ދިރުމެއްނެތް ދިރިއުޅުން 14
“މިރޭ އިޝާލްއަށް ވަގުތުކޮޅެއް ދިނީނު. އިޝާލް! އަހަރެން އެބައޮތް ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ.” ނަތޫ އިޝާލްއަށް ބަލައިވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ.
“ކީކޭ؟ ކިހާވަރެއްގެ ވާހަކައެއް؟” އިޝާލް އަހާލިއެވެ.
“ޒީންގެ އުފަންދުވަސް އަންނަނީނު. ހިނގާ ޒީންއަށް ނޭނގި އެކަން ފާހަގަކުރަމާ.. ތިގޭގަ ހުރިހާކަމެއް ހަމަޖައްސާނީ. އިޝާލް މަންމަކައިރި އަހާލާފަބުނެލާ.” ނަތޫ މޮޅުގޮތެއް ރާވާލަމުން ބުނެލިއެވެ.
“އަހާލާނަން. އެކަމު ޒީން މިރޭ އެހާބަލިވީމަ އަހަރެން މިހުރީ ވަރަށް ދެރަވެފަ. އެކަމާ މިވިސްނެނީ.” އިޝާލްގެ ކަންބޮޑުވުން ފާހަގަކުރިއެވެ.
ނަތޫއާ އިޝާލް ވާހަކަދައްކަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ނަތޫގެ މަންމަ ނަޖުމާއަށް އެދެކުދިން އެކުގައި ދަނިކޮށްފެނުނެވެ. ނަމަވެސް އެކަން އިޝާލްއާ ނަތޫއަކަށް ނޭނގެއެވެ. ހިނގަމުންގޮސް އިޝާލްގެ ގެއާހަމައިން އަނެއްކާ އިޝާލްގެ މަންމަ ޝަހީމާއަށްވެސް އެދެކުދިން ވާހަކަދައްކަމުން ގެޔާދިމާލަށް އަންނާތީފެނުނެވެ.
“ނަތޫ! ދެން އަހަރެން ދަނީ. ދެންމެ ހަމަ ރޭވި ގޮތަށް އެހެންވީމަ ޒީން އުފަންދުވަހުގެ ކަންތައްތައް ކުރިޔަށް ގެންދާނީދޯ.” އެހެން ބުނުމަށްފަހު އިޝާލް ގޮސް ގެޔަށް ވަނެވެ.
ދެދުވަސްފަހެވެ. ކްލާހުގެ ހަލަބޮލި މާހައުލުގެ ތެރެއިން އިޝާލް ޒީންއާ ވަހަކަ ދައްކަން އިންދާ ނަތޫއަށް ފެނުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނަތޫ އައިސް އިޝާލްއަށް ގޮވާލިއެވެ. އޭރު އަހަރެން އިނީ ނަތޫއާ ދިމާލަށް ބަލާށެވެ. ނަތޫ ބުނަން އުޅޭ ވާހަކަ އަޑުއެހުމުގެ އިންތިޒާރުގައެވެ.
“އިޝާލް! އަހަރެން މަންމައަށް އެއްކަލަރޭ ފެނުނޯ އަހަރުން ދެމީހުން މަގުމަތިން. މަންމަ ބުނި އިޝާލްއާ އެކީ ކޮންތާކުންހޯ އެގަޑީގައައީ.. ހެހެ.” މަޖާ ރާގަކަށް ނަތޫ ބުނެލި ވާހަކަ އަހަންނަށް ސިފަވީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައެވެ. އަހަރެން ފާޑެއްގެ ގޮތެއް ބުމައަށް ހަދާލީ އެބުނާ ރެއެއްގެ ހަގީގަތް އަހަންނަށް އެނގިފައި ނުވާތީއެވެ. ސުވާލު އުފެދިފައިވާ އަހަރެން ނަތޫގެ މޫނަށް ބަލައިލުމަށްފަހު އަޝާލްގެ މޫނަށް ބަލައިލީމެވެ.
“އަސްލުވެސްތަ؟ ހަމައެރޭ އަހަރުމެންގޭ ފިހާރަކައިރިން އަހަރުން މަންމައަށްވެސް ފެނުނު. ބުނި ނަތޫވެސް ގެއަށް ގެނެސްބަލާށޯ ތިހެން އުޅޭއިރު. މަންމަ ދައްކާނެ އެކަހަލަ ވާހަކަ އަހަރެން ދެން ވަކިއެއްޗެެއް ނުބުނަން އެކަމަށް.” އިޝާލް އެހެން ބުނެލަމުން އަހަންނަށް ބަލައިލިއެވެ. އެކަން އަހަންނަށް އެނގުނެވެ. އޭރު އަހަރެން އިނީ އެހެން ދިމާލަކަށް ބަލާށެވެ. އެވަގުތު އަހަރެންގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އެކަން އެނގިގެން ކަންނޭނގެއެވެ. އަހަރެން މޫނުގެ ކުލަވަރު ރަނގަޅުކޮށްލުމުގެ ގޮތުން އިޝާލް ވާހަކަދައްކަން ފެށިއެވެ.
“ޒީން! ކިހިނެއްވެފަ؟ ކަމަކާ ވިސްނަނީތަ؟ ހާދަ ފާޑަކަށް ތިއިނީ؟” ޒާތެއްގެ ގޮތަކަށް ދެލޯ ކުޑަކޮށްލަމުން އިޝާލް އަހާލިއެވެ.
“އާނ… އަސްލު މިވިސްނާލީ ދެހަފްތާ ފަހުން އިޝާލްގެ އުފަންދުވަސް އަންނާތީ އެކަމާ. އަހަރެން ބޭނުން ކޮންމެސް އެއްޗެއް ދޭން. ކޯއްޗެއް ބޭނުމީ.” އަހަރެން އެހެން އަހާލީ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުންނެވެ. އަހަރެން އެވަގުތު ނަތޫއަށްވެސް ބަލައިލީމެވެ.
ހަގީގަތުގައި އަހަރެން އިނީ އިޝާލްއާ ނަތޫ އެކުގައި މަންމަމެންނަށް ފެނުނު ވާހަކަ އަޑުއިވުމުން އެކަމާ ހިތްނުތަނަވަސްވެފައެވެ. އިޝާލްއާ ނަތޫ އެކުގައި އެ ފެނުނީ ކޮންރެއަކުކަން ޔަގީން ނުވާތީއެވެ. އެކަހަލަ ކަމެއް ހިނގީ ކޮންވަގުތަކުކަން ވިސްނާވިސްނާވެސް އަހަންނަކަށް ނޭނގުނެވެ. އެހެންވެ، ނަތޫއާ އިޝާލްގެ ކުރިމަތީ ހަގީގަތް ނުބަލާ ފާޅުގައި އެކަމާ ރުޅިއަންނަން ނުކެރިގެން އިޝާލްގެ އުފަންދުވަހުގެ ވާހަކަ ފެށީއެވެ.
“އަހަރެން ބޭނުން އެއްޗެއް ދެވޭނެތަ؟ ރަންކިޔަންވީނު!” ސަކަމިޒާޖުގެ އިޝާލް ބޭނުންވީ އަހަރެން ހެއްވާލާށެވެ. އެއީ އަބަދުވެސް އިޝާލްގެ އާދައެވެ.
“ސާބަސް.. އެއްކަލަ އިޝާލް. ކިޔަވާނެކަމެއް ނެތް. އަހަންނަށް ފެންނަނީ އަވަހަށް ކައިވެނި ކުރަން. މާބޮޑުމީހަކަށް ވެގެން ތިއުޅެނީ އިނގޭ.. އަދި ފިރިފުރާވަރަށް އެރީކީވެސް ނޫން.” އަހަރެންވެސް މަޖާ ރާގެއްގައި ބުނެލީމެވެ.
“ނަތޫ. ކޮބާތަ މިގަޑީގެ ސަރ؟ މިއަދުވެސް ކްލާހަށް ނާދޭތަ. މިހާރު ގިނައީ ދިވެހިގަޑިއަށް ސަލާމްބުނާ ދުވަސް. އަހަރުމެންނަށް ރަނގަޅުތާ ވާހަކަ ދައްކާލާނެ ވަގުތު ލިބޭތީ.” އިޝާލް ނަތޫއާ ވާހަކަދެއްކިއެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުމުގެ ނަޒަރަކުން އަހަރެން ނަތޫއަށް ބަލައިލީމެވެ.
“ނޭނގެ. ދޮގެއްނޫން ތިބުނީ. އޭތް.. މަ އެބައަންނަން.” ނަތޫ ދުރައްދިޔައެވެ.
“އިޝާލް! ވާހަކައެއް ބުނަންތަ؟ އެއްކަލަރޭ އިޝާލް އަހަންނާ އެހާ ގާތްކޮށް އުޅުނީމަ…. މަންމަމެން ތިބެނީ މިހާރު ވަރަށް ފާޑަކަށް. އަހަރެން ކައިރި އެހި އަޝާލްއާ އެހާބޮޑަށް ރައްޓެހިހޯ… ދެން އެނގޭ
ނޫންހޯ މިބުނީ ކީކޭކަން…” އަހަރެން އިޝާލްއަށް ކިޔައިދިނީމެވެ.
“ދެން؟” އެހެން ބުނަމުން އިޝާލް އަހަރެންގެ އަތުގަ ހިފާލިއެވެ. ހަމަ އެވަގުތު އަހަރެން މަޑުމަޑުން އަތް ދަމައިގަތީމެވެ. ކްލާސްތެރޭގައި އެކަހަލަ އަމަލެއް ހިނގަން އަހަރެން ބޭނުން ނުވާތީއެވެ.
“ދެން އަހަރެން ބުނިން ވަރަށް ގިނައިން ވާހަކަދައްކަމޭ. އެނޫނީ ކީކޭ ބުނާނީ؟” އަހަރެން މަންމަގާތު ބުނިގޮތަށް އިޝާލްގާތު ބުނީމެވެ.
“މަންމަ ރުޅިއައީތަ؟” އިޝާލް ކަންބޮޑުވެފައިއިނދެ އަހާލިއެވެ.
“ނޫން. އެކަމު ވަރަށް ފާޑަކަށްތިބީ.. އެހެންނުވާނީ. އަހަރެން ކައިރީގަ އިޝާލް ބަހައްޓާފަ ނަތޫ ދިޔައީވިއްޔަ. ނަތޫ އަޅެ ކީއްވާނީ މަޑުކޮށްލިނަމަ. އަހަރުން ދެމީހުން އެކަނި ކޮޓަރީގަ ތިބީމަ މަންމަ ކަންބޮޑުވީ.” އަހަރެން ޝަކުވާކުރީމެވެ.
“ނަތޫ ހުއްޓޭ ބަލައިލީމަ ފެންނަ ހިސާބުގަ. ޒީންގެ މަންމަމެން ރަނގަޅަށް ބަލާނުލާ ވާހަކަދެއްކީމަ ވީގޮތްތީ. އެހެން ނޫނަސް އަހަންނާ ދޭތެރޭ ޝައްކު ކުރީމަ އަހަރެން ވަރަށް އުފާވެއްޖެ. ކޮންމެސް ނަޒަރަކުން ވިސްނާތީތާ އަހަންނަށް ޝައްކުއެކުރީ. ހެހެހެ…” އިޝާލް އެކަންވެސްނެގީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެއްގެ ގޮތުގައެވެ.
“ނަތޫ ހުއްޓޭ؟ ކޮންތާކު؟” އަހަރެން ޔަގީންކުރަން އަހާލީމެވެ.
“އާނ… އަހަރެން ތިގެއިން ނުކުތްއިރު ނަތޫހުރި ދޮރުކައިރި. އެރޭ އަހަންނާ ނަތޫއާ ވާހަކަދައްކަމުން ގެޔަށް ދަނިކޮށް ފެނިގެން މަންމަމެން ަެއެއުޅެނީ. ނަތޫ އެވާހަކައެއްނު ދެންމެ ކިޔާދީފައެދިޔައީ.” އިޝާލް އަހަންނަށް އޮޅުންފިލުވައިދިނެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ހިތްނުތަނަވަސްކަމުން ސަލާމަތްވީ ކޮންމެސް މިންވަރަކަށެވެ. އެއީ ނަތޫއާ އިޝާލް އެރޭ އެކަހެރިކޮށް ވަގުތު ހޭދަކޮށްފައިވާތީއެވެ.
“ޒީންގެ އުފަންދުވަސްވެސް އަންނަނީނު. ކޯއްޗެއްތަ ބޭނުމީ؟” އިޝާލް އަހަރެންގާތު އަހާލިއެވެ.
“އިޝާލް އަހަރެންދެކެ ލޯބިވަނިކޮށް ނިމުނީ. އަހަރެންދެކެ ލޯބިންދޭ ހަދިޔާއެއްވިއްޔާ އެހިފާފަ ރޯންޖެހުނަސް އަހަރެން ގަބޫލުކުރާނަން. ބޮޑަށް އިޝާލްމަތިން ހަނދާން ހުންނާނީވެސް އޭރުންތާ.ހެހެހެ” އަހަރެން މަޖާކޮށްލުމުގެ ގޮތުން ބުނެލީމެވެ. ހަމަގައިމުވެސް ލޯބިވެރިޔާގެ އުފަންދުވަހު އޭނާ ދެރަކޮށްލަން ކެރޭނެ ބައިވެރިއެއް ނުހުންނާނެއެވެ. އެވަރު ކަމެއް ކުރަން ކެރޭނީވަކި ކާކަށްހެއްޔެވެ؟
ހަފްތާއެއް ވޭތުވެގޮސް އިޝާލްގެ އުފަންދުވަސް އަންނަ ހަފްތާ ބައްދަލުކުރީއެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން އަހަރެންގެ ހަދިޔާ އަހަރެން ހޯދަންޖެހުނީއެވެ. އަހަރެން އިޝާލްއަށް މިއުފަންދުވަހު ދޭންބޭނުންވަނީ އަހަރުމެންގެ ގުޅުމާދޭތެރޭ މައިންބަފައިގެ ރުހުމުގެ ބަހެކެވެ. އެހެންކަމުން އަހަރެން މަންމައާ ވާހަކަދައްކަން ހިތުގައި އަޒުމް ކަނޑައެޅީމެވެ.
އެރޭގެ އެކްސްޓްރާ ކްލާސް ނިންމާފައި އައިސް އަހަރެން މަންމަމެނާއެކު ކާން އިށީނީމެވެ. އޭރު އަހަރެންގެ ހިތުގެ އުންމީދު ކިތަންމެ ބޮޑަސް އަހަރެންނަށް ގެއްލިފައިވާ އެއްޗަކީ އަހަރެންގެ އަމިއްލަ ނަފްސާށް އޮންނަ އިތުބާރެވެ. އެފަދަ ހިތްނުތަނަވަސް ކަމާއެކު އަހަރެން ކާން އިށީނުމަށްފަހު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމެވެ. މަންމަގެ މޫނަށެވެ. ދެން ބައްޕަގެ މޫނަށެވެ. އެފަދަގޮތަކަށް އަހަރެންގެ ނަޒަރު ތަކުރާރު ކުރަމުންގޮސް އެންމެފަހުން އަހަރެންގެ ހިތުގެ އެދުން ކޮޅުންލީއެވެ.
“މަންމަމެންނަށް އެންމެ ރަނގަޅުތަ އަހަރެން ކިޔަވާނިނިގެން އި…އިޝާލްއާ ރައްޓެހިވިޔަސް؟” އަހަރެން ވަގުތުގެ ބޭނުންހިފީމެވެ. ވަރަށް އުންމީދުގައެވެ.
– ނުނިމެ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






