ހިމަފޮދު ވާރޭ 2
ރުކައިން ހުރިހާ ކުދިންނަށްވެސް ހީލަމުން ބަލައިލީ ޔަންހާއިން މޭޒަށެވެ. މައުސޫމުގޮތަކަށް އެދިމާއަށް ބަލަންއިން ޔަންހާ ފެނުމާއިއެކު އެ ހިތް ފުރިގެން އައި ކަހަލައެވެ. ހައިކަލް އާއި އައުލްއަށް ލޮލުގެ އިޝާރާތަކުން ޔަންހާ އާއި ލަވްޒާއިން މޭޒު ދައްކައިލަމުން އެ އެންމެންވެސް ހިނގައިގަތީ އެ މޭޒަށެވެ.
“އޯ އެމް ޖީ ޔަންންން! ބަލާ ރުކައިންމެން އެ އަންނަނީ އަހަރެމެން ތިބި މޭޒަށް.” ލަވްޒާ ޔަންހާގެ އަތުގައި ވިކައިލަމުން ތުއި އަޑަކުން ބުނެލިއެވެ.
ރުކައިންމެން އައިސް އެ މޭޒުގައި އިށީނުމާއިއެކު ކެންޓީނުގައި ތިބި އެންމެންގެ ރުޅިވެރި ނަޒަރު ހުއްޓިގެންދިޔައީ ޔަންހާއަށެވެ. ހީވާ ކަހަލައެވެ. ޔަންހާއަކީ ކުށްވެރިއެކެވެ. ކެންޓީނުގައި ތިބި ކުދިން ރުޅިވެރިކަމާއިއެކި އެކަކު އަނެކަކު ކަންފަތްދޮށުގައި ސިއްރުން އެއްޗެހިތަކެއް ކިޔަމުން ދިއުމާއިއެކި މޭޒު ދޮށުގައި ތިބި ރުކައިންއާއި ހައިކަލްގެ ނަޒަރު ހުއްޓުނީ ޔަންހާއަށެވެ. އެއިރު ޔަންހާގެ އެހެން އެކުވެރިއެއްކަމަށްވާ ޒައިޝް އައިސް ޔަންހާގެ ކައިރީގައި އިށީނެވެ.
“ވަޓްސް ގޮއިން އޯން؟” ރުކައިން ވަށައިގެން ތިބި ކުދިންނަށް ބަލައިލުމަށްފަހު އެއްސެވެ.
“ޔަންއަކީ މި ސްކޫލް ޕްރިންސިޕަލްގެ ދަރިފުޅު. މި ސްކޫލް ކުދިން ހީކުރަނީ ޔަން ވަރަށް ފޮންޏޭ. ވަރަށް ޒާތްކޮޅު ބޮޑޭ. އެގްޒާމްތަކުން އަބަދުވެސް މަތިން މާކްސް ގެންނާތީ ކުދިން ހީކުރަނީ ޔަން ޓީޗާރސް ކައިރީ ކިޔައިގެން މާކްސް ގެންނަނީއޭ.” ޒައިޝް އިސްޖަހައިލައިގެންއިން ޔަންހާއަށް ނަޒަރެއް ދެމުން ބުނެލިއެވެ.
“ދެން އެކަމާ އަޅައިނުލަމާ. އެކަކު އަނެކަކަށް އިންޓްރޯއެއް ދޭންވީއެއްނު؟ އައިމް އައުލް. ބިޒްނަސް ސްޓޫޑަންޓް”
އެންމެން އެންމެންނާއި ތައާރަފްވެ އެކުވެރިކަން ބަދަހިވުމަށް ނެގީ މަދު ވަގުތުކޮޅެކެވެ. ސްކޫލް ރަނގަބީލު ޖެހުމާއިއެކު ހިނި ބައިގަނޑުތަކެއްހެން ކުދިންތައް ސްކޫލުން ގެއަށް ދިއުމަށް ގޭޓުން ނިކުންނަމުން ދިޔައެވެ. ޔަންހާމެން ތިން އެކުވެރިންވެސް ގެއަށް ދިއުމަށް ހިނގައިގަތީ ފައި މަގުގައެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ލަވްޒާގެ ބަސްމަދުކަން ޔަންހާގެ އިތުރުން ޒައިޝްއަށްވެސް ފާހަގަކުރެވިގެން ދިޔައެވެ.
“ލަވް ހާދަ ބަސްމަދުވެފަ މިއަދު؟ ކަމަކާއި ހިތްހަމަނުޖެހިފަތަ؟” ޔަންހާއަށް އެންމެ ފަހުން ނުހުރެވިގެން އެއްސެވެ.
“ޔަން، ޒައި، ބުނަންތަ ވާހަކައެއް. އަހަރެންނަށް ހީވަނީ ކޮންމެވެސް ތާކުން އަހަރެންނަށް ހައިކަލް ފެނުނުހެން.” ލަވްޒާ ދަތްދޮޅީގައި އަތް ޖައްސައިލަމުން ބުނެލިއެވެ.
“ކޮންމެވެސް ތާކުން ފެނުނޭ؟ ކޮންތާކުން؟ ލަވްގެ ހުވަފެނުގަ ދޯ؟” ޒައިޝް ހިނިގަނޑެއް ޖަހައިލައިފައިވެސް ހުއްޓުމަށް މަޖުބޫރުވީ ލަވްޒާގެ މޫނުމަތީގައިވި އިންތިހާ ސީރިއަސްކަން ފެނުމުންނެވެ.
“އާނ! ހަނދާންވެއްޖެ!” ލަވްޒާގެ އަޑު އައީ ތުރުތުރު އަޅައިގެންނެވެ.
” އަދި ކިރިޔާތަ ހަނދާންވީ؟ މި ސިޓީ ނިންމާފަ އަހަރެން އަތަށް ދޭށޭ ބުނިތާ މިހާރު ދެ ދުވަސްވީ! ޔޫ އާރ ފަޔާރޑް! ނިކުމޭ މިތަނުން.” ޔޫނުސް އެހެން ބުނުމާއިއެކު ކުރިމަތީގައިހުރި އަންހެން މުވައްޒަފު ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯ ހޫރުވައިލިއެވެ.
“އެކަމަކު ސާރ..” “ނިކުންނާށޭ ބުނާ އަޑު ނީވެނީތަ ހަމަ؟” ޔޫނުސްގެ ހަރުކަށިކަމުން އޭނާއަށް ކެބިންއިން ނިކުތުމަށް މަޖުބޫރުވިއެވެ.
ޔޫނުސް ރުޅިއައިސްފައިހުރެ މޫނުގައި އަތް އުނގުޅައިލިއެވެ. އޭނާގެ އޮފީހުގައި ހިނގަމުން މިދާ މައްސަލަތަކުގެ ސަބަބުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ކުއްލިއަކަށް އޭނާގެ މޭޒުމަތީގައި އޮތް ޓެލެފޯން ރިންގުވާން ފެށިއެވެ. ޔޫނުސް އަދިވެސް ހަމަ އެ ރުޅިގަނޑުގައި ހުރެ ފޯނުނަގައި ކަންފަތުގައި ޖެހިއެވެ.
“ހަލޯ؟” ޔޫނުސްގެ ކަންފަތުގައި ޖެހުނު އަޑުން އޭނާގެ އަތް ތުރުތުރު އަޅައިގަތެވެ.
“ކާކު؟ ރް… ރާކިފް؟” ޔޫނުސް ހާސްވެފައި ހުރިވަރުން އެންމެ ފަހުބަސް ބުނެވުނީ ވައިއަޑުންނެވެ.
“ރޯންގް ނޭމް.. އަހަރެން ވަރަށް އަވަހަށް އަންނާން. ހަހަހަ…” އެކޮޅުން އެހެން ބުނުމާއިއެކު ވަގުތުން ފޯނު ކެނޑުނެވެ.
ބިރުންގޮސް އޮއްދާ ހިއްލިފައިވާ ޔޫނުސްގެ ގައިން ހީވީ ހީބިހި ނަގައިގެން ދިޔަހެންނެވެ. އަދިވެސް އެކޮޅުން ވާހަކަދެއްކި މީހާ ޖަހައިލި ނުލަފާ ހިނިގަނޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔަ ކަހަލައެވެ. އަވަސް ހަރަކާތާއިއެކު ކައިރީގައި އޮތް ޓެލެފޯން ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.
“މީހަކުގެ މައުލޫމާތު ކޮޅެއް ހޯދާލަދީބަލަ!”
“ހީވެއްޖެއޭ އެއީއޭ އެއިރުގެ ލަވްޒާއަކީ!” ހައިކަލް ރުކައިން އާއި ދިމާއަށް ބަލައިލީ ހިތްހަމަޖެހިފައި ހުރެގެންނެވެ.
“އަހަރެން އެއްގޮތަކަށްވެސް ހިޔެއް ނުކުރަން އެ ކުއްޖާއާ އަލުން މިގޮތަށް ބައްދަލުވެދާނެއެކޭ. ހާދަ ބޮޑު އިއްތިފާގެކޭ.” ހައިކަލް އިތުރުކޮށްލިއެވެ.
“އަޑުއަހަމެއްނު ދުނިޔެއަކީ ވަރަށް ކުޑަ ތަނެކޭ؟ އެއީ ތި ވީ ގޮތަކީ. މާ ރަނގަޅަކަށްނު މި ދިމާވީ؟ އެއީ ވިއްޔަ މިޔޮތް ހުރިހާ ދުވަހަކު ކަލެއަށް ނުހޯދިގެން އުޅުނު ކުއްޖާއަކީ. އަން. މި އޮތީ ލަވްޒާގެ ނަންބަރު. ޔަންހާ އަތުން ހޯދީ.” ރުކައިން އެހެން ބުނަމުން ކަރުދާސްކޮޅެއް ދިގުކޮށްލައި އެނދުގައި އިށީނެވެ.
ހައިކަލް އެ ކަރުދާސްކޮޅުގައި ހިފައި ހުޅުވައިލުމާއިއެކު މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަވަހަށް އޭނާގެ ފޯނުގައި ލަވްޒާގެ ފޯނު ނަންބަރު ސޭވްކޮށްލައި ގުޅައިލިއެވެ. އިރުކޮޅެއްނުވެ އެކޮޅުން ފޯނުނެގިއެވެ.
“ހަލޯ؟ ކާކު؟” ހީކުރިގޮތަށް ލަވްޒާގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމާއިއެކު ތުންފަތަށް ވެރިވި ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ.
“ލަވް، ދޯ؟ ގެސްކުރޭ އަހަރެން މީ ކާކުކަން؟” ހައިކަލް އެހެން ބުނަމުން ރުކައިންއަށް އެއްލޯ މަރައިލިއެވެ.
“އަޅެ ނޭނގުނު ހަމަ. ކާކުތަ؟” ލަވްޒާ ދަންނަ އަޑެއްހެން ހީވިކަމުގައި ވިޔަސް އެ އަޑުގެ ވެރިޔާއަކީ ކާކުކަމެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ.
“ހައިކަލްއެއްނު؟ ހަނދާންވޭތަ؟ އަހަރެން ކުޑައިރު މަގުމަތީގައި ގެއްލުނުއިރު އަހަރެންގެ މައިންބަފައިންގެ ކައިރިއަށް ގެންދިޔަ ހައިކަލް. ހަނދާންވެއްޖެ ދޯ؟” ހައިކަލް އެހެން ބުނުމާއިއެކު އުފަލާއި އެއްވަރަށް ލަދުގަތް ލަވްޒާގެ ކޯ އެކަށް ރަތްވެގެން ދިޔައެވެ.
“ހައިކަލް ދޯ؟ ސްކޫލްގެ އިންއިރު ކުރިން އިވުނު ނަމެއްހެން ހީވި. އެކަމަކުވެސް ހަމަ އެއްގޮތަކަށްވެސް ހަނދާނެއްނުވި. ސްކޫލުން ގެއަށް އައި މަގުމަތީގަ ހަނދާންވެސް ވީ. އަހަރެން އެ ދުވަހަށްފަހު ހާދަ މަސައްކަތެއް ކުރީމޭ ހައިކަލް ފެނޭތޯ. ކޮންމެ ދުވަހަކު އެ ޕާކަށް ދިޔައިން.” ލަވްޒާ ވެފައިހުރި އުފަލެއްގެ ސަބަބުން ހުރިހާ ވާހަކަތަކެއް އެއްފަހަރާ އަމުނައިލެވުނެވެ.
“އެހެންތަ؟ ހަހަހަ.. ސޮރީ. އަހަރެން އެ ދުވަސް ނޫން އޭގެ އަނެއް ދުވަހު ރާއްޖެތެރޭ ރަށަކަށް ބަދަލުވީ. އޭގެ ދެތިން އަހަރު ފަހުން މާލެ އައިސް ލަވް ހޯދަން ހާދަ މަސައްކަތެއް ކުރީމޭ..” ހައިކަލް ވާހަކަ ދައްކަމުން ދިޔައިރު ރުކައިން އެ ކޮޓަރިން ނިކުތްކަންވެސް ނުދެނެހުއްޓެވެ.
ރުކައިން ކޮޓަރިން ނިކުމެ ހާމައަށް ފެންނަން އޮތް ސިޓިންރޫމަށް ބަލައިލިއެވެ. އެއްވެސް މީހަކު ސިޓިންރޫމަކުނެތެވެ. ބަދިގެއަށް ގޮސް ބަލައިލިއިރު ހައިކަލްގެ މަންމަ ހުއްޓެވެ. ހައިކަލްގެ މަންމަ އާއި ކުޑަކޮށް ވާހަކަ ދައްކައިލުމަށްފަހު ދަނީ ކަމަށް ބުނެ އޭނާ އެގެއިން ނިކުމެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ސިކުނޑީގެ ވިސްނުން އެއިރުވެސް އޭނާގެ ވިސްނުން ގުޅިފައިވަނީ ޔަންހާއާއިއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް މެސެޖެއް އައި އަޑަށް ޖިންސް ޖީބުގައި އޮތް ފޯނުނަގައި ފޯނު ސްކްރީނަށް ބަލައިލިއެވެ. އައިސްފައިވާ މެސެޖުން އޭނާގެ ލޭ ކެކި ކަތުރު ކަށިގަނޑަށް ބާރުވެގެން ދިޔައެވެ. ހަމަ އެވަގުތެވެ. އޭނާގެ ނަޒަރު ހުއްޓިގެންދިޔައީ ޒައިޝްއާއިއެކު ކައިރި ފޮތި ފިހާރައަކުން ނިކުތް ޔަންހާއަށެވެ. ބޭއިޚްތިޔާރުގައި އެދިމާއަށް ހިނގައިގަނެވުނު އިރު ޔަންހާމެންނަށް ރުކައިން ފެނި ހީލައިފިއެވެ.
“ހެއި ލޭޑީޒް. މިއޮތް ރޭގަނޑު ކޮން ވަޑާމެއް؟” ރުކައިން ރީތި ހިނިތުންވުމަކާއިއެކު އެއްސެވެ.
“މި ހަމަ ފިހާރަތައް ބަލައިލަނީ. ރުކައިން އެކަނިތަ ތި އުޅެނީ؟” ޔަންހާ އަޅައިގެންހުރި ނަންބަރު އައިނު ރަނގަޅުކޮށްލަމުން އެއްސެވެ.
“އާނ. ހައިކަލްމެން ގެއިން މި ދަނީ އަހަރެންގެ ގެއަށް ދާންކަމަށް.” ރުކައިންގެ ކޮންމެ ބަހެއް ކޮންމެ ހަރަކާތެއް ޒައިޝްގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް އަސަރު ފޯރުވަމުން ދިޔައެވެ.
ޒައިޝްއަށް ކަމެއް ޔަގީންވީ އެ ހިސާބުންނެވެ. އޭނާއަށް ލޯބިވެވިއްޖެއެވެ. ފުރަތަމަ ފަހަރަށެވެ. ހިތަށްއެރިއެވެ. ރުކައިންގެ ހިތުގެ އިހުސާސްތަކާއި އޭނާއަށްވެސް ކުޅެލެވޭނަމައެވެ. އޭނާއަށް ނޭނގުނު ކަމަކީ ރުކައިންގެ އެ ހިތުގައި ރަސްކުރަމުންދިޔައީ އެހެން އަންހެންކުއްޖަކުކަމެވެ.
– ނުނިމޭ –

