ދިރުމެއްނެތް ދިރިއުޅުން 19
ކުރިމަތީގައި ހުރީ ރީތި އިސްކޮޅެއް ލިބިފައިވާ ފިރެހެނެކެވެ. ހެދިހުރި ހަށިގަނޑަކާއި ފުރިހަމަ ރޫފައެއް ލިބިފައިވުމުން އޭނާގެ ހައިބަތު ފާޅުވެއެވެ. އަހަރެން އެއްވަރަކަށްވެސް ނުދަންނަ އެމީހާއާއެކު ގޭގައި އެކަހިރި ވަގުތެއް ހޭދަކުރަން ޖެހުމުން އަހަރެންގެ ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އަޅަންފެށީ ގަތްފައިވާ ބިރެއްގެ ސަބަބުންނެވެ. އަހަރެން ޖެހިލުންވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައިހުރި އަހަރެންގެ ހިތުތެރެއިން މަންމައާއި ބައްޕަ އާދޭތޯ އެވަގުތު ދުޢާކުރަމުން ދިޔައިމެވެ.
އަހަރެން ސަލާމްގެ ޖަވާބު ދިނުމުންވެސް އެމީހާ އިތުރު އެއްޗެކޭ ނުބުނެ އިރުކޮޅެއްވިއެވެ. އެވަގުތު އެމީހާ އަހަންނާދިމާލަށް ބަލަމުންދިޔައީ އޭނާގެ އަމިއްލަ ނަފްސާވެސް ސުވާލުކުރާ ފަދައިންނެވެ.
އެމީހާގެ އެހަމަހިމޭން ބެލުމުގެ ސަބަބުން އަހަންނަށް އުނދަގޫވިއެވެ. ދެފަހަރަކު އެމީހާއަށް ބަލައިލިއިރުވެސް އެމީހާ ހުރީ އަހަންނާ ދިމާލަށް ބަލާށެވެ. އެހެންވެ އަހަރެން ދާދި އަވަހަށް އަހަރެންގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލީމެވެ. އެވަރުންވެސް އެމީހާ ވާހަކަ ނުދައްކާ ހުރީއެވެ. އަހަންނަށް އެގޮތް ކަމަކުނުދިޔައެވެ. އެހެންވެ އަހަރެން ކޮޓަރިއަށް ދިއުމައްޓަކާ ހިނގައިގަތީ އެމީހާއަށް ފަސްދެމުންނެވެ.
“ޒީނިޔާ އެބައުޅޭތަ؟ އެހެން ނޫނީ ފަރީދު؟” އަހަރެންގެ ފިޔަވަޅުގެ އަޑަށް އެމީހާ ސިއްސައިން ގޮސް ހަމަބިމަށް އައީ ކަންނޭނގެއެވެ. އަހަންނަށް ހުއްޓުން އެރީ އެމީހާ ސުވާލުކުރުމުންނެވެ..
“ނޫން.. ވީ..ވީ ބޭރުގަ.. ދެން ނޫނީ ފިހާރައެއްގަ ކަމަށްވެސް ވެދާނެ.” އަހަރެން ބުނެދިނީ އަހަންނަށް އެނގިފައިވާ ގޮތަށެވެ.
“ކިހާއިރަކު އަންނާނީ؟” އަނެއްކާވެސް އެމީހާގެ ކުރު ސުވާލެކެވެ.
“ދިހައެއް ޖެހީމަ ގައިމު މަންމަވެސް ބައްޕަވެސް ގޭގަ އުޅޭނީ…” އަހަރެން ކުރު ޖަވާބެއް ދިނީ އަވަހަށް އެމީހާ ފޮނުވާލުމުގެ ބޭނުމުގައެވެ.
“އެހެންތަ؟ އެހެންވީމަ ތީ ޒީނިޔާގެ ހަމައެކަނި ދަރިދޯ؟ ފަރީދަކީ ކަނބުލޮގެ ބައްޕަތަ؟” އެމީހާ އަހާލީ ޝައްކުގެ ނަޒަރަކުންނެވެ.
“ހެހެ… އެންމެ ރަނގަޅު ބޭނުން ނޫނިއްޔާ ޖަވާބު ނުދިނަސް. އެކަމު އަހަންނަށް އެނގިހުރެ މިއެހީވެސް. ހޫމް… އެހެންވީމަ އެމީހުން ގެއަށް އައިމަ ބުނެލާ ނާސިފް ހޯދަން އައޭ. އިތުރަށް ތަފްސީލު ދޭން ބޭނުމިއްޔާ ބުނޭ ތަކަންދޫ ނާސިފްއޭ. ދެން އަހަރެން ދަނީ. ތި ދުރުމިނުގަ ހުރެގެންވެސް ތިބެހެއްޓެވި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ނާސިފް ހިނގައިގަތީ އޭނައަށް އެއީ ކޮން ކުއްޖެއްކަން ފުރިހަމައަށް ޔަގީން ވުމުންނެވެ. ނާސިފް އެންމެ ބޭނުންވި އެއްކަންތައް މިދަތުރުގައި ފުރިހަމަވީއެވެ.
ގަޑިއެއްހާއިރު ފަހެވެ. އަހަރެން އިނީ މަންމަމެންގެ އިންތިޒާރުގައެވެ. ގޯތިތެރޭ އެލުވާފައިއިން އުނދޯލި ހެއްލާލަ ހެއްލާލާ އިންއިރު އަހަރެންގެ ސިކުނޑީގައި އުފެދޭ ހިޔާލުތަކުން އަހަރެން ހައިރާންވެއެވެ. ސިކުނޑީގައި ބިނާ ކުރަމުންދިޔަ ކޮންމެ ހިޔާލެއްގައި ވަނީ ކުލަނެތް އެތައް މަންޒަރުތަކެކެވެ. އެފަދަ ހިޔާލުތަކެއްގައި އިން އަހަރެން ސިއްސައިން ދިޔައީ ކުއްލިޔަކަށް މަގުމަތިން ފެނުނު ކަމަކަށް ނަޒަރު ހުއްޓުމުންނެވެ. އަހަރެން ހައިރާން ވިއެވެ. އިޝާލްއާއެކު ކައިރި ފިހާރައަކަށް ވަދެފައި ނުކުތީ ނާސިފްއެވެ. ދެންފެނުނީ ދެމީހުންވެސް ވާހަކައެއްގައި ތިބެގެން އަހަރެންގެ ގެއާ މާދުރަށް ދާތީއެވެ. އިޝާލް އަހަރެންގެ ގެއާ ދިމާލަށް ފަސްއެނބުރި ދެފަހަރަކު ބަލައިލިއެވެ. އެއިން ކޮންމެ ފަހަރަކު އަހަރެން ގޯތީގައި އިންދާފައިވާ ގަސްތަކުގެ ފަތްތަކާ ނިވާވަމުން ފިލަމެވެ.
“އިޝާލް….. ނާސިފް….. މީއަނެއްކާ ކޮން ކަމެއްބާ؟ ހޫމ… އެމީހާއަށް އަހަންނާ ބެހޭގޮތުން ހުރިހާ އެއްޗެއްވެސް އެބައެނގޭ. އެހެންވިއްޔާ އެވާނީ އިޝާލް ފޮނުވައިން މިގެއަށް……. އުހުމް…އެހެނެއް ނުވާނެ…. އެކަމު އެހެންވިއްޔާ ކީއްވެ ހަމަ މަންމައާ ބައްޕައާ ބައްދަލު ކުރަން އެބުނީ؟ ގައިމު އޭނަގެ ރަށުގެ ނަންވެސް މަންމަމެން ކައިރީ ބުނާށޭ ބުނި. ދެން؟؟ ދެން އެއީ ކާކުބާ؟؟؟
އިޝާލްއާ ނާސިފް ހިނގަމުން ދިޔައީ ރަށުތެރޭގެ އެކިއެކި ވާހަކަ ދައްކަމުންނެވެ. މިދޭތެރެއިން އިޝާލްވެސް ފޫހިކަމުގައި ދުވަސްތައް ހޭދަކުރަމުން އައިސް ނާސިފާއެކު ވަގުތު ހޭދަކުރެވެމުންދާ މިވަގުތު އޭނާގެ މޫނުމަތިން ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ފެނެއެވެ.
އަހަރެން އެކި ހިޔާލުތަކުގައި އިނދެ އުނދޯލިން ތެދުވެ ގެއަށް ވަނީމެވެ. މަންމައާ ބައްޕަގެ އެއްވެސް ހަބަރެއް ނުވުމުން އަހަރެން ގޮސް ފާރުގައި އިން ގަޑި ބަލައިލީމެވެ. އޭރު ގަޑިން ދިހައެއް ޖަހާ އިރުކޮޅެއް ވެއްޖެއެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މަންމައާ ބައްޕަގެ ފައިވާނެވެ. އަހަރެން ހައިރާން ވިއެވެ. އަހަރެން ދިޔަގޮތަށް ގޮސް މަންމަގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލީމެވެ. ހީވާ ފަދައެވެ. ޒީންއާ ޒީނިޔާއަކީ އެއްތަނެއްގައި އުޅުނަސް ދުރުހިލޭ ބައެކެވެ. ދެމައިން ހަމަޖެހިލައިގެން ވާހަކަދައްކާ ނުލާތާ ގިނަދުވަސްތަކެއް ވަނީވެފައެވެ.
“ކިހިނެއްވީ ދަރިފުޅާ؟ ކައިފިންތަ؟ ޒީން އުނދޯލީގަ އިންދަ މަންމަމެން ގެއަށް އައިއިރުވެސް ނޭނގުނުދޯ؟ ކަމަކާވިސްނަން އިންހެން ހީވަނީ.. ހިތަށްއެރީ އެއްޗެސް ބަދަލުކޮށްލައިގެން ގޮސް ގޮވާލާނަމޭ.” ޒީނިޔާގެ ވާހަކަދެއްކުމުގައި ވަނީ ހަމަޖެހުމުގެ އަސަރުތަކެވެ.
“އެހެންތަ؟ މީހަކުއައި މަންމަމެން ހޯދަން.. އަހަރެން ބުނިން ގެޔަކުނެތޭ. ދެންބުނީ ބުނާށޭ ތަކަންދޫ ނާފިޒްއޭ.” ނޭނގޭ ކަމަށް ހަދާލަމުން އަހަރެން ބުނީމެވެ.
އަހަރެން ގަސްތުގައި ނާސިފްގެ ނަން މަންމައަށް އޮޅުވާލީ ކަމެއް ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. އަހަރެންގެ ބޭނުމަކީ އެއީ ކާކުގެ ރައްޓެއްސެއްތޯ ދެނެގަތުމެވެ. ކޮންމެ ގޮތެއްގައި ވިޔަސް، އެއީ އިޝާލް ކުޅެމުންދާ ގޭމެއް ނަމަ މާދުރު ރަށަކުން އައިސްހުރި ނާސިފަކީ މަންމަމެން ދަންނަ މީހަކަށް ވެގެން ނުވާނެއެވެ. ނަމަވެސް ނާސިފްގެ ނަން އަހަރެން އޮޅުވާލުމުން އެނަން ރަނގަޅަށް ބުނެދޭން އެނގިއްޖެނަމަ އެވާނީ ހަމަ ޔަގީނުންވެސް މަންމަމެންގެ އަސްލު ރައްޓެއްސަކަށެވެ. އެއީ އަހަރެންގެ ޅަބުއްދިޔަށް ވިސްނޭގޮތެވެ. އެގޮތުގައި އަހަރެން މަންމަ އިމްތިހާނުކޮށްލީމެވެ.
“ތަކަންދޫ ދޯ؟ ނާފިޒްއެއް ނޫން. ނާސިފްއޭ ދޯ ބުނީ؟ އާނ.. އެއީ ޒީން ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް ހުންނަ ރަށެއް. ޒީންވެސް ވާނެ އޭނައާ ގުޅުން ބަދަހިކުރަން. ބައްޕަގެ ރައްޓެހިންނަށް ކަމޭހިތުމަކީ ދީނީގޮތުން ވަރަށް ރަނގަޅު ކަމެއް. ހިނގާ ކާން.” ޒީނިޔާ ކާގެޔާ ދިމާލަށް ދަމުން ވާހަކަދެއްކިއެވެ.
“ނުކާނަން.” އަހަރެން މަޑުމައިތިރިކަމާއެކު އެހެން ބުނަމުން ހިނގައިގަތީމެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވީއެވެ. ދެން އޮތީ ބައްޕައާ ވާހަކަދެއްކުމަށް އަހަރެން ތައްޔާރުވުމުވެ. ބައްޕަ އަހަންނަށް އެކަމަށް މަޖްބޫރުކުރާ ސަބަބު ހޯދުމެވެ. ބައްޕަގެ ރައްޓެހިން ރަށްރަށުގައި ތިބޭކަން މީގެކުރިން އަހަންނަށް އެނގިފައި ނުވަނީ ކީއްވެތޯ އަހަން އަހަރެން ބޭނުމެވެ. ދެން އެންމެ އަވަހަށް އަހަރެން ތައްޔާރުވާނީ ބައްޕައާ ކުރިމަތިލުމަށެވެ.
ދުވާލުގެ ހަމަހިމޭން ވަގުތެވެ. ފަތިސް ނަމާދަށްފަހު އަހަރެން ފާރަލަމުން ދިޔައީ ބައްޕަ އެކަނިވާ ވަގުތަކަށެވެ. އެގޮތުގައި އަހަރެން އިންތިޒާރު ކުރަން ޖެހުނު މަދު ސިކުންތު ކޮޅެއްވެސް އަހަންނަށް ހީވީ ގަރުނެއްގެ ދިގުމިންހެނެވެ. އެހެން ނަމަވެސް ވަރަށް ކެތްތެރިކަމާއެކު އަހަރެން ވަގުތު ހޯދީމެވެ.
ފަރީދު އިނީ އުނދޯލީގައި ރޭޑިއޯ އަޑުއަހާށެވެ. އޭރު ޒީނިޔާ ބަދިގެ ތެރޭގައި ކައްކަން އުޅެއެވެ. ޒީންވެސް އޭނާގެ މަންމައާއެކު ކެއްކުމުގައި ބައިވެރިވިއެވެ. ކުދިކުދި އެހީތައް ވެދިނުމުގައެވެ. ބައެއްތަކެތި ކޮށާލަދިނެވެ. އޭގެއިތުރުން ބައެއް ތަށިތައް ދޮވެލަދީހެދިއެވެ. ޒީން ކުރަމުންދިޔަ މަސައްކަތް މެދުކަނޑާލީ އުނދޯލީގައި ފަރީދު އިންތަން ފެނުމުންނެވެ. ވަގުތުން އެދިމާލަށް ހިނގައިގަތީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ.
“ބައްޕާ! ކީއްކުރަނީ؟” ބައްޕައާ ވާހަކަދެއްކުން ނުހަނު މަދުވެފައިވާ ދުވަސްތަކެއް ހުރަސްކުރަމުން އަހަރެން އަހާލީމެވެ. ބައްޕަގެ ތަބީޢަތު ރަނގަޅުތޯ ބަލައިލުމުގެ މަގްސަދުގައެވެ.
“އެއީ ކޮންމެސް ޕްރޮގްރާމެއް.. މިހާރު އެނިމުނީ.. ތާކުންތާކު ނުޖެހޭ ވާހަކަތައްވެސް މިމީހުން ކިޔާފާނެ. އެކަމުވެސް ފޫހިވާތީ މިވެސް އަޑުއަހާލެވެނީ. ކޮބާ މަންމަ؟” ރޭޑިއޯ ނިވާވަމުން ފަރީދު ވާހަކަދެއްކިއެވެ.
“މަންމަ ކައްކަނީ………… ބައްޕާ!!… އަހަރެން މިވާހަކަ ބުނަން ބައްޕައަށް ފާރަލަމުން އިންތިޒާރު ކުރާތާ ދުވަސްކޮޅެއްވެއްޖެ. އަހަރެން ބޭނުން ތެދުވެރި ޖަވާބެއް……. ބައްޕަ ކީއްވެތަ އަހަންނަށް އެކަން އެގޮތަށް ތިމަޖްބޫރު ކުރުވަނީ؟ ކީއްވެތަ ބައްޕަގެ ތިއެދުމަށް މަންމަވެސް ތަބާވާން ޖެހޭނެކަން ތިވިސްނައިދެނީ؟ ބައްޕާ… ބައްޕަވެސް މަންމައާ އިނދެގެން ތިއުޅެނީ ލޯބިވެގެން ނޫންތަ؟ އެހެންވީމަ އަހަރެންގެވެސް އިހްސާސް ހިނގަނީ އެހެންމީހުން ފަދައިން. ދެން ކީއްވެ އަހަންނަށް މަޖްބޫރުކުރަނީ؟” އަހަރެންގެ ވާހަކަތައް އެހިސާބަށް ދިޔައިރު ކުރިމަތިން ފެންނަ މަންޒަރުތައް ފުސްވަމުންދިޔައީ ދެލޯ ތެމެންފެށުމުންނެވެ.
ތެދެކެވެ. ލޯތްބަކީ ހިތާއި ހަށިގަނޑާ ދުރުކުރަން އުނދަގޫ ޖަޒުބާތެކެވެ. އެއިހްސާސް އެގޮތުގައި ހިނގަމުން ދަނިކޮށް ތަގްރީރު ނިޔާކުރާގޮތުން އެ ލޯތްބާ ވަކިވާން މަޖުބޫރުވަނީއެވެ. ޒީންއަށް ނޭނގެނީ ފަރީދުގެ ވާހަކައެވެ. ފަރީދުގެ މާޒީއެވެ. ފަރީދުގެ ދިރިއުޅުމަށް ޒީނިޔާ ގެންނަންޖެހުނީ ޒީންއަށް ދިމާވިކަހަލަ މަޖްބޫރަކުންނެވެ. ޒީންގެ ހިތުގައި ހިނގަމުންދާފަދަ އިހްސާސްތައް މިހާރުވެސް ފަރީދުގެ ހިތުގައި ހިނގަމުންދެއެވެ. އެހެނަސް ޒީންއަށް އެނގެނީ ކޮންއެއްޗެއްހެއްޔެވެ؟ ވަފާތެރި ލޯތްބާއި، ބޭވަފާތެރި މަޖްބޫރު ލޯތްބަކީ ފަރީދަށް ނުހަނު ރަނގަޅަށް ދަސްވެފައިވާ އެއްޗެކެވެ.
ބައްޕަ އަހަންނާ ވާހަކަދައްކަން އަނގަ ހުޅުވާލި ވަގުތު ސަލާމް ގޮވި އަޑުއިވުނެވެ. ސަލާމަށް ޖަވާބުދިނީ ބައްޕައެވެ. އެހިސާބުން ބައްޕައާއި އަހަރެން ދައްކަމުންދިޔަ ވާހަކަ މެދުކެނޑުނީއެވެ. މަޑުމައިތިރި ހިނގުމެއްގައި ގެއަށް ވަދެގެން އައިތަން ފެނުނީ ނާސިފެވެ. އޭނާގެ ފަހަތުން ނަތޫ ވަދެގެން އައިސް އަހަރެންގެ އަތުގައި ހިފާ އަވަސް އަވަހަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ބައްޕަ އަހަންނާދިމާލަށް ބަލަން އިނެވެ. ފަސްއެނބުރި ނާސިފްވެސް އަހަންނާ ދިމާލަށް ބެލިކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނަތޫ އަހަރެން ގެއިން ބޭރަށް ނެރެފިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







I love this story
I am not free but I read your story
I’m job now
My brother also with my job
When Is next part
Thanks imko
Thihaa BZ koh ulhemunves vhk kiyaalaathee..❤️
Ufaavey job GA ulheytheeve..
Imkoge msg libifa huree Gmail in.
Bt pls Gmail in can u send me insta account or user name
I don’t have insta account and user name
Oh okay
So what I am do
I don’t have insta account and user name 😔
I only have Gmail chat
Oh dhen kihinei hadhaanee… V dherakoh mi dhimaavee dho..
Yes send me message on Gmail