ކުލަ 2
ދެން މި ޖަލެއް ކަހަލަ ގެއެއްގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.؟
ހުރިހާ ހިޔާލުތަކެއް އެއްކިބާ ކޮށްލާން މަޖުބޫރު ވީ ފޯނު ރިނޮގުވާނ ފެށުމުންނެވެ. ގުޅަނީ ޒައިންއެވެ. އަހަރެން އަވަސް އަވަހަށް ފޯނަށް ޖަވާބް ދިނީމެވެ.
“ހަލޯ ބޮރޯ… އަހަރެން ބަލާ އާދެބަލަ. އަހަރެންގެ ބޭބެ ގެޔަކު ނެތް…! ”
ޒައިން އެހެން ބުނުމުން އަހަރެން އާއެކޭ ބުނެ ސައިކަލު ތަޅުދަނޑި ހިފައިގެން ބޭރަށް ދާން ނިކުތީމެވެ. އޭރު ގޭގައި ދިރޭ ފަންޏެއްގެ ހިލަމެއް ވެސް ނެތެވެ. އަހަރެން ވިސްނީ އެއީ އަހަރެންގެ ނަސީބު ކަމަށެވެ.
ސައިކަލަށް އަރާ ރާށުގެ ބަނދަރަށް ދެވުނު އިރު ޒައިން އެތާހުއްޓެވެ. ޒައިންއަށް އަހަރެން ފެނުމުން އަހަރެން ކައިރިއަށް އަންނަން ހިނގައިގަތެވެ. އެވަގުތު އަހަރެން ސައިކަލްގެ ދުވަލި މަޑުކޮށްލީމެވެ.
ޒައިން އައިސް އަހަރެންގެ ސައިކަލަށް އެރިއެވެ.
“ހާދައަވަހަކަށް ރަށަށް ތިއައީ…!”
އަހަރެން ބުނެލީމެވެ.
“ހާންް… ކުރަން ދިޔަ ކަން ނިމުނީމަ ދެން ރަށަށް އައީ… އެ ރަށުގަ ސަޅި ބިޓެއް ވެސް ނޫޅޭ ވިއްޔަ…”
ޒައިން ދައްކަން ފެށީ އަހަންނަށް އެހާ ކަމުދާ ވާހަކަ އެއް ނޫނެވެ.
“ތި އަބަދުވެސް ބިޓެއް ނުފެނިގެން ތިޔަ އުޅެނީ… ތިހެން އުޅެނި ކޮން ހަޔާ ވެސް ގެއްލިދާނެ…”
އަހަރެން ފޫހިވެފައި ހުރެ ބުނެލީމެވެ.
“ހަޔާ ބުނީ 4 ހަމަ ކުރިއަސް އޯކޭ އޯ…”
ޒައިން އަހަރެންނާ ޖެއްސުމަށް އެހެން ބުންޏެވެ.
ޒައިންމެން ގޭ ދޮރުމަތީ އަހަރެން ސައިކަލު މަޑުކޮށްލީމެވެ.
” އޭ އަނިލް… އެއްޗެއް ކައިގެން ދާންވާނީ…. މަށަށް އިނގޭ އަދި އަނިލް ތިހުރީ ނުކައި ކަން…”
އަހަރެން ގެއަށް ދާން އުޅުމުން ބުންޏެވެ. އަހަރެން ޒައިންމެން ގެއަށް މި ވަންނަނީ އަލަކަށް ނޫނެވެ. ޒައިންމެން ގޭގައި އޭނަގެ ބައްޕަ ފިޔަވައި އެކަކުވެސް ނޫޅޭނެއެވެ. ދެން އުޅޭނީ އޭނާގެ ކޮއްކޮ ދުއާ އެވެ. ދުއާ ވެސް މިހާރު މެލޭޝިޔާގައި ކިޔަވަން އުޅެތާ 4 އަހަރު ވަނީއެވެ.
“އޭ އަނިލް… މިއަދު ކައްކާނީ ސްޕެގެޓީ ދޯ…!” ޒައިން ކޮޓަރިއަށް ވަނެ އޭނަގެ ދަބަސް ބަހައްޓާފައި އަހަރެން ގާތު ބުންޏެވެ.އަހަރެން ވެސް ހޫމް އަޅުވާލީމެވެ. އަހަރުމެން ދެމީހުންނަކީ ފިރިހެނުން ނަމަވެސް ކައްކަން ވެސް އަހަރެމެން ދެމީހުން ދަސް ކުރީމެވެ.
ޒައިން އާއެކު އަހަރެން ބަދިގެއަށް ވަނީމެވެ. ޒައިން ކަބަޑަކުން ސްޕެގެޓީ ބޮނޑިއަކާއި މަސްދަޅެއް ނެގިއެވެ.
“މިރޭ ދުއާ ވެސް ރަށަށް އާދޭ.. އަސްލު އެހެންވެ އަވަހަށް މިއަދު ރަށަށް އައީ…” ޒައިން ބުނެލިއެވެ.
“ދުއާ ކިޔަވާ ނިމުނީތަ؟” އަހަރެން ކޮށްލީ ސުވާލެކެވެ.
“ސައިކޮލޮޖީ އޭ އެ މަންޖެ ކިޔަވަނީ.. ސައިކޯ އެއް ސައިކޮލޮޖީ ކިޔަވަންޔާ އަދި ގްރެޖުއޭޓް ވާން ކިތައް އަހަރު ނަގާނެ…! ދެން އޭނަ އީދަށް އަންނަނީއޯ…”
އަނިލް ޖަވާބުދިނެވެ.
އަހަރެންވެސް ހިނގަނޑެއް ޖަހާލާފައި ހޫމް އަޅުވާލީމެވެ.
“ދެން މިރޭ ކުޑަ ސައިޕްރައިޒް އެއް ދޭން ކަމަށް މިއުޅެނީ އޭނަ އަށް… އަނިލް ވެސް އަންނަން ވާނެއެއްނު..” ޒައިން 2 ފިޔާ ނަގައި ކޮށަން ފަށަމުން ބުނެލިއެވެ.
“ދެން އަންނަން ދޯ ޖެހޭނީ… އަނިލް ވިއްޔަ ތިބުނީ… ދެން ދުއާ އަކި ހަމަ އަހަރެންގެ ވެސް ކޮއްކޮ އެއް ކަހަލަ އެއްނު..”
ޒައިން އަހަރެން ބުނި އެއްޗަކަށް ފެށީ ހޭށެވެ.
“ރަނގަޅު ދެން ޅިޔަނު ކިޔަން ނުޖައްސާފިއްޔާ…” ޒައިން ހެމުން ހެމުން ބުންޏެވެ.
އެއީ އަހަރެން ރުޅި އަރުވަންކަން އިނގެއެވެ. އަހަރެން އެއްޗެކޭ ނުބުނެ އިނީ މަޑުންނެވެ.
“އަންހެން ކުދިން ދެކެ ފޫހި ވާ މީހާ… ހާދަ މަޑުން… ހަމަ އަސްލުވެސް އެހެން ކިޔުއްވަން ދޯ ތި އުޅެނީ…”
ޒައިން އަހަރެންނާ ސަމާސާ ކުރަން ފެށިއެވެ.
“މުސާރައިގެ ދެބާ ކޮއްފަ އެއްބައިދޯ މި މަހު ބޭނުމީ…” އަހަރެން ރައްދު ދިނީމެވެ. އެވަގުތު ޒައިން ނޫނެކޭ ސޮރީ އޭ ބުނެލިއެވެ.
ޒައިން މަސައްކަތް ކުރަނީ އަހަރެންގެ އޮފީހުގައެވެ.
ޒައިން އާއެކު ކައި ނިމި ވާހަކަގައި ޖެހުނެވެ. އޭނައާއެކު ވާހަކަގައި ޖެހިއްޖާ ދެން ވަގުތު ދާއިރެއް ވެސް ނޭނގޭނެއެވެ.
ގެއަށް އާދެވުނު އިރު މަޣްރިބް ނަމާދު ބަންގި ގޮވާފިއެވެ. އެހެންވެ ނަމާދު ކުރަނ ޖެހުނީ ގޭގައެވެ. އަހަރެން ނަމާދުކޮށް ނިންމާލުމަށްފަހު ޤުރްއާން ކިޔަވަން ފެށީމެވެ. ޢިޝާ ނަމާދު ބަންގި ގޮވަންދެންނެވެ. އެއީ ސްކޫލް ދައުރުންސުރެ އަހަރެން ކުރަމުން އަންނަ ކަމެކެވެ. އިސްލާމް ކިޔަވައިދިން މުދައްރިސް އަހަރެންނަށް އަބަދުވެސް ދިން ނަސޭހަތަކީ އެއީއެވެ. އިސްލާމް މުދައްރިސް އަހަރެންނަށް ކިޔައިދިނެވެ.
‘ހަޔާތުގައި ދަތި އުދަނގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެއެވެ. ނަމަވެސް އެއް ކަމެއް ދޫ ނުކޮށްލާށެވެ. އެއީ ގަޑިން ގަޑިއަށް ނަމާދުކުރުމެވެ. ދީނުގައި ހިފައިގެން ކުރިއަށް ދިއުމެވެ. ތިމާގެ އަމަލުތައް ބިނާވެގެން ވަނީ ތިމާގެ އަޤީދާއަށެވެ. އަޤީދާ ބަލިކަށިވެއްޖެ ނަމަ އެމީހެއްގެ ގައިގާ އަޚްލާޤެއް ނުހުންނާނެއެވެ. އަޚްލާޤު ނެތިއްޖެ މީހަކީ މި ދުނިޔޭގައި ބަލައިގަންނާނެ މީހެއް ނޫނެވެ.’
އެ ނަސޭހަތް އަހަރެން އަބަދުވެސް ހަނދާން ބަހައްޓަމެވެ.
މުޖުތަމައު ދެކޭގޮތުގައި އަހަރެންނަކީ ގޯސް މީހެކެވެ. އަހަރެން މިދުނިޔެއަށް އުފައްވެފައިވާ ގޮތަކީ އަހަރެންގެ މައްސަލަ އެއްނޫނެވެ. އެއީ ޚުދު އަހަރެންގެ ކުށެއް ވެސް ނޫނެވެ. މައްސަލަ އަކީ މުޖުތަމައު ދެކޭ ގޮތެވެ.
ޢިޝާ ނަމާދު ބަންގި ގޮވަމުން އަހަރެން ދިޔައީ މިސްކިތަށެވެ. ނަމާދުކޮށް ނިމިގެން ޒައިންމެން ގެއަށް ދިއުމަށެވެ.
ނަމާދުން ނިމިގެން އަހަރެން ޒައިންގެ ގެއަށް ދިއައިރު ގޭތެރެ ފުއްޕާ ހަމާއި ކުލަ ކުލައިން ދިއްލިފައި ހުރި ބޮކިތަކުން ގޭތެރެ ވަނީ ޒީނަތްތެރި ކޮށްފައެވެ. ޒައިން އާއެކު ޒައިންގެ ބައްޕަ އަހުމަދު (އަހުމަދުބެ) ހަރަކާތްތެރިވަމުންދެއެވެ.
“ދަރިފުޅާ ޒައިން.! އަނިލް އަތުވެއްޖެ.” އަހުމަދުބެ އަހަރެން ފެނުމުން ބުނެލިއެވެ. އަހުމަދުބެއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ޒައިން އަކީ އަހުމަދުބޭގެ ހުރިހާ ސިފަތަކެއް ލިބިފައި ހުރި މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“އަނހާ އަނިލް… ރަނގަޅު ގަޑިއަކު އޭ ތިއައީ….. ދޭބަލަ ހަދީޖާއްތަމެން ގެއިން ކޭކް ހިފައިގެނ އަންނަން… އަހަރެން މި ޓްރާންސަފަރ ކޮށްލަނީ..”
ޒައިން އެހެން ބުނުމުން އަހަރެން ނިކުތީ ޚަދީޖައްތަ މެން ގެއަށް ދިއުމަށެވެ. އެގެއަށް އާދެވުމާއެކު ގެއަށް ވަނެ ސަލާމް ގޮވާލީމެވެ.
“މަންމާ އެއްކަލަ އަނިލް އެއޮށް އައީި… އެއްކަލަ ނުހަ…..”
އެއީ ޚަދީޖައްތަގެ ދަރިއެވެ. ސަލާމް ބަލާގަތުމުގެ ބަދަލުގައި އަހަންނާ ދިމާލަށް ގޮވަން ފެށީ އެއްޗިސެވެ.
އަހަރެން ކެތްކޮށްލާގެން އޭނަގެ ވާހަކަ ނިމެންދެން މަޑުކޮށްލީމެވެ.
“އަހަރެން މިއައީ ކޭކް ބަލާ. ޒައިން…”
އަހަރެން ބުނެލީމެވެ.
“އޯ ކޭކް ދޯ…! މަ ހީކުރީ އެހެން އެއްޗެއް ކަމަށް…”
ރުންކުރު ފާޑަކަށް އެހެން ބުނުމަށްފަހު ކޭކް ހިފައިގެން އައިސް އަހަރެން އަތަށް ދިނެވެ.
ކޭކް ހިފައިގެން މިސްރާބު ޖެހީ ޒައިންމެން ގެއަށް ދިއުމަށެވެ.
އަހަރެންގެ ސިކުނޑިތެރޭ ތަކުރާރުވަމުންދިޔައީ ޚަދީޖައްތަގެ ދަރި އަަހަންނަށް ގޮވި އެއްޗިސެވެ. ކުރި މަލާމާތެވެ.
އަނިލްމެން ގެއަށްގޮސް ކޭކް ދިނުމަށްފަހު ގޭގައި ހުރި ސޯފައިގައި ޖައްސާލީމެވެ.
ހަޤީޤަތުގައި ވެސް އަހަރެންގެ މޫޑް އޮފް ވެއްޖެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ.
“އޭތް އަނިލް.. ކިހިނެއްވެފަ ތިއިންނަނީ… އަނެއްކަ ފުރޭތައެއް ފެނުނީތަ މަގުމަތިން…”
އަނިލް ކޭކް ބަހައްޓަންހުރި މޭޒުގެ ޑެކެރޭޝަން ހަދަމުން ބުނެލިއެވެ.
“ފުރޭތައެއް ހަޅާލަވަގަތީ.. ހަމައެކަނި ފެނުނީއެއް ނޫން…” އަހަރެން ފޫހިވެފައި ހުރެ ބުނެލީމެވެ.
އަނިލް ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އަހަރެން ކައިރިއަށް އައެވެ.
“މީހަކު އެއްޗެކޭ ބުނީ ދޯ..! އަނިލް… އެމީހުން ކިޔަާ އެއްސިށް އަޅާ ނުލާ… އެމީހުން އެކުރާކަންތަކުގެ ގެއްލުން ކުރާނި ހަމަ އެމީހުންނަށް އަނިލްގެ އެއްވެސް ކުށެއް ނެތެއްނު.!” އަނިލް އަހަރެންނަށް ވިސްނައިދިނީ ވަރަށް ލޯބިންނެވެ.
“ތެދެއް ދަރިފުޅާ… މިއީ ދުނިޔެ. ތަފާތު ވައްތަރުގެ ތަފާތު މީހުންނާ ދިމާވާނެ…. އެންމެ މޮޅު މީހާއަކީ ކެތްކުރަން އެނގޭ މީހާ…” އަހުމަދުބޭ ވެސް ވަރަށް ލޯބިން ބުނެލިއެވެ.
އަހަރެން ހިނިތުންވެލީމެވެ. އެމީހުންގެ އުފާވެރި ވަގުތު ހިތާމައަށް ބަދަލު ނުކުރުމަށެވެ.
“އޭ.. އަހަރެން މި ދަނީ ދުއާ ބަލާ… އަނިލް ދުއާ ގެއަށް އައީމަ ހުރިހާ ލައިޓެއް ޖައްސަން ވާނީ..” ހުރިހާ ލައިޓްތަކެއް ނިއްވާލުމަށްފަހު ޒައިން ބުނެލިއެވެ.
ދިހަވަރަކަށް މިނެޓްފަހުން ދުއާ ގޮވައިގެން ޒައިން ގެއަށް އައެވެ. ދުއާ ގޭގެ ދޮރު ހޮޅުވާލުމާއެކު އަހަރެން ލައިޓްތައް ޖެއްސީމެވެ.
“ޔޫ؟…..”
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

vrh reeth mi bai ves
Thank you ❤