ހިތް އެދޭގޮތް ބޭނުންވެއެވެ (2)
އެސެމްބްލީ އަށްފަހު ގަޑިއަކާއި ޖެހި ގަޑިއެއް ނިމެމުން ގޮސް ފަހު ގަޑިއާއި ޖެހުނެވެ.އެންމެ ފަހު 35 މިނުުޓު ނިމުމުން ސަފުތައް ހައްދައިގެން ގްރޭޑް 6،7 ގެ ދަރިވަރުން ފިޔަވައި ބާކީ ތިބި ދަރިވަރުން ތިބީ ސްކޫލް ގޯތިތެރެއަށް ނެރެފައެވެ.އެވަގުތުކޮޅުވެސް އަލްޔާން، ނުހާ އަދި އުލާ އުޅުނީ ސަކަރާތް ޖެހުމުގައެވެ.އަހަންނަކީ އާއްމުކޮށް ‘އިންޓްރޮވާޓް’ ސްޓައިލަށް އުޅޭ މީހެކެވެ.މަޑުމައިތިރި މިޒާޖެއްގެ ވެރިއަކަށް ވެފައި ‘ސޯޝަލް ޕްރޮބްލަމްސް’ ހުރުމުގެ ސަބަބުން ރައްޓެހިންނާއި އެކު ގުޅުން ބަދަހިކޮށް މަޖާ ކުރުމަކީ އަހަންނަށް ކުރުން ފުދޭވަރަކަށް އުނދަގޫ ކަމެކެވެ.އަލްޔާން ޤަބޫލުކުރާގޮތައް އަހަރެންނަކީ ހިތުން ފޮނި މީހެކެވެ.ނަމަވެސް މީހުންގެ ކުރިމަތީ ‘އެރޮގެންސް’ ދައްކަން އުޅުނެއް ކަމަކު އަހަރެންގެ ހިތްހެޔޮ ކަމުން އެކަން ނުވަނީއެވެ.މަންމަ އާއި ބައްޕަގެ ފަރާތުން އަހަންނަށް ސިފަތައް ވާރުތަވެފައި ވަނީ އެއްވަރަކަށެވެ.ހަރުކަމާއި އެއްވަރަށް ހިތްހެޔޮ ކަންވެސް އަހަންނަށް ލިބިފައި ވެއެވެ.އަހަންނަށް އަހަރެން ފެނުނީކީއެއް ނޫނެވެ.އެކަމަކުވެސް ބުނެލާނަމެވެ.އަހަންނަކީ ސިކުނޑި ރަނގަޅު މީހެކެވެ.ﷲ ގެ ރަޙްމަތުން އަހަންނަށް ލިބިފައިވަނީ ހަނދާން ގަދަކަމާއި ތޫނުފިލިކަމެވެ.މި ކަންކަން އަހަރެން ބޭނުންކުރަމުން އަންނަނީ ހެޔޮގޮތުގައެވެ.އެއީ ބުއްދީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރަންޖެހޭ ފަދަ ހާލަތެއް އަދި އަހަންނާއި ކުރިމަތިވެފައި ނުވާތީއެވެ.ނަމަވެސް އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ބުއްދީގެ ބޭނުން އެފަދަ ގޮތަކަށް ކުރުމަށް އަހަރެން ފަހެއް ނުޖެހޭނަމެވެ.އެ ތިންމީހުންގެ ހަރަކާތްތަކަށް ގެއްލިފައި ހުއްޓާ އަހަރެން ސިހުނީ ފަހަުތުން އަހަރެންގެ އިސްތަށިގަނޑުގައި އެއްޗެއް ކޭއްތޭހެން ހީވުމުންނެވެ.އަހަރެމެންގެ ކްލާސް ސަފު ހަދައިގެން ތިބީ ގޯތި ތެރޭ ހެދިފައި ހުރި ފެތިރޯނު ގަސްތަކުގެ ދޮށުގައި ކަމުން އޭގެ ފަތެއް ކަމަށް ހީކޮށް ފަހަތައް އެނބުރުމާއި އެކު އަހަރެންގެ ކޯތާފަތް ރަތް ވެގެން ދިޔައީ އަތައް އިލޮށްޓެއް ލައިގެން ފަހަތުގައި ހުރި ޝަހާން ފެނުމުންނެވެ.”އެކްސްކިއުޒް މީ.ވަޓް އަރ ޔޫ ޑުއިންގް؟” އަހަރެންގެ މޫނުމައްޗައް ހަރުކަށިކަން ގެންނަމުން ކުރިމަތީހުރި ޝަހާންއަށް ބުނީމެވެ.”ޑޯންނޯ ވައި.ބަޓް އައި ލަވް ޕްލޭއިންގް ވިތް ޔުއަރ ހެއަރ” ޝަހާން މިހެން ބުނެ އަނެއްކާވެސް އަތުގައި އޮތް އިލޮށިގަނޑުން އަހަރެންގެ އިސްތަށިގަނޑުގައި ކޮށްޓަމުން ހޭން ފެށިއެވެ.އެވަގުތު އެ މޫނުމަތީގައި ވީ ހިނިތުންވުން ފެނި ވަގުތުވެސް ހުއްޓޭނެނަމައޭ އަހަރެންގެ ހިތައް އެރިއެވެ.
“ސާޝް.އާދޭ ދާން” ޝަހާންއަށް ގެއްލިފައި ހުރި އަހަންނަށް ހަމަބިމަށް އާދެވުނީ ތަންކޮޅެއް ދުރުން ލިއާ އާއި މަލާއިންގެ މަންމަ އަލީޝާއްތަ ގޮވާލުމުންނެވެ.އެއިރު އަލީޝާއްތަގެ ދެއަތުގައި ހިފައިގެން ތިބި ދެ ބެއިންގެ މޫނުމަތީގައި ވީ ލާނެތްކަން ފެނުމުން އަހަރެން ލަދުގަތެވެ.އެވަގުތު އަހަރެން ކުރިމަތީ ހުރި ޝަހާން ވަރަށް ނޫންކަމަށް ހަދާފައި އަތުގައި އޮތް އިލޮށިގަނޑާއި ކުޅެމުން ދުރަށް ހިނގައިގަތެވެ.އަހަރެންވެސް ބޯ ކަހާލަމުން އަލީޝާއްތަ އާއި އެއްކޮށް ހިނގައިގަތީ ސްކޫލް ގޭޓުން ނުކުތުމަށެވެ.ގެޔަށް ދިޔަ މަގުމަތީގައި ކުރިޔާއި ޙިލާފަށް މާބޮޑު ވާހަކައެއް އަހަރެމެން ތިންމީހުންގެ މެދުގައެއް ނުދެކެވެއެވެ.އެއީ އަލީޝާއްތަ ހުރުމުން ވީ ގޮތެއްކަން އަހަންނަށް ވިސްނުނެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.އަލީޝާއްތަ އަކީ 8 ދަރިން ވިހާފައި ހުރި ގޭތެރޭ މަސައްކަތައް އެހާމެ ކުޅަދާނަ ގެވެހި އަންހެނެކެވެ.ފަންސާހުން މައްޗައް ގޮސްފައި ވީނަމަވެސް އެމޫނުމަތިން ވަރުބަލިކަމެއް ނުފެނެއެވެ.އަދި ނުވީތާކަށް އަހަރެމެންގެ އަވަށު އަންހެނުންގެ
ބަށި ޓީމުގެ ކެޕްޓަނަކީ ވެސް އެއީ އެވެ.އަލީޝާއްތަގެ ފިރިމީހާ އާނިސްބެ އަކީ ބަލިހާލަތު ހުރިގޮތުން މިހާރު އަތުންފައިން މާބޮޑު މަސައްކަތެއް ކުރެވޭ މީހެއް ނޫނެވެ.އެހެންކަމުން ޢާމްދަނީ ހޯދުމުގެ ގޮތުން އަލީޝާއްތަ އަންނަނީ އެކި އެކި މަސައްކަތް ކުރަމުންނެވެ.އެގޮތުން އަހަރެންގެ ގެ ކައިރީގައި ހުންނަ އާސިޔައްތަގެ ފިހާރަޔަށް ކޮންމެ ދުވަހަކު އިންޓަރވަލް ލައެވެ.އަދި ނުވީތާކަށް ކައިރި ރިސޯޓުތަކަށް ރޮށި ފިހެ ފޮނުވުމުގެ މަސައްކަތްވެސް އަލީޝާއްތަ އަންނަނީ ކުރަމުންނެވެ.އަދި އެކަމުގައި މަލާއިން އާއި އޭނާގެ ދޮއްޓައް ތިބޭ ދަރިންވެސް އެމީހުނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދެއެވެ.ހަރުކަށި މަންމައަކަށް ވުމުން މަލާއިން އަދި ލިއާއަށް ވެސް ވަނީ ގޭތެރޭ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރަން ދަސްވެފައެވެ.އެއީ އަހަރެންގެ މަންމަ އަހަންނާއި އެދެކުދިން އަޅާކިޔުމުގައި ބޭނުންކުރާ ‘މެއިން ޕޮއިންޓް’އެވެ.އެއީ އެދެމީހުންނާއި އަހަންނާއި އެންމެ ބޮޑައް ތަފާތުވާނީ އެކަމުން ކަމަށްވުމުންނެވެ.
ގެއާއި ހަމަޔަށް އާދެވުމުން މަލާއިންމެނަށް ހަނާ އަޅާލުމަށްފަހު އަހަރެން ގޮސް ގެއަށް ވަނީމެވެ.”ސާޝް.ތިއައީދޯ.އަވަހަށް ގޮސް ޗޭންޖްކޮށްގެން އާދޭ”ބަދިގެއިން މަންމަ ގޮވާލި އަޑު އިވުނެވެ.”އުންނީ ލޫކް.އައި އޭމް ޕްލޭއިންގް ވިތް ދަ ބަސް” ގޭތެރެއަށް ވަދެ ސިޓިންރޫމުގައި ކުޅެން އިން އިޝާން އަށް ހިނިތުންވެލުމަށްފަހު އަވަހަށް ކޮޓަރިއަށް ވަދެ ދަބަސް ލިޔާ މޭޒުމަތީގައި ބެހެއްޓީ ފަހުން ފިލާވަޅުތައް ހެދުމުގެ ބޭނުމުގައެވެ.އެއަށްފަހު ފާހާނައަށް ވަދެ ޔުނިފޯމް ބާލައި ކަޅު ކުލައިގެ ދިގު ޓައިޓަކާއި އަޅި ކުލައިގެ އަތްދިގު ޓޮޕެއް ލައިގެން ގަޔަށް ސެންޓުކޮޅެއް ބުރުވާލުމަށްފަހު އަހަރެން ބަދިގެ ފަރާތައް ދިޔައީމެވެ.އެއިރު ގޭ ބިށްދޮށުގައި ހުރި އުނދޯލިގޭތެރޭގައި ބޮޑުދައްތަ ވަނުން ބޭސް ފުނޑަން އިނެވެ.އައިރާ އާއި އިރާ އާއި ދެކުދިން ކުޅެން ތިބިއިރު މާމަ ފެންނާކަށް ނެތެވެ.ވަރުބަލިވެފައި ހުރުމުން އަހަރެން ބޭނުންވީ އަވަހަށް ކައިގެން ގޮސް ނިދާލާށެވެ.އަހަންނަށް ކާމޭޒު ކައިރިޔަށް ދެވުނު އިރު މަންމަ ހުރީ ކާން ހަދާފައެވެ.މޭޒުމައްޗަށް ނަގާފައި ހުރި ގަރުދިޔަ ބޯތަށި ފެނުމުން ބޭއިޙްތިޔާރުގައި ތުންއަނބުރާލެވުނެވެ.މިވަގުތު ގޭގައި ތެލުލިފަތް ހުރިކަން އެއީ ނަސީބެކެވެ.އެއީ އަހަރެންގެ އަރުތެރެއިން އެނޫން އެއްްޗެއް ނުދާނެތީއެވެ.އެކަނި އިނދެ ކައިނިންމާލުމަށް ފަހު އަހަރެން ބަދިގެއިން ނުކުތީމެވެ.މިވަގުތު ގޮސް އެނދަށް އެރިޔަސް އެހާއަވަހަށް ނުނިދޭނެކަން އިނގޭތީވެ އަހަރެން ގޮސް ހޮސްޖާގައިގައި ހުރި އުނދޯލީގައި އިށީނީމެވެ.އިޝްއަލް އާއި އީޝާކް ނިމޭނީ ތަންކޮޅެއް ފަހުން ކަމުން މިވަގުތު ކައިރީގައި މީހަކު ނެތުމުން އަހަރެން ފޫހިވާން ފެށިއެވެ.އެވަގުތު ގޭތެރެއަށް ވަދެވެން ހުންނަ ސިޓިންރޫމް ދޮރު ހުޅުވާފައި ހުރުމުން އަހަރެން އުނދޯލީގައި އިންއިރު ޓައިލްސްތައް މަތީގައި އިޝްއަލް ކަސްރަތުކުރަން ގެންގުޅޭ މެޓު ފަތުރާލައިގެން ކުޅެން އިން އިޝާން ރީއްޗައް ފެނެއެވެ.
އިޝާން އަހަންނަށް ވުރެ ހަތްއަހަރު ކުޑަވުމުން އަހަރެމެން ދެބެއިންގެ މެދުގައި މާ ގާތް ގުޅުމެއް ނޯވެއެވެ.ދޮށްޓައްތިބި ތިންބެއިންނަކީ ހުސް ފިރިހެން ކުދިންނަށްވުމުން އެއްބަނޑު އެއްބަފާ ދައްތައެއް ނުހުންނާތީވެ އަހަރެން އަބަދުވެސް އެކަމާއިގެން ދެރަވެއެވެ.ނަމަވެސް އިޝާން އާއި ޙިލާފަށް އެ ތިންމީހުންނާއި އަހަންނާއި ދެމެދުގައި އޮންނަ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ފުދޭވަރަކަށް ވަރުގަދަ ވާނެއެވެ.އެއީ އަހަރެމެން ހަތަރު ކުދިންގެ މެދުގައި އުމުރުގެ ފަރަޤު މާ ބިޮޑު ނޫންވީމައި ކަމަށް ވެސް ވެދާނެއެވެ.އިޝްއަލް އާއި އީޝާކް އަބަދުވެސް ތިބެނީ އަހަރެންގެ ހަށިފާރަވެރިންހެން އަހަރެން ކައިރީގައެވެ.އަހަރެން ދާހާ ތާކަށް ދެއެވެ.އެކަމާއިގެން އަހަރެން ހިތްހަމަނުޖެހުނަސް މެއެވެ.އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ލިބުނު ސްކޯލަރޝިޕްގެ ދަށުން ތިއްތިބެ(ވިހާން) ލޯ ކިޔެވުމަށްޓަކައި މެލޭޝިޔާއަށް ދިއުމުން އަހަންނާއި އެ ދެމީހުންނާއި އޮންނަ ގުޅުން ކުރިޔަށްވުރެ މާ ވަރުގަދަހެން ހީވެއެވެ.އެ ތިންމީހުންގެ ހުރި ހަމައެކަނި އަންހެންކޮއްކޮ އަކީ އަހަރެން ކަމުން ތިން މީހުންވެސް އަހަރެން ގެންގުޅެނީ ވަަރަށް ‘އޯވަރޕްރޮޓެކްޓިވް’ ކޮށެވެ.އެހެންކަމުން އެއީ އަހަންނަށް ލެއްވި ރަޙްމަތެއް ކަމަށް ބަލައި އަހަރެން އެކަމާއި އުފާކުރަމެވެ.އެ ތިންމީހުނާއި އަހަންނަށް ދިމާވާ ކަންކަން ހިއްސާކުރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.ޝަހާންގެ ވާހަކަ ފިޔަވައެވެ.އެއީ އަހަރެން އަދި ކުޑަވެފައި އިޝްއަލްމެން އެއާއި މެދު ދެކޭނެގޮތެއް ނޭނގޭތީއެވެ.އެއީ ވިހާން ދުރުގައި ހުރެފައި އެދެމީހުން ދުވަހަކުވެސް އަހަރެން ގާތުގައި އެކަހަލަ ވާހަކައެއް ދައްކާފައި ނުވާތީއެވެ.ލޯބިވެވޭކަށް ވަކި އުމުރެއް ނެތަސް އެކަން އެމީހުންނަށް ޤަބޫލުކުރެވޭނެ ކަމާއިމެދު އަހަންނަށް ޝައްކެވެ.އިޝާންގެ ހަރަކާތްތަކަށް ގެއްލިފައި އިން އަހަންނަށް ސިހުންގެނުވީ ކުއްލިއަކަށް ބްރިސްލް ބޯޑެއް ހިފައިގެން ބިންމަތީގައި ދެފައި ކާއްތަމުން އައިސް ގެޔަށް ވަތް އީޝާކް ފެނުމުންނެވެ.އޭނާގެ މޫނުމަތިން ބާރަ ޖަހާފައިހުރުމުން އެހެރީ ރަނގަޅު މޫޑެއްގައި ނޫންކަން އަހަންނަށް ނަގައިގަނެވުނެވެ.”ތިޔޯ؟”އީޝާކް އަތުގައި އޮތް ހުދުކުލައިގެ ބްރިސްލް ބޯޑަށް އިޝާރާތް ކުރަމުން އަހަރެން އެހީމެވެ.މިހެން ބުނުމާއިއެކު އީޝާކް އައިސް އަހަރެން އަތައް އޭތި ލައިދީފައި އުނދޯއްޔަށް ވެއްޓިގަތެވެ.އަހަރެން ހިނިތުންވެލަމުން އޭތި ނިއުޅައިލުމާއިއެކު އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.”ހައްހައްހައްހައްހައް”
“ވަޓްސް ސޯ ފަނީ ސާޝް؟ބަލަ ގްރޫޕް ވޯކެކޭ ކިޔަނީ ކޮންމެސް ކަމަކުއެއްނު.އެކަމަކު މި ފަރޭމެން ވެއްޖެ ވިއްޔާ ގެޔަށް އައި މަގުމަތީގަ މަ ބޮލަށް މީތި ޖަހަން.އިޓްސް ނޮޓް މައި ފޯލްޓް މީތި ގަޑިޔަށް ނުނިމުނީ ކޮންމެެެހެން މަ އެކަނި މީތި ނިންމަން މި ޖެހެނީ”އީޝާކް ތުން އޫކޮށްލަމުން ކިޔައިދިނެވެ.”ރަނގަޅަށް ފަރުހާދު އެ ހެދީ.ގްރޫޕް ވޯކް ހަދަން ދިނީމަ އެންމެން އެއްވެގެން ސަކަރާތް ޖަހާއިރު ކުޑަބެ އިންޑައިރެކްޓްކޮށް ތިބުނަނީ އެހެން އެންމެން ސަކަރާތް ޖެހިއިރު ކުޑަބެ އިނީ ހަމަ ސްޓެޗޫ އެއް ހެންނޭ.ކަމް އޯން ކުޑަބޭ އައި ނޯ ޔޫ.ދެން ތިއުޅެނީ އެ މީހުން ކުޑަބެ އަތައް މީތި ދިނީތީ ރުޅިއައިސްގެން.ޔޫ އަރ ގޫޑް އެޓް އިސްލާމް ކުޑަބޭ.އެހެންވީމަ ކުޑަބެއަކަށް މާ އުނދަގުލެއް ނުވާނެއެއްނުން މީތި ނިންމާކަށް.ކުޑަބެ އަމިއްލައަށް ބުނަނީ ފަރުހާދު އެންޑް އަދަރސް ޖަސްޓް ކީޕްސް ސްލީޕިންގް އިން އިސްލާމް ޕީރިއަޑްއޭ.އެހެންނޫނަސް އޮން ދަ ބްރައިޓް ސައިޑް މި މައިންޑް މެޕްގެ ހާފް މިއޮތީ ތި މީހުން ސަކަރާތް ޖަހަން ތިބެގެން ވިޔަސް ނިމިފަ.ކުޑަބެ ހަދަން ޖެހެނީ ވަރަށް ކުޑަ ތަންކޮޅެއް އޭރުން އިޓް ވިލް ބީ ފުލީ ކޮމްޕްލީޓެޑް”އަހަރެން އެއް ނޭވައިން އީޝާކް އަށް ވިސްނައިދިނީމެެވެ.އެވަގުތު އޭނާ އޮތީ ދަތްޕިލަ ސޭލް އަޅުވައިގެން އަހަންނާއި ދިމާލަށް ބަލަހައްޓާއިގެންނެެވެ.”މާޝާ ﷲ.މައި ލިޓްލް ސިސް އިޒް ސޯ ސްމާޓް.ތިބުނީއެއްނުން ބާކީ އޮތީ ވަރަށް ކުޑަ ތަންކޮޅެކޭ.ރައިޓް؟”އީޝާކް ދަބަސް ހުޅުވާލަމުން ބުންޏެވެ.”އަމް…ޔާ”އީޝާކްގެ ހަރަކާތްތަކަށް ބަލަން އިނދެ ވާނުވާގައި ހުރެ އަހަރެން ބުނީމެވެ.”އެހެންވީއިރު ސާޝް ތިބައި ނިންމައިދޭނަންދޯ”އީޝާކް ދަބަހުން އިސްލާމް ބޮޑުފޮތް ނަގައި އުނދޯލި މަތީގައި ބާއްވަމުން ދުވެފައި ގޮސް ގޭތެރެއަށް ވަނުމުން އަހަންނަށް ވީގޮތް ރޭކާލީ އަދިކިރިޔާއެވެ.”ކުޑަބޭ!!!!!!!ޔޫ ވިލް ރިގްރެޓް ދިސް!”އަހަރެން ހަޅޭއްލަވައިގަންނަމުން ބްރިސްލް ބޯޑާއި ފޮތް ހިފައިގެން ދުވެފައި ގޮސް އީޝާކްގެ ފަހަތުން އެ ކޮޓަރިއަށް ވަނީމެވެ.އެވަގުތު ކުޅެން އިން އިޝާންވެސް މަޖާވެފައި ހުރެ އައިސް އަހަރެން ފަހަތުން ވަނެވެ.އެއިރު އީޝާކް ހެދުން ބަދަލުކޮށްގެން އެނދުމަތީގައި އޮތީ ކަންފަތައް އެއަރޕޮޑްސް ޖަހައިގެން ލަވަ އަޑުއަހާށެވެ.ލޯ މަރައިގެން އޮތް އިރު ދެފަރާތައް ބޯހަލުވަމުން ދިޔަ ގޮތުން އަހަރެން ގާތައް ރުޅިއައެވެ.ކުޑަބެގެ މަސައްކަތް އަހަރެންގެ ބޮލަށް ޖަހާފައި އައިސް އެހާ އަވަހަށް މިއޮތީ ރިލެކްސްކުރާށެވެ.މަޑުމަޑުން އަހަރެން ގޮސް އަތުގައި ތިބި އެއްޗެހި އެކޮޓަރީގައި ހުރި ލިޔާމެޒު މަތީ ބެހެއްޓުމަށްފަހު ސިއްރު ފިޔަވަޅުތަކެއްގައި އީޝާކް އޮތް އެނދުމަތިން ބާލީހެއް ނަގައި އޭނާއާއި ދިމާލަށް އެއްލީމެވެ.އެވަގުތު އީޝާކް ސިއްސައިގެން ގޮސް އެނދުމައްޗަށް ކޮޅަށް ޖެހުނެވެ.”ހައްހައްހައްހައްހައް”އީޝާކް ހުރި ގޮތް ފެނުމުން އިޝާން ބަނޑުގައި އަތް އަޅައިގެން ހުރެ ހޭން ފެށިއެވެ.އަހަރެންވެސް ދިޔައީ އަނގަމަތީ އަތްއަޅައިގެން ހުރެ ހުނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ.
“ހައު ޑެއަރ ޔޫ ސާޝް؟ހުރެބަލަ ނިކަން ކުޅި ދައްކާލާނަމޭ”އީޝާކް މިހެން ބުނެ އެއަރޕޮޑްސް ކަންފަތާއި ވަކިކޮށްލަމުން އެނދުމަތިން ފުންމާލައިގެން އައިސް އަހަރެންނާއި ދިމާލަށް ދުއްވައިގަތެވެ.އަހަރެންވެސް ބަލާކަށް ނުހުރެ އީޝާކްއަށް އަތު ނުވާންވެގެން އެނދު ވަށާ ދުވަންފެށީމެވެ.ކުޑަ ކުޑަ އިޝާންވެސް ހެމުން ހެމުން އަހަންނާއި އީޝާކްގެ ފަހަތުން ދުވަމުން ދިޔައެވެ.އަދި ނުވީތާކަށް އީޝާކް ދިޔައީ އަތު ޖެހުނު އެއްޗެއް އަހަންނާއި ދިމާލަށް އުކަމުންނެވެ.އަހަރެންވެސް ކަންތައް ކުރީ އެހެންނެވެ.އެގޮތުގައި އެތައް ވަގުތެއް ހޭދަވެގެން ދިޔައެވެ.އެ ސަކަރާތުގައި ތިއްބާތިންމީހުން ހުރިތަނަށް ގަނޑުވީ ކުއްލިޔަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ.
އިޝްއަލްގެ ނަޒަރުން:
މިއަދަކީ ސްކޫލުގައި އޮތް އަރޓިކަލް ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރި ދުވަހެވެ.އެހެންކަމުން މިއަދު އަހަރެން ސްކޫލަށް ދިޔައީ ވަަރަށް އުފަލުންހުރެއެވެ.އަހަރެން ސާޝް އާއި އީޝް ކައިރީ ނުބުނީ ޖެހިޖެހިގެން ތިން އަހަރު ވަންދެން ‘ބެސްޓް ރައިޓަރ’ ގެ އެވޯޑް ހާސިލްކުރުމުން އެ ދެމީހުން އުފަވާނޭ ވަރު ހިތައް އެރުމުން އެ ދެމީހުނަށް ސަޕްރައިޒެއް ދިނުމަށްޓަކައެވެ.ރެޑް ސްޓަރ ގައި އުޅުން އިރު އެތަނުގައި ހޭދަކުރެވުނު އެންމެ ފަހު އަހަރުގައިވެސް މި އެވޯޑް ހާސިލްކުރީ އަހަންނެވެ.އަދި ނުވީތާކަށް މިދިޔަ އަހަރު މި ސްކޫލަށް އަލަށް އައިސްގެން ބޭއްވި އެ މުބާރާތުގައިވެސް އަހަންނާއި ވާދަކޮށްގެން އެއްވަނަ ހާސިލްކުރެވުނު ކުއްޖެއް ނެތެވެ.ނަމަވެސް ކަންތައްވެގެން ދިޔައީ އަހަރެން ހީކުރިގޮތާ ޙިލާފަށެވެ.މިއަހަރު މި ގްރޭޑްގެ ބެސްޓް ރައިޓަރ އަކީ އަހަންނެއް ނޫނެވެ. މިފަހަރު އެ އެވޯޑް ހާސިލްކުރީ ނޯމާން އެވެ.އެއީ އުތުރުގެ ކަޑަ ރަށަކުން އަހަރެމެންގެ ރަށަށް ކިޔަވަން އައިސް ހުރި ކުއްޖެކެވެ.އަހަންނާއި އެއް ކްލާހެއްގައި އުޅުނަސް އިންނާނީ ވަރަށް މަޑުންނެވެ.އެކަމުގެ ހިތާމައިގައި މިއަދު އަހަންނަކަށް ރަނގަޅަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވިއެވެ.އަހަންނަކީ އަހަރެންގެ ދޮއްޓައް ހުރި ތިއްތިބެއާއި ހަގަށް ތިބި ތިން ކުދިންނާއި އަޅައި ބަލާއިރު ވަރަށް ‘ކޮމްޕެޓިޓިވް’ މީހެކެވެ.ކުރަން ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ހުއްޓާނުލާ މީހެކެވެ.އެއީ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް ނުވަތަ އަންހެންކުއްޖެއްގެ ކަމެއްގައި ވިޔަސްމެއެވެ.ކުރަން ހިތުލައިފި ކަމެއް ހާސިލްނުވަންޏާމުން އަހަންނަކަށް ހަމަނޭވައެއް ނުލެވޭނެއެވެ.އަދި ނުވީތާކަށް ރޭގަނޑު ރަނގަޅަށް ލޮލުފިޔައެއްވެސް ނުޖެހޭނެއެވެ.ކޮންމެއަކަސް މިއަދުގެ ހުރިހާ ގަޑިތަކެއް ނިމުމުން އަހަރެެން ހުރީ ސްކޫލުން ބޭރު ފާރުގައި ލެނގިލައިގެންނެވެ.ގަޑިން 1:30 އަށްވުރެ ބޮޑުވެފައި ވީއިރު ބައްޕައަށް ވެސް ދުވަހަކު ގަޑިއަށް ބަލާ އާދެވޭ ކަމަކަށް ނުވެއެވެ.ދެތިން ފަހަރު ގުޅުމުން ވެސް ލިބުނީ އެއްޖަވާބެކެވެ.ބިޒީ ކަމުން ގޮސް ހައްދެއް ނޯވެއެވެ.މި ސްކޫލާއި އަހަރެންގެ ގެޔާއި ދުރުވުމުން ހިނގާލާފައި ގެޔާއި ހަމަޔަށް ދާން ފުދޭވަރަކަށް ވަގުތު ނަގާނެއެވެ.އަދި އަހަރެން މިހިރީ އެހާ ދުރަށް ހިނގޭނެ ފަދަ ހާލެއްގައެއް ވެސް ނޫނެވެ.ބަނޑުހައިވެގެން ގޮސް ބަނޑުން އަޑު ކިޔަން ފެށިއިރު އިރު ހުރީ އުޑު މެދުގައެވެ.އައި ރުޅިންނާއި ވެފައި ހުރި ދެރައިން ގޮށްމުއްކަވާފައި އަހަންނަށް ފާރުގައި ދެތިން ބޮނޑި އެޅުނެވެ.ނަމަވެސް ހުރިހާ ތަދެއްވީ އަހަންނަށެވެ.”ބްރޯ އަދިވެސް ކައެގެ ޑޭޑް ނާދޭތަ؟”އެވަގުތު ލައިބްރަރީ އިން ފޮތްތަކެއް ނަގައިގެން އައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރެހާން އެހިއެވެ.”ހުއް.ލައިކްވައިސް”އަހަރެން ފޫހިވެފައި ހުރެ ބުނީމެވެ.
“ހޫނ.މަށަށް އެނގެޔޭ އިޝޫ ތިހާ ރުޅިއައިސްގެން ތިއުޅެނީ ކީއްވެގެންކަން.ބިކޯޒް އޮފް ދެޓް ނޯމާން ގައި އޮބްވިއަސްލީ”ރެހާން އަތުގައި ހުރި ފޮތްތައް ފާރުބުރި މަތީ ބެހެއްޓުމަށްފަހު އޭގެއިން އެއްބައި އަތުގައި އޮތް ދަބަހަށް އަޅަމުން ބުންޏެވެ.“ސްމަރޓް.ރެން ތީ ވަރަށް ފޮތް ކިޔާމީހެއްނު.ދީބަ މޮޅު އައިޑިޔާއެއް.އައި ވޯންޓް ޓު ޑީލް ވިތް ދެޓް *** އޭސެޕް”އެއް މިޔަކުން ހީލަމުން އަހަރެން ބުނީމެވެ.”ރިއަލީ ބްރޯ.ޔޫ އަރ އާސްކިންގް މީ؟”ރެހާން މިހެން ބުނުމުން އަހަރެން ނިތް އަރުވާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.”ހައްހައް.ނޯ ވޭ ބްރޯ.ކައެގެ ކޮއްކޮ ކައިރިން އަހާ.ޝީ އިޒް މަޗް މޯ ސްމަރޓަރ ދެން މީ އެންޑް އިޒް ވެރީ ކްލެވަރ.މަ އަދިވެސް ހަނދާން އެބަހުރި މިދިޔަ އަހަރު ސާޝް މަގޭ ކޮއްކޮއަށް ކުރި ވަރު ސާޝް އޭނަގެ ވޯކްޝީޓް ވީދާލިކަމަށް ބުނެ ފްރޭމްކުރަން އުޅުނީމަ”ރެހާން މިހެން ބުނުމުން އަހަންނަށް ލޯ ހަނިކޮށްލެވުނެވެ.ތެދެކެވެ.ސާޝް ވަރަށް ވިސްނުންތޫނުވާނެއެވެ.އަދި އޭނާގެ ސިކުނޑި ތެރޭގައި ހިނގާ އެއްޗެއް އެހެންމީހަކަށް ނަގައި ނުގަނެވޭހާ ސިއްރުވެރި ވާނެއެވެ.ފަހަރެއްގައި އަހަރެން މިއީ ސާޝްގެ ދޮންބެ އަށް ނުވިނަމަ އަހަރެންވެސް ހީކުރާނީ އެއީ އަލްޔާން އާއި ގިނަ ކުދިން ޤަބޫލުކުރާގޮތައް ވަރަށް ފޮނި ކުއްޖެއް ކަމަށެވެ.ނަމަވެސް ހަޤީގަތް މުޅިން ތަފާތެވެ.އަހަރެންގެ ކޮއްކޮ އަކީ ފޮނި ސިފައެއް ހުރި މީހެއް ނޫނެވެ.މީހުންގެ ކުރިމަތީގައި މާ ލަދުރަކިވުމުގެ ސަބަބުން މާ ގިނައިން ވާހަކަ ދައްކައި އުޅެން ސާޝާ އަށް މާ އުނދަގޫ ވަނީއެވެ.އެހެންކަމުން ސާޝާގެ މަޑުމައިތިރި މިޒާޖުގެ ސަބަބުން މަލާއިން އާއި ލިއާގެ އިތުރުން އޭނާގެ މާ ގިނަ ރައްޓެހިންނެއްވެސް ނުތިބޭނެއެވެ.ރެހާން އެބުނީ ތެދެކެވެ.އަހަންނަށް ސާޝްގެ އެހީތެރިކަން ހޯދިދާނެއެވެ.ނަމަވެސް ސާޝް އަހަރެމެން ފުރާވަރުގެ ކުދިން ކުރާ ކަންތަކުގެ ތެރެއަށް ވެއްދުމަކީ މިވަގުތު އަހަރެން އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ.އަހަރެންގެ ވާދަވެރިކަމުގެ ސަބަބުން މި ސްކޫލުގައި އުޅޭ އަހަރެންގެ ރައިވަލްްސްގެ އަދަދު ފުދޭވަރަކަށް ގިނަވާނެއެވެ.މިއަދުވެސް އެ މީހުންގެ ލިސްޓަށް އިތުރުވެގެން އެދިޔައީ މުޅިން އާ ނަމެކެވެ.ނޯމާންއެވެ.
“ހައްހައް.ނޯ ތޭންކްސް މޭން.ސާޝް އިޒް ސްޓިލް ޔަންގް އެންޑް އައި ޑޯންޓް ވޯންޓް ޓު އިމްޕްލިމެންޓް ސަޗް އީވިލް ތޯޓްސް އިން ހަރ މައިންޑް”އަހަރެން ނިތްކުރިން ފައިބަމުން ދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ބުނީމެވެ.”ހެއްހެއް.ހޫ ސެއިޑް ކައެ ކައިރީ ސާޝް އީވިލް ކުއީން އަކަށް ހަދާށޭ.ޝީ އޯލްރެޑީ އިޒް މޭން.ޝީ ހޭޒް ބިގަރ ބްރެއިންސް ދޭން ހަރ އޭޖް”ރެހާން ދުރު ބަލައިލަމުން ބުންޏެވެ.ރެހާން ނުބުންޏަސް އަހަންނަށްވެސް އެއީ ތެދެއްކަން އެނގެއެވެ.އެއުމުރުގެ އެހެން ކުދިންނާއި އަޅައި ބަލާއިރު ސާޝް ވަރަށް ތޫނުފިލިވާނެއެވެ.ނަމަވެސް ސާޝް އަދި ކުޑަވެފައި މައުސޫމްވުމުން އަހަރެންގެ ކަމެއްގެ ތެރެއަށް ސާޝް ވައްދައިފިކަން އެނގިއްޖެނަމަ އަހަންނަށް ވުރެ ބޮޑަށް އަހަރެންގެ ‘ދުޝްމިނުން’ ގެ އަމާޒަކަށް ވެގެންދާނީ ސާޝްއެވެ. ސާޝްއަކީ އަހަރެންގެ ހުރި ހަމައެކަނި އަންހެން ކޮއްކޮއެވެ.އެހެންކަމުން އަހަރެމެން ދޮށްޓަށް ތިބި ތިންބެއިންވެސް ސާޝް ބަލަނީ ވަރަށް ލޯބިންނެވެ.ދުވަހެއްގެ ކޮޅުންވެސް ސާޝްއަށް ގެއްލުމެއް ލިބިއްޖެނަމަ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.”ހޫނ.ދެން އޯކޭއޭ.މަ ބަލާނަން ގޮތެއް ހެދޭތޯ.ސޮރީ އިނގޭ އައި ނޯ ކައެ ތިހިރީ ހިތްހަމަ ނުޖެހިފަކަން ސާޝް ކައިރިން އައިޑިއާއެއް ހޯދާށޭ ބުނީމަ”ރެހާން އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ.އެވަގުތު ބައްޕަ ސައިކަލުން އައިސް މަޑުކޮށްލުމުން އަހަރެންވެސް އެއީ އެވަރު ކަމެއް ނޫން ކަމަށްބުނެ ރެހާން އަށް ހަނާއަޅައިލީމެވެ.ގެޔަށް ދިޔަ މަގުމަތީގައި އަހަރެން ބައްޕަ ކައިރީ ލަސްވީ ކީއްވެގެންތޯ ސުވާލެއް ނުކުރަމެވެ.އެއީ ކުރިޔަސް ލިބޭނީ ހަމަ އެއް ޖަވާބެއްކަން މިއީ ދުވާލު ފަދައިން އަހަންނަށް އިނގޭތީއެވެ.މިހާރުވެސް އަހަރެން ގެޔަށް ލުމަށްފަހު ބައްޕަ ވަގުތުން ދާނީ އޮފީހަށްކަން އެނގެއެވެ.
ބައްޕައަކީ ރަތްދޫ (ޙިޔާލީ ނަމެއް) ބޭންކްގެ އިންޗަރޖެވެ.އަހަރެން ހަނދާން ހުންނަން ފެށީއްސުރެވެސް ބައްޕަ އަބަދު އުޅެނީ އޮފީހުގެ މަސައްކަތުގައި މަޝްޢޫލުވެގެންނެވެ.ގިނަ ރޭރޭ ގެޔަށް ނިދަން އަންނާނީވެސް ދަންވަރު 1 ޖަހާ ބޮޑުވާ ފަހުންނެވެ.ބައެއްފަހަރު މަންމަ ބައްޕަ ކަހަލަ ‘އަޅާލުންކުޑަ’ ފިރިއަކާއި އެއްކޮށް އެއުޅެނީ ކިހިނެތް ކަމާއިމެދު އަހަރެން އަޖައިބުވެއެވެ.މަންމަ ނޫން އެހެން އަންހެނަކު ނަމަ 25 އަހަރު ވަންދެން މި ކައިވެނީގެ މަތީގައި ދެމިއެއް ނުހުންނާނެކަން ޔަޤީނެވެ.އަހަރެމެންނަށް ބައްޕަ އެކަށީގެންވާވަރަށް ވަގުތު ނުދޭތީ މަންމަ ކައިރީގައި ޝަކުވާ ކުރާ ކޮންމެ ފަހަރަކު މަންމަ ބުނަނީ އެއީ ބައްޕަ އެހާ ބުރަކޮށް މަސައްކަތް އެކުރަނީ ހަމަ އަހަރެމެންނަށް ޓަކައި ކަމެވެ.ހަމައެކަނި އަހަރެމެންނަށް ޓަކައެއް ނޫނެވެ.މާމަ އާއި ބޮޑުދައްތަގެ ޙަރަދުތައް ވެސް ކުރަނީ ބައްޕައެވެ.ކުޑާއްތަ އާއި އައުޒަމްބެ ކުރާ ކަމަކީ ހަމައެކަނި ގޭގެ ކަރަންޓު ބިލް ދެއްކުމެވެ.މާމައަށް ލިބިފައިވާ 6 ދަރީންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިއަކީ ބައްޕައެވެ.އެހެންކަމުން އަހަރެމެންނަށް ޚަރަދުކުރުމުގެ އިތުރަށް މާމަމެންނަށް ޙަރަދު ކުރުމަކީވެސް ބައްޕަގެ ވާޖިބެކެވެ.ނަމަވެސް އެއީ ހަމައެކަނި ބައްޕަގެ ޒިންމާއެއް ނޫނެއްނޫން ހެއްޔެވެ؟މާމަގެ ބާކީ ތިބި 5 ދަރިން އެމީހުންގެ މަންމައަށް ޙަރަދުކުރަން ޖެހުމުން އެއީ ބޭކާރު ބަޔަކަށް ވަނީ ހެއްޔެވެ؟އެއީ ވެސް މަތީ ވަޒީފާތަކުގައި ތިބި ތަނަވަސް މީހުންނެވެ.ވީއިރު މާމައަށް ޙަރަދުކުރުމުގައި އެންމެންގެވެސް ޙިއްސާއެއް އޮންނަން ޖެހޭކަމަށް އަހަންނަށް ޤަބޫލުކުރެވެއެވެ.އެމީހުންގެ ތެރެެއިން އެންމެ ގިނައިން ފައިސާ ލިބެނީ ބައްޕައަށް ކަމަށް ވިޔަސްމެއެވެ.
“ކޮބާ؟ދަރިފުޅު ބުނީމެއްނު މިއަދު ލިޔުމުގެ އެވޯޑެއް ލިބޭނެ ވާހަކަ؟”ގެޔަށް އައިސް ވަދެވުމާއިއެކު މަންމަ އެއްސެވެ.”އާނ.އެކަމަކު މިފަހަރު އެ އެވޯޑް ލިބުނީ އެހެން ކުއްޖަކަށް”އަހަރެން އޮޅުވާލުމެއްނެތި ބުނީމެވެ.”ކީކޭ؟އެހެންކުއްޖެކޭ؟ހޫނ.މަށަށް އޭރުވެސް އެނގެޔާ އިޝްއަލް އަށް އެނގޭނެ ކަމެއް ނުހުންނާނެކަން.އެ ކުއްޖާ ކިހާ މޮޅުވީމަ އެއްވެސް މައްސަލައެއް ނުޖެހި އޭނަގެ ލިޔުން އެ ހޮވުނީ.އެހެންވެގެންނޭ އިޝްއަލް ކައިރީ އަދިވެސް ބުނަނީ ކިޔާން ސަރ ކައިރިން ގިނަގިނައިން އެއްޗެހި އޮޅުން ފިލުވާށޭ.ތިވަރުން ދަންޏާމުން އޯލެވެލްގައި ލިބޭނީ ޑީ އަށް ވުރެ ވެސް ދަށުންނެއްނު”މަންމަ ބަދިގޭގައި ހުރެ ފަތިވަރު އަމުނަމުން ދިޔައިރު ރައްދުގައި އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ.އައިސްފައި ހުރި ރުޅިއަށްވުރެ ވީ ދެރަ މާ ބޮޑެވެ.ނަމަވެސް އަހަންނަކީ ކިރިޔާ ކަމެއް ވާއިރަށް އެކަމާއިގެން ދެރަވެ ހިތްވަރު އެލުވާލާ ކަހަލަ މީހެއް ނޫނެވެ.މަންމަ ކިޔާނެ އެއްޗެއް ކިޔާފާނެއެވެ.މަންމަ އަށް ވިސްނައިދިނުމަކީ ބޭކާރުކަމެކެވެ.ޖެހޭނީ އަހަންނަށް އެކަން ކުރެވޭނެކަން ސާބިތުކޮށްދޭށެވެ.އޭރުން އަހަންނޭ ކިޔައިގެން އެއްވެސް ބަޔަކަށް އިތުރަށް ދެއްކޭނެ ވާހަކައެއްް ނޯންނާނެއެއް ނޫންހެއްޔެވެ.
ކާހިތްވެސް ކެނޑިފައިވުމުން އަހަރެން ގެޔަށްވަދެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހީ ނިދާލަން ބޭނުންވުމުންނެވެ.ނަމަަވެސް ކޮޓަރިއާއި ގާތްވީ ވަރަކަށް އެތެރެއިން އަޑުތަކެއް އިވެމުން ދިޔުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.އައިރާ އާއި އިރާ އެތިބީ ބޭރު އުނދޯލީގައެވެ.ސާޝް މިވަގުތު އޮންނާނީ ރަނގަޅަކަށް ވިއްޔާ ނިދާފައެވެ.ވީ އިރު އަހަރެންގެ ކޮޓަރީގައި އޮންނާނީ އީޝާކް އެކަންޏެވެ.އެހެންވީއިރު ދެން އެ އިވެނީ ކޮން އަޑެއް ހެއްޔެވެ.މިފަދަ ޙިޔާލުތަކެއްގައި ހުރެ ގޮސް ކޮޓަރިޔަށް ވަދެ ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އަހަރެންގެ ހެޔަށް ގޮތެއް ނުވީ ކިރިޔާއެވެ.
ހައި ގައިޒް 😊 ހޫ އޯލް އަރ ސަރޕްރައިޒްޑް ޓު ފައިންޑް އައުޓް އިޝްއަލްސް ޓޮކްސިކް ސައިޑް؟ޕްލީސް ގިވް އަ ލައިކް ❤️ އެންޑް ތޭންކްސް ފޮރ ޔުއަރ ލަވް އެންޑް ސަޕޯރޓް 🤗
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
