ދިރުމެއްނެތް ދިރިއުޅުން 26
ކުއްލިޔަކަށް އަހަރެން ސެންޓްފުޅި ގޮދަޑި މައްޗަށް އެއްލައިލީ ކަމެއް ހަނދާންވުމުންނެވެ. ދިޔަގޮތަށް ގޮސް އަލަމާރިން އަހަރެން ނެގީ މިއަދު ކުޑަކުއްޖާ ގެނެސްދިން ޕާރސަލްގައިވާ ކަރުދާސްގަނޑެވެ. ފަތްޖަހާފައިވާ އެގަނޑު ހުޅުވާލަމުން އަހަރެން އެނދުގައި އިށީންދެލީމެވެ. ހަމަޖެހިލައިގެން އޭގައި ލިޔެފައިވާ އެއްޗަކަށް އަހަރެން ލޮލުގެ ނަޒަރު ހިންގާލީމެވެ.
އަހަރެންގެ ހިތުން އިންތިހާއަށް ލޯބިވި ޒީންއަށް.
ޒީންގެ މުޅި އުމުރުގައިވެސް ހެޔޮދުޢާ ސަލާމް.
މިއަދަށްޓަކައި އިންތިޒާރު ކުރީތީ މަރުހަބާ. އުފާވެރި އުފަން ދުވަހަކަށް އެދެން. މިއީ ޒީންގެ ހާއްސަ ދުވަހުގެ މުނާސަބާތުގައި އަހަރެންގެ ފަރާތުން ދިން ހަދިޔާއެއް. އުންމީދުކުރަނީ އަހަރެންގެ މި ހަދިޔާ މުޅި އުމުރުގައިވެސް ޒީން ފޮރުވާނެކަމަށް.
ޒީން! އަހަރެންގެ ހުރިހާވެސް އުންމީދެއް ގުޅިފައިވަނީ ޒީންއާ. އުންމީދު ކުރަނީ ސާނަވީ އިމްތިހާނުގެ ނަތީޖާ އުފާވެރިގޮތަކަށް ޒީންއަށް ލިބިގެން ދާނެކަމަށް.
ލޯބިވާ ޒީން! މިދުނިޔެ މިހެން ދައުރުވާހާ ހިނދަކު އަހަރެން ޒީންދެކެ އަބަދުވެސް ލޯބިވާނަން. ޒީންއަކީ އަހަރެންގެ މާޒީ. އަހަރެންގެ މިއަދުވެސްމެ. އަދި ޒީންއާ ނުލާ އުޅެންޖެހުނު ކަމުގައި ވިޔަސް، އަހަރެންގެ މުސްތަގްބަލަކީވެސް ޒީން. އެކަމަކު ޒީން! އަހަރެން ބުނެލާ ވާހަކަތަކަކުން ޒީންގެ ހިތަށް ކޮއްފާނެ ކޮންމެ އަސަރެއްގެ ޒިންމާ އަހަރެން މިހުރީ ނަގަން ތައްޔާރަށް.
ދޫނީ! ލޯތްބަކީ ކޮންއެއްޗެއްކަން އަހަންނަށް ދަސްވީ ޒީންގެ ފަރާތުން. ހަމައެގޮތަށް ލޯބީގެ ހިތި ތަޖްރިބާވެސް އަހަންނަށް ދަސްވީ ޒީންގެ ފަރާތުން. އެހެންވިޔަސް، ތިފަދަ މަޖްބޫރެއް ވެފައިވާ ހިތެއްގެ ލޯތްބެއް ގަދަކަމުން ހޯދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ޒީން! ތި ހަށިގަނޑުގަ ވަނީ ސާފު ހިތެއްނަމަ، އަހަންނަކީ ބޭވަފާތެރިއެކޭ ދުވަހަކުވެސް ހިތަށްނާރުވައްޗެ. އަހަރެން ހިތުގަ މިހުރި ތާޒާ ލަކުނުތަކާ އެކުވެސް… ކޮންމެ ހާލެއްގަވެސް އަހަރެން ޒީން ގަބޫލުކުރަނީ ވަފާތެރިއެއްގެ ގޮތުގަ.
ޒީން! އެކަމަކު ދެން ރަނގަޅުވާނީ އަހަރުން ދެމީހުންވެސް އެކަކު އަނެކަކު މަތިން ހަނދާން ނައްތާލިއްޔާ. މިހެން ބުންޏަސް….. އަހަންނަށް ހިތްވަރެއްނެތް. އަމުދުން ރައްޓެއްސެއްގެ ގޮތުގައިވެސް “ތިލޯބި ޒީން” ގެންގުޅުމަކީ އަހަންނަށް ކެތްވާނެ ކަމެއް ނޫން. ވޭތުވެ ދިޔަ ދުވަސްތަކުގައި ވާހަކަ ދައްކާލާނެ އެންމެ ފުރުސަތެއްވެސް އަހަރުމެންނަށް ލިބިފަ ނުވާތީ އަހަރެން އެކަމާވެސް އިންތިހާއަށް ދެރަވޭ. އެއީ މިހާލަތުގަ އަހަންނާ ޒީންގެ އިހްސާސްތައް އެކަކު އަނެއްކަކަށް ހިއްސާކޮށްލާނެ ފުރުސަތެއްވެސް ލިބިފައިނުވާތީ. އެހެންވެ ޒީންއާ ނުލާ އަހަރެން ހޭދަކުރަންޖެހުނީ ފަޅު ދުވަސްތަކެއް. ދެން އެންމެ ރަނގަޅުވާނީ އަހަރުމެން އެކަކު އަނެކަކަށް ނުފެނި އުޅުނިއްޔާ.
ޒީން! ޒީންއަށާ އަހަންނަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އަހަރެން އަބަދުވެސް ޒީންދެކެ ލޯބިވާނަން. ހާލަތާއި ތަގްދީރު އަހަރުމެން ދެމީހުން އެއްތަން ނުކުރިޔަސް… ދުނިޔޭގެ ދެބިތުގައި ތިބެވެސް އަހަރުމެން ދެމީހުން އެކަކު އަނެކަކުދެކެ މިވާލޯބި ހިތުން ހިތަށް ގުޅިފައި ވާނެކަމަށް އަހަރެން ޔަގީންކުރަން. ޒީންގެ ފަރާތުންވެސް އަހަރެން އެދެނީ އެގޮތް. މިދެހިތުގަވާ ވަރުގަދަ ލޯބި ދުވަހަކުވެސް މަރުނުވުމަކީ އަހަރެން ޒީންގެ ފަރާތުން އެދޭ އެންމެ ފަހުގެ އެދުން.
ޒީން! ތިއީ އަހަރެންގެ ނަސީބެއް ނޫން. އަދި ހަމައެގޮތަށް އަހަރެންވެސްމީ ޒީންގެ ނަސީބެއް ނޫން. މިހާރު އަހަރެން އެންމެ އިންތިޒާރު މިކުރަނީ ޒީން މިލްކުކުރާނެ ނަސީބުވެރިއަކީ ކާކުތޯ ބަލައިލަން. އަހަރުމެންގެ ލޯތްބަށް ހުރަސްއެޅިފައިވާ މިމަޖްބޫރީ ހާލަތުގެ މެދުވެރިއަކީ ކާކުކަން އެނގެން އަހަރެން ވަރަށް ބޭނުން. އެކަމަކު… އަހަންނާ ނުލާ ޒީންއަށް އެމީހަކާއެކު އުފަލުގަ އުޅެވޭނެބާއޭ އަހަރެން ހިތަށްއަރާ. އަހަންނާ ކައިރިނުވެ އެހެން މީހަކާ ކައިރިވާނެ ހިތްވަރު ޒީންގެ ހަށީގަ ހުންނާނެބާއޭ އަހަރެން ހިތަށްއަރާ. އަހަރެންގެ ކުރިމަތިން އެންމެ ފިޔަވަޅެއްވެސް އެމީހަކާއެކު ކުރިއަށް އަޅަން ތިޒީންއަށް ކެރޭނެބާއޭ އަހަރެން ހިތަށްއަރާ.. ހަގީގަތުގަ އަހަރެންގެ ހިތަށްއަރާ ފައިބަމުންދާ ހުރިހާއެއްޗެއް މިކަހަލަ ލުއި ކަރުދާސްގަނޑެއްގަ ލިޔުނަސް، އަހަރެން ބުނަންހުރި ވާހަކަތަކަކީ މި ކަރުދާސްގަނޑަށްވެސް ނޫފުލޭހާ ބަރު ވާހަކަތަކެއް.
ޒީން! އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރުމެންގެ މެދުގައި ހިނގާދިޔަ ގުޅުމަށްޓަކާ އަހަރުން ދެމީހުންވެސް މާފްކުރާކަށް ނުޖެހޭނެ. އެއީ އަހަރުމެން ނުހަނު ބޭނުންވެގެން އުޅުނުގޮތެއް. އެއުފާވެރިކަން ހިނދުކޮޅަކަށްވެސް ލިބުނުކަމީ އަހަރުމެންގެ ނަސީބު. ޒީންއަށް އަހަންނާ ނުލާ އާހަޔާތެއް ލިބިދާނެ. އެކަމަކު ހަމަގައިމުވެސް އަހަރެން ޒީންއާ ނުލާ އާހަޔަތެއް ނުފަށާނަން. މީ އަހަރެން ޒީންއަށްކުރާ ވައުދެއް. އަހަރެންގެ މިވަޢުދުމަތީ އަހަރެން ދެމިހުންނާނީ މިހަށިގަނޑުން ފުރާނަ ލުހިގެން ދަންދެން.
އަހަރެންގެ ހިތް ގޮވަމުންދިޔަ ބައިވެރިޔާ! އަހަރެންގެ ހިތުން ތިނަން ފޮހެލާނެ ހިތްވަރެއްނެތް. އަހަރެންގެ ސިކުނޑިން ތިޚިޔާލުތައް ނެރެވޭނެ ދޮރެއްނެތް. އަހަރެންގެ ހަށިގަނޑުގަ ޖަހާ ކޮންމެ ވިންދަކާއެކު އަހަންނަށް ހަނދާންކޮށްދެނީ ހަމައެކަނި ޒީން. އަހަރެންގެ ހިޔަނި އަހަންނަށް ފެންނަ ކޮންމެވަގުތަކު އަހަރެން ކައިރީ އެހުންނަނީ ޒީން ނަމައޭ ކިތަންމެ ފަހަރަކު ހިތަށްއަރާ. ޒީން! އަހަރެން ވަރުބަލި ވެއްޖެ. ވަރަށް ވަރުބަލިވެއްޖެ. ދުވަހަކު ނުވާވަރަށް އަހަރެން މާޔޫސްވެއްޖެ. ޒީންގެ ތިމަޖުބޫރުގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑު ފޮތިފޮތި ވެއްޖެހެން ހީވޭ. ޒީންއަކީ އަހަރެންގެ ގާތިލަކަށް ނުވިޔަސް ޒީން ކައިވެންޏެއް ކުރާ ދުވަހުން ފެށިގެން އަހަރެން ދިރިހުއްޓަސް މަރުވެފައިވާ މީހެއްފަދައިން ވެދާނެ.
ޒީން! އަހަރެންގެ ނިދި އެތަށްރެއަކު ތިހަނދާނުގަ ގުރްބާންކުރަން. މިރޭވެސް މިލިޔުންކޮޅު މިލިޔެލީ ދަންވަރާއި ފަތިހުގެ ނިދި ނަގާލައިން. އެހެނަސް އެއީ އަހަރެންގެ އުފާ. އެނގޭތަ އެއީ ކީއްވެކަން؟ ޒީން ބުނީމެއްނު ބޭނުންވަނީ ޒީން ރޮއްވާލާފަދަ ހަދިޔާއެކޭ. އިއްތިފާގުންވެސް ޒީންއަށް މިއަދު މިޖެހުނީ އަހަރުމެންގެ ލޯތްބައްޓަކާ ރޯންކަން އަހަންނަށް އެނގޭ. ދެންއެކަމަކު މާޒީ ހަނދާންކޮށް ރޯނެ ހިތްވަރު އަހަރެން ގަޔަކުނެތް. ޒީންއަށްޓަކާ އަހަރެން މޮޔަވެދާނެ. އުންމީދު ކުރަނީ އަހަންނަށް މާފްކުރާނެކަމަށް. އަހަންނަށް ކުރާ އަސަރެއްގެ ސަބަބުން ކޮންމެ ގޮތަކަށް އަހަރެން ނިމިދިޔަސް އަހަންނަށް ހިތްހެޔޮކުރާތި.
– މުޅި އުމުރަށް އިންތިޒާރުގައިހުރި ޒީންގެ އިޝާލް –
ފެންކަޅިވެފައިވާ އަހަރެން ފުސްލޮލަކުން އަނެއްކާވެސް އެގަނޑަށް ބަލައިލީ ހިތްދަތިވުމުންނެވެ. އިޝާލްގެ މިހަދިޔާގެ ސަބަބުން އަހަރެން ހިތުގެ އެންމެ ފުންމިނަށް އަސަރުކުރަމުން ދިޔައެވެ. ދުނިޔެއަކީ ކޮންކަހަލަ ކެހިވެރި ތަނެއްހެއްޔެވެ؟ އިއްޔެ އަހަރެން އިޝާލްއާއެކު ހީނހީފައި އުޅުނީމެވެ. މިއަދު އަހަރެން އިޝާލްއާ ނުލާ ރޯންޖެހުނީއެވެ. މިއީ އަހަންނަށް ލިބުނު އަދަބެއްނަމަ، އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ކޮންމެ ކަރުނަތިއްކެއްވެސް އަހަރެންގެ ކޯތާފަތުގައި ބޮސްދެމުން ބުނެދެނީ އެންމެ ވާހަކައެކެވެ. ބުނާކަހަލައެވެ. އިއްޔެ އުފާވީމުއެވެ. މިއަދު ރޯލާށެވެ. އެކަމަކު މާދަމާ ހިތްވަރު ކުރަމުން ކެތްތެރިކަމާއެކު ކުރިޔަށްދާށެވެ.
ރުއިމުގައި ހޭދަވީ ކިހާއިރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެފަދަ ހާލެއްގައި އެކިކަހަލަ ހިޔާލުތަކުގައި އޮވެ އަހަންނަށް ނިދުނީއެވެ. އަހަރެން އުންމީދު ކުރާކަހަލަ ރީތި ހުވަފެންތަކުން އިޝާލް ފެނިދާނެކަމުގެ ނިޔަތުގައެވެ.
“އިޝާލް! ނަތީޖާ ރަނގަޅުތަ؟” ސްކޫލުން ނުކުންނަމުން ނަތޫ އަހާލިއެވެ.
“ޕިސް… އެއްވެސް ރަނގަޅެއް ނޫން. ދެބައި ކޮށްފަ އެއްބައި މާއްދާއިންވެސް ފާސްނުވި. ނޭނގެ މަންމަމެން ބުނާނެ އެއްޗެއްވެސް. ދެން އަހަންނަށް ހެޔޮ.” އިޝާލްގެ ވާހަކައިގައި ވަނީ ފަރުވާ ކުޑަކަމެވެ.
“ކީކޭ؟… ކިހިނެއްތިވީ؟ އިޝާލް ތިއޮއް މަސައްކަތް ކުރާމީހާ…..” ނަތޫ އަޖައިބުވެ އަންތަރީސްވިއެވެ.
“މަށަށް ދެންވާނީ މިވަރެއްނު. ޒީންގެ ކަންތަކާ ހެދި އަސްލު މަވަރަށް ފޫހިވި ކިޔަވަން. ފަރުވާކުޑަ ކުރެވުނީ މާބޮޑަށް. ޒީންމަށަށް ހިތްވަރުދޭން ހުރިނަމަ އެއްވަނަ ވެސް ލިބުނީސް. ދެން ރަނގަޅުވާނެ. މިކަންވެސް މިނިމުނީނު. އޭނާގެ ނަތީޖާ ނަގައިފިތަ؟” އިޝާލް ކުރިޔަށް ހިނގަމުން ދިޔައިރު ނަތޫވެސް އެވާހަކަތައް އަޑުއަހަމުން ކުރިޔަށްދިޔައެވެ.
“އޭނައޭ؟…… ތީކުރިން އިޝާލް ޒީންއަށް މުހާތަބްކުރާގޮތެއްނޫން. އަބަދުވެސް ޒީންގެ ނަމުންކިޔަނީ. އިޝާލް!…. މަބުނަންތަ ރަނގަޅު ވާހަކައެއް. ދެމީހުންވެސް އެއްވަރަކަށް ލޯބިވެއެއްނު. އެކަކުވެސް ނެތެއްނު ތި ލޯބީގަ ކުށެއްކޮށްފައެއް. އެހެންވީމަ އިޝާލްވެސް ޒީންދެކެ ހިތްހަމަ ނުޖެހިފަ ނުހުރެބަލަ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް ތިމީހުން އެކަކު އަނެކަކަށް ކުރާ އިހްތިރާމަށް ގަދަރު ކުޑަކުރާކަށް ނުޖެހޭނެ. އޭރުންދޯ އަބަދުވެސް ތިލޯބި ތިގޮތުގަ އޮންނާނީ؟.” ނަތޫ ހިތްހަމަ ނުޖެހިފައިހުރެ އިޝާލްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އެންމެ ރަނގަޅު…. އެހެންވެ މަށަށް އަބަދުވެސް ނަތޫ ރަނގަޅީ. އަބަދުވެސް މަ ނުބައިމަގަކުން ހިނގަންޏާ މަށަށް ތެދުމަގު ދައްކާނެ. ތީހަމަ ހުވާ މިބުނީ ވަރަށް ބެސްޓް މީހެއް…. ދެން ބުނެބަލަ ޒީންގެ ނަތީޖާ.” ނަތޫއަށް ތައުރީފު ކުރަމުންދިޔަސް އިޝާލްގެ ހިތުގެ އުދާސްތައް ގުޅިފައިވަނީ ޒީންއާއެވެ.
“މާމޮޅެއް ނޫން. ދިވެހިން އެހޯދާއެއްޗެއް ޒީން އެންމެމަތިން ހޯދި. އެދެން އޭނާގެ އެންމެ ފޭވަރިޓް ސަބްޖެކްޓެއްނު. އަހަރެން އެކަމު ފާސް ނުވަނީ ހިސާބުން.” ނަތޫ އޮޅުންފިލުވައިދިނެވެ.
ޒީނިޔާ މިހާރު ވިސްނަމުންދަނީ ޒީންގެ ހަޔާތާއި ގުޅުންހުރި ބައެއް ވާހަކަތައް ޒީންއަށް ކިޔައިދިނުމަށެވެ. ފަރީދުގެ ހަގީގަތެވެ. ޒީނިޔާއަށް ކުރިމަތިވި ކަޅު ދުވަސްތަކުގެ ވާހަކަތަކެވެ . ނާސިފްއަކީ ކާކުކަމެވެ. ޒީންގެ އަސްލު ބައްޕައަކީ ކާކުކަމެވެ. ނަޖުމާގެ އިތުރުން ފަރީދު ނަތޫދެކެ އެވާލޯބީގެ ހަގީގަތެވެ. މިއިން ކޮންމެ މީހަކީވެސް ސިއްރެއް ފޮރުވިފައިވާ ބައެކެވެ. އަދި އެއިން ކޮންމެ މީހެއްގެ ހަޔާތުގައި ދިމާވެފައިވާ ހާއްސަ ކަންކަމުގެ ވާހަކައެވެ. އެހެނަސް ޒީނިޔާ ވިސްނަމުންދަނީ އާއިލާގެ މި ސިއްރުތައް ފަޅާއެރުމުން ޒީންއަށް ވާނެގޮތަކާމެދުގައެވެ. އެވާހަކަތަށް ކިޔައިދިނުމަކީ ޒީނިޔާއަށް ފަސޭހަކަމެއް ނޫނެވެ. ހިތަށް އަރައެވެ. ޒީންއަށް މި ހަގީގަތްތައް އެނގުމުން އެކަންކަން ގަބޫލުކުރަން ފަސޭހަވާނެބާއެވެ. ؟
ނުތަނަވަސްކަން ވެރިވެފައިވާ ހިތަކާއެކު ފަރީދު ގޮސް ޒީންގެ ކޮޓަރި ދޮރުގާ ޖަހާލިއެވެ. އެޔާއެކު ޒީން ދޮރު ހުޅުވާލިއެވެ .
“ދަރިފުޅާ! ދެން މިވަގުތު މަންމަ އެދައްކަންއުޅޭ ވާހަކަ އަޑުއަހާލަން އިންކާރު ނުކޮށް އާދެބަލަ.” ފަރީދު ބުނި ބަސްތައް އަޑުއަހަން ހުރު ޒީން ކުރިޔަށް ހިނގައިގަތީ ޒީނިޔާއަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







I love this story
So when is next part 💕
Thanks imko
N next will be on Thursday in sha allah