ލޯތްބަކުންދިން-14
“ބޭބީ ޒީ ޑޯންޓް ލައިކް މީ” ތުންދަމާލަމުން ޒިލާލް އެހެން ބުނިއިރު އަހަރެމެން އިތާ ހައުސް އާއި އަރާހަމަވީއެވެ.
ގޭތެރެއަށް ވަނުމަށްފަހު ޒިލާލް އަވަސްވެގަތީ ފެންވަރާލަން ދިޔުމަށެވެ.
” ފެންވަރައިގެން ދެން ނިދާނީ.. ހެނދުނު ބްރެކްފާސްޓަށް ދާނީ ބުފޭއަށް ދޯ؟ 7 އަށް ރެޑީ ވައްޗޭ.ގުޑް ނައިޓް” އަހަރެންވެސް ޒިލާލްއަށް ބާއްޖަވެރި ރެއަކަށް އެދެމުން ކޮޓަރިއަށް ވަދެ އޮށޯވެލީ ނިދޭތޯއެވެ. ނަމަވެސް އެތަށް އިރެއް ވެގެން ދިޔައިރުވެސް އަހަރެންގެ ލޮލަށް ނިދީ ގެ ކުޑަނަމަވެސް ކަންފުޅެއް ވާގޮތެއް ނުވިއެވެ. އަހަރެންގެ ސިކުނޑި ވަށާލާފައިވަނީ “ޒިވިއަލް” އެވެ. މިރޭ ޒިވިއަލްއާއި ދެކެވުނު ވާހަކަތަކާއި، އެ ލޮލުގައިވީ އަސަރާއި ޒިލާލް ބުނި ވާހަކައެވެ.ހައިރާންވާންޖެހުނު ކަމަކީ ކުޑަކޮށްނަމަވެސް ޝިޒާން ހަނދާން ނުވުމެވެ.
އެތައްއިރަކު ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އެނދުން ތެދުވީ ބޭރަށް ނުކުމެލުމަށް ހިތް އެދޭތީއެވެ. ދަންވަރުގެ މަޑު ރޯޅި އާއި ޖައްވުގެ ތެތްފިނިކަމުން ލިއްބައިދޭ އަރާމުން ފަހަރުގައި ލޮލަށް ނިދި ސަވާރުވެދާނެއޭ ހިތަށް އެރުމުންނެވެ. އަލަމާރީގައި ހުރި ކަށިމައްޗާހަމައަށް އަރާ ބާތް ރޯބު ނަގައި،ލައިގެން ހުރި ސޯޓާއި ޓީޝާޓުމަތިން ލުމަށްފަހު ސިޓީން ރޫމަށްނުކުތީމެވެ. އެއާއިއެކު ހައިރާންކަމެއް ލިބުނީ ސިޓީން ރޫމްގައި އަތިރިމައްޗާއި ދިމާލަށްހުރި ބޮޑު ދޮރު ހުޅުވިފައި ހުރުމުންނެވެ. އަވަސް އަވަހަށް ފާރުގައި ހުރި ގަޑިއަށް ބަލާލީމެވެ. ދަންވަރު އެއްގަޑި ބައިވަނީއެވެ.މިގަޑީގައި ބޭރުގައި އަނެއްކާ ކާކުބާވައެވެ؟ ނަމަވެސް ބޭރުގައި އެއްވެސް އަލިކަމެއް ނެތުމާއިއެކު ހަނދާން ނެތިގެން ދޮރު ނުލެއްޕިހުރީ ކަމަށް ނިންމާ ބޭރަށް ނުކުމެލުމަށް ހިނގައިގަތީމެވެ. ބޭރު ލައިޓްތަކުގެ ސުވިޗްތައް ހުންނަނީ ސީދާ ދޮރު ކައިރީގައި ކަމުން ނުކުންނަމުން 2 ލައިޓެއް ދިއްލާލީ އަނދިރީގައި އެކަނި ހުންނަން ނުކެރޭނެތީއެވެ. ލައިޓް ދިއްލާލުމާއިއެކު މައި ދޮރާ ސީދާވާގޮތަށް ހުރި ސަންބެޑުގައި އޮތް ޒިވިއަލް ސިހިފައި އަވަސް ހަރަކާތަކާއިއެކު އަތުގައި އޮތް ސިނގިރޭޓް އަޅިކެނޑިތެރެއަށް ފިއްތާލުމަށްފަހު އަޅިކެނޑި ސަންބެޑުގެ އަޑިއަށް ލީތަން އަހަރެންނަށް ފެނުނެވެ.މީގެން ކުރިން ދުވަހަކުވެސް ޒިވިއަލް ސިނގިރޭޓް ބޮނިކޮށް އަހަރެން ނުދެކެމެވެ. ނޫނީ ދުވަހަކުވެސް އެފަދަ ވަހެއްވެސް ޒިވިއަލްގައިން ނުދުވައެވެ. އަހަރެން ކުޑަކޮށް ހައިރާންވި ނަމަވެސް އެ މަންޒަރު ނުފެންނަކަމަށް ހަދައި ކުރިއަށް ގޮސް ޒިވިއަލް އޮތް ސަންބެޑާއި ޖެހިގެން ހުރި ސަންބެޑުގައި އޮށޯވެލީމެވެ.
” އީމާން ނުނިދަނީތަ؟” އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު ޒިވިއަލް ސުވާލުކޮށްލިއެވެ.
“ހޫމް.. ނުނިދިގެން މި ނުކުމެލީ.. ޒިވިއަލް ހާދަ ދަންވަންދެން؟ ހެނދުނު އޮފީހެއް ނޫންތަ؟” އަހަރެންވެސް ވާހަކަ ދެއްކީ ޒިވިއަލްގެ މޫނަށް ބަލަން އޮވެއެވެ.
“ނިދި ނާންނާތީ ޖައްސާލީ.. އެކަމަކު ދެންދާންވީ އިރުކޮޅަކުން ނިދަން” މި ފަހަރު ޒިވިއަލް ވާހަކަދެއްކީ އުޑުމައްޗަށް ބަލާލަމުންނެވެ.
“އާއްމުކޮށް މި ގަޑީގައި ނުނިދޭނީ ދުވާލު ގިނައިން ނިދީމަ ނޫނީ ކޮންމެވެސް ކަމަކާ ވިސްނާ ފިކުރުކުރެވޭތީ ” އަހަރެންވެސް ވާހަކަ ދެއްކީ އުޑުމައްޗަށް ބަލަން އޮވެއެވެ.
“ވެދާނެ ތެދަކަށް. އީމާންވެސް ފަތިހާ ހޭލަ ތިއުޅެނީ.. އެހެންވީމަ ކޮންމެވެސް ކަމަކާ ވިސްނާތީތާ ނުނިދިގެން ތިއުޅެނީ؟ އަދި ދިރިއުޅުމުގައި ކުރިއަށް ދާންވީ ގޮތް ނޭނގެނީތަ؟” ޒިވިއަލް އެ ނިސްބަތްކުރީ އަހަރެންނާ ޝިޒާންގެ ގުޅުމާއި މެދުކަން އަހަރެންނަށް އެނގުނެވެ.
“މުޅިއަކުން ތިހެންނެއްނޫން..ދިރިއުޅުން ކުރިއަށް ގެންދާނެގޮތް އަހަރެން މިހުރީ ނިންމައިގެން. އެކަމަކު އެއަށް ވުރެ ސިކުނޑިއަށް ބަރުވާކަންކަން ފެންނަންޏާ ވިސްނޭނެތާ..” ދެންވެސް އަހަރެން ވާހަކަ ދެއްކީ މައްޗަށް ބަލަން އޮވެއެވެ. ނަމަވެސް އަހަރެންގެ ޖަވާބާއިއެކު ޒިވިއަލް އަހަރެންނާއި ދިމާއަށް ބަލާލިއެވެ.
” ކޮންކަމެއް ފެނުނީ؟ ކަމެއް ދިމާވީތަ؟” ޒިވިއަލް ވާހަކަ ދެއްކީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އޮވެ ނަމަވެސް އަހަރެން ޒިވިއަލް އާއި ދިމާއަށް ނުބެލުމަށް ގަސްތުކުރީމެވެ. ދައްކަންއުޅޭ ވާހަކަ ދެއްކުމަށް ފަސްޖެހިވެދާނެތީއެވެ.
“މީގެ ކުރިން މީހެއްގެ ގައިން ނުފެންނަ ސިފަތަކެއް އެއްރެއަކުން ފެނުނީމަ ހައިރާންވާނެތާ ދޯ” އަހަރެން ދެންވެސް ޒިވިއަލްއާއި ދިމާއަށް ނުބަލަމެވެ. ނަމަވެސް އަހަރެންގެ ސުވާލުން ޒިވިއަލް ސިހިފައި ކުއްލިއަކަށް ތެދުވެ ތިރިއަށް ދެފައި ބޭލުމަށްފަހު ސަންބެޑުގައި އިށީނދެލިއެވެ. ހީވީ ވައްކަންކުރަން އުޅުނު ވަގަކު ފަޅާއެރިހެންނެވެ. މޫނުމަތިން ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއްވެސް ފާޅުވާން ހުއްޓެވެ.
“ސްޕިލް ދަ ޓީ…”ޒިވިއަލް އިނީ ސީދާ އަހަރެންނާ ކުރިމަތިލައިގެންނެވެ. އަހަރެންވެސް ތެދުވެ އިށީނީމެވެ. ޒިވިއަލްއާއި ކުރިމަތިވާގޮތަށެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައި ހުންނާނީ ގާތްގަނޑަކަށް 2 ނުވަތަ 3 ފޫޓުގެ ދުރުމިނެވެ.
” ވަރަށް ކުރުކޮށް ބުނަންޔާ ކަންކަމުގަ ދޮގު ހެދުން… އެ މީހަކާ ވަރަށް ނުވައްތަރު ސިފައެއް ވީމަ” އަހަރެން މި ފަހަރު ވާހަކަދެއްކީ ސީދާ ޒިވިއަލްގެ މޫނަށް ބަލަން އިނދެއެވެ.
“ކާކު؟ ކޮން ދޮގެއް ހެދީތަ؟” ޒިވިއަލް ދެންވެސް މަސައްކަތްކުރީ އަހަރެން މި ކިއާ އެއްޗެއް ނޭނގޭކަން ދެއްކުމަށެވެ.
“މި ރިސޯޓު އޮފީސް ޢިމާރާތް ޕޫލް ބާރ އަށް ބަދަލުވީ ކޮން އިރަކު؟ ތި ސަންބެޑު އަޑިން ދުން އެރީ މަދިރި ދުންދަނޑިއެއް ޖަހާފަހުރީމަތަ؟” އަހަރެންގެ ސުވާލުތަކާއިއެކު ޒިވިއަލް ޖީންސް ޖީބަށް އަތް ޖަހާލުމަށްފަހު ކޮޅަށްތެދުވިއެވެ. އަދި އަހަރެންނަށް ފުރަގަސްދެމުން، މަޑުމަޑުން ޕޫލާއި ދިމާއަށް ހިނގައިގަތެވެ.ބުޅާ ގޯނިން ބޭރުވުމުން ލަދުގަތީ ކަންނޭނގޭއެވެ. ޕޫލް ކައިރީ ހުއްޓިލުމަށްފަހު ޒިވިއަލް ވާހަކަ ދައްކަން ފެށީ އަހަރެންނާ ފުރަގަސް ދީގެން ހުރެއެވެ.
“ބައެއް ފަހަރު ސިކުނޑި ހަމަޖައްސާލާ އަމިއްލަ ނަފްސު ކޮންޓްރޯލު ކޮށްލަން މަދުމަދުން ސިނގިރޭޓެއް ބޯލަން. އެކަމަކު ފެމިލީ އެކަކަށްވެސް ނޭނގޭނެ. ސޯ އައި ހޯޕް ޔޫ ވުޑް އަންސީ އިޓް” ޒިވިއަލް ވާހަކަ ދެއްކީ ހަމައެކަނި ސިނގިރޭޓާއި ގުޅޭގޮތުންނެވެ. ނަމަވެސް އަހަރެން ހުރީ ޒިވިއަލް ދޮގުހެދި ސަބަބެއް ހޯދަން ބޭނުންވެފައެވެ.
“އަހަރެންނަށް ކިހާ އެހީއެއް ޒިވިއަލް އެބަދެން..އަހަރެންގެ ކޮންމެ ކަމެއްގަ ތިޔަ ދެމީހުން ހިއްސާ ވަނީ އާއިލާއެއް ފަދައިން. ދެން ޒިވިއަލް ތިހާ ބޮޑުކަމަކާއި ވިސްނާ ފިކުރުކުރާއިރު ކީއްވެ އަހަރެންނާ ހިއްސާ ނުކޮށްލަނީ؟ ފަހަރުގަ މޮޅު ޚިޔާލު ނުދެވިދާނެ. އެކަމަކު އައިކޭންބީ އަ ގުޑް ލިސްނަރ..އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު އެންމެންނަށް ދޮގު ހަދާފަ ކުއްލިއަކަށް އެތަނުން ޒިވިއަލް ދާންޖެހުނު ސަބަބެއް” އަހަރެން ވެސްގޮސް ޒިވިއަލްއާއި ޖެހިގެން ޕޫލްކައިރީ ހުއްޓުނީމެވެ.
“އެކަމާއޭ މި ވިސްނެނީވެސް. ކީއްވެގެން ކުރެވުނު ކަމެއް ބާވައޭ! އަހަރެންނަކީ އަބަދުވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްގެން އުޅޭ މީހެއް! ދެރަވިޔަސް ރުޅިއަޔަސް މީހަކަށް އެކަމެއް ނުދައްކަން.. ދެން ނޭނގެ މިރޭ ކިހިނެއްކަމެއް ވީ! އެކަމަކު ކިހިނެއް އީމާންއަށް އެނގުނީ އަހަރެން ބާރ ގަ އިންކަމެއް؟” ޒިވިއަލް އަހަރެންނާއި ދިމާއަށް ބަލާލިއެވެ.
“ނޮޓް މީ އެލޯން.. ޒިލާލްއަށްވެސް ފެނުނު.. އަހަރެމެން ގެއަށް އައީ ހިނގާފަ ….. ބާރ ތެރެއިން …..ޒިވިއަލް ކައިރިންލާފަ.. ”
“އޯކޭވާނެ! ހީ ވޮންޓް އާސްކްމީ އަތިންގް.. ހީ ނޯ މީ ވެލް……..” ޒިވިއަލް ވާހަކަ ދެއްކީ ކުޑަކޮށް ހަމަޖެހޭކަން ދައްކަމުންނެވެ.
“އެކަމަކު ޒިވިއަލް ހިތްހަމަ ނުޖެހޭ ކޮންކަމެއްތަ އެތާނގަވީ؟” ދެންވެސް އަހަރެން ބެލީ އަހަރެން ހިތުގައި މިވާ ޝައްކު ޔަޤީން ކުރެވޭތޯއެވެ.
“ނޭނގެ! ސަމް ތިންގްސް އަރ ވެރީ ކޮމްޕްލިކޭޓެޑް” ޒިވިއަލް ހުރީ އެއްވެސް ވާހަކައެއްކިޔާ ދޭ ގޮތަށް ނޫންކަމުން އަހަރެން އަތުގައިވާ އެންމެ ފަހު ކާޑު ކުޅެލީމެވެ.
“ޔޫ ވޯންޓު ނޯ އެވްރީތިން އިން މައި ލައިފް. އަހަރެންގެ ދިރިއުޅުމުގެ ހުރިހާކަމަށް ތި މީހުން ބަސް ކިޔާއިރުވެސް އަހަރެން އެކަން އެބަ ބަލައިގަންނަން…އެކަމަކު ޒިވިއަލްގެ ލައިފްގެ ކުޑަވެސް މިންވަރެއް އަހަރެންނަށް އެނގޭކަށް ޒިވިއަލް ބޭނުމެއް ނުވޭ.. މަށަކަށް ނުވިސްނޭ މި ކޮންކަހަލަ ރަހްމަތްތެރިކަމެއް ކަމެއް… އަހަރެންވެސް ދެން ބޭނުމެއް ނޫން އަހަރެންގެ ލައިފްގެ އެއްވެސް ކަމެއްގަ ޒިވިއަލްގެވެސް އަދި ޒިލާލްގެވެސް ޚިޔާލެއްވެސް ހެލްޕެއްވެސް… އައި އެކްސެޕްޓެޑް ޔޫ ގައިޒް އޭޒް ފެމެލީ.. ތިހެން ތި މީހުން ކަންތައް ކުރީމަ ހީވަނީ ގޮތެއްނެތިފަ ހާލުގަ ޖެހިފަ ހުރި މީހަކަށް އިންސާނިއްޔަތުކަން ދައްކައިދެނީއޭ… ޖަސްޓް ސިމްޕަތީ…. އައި ޑޯންޓް ވޯންޓް އިޓް.. އަހަރެންގެ އެބަހުރި އެކަނި ދިރިއުޅެވޭނެ ފެންވަރު އަދި…. ސޯ ލެޓް މީ ސްޓޭ ދެއަރ އޭޒް ޖަސްޓް އަ ޓީނަންޓް އަންޓިލް އައި ގެޓް އަ ނިޔުރޫމް.. އައިވިލް މޫވް އައުޓް ސޫން… އެންޑް ހެނދުނު އަހަރެންނަށް މާލެ ދެވޭނެގޮތެއް ހަދައިދީފިއްޔާ ވަރަށް ރަނގަޅު” ދިގު ފަތިވަރަކަށް ހުރިހާއެއްޗެއް އަމުނާލާފައި ފަސް އެނބުރި ސިޓިން ރޫމާއި ދިމާއަށް ހިނގައިގަތީމެވެ.
އަހަރެން އުންމީދުކޮށްގެންހުރީ އަހަރެން ހިނގައިގަތުމާއިއެކު ޒިވިއަލް އަހަރެންނަށް ގޮވާ އަހަރެން ހުއްޓުވާނެކަމަށެވެ. އަދި އަހަރެންގެ ހިތުގައިވާ ޝައްކުތައް ޔަޤީނަށް ބަދަލުކޮށްދޭނޭކަމަށެވެ. ނަމަވެސް އަހަރެން ހިނގައި ގަތުމުންވެސް ޒިވިއަލް އެއްވެސް އެއްޗެއް ނުބުނެއެވެ.މާޔޫސްކަން ހިތަށް ވެރިވީ އަހަރެންގެ ޕްލޭން ފްލޮޕް ވީހެން ހީވުމުންނެވެ.ނާކާމިޔާބީ އާއިއެކު އަހަރެން ގޭތެރެއަށްވަދެ ފްރިޖް ހުޅުވާލާ ފެންފުޅިއެއް ނެގުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.ނަމަވެސް ކޮޓަރި ތަޅުގައި ހިފާލިތަނާހެން އަހަރެންގެ އަނގަމަތީގައި ޒިވިއަލް އަތްއަޅާ އަވަސް ހަރަކާތަކާއިއެކު އަހަރެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިތެރެއަށް އަހަރެން ދަމައިގަތެވެ. އަދި އަނގަމަތީ ޝަހާދަތް އިނގިލި އެޅުމަށްފަހު “ޝްޝް” އޭ ބުނެލީ ވާހަކަ ނުދެއްކުމަށް ނުވަތަ ހަޅޭއްލަވައި ނުގަތުމަށް އެދުމުގެ ގޮތުންނެވެ. އެއާއިއެކު އަހަރެންގެ އަނގައިން އަތް ދޫކޮށްލުމަށްފަހު އެތާ ހުރި އެނދުމަތީ އަހަރެން ބައިންދާ އަތުގައިއޮތް ފެންފުޅި އަތުލުމަށްފަހު ސައިޑް ޓޭބަލްމަތީގައި ބެހެއްޓިއެވެ. އަދި އެއަށްފަހު އައިސް ކުޑަކަކޫމައްޗަށް ތިރިވެ އަހަރެންގެ ކަކޫމަތީ ބޯ އަޅާލިއެވެ.މިއީ އެންމެ ރަނގަޅުގޮތް ނޫންކަމުގައިވީ ނަމަވެސް އަހަރެން އެގޮތަށް އިނީ ޒިވިއަލް ދައްކާ ވާހަކަ އަޑުއަހާލުމަށް ހިތް އެދޭތީއެވެ.
“ސޮރީ އީމް…އަހަރެންނަށް އިނގޭ އީމްގެ މައްޗަށް އަހަރެންނަށް އެއްވެސް ހައްޤެއް ނުވާކަން..އެކަމަކު އަހަރެންނަކީވެސް އިންސާނަކަށްވީތީ ކެތްތެރިކަން ކޮޅުންލީ…ދެ އަހަރު….ބަރާބަރު ދެ އަހަރު މިވީ އީމްއަށްޓަކައި އަހަރެން އިންތިޒާރު ކުރާތާ….” ޒިވިއަލް ވާހަކަ ފެށުމާއިއެކު ވެސް އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ.
“އަހަރެންނަށް ނު……” އަހަރެންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒިވިއަލް އިސް އުފުލާލާ އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ.
“ނޫން ލެޓް މީ ޓޯކް.. މިރޭ އީމް އަޑުއަހާ… ދެން ނޭނގެ މިހިތްވަރު ދުވަހަކުވެސް ލިބޭނެ ކަމެއް” އަހަރެން ވަގުތުން ބޯ ޖަހާލީ ޒިވިއަލްގެ އެދުމަށް އިހްތިރާމް ކުރާނޭކަން އެންގުމަށެވެ. އެއާއިއެކު ޒިވިއަލް މަޑުމަޑުން ތެދުވެ މޭޒުމަތީގައި އޮތް ބެކް ޕެކްއެއްގެ ތެރެއިން އައިޕެޑެއް ނަގައިގެން އައިސް ކުރިންވިސް އިންހެން ބިންމަތީ އިށީނެވެ.
“މީ ތިޔަ މައުސޫމު ލޮލަށް އަހަރެންގެ ހިތް ލެނބުނު ދުވަސް” އައިޕެޑުން ޒިވިއަލް ދައްކާލީ އާސަހަރާގައި ފާރެއްގައި ލެނގިލައިގެން ރޮވިފައި އަހަރެން އިން ފޮޓޮއެކެވެ. އެއީ މަންމަ ނިޔާވި ދުވަހެވެ. އޭގެ ފަހުން އެކި ދުވަސްތަކުގައި އެކި ތަންތަނުން ނަގާފައިވާ އަހަރެންގެ ފޮޓޯތައް ދައްކަމުން އެ ފޮޓޯތައް ކިޔައިދެމުން ދިޔައެވެ. އޭގައި ގިނައީ އަހަރެން ޝިޒާން އާއި ކައިވެނި ކުރުމުގެ ކުރީ ގެ ފޮޓޯތަކެވެ. ކައިވެނި ކުރުމުގެ ފަހުން ނަގާފައިވާ ދެތިން ފޮޓޮއެއްވެސްއިނެވެ. އެންމެ ފަހު ފޮޓޯއަކަށް ދައްކާލީ އަހަރެން ޝިޒާންމެން ގެއިން ނުކުތް ދުވަހުގެ ހަވީރު ވިލިނގިލީ ގައި ހުއްޓާ ނަގާފައި އިން ފޮޓޮއެކެވެ
“މީ އީމް ނުފެންނަތާ ބަރާބަރު 5 މަސް ދުވަސް ފަހުން އަހަރެންނަށް އީމް ފެނުނު ދުވަސް. ގޭ މަސައްކަތެއްގައި ވިލިނގިއްޔަށް ގޮސް އެ ސަރަހައްދު ކުޑަ ކުދިންތައް ކުޅެން ކިއާވަރުން ދަނޑަށް އެރީ. އަހަރެން ޖެހި ބޯޅަގޮސް އީމްގެ ގައިގައި ޖެހުނީ.. ވަރަށް ދެރަވި.. މާފަށް އެދެންވެގެން ފަހަތުން ދުވެފައި ދިޔައިން… އޭރުވެސް ތިޔަ ދެ ލޮލުން އަހަރެންނަށް ފެނުނީ ކަރުނަ.. އެހެންވެ ވާހަކަ ދައްކަން ފަސް ޖެހެވުނީ….އެކަމަކު ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލަ… ހަމަ އެރޭ އީމް ހުރީ އަހަރެމެން ގޭގަ..ހަޔާތުގައި އަލަށް އަހަރެންގެ ހިތް ދެވުނު އަހަރެންގެ އީމް މިހާރު ތިހިރީ އަހަރެމެންގޭގަ….އަހަރެން ކައިރީގަ…އަހަރެން ބުނީމެއްނު އީމް ގެނައީ އަހަރެންނޭ، އަހަރެން ބޭނުން ވީމައޭ އީމްއަށް ދެވޭނީ؟ އެއީ އަހަރެން އީމް ފޮނުވާލަން ބޭނުން ނުވާތީ..ދެން އަހަރެން ތިހާ ލޯބިވާ ކުއްޖަކާ އެހެން މީހުން ފްލާޓް ކުރަން ހެދީމާ އަހަރެންގެ ހިތަށް ކެތްވާނީ ކިހިނެއް… އެހެންވެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނީ….” ޒިވިއަލް ހިތުގެ އުދާސްތައް ބޭރުކުރަމުންދިޔައިރު އަހަރެން އިނީ ބުނާނޭ އެކައްޗެއްވެސް ނޭނގިފައެވެ. ހައިރާންވެ އާޝޯޚްވެފައެވެ. އަހަރެންނަށް ކުރިންވެސް ހީވީ ޒިވިއަލް އަހަރެން ދެކެ ގަޔާވާހެނެވެ. ނަމަވެސް މިއީ މިހާދުވަސްވީ ގަޔާވުމެއްކަމެއް ކުޑަކޮށްވެސް އަންދާޒާވެސް އަހަރެންނަށް މީގެކުރިން ކުރެވިފައިނުވެއެވެ.
“އެކަމަކު އީމް…” ޒިވިއަލް ތެދުވެ އެނދުމަތީ އަހަރެން ކައިރީ އިށީނދެލާ އަހަރެން އަތުގައި މަޑުމަޑުން ހިފާލިއެވެ.
“އަހަރެންނަށް އެނގޭ އީމްގެ ހިތުން ޖާގަ ދެވުނު ހަމައެކަނި ފިރިހެނަކީ ޝިޒާންކަން. އަނެއްކާ ތި ކުޑަ ދަރިފުޅަށްޓަކައިވެސް ދެމީހުންގެ ގުޅުމެއް އެއްކޮށް ކެނޑިގެން ނުވެސް ދާނެކަން. އީމް ތިހާލުގައި އިންދަ އަހަރެން އީމް ބޭނުމޭ ބުނުންވާނީވެސް ވަރަށް ލަދުވެތިކަމަކަށް.ޓޮކްސިކް ރިލޭޝަންޝިޕްއަކުން ރިކަވާވާންވެސް ޔޫ ވިލް ނީޑް ޓައިމް. އެހެންވީމަ އައިވޮންޓް ޕްރޮޕޯސް ޔޫ….. އައި ޑޯންޓް ވޯންޓު ފޯސް ޔޫ ޓު ލަވް މީ އޯ ޑިވެލޮޕް ފީލިންގްސް ފޯމީ……ބަޓް ޔޫ ވިލް އޯލްވޭސް ބީ މައި ޑްރީމް ގާލް.. ދި އޮންލީ ގާލް ހޫ ކުޑް ޕްލޭވިތްމައި ހާޓް…. އެހެންވީމާ ލޯބިވެރިއަކަށް ނުވެވުނަސް އީމް ގެ ބެސްޓް ފްރެންޑްގެ ދަރަޖަ އަހަރެން ބޭނުން…އީމް އަމިއްލައަށް ބޭނުންވެގެން އެހެން ދިރިއުޅުމެއް ފަށަންދެންވެސް އީމް އަހަރެން ކައިރީ އުޅުމަކީ އަހަރެންގެ އެދުމެއް….. އޭޒް މައި ބެސްޓް ފްރެންޑް… އެނގޭ މި ހުރިހާ ވާހަކައެއް އަޑު އަހާފަ އީމްއަށް އުނދަގޫވާނެކަން…އެކަމަކު ކޭން ވީ ބީ ބެސްޓް ފްރެންޑްސް؟ ޕްލީސް…..؟”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


OMG.. OMG… OMG… Wow that was super awesome… Srsly… I’m so so curious to know what’s gonna happen next… SomeOne, you are the best… 💜 Keep it up… Waiting for the next part… If you can, can you please write the next part a little bit longer… Good luck
Thanks Mitsuha! I am glad that You like the story! Seriously you are the sweetest!
Getting a bit delay in posting the story due to some personnel stuff! but IA trying to post it tomorrow ! IA balaanan kuda thakolheh vias dhigukohlla dheveytho <3 sending you love!
Alheyyyy
I am so excited. Vrh vrh reethi story maasha allah.. 💕