ހިތް އެދޭގޮތް ބޭނުންވެއެވެ 4
“އޯ ގޯޑް މަލާ.ބަލަ އަހަންނަށް ހަމައެކަނި ހެދުނު މިސްޓޭކަކީ ޕްރިފެކްޓް އިންތަނަށް ޕަރފެކްޓްއޭ ކިޔުން.އެނޫން އެހެން ހުރިހާ ތަނެއް ހަމަ ރަނގަޅަށް ކީ.ދެން އަމްނާ އިޒް ނޮޓް ހިއަރ އޭޒް ޝީ ވެންޓް ޓު މާލެ މިއަދު”އީޝާކްގެ ޖަވާބު އިވިފައި މަލާއިން ރަކިވިއެވެ.”ހެހެހެ.އެހެންތަ.ތީ އަދި މަށަށް ނޭނގޭ ކަމެއް.ދެން ރަނގަޅުތާ ދޯ ތިކަން ނިންމާލެވިއްޖެ ވިއްޔާ.ހޮވޭނެހެން ހީވޭތަ؟”މަލާއިން ގަނޑުަތައް ކަނޑަމުން ބުންޏެވެ.”އޮފްސީ މަލާ.ޔުއަރ ބެސްޓީ ޔަޤީނުންވެސް ހޮވޭނެއެއްނު”ސާޝާ ފޮނިވެލަމުން ގަތާފައި އޮތް އިސްތަށިގަނޑު ގެނެސް ކުރިޔަށް ވައްޓާލަމުން ބުންޏެވެ.”އާނ.ތިކަން އެނގެޔޭ އަހަރެމެންނަށް.އެކަކު ނުހޮވުނަސް ސާޝް ހޮވޭނެކަން”މަލާއިން އެއިންގޮތައް އިނދެ ލާނެތް ހިނިތުންވުމަކާއިއެކު ބުންޏެވެ.އެއާއިއެކު ސާޝާ ނޫން ބާކީ ތިބި ތިންމީހުން އެކީ އެއްފަހަރާ ހޭންފެށިއެވެ.“ސާޝް.ޝާކް.ހަމަ މިހާރު ވަދޭ އެތެރެޔަށް!” އެއަޑަށް 4 ކުދިން އެއްފަހަރާ ސިއްސައިގެން ދިޔައެވެ.
އެއިރު “އިރުވައި” ގޭގެ ދޮރޯށިމައްޗައް ނުކުމެ ޝުމައިލާ ހުރިއިރު މަގުގެ އަނެއްފަރާތުން ފުޓުބޯޅަ ބޫޓު އަތައް ނަގައިގެން އައި އިޝްއަލްވެސް އެއަޑު އިވުމުން ދެފަރާތައް ބޯހޫރާލިއެވެ.”ޕިސް.ޕިސް.މިއޮތީ ކަންތަކާ ލައިގެންފަ”އީޝާކް މިހެން ބުނެ ގެޔާއި ދިމާލަށް ހިނގައިގަތުމުން ފަހަތުން ސާޝާވެސް އެމީހުނަށް ހަނާއަޅާލަމުން އީޝާކްގެ ފަހަތުން ދިޔައެވެ.”މަލާ.ލިއާ.ދެކުދިންވެސް މާދަމާ 4 އަކަށް ރެޑީ ވައްޗޭ “ސަންރައިޒް” އަށް ދާން.މާދަން ހުކުރެއްނު”ޝުމައިލާ އަށި މަތީ ތިބި ދެކުދިންނަށް އަޑުއިވޭވަރަށް ބުނުމުން ގެޔަށް ވަދެ ވަދެ ތިބި ތިން މީހުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.ޙާއްސަކޮށް ސާޝާއެވެ.މާއިޒް އާއި މަނާލް އާ ބައްދަލުނުވާތާ ފުދޭވަރަކަށް ދުވަސްވެފައިވުމުންނެވެ.”މާދަން ހުކުރު ވީމަ ނެތްދޯ ތިން ކުދިންގެ އެއްވެސް ކަމެއް އެގަޑީ؟އިޝޫ އާ ޝާކް ނުވާނެ އެގަޑީ ބޭރަށް ގޮސްގެން.މާދަމާއަކީ މާމަގެ ފާތިހާ ދުވަސް.އެހެންވީމަ އެގޭގަ ކުޑަ ސަޔެއް އޮންނާގެ ގާތް ރައްޓެހިންނާއި ތިމާގެ މީހުނަށް.އެހެންވީމަ މަންމަ ބޭނުން ހުރިހާ ކުދިންވެެސް ހަމަވާން”ޝުމައިލާ އެތެރެއަށް ވަދެ ކިޔައިދިނެވެ.ސާޝާއަކީ މަލާއިންމެން ގެޔަށާއި ސްކޫލަށް ދާން ނޫނީ ގެއިން ބޭރަށް ނުކުމެ އުޅޭ ކުއްޖަކަށް ނުވުމުން އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއްނުދީ އޭނާގޮސް ކޮޓަރިޔަށް ވަނެވެ.ނަމަވެސް އެޔާއި ޙިލާފަށް ދެ ފިރިހެން ކުދިންގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
“** ބްރޯ.ދެން މާދަން ރެހާން މެންނާއި އެއްކޮށް ބޭރަށް ނުދެވޭނެ”އިޝްއަލް ކަޅުކުލައިގެ ބާތްރޯބެއް ލައިގެން ފޯނުން ސްނެޕް ކުރަން ހުރެ އެނދުމަތީ އޮތް އީޝާކްއަށް ބުންޏެވެ.”ސޭމް ބްރޯ.މަ ވެސް ޕްލޭންކޮށްގެން ހުރީ ފަރޭ މެންނާ އެއްކޮށް މާދަން ޖެޓީއަށް މަސްބާނަން ދާން”އީޝާކް އިސްތަށިގަނޑުގެ ތެރެެއަށް އަތް މަހާލަމުން ބުންޏެވެ.”ވަޓްއެވަރ.އިޓްސް މާމަގެ ފާތިހާ ދުވަހެއްނު.ވީ ކާންޓް މިސް އިޓް”އިޝްއަލް ވެސް އައިސް އެނދުގެ އަނެއް ފަޅީގައި އޮށޯންނަމުން ބުންޏެވެ.”ރައިޓް.މާއިޒް މެންނާއި ދިމާނުވާތާވެސް ފުދޭވަރަކަށް ދުވަސްވެއްޖެ.އަދި އަނެއްކޮޅުން މާހާއްތަ އިނީ ބަލިވެ.ދެން ޖެހޭނީ ދާންތާ” އީޝާކް އޮތް ގޮތައް އޮވެ ބުންޏެވެ.”އެނީވޭސް.އޮޑިޝަން ކިހިނެތްތަ ދިޔައީ؟”އިޝްއަލް މިހެން އެހުމާއިއެކު ދެން އެ ދެމެދުގައި ދެކެވިގެންދިޔައީ ހުސް އޮޑިޝަންގެ ވާހަކައެވެ.
ގަދަނޫކުލައިގެ ސޯޓަކާއި ކަޅުކުލައިގެ ޓޮޕްކޮޅެއް ލައިގެން ނިދަން އަރާ އޮތް ސާޝާގެ ސިކުނޑީގައި ވަނީ ޝަހާން ނޫން ދެވަނަ މީހެއްް ނޫނެވެ.އޭނާގެ ހިތުގައި ޝަހާންއާއި މެދު އިހުސާސްތަކެއް އުފެދެން ފެށީ ކޮންއިރަކު ކީއްވެގެން ކަމެއް ޙުދު ސާޝާއަކަށްވެސް ނޭނގެއެވެ.ލޯބީގެ ނަމުން މި އިހުސާސްތަކަށް އޭނާ ނަންދިނީ އަމިއްލައަށެެވެ.މިހާރުވެސް އެދަނީ ޝަހާން އާއި ދެމީހުންގެ އުފާވެރި ހަޔާތް އޭނާގެ އުފެއްދުންތެރި ސިކުނޑީގައި ކުރަހައި ކުލަޖައްސަމުންނެވެ.ނަމަވެސް ސާޝާގެ މި ހުވަފެންތައް ހަޤީގަތަކަށް ވާނެ ބާވައެވެ؟ޝަހާންދެކެ އޭނާއަށް ވެވިފައި އެވަނީ ހަޤީގީ ލޯބިހެއްޔެވެ؟ނޫނީ އެއީ ހަމަ ސާޝާއަށް ހީވާގޮތް ހެއްޔެވެ؟ޝަހާންގެ ކުރިމަތީގައި ސާޝާއަށް އެ ހިތް ހުޅުވާލެވިދާނެ ހެއްޔެވެ؟ނުވަތަ ޝަހާން ސާޝާގެ ލޯބި ޤަބޫލުކުރާނެ ހެއްޔެވެ؟ހައްތަހާވެސް ވަގުތު އައިސް ޖެހުމުން ނޫނީ ޖަވާބު ނުލިބޭނޭ ސުވާލުތަކެވެ.
މިއަދަކީ ހުކުރު ދުވަސްކަމުން އިރުއެރުމާއިއެކު އިރުވައިގޭގައި އޮތީ ކެއްކުމުގެ މަސައްކަތް ފެށިފައެވެ.ފިރިހެންވެރިން ސައިބޮއެ ނިމުމުން މޭޒުމަތި ސާފުކޮށް ތަށިތައް ދޮވެދިނުމުގައި ސާޝާ އުޅުންއިރު މޫނުމަތި ހީވަނީ ވިއްސާރަވިލާގަނޑެއް ހެންނެވެ.ތުން އޫކޮށްގެން ހުރެ ސާޝާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައިރު ބޭރުގައި އިޝާން،އިޝްއަލް އަދި އީޝާކް ހުސްޖާގައިގައި ބޯޅަކުޅެން ތިއްބެވެ.އެއިރު އިޖާޒް ޝުމައިލާ ދިން ލިސްޓުގައި ހުރި ތަކެތި ގަނެގެން އައިސް ބަދިގެޔަށް ވަދެ މޭޒުމަތީގައި އޭނާ ގެނައި ކޮތަޅުތައް ބެހެއްޓުމަށްފަހު އަނެއްކާވެސް ބޭރަށް ދިޔައެވެ.އެތަން ފެނުމުން އިޝްއަލްއަށް ދެފަރާތައް ބޯހޫރާލެވުނީ ބައްޕަގެ އަޅާލުންކުޑަ ކަމުންނެވެ.މިއަދަކީ ގައިމުން ސަރުކާރު ބަންދު ދުވަހެކެވެ.ދެން އެހެންވީއިރު ބައްޕައަށް އެހެން ދުވަސް ދުވަހާއި ޙިލާފަށް މިއަދު ގޭގައި މަޑުކުރެވެން ވާނެއެއް ނޫންހެއްޔެވެ.ނަމަވެސް މިއަދެކޭ އިއްޔެއެކޭ ބައްޕައަކަށް ތަފާތެއް ނެތެވެ.ކުރާނީ ކީއްހެއްޔެވެ.މިހާރު އެކުދިންނަށް އެތިބީ އެހެން އުޅެން އާދަވެފައެވެ.ކުޑައިރުއްސުރެ ފަށައިގެންވެސް ވިހާންއަށް ފަހު ހުރިހާ ކުދިން ބޮޑުވަމުން އައީ ހަމައެކަނި ޝުމައިލާގެ ލޯތްބާއި އަޅާލުމުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ދުވަހަކީ އާއިލާ އެންމެން އެއްކޮށް އިރުވައިގެޔަށް ޖަމާވާ ދުވަހަށް ވާތީ އާއިލާގެ ހުރިހާ އަންހެންވެރިންހެން ކެއްކުމަށްޓަކައި ތިބީ އެގޭގައެވެ.އެގޮތުން އަލައިނާއާއި އިޖާޒްގެ ދައްތައިން ކަމަށްވާ އާނިޔާ އާއި އަނާން ވެސް ކެއްކުމުގައި ޝުމައިލާއަށް އެހީތެރިވަމުން ދިޔައެވެ.އާނިޔާ އާއި އަނާން ވަނީ އެމީހުންގެ ކައިވެންޏަށް ފަހު އެމީހުންގެ އަމިއްލަ ގޭތަކަށް ހިޖުރަކޮށްފައެވެ.އާނިޔާއާއި އޭނާގެ ފިރިމީހާ ޝާރިމް އަށް ތިން ދަރީން ލިބިފައިވާއިރު އަނާންއާއި ޒާއިންއަށް ވެސް ވަނީ ތިން ދަރީން ލިބިފައެވެ.އާއިލާ މީހުނަށް ވީނަމަވެސް ޝުމައިލާ އޮންނަނީ އޭނާގެ ދަރީންނަށް އެ މީހުންނާއި ދުރުން އުޅެން އަންގާފައެވެ.ފުރަތަމަކޮޅު ސާޝާމެންވެސް އޭނާގެ އެ ނިންމުމުގެ ފަހަތުގައި ވާ ސަބަބު ހޯދަން އުޅުން ނަމަވެސް ފަހުން ފަހުން އައިސް އެ ކުދިން އެ މަސައްކަތް ހުއްޓާލީ އެއީ ކީއްވެގެންކަން ޝުމައިލާ އޭނާގެ ދުލުން ނުބުންޏެއް ކަމަކު އޭނާއާއި ދޭތެރޭ އެ އާއިލާ މީހުންގެ ޢަމަލުތައް ހުންނަގޮތުން ނުސީދާކޮށް އެކުދިންނަށް އެއީ ކީއްވެގެންކަން ދޭހަވުމުންނެވެ.ވިހާން ފިޔަވައި އެ ސަބަބު އޭނާ އެހެން ކުއްޖަކަށް ކިޔައި ނުދެނީ އެއީ އެކުދިންގެ އާއިލާއަށް ވެފައި އިޝްއަލްމެން މީހަކަށް ހަޤީގަތް އެނގިއްޖެނަމަ އެކުދިން ވަގުތުން އޭނާގެ ގާތުގައި އެދޭނީ އެއާއިލާއިން ވަކިވުމަށްކަން އޭނާއަށް އިނގޭތީއެވެ.އެއިރު އެކުދިން ގޮވައިގެން ގޮސް އޭނާ ވަންނާނީ ކޮންތާކަށް ހެއްޔެވެ.އިޖާޒް އާއި އިނދެގެން ވިހާން ލިބުމުގެ ކުރިން އޭނާއަކީ ނައިޓް ސްޓަޑީ ސްކޫލުގައި މަސައްކަތް ކުރަމުން އައި ޓީޗަރެކެވެ.ނަމަވެސް ވިހާން ލިބުމަށްފަހު އޭނާ ވަޒީފާއިން ކެނޑުނީ އެއާއިލާގައި އޭނާ ނޫނީ އެ ތުއްތު ދަރިފުޅަށް އަޅާލާނޭ މީހަކު ނެތްކަން އިނގޭތީއެވެ.ވިހައިގެން އުޅުން ދުވަސްކޮޅު އޭނާއަށް ކިރިޔާވެސް އެހީތެރިކަމެއް ލިބުނީ އޭނާގެ އެއްބަނޑު ދައްތަ ޝާހީނާގެ ފަރާތުންނެވެ.ޝުމައިލާއާއި އިޖާޒްގެ ކައިވެންޏަށް ފަހު ޝާހީނާ އާއި އަޒްހަރު ވަނީ އެއިރު އެ ދެމަފިރިންގެ ތިބި 3 ދަރިން ކަމަށްވާ މާހާ،މުނާން އަދި މާނާ ގޮވައިގެން ދިރިއުޅުން މާލެ ބަދަލުކޮށްފައެވެ.25 އަހަރު މާލޭގައި ހޭދަކުރުމަށްފަހު އެއާއިލާ އެނބުރި ރަތްދޫއަށް އެއައީ މިދިޔަ އަހަރު ޗުއްޓީގައެވެ.
ހުކުރު ނަމާދުން އަވަދިވެގެން އައިސް ހުރިހާ ފިރިހެންވެރިން ކައި ނިންމާލުމަށްފަހު ބޮޑުމީހުން ބޭރު ޖޯއްޔާއި އުނދޯލީގައި ސިޔާސީ ވާހަކަ ދެއްކުމުގައި ތިބިއިރު އިޝްއަލް އާއި އީޝާކް ޝުމައިލާ ގާތުން ހުއްދަ ހޯދުމަށްފަހު ބޭރަށް ނުކުތީ 4 ޖެހުމުގެ ކުރިން ގެޔަށް އަންނަން ވަޢުދުވެފައެވެ.އެއިރު ސާޝާ އިނީ ސަންރައިޒްއަށް ދިއުމަށްޓަކައި ތައްޔާރުވުމަށެވެ.ގަދަ ނޫކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ފަޔަށް ހިފާލާފައި ހުރި ލެގިންގްސް ގައި ސާޝާ ފެންނަލެއް ނުހަނު ރީއްޗެވެ.ހަމުގެ ކުލަ މާ ދޮން ނޫންނަމަވެސް ކަޅެކޭވެސް ނުބުނެވޭނެއެވެ.ނަމަވެސް ސާޝާއަށް ލިބިފައިވާ ކަޅިރަވަ ރީތި ކަޅުކަން ގަދަ ދެލޮލުގެ އިތުރަށް ފޫކޮޅުން ތިރިއަށް އަރާ ރާޅުބާނި ދިގު އިސްތަށިގަނޑުގެ ސަބަބުން އޭނާއަކީ ރީތިކަން ލިބިފައިވާ ކުއްޖެކެވެ.އޭގެ އިތުރުން އެއުމުރުގައި ވެސް އޭނާއަކީ ހެދިހުރި ހަށިގަނޑެއްގެ ވެރިއެވެކެވެ.އެހެންގޮތަކަށް ބުނާނަމަ އޭނާއަށް ވަނީ ‘ހޮޓް ފިގަރ’އެއް ލިބިފައެވެ.
ވަޢުދާއި އެއްގޮތައް އިޝްއަލް އާއި އީޝާކް ގެޔަށް އައީ 4 ޖަހަން ބައި ގަޑިއިރު އޮއްވައެވެ.އެއިރު ސާޝާ ތައްޔާރުވެގެން ކޮޓަރީގައި ކަންފަތައް ހެޑްސެޓް ޖަހައިގެން އިނީ ޓެބްލެޓުން ‘މިރޭކިއުލަސް ލޭޑީބަގް’ ބަލާށެވެ.އިޝްއަލް ތައްޔާރުވެގެން ހުރުމުން އޭނާ ބޭރު ޖޯލީގައި މަޑުކޮށްލިއިރު އީޝާކް ކޮޓަރިއަށް ވަނީ ރީތިވާށެވެ.
ކޮޓަރީގައި ހުރި ބޮޑު އަލަމާރީގެ ދެބައި ވަނީ ދެކުދިންނަށް ވަކިކޮށްފައެވެ.އީޝާކް އޭނާގެ ބައި ހުޅުވާލުމަށްފަހު ނެގީ ކަޅު ކުލައިގެ އަތްދިގު ހޫޑީ އަކާއި މަޑު ނޫކުލައިގެ ކެރޮޓް ޖިންސެކެވެ.އުމުރުން އެންމެ 13 އަހަރު ނަމަވެސް އީޝާކް އަކީ ހަށިގަނޑު ވަރުގަދަކޮށް ހުންނަ ކުއްޖެކެވެ.އިޝްއަލް އާއި ޙިލާފަށް ފަތިސް ގަޑީ ދުވަން ނުގޮސް އޭނާ ދަނީ ރޭގަނޑުގަޑީގައި ރަށު ސްޓޭޑިއަމްގައި ހުންނަ ފިޓްނެސް ސެންޓަރ އަށެވެ.އީޝާކް އަކީ ރީތިކަމަށް ނުހަނު ސަމާލުކަން ދޭ ކުއްޖެކެވެ.ފިރިހެނަކަށް ވިޔަސް އޭނާއަކީ ވެސް ސާޝާ ފަދައިން މޫނުގައި ރީނދޫ އުނގުޅާ ކުއްޖެކެވެ.ކެއުމަށްޓަކައި ވެސް ބޭނުންކުރަނީ ހަށިގަނޑަށް ފައިދާ ހުރި އެއްްޗެއްސެވެ.ދިގު އިސްކޮޅަކާއި މަޑުމުށިކުލައިގެ ހަންގަނޑެއް ލިބިފައިވާއިރު އީޝާކް އަކީ ބަލާލަން ހަޑި ކުއްޖެއް ނޫނެވެ.ކުޑައިރުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް އޭނާ އުޅެނީ ވިހާންގެ ގާތުގައި އާދޭސްކޮށްގެން ގަތް ނޫކުލައިގެ ލެންސް ލޮލަށް ލައްވައިގެން ކަމުން މީހުން ހީކުރަނީ އެއީ އޭނާގެ އަސްލު ކަޅި ކަމަށެވެ.ސާޝާ ފަދައިން މިޒާޖުގައި ފޮނި ގޮތެއް ހުރި ނަމަވެސް އޭނާއަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ.ފަސޭހައިން އެކުވެރިވެ އެންމެންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކުއްޖެކެވެ.
އީޝާކް ތައްޔާރުވެގެން ހުރެ ނުކުތް އިރު ސާޝާއާއި އިޝާންވެސް އިޝްއަލް ގާތުގައި އުނދޯލީގައި ތިއްބެވެ.އެއިރު ޝުމައިލާވެސް ތައްޔާރުވެގެންހުރެ ނުކުތީ އަތްދަބަހަށް އިޝާންއަށް ބޭނުންވާ ކޯންފްލެކްސް އާއި ކިރުފުޅީގެ އިތުރުން ޓިޝޫފަދަ ތަކެތި އަޅައިގެންނެވެ.އެތަން ފެނި އިޝްއަލް ތުންއަނބުރައިލީ އެގެޔަށް ގޮސް އަވަހަކާ ނާދެވޭނެކަން ފަހުމްވުމުންނެވެ.އެކުދިން ބޭރަށް ނުކުތް އިރު އަށިމަތީގައި މަލާއިން އާއި ލިއާވެސް ދޮރޯށިމަށްޗައް ނުކުމެ ތިއްބެވެ.އެއާއެކު އެންމެން އެއްކޮށް ހިނގައިގަތީ ސަންރައިޒް ގެޔަށް ދިއުމަށެވެ.
ރަށުގެ މެދުގައި ހުންނަ ސަންރައިޒް ގެޔަކީ ސާޝާގެ މަރުހޫމާ މާމަ ޝިމާނާގެ ގެޔެވެ.ޝުމައިލާ ގެ ކައިވެންޏަށް ފަހު ޝާހީނާމެން މާލެ ބަދަލުވުމުން މިއޮތް ހުރިހާ ދުވަހު އެ ގެ ފަޅަށް ހުރީ އެންމެ އިހުގެ ގޮތައް ހުރުމުންނެވެ.ހިރިގަލުން ރާނާފައި ވާއިރު އެތަން ކުއްޔައް ދެވޭނީވެސް ޒަމާނީ ފެންވަރަކަށް ހުރިނަމަތާއެވެ.ގެޔާއި ގިފިލި ހުންނަނީ އެތައް ހާސް ފޫޓެއް ދުރުގަޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އެ ބޮޑު ގޯތި ދެފަޅިކޮށްފައި ވީއިރު ގެ ހެދިފައި ހުރި ފަޅިއަކީ ޝާހީނާއަށް ވީ ބައެވެ.ގިފިލި ހުރި ބަޔަކީ ޝުމައިލާގެއެވެ.15 މިނިޓުތެރޭ އެކުދިންނަށް ތިބެވުނީ ސަންރައިޒް ގޭގެ ދޮރޯށި ކުރިމަތީގައެވެ.އުސްކޮށް ވަށާ ފާރު ރާނާފައި ވާއިރު އެތާ ތެރެއިން ދޮންކެޔޮގަނޑު ތަކާއި ހިނކަދި ފަތް ގަހުގެ ގޮފިތައް މަގުން ދާހާ ބަޔަކަށް ފެންނާނެއެވެ.
ޝުމައިލާ އިޝާން ގޮވައިގެން ގޭތެރެއަށް ވަތްއިރު ސާޝާމެން ތިބީ ގޯތިތެރޭ ހުރި ޖޯލީގައެވެ.މަލާއިންގެ ދެބެއިންނާއި އީޝާކް ބެޑްމިންޓަން ކުޅެން ވަލުފަރާތައް ދިއުމުން އިޝްއަލް ވެސް ފޫހިވެފައި އޮތީ ސާޝާއާއި ޖެހިގެން އޮތް ޖޯއްޔަށް ވެއްޓިގެން އެއޮތް ކުޑަ ވަގުތުކޮޅުތެރޭ ނިދާފައެވެ.އެއިރު އެދިމާ ތަންކޮޅެއް ދުރުގައި ހުރި ގިފިލިން 6 މަހުގެ ބަނޑާއި އެކު ނުކުމެގެން މާހާ އާދެއެވެ.މާހާ އަކީ ޝާހީނާ އާއި އަޒްހަރުގެ ދޮށީ ދަރިފުޅެވެ.އުމުރުން 18 އަހަރުގައި ރ.ކާރުފުށީ (ޙިޔާލީ ނަމެއް) މީހަކާ އިނދެގެން ކައިވެންޏަށް 3 އަހަރުވުމާއިއެކު އެދެމަފިރިންނަށް އިޝާން އާއި އެއް އުމުރެއްގެ ނާއިލް ލިބުނެވެ.މާލޭގައި އުޅުން އިރު އޭނާ މަސައްކަތްކުރީ “ފެމެލީ ކެއަރ” ކްލިނިކްގެ ރިސެޕްޝަނިސްޓެއް ގޮތުގައެވެ.މާހާއާއި ޖެހިގެން ހުންނަ މުނާން އަކީ އެކިފަހަރު އެކި ވަޒީފާތައް އަދާކުރަމުންދާ އެއްތަނެއްގައި ހަރުލާ މީހެއް ނޫނެވެ.މިހާރުވެސް ހުރީ ކޮންމެސް ރިސޯޓެއްގައި ވެއިޓަރެއްގެ މަޤާމު އަދާކުރަން ގޮހެވެ.ދެން ހުރީ މާނާއެވެ.މާނާއަކީ އިޖާޒެކޭ އެއްފަދައިން ރަތްދޫ ބޭންކްގެ މުޢައްޒިފެކެވެ.މާނާއަށް ފަހު ދެން ހުރީ މިރާއެވެ.މިރާ މަސައްކަތް ކުރަނީ ދިރާގުގައެވެ.އެއައްފަހު ހަގަށް ތިބެނީ މާއިޒް އާއި މަނާލްއެވެ. 12 އަހަރުގެ މާއިޒްއަކީވެސް ސާޝާމެންނެކޭ އެއްފަދައިން ރެޑް ސްޓަރގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ.މަނާލް އުޅެނީ އެސްކޫލް އެލްކޭޖީގައެވެ.
އިރުކޮޅަކުން ޝާހީނާއާއި އަޒްހަރުގެ އިތުރުން ޝުމައިލާވެސް ބޭރު ޖޯއްޔަށް ނުކުތުމުން ދެން އެދެމެދުގައި ދެކެވުނީ ގެ މަރާމާތުކުރާ ވާހަކައާއި އަހަރުގެ ފަހުކޮޅުގައި ކުރަން ހަމަޖެހިފައިވާ މާނާގެ ކައިވެނީގެ ވާހަކައެވެ.މާނާ ށ.ފަނިފުށީ (ޙިޔާލީ ނަމެއް) ކުއްޖަކާއި ރައްޓެހިވެގެން އުޅޭތާ މިވީ އަހަރެއްހާ ދުވަހެވެ.ޝާހީނާމެން ރަށަށް ބަދަލުވާން އުޅުންއިރު ވިޝާންގެ ފަރާތުން އެއާއިލާއަށް ވަނީ އެތައްގޮތަކުން އެހީތެރިކަން ލިބިފައެވެ.ވިޝާންގެ ބައްޕައަކީ ތަނަވަސް މަސްވެރިއެކެވެ.ވިޝާންގެ މަންމަ ހަމައެހެންމެ އޭނާގެ ބޭވަފާތެރި އަންހެނުން އިޔާނާ ވަރިކޮށްފައިވީނަމަވެސް ދޮންހަސަނަކީ ދަރިންނަށް އަޅާލާ ހެޔޮލަފާ ބައްޕައެކެވެ.އެކަން ވިޝާންއާއި އޭނާގެ ދޮށީ ދައްތަވެސް ޤަބޫލުކޮށް ދޮންހަސަނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން އެދެކުދިން ދެނީ އުފަލުންނެވެ.ޝާހީނާ ބުނިގޮތުން ވެއްޖެއްޔާމުން އަޒްހަރު މުޅި ފަނިފުށީގައި އަތްފުނާއެޅިއިރުވެސް ވިޝާންއަށްވުރެ ރަނގަޅު ޒުވާނެއް ނުފެނުނެވެ.ޖޯލީގައި ކަންފަތް ހުޅުވާލައިގެން އެއަޑު އަހަން އޮތް ސާޝާ ތުންފަތުގައި ދަތް އެޅީ ހިނިގަނޑު އެތެރެއަށް ހިނަދާލަން މަސައްކަތް ކުރަމުން އަޑު ބޭރުވިޔަނުދިނުމަށެވެ.ބޮޑުދައިތަގެ ފޮނިއަނގަޔަކުން ނާރާނެކަން އެނގުމުން އޭނާ ދެފަރާތައް ބޯހޫރާލިއެވެ.
“ޝާހީނާ!” ދޮރާށްޓާއި ދިމާލުން އަންހެނެއްގެ ބާރު އަޑު އިވުމުން އެންމެނަށް އެއްފަހަރާ އެ ދިމާލަށް ބަލާލެވުނީ ސިހިފައެވެ.
މި ޕާޓް ކުރުވެފައި ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ވަރަށް ބޮޑަށް މަޢާފަށް އެދެން.ތޭންކްސް ފޯ ޔުއަރ ލަވް އެންޑް ސަޕޯޓް ވިޗް ކީޕްސް މީ ގޮއިންގް.ޢީދު މުބާރިކް ހުރިހާ ކުދިންނަށްވެސް 😊❤😍
