Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-12ވަނަ ބައި

SomeOne Level 210 Stories
April 23, 2023 7 Mins Read
0 Comments

ހުރިހާ ކިޔުންތެރިންނަށްވެސް ފިތުރު ޢީދުގެ ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރަން!

************************************************************************************

ޝިފާ ގެއަށްލުމަށްފަހު އަހަރެމެން ގެއަށް ދިޔައިރު 9 ޖަހަނީއެވެ. އަހަރެން ކޮޓަރިއަށްވަދެ އޮޝޯވެލީ އަރާމްކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ލޮލަށް ނިދި ސަވާރުވިއެވެ.

އަހަރެންނަށް ހޭލެވުނީ މެންދުރު އެކެއް ޖަހަނިކޮންނެވެ. ފުންމައިގެން ތެދުވެ ފެންވަރާލުމަށްފަހު ނަމާދުކޮށްލައިގެން ބޭރަށް ނުކުތީ މެންދުރު ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށް ނިންމައިގެންނެވެ. ނަމަވެސް ސިޓިން ރޫމަށް ނުކުތްއިރު މޭޒުމަތީގައި ހުރީ ކާންހަދާފައެވެ. އެހެންކަމުން ފިހިގަނޑު ނަގާ ސިޓިންރޫމް ފޮޅާލުމަށްފަހު ސޯފާގައި އިށީނދެލީ ފިރިހެންވެރިން ހުކުރުން އަންނަންދެންނެވެ.

މާގިނައިރަކު އިންނާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލާފައި ޒިލާލް އާއި ޒިވިއަލް އައިސް ގޭތެރެއަށް ވަނެވެ.

” މީނީ އީމްވެސް. މީނަ ގެންދަންވާނެ” ގޭތެރެއަށް ވަތްގޮތަށް ޓީވީ ރެކްގެ ތިރީ ކަބަޑު ހުޅުވާލުމަށްފަހު ދެ މީހުންގެ މުސައްލަ ކަބަޑަށް ލަމުން ޒިލާލް ވާހަކަ ދެއްކިއެވެ.

” ކޮންތާކަށް” އަހަރެންވެސް ގެންދާ ވާހަކަ ބުނުމުން ދާންއުޅޭ ތަނެއްގެ ޝައުޤުވެރިކަން އުފެދުނެވެ.

“ދޮންވެލި އިތާ ރިސޯޓް އެނުއަލް އޮޑިޓު ރިޕޯޓުގައ ހުރި ރިކަމަންޑޭޝަންތަކާއި ގުޅޭ މީޓިންއަކަށް ރިސޯޓަށް ދާންވެގެން. ހެނދުނު ބުނަން ހަނދާން ނެތުނީ. 3:30 ގަ ފުރަންޖެހޭ” ޒިލާލް ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއިރު ޒިވިއަލް ކާތަށިތައް މަތިނެގުމުގައި އުޅެއެވެ.

” އަހަރެން ނުލާ ދާންވީނު. ސަންޑޭ އޮފީހަށްވެސް ދާން ޖެހޭނެ” އަހަރެން އަދި ދުވަހަކުވެސް ރިސޯޓަކަށް ގޮސްފައި ނުވުމާއި އެކު ކުޑަކޮށް ޖެހެލުންވިއެވެ. އަހަރެންނަށް ވިސްނިފައި އޮތީ ރިސޯޓްތަކަކީ ޢާއްމުކޮށް ޒަމާނީ ކުދިން ދާ ތަންތަނުގެ ގޮތުގައެވެ. ރިސޯޓަކަށް ގޮސް ހެދުން އަޅާނެ ގޮތާއި ވައްޓަފާޅި އަހަރެންނަށް ނޭނގި ދާނެހެން ހީވެ ލަދެއްގައި ބެދިދާނެތީ ބިރުގަތެވެ.

” މާދަން ހަވީރު އަންނާނަމޭ. ދެން ހިނގާބަ. މައިންޑް ރިލެކްސްކޮށްލަން. ޕްލީސް” އަހަރެން ނުލާ ނުދާން ޒިލާލް ފައިވިއްދާލާފައި ހުރިކަހަލައެވެ.

“ހިނގާކާން އަވަހަށް 3:15 ގަ ލޯންޗް އަންނާނެ” ޒިވިއަލް އެހެން ބުނުމާއިއެކު އެންމެން އެކުގައި ކާން އެރީމެވެ.

“އީ…..މޫ……..މާ ބޮޑާ ނުހާކަ ހިނގާބަލަ…” އަހަރެން އެއްޗެއް ނުބުނުމުން ފިސާރި ވަރުގަދަ ރާގެއްލާފައި  ޒިލާލް ގޮވާލިއެވެ.

” ހުރޭ 2 ގެ ކުރިން ބުނާނަން..” އެންމެ ފަހުން ޒިލާލްގެ އަނގަ ހުއްޓުވުމަށް އަހަރެން ބުނެލީމެވެ.

އެންމެ ކުރިން ކައި ނިންމީ ޒިވިއަލް ކަމުން ކޭ ތަށި ހިފައިގެން ތެދުވެ ތަށި ދޮވެލުމަށްފަހު ބަންޑުން ޖަހާ ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން ޒިވިއަލް ގެ ފަހުގެ ނިންމުން އިއްވާލިއެވެ.

” އަންހެން ކުއްޖެއް އެކަނި ބަހައްޓާފައި ވީ ކާންޓް ގޯ.. ސޯ 3 ޖަހާއިރަށް ދެމީހުންވެސް ރެޑީވޭ. އެންޑް އޮފް ޑިސްކަޝަން. ޒިލާލް އޮފީހަށްވަދެފަ ފައިނެންޝިއަލް ރިޕޯޓާއި އެނުއަލް ރިޕޯޓާއި ހިފައިގެން އަންނާތި.”

“ކޮބާ! ބޮޑު  މީހާ ހުކުމް އިއްވިއްޔެ! ދެން ޖެހޭނީ ދާން” ޒިލާލް ހޭންފެށިއެވެ.

“ދޮންބެ ބައެއްފަހަރަށް ހާދަ ހިޓިލަރޭ ދޯ؟ މީހަކު ދައްކާ ވާހަކައެއްވެސް އަޑު އަހާ މީހެއް ނޫން” އަހަރެން މި ބުނީ ދޮގެއް ނޫންކަން ހުދު ޒިލާލްވެސް އެއްބަސްވާނެއެވެ.ޒިވިއަލް އަދި އެހެން ބުންޏަސް އަހަރެންނަށް ދިޔުން މަޖުބޫރެއް ނުވާނެއެވެ. ހަޤީގަތުގައި އަހަރެންނަކީ މި ގޭގައި ކުއްޔަށް އުޅޭމީހެއްތާއެވެ.އަހަރެންގެ މައްޗަށް ޒިވިއަލްއަށް އޮތީ ކޮން ހައްޤެއްހެއްޔެވެ.ނަމަވެސް ޒިވިއަލް މިހެން ހަރުކަށިކޮށް ވާހަކަދެއްކުމުން އަހަރެން ގަޔާވެއެވެ. ކުޑަކުއްޖެއް ފަދައިން ބުނާ އަޑު އަހަމެވެ. މިހާތަނަށް ދިރިއުޅުމުގައި އަހަރެން އުޅެމުން އައީ އުމުރަށްވުރެ ދޮށިވެގެންނެވެ.ނަމަވެސް ޒިވިއަލްގެ އެ ފަދަ ހަރުކަށި ނުވަތަ ރުންކުރު ބަސްތަކުގެ ސަބަބުން ރައްކާތެރިކަމެއް އިހްސާސްވެއެވެ. މި ޒަމާނުގެ ކުދިން ބުނާހެން ބުނާނަމަ ” ފީލިން ޕެމްޕާރޑް” އެވެ.

” ދޮންބެގެ އެ ހުންނަނީ ސީދާ ބައްޕަގެ ގޮތް. މާ ގިނަ ޒިންމާ ބޮލުގަ އަޅައިގެން އުޅޭތީ ކަންނޭނގެ..އެކަމަކު ބައްޕަވެސް ބްރޯވެސް ވަރަށް ކެއަރިންވާނެ. ޒިލާ ދެކެ ވަރަށް ލޯބިވާނެ. ބައެއް ފަހަރު ދޮންބެ ފެނުނީމަ ހީވޭ ބައްޕަހެންވެސް. އެކަމަކު ބައެއް ފަހަރު އަސްލު ވަރަށް މަޖާވެސް ވާނެ އެނގޭ… އަދި ޓައިމް ދިމާ ނުވަނީ” ޒިލާލް ބެލީ ޒިވިއަލް ސަލާމަތްކޮށްދެވޭތޯއެވެ.

” ތިޔަ ޓައިމް ފެނޭތޯ އިންތިޒާރުގަ މިހިރީ. ވަޓް ޝުޑް އައި ޕެކް؟” އަހަރެން ޒިލާލް ކައިރީ ޕެކް ކުރަންވީ އެއްޗެއް އަހާލީ މިއީ އަހަރެންގެ ފުރަތަމަ ދަތުރުކަމުން އޭނާގެ ޚިޔާލެއްވެސް ހޯދާލުމަށެވެ.

“ޓޫ ޕީސް! ވަރަށް ލޯބި ވާނެ ދެޓް ޓަމީ! ސަން ޓޭން ވާން އޮންނާނީ” ޒިލާލް އަށް ސީރިއަސް ވެވޭނީ މަދު ފަހަރަކުއެވެ.

“ދެން.. އަސްލުއޭ. ދިސް އިޒް މައި ފަސްޓް ޓައިމް…. ޝިފާ ނުދޭތަ؟”

” މެރީ ނުކޮށް ތިބީމަ ޝިފާ ޕޭރެންޓްސް  ނުފޮނުވާނެ ރަށުން ބޭރަކަށް. އީމްއަށް ކޮމްފޮޓަބަލް އެއްޗެއް ޕެކް ކުރޭ. އަހަރެމެން ތިބޭނީ އިތާ ހައުސްގަ.  ވަށައިގެން ބަންދުވާނެ. މީހުންނަށް ނުފެންނާނެ.” އިތާ ހައުސްއަކީ ކޮބައިކަން ނޭނގުނަސް އެއީ ޚާއްޞަތަނެއްކަން އަހަރެންނަށް ވިސްނުނުނެވެ. އިތުރު ވާހަކައެއް ނުދައްކާ ތަށިތައްނަގާ މޭޒުމަތި ސާފުކޮށްލުމަށްފަހު ދަތުރަށް ތައްޔާރުކުރަން ފެށީމެވެ. އޮފީސްދަތުރުތަކުގައި ރަށްރަށަށް ދަތުރު ކުރުމަށް ޕެކް ކުރަން އަހަރެންވަރަށް ކުޅަދާނަ ވާނެއެވެ. ނަމަވެސް ރިސޯޓަކަށް ދިޔުމަށް ކަމުދާނެހެން ހީވާކަހަލަ ހެދުންތައް ހާވަހާވާފައި އެންމެ ފަހުން ދެތިން ހެދުން ދަބަހަށް ލުމަށްފަހު ކުޑަކޮށް ރެޑީވެލީމެވެ. އަހަރެން ބޭރަށް ނުކުތްއިރު ދެބެން އަހަރެންގެ އިންތިޒާރުގައި ސޯފާގައި ތިއްބެވެ.

” ހައްވައްތަ ކައިރި ބުނިން ދޯ ކިއޯ އާ ކޮކޯގެ ފެން ބަދަލުކޮށްލައި ކާން އަޅާލަ ދޭން؟” ކިއޯ އާއި ކޮކޯ އަކީ ގޭގައި އިންނަ ދެ މަކާއޯގެ ނަމެވެ.

“އާން ބުނިން.” ޒިވިއަލް ގެ ސުވާލަށް ޒިލާލް ޖަވާބުދިނެވެ.

“ހިނގާ ދަމާ.. ދެމީހުންދޭ ސައިކުގަ. ދޮންބެ މި ދަނީ. ” އަހަރެންނާއި ޒިލާލް ހިނގައިގަތުމަށްފަހު ހުއްޓުނީ ފަހަތުން ޒިވިއަލް ގޮވާލުމުންނެވެ.

” އީމާން” އަހަރެން ފަސް އެނބުރި ބަލާލީމެވެ.

” ބޭސް ހިފައިގެންތަ ތި ދަނީ؟” ތެދެކެވެ. މާ ބަނޑު ދުވަސްވަރު ކެއުމަށް ދީ ފައިހުރި ބޭސްތައް ގެންދާކަށް އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ.

” ތެންކްސް ފޯ ރިމައިންޑިން” އަހަރެން އަވަސް އަވަހަށް ކޮޓަރިއަށްވަދެ 2 ދުވަހުގެ ބޭސް ދަބަހަށް ލުމަށްފަހު ނުކުތީމެވެ.

ދުވަހަކީ ކަނޑު މަޑު އުޑުމަތި ސާފު ދުވަހެކެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްވެސް ނުވެއެވެ. ކަނޑުމަތީގައި ހީވަނީ ތޭލާން ލާފައިވާހެންނެވެ. ލޯންޗްގެ އެންމެ ފަހަތު ސީޓުގައި އަހަރެން އިށީނުމުން އަހަރެންނާ ޖެހިގެން ޒިލާލް އިށީނެވެ. ޒިވިއަލް ގޮސް އިށީނީ ދެވަނަ ބަރީގައި އަހަރެންނަށް ކުރިމަތިވާގޮތަށް އިން ސީޓުގައެވެ. ވިއްސަކަށް މިނެޓްގެ އެކުރު ދަތުރުގައި އެއްކޮށް ކަހަލަ ގޮތަކަށް ޒިވިއަލް އިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ވަގުތުކޮޅަކަށްވެސް އެހެން ދިމާލެއް ބަލާލި ތަނެއް އަހަރެން ނުދެކެމެވެ. އަވިއައިނަކުން ދެ ލޯ ފޮރުވަން މަސައްކަތްކުރި ނަމަވެސް އައިނުގެ ތެރެއިން ޒިވިއަލްގެ އަޅި ކުލައިގެ ދެލޯ ރީއްޗަށް ފާޅުވެއެވެ .އަހަރެން ކުޑަކޮށް ލޯމަރާލައިގެން އިންނަމަވެސް ޒިވިއަލްގެ ބެލުން ކިތަންމެ ހައިވެސް ރީއްޗަކަށް އަހަރެންނަށް ފެނެއެވެ.

އަމާން ދަތުރަކަށްފަހު ދޮންވެލި އިތާ ރިސޯޓްގެ ޖެޓީއާއި ކައިރިވިއިރު ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި އިސް މުވައްޒަފުން އަހަރެމެންނަށް މަރުހަބާކިޔުމަށް އައިސްތިއްބެވެ.
” ދިސް އިޒް އީމާން. އަ ފެމެލީ ފްރެންޑް.. ދިސް އިޒް އަކްރަމް ރިސޯޓުގެ ޖީ އެމް” އަހަރެން އެމީހުންނަށް ތަޢާރަފްކޮށްދިނީ ޒިވިއަލްއެވެ. އަހަރެންވެސް ސަލާމްކޮށްލުމަށްފަހު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. އެއަށްފަހު އެމީހުން ހިނގައިގަތުމުން އެ މީހުންގެ ފަހަތުން ހިނގައިގަތީމެވެ. މާ ދުރަކަށް ހިނގާކަށް ނުޖެހުނެވެ ބަގީއެއް އައިސް ކުރިމަތީގައި ހުއްޓުނެވެ.

“ޓޭކް އީމާން ޓު ހައުސް. ޝޯ ހާ ރޫމް” ބަގީ ދުއްވަން އިންމީހާއަށް ވާންވީ ގޮތް ކިޔާދިނުމަށްފަހު ތިރީހަކަށް މިނެޓް ތެރޭގައި އަންނާނަންކަމް ބުނެ ޒިވިއަލް ހިނގައިގަތެވެ.

އަހަރެން އަރާ ބަގީގައި ހަމަޖެހެލުމާއިއެކު ބަގީ ދުއްވާލިއެވެ. ފަސްތަރީގެ އެ ރިސޯޓުގައި ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންއެގެއެވެ. މުޅި ރަށުގައި ހުދު ދޮންވެލި ލާފައި ވާއިރު މަގުގެ ދެފަރާތުގައި މާއަޅާ އެކި ގަސްތަކެވެ. އަހަރެމެން ދިޔައީ ރަށުގެ އެތެރޭ މަގުތަކުން ކަމުން ގެސްޓް ރޫމްތަކެއް ނުފެނެއެވެ. އެ ބޮޑު ރަށުގެ އަނެއްކޮޅަށް ދެވުމާއިއެކު ދެ ފަންގިފިލާއަށް ހަދާފައިވާ ގެ އެއް ފެންނަން ހުއްޓެވެ. އެއްގަމު ދޮރާށިން ގޮސް ބަގީ މަޑުކޮށްލާ ލަކުޑިން ހަދާފައިވާ ދޮރު ހުޅުވާލަދިނެވެ. އެ ގޭގެ ގޯތި ތެރޭގައިވެސް ގިނަ އަދަދެއްގެ ބަގީޗާ ހައްދާފައި ވެއެވެ.  ގެއަށް ވަންނަ ދޮރު ހުޅުވާލަދިނުމުން އަހަރެން އެތެރެއަށް ވަނީމެވެ. ތަނަވަސް ބޮޑު ސިޓިން ރޫމެކެވެ. ސިޓިން ރޫމް ތެރެއިން ކުރިއަށް ދާއިރު ބޮޑު ސޯފާ ސެޓަކާއި ޓީވީ އެއްހުއްޓެވެ. އަދި ޓީވީ ކައިރީއިން ބޮޑު ދޮރު ކަހާލުމުން ފެންނަނީ ކުރިމަތީގައވާ ބޮޑު ޕޫލާއި ވަށައިގެންވާ އަވި ކުޑަތަކާއި ސަންބެޑުތަކެވެ. އެ ދޮރުން ބޭރަން ނުކުމެލާއިރު ގެ ވަށައިގެން ބޮޑެތި ގަސްތައް ހައްދާފައިވަނީ ބޭރުންދާ މީހުންނަށް އެތެރެ ނުފެނި އަތިރިމަތީގެ ދޮންވެލިގަނޑުގެ އުފާވެސް ހާސިލް ކުރެވޭނެފަދައަކުންނެވެ. އެތަނުން ބޭރަށް ނުކުންނައިރު ކުރިމަތީގައި އޮތީ މަޑު ނޫކުލައިގެ މޫދެވެ. އިތާހައުސް ހުރީ އެ ބަރީގެ އެންމެ ފަހު ޢިމާރާތަކަށްކަމުން އެ ތަނުގެ ވައަތްފަޅީގައި އޮތީ ބޮޑު ތުނޑިއެކެވެ. ނަމަވެސް ކަނައަތް ފަރާތުން ފެށިގެން ބޮޑެތި ބީޗްވިލާތައް ޢިމާރާތްކުރެވިފައިހުއްޓެވެ. ބޭރުން ބަލާލާއިރު އެ ގޭގެ އެންމެ މަތީގައި ބޮޑު އަކުރުން އިތާ ހައުސް އިނގިރޭސިން ޖަހާލާފައި ހުއްޓެވެ.

“މޭމް.. ރޫމް އިޒް ރެޑީ” އަހަރެންނާއިއެކު އައި ކުއްޖާ ގޮވާލުމުން އެތެރެއަށް ވަނީމެވެ.

” މީ މޭމްގެ ރޫމް… ދެން މީ ކިޗަން.. ރޫމް ސަރވިސްއަށް އޯޑާކޮށްލެއްވީމަ ކާ އެއްޗެހި ގެނެސްދޭނެ. ފްރިޖްގަ ޑްރިންކްސް އެންޑް ވޯޓަރ ހުންނާނެ. ކިޗަން ކެބިނެޓްގަ ސްނެކްސް ހުންނާނެ. ފުރުޓްސް ހުސްވީމަ ގުޅާލީމަ ރީ ފިލް ކޮށްލަ ދޭނެ.. ކަމެއް ބޭނުންވެއްޖެއްޔާ 4 އަށް ޑައިލްކޮށްލީމަ އަޅުގަނޑާ ގުޅޭނެ. އެންޖޯއި ޔުއަރ ސްޓޭ” ފައްޗަކަށް އަމުނާލުމަށްފަހު އެ ކުއްޖާ ނުކުމެގެން ދިޔައެވެ. އެއާއިއެކު އަހަރެންވެސް ހޭންޑްބޭގް ކޮޓަރި ތެރެއަށްލުމަށްފަހު ބޭރަށް ނުކުމެ ސަންބެޑްގައި އޮށޯވެލީޖެހެމުންދާ ހަވީރުގެ ފިނި ވައިރޯޅިތަކުގެ އަރާމްކަން ހޯދާލުމަށެވެ.

ކަންފަތަށް ހެޑްސެޓްޖަހާލައިގެން ދެލޯ މަރާލައިގެން އޮތްއިރު ހިތަށް ލިބެމުންދިޔަ ހަމަޖެހުން ބުނެދޭންވެސް ދައްޗެވެ. އެހެންއޮވެ ވަގުތު ދިޔަ ގޮތެއްވެސް ނޭނގެއެވެ.ހަމަބިމަށް ފޭބުނީ ޒިލާލް އައިސް ކޮށްޓާލުމުންނެވެ.

“ކޮންދުނިޔެއެއްގަ؟” ޒިލާލް އައިސް އަހަރެން އޮތް ސަންބެޑް ގެ އެއް ކައިރީ އިށީނެވެ.

” އަރާމުކަމުން ހަމަ އޮވެލީ.. އިރުއޮއްސެނީ ދޯ؟ ވަގުތު ދިޔަގޮތްވެސް ނޭނގެ” ދުނިޔެ މައްޗަށް އޭރު ވަނީ އަނދިރިވާންފަށާފައެވެ.

“އާން. ޕްލޭން ކުޑަކޮށް ޗޭޏްޖްކޮށްލީމަ އަހަރުންވެސް ލަސްވީ. މަހަށް ދާންވެގެން ވޯކް ކޮށްލާފަ މިއައީ. މިރޭ ފްރީ ކޮށްލީ ބާބެކިޔު ހަދަން.. ދެން މާދަން މޯނިން އެންޑް އާފްޓަނޫންގަ ވޯކް ކޮށްފަ  ނިންމާލެވޭނެ” ޒިލާލް ވާހަކަ ދެއްކީ ތެދުވަމުންނެވެ. އަހަރެންވެސް ޒިލާލް ފަހަތުން ތެދުވީމެވެ.

“ކޮންބައެއް މަހަށް ދަނީ؟ އަހަރެންވެސް ވަރަށް މަހަށް ދާ ހިތްވޭ” ޒިލާލް ފަހަތުން އެތެރެއަށް ވަންނަމުން އަހަރެންވެސް ދާ ހިތްވާ ވާހަކަ ބުނީމެވެ.

“ހުސް ބޯއީސް ދަނީ… ސްޕިއަރ ފިޝިންއަށޭ.. ޝްޝްޝް” ޒިލާލް ތުންފަތުގައި އިނގިލި އަޅާލަމުން އެހެން ބުނެލީ އެއީ މަނާކަމަކަށްވާތީ ކަން އަހަރެންނަށް އެނގުނެވެ.

“އެހެރީ އީމްގެ އިވްނިންޓީ.. ތިހެން ރޫމްގަ ނޯވެ ދޭބަލަ ރަށުތެރެބަލާލާހަދަން.. ކޮޓަރީގަ އޮންނާކަށް ނޫނޭ ގެނައީ.. ދޮންބެވެސް އަންނާނެ އިރުކޮޅަކުން”

ޒިލާލް ދިޔުމުން އަހަރެންވެސް ނުކުމެލީ ރަށުތެރެ ބަލާލަން ދިޔުމަށެވެ. ޖީންސުގެ ފައިކުރި އޮޅާލައިގެން އަތަށް ފައިވާން ނަގައިގެން އަތިރިމަތިން މަޑު ހިނގުމެއްގައި ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ބައެއް ފަހަރު ގާ ކޮޅުކޮޅު ހޮވަމުން އަނެއްބައި ފަހަރު ފޮޓޯ ނަގަމުން ވަކި ހިސާބަކަށް ދިޔަތަނާ އިރުގެ އަލި އެއްކޮށް ގެއްލި ދުނިޔެމައްޗަށް އަނދިރިކަން ފާޅުވެއްޖެއެވެ. އައިކޮޅަށް އަނބުރާލާފައި ހިނގައިގަތީ މާދުރަށް ދެވިއްޖެނަމަ ފަޅި ހަނދުގެ ފަނޑު އަލީގައި އެނބުރި އަންނަން ނުކެރިދާނެތީއެވެ. އަވަސް ހިނގުމެއްގައި އައިސް އިތާ ހައުސްއާއި އަރާހަމަވިތާނާހެން ފޯނު ރިންގުވާންފެށިއެވެ. ނުދަންނަ ނަންބަރަކުންނެވެ. ހިތާހިތުން ދުޢާކުރެވުނީ ޝިޒާން އަށް ނުވުމަށެވެ.

“ކޮންތާކު؟” އެ ރާގާއި އަޑުންވެސް އެއީ ކާކުކަން އެނގުނެވެ. އެގޭގައި އުޅޭތާ  5 މަސްވެގެން ދިޔައީއެވެ. އެކަމަކު މިއަދާއިހަމައަށްވެސް ޒިވިއަލްގެ ނަންބަރު އަހަރެންގެ ފޯނުގައި ސޭވް ކުރެވިފައެއް ނުވެއެވެ.

“ބީޗް ގަ” ސީދާ ސުވާލަށް ޖަވާބު ދިނީމެވެ.

” އެންމެ ކައިރިން ފެންނަނީ ކޮން ރޫމެއް؟” އަހަރެންގެ ޖަވާބު ކަމުނުގޮސްގެން އަހަރެން ހުރިތަނެއް ހޯދުމަށް ދެންވެސް ޒިވިއަލް މަސައްކަތް ކުރިއެވެ.

“އިތާ ހައުސް” އަހަރެން ދެންވެސް ޖަވާބުދިނީ ސީދާ ޒިވިއަލްގެ ސުވާލަށެވެ. އެއާއިއެކު ފޯނު ކެނޑިއްޖެއެވެ. އަހަރެން އައިސް  ދޮރުމަށްޗަށް އެރިއިރު ޒިވިއަލް ޕޫލް ކައިރި މޭޒެއްގައި އިށީނދެލައިގެން އިނެވެ.

“ލެޓްސް ގޯ ފޯ ޑިނަރ؟” އަހަރެން ފެނުމާއިއެކު ޒިވިއަލް އަހާލިއެވެ.

“ދެންމެ ހެޑް އަ ސޭންޑްވިޗް. އަނެއްކާ ޒިލާލްމެން މިރޭ ބާބެކިޔު ހަދާނަމޯ”

“މާ ގިނައިން ނުކެޔަސް ކުޑަގޮތެއް ހަދާލާނީ.. ޖީ އެމްއާ މިތަނަށް ޢާންމުކޮށް އަންނަ ދެމަފިރިންނާއެކީ ކާންދާން ގުޅައިފި. އައި ވޯންޓު ޓޭކް ޔޫ ވިތް މީ. މާގިނައިރެއް ނުވާނެ” ޒިލާލް އަހަރެން ގޮވައިންދާން ބޭނުންވާ ވާހަކަ ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ.

“ފެންވަރާލައިގެން ލަސްވާނެ؟” ބަޔަކާއިއެކު އެކު ކާންދާވާހަކަ ބުނުމުން އަހަރެންވެސް ބޭނުންވީ ކުޑަކޮށް ރީތިވެލައިގެން ދިޔުމަށެވެ

“އޯކޭވާނެ. ރެޑީ ވެގެން ނުކުމޭ” ޒިވިއަލް އެހެން ބުނެލުމާއިއެކު ކޮޓަރިއަށްވަދެ ފެންވަރާ ރީތިވެލީމެވެ. ބޭރަށް ނުކުތުމުގެ ކުރިން ފަހު ފަހަރަށް ފުލް ލެންތު ލޯގަނޑުކައިރީ ހުއްޓި އަމިއްލަ ސޫރަ ބަލާލީމެވެ. ކަޅު ސްކީނީއަކާއިއެކު ގަޔަށް ދޫ ހުދު ގަމީހުގައި ހުންނައިރު ބަނޑު އެހާ ބޮޑަށް ފާޅު ނުވިނަމަވެސް ކިތަންމެހާވެސް އަހަރެން ނަލައެވެ. ގަތާލެވިފައިވާ ފަން ދިގު އިސްތަށިގަނޑު ފޫކޮޅާއި ހަމައަށް މިހާރު ފައިބައެވެ. ތުންފަތުގައިހުރި މަޑު ފިޔާތޮށީގެ ލިޕްސްޓިކް ފިޔަވައި އިތުރު މޭކަޕެއް  މޫނުމަތީގައި ނުވެއެވެ. ދެފަރާތަކަށް އެނބުރިލާ ފަރިބަލާލުމަށްފަހު ސެންޓު ފުޅިން އެއް ފަހަރު ފިތާލީ ނޭފަތުގައި އަތް އަޅައިގެން ހުރެއެވެ.

ބޭރަށް ނުކުތްއިރު އަހަރެންގެ އިންތިޒާރުގައި ޒިވިއަލް އިނެވެ. ފެންވަރާ ތައްޔާރުވެލައިގެން އިންއިރު އެހެންޔާ ހުންނަ ބާރުގަދަ ފިރިހެން ސެންޓު ވަހުގެ ބަދަލުގައި މަޑު މަޑު ކޯލޯންއެއްގެ  ވަހުން ސިޓިން ރޫމް އެއްވަސްކުރުވާފައިވާކަހަލައެވެ.

” ހިނގާދާން” ސޯފާއިން ޒިވިއަލް ތެދުވުމާއި އަހަރެންނަށް ހެވުނެވެ. ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ. އަހަރެން ހުދުޓޮޕަކާއި ކަޅު ސްކިނީއެއްގައި ހުރިއިރު ޒިވިއަލް ހުރީ ކަޅު ޓީޝާޓަކާއި ހުދު ޖީންސްއެއްލައިގެންނެވެ.އަހަރެންނަށް ހެވުނު ނަމަވެސް ޒިވިއަލްގެ މޫނުމަތިން އެއްވެސް ކުލަވަރެއް ނުފެނެއެވެ. ޒިވިއަލްގެ ފަހަތުން ބޭރަށް ނުކުތްއިތު ރިސޯޓުގެ ޖީއެމް ބަގީއެއްގައި އަހަރެމެންގެ އިންތިޒާރުގައި އިނެވެ.

“އަނހަ! ދެކުދިން ހާދަ އެއްކުލަ ކޮށްލައިގެން” ޖީއެމް އަށްވެސް އެންމެ ފުރަތަމަ ފާހަގަވީ އަހަރެމެންގެ ހެދުން އެޅުމުގައިހުރި އެއްގޮތްކަމެވެ.

“ކޯ އިންސިޑެންސް ” ބަގީއަށް އަރާ ހަމަޖެހިލަމުން ޒިވިއަލް އެހެން ބުނެލިއިރު މޫނުމަތީގައި އެއްވެސް އަސަރެއް ނުވެއެވެ.

ކެއުމަށް ދިޔައީ އޯވާރ ވޯޓަރ ވިލާގައި އިންނަ ވައިޓް ސޭންޑް ރެސްޓޯރަންޓަށެވެ. އޭރު އުމުރުން ދުވަސްވީ ދެމަފިރިއަކާއި ޒުވާން ފިރިހެނަކު އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ.ބަލާބެލުމަށް ވައްތަރީ ޔޫރަޕް ބަޔަކާއެވެ. ތަޢާރަފްވެލުމް އެނގުނީ އެއީ އެ އާއިލާ އެ ރިސޯޓަށް އައި 25 ވަނަ ދަތުރުކަމެވެ. ޖަރުމަނަށް ނިސްބަތްވާ އެ އާއިލާގައި ތިބެނީ ހަމައެކަނި ދެމަފިރިންނާއި ފިރިހެން ދަރިފުޅެވެ. ޒިވިއަލް އެމީހުންނަށް އަހަރެން ތަޢާރަފްކޮށްދިނީ “ފެމެލީ ފްރެންޑް” އެއްގެ ގޮތުގައެވެ. އެކި ވާހަކަތަކުގައި ބައިގަޑިއިރެއްހާ ވަގުތު ހޭދަވެގެން ދިޔައެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ހީލާ ބޯޖަހާލާ ހެދީމެވެ.

” އައި ތިންކް ވީ ޝުޑް ގޯ” ގަޑި ބަލާލަމުން ޒިވިއަލް ބުނެލިއެވެ.

“އިންޑީޑް. އިޓްސް ނައިސް ޓު ޓޯކް ވިތް ޔޫ” ތެދުވަމުން އެތާއިން އަންހެން މީހާ ޖަވާބުދިނެވެ. އަދި އަހަރެމެންނާއިއެކު ރެސްޓޯރަންޓް ދޮރާހަމައަށް ނުކުތީ ރިސޯޓު އޯނަރުގެ ހައިސިއްޔަތުން ޒިވިއަލްއަށް ކުރާ އިހްތިރާމުންކަމަށްވެސް ވެދާނެއެވެ.

” އިޓް ވޯޒް ނައިސް މީ ޓިން ޔޫ ލޭޑީ. ޔޫ ލުކް އެބްޒޮލިޔުޓްލީ ގޯޖަސް” ޒިވިއަލް އެންމެންނާ ސަލާންކޮށްކުރިއަށް ހިނގައިގަތް ވަގުތު އެތާހުރި ޒުވާނާ އަހަރެންނާ ދިމާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. އަހަރެންވެސް ސަލާމްކޮށްލުމަށްފަހު “ތެންކިޔޫ” އޭ ބުނެލީމެވެ. ކުރިއަށް ދިޔުމަށް އެނބުރުނު އިރު ޒިވިއަލްގެ އަހަރެމެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތް ދުވަހަކުވެސް ހަނދާނުން ނުފިލާނެއެވެ. ބަލާލި ކޮންމެ މީހަކަށް އެ ދެލޮލުން ހަސަދައިގެ އަލިފާން ފެންނާނެކަން ޔަޤީނެވެ.އަހަރެންނަށް އެހެން މީހަކު ތަޢުރީފުކުރުމުން ޒިވިއަލް ހަސަދަވެރިވާންޖެހޭ ހެއްޔެވެ؟ މި ކަހަލަ ކުދި ކުދި އިޝާރާތްތަށް ދޭ ހާ ހިނދަކު އަހަރެންނަށް ޒިވިއަލްއަށް ބޭބެއެއްގެ މަޤާމު ދެވޭނޭ ހެއްޔެވެ؟

ކުޑަތަންކޮޅަކަށް ހިނގާލެވުނުތަނާ ޖީއެމް ބަގީގައި އައިސް ކުރިމައްޗަށް ހުއްޓާލިއެވެ.

” ޝެލް ވީ ވޯކް؟ އައި ގޮތަށް އަދި ރޫމަކުން ނުނިކުންނަމެންނު؟” ޒިވިއަލް ވާހަކަ ދެއްކީ އަހަރެންނާއެވެ.

“އޯކޭވާނެ” އަހަރެންވެސް ހިނގާލާފައި ދިޔުމަށް އެއްބަސްވީމެވެ.

” ސޯ ބާބެކިޔު ރެޑީވީމަ ދާނަން ބަލާ.. ހޭވް އަ ގުޑް ޓައިމް” ޖީއެމް ބަގީ އަނބުރާލީ އަހަރެމެން ހިނގާފައިދާވާހަކަބުނުމުންނެވެ.

“ކޮންއިރަކުން މަހަށް ދިޔަ މީހުން އަންނަނީ؟” ބަގީ ނައްޓާލުމުގެ ކުރިން ޒިވިއަލް އަހާލިއެވެ.

“އެންމެ ސިޔާސަ ކުދިންކޮޅު އެދިޔައީ.. ހިއެއް ނުވޭ ދިހައެއް އެގާރައިގެ ކުރިން އަންނާނެހެން. ގުޅާނަން އައީމަ” ޖީ އެމް އެހެން ބުނެލުމާއިއެކު ބަގީގައި ނައްޓާލިއެވެ.

“ވަރުބަލިވެއްޖެއްޔާ ބުނައްޗޭ.. ބަގީ ގެނެސްދޭނަން އޭރުން” ޖެޓީއިން ވެލިގަނޑުމައްޗަށް ފައިބަމުން ޒިވިއަލް ބުނެލި އެއްޗަށް އެއްވެސް ބަހެއް ނުބުނެ ހަމައެކަނި ހީލުމަކުން ޖަވާބުދިނީމެވެ.އަހަރެންވެސް ހުރީ ހިނގާލަންދާން ބޭނުންވެފައެވެ. ޝިޒާންއާއިއެކު ހޭދަކުރި އެއްއަހަރު ދުވަސް ތެރޭ އެއް ފަހަރުވެސް މި ގޮތަށް އެކަނިވެލާ ހިނގާލާކަށް ނުދަމެވެ. ވަގުތު ނުވާތީ ރަށުން ބޭރަށް ދެމީހުން އެކުގައި ދެވިފައެއް ނުވާނެއެވެ. އެންމެ ލޯބިންވެސް ހޭދަވާ ވަގުތަކީ ސައިކަލު ބުރުޖަހާލުން ނުވަތަ ރެސްޓޯރަންޓަކުން ކާލަން އެދާ ވަގުތުތަކެވެ.ދެން އަނެއްކާ މިފަދަ ފުރުޞަތެއް ލިބޭނެކަމެއްވެސް ނޭނގެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ (ޓްރެއިލާރ)

Next

ލޯބިވެވުނީ 7

Next
April 26, 2023

ލޯބިވެވުނީ 7

Previews
April 23, 2023

ތެމި ވާރޭގައި ވީމޭ (ޓްރެއިލާރ)



All Right Reserved!