ދިރުމެއްނެތް ދިރިއުޅުން 25
ކޮޓަރިއަށްވަދެ ދޮރު ތަޅުލުމަށްފަހު ވަތްގަނޑެއްގެ ތެރޭގައި ކެވެލިކޮޅު ފޮރުވާލީމެވެ. އެއަށްފަހު އަހަރެން އަވަސްވެގަތީ ލިބިފައިވާ ގަނޑުގައި ލިޔެފައިވާ އެއްޗެއް ކިޔާލުމަށެވެ. ކަރުދާސް ގަނޑުނަގާ އަހަރެން ހުޅުވާލީމެވެ.
ލިޔެފައިވާ އެއްޗެއް ކިޔުމުގެ ކުރިން އަނެއްކާވެސް ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. ވީފޫއްސަކުން އަނެއްކާވެސް އަހަރެން އެގަނޑު ފަތްޖަހާލާފައި ފޮރުވީމެވެ. އެޔާއެކު އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ފަރީދެވެ.
“ބައްޕާ.. ކިހިނެއްވީ؟” އަހަރެން އަހާލީމެވެ.
“ބައްޕައާ މަންމަ މިދަނީ ބޭރަށް. ވަރަށް އަވަހަށް އަންނާނަން. އެބައިން ނާސިފް އައިސް. އޭނައަށް ކާން ހަދާލަދީބަލަ.” ބައްޕަ އެހެން ބުނުމުން އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލަމުން ހިނގައިގަތީމެވެ.
ފޫހިކަމާއެކު އަހަރެން އަވަސްވެގަތީ ކާގެއަށް ދިޔުމަށެވެ. އަހަރެން ގޮސް ކާގެއަށް ވައިންއިރު ކާމޭޒުކައިރި ނާސިފް އިނެވެ. ހީވަނީ ކާއެއްޗެއް ނުލިބިގެން ލަސްވެފައި އިންހެނެވެ. ނާސިފްއަށް ބަލައިލުމަށްފަހު އަހަރެން ކާން ހަދަންފެށީމެވެ. އެކި ތަނުން އެކިއެތި ނަގާ ހަމަކުރަމުން ކާންހަދާ ނިންމާލުމަށްފަހު ކާގެއިން ބޭރަށް ނުކުންނަން އަހަރެން ހިނގައިގަތީ ނާސިފްއަށް ފަސްދެމުންނެވެ.
“ޒީން! ދަނީތަ؟ މެހެމާނެއް އައިމަ އެމީހާ އެކަނި ބައިންދާފަ ދިއުމަކީ ރީތި ގޮތެއް ނޫން. ކަމެއް ނެތިއްޔާ މިތާ މަޑުކޮށްލަންވީނު.” ފަސް އެނބުރި ޒީންއަށް ބަލައިވެސް ނުލާ ތައްޓަށް ކާއެއްޗެތި އަޅަމުން ނާސިފް ބުނެލިއެވެ.
ނާސިފްގެ އެ ޖުމްލަތަކަށް އެއްވެސް ރައްދެއް ދިނުމަކާ ނުލާ އަހަރެން އެހުރި ފިޔަވަޅުމަތީހުރެ އިރުކޮޅަކު ވިސްނާލީމެވެ. އެއަށްފަހު އެނބުރި ގޮސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލަމުން ނާސިފްއާ ކުރިމަތި ވާގޮތަށް އިށީންދެލީމެވެ.
“ޒީން! މިހާރު ކިޔަވާނިމުނުތާ ދުވަސްކޮޅެއް ވެއްޖެދޯ؟ ނަތީޖާތައް ރަނގަޅުވާނެތަ؟” ޒީންއާ ދިމާލަށް ބަލައިވެސް ނުލާ ބަތް މޮޑެމުން ދިޔައިރު ނާސިފް ވާހަކަ ދެއްކިއެވެ. ނާސިފްގެ ބޭނުމަކީ ކޮންމެސް ވަރަކަށް ޒީންއާ ވާހަކަދައްކާލުމެވެ. ޒީންއަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަދައްކަން ނާސިފް ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން ޒީންގެ އަމިއްލަ ނަފްސަށް އުނދަގޫވާން ނާސިފް ބޭނުން ނުވަނީ އެވެ.
“ނޭނގެ.” އިސްޖަހައިގެން އަމިއްލަ އަތުގެ އިނގިލިތަކަށް ބަލަންއިނދެ އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“ހާދަ ފާޑަކަށް ތިބުނީ. ޔަގީންކަމެއް ނެތީތަ؟” އަނެއްކާވެސް ޒީންއާ ދިމާލަށް ބަލައި ނުލާ ނާސިފް ސުވާލު ކުރިއެވެ.
“ދެން އެހެންނެއް ނޫން… ހަމަ ނޭނގެނީ.” ނާސިފްގެ ސުވާލު ގިނަކަމުން އަހަރެންގެ ޖަވާބު ކުޑަކޮށް ދިގުކޮށްލީމެވެ. އަދިވެސް އަހަރެން ނާސިފްއާ ދިމާލަށް ބަލައެއްނުލަމެވެ.
“އަން.. މިއޮތީ.. މީ އަހަރެން ޒީންއަށް ގެނައި އެއްޗެއް. އަސްލު އަހަރެން ދޭން ބޭނުންވި ހަދިޔާ ދެވޭގޮތްނުވެ ގެއްލުނީ… އެކަމު އުންމީދުކުރަން ތިހަދިޔާގެ ބޭނުން ހިފާނެކަމަށް.” ގުދުވެލާފައި ނެގުމަށްފަހު ނާސިފް އަހަންނަށް ދިއްކޮލީ ކޮތަޅެކެވެ.
އަހަރެން އެކޮތަޅުގައި ހިފަމުން ނާސިފްއަށް ބަލައިލީމެވެ. އޭރު ނާސިފްގެ ނަޒަރުވެސް ހުއްޓިފައިވަނީ ސީދާ އަހަރެންގެ ދެލޮލަށެވެ. އަހަރެންގެ މޫނުން ކުޑަވަރެއްގެ ހިނިތުންވުމެއްވެސް ނާސިފްއަށް ހަދިޔާއެއް ނުކުރަމެވެ. ހަމައެގޮތަށް ނާސިފްގެ އެރީތި މޫނުމަތިންވެސް އެއްވެސް ހިނިތުންވުމެއް އަހަރެން ނުދެކެމެވެ. ނާސިފް ދިން ކޮތަޅުގައިވަނީ ކޮންއެއްތޯ ބަލަން އެވަގުތު އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
“އަހަރެން ހަދިޔާއެއް ދިނީމަ ހިނިތުންވެލަންވެސް ޒީންއަށް ނޭނގުނު….. އަނެއްކާ އަނެއްކަމަކީ އަހަންނަށް ޝުކުރުވެސް އަދާނުކުރިކަން. އެންމެ ރަނގަޅު…. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު މީހަކު އެއްޗެއް ދީފިއްޔާ ހިނިތުންވެލާފަ ޝުކުރުއަދާކޮށްލީމަ އެއްޗިހި ދޭމީހުން ވަރަށް އުފާވާނެ. އަސްލު މިކަހަލަ ދުވަހެއްގަ އަހަރެން ހީކުރީ ޒީން ހުންނާނީ ހަދިޔާއެއް ލިބުނީމަ ވަރަށް އުފަލުން ކަމަށް.” ބަތްކާ ނިންމާލައިން އަތްދޮންނަން ހުރިއިރު ނާސިފް ވާހަކަ ދައްކަމުން ދިޔައެވެ.
“ހަދިޔާއެއް ދޭ ކޮންމެ މީހަކީ އަހަންނަށް އެހާ ހާއްސަ މީހެއްނޫން. އަދި ލިބޭ ކޮންމެ ހަދިޔާއަކީވެސް އަހަންނަށް އެހާ މުހިއްމު އެއްޗެއް ނޫން. އަނެއްކާ މިއަދަކީވެސް އަހަންނަށް އެހާ އުފާވެރި ދުވަހެއްނޫން. އެހެންވީމަ، މީގަ ނެތްކަންނޭނގެ އަހަރެން އުފާފަޅުކުރަންޖެހޭ ކަމެއް. އެކަމަކު މަންމަމެންގެ ރައްޓެއްސަކަށްވީތީ އަހަރެން ނާސިފްބެއަށް ޝުކުރު އަދާކޮށްފިކަމަށް ހީކޮށްލާ.” ކާން ހަދާފައިވާ ތަށިތަކުގެ މަތިޖަހަމުން އަހަރެން ދިނީ ނާސިފްއަށް ހޫނު ރައްދެކެވެ.
“ޒީންގެ އުފަން ދުވަސްވީމަ އެހެން މިބުނެލީ…. އެންމެ ރަނގަޅު. އަސްލު އަހަރެން ބޭނުންވި ވަރަށްވުރެވެސް ގިނައިން މިއަދު ޒީން ވާހަކަދައްކައިފި. އެކަމަކު ދެން ދުވަހަކުވެސް އަހަންނަށް ނާސިފްބެ ނުކިޔައްޗެ. އަހަރެން ކިތަންމެ ބޮޑަސް ޒީންގެ ދުލުން އަހަންނާ ދިމާލަށް ނާސިފްބެ ކިޔުމަކީ ފަހުން ލަދުކަމަކަށްވެދާނެ.” ޒީންއާ ދިމާލަށް ބަލައިވެސް ނުލާ ނާސިފް ކާގެއިން ނުކުންނަމުން ބުނެލިއެވެ.
“ނާސިފް!!…. ކާން ދިނީމަ ޝުކުރުވެސް އަދާނުކޮށް ތިދަނީ. އަހަރެން ހީކުރީ ނާސިފްތީ މީހުންނަށް ޘަނާ ތައުރީފް ކިޔަން އާދަވެފަ ހުރި މީހެއްކަމަށް. އަހަންނަށް ޝުކުރުގެ ފިލާވަޅު ނަގައިދިންއިރު ނާސިފްއަށް ލިބިފަ ހުރި ފިލާވަޅުން އެއްވެސް ބޭނުމެއް ހިފާކަށް ނޭނގުނު.” ޒީންގެ ބާރު އަޑަށް ނާސިފް ހުއްޓުން އެރިއެވެ. ޒީންއާ ދިމާލަށް ފަސްއެނބުރި ބަލައިވެސް ނުލާ ނާސިފް އެންމެ ފުރަތަމަވެސް އަމިއްލަ ނަފްސަށް ހީލިއެވެ. އެކަމެއް ޒީންއަކަށް ނޭނގެއެވެ.
ހައިރާންވެފައިވާ މޫނަކަށް ކުލަވަރު ބަދަލުކުރަމުން ނާސިފް އެނބުރުނީ ޒީންއަށް ރައްދު ދިނުމުގެ މަގްސަދުގައެވެ. އޭރު ނާސިފްގެ މޫނުން ހިނިތުންވުމެއް އަދި މަޖާކަމެއް ވެސް ފެންނާކަށްނެތެވެ. ނާސިފް އިރުކޮޅެއް ވަންދެން ޒީންއާ ދިމާލަށް ބަލަން މަޑުކޮށްލީ ގަސްތުގައެވެ. އެއަށްފަހު އަތުގައިއޮތް ކަޅު ކުލައިގެ އަވި އައިނު ނަގާ ލޮލުގައި އަޅާލީ ޒީންގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ. ވީވެސް އެހެންނެވެ.، ނާސިފްގެ ލޮލުގައި އައިނު އަޅާލުމާއެކު ޒީން އިސްދަށަށް ޖަހާލިއެވެ. ބަލާބެލުމަށް ނާސިފްއަށް ވިސްނުނީ ޒީންގެ އެ އިސްޖަހާލުމުގައި ވަނީ ލަދުވެތިކަމުގެ އަސަރެއްކަމެވެ.
“ކާންދޭ ކޮންމެ މީހަކީ އަހަންނަށް އެހާ ހާއްސަ މީހެއްނޫން. އަދި އޭގައެލާ ރަހައަކީވެސް އަހަންނަށް މާމުހިއްމު އެއްޗެއް ނޫން. އަހަރެން ޒީންއަށް އެއްޗެއް ދޭންވެފަ އޮތީމަ އަހަރެން ބުނެގެންދޯ އެތާ ކައި ނިމެންދެން ޒީން މަޑުކުރީވެސް؟. އެހެންވީމަ ވޭތުވެދިޔަ ވަގުތަކީ އަހަންނަށް އެހާ އުފާވެރި ވަގުތެއްވެސް ނޫން. ދެން އެހެންވީމަ، މީގަ ނެތްކަންނޭނގެ އަހަރެން ޒީންއަށް ޝުކުރު އަދާކުރަންޖެހޭ ސަބަބެއް. އެކަމަކު ޒީނިޔައްތަ ކައްކާފަހުރި އެއްޗަކުން ފަރީދުބެ ބުނެގެން ކާންދިނީމަ އަހަރެން ޒީންއަށް ޝުކުރު އަދާކޮށްފިކަމަށް ހީކޮށްލާ.” ނާސިފް ޖަވާބުދިނެވެ.
ނާސިފް ބުނި ބަސްތަކުގެ ސަބަބުން އެއްފަހަރުން އަހަރެންގެ އަނގަ ބަންދުވީއެވެ. ހައިރާންވެ ހުއްޓުން އަރާފައި ހުރެވުނީއެވެ. ނާސިފް އެބުނެލި ޖުމްލަތަކަކީ މީގެ އިރުކޮޅެއް ކުރިން އަހަރެން ނާސިފްއަށް ރައްދު ދިންގޮތާއި ދާދި އެއްގޮތް ޖުމްލަތަކެކެވެ. ހަމައެކަނި ތަފާތަކީ ޖުމްލަ ތަކުގައި ބޭނުންކޮށްފައިވާ ތަފާތު ބަސްތަކެވެ. ޒީންއަށް ފަސްދީ ހިނގައިގަންނަމުން ނާސިފް ހިނިތުންވެލީ އޭނާއަށް މޮޅުކަމެއް ކުރެވުނުކަމުގެ އިހްސާސް ވުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. މަންމައާއި ބައްޕަ ނިދަން ވަނުމުން އަހަރެންވެސް ކޮޓަރިއަށް ވަދެ އޮށޯއްވެލީމެވެ. ހަމަޖެހުމުގެ ވަގުތެއް އަހަންނާ ބައްދަލުކުރުން އަހަރެން އެކަމާ ވަރަށް ހިތްހަމަ ޖެހުނެވެ. ދުވާލުގެ ފޫހިވަގުތުތައް ވަނީ އަހަރެން މިއަދު ކުރަން ބޭނުންވި އެންމެ މުހިއްމު ކަންތައްތަކަށް ހުރަސްއަޅާފައެވެ. ކުއްލިޔަކަށް އަހަރެން ހަނދާންވީ މިއަދު ނާސިފް ބުނެލި ޖުމްލަތަކެވެ.
“އަސްލު އަހަރެން ބޭނުންވި ވަރަށްވުރެ އިތުރަށްވެސް މިއަދު ޒީން ވާހަކަދައްކައިފި. އެކަމަކު ދެން ދުވަހަކުވެސް އަހަންނަށް ނާސިފްބެ ނުކިޔައްޗެ. އަހަރެން ކިތަންމެ ބޮޑަސް ޒީންގެ ދުލުން އަހަންނާ ދިމާލަށް ނާސިފްބެ ކިޔުމަކީ ފަހުން ލަދުކަމަކަށްވެދާނެ.”
ނާސިފް އެހެންބުނީ ކީއްވެބާއެވެ؟ ނާސިފް ބޭނުންވާވަރަށް އަހަރެން ވާހަކަދެއްކުމުން ނާސިފްއަށްވާނެ މޮޅަކީ ކޮބައިހެއްޔެވެ؟ އަހަންނަށް ވުރެ އުމުރުން މާދޮށީ މީހަކަށް ބޭބެއެއްގެ މަގާމު ދިނުމަކީ ދިވެހިންގެ ޘަގާފަތެއް ނޫންހެއްޔެވެ؟ ވީއިރު ނާސިފްބެ ކިޔުމުން ފަހުން އެއިން ނުކުންނާނެ ގޯސް ނަތީޖާއެއް އޮންނަންވޭހެއްޔެވެ؟ މިއަދު ބޭބެ ކިޔަން ލަދު ނުގަންނަ މީހަކު، މާދަމާ ބޭބެ ކިޔަން ޖެހިދާނެތީ ފަހުން ލަދުގަންނަންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި ނާސިފްއާމެދު ސުވާލުތައް އުފެދެމުން ދިޔައެވެ.
“އަހަރެން ހަދިޔާއެއް ދިނީމަ ހިނިތުންވެލަންވެސް ޒީންއަށް ނޭނގުނު….. އަނެއްކާ އަނެއްކަމަކީ އަހަންނަށް ޝުކުރުވެސް އަދާނުކުރިކަން. އެންމެ ރަނގަޅު…. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު މީހަކު އެއްޗެއް ދީފިއްޔާ ހިނިތުންވެލާފަ ޝުކުރުއަދާކޮށްލީމަ އެއްޗިހި ދޭމީހުން ވަރަށް އުފާވާނެ. އަސްލު މިކަހަލަ ދުވަހެއްގަ އަހަރެން ހީކުރީ ޒީން ހުންނާނީ ހަދިޔާއެއް ލިބުނީމަ ވަރަށް އުފަލުން ކަމަށް.”
ކުއްލިޔަކަށް އަހަރެން ހަނދާންވީ ނާސިފްދިން ހަދިޔާ މަތިންނެވެ. އެނދުން ތެދުވެ ނާސިފް ދީފައިވާ ކޮތަޅު ނަގާ އޭގައިވާ އެއްޗެއް ބަލައިލަން އަހަރެން ޝައުގުވެރިވިއެވެ. އެއްވެސް ޕާރސަލެއް ކޮށްފައިނުވާ އެކުޑަކުޑަ ފޮއްޓަކީ ސެންޓް ފުޅިއެއްކަން ޔަގީންވިއެވެ. ފޮށި ކަނޑާލުމަށްފަހު އަހަރެން އޭގައިވާ ސެންޓްފުޅި ނަގާ ވަސްބަލައިލީމެވެ. އެއިންދުވި މީރުވަހުން އަހަރެންގެ ހިތް ފުރުނުކަހަލައެވެ.
ކުއްލިޔަކަށް އަހަރެން ސެންޓްފުޅި ގޮދަޑި މައްޗަށް އެއްލައިލީ ކަމެއް ހަނދާންވުމުންނެވެ. ދިޔަގޮތަށް ގޮސް އަލަމާރިން އަހަރެން ނެގީ މިއަދު ކުޑަކުއްޖާ ގެނެސްދިން ޕާރސަލްގައިވާ ކަރުދާސްގަނޑެވެ. ފަތްޖަހާފައިވާ އެގަނޑު ހުޅުވާލަމުން އަހަރެން އެނދުގައި އިށީންދެލީމެވެ. ހަމަޖެހިލައިގެން އޭގައި ލިޔެފައިވާ އެއްޗަކަށް އަހަރެންގެ ލޮލުގެ ނަޒަރު ހިންގާލީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







I love this story 😍
So when is next part 💕
My birthday is 26th February
If you want know my birthday that is my birthday 🎉🎂
I love you so much shaleen
And my dear friend ❤️
When Is next part 💕
Thanks imko.
Ehenveeya happy advanced birthday.
Next part will be on next Monday in sha Allah
Thanks for supporting
Thanks shaleen
I am supporting you
I will waiting for next Monday
Tomorrow I’m going to school
For information
I am so tired I can’t go tomorrow school
I am from thinadhoo
Thinadhoo kujjakaa dhimaaveema ufaavejje.
Thanks imko
Thanks shaleen
I never believe you love me
But I am so tired 😴
I am going to school today but it is Friday
I will waiting for next Monday
Thanks for waiting