ދިރުމެއްނެތް ދިރިއުޅުން 20
މަޑުމައިތިރި ހިނގުމެއްގައި ގެއަށް ވަދެގެން އައިތަން ފެނުނީ ނާސިފެވެ. އޭނާގެ ފަހަތުން ނަތޫ ވަދެގެން އައިސް އަހަރެންގެ އަތުގައި ހިފާ އަވަސް އަވަހަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ބައްޕަ އަހަންނާދިމާލަށް ބަލަން އިނެވެ. ފަސްއެނބުރި ނާސިފްވެސް އަހަންނާ ދިމާލަށް ބެލިކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެއްޗެއް ނުބުނެ އުޅެނިކޮށް ނަތޫ އަހަރެން ގެއިން ބޭރަށް ނެރިއްޖެއެވެ.
“ޒީނިޔާ.. ޒީނިޔާ…. ނިކަށް އަވަހަށް ޖޫސްތައްޓެއް ގެނެސްބަލަ… މިއިނީ ނާސިފް އައިސް.” ނާސިފް އިށީނުމާއެކު ފަރީދު ވަރަށް ބާރަށް ޒީނިޔާއަށް ގޮވިއެވެ.
“ކިހިނެއްވީ މިގަޑީގަ ތިއައީ؟ ކަމަކުތަ؟” ފަރީދު ސުވާލުކޮށްލީ ނާސިފްއާއެވެ.
“މިދެން ވަދެލީ… އެއްކަލަ ކަންތަކާ ވާހަކަ ދައްކާލާފަ ގޮތެއް ނިންމާލަން.” ނާސިފްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ނަތޫ…. ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކޮންއިރަކުތަ ރަށަށް އައީ؟ އަހަންނަށް ވަރަށް މުހިއްމު ވަގުތެއް ކީއްކުރަންތަ އަހަރެން ގޮވައިން އަތިރިމައްޗަށް ތިއައީ؟” އަހަރެން ހައިރާންވީ ޗުއްޓީއަށް ގޮސްއުޅުނު ނަތޫ ކުއްލިޔަކަށް އައިމައެއް ނޫނެވެ. އެކަމަކު އަހަރެން ހިތްހަމަނުޖެހުނީ، ބައްޕައާ ކުރި އެންމެ މުހިއްމު ސުވާލުގެ ޖަވާބު އަހަންނަށް ލިބެންވީ ވަގުތު ނާސިފްއާ ނަތޫ އެދެމެދުގެ ހުރަހަކަށް ވީތީއެވެ.
“އަހަރެން އައީ ފަތިހު.. އެތަނުން އިޝާލް އަހަންނާދިމާވި.. ޒީންތީ އަޅެ ކޮންކަހަލަ މީހެއްތަ؟ އިޝާލްގެ އުފަންދުވަހު އޭނަގެ ގޭގަ ކްލާސް ކުދިންނަށް ދިން ކެއުމަށް ނުދާތާ އޭނައަށް ހަދިޔާއެއްވެސް ދިނީކީނޫން. ޒީން… މިކަން އަދިކިރިޔާ މަށަށް މިއެނގުނީވެސް. އޭނައާ އެހާގިނައިން ވާހަކަ ނުދެއްކުނަސް އަޅެ ވިޝްކޮށްލިނަމަ… އެވަރުވެސް ނުކުރި ޕިސް ޕިސް…” ނަތޫގެ ވާހަކަދެއްކުމުގައި ވަނީ ހަރުކަށި ރާގެވެ. އެއީ ނަތޫ ހިތްހަމަނުޖެހުމުގެ ނިޝާނެކެވެ.
“ނަތޫ… ހަމަޖެހިބަލަ. އަހަރެން ކޮންމެހެން ދާން ބޭނުން ނުވީމަ އެރޭ ނުދިޔައީ. ކުރިންވެސް ނަތޫކައިރި ބުނިންދޯ އެވާހަކަ. އަހަރެން ބެލީ މިގޭތެރޭގެ މަސްލަހަތަށް. އަހަންނާ އިޝާލް ހިތުގެ މަސްލަހަތަކަށް ނޫން. ނަތޫ.. ބުނަންތަ ވާހަކައެއް.. އެދުވަސް މާޒީއާ އެކުވެގެން ދިޔަސް އަހަރެން އަދި އިޝާލްއަށް ވަރަށް އަވަހަށް ވިޝްކުރާނަން. ހަދިޔާވެސް ދޭނަން. ނަތޫއާ ހަވާލު ކުރާނީވެސް އެގެންދަން. އޭރުން އެކަންވެސް ނިމުނީނު. ނަތޫވެސް ހިތްހަމަ ޖެހޭނެއްނުދޯ؟” އަހަރެން ނަތޫއަށް ޔަގީންކޮށްދިނީމެވެ.
“އާނ…އާނ.. ތިވަރުން ދެން ގަބޫލުކޮށްފިން. ދެން އެހެންވިއްޔާ ދެންމެ ކާކުތަ ތިގެއަށް އައިސް އެވާނީ.. ސަޅި މީހެއް. ވާހ…. އެހެރަ އަޅާލާފަ ހުރި ކަލުކުލައިގެ އަވިއައިނެއް. ދޮންދޮން މޫނަކާ ކިހާ ގުޅޭ. އަދި ބޮލުގަ އެހެރަ ފަން އިސްތަށިކޮޅު ވެސްދޯ… ހީވަނީ ދެންމެ ފެންވަރާލައިގެން އައިސްހުރި މީހެއްހެން. ލައިގެންވެސް އެހުރީ އެހާ ރީތި ގަމީހެއް. ދުވާ ވަހުން ހީވީ މުޅި އެތަން އެއްވަސްކޮށްލިހެން. ދެން ނޭނގެ… ފެންނަފެނުމަށް ވަރަށް ފިރިހެން… ދެން އަދި އެހެރަ……..” އަލަތު ލޯބީގެ ޖަޒްބާތެއްގައިޖެހި އިހްސާސްތައް ހޭލައިގަންނަ މީހަކުފަދައިން ނަތޫގެ ވާހަކަ ކުރިޔަށްދަނިކޮށް އެކަމަށް އަހަރެން ހުރަސްއެޅީމެވެ.
“ޕިސް ޕިސް… ނަތޫ… ހުއްޓާލާ.. ތީދެން ކޮން ކަމެއް… އެއީ އަހަރެން ބައްޕަގެ ރައްޓެއްސެކޭ.. އެހެން ނޫނަސް އެނޫނިއްޔާ ދެން ރީތި މީހަކު ނުފެނުނީތަ؟ މުއްސަނދި ވައްތަރުޖަހާ ހައިބަތު ހުރި މީހެއް ފެނުނީމަދޯ ހިތަށް ކެތްނުވެގެން ތިއުޅެނީ.. އޭނައަށް ތައުރީފު ތިކުރަނީ…. ނަތޫއަށް ވުރެ މާބޮޑުވެސް މީހެއް އެއީ.” ނަތޫގެ އެގޮތް ފެނި އަހަންނަށް ވަރަށް މަޖާވިއެވެ. އެހެނަސް އަހަރެން އެކަން ބޭރުފުށަށް ނުދައްކާ ނަތޫއާ ވާހަކަދެއްކީ ހިތްހަމަ ނުޖެހޭކަމަށް ހަދައިންނެވެ.
“ޒީންއާ ހެދި ނޯންނާނެ މީހަކަށް ތައުރީފު ކުރެވެންވެސް. އަހަރެންވެސް މީހަކު ބޭނުމޭ. އެކަމު އެމީހާއެއް ނޫން. އަހަރެން އަސްލު ހަމަ މަޖާކޮށްލީ ޒީންގެ ކުނިމޫނު ރަނގަޅުކޮށްލެވޭތޯ.. ހެހެހެހެހެ. އޭތް ދެން ބުނެބަލަ. އަސްލު އެއީ ކާކުތަ؟” ނަތޫ އަނެއްކާވެސް ސުވާލުކުރިއެވެ.
“ނޭނގެ މަށަކަށްވެސް. އެމީހާގެ ހަގީގަތް ހޯދަން މަވެސް މި މަސައްކަތް ކުރަނީ. ގެޔަށް އަޔަސް ބައްޕަމެނާ އޭނަ ވާހަކަ ދައްކަނީ. އެކަމު އެމީހަކު އައިފަހުން މަންމަމެން ތިބެނީ ވަރަށް ހަމަޖެހިލާފަ. އަހަރެންމީ ދަރި. އަހަރެން ހުރެގެން ނުލިބޭ ހިތްހަމަޖެހުމެއް އެމީހާ ހުރީމަ މަންމަމެނަށް އެބަލިބޭ. އެހެންޏާ މަންމަމެން މޫނުން ނުފެންނަ އުފާވެރި ކުލަވަރުތަކެއް އެއީ.” އަހަރެން ކިޔައިދިނީމެވެ.
“ޒީން… އަޅާނުލާ…. ދެން ދޭގެޔަށް. ޒީން ގޭގަހުންނަން ވަރަށް މުހިއްމު ވަގުތެއްގަ އަހަންނަށް މިތަނަށް ޒީން ގެނެވުނީވެސްދޯ؟ އަހަރެންވެސް އަދި ރަށަށް އައިގޮތަށް ފައިން ލޮނު ނުހިކެ. ހެހެހެހެ. ދެން އަހަރެންވެސް ދަނީ.” ނަތޫ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށްފަހު ޒީން ފޮނުވާލިއެވެ.
“ނަތޫ…. އަޅެ ވަރަށް ބޮޑަށް ޝުކުރިއްޔާ.. މިއޮއްހާދުވަހު އަހަރެންނަށް ގެއްލިފަވާ އަހަރެންގެ ހިނިތުންވުމާ ހިތްހަމަޖެހުން ތިހޯދައިދިނީ…. ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒީން ފެނުނީމަ އަހަރެން ވަރަށް އުފާވެއްޖެ. ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުފާވެރިކަން ލިބިއްޖެ. ހަމަތެދެއް ނަތޫ….. އަހަރެން ބުނިގޮތަށް ޒީން އެގެއިން ނެރެގެން އަހަންނަށް ފެންނަ ހިސާބަށް ތިގެނެސްދިނީ. އެހެންވީމަ ތީވަރަށް ވަރަށް ރަނގަޅު ރައްޓެއްސެއް. އަދިވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.” އިޝާލްގެ އުފާވެރިކަން ކޮޅުންލިއެވެ.
“އިޝާލް.. އިޝާލްއާ ޒީންއަށް އަހަރެންގެ އެހީތެރިކަން ބޭނުންވާ ކޮންމެ ހިނދެއްގަ އަހަރެން އަބަދުވެސް ކައިރީގަ ހުންނާނަން. ތިދެމީހުން އަލުން އުފަލުގަ ލެއްވުން އަހަރެންގެ ދުޢާއަކީ.” ނަތޫ ހިނިތުންވެލީ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް ލިބުނުކަމުގެ އިހްސާސާއެކުގައެވެ.
“ޒީންއާ ދެމީހުން ކޮން ވާހަކައެއް ދެއްކީ؟” އިޝާލް ހިތްއަވަސްވެފާއި ހުރިވަރުން އަހާލިއެވެ.
“އެދެން އެކި ވާހަކަ. އިޝާލް… އަހަންނަކަށް ދެން ނޭނގެ އަނެއްކާ މި ބިންދުގަ ތިދެމީހުން އެއްތަން ކުރެވޭނެކަމެއް. ޒީންވެސް އުޅެނީ ވަރަށް ނުނިކުންނާން. އޭނަ މަންމަމެންވެސް ވަރަށް ފާޑެއް.” ނަތޫ ހަގީގަތް ހާމަކުރީ އެކަމުގައި ޔަގީންކަމެއް ނެތުމުންނެވެ.
“އެންމެ ރަނގަޅު…. އެއްވަރަކަށްވެސް ނުފެނި ހުރުމަށްވުރެ މިވަގުތު ކޮޅުވެސް ޒީން ފެނިލީމަ އަހަރެން ހިނދުކޮޅަކަށް ނަމަވެސް އުފާވެއްޖެ.” އުންމީދު ގެއްލެމުންދާ އިޝާލް ހިތްހަމަ ޖައްސާލަމުން ބުނެލިއެވެ.
ދުވަސްތައް ވޭތުވަމުންގޮސް ފުރިހަމަ އެއްމަސް ފާއިތުވެ ދިޔައީއެވެ. ނާސިފް އެންމެފަހުން އެގެއަށް އައިދުވަހު ކުއްލިޔަކަށް ނާސިފްއާއެކު ބައްޕަ މާލެއަށް ފުރީ ނާސިފްގެ ވިޔަފާރި ދަތުރެއްގައެވެ. ދޮޅުމަސް ދުވަހުގެ މުއްދަތަކަށެވެ. އެހެންވެ ބައްޕައާ ދައްކަން ބޭނުންވެފައިހުރި ވާހަކަތައް އަހަންނަށް ދެއްކޭގޮތެއް ނުވީއެވެ.
އަހަރެން ގިނަވަގުތު ހޭދަކުރީ އަހަރެންގެ ގޭގައެވެ. ބޭރަށް ނުކުތުމަކީ އަހަރެން ކުރަން ބޭނުންވި ކަމެއް ނޫނެވެ. އިޝާލްއާ ކުރިމަތިލާން ބޭނުން ނުވަނީ އިޝާލް ދެރަކުރަން ބޭނުންނުވާތީއެވެ. އިޝާލް ފެނުމަށްވުރެ ގޭގައި އެކަނި އޮވެ ފޫހިވުންވެސް އަހަރެންގެ ހިތަށް މާފަސޭހައެވެ. ދެމައިން އެކުގައި ގޭގައި ތިއްބަސް މަންމަ އަހަންނާ ވާހަކަ ދައްކާލަނީ މަދުފަހަރެއްގައެވެ. ބުނަނީ ކޮންމެހެން ބުނަން ބޭނުން ވާހަކައެކެވެ. އަހަރެންގެ ހަމަހިމޭން ދިރިއުޅުމުގައި މިހާރު އެގޮތް އާދައަކަށް ވެއްޖެއެވެ.
ތަނަވަސް ކޮޓަރިއެއްގެ ހަތަރު ފާރުތެރޭގައިވާ ޝާހީކަމަކީ އެތަނަށް ވަދެ ނުކުމެހަދާ ކޮންމެ މީހެއްގެވެސް ހިތްހަމަޖެހުމެވެ. ކޮޓަރީގެ ފާރުތައް ފަޅުފިލުވައިދޭ ފޮޓޯ ފްރޭމްތަކުގެ އިތުރުން ކޮޓަރީ ތެރޭގައި އަތުރާފައިވާ ފަރުނީޗަރ ތަކަކީ ތަނަވަސް ދިރުމެއްގެ ނިޝާނެވެ. އެހެނަސް މިއިން އެއްވެސް ކަމަކުންވެސް ހިތްހަމަ ޖެހުމެއް ނުލިބެނީ އިޝާލްގެ އެކަނިވެރި ހިތަށެވެ.
ކޮޓަރީގެ ބޮޑު އެނދުގައި އިޝާލްއޮތީ ބަންޑުންނެވެ. އޭނާގެ ބަނޑުދަށުގައި އޮތް ބާލީހުގައި އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ކައިރީގައި އޮތީ ކިޔަވަން ގެންގުޅޭ ފޮތެކެވެ. އަޅާ ނުލާ ބާއްވާފައިވާ އެފޮތް ވަނީ ލައްޕާލާފައެވެ. އިޝާލްގެ ދެލޮލުގެ ނަޒަރު ހުއްޓިފައިވަނީ އެނދުގައި އަޅާފައިވާ ބެޑްޝީޓަށެވެ. އެ ބެޑްޝީޓްގައި ކުރަހާފައިވާ މާމެލާމެލީގެ ހިތްގައިމު މަންޒަރެވެ.
އެސްފިޔަޖެހުން މަދުވެފައިވާ އިޝާލްގެ ވިސްނުން ގުޅިފައިވަނީ އެކިފަހަރު މަތިން ޒީންގެ ތަބީޢަތުން ފެނުނު ހިތްގައިމު ހަރަކާތްތަކަށެވެ. އުފާވެރި ކަމާއެކު ހިނިތުންވެލާ ހިނިތުންވުމާ ހިތްހަމަ ނުޖެހުމާއެކު މޫނަށް އަރުވާލާ ތަފާތު ކުލަވަރުތަކާއެވެ. އިޝާލްގެ ކަންފަތަށް މާކުރީގެ އުފާވެރި ވާހަކަތަކެއް އަޑުއިވެމުންދާހެން އޭނާއަށް ހީވާ ކަހަލައެވެ. ޒީންއާ ބައްދަލުވެ ދެކެވިފައިހުރި ސަކަ މަޖާ ވާހަކަތަށް މަޑު ވައިރޯޅިއެއްގެ ސިފައިގާ އިވޭހެން ހީވެއެވެ. ޒީން ހީނލާ ހީނލުމުގެ އަޑެވެ. “ދެން އިޝާލް.” އޭ ކިޔާ ތުއިގޮތަކަށް ގޮވާލާއަޑެވެ. އެ ހިޔާލު ތަކުގައި އޮވެ އިޝާލް ކުޑަކޮށް ހިނިއައީ އެކަމާއެވެ.
“އިޝާލް!… މީ ކްލާސްތެރެއޭ.. ލަދެއް ނުގަނޭތަ؟ އަހަންނަށް ރަނގަޅީ އިޝާލްދެން އަހަންނާ ކައިރި ނުވިއްޔާ.. އިޝާލްއަށްވެސް އަހަންނަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް. މިތަނުން ދުރައްދޭ.”
ހަމަ އެސިކުންތުގައި އިޝާލްގެ ހިތުގައި ތޫނު ވަކިތަކެއް އަޅުވާލީ ޒީންގެ ދުލުން ބުނެލި ހިތްދަތި ލަފުޒުތަކެވެ. އެއިން ކޮންމެ ލަފުޒަކުން އޮހެމުންދާ އޮލަ ލޭފޮދުން ގަދަވަމުންދާ ރަތްކުލައަކީ އިޝާލްގެ ހިތާ ސިކުނޑިއަށް ލިބެމުންދާ ނާމާން ކަމެކެވެ. އެކި ޚިޔާލުތަކުގައި އޮތް އިޝާލް ސިއްސައިންދިޔައީ ކުއްލިޔަކަށް ދޮރުގައި ޓަކިޖަހާލި އަޑަށެވެ.
ކަންނެތްކަމާއިއެކު އެނދުން ތެދުވެގެން ގޮސް ދޮރުހުޅުވާލި އިރު ކުރިމަތީ ހުރީ ނަތޫއެވެ.
“ނަތޫ!…. އާދޭ އެތެރެއަށް. ކަމަކުތަ؟” އިޝާލް ހިނިތުން ވެލަމުން ސުވާލުކޮށްލިއެވެ.
“އާނ.. އެކަމު ނެތް މަޑުކުރެވޭކަށް. އަން… ޒީން ދިން އެއްޗެއް.” އެހެން ބުނުމަށްފަހު ނަތޫ ހިނގައްޖެއެވެ.
އިޝާލް ވަރަށް ފަރުވާތެރިކަމާއެކު އަތުގައިވާ ސިޓީ އުރައަށް ބަލައިލިއެވެ. އުންމީދުން ފުރިފައިވާ ހިތަކާއެކުއެވެ. ހިނިތުންވެލަން ލިބުނު ފުރުސަތެއް ކަމުގައި ދެކެމުންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާލް އެ ސިޓީއުރައިގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ.
“ހުވަފެނީ ދުނިޔޭގައި އަހަންނާއެކު ރަސްކަންކުރި ރަސްގެފާނަށް”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







I love this story 😍
I am now teacher
Yesterday I was going to school for first day
I never believe that
My student Was know me
When Is next part 💕
Thanks imko
Imko teacher eh veema v maruhabaa… Shaleen akeeves Hama teacher eh.
Alhamdhu lillah 🙂
And next part dhoooooo….
Thursday IN SHA ALLAH
Nice shaleen
I love you so much shaleen
Imko shaleen ah support kuraathee v ufaavey.
Lysm
Please send me message in Gmail