ދިރުމެއްނެތް ދިރިއުޅުން 15
“މަންމަމެންނަށް އެންމެ ރަނގަޅުތަ އަހަރެން ކިޔަވާނިނިގެން އި…އިޝާލްއާ ރައްޓެހިވިޔަސް؟” އަހަރެން ވަގުތުގެ ބޭނުންހިފީމެވެ. ވަރަށް އުންމީދުގައެވެ.
ކުއްލިޔަކަށް ޒީނިޔާއާ ފަރީދު ސިއްސައިން ގޮސް ބަލައިލިއެވެ. އެ ބަލައިލުމުގައި ހިތްހަމަނުޖެހުމުގެ އަސަރުތަކެއް ވާކަން ބަލަން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޒީނިޔާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްނުތަނަވަސްކަމާ ހިތާމައިގެ އަސަރުތަކެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޒީން މިއަދު މި ސުވާލަށް ޖަވާބެއް ބޭނުމެވެ.
“ޒީން! މަންމަ ނުބުނޭތަ ތިކަހަލަ ވާހަކަ ނުދައްކާ ހުންނާކަށް؟ ކީއްވެތަ ޒީންއަށް ކެތްނުކުރެވިގެން ތިއުޅެނީ؟ ޒީންއަށް ނުވިސްނެނީ ކީއްވެތަ؟ އިހައްދުވަހު އަދި މަންމަގެ ބަލިން ކިރިޔާވެސް ރަނގަޅުވެލީ. ޒީންމެންތީ އަދި މާކުޑަކުދިންނޭ. ބަޔަކު ސޯޅައަހަރުގަ ކައިވެނި ކުރިޔަސް ޒީންއަށް އެބަޖެހޭ މަންމަމެން ބުނާގޮތްހަދަން.. ތިހިސާބަށް ދިޔައިމަ މަންމައަށްވެސް އެނގޭނެ. އަދި ނުވޭ ތިހިސާބަށް ދާކަށް.” ފަރީދުގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ ރާގެވެ. އެއީ މީގެ ކުރިން ޒީންއާ ދުވަހަކުވެސް ފަރީދު ވާހަކަދެއްކި ގޮތެއް ނޫނެވެ.
އަހަރެން ކުއްލިޔަކަށް ގަބުވިއެވެ. ހުއްޓުން އެރިއެވެ. ލޯބިވާ ބައްޕަގެ އޯގާތެރި ބަސްތައް އިވުމުގެ ބަދަލުގައި މިއަދު އަހަރެންގެ ހިތުގައި ޖެހުނީއެވެ. އެހެނަސް އަހަރެން އެކަން ގަބޫލުކުރަމެވެ. މަންމަމެންގެ ކުރިމަތީ ޖަދަލު ކުރުމަކީ އަހަރެން ކުރަން ބޭނުންވާކަމެއް ނޫނެވެ. އެއީ އަހަރެންގެ މައިންބަފައިންނެވެ. އެމީހުން އަހަރެންދެކެ ނުހަނު ލޯބިވާނެއެވެ. ނުރައްކަލެއް އަންނަ ކޮންމެ ހިނދެއްގައި އަހަރެން ހިމާޔަތް ކުރާނީވެސް އެމީހުންނެވެ. އަހަރެން އެކަންވެސް ގަބޫލުކުރަމެވެ.
އަހަރެންގެ ދެލޯ ފެންކަޅިވީ ނުހަނު އަވަހަށެވެ. އަހަންނަށް ސަޒާ ލިބެންޖެހޭނީ މިގޮތައްހެއްޔެވެ؟ އަހަންނަށް އޮޅިއްޖެއެވެ. އަހަރެންގެ ރަނގަޅުކަމުން މައިންބަފައިންނަށް އަހަންނާ އިޝާލްގެ ގުޅުމުގެ ވާހަކަ ކިޔައިދިނުމަކީ އަހަންނަށް ކުރެވުނު ކުށެއްހެއްޔެވެ؟ ނޫނީ އަހަރެން ތެދުވެރިކަމާއެކު މިވާހަކަތައް ހިއްސާ ކުރުމަކީ އަހަންނަށް ކުރެވުނު ރަނގަޅުކަމެއް ހެއްޔެވެ؟ މިހާރު ކަންތައް ކުރަންވީގޮތް އަހަންނަށްވެސް އޮޅިއްޖެއެވެ.
“ދަރިފުޅާ ޒީން! މިރޭ މަންމަ ވާހަކައެއް ބުނެފާނަން. ދަރިފުޅުތީ މީހަކުދެކެ ކިތަންމެ ލޯބިވިޔަސް އަމިއްލަ އިޚްތިޔާރުގަ ތިކަހަލަ ކަމެއް ކުރެވޭނެ ކުއްޖެއްނޫން. ޒީން!…. އިޝާލްދެކެ ކިތަންމެ ލޯބިވިޔަސް ތިކަން ހަނދާން ނައްތާލާ. ޒީންއަށް ތިކަން ކުރުމުގެ ހައްގެއް ނެތް. ޒީންގެ ހަޔާތަށް މިރަށު މީހަކު ނުގެނެވޭނެ. އަދި ޒީން ބޭނުންވާ މީހަކުވެސް ނުގެނެވޭނެ…. ޒީން އެފަދަ ދުވަހެއް ފެނިއްޖެނަމަ އުޅެންޖެހޭނީ އެހެން މީހަކާއެކީ….. ޒީން! މަންމަމެނަށް މާފުކުރޭ. ހަގީގަތުގަ މިވާހަކަ ޒީންގާތު ބުނަން މަންމަ ވަރަށް ދެރަވޭ. މަންމަވެސް ބޭނުންވަނީ ޒީންއަށް އުފާވެރިކަން. ޒީންގެ މުސްތަގްބަލް އުޖާލާވާން. އެކަމު…. އެކަމަކު މިނޫންގޮތެއްނެތް. ޒީން!… ޒީން ހިތާމަ ކުރާކަށް މަންމަ ނޭދެން. ލޯބިނުވާ މީހަކާއެކު ދިރިއުޅުމުގަ ހިތާމަކުރާތަން ބަލަން މިމަންމައަށްވެސް ކެތެއް ނުވާނެ. ދަރިފުޅާ!! މަންމަމެންނަށް މާފުކުރޭ. އިޝާލްއާ ދުރަށް…” ޒީނިޔާއަށް ގިސްލެވެން ފެށުމުން ވާހަކަ ހުއްޓާލިއެވެ.
އަހަރެން އިސްޖަހާލައިން އިނދެ ރޮމުން ދިޔައިމެވެ. އަހަރެންގެ ރުއިމުގެ އަޑު މަންމަމެންނަށް ނީވޭ ވަރަށެވެ. ކުށެއް ކުރެވިފައި ނުވާ އަހަރެންނަށް މިލިބެނީ ކޮންފަދަ އަދަބެއްހެއްޔެވެ.؟ ވިސްނިވަރަކަށް އަހަރެންގެ ބޯހަލާކުވަމުންދާނީއެވެ. އެކަމަކު ނުވިސްނާ ހުރެވޭކަށްވެސް ނެތެވެ. އަޖައިބަކީ އަހަރެންހެއްޔެވެ؟ ނޫނީ އަހަރެންނަށް ދިމާވެފައިވާ ހާލަތުހެއްޔެވެ؟ ލޯބި އެއްކިބާކޮށް އަހަރެން މަޖްބޫރީ ހާލަތުގެ ތެރެއަށް ވެއްޓެންވީ މިނިވަންކަން ލިބެންވީ ވަގުތުހެއްޔެވެ؟ މިއީ އިންސާފެއްބާއެވެ؟
“ޒީން… ދަރިފުޅުވެސް އެހެން ކުދިންހެން ތިއުމުރުގަ ތިކަހަލަ ކަންކަން ކުރަން ޝައުގުވެރި ވާނެކަން މަންމައަށް އެނގޭ. އެހެންކުދިންގެ ހިތުގަވެސް އުފެދޭ އިހްސާސްތައް ދަރިފުޅު ހިތުގަ ހިނގާނެކަން މަންމަވެސް ގަބޫލުކުރަން. ތިއުމުރުގެ ކުދިން މީހުންނާ ރައްޓެހިވާތީ އެކަން ކުރާހިތްވާނެކަން މަންމަވެސް ގަބޫލުކުރަން. މިހެން ބުނާއިރުވެސް އިނގޭ… ހަގީގަތުގަ ހުރަސްމިއެޅެނީ ޒީންގެ އެންމެ ބޮޑު އުފަލަށްކަން. މިހުރިހާ ވާހަކަތައް މިހާ ތަފްސީލުކޮށް ކިޔާދޭ ވަރަށްވުރެ ޒީން އަދި މާކުޑަ. އެކަމަކުވެސް ދެން މިނޫންގޮތެއް ނެތް. އެހެންވީމަ… މިކަމުގަ މަންމައަށްވުރެ ބޮޑަށް.. ޒީންގެ ބައްޕައަށް މާފުކުރޭ.” ހިތްވަރު ކުރަމުންވެސް ޒީނިޔާ އެވާހަކަތައް ބުނެފިއެވެ.
ޒީނިޔާ އޭނާގެ އަތް ދޮވެލުމަށްފަހު ކޮޓަރިއާ ދިމާލަށް ވަރަށް ބާރަށް ހިނގައިގަތެވެ. ދައްކަން ހުރި ހުރިހާ ވާހަކަތައް ދައްކާނިމުނީއެއް ނޫނެވެ. މިވަގުތަށް ހިތްވަރު ކުރަމުން ވާހަކަ ދެއްކުނު މިންވަރަކީ އެއީކަމަށް ވާތީއެވެ. ހަދަންވީ ގޮތެއް ނޭނގިހުރެ ފަރީދު ދުއްވައިގަތީ ޒީނިޔާގެ ފަހަތުންނެވެ. ޒީން ދޫކޮށްލުމަކީވެސް ފަރީދު ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެނަސް ޒީނިޔާގެ ބަލިހާލަތު ހުރިގޮތުން މިވަގުތު ފަރީދަށް މުހިއްމީ ޒީނިޔާގެ ހާލަތު އެންމެ ކައިރިން ދެނެގަތުމެވެ.
މަންމަ އުޅޭ ކޮޓަރީގެ ތަޅުގައި ހިފާ އަހަރެން އަނބުރާލީމެވެ. ދޮރުހުރީ ތަޅުލާފައެވެ. އަހަރެންގެ އެއް އަތުން ކަރުނަތައް ފޮހެލަމުން އަހަރެން ދޮރުގައި ކަންފަތް ޖައްސާލީމެވެ. އިވެނީ މަންމަގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. ކައިރީގައި ހުރެގެން ބައެއްފަހަރަށް ބައްޕަ ކޮންމެސް ވާހަކައެއް ދައްކާ އަޑުވެސް އިވުނެވެ. އެއީ ބައްޕަގެ ހިތްވަރު ދިނުމުގެ ބަސްތަކެވެ. އެކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ.
އަހަރެންގެ ލޮލުން ފައިބަމުން ދިޔައީ ވަކިން މަދު ކަރުނައެއް ނޫނެވެ. އަހަރެން ހިތްވަރުކުރީމެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުކައިރިއަށް ތިރިވަމުން އަހަރެން އިށީނީ މަންމަގެ ގިސްލުމުގެ އަޑަށް ފުރަގަސްދޭނެ ހިތްވަރު ނެތުމުންނެވެ. އެކަމަކު އިޝާލްއަށް ބޭވަފާތެރި ވުމަކީ އަހަންނަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ. ބައްޕަ ގާތު އަހަރެން ސުވާލެއް ކުރަން ބޭނުމެވެ. މި މަޖްބޫރީ ހާލަތު އަހަންނަށް ދަރަންޏެއްގެ ގޮތުގައި ހަވާލުކުރީ ކީއްވެގެންތޯއެވެ؟
ކޮޓަރި ދޮރުކައިރި އަހަންނަށް އިނދެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. މަންމަގެ ރުއިމުގެ އަޑު މަޑުމަޑުން ކެނޑުނުކަމުގެ ޔަގީންކަން އަހަންނަށް ލިބުނީ ބައްޕަގެ ވާހަކަ ދައްކުމުގެ އަޑުވެސް މުޅިންހެން ކެނޑި ހަމަހިމޭން ވުމުންނެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯއްވެލީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ. މިރޭ އަހަރެންގެ ސަބަބުން މަންމަގެ ހިތުގައި ޖެހުނީތީ އެކަމާވެސް ހިތާމަ ކުރަމެވެ. ވިސްނުމުގެ ތެރޭގައި ރޮއެ ގިސްލަމުން ކަފުނެއްގެ ތެރޭގައިވާ މައްޔިތެއް ފަދައިން އަހަރެންގެ ހަރަކާތްތައް ހުއްޓިފައިވީމެވެ. އެހެން އޮއްވާ އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއް އަހަންނަށްވެސް ނޭނގެއެވެ.
އާހެނދުނަކަށް މަރުހަބާ ކިޔަމުން ޝަހީމާ ބޯން އިން ސައިތަށިން އިޝާލް ސައިފޮދެއް ބޯލިއެވެ. ބައެއްފަހަރު ލޯބިން އިޝާލް މަންމަގެ ސައިތަށިން ސައިބޮއެ ހަދައެވެ. ސަކަ މިޒާޖަށް ދެވިހިފާފައިވާ އިޝާލްއަކީ އެންމެ ހެނދުނުވެސް ތާޒާ މޫނަކުން އެހެން މީހުންނަށް މަރުހަބާ ކިޔާ ކުއްޖެކެވެ.
“ސާބަހޭ! އިޝާލްގެ ތިއާދަ ހުއްޓާނީ ކޮން ދުވަހަކުން ދަރިފުޅާ؟ މިހާރު ތިދަނީ މަންމަގެ ތަށީގަ ހުރި ސައިފޮދު ބޯލައިގެން.” ޚާލިދު ދެފަރާތަށް ބޯ ހޫރާލަމުން ބަލައިލީ އިޝާލް ފަސް އެނބުރި ދާންފެށުމުންނެވެ.
“ބައްޕާ!… އެހަމަ މަންމަގެ ސައިފޮދު މީރީޔޭ. ތިކަމާ ނުވިސްނާ.. ދެން އަހަރެން މިދަނީ ސްކޫލަށްދާން ތައްޔާރުވާން.” އިޝާލް ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
އާދައިގެ މަތިން އަހަރެން ފެންވަރާލައިން އައިސް ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައިމެވެ. ލޯގަނޑު ކުރިމަތީ ހުއްޓުމާއިއެކު އަހަންނަށް ފެނުނީ އަހަރެންގެ ބަދަލުވެފައިވާ މޫނުމައްޗެވެ. ރުއިމުގެ ސަބަބުން ދެލޯވަނީ ރަތްވެ ވަޅުވަދެފައެވެ. އުފާވެރިކަން ގެއްލިފައިވާ އަހަރެންގެ މޫނު ފެނުމުން އިތުރަށް އަހަރެން ދެރަވިއެވެ.
އަހަރެން ތައްޔާރުވެލައިން ކޮޓަރިން ނުކުމެ ފުރަތަމަވެސް ބަލައިލީ މަންމަގެ ކޮޓަރިޔާ ދިމާލަށެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސައިބުއިމައްޓަކާ އަހަރެން ހިނގައިގަތީ ކާގެޔާދިމާލަށެވެ. ކޮންމެ ދުވަހަކު މަންމައާ އަހަރެން ފުރަތަމަ ބައްދަލުވާ ތަނަކީ ކާގެއެވެ. އަވަސްވެފައިވާ ހިތަކާއެކު ޖެހިލުންވެހުރެ އަހަރެން ކާގެއަށް ބަލައިލީމެވެ. މަންމައެއް ނެތެވެ. އެހެން ނޫނީ އާދައިގެ މަތިން މަންމަ އަހަންނަށް ތައްޔާރު ކޮށްފައިހުންނަ ސައިތަށިވެސް މިއަދު އަހަރެންގެ އިންތިޒާރަކު ނެތެވެ. އަހަރެން ވަރަށް ދެރަވިއެވެ. މަންމަގެ ސަމާލުކަން މިއަދު އަހަންނަށް ނުލިބުނީތީއެވެ.
– ނުނިމެ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







My mom is like this
I also ask my mom about marriage ❣️❤️
She going to room and crying💝
So I like your story
When is next part ☺️
Is this mariyam??
Literally your commenting style is same to her
You might change your name to Imko, if your first name is Mariyam
Just wanna know
Hope you won’t mind it
Hi imko!!
Oh asluvestha…
Imko ehenveema thee zeen kahala kujjei dho..hehehe.
Anyways V ufaavejje vaahaka kamudhiyaima .
Next part innaanee next Friday GA. In sha Allah.
Mi vhk mi komme Friday GA genesdhey vhk eh.
Thanks for the comment imko
Luv you 😘
Wowwwww!! The story is amazing!!! And really interesting!! Juusssttt lovedd your story <33
Yes my first name is mariyam
So I could change imko
If you not like my second name I will change my name
Yeah, u could!! Nooney dear! Both names are beautiful?❤️ Masha Allah!
Thanks NewSherr
Thihaa shauguveri kamaaeku kiyaalaathee v v v ufaavey. Kuriyah huree adhi v v Gina reethi baithah.
Ummeedhu kuran reethivaanekamah.
Shaleenge emme bodu hih Hama jehumakah vaanee vhk kiyuntherinnah kamudhaagothah nimmaalevuneeyaa..
Ekamah try kuraanan.
In sha Allah.
Shaleen sis vx migady eba ulhen dhw😂
Abadhuvx alhugandu ge support libeyne❤️
Hi .. yeah dheythere akun balaalan comment box ves
V ufaavejje support dheytheeve.
Ummeedh kuran abadhuves shaleen sis ge vaahaka rangalhuvaanekamah