެހެން އެއްޗެއް އޮވެޔޭ ބުނެލިއެވެ. ނިހާން ހީލާފައި ކޯއްޗެއްހޭ އަހާލިއެވެ. ” ވަރަށް ވަރަށް ބޮޑު ފިނިފެންމާ ގުލްދަސްތާއެއް.. އަހަރެން އިސްކޮޅު ހުންނަހާ ވަރަށް ދިގު ބޮޑު ބޮޑު… ” މާޔާ ހީލަމުން  ބުނެލި ޖުމުލައިން ނިހާން ހެވިލާފައި ދެން އަންނަ އަހަރަކު ޔަގީނުންވެސް ދޭނަމޭ ބުނެލީ މުސްތަގުބަލުގައި ވާނޭ ގޮތެއް ނޭގި ހުރެއެވެ.

*****

މާޔާ ފިނިފެންމާ ގުލްދަސްތާގައި ފިރުމާލަމުން ހިނތުންވެލަމުން ގޮސް ނޯޓް ކޮޅު އަލަމާރީގެ ވަތްގަނޑު ތެރެއަށް ލިއެވެ. މާޔާ ނިހާން ކައިރީ ތިމަންނަގެ ވިޝްއަކީ މިހާރު ހަމައެކަނި ކިޔާން އޭ ބުނެލަން ބޭނުންވިއެވެ. އޭރުގެ ވިޝްތަކަކީ ކުޑައިރުގެ ހަނދާންތަކެކޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް ހަމައެކަނި ” ތެންކިޔު ” ލިޔެލަމުން މާޔާ މެސްޖެ ކޮށްލިއެވެ.

ރޭގަނޑު ވަގުތެވެ. މާޔާ ޓީވީ ބަލަން އިންދާ ނިޝާ ގުޅާލާފަ ޓްރީޓް ދޭން ހިނގާށޭ ބުނެލިއެވެ. މާޔާ އޯކޭ ދިނުމުން ނިޝާ ދާންވީތަނާ ގަޑި ބުނެލިއެވެ. މާޔާ ރެޑީވެލައިގެން ނިޝާ ބުނިތަނަށް ދިޔައެވެ. ކަޅު ކުލައިގެ މެއާ ހިސާބުން ތިރިއަށް ކަކުލާ ހަމައަށް އަންނަ ވަރުގެ ފަސްބައެއް ހުރި  އަތްކުރު ހެދުމެއް ލައިގެން ލޮލުގައި އަދުން އަޅާ ރަތްކުލަ ތުންފަތުގައި ޖައްސައިގެން ހުރިއިރު ރީއްޗެވެ. ކަރުގައި ރިހި ކުލައިގެ ހިމަ ފަށެއް އަޅައިގެން ހުރި އިތުރު ގަހަނާއެއް ބޭނުމެއް ނުކުރެއެވެ. ކާރުގައި ނިޝާ ބުނި މަންޒިލަށް ދިޔަ އިރު ނިޝާ ތިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. މާޔާ ކާރުން ފައިބައިގެން އައިސް ނިޝާގެ ކުރިމައްޗަށް ހުއްޓިލުމުން ނިޝާ މާޔާގެ އަތުގައި ހިފާލަމުން ގޮސް އެތެރެއަށް ވައްދާލަމުން ” ގުޑް ލަކް ” އޭ ބުނެލަމުން ނުކުމެގެން ހިނގައިގަތެވެ. މާޔާ ހައިރާންވެފައި ނިޝާ އަށް ގޮވާލިތަނާ މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އިވިގެން އެނބުރިލިއެވެ. ކުރިމަތިން އެއްކޮށް އަދިރިކަން ފެނިގެން ދިޔައިރު މާޔާ ކުރިޔަށް ދާން ނުކެރި ހުރެފަވެސް ފިޔަވަޅުތައް އަޅަމުން ދިޔައިރު ފައިގެ ދަށުގައި މަޑުއެއްޗެއް ވާކަން އެނގެއެވެ. ކުއްލިއަކަށް މުޅިތަން ދިއްލިގެން ދިޔަ ހިނދު މާޔާ ލޯ މަތިން ކުޑަކޮށް އަތް ހުރަސްކޮށްލިއެވެ. ރަންކުލައިގެ ބޮކި ފަތިން މުޅިތަން ދިއްލިގެން ދިޔައިރު މާޔާ އަތް ދުރުކޮށްލަމުން ބަލާލިއެވެ. ފައިގެ ދަށުގައި ފިނިފެންމާ ފިޔަތައް އަޅާފަ ހުރިއިރު ވަށައިގެން ލިލީ މާތަކުން މުޅިތަން ތައްޔާރުކޮށްފައި ހުއްޓެވެ. ކޭންޑްލް ސްޓޭންޑް ތަކުގައި އުއްބައްތި ބަހައްޓާފަ ހުރިއިރު މުޅިތަނުގައި ލެވެންޑަރ އަދި ލީގެ މީރުވަސް ފެތުރިފައިވެއެވެ. ކުރިމަތީގައި ވަށްމޭޒެއް ބަހައްޓާފަ ހުރިއިރު މޭޒް މަތީގައި ރަތް ފިނިފެންމާ ބޮނޑިއަކާ ރަތް ކުލައިގެ ކުޑަ ފޮށްޓެއް ހުއްޓެވެ. މޭޒުގެ ފަހަތުގައި  ޕްރޮޖެކްޓާއިން މާޔާއާ ކިޔާންގެ ކުޑައިރުއްސުރެން މިހާރާ ހަމައަށް ނަގާފަ ހުރި ފޮޓޯތައް ސްލައިޑް ވަމުން ދިޔައެވެ.

މާޔާ ވަށައިގެން އެނބުރެމުން އެތަން ބަލަމުން ދިޔައިރު ލޮލުގައި ކަރުނަ ވިދާލިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. މާޔާ ހުއްޓިލަމުން ސްލައިޑްއަށް ބަލަން ފެށީ ކިޔާންގެ އަޑު އިވިގެނެވެ. ރިކޯޑް ކޮށްފައިވާ އަޑެކެވެ. ” މާޔާ.. އަހަންނަކަށް ނޭގެ އަހަންނަށް މާޔާދެކެ ލޯބިވެވެން ފެށުނީ ކޮންއިރަކު ކަމެއް. އެކަމަކު އެނގޭ އެއް އެއްޗަކީ މާޔާތީ އަބަދުވެސް އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ހިއްސާކަން. އަށް އަހަރުވަންދެން މާޔާއާ ދުރުގަ ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ ދިރިއުޅުމުގެ އައި އެންމެ ހިތްދަތި ދުވަސްތައް. ދެން ދުވަހަކުވެސް މާޔާ ނުފެންނާނެކަމަށް ހީވި ކޮންމެ ވަގުތަކު ހިތަށް ކުރި އަސަރު ބަޔާން ކުރަންވެސް ދަތި.. މިހާރު އަހަރެން ބޭނުމެއް ނޫން މާޔާއާ ނުލާ އެންމެ ސުކުންތެއް ވެސް ހޭދަކުރަން.. ” ރިކޯރޑް ކުރެވިފައިވާ ކިޔާންގެ އަޑު ހުއްޓިލި ހިނދު މާޔާ ސްލައިޑުން ނަޒަރު ވަކިކޮށްލަމުން ފަހަތް ބަލާލީ ފަހަތުން ކިޔާންގެ އަޑު އިވިގެންނެވެ. އޭރު ހުދު ކުލައިގެ ގަމީހަކާ އެކީ ކަޅު ޖީންސެއް ލައިގެން ކިޔާން ފަހަތުގައި ހުއްޓިލައިގެން ހުރީ ކުޑަ ހިނިތުންވުމަކާ އެކީއެވެ. މާޔާ އެހެން ދިމާލަކަށް ބަލަން ނޭގިފައި ކިޔާނަށް ބަލަން ހުރި އިރު ހިނިތުންވެލެވުނީ ބޭ އިޙްތިޔާރުގައެވެ.

” މިހާރު އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް މާޔާއާ އެކީ ހޭދަކުރަން.. އަހަރެން ކޮންމެ ރެއަކު ނިދާއިރު އެންމެ ފަހުކަމަކަށް ބޭނުންވަނީ މާޔާގެ މޫނު ދެކެން.. ހެނދުނު ހޭލާ އިރު އެންމެ ފުރަތަމަ ކަމަކަށް ބޭނުންވަނީ މާޔާގެ މޫނު ދެކެން. އަހަރެން ޑިއުޓީގަ އުޅެފަ އަނބުރާ ގެއަށް އަންނައިރު އަހަރެން ބޭނުންވަނީ މާޔާ އަހަރެންގެ އިންތިޒާރުގައި އިންނަ ތަން ދެކެން. އުމުރު ދުވަހު މާޔާއަކީ ހަމައެކަނި ކިޔާންގެ މީހެކޭ ބުނާ ތަން ބަލަން ބޭނުމީ.. އަހަރެން ބޭނުންވަނީ މާޔާގެ ފިރިމީހާގެ ނަމުގަ ނިމިގެން ދާން..” ކިޔާން މަޑު ހިނގުމެއްގައި ހިނގާލާފަ އައިސް މާޔާގެ ކުރިމަތީ ހުއްޓިލިއެވެ. މާޔާ ކިޔާނެ އެއްޗެއް ނޭގިގެން ކިޔާނަށް ބަލަން ހުރީއެވެ. ކިޔާން މާޔާގެ މޫނަށް ބަލަން ހުރެ ފަހަތަށް ފިޔަވަޅެއް އަޅާލަމުން މޭޒުމަތީ ހުރި ރަތްކުލައިގެ ކުޑަ ފޮށި އަތަށް ނެގިއެވެ. ދެން އެއް ކަކޫ މައްޗަށް ބިމުގައި އިށީދެލަމުން މާޔާއަށް ބަލާލަމުން އެ ފޮށި ހުޅުވާލިއެވެ. ލޯ ތަރަތަރަ ޖަހައިގެން ދާ ފަދަ ރީތި ޖަވާހިރުގެ ރިހި އަނގޮޓިއަށް މާޔާ ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ކިޔާން އެއް އަތުން އަނގޮޓި ނަގަމުން އަނެއް އަތް މާޔާއާ ދިމާލަށް ދިއްކޮށްލިއެވެ. ” ވިލް ޔޫ ބީ މައި ވައިފް؟ މެރީ މީ މާޔާ..!! ” މާޔާ އެއްޗެކޭ ނުބުނެ ހުރިއިރު ދެލޯ ފުރިގެން ކަރުނަ ފައިބައިގަންނާނެ ހެން ހީވެއެވެ. މާޔާ ތިރީ ތުންފަތުގައި ދަތް އަޅާލީ ކަރުނަތައް ކޮންޓްރޯލް ކުރަންވެގެނެވެ. ކިޔާން މާޔާއަށް ބަލަން ހުރެ ކުޑަކޮށް ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަހިނދު މާޔާ މަޑުމަޑުން ކަނާތް ކިޔާންގެ އަތްމަތީ ބޭއްވިއެވެ.

” ނުނިމޭ “

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

.Loabi vaavaru bunan haadha beynun veyey

Next

ހައިފާ (ދެ ވަނަ ބައި)

Next
October 24, 2015

ހައިފާ (ދެ ވަނަ ބައި)

Previews
October 23, 2015

.Loabi vaavaru bunan haadha beynun veyey

34 Comments!

  1. midnight girl says:
    October 23, 2015 at 5:13 pm

    Hei I’m first…. varah varah reethi mi story… waiting to next part.. avahaa up koh dhehchey…

    1. saarah says:
      October 25, 2015 at 1:37 pm

      THANQ midnight girl 🙂

  2. shima says:
    October 23, 2015 at 5:21 pm

    I hope she says yes…..but I don’t think she will….this is going to break kiyaan’s heart…. ? hope next part will be amazing too…. ☺

    1. saarah says:
      October 25, 2015 at 1:38 pm

      thanq shima.. i hope you would like next part too 🙂

  3. duh says:
    October 23, 2015 at 5:30 pm

    Pkz plz say yes

  4. ZiM~ says:
    October 23, 2015 at 5:43 pm

    Please say yesss…..plxx plxxx..

  5. Aal~ says:
    October 23, 2015 at 5:44 pm

    kiyaan ge heart break nukurahchey..please say yes

  6. dark princess says:
    October 23, 2015 at 6:00 pm

    Plaese maya say yesss.. don’t break kiyaans heart.. pls pls… waiting waiting for next part… when next part..

  7. Elena says:
    October 23, 2015 at 6:06 pm

    Mi vaahaka kiyaa iru heevanee hama kuri margin fennahen.. Its really very nice. This is the best story in this site.. Keep it up. Maayaa please Kiyaan ah ehen nuhadhahchey.. I will be very sad. Kiyaan ah yes buney. Alhe please

    1. saarah says:
      October 25, 2015 at 1:40 pm

      thankq elena 🙂

  8. 4f!4h says:
    October 23, 2015 at 6:11 pm

    Thagudheeru hey yeh. Pata nehin yeh zindagii Maayaa koh kaha tak ley jayega. waiting inthizaaruga.

    1. saarah says:
      October 25, 2015 at 1:42 pm

      dhekthey hey yeh zindhagi maaya koh kahaa thak leyjaathyhey.. hehhe 🙂

  9. Pearl says:
    October 23, 2015 at 6:51 pm

    maayaa bash kehedhoa.. mujea bee tumsea piyaar hea…

  10. maash says:
    October 23, 2015 at 6:52 pm

    Next part avahah up kohdhehchey plz plz plz? nice story

    1. saarah says:
      October 25, 2015 at 1:50 pm

      thanq maash 🙂

  11. shaz says:
    October 23, 2015 at 6:57 pm

    kon irakun tha aneh baii up kohdheneyy

  12. New says:
    October 23, 2015 at 7:03 pm

    Aharen dhunukollaccheyge badhalu ga aharen dhukohnulacchey mi gothah othyma ry thy. Vaahaka v salhi.hama kiyahithun kemmadhuvefa

    1. saarah says:
      October 25, 2015 at 1:53 pm

      yes.. fahun amihala ah ves e thankolhu kiyuneema hitahah eri mi jumla ehaa hama nujehey. ekm kury part ga ves e gothah liyfe othyma dhn alhaa nulee. thank you 🙂

  13. Kii says:
    October 23, 2015 at 7:31 pm

    Ohh just wow! Maaya dhn kiyaidhy hurihaa vaahakaeh.. ahaa kiyaankairi maayaa accept kuraananhey e gothah.. buney nihaan ge vaahakavx ehenveyey kiyaan aa dhuruvanii.. nihaan plx accept her.. damn she loves you lot ey..
    V reethi story plx nxt part rythikurahche :*

    1. someone says:
      October 24, 2015 at 8:06 pm

      Why should Nihaan accept her? Do you meant to say Kiyaan?

  14. Anonymous says:
    October 23, 2015 at 7:52 pm

    Say yes Maya
    Plxxx
    Dntt brk kiyan’s heart…
    I LuV Him A lot…

  15. ninth says:
    October 23, 2015 at 7:54 pm

    kiyaan dhera nukuraathi plz

  16. minnu says:
    October 23, 2015 at 8:01 pm

    Wow..Nice..Alhe mayaa n kiyaan gulhuvaba. Maya kiyaanah yes buneba.

  17. nawhoo says:
    October 23, 2015 at 8:59 pm

    Woww woww wowww this storyy isss owesommmee… asluvx mi site ga in enme nice stry mee… pllsss maya ar kiaan waki nukurahchey plss eyrun haadha vai vaane eyy..

  18. saa says:
    October 23, 2015 at 9:27 pm

    avas kodheche next part plz

  19. nishy says:
    October 23, 2015 at 9:30 pm

    Maaya pls say yessss, kiyaan dhera nukuraathi, kiyaan ah nihaan gr vaahaka kiyaidhy ppls

  20. Red Rose says:
    October 23, 2015 at 10:34 pm

    Maaya kiyaan ah yes eh nubunaane. Dhe sababu eba oiy. Ehkamaky nihaan ge inzaaru. Aneh kamaky maaisha kiyaan dheke loabivaakan maaya ah engun. Maaya eynage kokko ahtakaa kiyaan ge loabi gurubaan kuraany. Ekamaku mi story nimeyny kiyaan n maaya gulhigen

  21. sanuuuu says:
    October 23, 2015 at 11:04 pm

    kmme story ehga ves loabi vaa meeha nulibi first no bune v hithaamaiga ulheny… so mi story change kohlaaba yes bune marry koh nihaan ah maaya me kerey meehehkan dhahkaalaba… n vvvvv reethi this is my first comment but i checked daily upload veythoo… mihaa hisaabah story dhiyaima i just want comment reethi kamun hama…

    1. saarah says:
      October 26, 2015 at 11:44 pm

      Thats so sweet of you sanuuuu. ? thank you 🙂

  22. Iboo says:
    October 24, 2015 at 12:07 am

    Vara salhi

  23. shifa~ says:
    October 24, 2015 at 12:30 am

    I love this story to the moon n back ?☺☺?????

  24. Crazi says:
    October 24, 2015 at 12:57 am

    Asluves story vrh habes..plz kiyaa. Ah rh hen nuhadaa…yes bunefah hurihaa vahaka eh kiyaa dhee plz…nihaan rhvanee loabi eh noon eyna ahmila eh dhun body hama…maya n kiyaan gulhu vaa

  25. Luvna says:
    October 24, 2015 at 6:33 am

    Story is nice and wish she will say yes?????

  26. saarah says:
    October 26, 2015 at 11:44 pm

    Thank you guys❤️❤️ Xoxo ❤️?

Comments are closed.


All Right Reserved!