ދިރުމެއްނެތް ދިރިއުޅުން 11
“އަޅެ! ދެން އެ ކާރޑް ބަލައިލުމަކީ އެވަރުގެ ކަމެއްތަ؟ އެހެންނޫނަސް ކާރެއް ބަލައިން ހިތާމައިގަ އުމުރު ހުސްކުރަންޖެހޭނެތަ؟ ޕިސް ޕިސް…” އަހަރެން ވަރަށް ސީރިއަސްވެލާފައި ސުވާލު ކުރީމެވެ.
ޒީންގެ އެސުވާލަށް މިފަހަރު ނަތޫޖަވާބެއް ދޭނެއެވެ. ޒީން ރޯންޖެހުނަސް ހޭންޖެހުނަސް ނަތޫއަށް ފަރުވާލެއް ނެތެވެ. ޖައުފަރު ރުޅިއަޔަސް ނަތޫ މިފަހަރު ހުރީ އެސުވާލަށް އެކަށީގެންވާ ޖަވާބެއްދޭން ތައްޔާރުގައެވެ.
ކުއްލިއަކަށް ނަތޫއަށް ހެވެންފެށިއެވެ. ނަތޫގެ މި ސަކަރާތުގެ ސަބަބުން ޖައުފަރުބެއާއި އަހަރެން ހުރީ ހައިރާންވެފައެވެ. ނަތޫއަކީ ޖާދޫގަރެއް ނޫނެވެ. އެހެނަސް ނަތޫ އޭނަގެ މޫނުގެ ކުލަވަރު ބަދަލުކޮށްލާލެއް މޮޅުކަމުންނެވެ. ބައެއްފަހަރު ވަރަށް ސީރިއަސް މޫނެއްގައި ހުންނައިރު އަނެއްބައި ފަހަރަށް ފެންނަނީ ގަޑަގަޑައަޅާ ހޭތަނެވެ. އެހެން މީހުން ހާސްކަމެއްގައި ތިބޭއިރުވެސް ނަތޫ އެފަދަ މާހައުލެއް ބަދަލުކޮށްލައެވެ.
“އާނ….ހެހެހެ….. މިބުނަނީ …ހެހެހެހެހެ…. ހިތާމައިގަ …ހިތާމައިގަ އުމުރު ހުސްނުކުރާށޭ ބުނީ ކީއްވެކަން. އެކާރޑްގަ މިހާރު އޮންނާނީ ބާތިލްވީމަ ލޯވަޅެއް އަޅާފަ. އެހެންވެއޭ މިބުނީ ހަގީގަތް ބަދަލެއް ނުކުރެވޭނެއޭ. ލޯވަޅެއް އެޅިފަ އިނީމަ،ޒީން ރޮއެފާނެވިއްޔަ… ހެހެހެހެ….އެހެންވީމަ ބާކާރޑް އަނެއްކާ ޒީނިޔައްތަ ފޮރުވީމަ މާރަނގަޅުވާނީ..” ނަތޫބުނި ވާހަކައިން އަހަރެންވެސް ހޭންފެށީމެވެ. އެހެނަސް ޖައުފަރުގެ ހިނިތުންވުމުގެ ފަހަތުގައިވަނީ ނަތޫއާމެދު އެތައް ޝައްކެއް އުފެދިފައެވެ.
ޗުއްޓީގެ މިދަތުރު ކުރުކޮށްލަމުން ރަށަށްދިިއުމުގެ ކުރިން ޒީންއާއި ނަތޫ ކައިރި ފިހާރަތަކުން ވިޔަފާރިކޮށްލަންގޮސް ހެދިއެވެ. ފުރަންވާ ާއިރަށް ދަތުރަށް ތައްޔާރުވަމުން ބޭނުންވާ ބައެއް ސާމާނުގަނެލުމަށްފަހު ގެއަށްއައެވެ. ފޮށިތަކާއި ދަބަސްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އޭރުވެސް ޖައުފަރު އުޅެމުންދެއެވެ. ނަތޫއާ ޒީންވެސް އެމަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ޖައުފަރު ދަބަހުގެ ބައެއް އެއްޗެތި ތަރުތީބުކޮށްލަން ނަތޫއާ ހަވާލުކުރެއެވެ.
ކުއްލިޔަކަށް ކޮޓަރިތެރޭ އިން ފޯނު ރިންގްވާންފެށިއެވެ. ފޯނަށް ޖަވާބު ދިނީ ޖައުފަރެވެ. އެއީ ޒީނިޔާގެ އަޑެވެ. ޒީން މާލެއައިފަހުން ޒީނިޔާ އެގުޅީ އަދި އަލަށެވެ. އިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ޖައުފަރު ޒީންއަށް ފޯނުދިއްކޮށްލިއެވެ.
“މަންމާ! ކިހިނެއްތަ މިހާރު؟ ވަރަށް ބަލިވެޔޯ ބައްޕަބުނި” އަހަރެން މަންމައާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް އުފަލުން ހުރެއެވެ.
“ދަރިފުޅު ކިހިނެއްތަ؟ މަންމަ އަދި މުޅިން ރަނގަޅެއް ނޫން. ބޭސްވެސް ކަން. އެކަމަކު ނޭނގެ މިފަހަރު މިވާގޮތެއް. ދޭތެރެއަކުން މެއަށް ތަދުއަރާ…. ދަރިފުޅާ ޒީން! މަންމަ ނަގައިފިން ދަރިފުޅުގެ ރިޕޯޓްފޮތް. ކުރިން ލިބެމުންއައި ނަތީޖާއަށްވުރެ ދެން ރަނގަޅު.” ޒީނިޔާ އޮޅުންފިލުވައިދިނީ އޭނާގެ ހާލަތާއި ޒީންއަށް ސްކޫލުން ލިބުނު ނަތީޖާއެވެ.
“މަންމާ.. އަހަރެން ރަށަށް ދާދުވަހު ފާލާމަށް ބަލާއަންނަށްޗެ.” އަހަރެން ބުނެލީ އުންމީދާއެކުއެވެ. މަންމައަކީ އަބަދުވެސް އަހަރެން ބޭނުންވާގޮތަށް ކަންކަން ނިންމާދޭން ބޭނުންވާ މީހެކެވެ. އަހަރެން ދުވަހަކުވެސް އެކަމަށް ޝައްކެއް ނުކުރަމެވެ.
ޒީންއާ ވާހަކަދައްކަ ދައްކާ ހުއްޓާ ސިއްރު ގޮތަކަށް ފަރީދު ޒީނިޔާގެ އަތުގައި ކޮށްޓާލީ ތަންކޮޅެއް ދުރުން އަންނަ މީހަކު ދައްކާލުމަށް އިޝާރާތްކުރަމުންނެވެ. ޒީނިޔާ އެދިމާއަށް ބަލައިލީވެސް ޒީންއާ ވާހަކަދައްކަން ހުރެއެވެ. އެމީހަކު ފެނުމާއިއެކު ޒީނިޔާގެ ދެވަނަ ނަޒަރު ފަރީދުއާދިމާލަށް ހުއްޓާލިއެވެ.
“މަންމާ.. މަންމާ! ކިހިނެއްވީ ވާހަކަ ނުދައްކާ ތިހުރީ؟” ކުއްލިޔަކަށް ޒީނިޔާ ސިއްސައިންދިޔައެވެ. އަދި ފޯނަށް ޖަވާބުދޭންފެށިއެވެ.
“އަ..އާނ.. އެއީ މިތަނަށް ނަތޫގެ މަންމަ އައީމަ……” ޒީނިޔާ އިތުރަށް ޒީންއާ ވާހަކަދައްކަމުން ދިޔައެވެ.
އުފާވެރި ހިނިތުންވުމެއް ފަރީދަށް ހަދިޔާކުރަމުން ނަޖުމާ އައިސް ފަރީދުކައިރިއަށް މަޑުކޮށްލިއެވެ.
“ނަޖުމާ! ފޯނު ބޭނުންވެގެންދޯ ތިއައީ.. އަހަރުމެން ޒީންއާ ވާހަކަދައްކާލަނީ.. ކުރިންދުހު ނަތޫއާވެސް ވާހަކަދައްކާލިން އަހަރެން.” ފަރީދު ވާހަކަދައްކަން ފެށުމުން ނަޖުމާ އާނއެކޭ ބުނާފަދަ ގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ.
“ހޫމ…ތިވާހަކަ ބުނި. މިހެން އުޅެލާފަ އަހަރެންވެސް ގުޅާލަން އަންނަމޭ މާހިލްއާ ޝިއުޒްވެސް ގޮވައިން.” ނަޖުމާގެ ވާހަކަތަކަށް ފަރީދު ކަނުލާއަޑުއަހަމުން ދިޔައެވެ. ނަމަވެސް އިރުއިރުކޮޅުން ޒީނިޔާއަށް ބަލައިލައެވެ.
“ފަރީދު! ޒީންއާ ވާހަކަދައްކާލަން އާދެބަލަ.” ފޯނު ދިއްކޮށްލަމުން ޒީނިޔާ ފަރީދަށް ގޮވާލިއެވެ.
“ޒީންގާތުބުނޭ މިއަދަކުނޫނޭދެން. މިހުރީ ނަޖުމާއަށް ލަސްވެފަ ކަންނޭންގެ.” ފޯނު ބޫތައް ބޭނުންކުރާ ކާޑު ހިފައްޓާލައިން އެއަށް ބަލަންހުރި ނަޖުމާއަށް އިޝާރާތްކޮށްލަމުން ފަރީދު ބުނެލިއެވެ. ވެގެން އުޅޭގޮތް ބުނެދިނުމަށްފަހު، ޒީނިޔާ ފޯނު ބާއްވައިފިއެވެ.
އެރޭގެ ވަގުތެކެވެ. ޖައުފަރާއި ޒީން އަދި ނަތޫ އެރޭގެ ނާސްތާ ނިންމާލައިފިއެވެ. ޒީން އަވަސްއަވަހަށް ތަށިދޮވެލުމަށްފަހު ޓީވީ ބަލާލަން ސިޓިންގރޫމަށް ދިޔައެވެ. ޖައުފަރު އަތްދޮވެލުމަށްފަހު އޭނާ ނިދާ ކޮޓަރިޔާދިމާލަށް މިސްރާބު ޖެހިއެވެ. ޖައުފަރާއި ނަތޫކައިނިމިފައިވާ ތަށިތައް ދޮވެލުމަށްފަހު ނަތޫގޮސް ކޮޓަރި އެނދުގައި އޮށޯއްވެލީ އަރާމުކޮށްލުމުގެ ނިޔަތުގައެވެ.
ދިހަވަރަކަށް މިނެޓްފަހުން ދޮރުގައި ޓަކިޖަހާލިއަޑަށް ނަތޫ މަޖާރާގަކަށް ހަޅޭއްލަވައިގަތެވެ.
“ނުހުޅުވާނަން މިރޭ… ޒީންގެ ކަންތައް ހާދަހާ ބޮޑޭ.. ކޮންމެރެއަކު އަހަރެން ނިދާބޮކި ޖައްސައިން ނިދީމަ ދެން އައިސް އަނެއްކާ ކޮޓަރި އަލިކުރަނީ.. ދެން މިރޭ ސޯފާގަ ނިދާ…” އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ނަތޫ ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ! މީބައްޕައޭ.. ނަތޫ މާއަޑުގަދަނުކޮށް ތިދޮރު ހުޅުވާލަބަލަ.” ޖައުފަރުގެ އަޑުއިވުމާއެކު ނަތޫ އޭނާގެ އަމިއްލަ މޫނަށް ފާޑެއްގެ ގޮތެއް ހަދާލުމަށްފަހު ދޮރު ހުޅުވާލިއެވެ.
“ބައްޕަދޯ؟ ނޭނގޭނެއްނު. ކިހިނެއްވީ އަހަރެން ހޯދަނީ؟” ޖައުފަރުގެ އައި ބޭނުން އެނގިހުރެވެސް ނަތޫ އަހާލީ ހާސްވެފައިވާކަން މޫނުމަތިން ދައްކާލަމުންނެވެ.
“ޒީން ނެތްގަޑިއެއްވީމަ ވާހަކައެއް އަހާލަން މިއައީ.. އަނެއްކާ ޒީން މިތަނަށް އަންނާނެތަ؟ ޖައުފަރު ފާޑަކަށް ހާސްވެފައިހުރެ އަހާލިއެވެ.
“ނޫން..އެބަލާއެއްޗެއް ނިންމާފަ ގިނައިން ކޮޓަރިއަށް ވަންނަނީ ދިހަގަޑި ބައިހާއިރު. އެހާއަވަހަށް އަދި އަންނާނެހެން ހިއެއްނުވޭ.” ނަތޫ ބުނެދިނީ އާންމުގޮތެއްގާ ކަންތައްހިނގާ އުސޫލެވެ.
“ނަތޫ! ޒީންގެ ބައްޕަ ފަރީދަކީ ކާކުކަން ދަރިފުޅަށް އެނގޭތަ؟” ޖައުފަރު ކުރި ސުވާލުން ނަތޫއަށް ދެމާނައެއް ނެގުނެވެ. އެއްގޮތަކީ އެ ސިއްރުވެރި ވާހަކަ ނަތޫއަށް އެނގޭކަން ޖައުފަރަށް ޝައްކުވީއެވެ. ނޫންނަމަ، ފަރީދު ގުޅާ ކޮންމެފަހަރަކު ނަތޫއާ މާގިނަ ވާހަކަދައްކާތީ އެކަމުގެ މަޤްސަދު ބުނެދޭން އުޅެނީއެވެ.
“ކިހިނެއްވީ ބައްޕަ ތިހެން ތިބުނީ؟” ނަތޫ ސުވާލުކޮށްލިއެވެ.
“ކުރިންދުހު ޒީންކައިރި ބުނީމެއްނު އައިޑީކާޑް ބަލާނެ ކަމެއްނެތޭ. ނަތޫ! ދަރިފުޅަށް އެއްވެސް ކަމެއް އިނގެނީތަ؟ ބައްޕަ އެދުވަހު ވަރަށް ހައިރާންވި އެހެން ބުނީމަ.. އެހެންވެ މި އަހާލީވެސް.” ޖައުފަރު އަނެއްކާވެސް އަހާލިއެވެ.
“ބައްޕާ! އަހަންނަށް އިތުބާރުކުރޭ. އަހަރެން ވާހަކައެއް ބުނެފާނަން……… އަސްލު ފަރީދުބެއަކީ ޒީންގެ ދޮންބައްޕަ. ޒީނިޔައްތައަކީ ވަރަށް ބަލިމީހެއް.. މިވާހަކަތައް އަހަންނަށް އަޑުއިވުނީ ޒީނިޔައްތަ އައިސް މަންމައާ ބައްޕަކައިރި ބުނިއަޑު. ޒީނިޔައްތަ ބައްޕަމެންކައިރި ބުނިދޯ އެވާހަކަތައް ސިއްރުކުރަން. އެހެންވެ އަހަރެންވެސް ޒީންއަށް ކިޔައެއްނުދެން އެއްވެސްއެއްޗެެއް. އެކަމަކު އަހަންނަށް ވަރަށް އުނދަގޫވޭ މިހެން ސިއްރުކޮށްގެން ހުންނަންވެސް…. ދެން ކޮބާ ޒީންގެ ބައްޕަ؟” ނަތޫ ވަރަށް ތަފްސީލުކޮށް ކިޔައިދިނުމަށް ފަހު ޒީންގެ ބައްޕަ ކޮބައިތޯ އަހާލިއެވެ.
“ދަރިފުޅާ ވަރަށް ރަނގަޅު.. ތިހާ އެއްކޮށް އުޅެމުންވެސް އެވާހަކަތައް ފޮރުވައިން ހުރީމަ. އެއީ އަހަރުމެން ދައްކަންޖެހޭ ވާހަކައެއް ނޫނެއްނު. ޒީންގެ މަންމަ އެވާހަކަތައް ކިޔައިދޭނެއްނު. ދެން ބައްޕަ ދަނީ.” ޖައުފަރު އުފަލުންހުރެ ދޮރު ހުޅުވާލިއިރު ކުރިމަތީގައިހުރީ ޒީންއެވެ. ޒީންގެ މޫނުމަތިން ބުނެދެނީ ޒީން ސުވާލެއް ކުރަން ބޭނުންވެފައިހުރިކަމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






