ހިތް އެދޭގޮތް ބޭނުންވެއެވެ 3
ކާހިތްވެސް ކެނޑިފައިވުމުން އަހަރެން ގެޔަށްވަދެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހީ ނިދާލަން ބޭނުންވުމުންނެވެ.ނަމަަވެސް ކޮޓަރިއާއި ގާތްވީ ވަރަކަށް އެތެރެއިން އަޑުތަކެއް އިވެމުން ދިޔުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.އައިރާ އާއި އިރާ އެތިބީ ބޭރު އުނދޯލީގައެވެ.ސާޝް މިވަގުތު އޮންނާނީ ރަނގަޅަކަށް ވިއްޔާ ނިދާފައެވެ.ވީ އިރު އަހަރެންގެ ކޮޓަރީގައި އޮންނާނީ އީޝާކް އެކަންޏެވެ.އެހެންވީއިރު ދެން އެ އިވެނީ ކޮން އަޑެއް ހެއްޔެވެ.މިފަދަ ޙިޔާލުތަކެއްގައި ހުރެ ގޮސް ކޮޓަރިޔަށް ވަދެ ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އަހަރެންގެ ހެޔަށް ގޮތެއް ނުވީ ކިރިޔާއެވެ.
މުޅި ކޮޓަރިތެރެ އެފުއްމިފުށަށް ޖެހިފައިވީއިރު އެކަމުގެ ކުއްވެރިންގެ ހާލަކީ ތޯއެވެ.ސާޝް އެނދުމަތީގައި ކޮޅަށް ހުރިއިރު އީޝާކް ހުރީ އަހަރެން އެންމެ ފަހުން ގަތް އަނގުބޮޑު ސެންޓުފުޅި އަތައް ލައިގެން ސާޝް އާއި ދިމާލަށް އޭތި އެއްލާލަން ތައްޔާރުވެގެންނެވެ.އަދި އިޝާން ހުރީ އަނގަމަތީގައި ދެއަތް އެޅިގޮތައް ގުޑިލަންވެސް ނޭނގިފައެވެ.އަހަރެން ނިތް އަރުވައިލުމުން އޭނާގެ ހަލުވި ދުވުމުގައި ހުޅުވިފައި ހުރި ދޮރުން އަވަހަށް ނުކުމެގެން ގޮއްސިއެވެ.”ވަޓް ދަ ** ހޭޒް ހެޕެންޑް ހިއަރ ޔޫ ޓޫ؟”އަހަރެން ދަބަސް ލިޔާމޭޒުމަތީ ބެހެއްޓުމަށްފަހު އެ ދެމީހުނަށް ބުނީމެވެ.”އަހައަހައަހައްހާ”އެވަގުތު ސާޝް ރޮމުން އައިސް އަހަރެންގެ އަތުތެރެއަށް ވަނުމުން އަހަރެން ހާސްވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.ސާޝްގެ ބުރަކަށީގައި ފިރުމަމުން އަހަރެން އީޝާކް އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.ސާޝް ރޯން ފެށުމުން މިއަދުވީ ހުރިހާ ކަމެއްހެން އަހަރެން ހަނދާންނެތުނު ކަހަލައެވެ.އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްްހާ ހިސާބުވެސް ވެއްޓުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ.އީޝާކް އޭރުވެސް ހުރިތަނަަށް ގަނޑުވެފައި ހުރި އިރު ސާޝް ދިޔައީ ރޮމުންނެވެ.އެންމެފަހުން އަހަރެން ސާޝް ގެންގޮސް އެނދުމަތީގައި ބޭންދުމަށްފަހު އީޝާކް އާއި ދިމާލަށް އެނބުރުނީމެވެ.”އިޓްސް މައި ފޯލްޓް!އަހަރެން ސާޝް ކައިރީ އަހަރެންގެ މަސައްކަތް ނިންމާދޭށޭ ބުނީމަ”އީޝާކް ސެންޓުފުޅި ޑްރެސިންގް ޓޭބަލް މަތީ ބެހެއްޓުމަށްފަހު އައިސް ސާޝް ގައިގައި ބައްދާލަމުން މަޢާފަށް އެދުނެވެ.”ޕިސް ޕިސް ޕިސް.ޝާކް ކައިރީ އަހަރެން ކިތައް ފަހަރު ބުނަންޖެހެނީ އެމީހެއްގެ ޒިންމާ އަދާކުރަން ޖެހޭނީ އެމީހެކޭ.ބަލަ ތިމާ މީހާގެ މަސައްކަތް އެހެންމީހަކު ލައްވާ ކޮށްގެން ޝާކް އަށް ލިބޭނީ ކޮންމޮޅެއް”
3 ވަނަ މީހާގެ ނަޒަރުން:
އިޝްއަލް ކުދިކިޔަމުން ގޮސް ފާހާނައަށް ވަނުމުން އީޝާކް އަވަސްވެގަތީ މަސައްކަތް ނިންމުމަށެވެ.ސާޝާވެސް އިތުރަށް މަޑުކުރަން ނަހަދާ ބޭރަށް ނުކުތީ އެކޮޓަރިތެރެ ހަމަޔަކަށް އަޅުވާލުމަށްފަހުއެވެ.ހަވީރު އީޝާކް އޭނާގެ އެކުވެރިން ކަމަށްވާ ފަރުހާދު އާއި ޔާއިން އާއި އެއްކޮށް ފުޓުބޯޅަ ކުޅެން ދިޔައިރު އިޝްއަލް ކޮޓަރިއަކުން ނުނުކުމެއެވެ. އޭނާގެ ހިތުގައި ވަނީ ވާދަވެރިކަމާއި ހަސަދައިގެ ހުޅުގަނޑެއް ރޯވެފައެވެ.ނޯމާން ބަލިކޮށްނުލަައި އޭނާގެ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ.އެ ދެމީހުންނާއި ޙިލާފަށް ދުވަހުގެ ބާކީބައި ސާޝާ ހޭދަކުރީ ފިލާވަޅުތައް ނިންމުމުގައެވެ.
އިރުއޮއްސެމުން ދިޔަ ވަގުތެވެ.އީޝާކް ސްކޫލް ބިއްދޮށުގައި އޮންނަ އެކުދިން ޕްރެކްޓިސްކުރާ ދަނޑުގެ ވިނަގަނޑުމަތީ އިށީނދެގެން އިންއިރު އިރުގެ ރަންދަޅަތައް އޭނާގެ މޫނަށް އެޅެމުން ދިޔައެވެ.ވަރުބަލިވެފައި ހުރުމުން މާނޭވާ ލެވޭހާލު އަތުގައި ހުރި ފެންފުޅި އެއްނޭވައިން ހުސްކޮއްލިއެވެ.”އޭ ޝާކް.ޑިޑް ޔޫ ޑޫ ދެޓް ގްރޫޕް ވޯކް؟”ލާނެތް ހިނިތުންވުމަކާއިއެކު ފަރުހާދު އައިސް އޭނާ ގާތުގައި އިށީންނަމުން ބުންޏެވެ.އެޔާއިއެކު އީޝާކް ތުންއަނބުރާލަމުން ކަޅި މައްޗައް ހިންގާލިއެވެ.”ފަރޭ ކަލޭ ވާ ރަނގަޅު.މަގޭ ބޮލަށް ކަލޭ މިއަދު އޭތި ޖެހީތީ މަމިހުރީ މިއަދު ސާޝް ކުރިމައްޗައް އަރަން ނުކެރިފަ”އީޝާކް ބުންޏެވެ.”އޭނ.އެއީ ކީއްވެ؟”ދުރުން އައި ޔާއިން ވެސް އެކުދިން ކައިރީ އިށީންނަމުން ބުންޏެވެ.އެއާއިއެކު އީޝާކް މިއަދު ވީގޮތް އެމީހުނަށް ކިޔައިދިނެވެ.އޭނާގެ ވާހަކަ ނިމުމުން ފަރުހާދު އާއި ޔާއިން ފެށީ ހޭށެވެ.”ހައްހައްހައްހައްހައް.ކަލޭ ކައިރީ އަފިރިން ނިބެނަން ދޯ ސާޝާ އަތައް އޭތި ނިންމަން ދޭށޭ”ޔާއިން އައްޑޫ ބަހާއި މާލޭ ބަސް އެއްކޮލަމުން ބުންޏެވެ.އައްޑޫއަށް ނިސްބަތްވާ އާއިލާއަކުން އައިސްފައި ހުރުމުން ޔާއިން އަށް ގިނަފަހަރު ވާހަކަ ދެއްކެނީ އެގޮތަށެވެ.”ހޫނ.ދެން މަ ބަލިވެގޮހޯ ހުއްޓީ ވަރުން އެޔާ އަތައް ދިނުންނު އޭ އެއްތާ ނިންމަންނަން”އީޝާކް ރަތްދޫ މީހުން އާއްމުކޮށް ވާހަކަ ދައްކައި އުޅޭ ހުވަދޫ ބަހުން ބުންޏެވެ.”އޭ ދެމީހުން ފާޑުފާޑުގެ ބަސްބަހުން ވާހަކަ ނުދައްކާ ހިނގާ ގެޔައް ދާން.މިހާރު މަންމަ ކިޔާ ގޮލާ ހުންނާނެ ބޭރަށް އިލޮށިފަތި ހިފައިގެން ނުކުމެ”ފަރުހާދު ދެމީހުންގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ބުންޏެވެ.އެއާއިއެކު ތިންކުދިންވެސް ތިބިތަނުން ތެދުވެ އަވަސްވެގަތީ އެކުއްޖެއްގެ ގެޔަށް ދިއުމަށެވެ.
ހަވީރު އެނދައް އަރާ ނިދިގޮތައް އިޝްއަލް އަށް ހޭލެވުނީ މަޢްރިބު ނަމާދައް ބަންގިގޮވުމުންނެވެ.ހަތަރުދަމު ރަނގަޅަށް ނުކައި ހުރުމުގެ ސަބަބުން ބަނޑުގައި ގޭސް ހެދޭނެކަން ޔަޤީނެވެ.”ދޮންބޭ.ތި ހޭލީ ދޯ.މަ ނުކުމެ ގޮވަން ވެގެންނޭ މިއުޅުނީވެސް”އީޝާކް އުނަގަނޑާއި ހަމައިން ތުވާލި އޮޅާލައިގެން ހުރެ ފާހަނައިން ނުކުންނަމުން ބުންޏެވެ.”އެހެންނެއްނު ވާނީ.އެ ނޯމާނޭ ކިޔާ އެއްޗަކާއި ހެދި މަގޭ މުޅި ދުވަސް ޙަރާބުވީމަ”މި ބަސްތައް ވީ އިޝްއަލްގެ ހިތު ތެރޭގައެވެ.އެވަގުތު ސާޝާ އޮރެންޖު ޖޫސް ތައްޓެއް ހިފައިގެން އައިސް އެކޮޓަރިއަށް ވަދެ އިޝްއަލް ގާތުގައި އިށީނެވެ.”އައި އޭމް ސޮރީ.ދޮންބެ އެންޑް ކުޑަބެ.އައި އޯވާރ ރިއެކްޓެޑް”ސާޝާ ދެރަވެފައި އިނދެ ބުންޏެވެ.އެޔާއިއެކު ޑްރެސިންގް ޓޭބަލް ކުރިމަތީ ހުރި އީޝާކް އައިސް ސާޝާ ގައިގައި ބައްދާލަމުން އެއީ އެވަރު ކަމެއް ނޫންކަމަށް ބުންޏެވެ.އެ މަންޒަރު ބަލަން އިން އިޝްއަލްގެ ތުންފަތްމައްޗައް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.އެ 5 ބެއިންގެ ގުޅުމަށް ބުރޫ އަރާ ވަރުގެ ކަމެއް މެދުވެރިނުވުމަށް އެދި ހިތާ ހިތުން ދުޢާ ކުރެވުނެވެ.
އޭގެ އަނެއް ދުވަހެވެ.މިއަދަކީ ސްކޫލްގެ އިނޯގްރޭޝަން ހަފްލާއަށް ޓަކައި ދަރިވަރުން ހޮވަން ހަމަޖެހިފައި އޮތް ދުވަހެވެ.އެހެންކަމުން މެންދުރު ގަޑީ ސްކޫލުން ގެޔަށް އައިސް ސާޝާ އާއި އީޝާކް ދިޔައީ އޮޑިޝަން ގައި ބައިވެރިވުމަށްޓަކައި އެ ކުދިންނަށް ހަވާލުކުރެވިފައިވާ ގަނޑުކޮޅު ފަރިތަކުރަމުންނެވެ.ސާޝާގެ ކޮޓަރީގައި ތިބެ ދެކުދިން ފަރިތަކުރަމުން ދިޔައިރު އިޝްއަލް އިނީ އެކައުންޓިންގް ފިލާވަޅުތައް ނިންމުމަށްފަހު ފޯނުން އިންސްޓަގްރާމަަށް ވަދެ ރެހާން އާއި ޗެޓު ކުރާށެވެ.
ރެހާން:ބްރޯ ކައެ އަދިވެސް ތިވިސްނަނީ އެކަމާއިގެން ދޯ.
އިޝްއަލް:ނޫން.ދެން މަ ކޮންމެހެން ކީއްކުރަން ނޯމާންގަނޑަކާއި ހެދި އެހެންކަންކަމަށް ބުރޫ އަރާނެވަރަށް ވިސްނަންވީ.އެކަމަކުވާ އެބަޖެހޭ ގޮތެއް ހަދަން.
ރެހާން:އޭނަ ގެންގުޅޭ މަންޖެގަނޑު ކައެ ޖަހައިގަންނަންވީއެއްނު.ހެއްހެއް.
ރެހާން މަޖަލަކަށް ހަދާފައި ފޮނުވި މެސެޖު ކިޔާ ނިމުމުން އިޝްއަލް ވިސްނާލިއެވެ.ތެދެކެވެ.ނޯމާން ރައްޓެހިވެގެން އުޅޭ އާލިޔާ އަކީ އިޝްއަލްއަށް ވަރަށް ކަމުދާ ކުއްޖެކެވެ.ދޮން ހަންގަނޑަކާއި މަޑު މުށިކުލަ އަރާ އިސްތަށިގަނޑެއް ލިބިފައިވުމުން އަޅައިގަންނަ ގޮތެއް ހުރެއެވެ.އަންހެންކުއްޖަކު ހޯދުމަކީ އިޝްއަލްއަށް މާ އުނދަގޫ ކަމެއް ނޫނެވެ.މަންމަމެންނަށް ސިއްރުން އޭނާ އައީ އުމުރުން ވީހާ ދުވަހަށްވުރެ ގިނަ އަދަދަކަށް އަންހެންކުދިންނާއި ރައްޓެހިވެ ގުޅުންބާއްވަމުންނެވެ.ބުރުސޫރަ ރީތިވެފައި މީހުންގެ ކުރިމަތީގައި އޭނާގެ ހަޤީގަތް ފޮރުވަން މޮޅުވުމުގެ ސަބަބުން އޭނާގެ މަޅީގައި ނުޖެހޭ ކުއްޖަކު މަދުވާނެއެވެ.ނަމަވެސް ކުރިން އޭނާއަކީ ދުވަހަކުވެސް އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި އިން ކުއްޖެއް ހޯދަން މަސައްކަތް ކުރި މީހެއް ނޫނެވެ.އިޝްއަލް ޤަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށްވެސް އެމީހަކު އަމިއްލައަށް ގޮތްނިންމުމުގެ ހައްޤު އޮންނަންވާނެއެވެ.އެހެންކަމުން އޭނާ ގިނަފަހަރު ކުދިންނާއި ރައްޓެހިވަނީވެސް “ނޮން ސީރިއަސް” ކޮށެވެ.ބޭނުން އިރަކު ދެމީހުންގެ މެދުގައި އޮންނަ ގުޅުން ނިމިގެންދާނެ ކަހަލަ ގޮތަކަށެވެ.ނަަމަވެސް ނޯމާން އަތުން އާލިޔާ ޖަހއިގަންނަން ބޭނުންނަމަ އޭނާއަށް ޖެހޭނީ އާލިޔާއަށް އޭނާ އާލިޔާ ދެކެ ލޯބިވާކަން ސާބިތުކޮށްދޭށެވެ.އެހެންގޮތަކަށް ބުނާނަމަ ލޯބިވާ ކަމަށް ބުނެ ދަޅަ ދައްކާށެވެ.އެކިފަހަރު އެކި އަންހެންކުދިންނާއި އެއްކޮށް އުޅެން އާދަވެފައިވުމުން ލޯތްބަކީ ކޯއްޗެއްކަން އިޝްއަލް އަކަށް ނޭނގެއެވެ.ކޮންމެ ކުއްޖަކާއިވެސް ރައްޓެހިވުމަށްފަހު އޭނާގެ ބޭނުންތައް ފުދުމުން ދޫކޮއްލަނީއެވެ.އެއީ އިޝްއަލްގެ ގޮތެވެ.
ހަވީރުވުމުން ސާޝާއާއި އީޝާކް އޮޑިޝަން ހޯލަށް ދިއުމަށްޓަކައި ސްކޫލަށް ދާން ނުކުތްއިރު އިޝްއަލް އުޅުނީ ފުޓުބޯޅަކުޅެން ދާށެވެ.ކުޑައިރުއްސުރެވެސް އިޝްއަލް ބުނާގޮތުން ވެއްޖެއްޔާމުން އޭނާ ވާން ބޭނުންވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށެވެ.ނަމަވެސް އެކަމަށް ޓަކައި އޭނާއަށް ސަޕޯޓު ލިބެނީ ހަމައެކަނި ސާޝާގެ ފަރާތުންނެވެ.އީޝާކް ވެސް ފުޓުބޯޅަ ކުޅެ އުޅުނެއް ކަމަކު އެ ދާއިރާއިން ކުރިޔަށް ދިއުމަށް އޭނާގެ މާބޮޑު ޝަޢުގުވެރިކަމެއް ނެތެވެ.ޝުމައިލާ އާއި އިޖާޒް ޤަބޫލުކުރާގޮތުގައި އިތުރު ހަރަކާތްތަކަކީ ބޭކާރު ކަންކަމެވެ.ސްކޫލަށް ދާންޖެހެނީ ހަމައެކަނި ކިޔެވުމަށެވެ.ނަމަވެސް މިހާރުގެ ހާލަތު އޮންނަގޮތުން ވެއްޖެއްޔާމުން ކިޔެވުމަށްވުރެ ސްކޫލްތަކުން” އެކްސްޓްރާކަރިކިކުލަރ އެކްޓިވިޓީސް”ތަކަށް ސަމާލުކަންދެއެވެ.އެހެންކަމުން އެކަމާއިގެން ނުރުހުންވާ މައިންބަފައިންނަށްވެސް ކުރެވޭނޭ މާބޮޑު ކަމެއް ނެތެވެ.އަދި ޕީޓީއޭ ގައި ގިނަވީވެސް އެފަދަ ހަރަކާތްތަކުގައި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ ހޭވައްލާ ތައްޔާރަށް ތިބޭ މީހުންނެވެ.
އީޝާކް އާއި ސާޝާއަށް ހޯލަށް ވަދެވުނުއިރު ގްރޭޑް 5 އަކުން ފެށިގެން މަތީ ދަރިވަރުން 60 އަށްވުރެ ކުޑަ ނުވާނެ އަދަދަކަށް ހޯލަށް ޖަމާ ވެފައި ތިއްްބެވެ.އެތަން ފެނި އީޝާކްގެ މޫނުމަތިން މާޔޫސްކަމުގެ އަސަރު ފާޅުވިއިރު ސާޝާގެ މޫނުމަތިން ފެނުނީ ޔަޤީންކަމެވެ.ކުޑާއިރުއްސުރެވެސް ސާޝާ އަކީ މައިކާއި ޕޯޑިއަމާއި ރައްޓެހި ކުއްޖަަކަށްވުމުން ސްޓޭޖް ނަރވަސްނެސް އަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ.މީގެ ކުރިންވެސް އޭނާ ވަނީ ކްލާސް އެސެމްބްލީ ތަކުގެ އިތުރަށް ރެޑް ސްޓަރގައި މީގެ ކުރިން ބޭއްވުނު އެކި އެކި ހަފްލާތަކުގައި ހޯސްޓެއްގެ މަޤާމު އަދާކޮށްފައެވެ..ވުމާއެކު މިއީ އޭނާއަށް އާކަމަކަށް ނުވިއެވެ.މިއަދު މިބޭއްވޭ އޮޑިޝަނަކީ އިނޯގްރޭޝަން ހަފްލާއަށް ހޯސްޓުންނާއި ނަންތައް އިއުލާން ކޮށްދޭނެ ފަރާތްތައް ހޯދުމުގެ ގޮތުން ބޭއްވޭ އޮޑިޝަނެކެވެ.އެގޮތުން އެކި އެކި މަޤާމުތަކަށް ހޮވިފައިވާ ދަރިވަރުންގެ ނަންތައް އިޢުލާނުކުރުމާއި ޕްރިފެކްޓްސް އަދި ޖޫނިއަރ ޕްރިފެކްޓުންގެ ނަންތައް އިޢުލާނު ކުރާނޭ 20 ވަރަކަށް ކުދިން އޮޑިޝަންގައި ކޮންމެ އަހަރަކު ހޮވައެވެ.މަޝްހޫރު ލެކްޗަރާއިންނާއި އެޑިޔުކޭޝަން ދާއިރާގައި ނަންހިނގާ އެތަކެއް ޝަޙުސިއްޔަތުތަކަކަށް ދަޢުވަތު އެރުވިގެންދާ މި ހަފްލާ ޒީނަތްތެރި ކުރުމަށްޓަކައި ސްކޫލުން ނަގަނީ އެންމެ އިނގިރޭސި އަދި ދިވެހި ފެންވަރު ރަނގަޅު ކުދިންނެވެ.މިއަހަރު މި ހަފްލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުން ކަމަށްވާތީ އޮޑިޝަން ގައި ބައިވެރިވާން ބޭނުންވާ ކޮންމެ ކުއްޖަކަށް އޮތީ އިނގިރޭސި ބަހުން ޖަލްސާގައި ކުރިޔަށް ގެންދެވޭ ހުރިހާ ބައިތަކެއް ހިމެނޭ ގޮތައް ތައްޔާރުކޮށްފައި އޮތް ސްޕީޗެއް ހަވާލުކުރެވިފައެވެ.އިނގިރޭސިން މުޅި ގްރޭޑުގައިވެސް އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނޭ އެއްކުއްޖަކީ ސާޝާ ކަމުގައި ވާނެއެވެ.އެހެންކަމުން މިފަހަރުގެ އޮޑިޝަނުން ހޮވޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތެވެ.ހޯލަށް ހާޒިރުވެ ތިބި ކުދިންގެ ތެރެއިން ދަންނަ މޫނެއް ފެނޭތޯ ސާޝާގެ ރީތި ދެލޯ ހޯދަމުން ދިޔައިރު ދުރުގަައި ނާއިޝްމެންނާއި ވާހަކަ ދައްކަން ހުރި ޝަހާންގެ ރީތި ސޫރަ ފެނުމުން އޭނާގެ ތުންފަތްމަށްޗައް ވެރިވީ ލުއި ހިނިތުންވުމެކެވެ.އެއަށް ވުރެ ތަންކޮޅެއް ދުރުގައި ގޮނޑިބަރީގައި އިށީނދެގެން ތިބީ ނުހާ އާއި އުލާގެ އިތުރުން މުޅި ގްރޭޑުންވެސް އެންމެ މޮޅު ދަރިވަރުކަމަށް ފާހަގަ ކުރެވިފައިވާ ލަޔާންއެވެ.ލަޔާން އަކީ ކިޔެވުމަށް މޮޅުވެފައި ޤުރުއާން ހިތުދަސްކޮށްގެން ހާފިޒެއްގެ ލަޤަބު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.އޭނާއަކީ ފުދޭވަރަކަށް ސަކަރާތްޖަހާ ހަލަނި ގޮތްގަނޑެއް ހުންނަ ކުއްޖެކެވެ.ނަމަވެސް އެއްވެސް ބަޔަކަށް އެކަން ފާހަގަނުވަނީ ކިޔެވުމަށް މޮޅުވެފައި މުދަައްރިސުންނަށް ކުރާ އިޙްތިރާމުގެ ސަބަބުން މީހުނަށް އެކަން ފާހަގަ ނުވަނީއެވެ.ލަޔާން އާއި ޖެހިގެން އިނީ ރާޔާ އެވެ.ރާޔާ އަކީ މީހުނާއި ގުޅޭ އާއްމުކޮށް އެހެން ކުދިންނާއި އަޅާ ބަލާއިރު އާދަޔާ ޙިލާފަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ.އެހެންކަމުން ރާޔާއަކީ ގިނަ މުދައްރިސުންނާއި ދަރިވަރުންގެ ލޯބި ލިބިފައިވާ ދަރިވަރެކެވެ.ކިޔެވުމަށްވެސް އެހާ މޮޅެވެ.
އެހެންކުދިން ރާޔާ އަކީ ރޯލް މޮޑެލްއެއް ކަމަށް ބަލައިގެން އުޅޭއިރު ސާޝާގެ ހިތުގައި ރާޔާ އާއި މެދު ކުޑަވަރެއްގެ ފޫހިކަމެއް އުފެދިފައި ވެއެވެ.އެވަގުތުވެސް ރާޔާ އިނީ އެހެންކުއްޖަކަށް އެކުއްޖާގެ ގަނޑުގައި އޮތް އިބާރާތްތައް ކިޔަންވާ ގޮތް ދަސްކޮށްދެމުންނެވެ.އެތަން ފެނުމުން ސާޝާއަށް ތުންއަނބުރައިލެވުނެވެ.މިމަންޒަރު ކައިރީހުރި އީޝާކްއަށް ފެނުމުން އިޝާރާތުން ކިހިނެތްވީހޭ އަހާލިއެވެ.”ދެޓް ރާޔާ.އައި ޖަސްޓް ޑޯންޓް ލައިކް ހަރ”ސާޝާ މިހެން ބުނުމުން އީޝާކްވެސް އެދިމާލަށް ބަލައިލުމަށްފަހު ސާޝާއާއި ދިމާލަށް އެނބުރުނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.”ވައި ސާޝް؟ޝީ އިޒް ސޯ ކައިންޑް”އީޝާކް އަށް ސާޝާ ރާޔާދެކެ ހިތްހަމަނުޖެހެންވީ ސަބަބެއް ނުވިސްނުނެވެ.”ސީރިއަސްލީ ކުނޑަބޭ.ޖަސްޓް ލޫކް އެޓް ދެޓް ބިގް ސްމައިލް އޮން ހަރ ފޭސް.ނޭނގެ ކީއްވެ ކަމެއް އެކަމަކު އަހަންނަށް ބޮޑަށް ހީވަނީ އޭނަ މާބޮޑަށް ކައިންޑް ވެގެން އުޅެނީ މީހުންގެ ސިމްޕަތީ ހޯދަންވެގެންހެން.ލައިކް ޝީ އިޒް ޖަސްޓް އޯވަރ ކައިންޑް އެންޑް އައި ޑޯންޓް ލައިކް އިޓް”ސާޝާ ކަޅި މައްޗައް ހިންގައިލަމުން ބުނިއިރު އެއަޑުން އެކަނިވެސް އޭނާ ފޫހިވެފައިވާ މިންވަރު އީޝާކްއަށް ދޭހަވިއެވެ.”ހެއްހެއް.ޑޯންޓް ތިންކް އެބައުޓް އިޓް.އޭނަ ކިތަންމެ މޮޅަސް ސާޝް އެއަށްވުރެ މާ މޮޅުވާނެކަން ޔަޤީން.ދެން އޭނަ ކައިންޑް ވިޔަސް އިޓްސް ނޮން އޮފް އަވަރ ބިޒްނަސް.ސާޝް ވެސް ގިނަ ކުދިންނާއި އެކުވެރިވެ ގާތްކަން ބާއްވަން މަސައްކަތްކުރާވަރަކަށް ސާޝް އަކީ ވެސް އެކުވެރިއެއްގެ ގޮތުގައި ކުދިން ބަލައިގަންނާނެ.އީޝާކް މިހެން ބުނުމުން ސާޝާ ހިނިތުންވެލީ އިތުރަށް އެމައުޟޫ އާއި ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވުމުންނެވެ.ބަދަލުގައި އޭނާގެ ނަޒަރު ބަދަލުކޮށްލީ ޝަހާންއަށެވެ.އޮޑިޝަންގެ ހުރިހާ ބައިވެރިންހެން ހަމަވުމާއިއެކު މުދައްރިސުންގެ އިރުޝާދުގެ ދަށުން ގްރޭޑް ފަހަކުން ފެށިގެން ފަހަރަކު ކުއްޖަކު ޕޯޑިއަމް ކައިރީ ހުއްޓިހުރެ ގަނޑުކޮޅުގައިވާ ނަންތައް އިއުލާންކޮށް ހޯސްޓުގެ ބައިވެސް ކިޔަމުން ދިޔައެވެ.ސާޝާ ދިޔައީ އޭނާއަށްވުރެ ކުރިންނާއި އޭނާއަށް ވުރެ ފަހުން ސްޓޭޖަށް އަރައި ފައިބަމުން ދިޔަ ކޮންމެ ކުއްޖެއްގެ ހުށައެޅުމާއި ހަރަކާތްތައް ގާތުން ބަލައި ހިތާހިތުން އެކަންކަމަށް ފާޑުކިޔަމުންނެވެ.އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި ގިނަ ކުދިންނަށް އަޑުބާރުކޮށް ހުށައެޅުމުގައި ދަތިތަކެއް ހުއްޓެވެ.އެގޮތުން ރިޔާން އާއި ނަވާޒް ފަދަ އަކުރުތައް ކިޔުމުގައި އުނދަގޫކަން ހުރި ކުދިން ހިމެނެއެވެ.އަދި އެކިކުދިން ކިޔުމުގައި ކުއް ޖެހުނެވެ.އޭގެ ތެރޭގައި އީޝާކްވެސް ހިމެނެއެވެ.ދެފައި ތުރުތުރު އަޅާ ހާލު ނަމަވެސް އަކުރުކިޔުމާއި ހުށައެޅުމުގެ ކުދި ކުއްތައް ފިޔަވައި މާބޮޑު ގޯހެއް ނުހަދައި ސްޓޭޖުން ފައިބައިގެން އައިސް އޭނާ އިނީ ފަރުހާދު މެންނާއިއެއްކޮށް ސިއްރުން ފޯނު ހިފައިގެން އައިސް ޕަބްޖީ ކުޅޭށެވެ.
އޮޑިޝަން ނިމުމުން ސާޝާ މެނަށް ގެޔާއި ހަމަޔަށް އާދެވުނު އިރު ހުރީ އިރުއޮއްސި 6 ޖެހުމާއި ގާތްވެފައެވެ.އެއިރު މަލާއިންމެން ދެބެއިން އަށިމަތީގައި ތާސްކުޅެން ތިއްބެވެ.”އޭތް.އޮޑިޝަންގަ ކީތް ކޮއްފަ ތިއައީ؟ޝާކްބެ ރަނގަޅަށް ކިޔުނުތަ އަނެއްކާ؟ނޫނީ ސްޓޭޖް މަތީ ހުރެގެން ކަޅި ޖަހާނުލާ ބެލީ އަމްނާއަށްތަ؟”ދެ ކުދިން އެހިސާބަށް ފޯރުމުން މަލާއިން އީޝާކްއާއި ދިމާކޮއްލުމުގައި މިފަހަރު ހަތިޔާރެއްގެ ގޮތުގައި އެ ބޭނުންކުރީ އެ ހިތުގެ ރާނީ އަމްނާއެެވެ.އީޝާކް އަމްނާ އާއި މެދު ތަފާތު ނަޒަރަކުން ދެކޭކަން އެނގެނީ ހަމައެކަނި އޭނާގެ ދެ އެކުވެރިންގެ އިތުރުން މަލާއިން،ލިއާ އަދި ސާޝާއަށެވެ.އިޝްއަލްގެ މިޒާޖު ހުންނަ ގޮތުންނާއި ހަގަށް ތިބި ތިންބެއިން އޯވަރޕްރޮޓެކްޓިވް ކޮށް ގެންގުޅެން ކުރާ މަސައްކަތުގެ ސަބަބުން އެއްވެސް ކުއްޖަކަށް އިޝްއަލްގެ ގާތުގައި އިސްވެ އެވާހަކަ ދައްކާކަށް ނުކެރެެއެވެ.ޝުމައިލާ އާއި އިޖާޒް އަދި އިޝްއަލް އަށް ވެސް ކުއްޖަކާއި ރައްޓެހިވުމުގެ ހުއްދައެއް ނުދެއެެވެ.ނަމަވެސް މި ޒަމާނަކީ މައިންބަފައިންނަށް ނޭނގި އެފަދަ އެތައް ޢަމަލުތަކެއްގައި ދަރިވަރުން ޝާމިލުވަމުންދާ ޒަމާނެކެވެ.އަދި ގިނައީވެސް މައިންބަފައިންނަށް އެނގިދާނެތީވެ އެ ފަދަ ކަންކަން ސިއްރުކޮށްގެން އުޅޭ ތޫނުފިލި ކުދިންނެވެ.އޭގެ ތެރޭގައި އިޝްއަލް ހިމެނޭކަން ޔަޤީނެވެ.
“އޯ ގޯޑް މަލާ.ބަލަ އަހަންނަށް ހަމައެކަނި ހެދުނު މިސްޓޭކަކީ ޕްރިފެކްޓް އިންތަނަށް ޕަރފެކްޓްއޭ ކިޔުން.އެނޫން އެހެން ހުރިހާ ތަނެއް ހަމަ ރަނގަޅަށް ކީ.ދެން އަމްނާ އިޒް ނޮޓް ހިއަރ އޭޒް ޝީ ވެންޓް ޓު މާލެ މިއަދު”އީޝާކްގެ ޖަވާބު އިވިފައި މަލާއިން ރަކިވިއެވެ.”ހެހެހެ.އެހެންތަ.ތީ އަދި މަށަށް ނޭނގޭ ކަމެއް.ދެން ރަނގަޅުތާ ދޯ ތިކަން ނިންމާލެވިއްޖެ ވިއްޔާ.ހޮވޭނެހެން ހީވޭތަ؟”މަލާއިން ގަނޑުަތައް ކަނޑަމުން ބުންޏެވެ.”އޮފްސީ މަލާ.ޔުއަރ ބެސްޓީ ޔަޤީނުންވެސް ހޮވޭނެއެއްނު”ސާޝާ ފޮނިވެލަމުން ގަތާފައި އޮތް އިސްތަށިގަނޑު ގެނެސް ކުރިޔަށް ވައްޓާލަމުން ބުންޏެވެ.”އާނ.ތިކަން އެނގެޔޭ އަހަރެމެންނަށް.އެކަކު ނުހޮވުނަސް ސާޝް ހޮވޭނެކަން”މަލާއިން އެއިންގޮތައް އިނދެ ލާނެތް ހިނިތުންވުމަކާއިއެކު ބުންޏެވެ.އެއާއިއެކު ސާޝާ ނޫން ބާކީ ތިބި ތިންމީހުން އެކީ އެއްފަހަރާ ހޭންފެށިއެވެ.“ސާޝް.ޝާކް.ހަމަ މިހާރު ވަދޭ އެތެރެޔަށް!” އެއަޑަށް 4 ކުދިން އެއްފަހަރާ ސިއްސައިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

V reethi, waiting for next 🤍