Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުން ދިން..7 ވަނަ ބައި

SomeOne Level 210 Stories
April 10, 2023 5 Mins Read
3 Comments

” އަހަރެންނަށް އިނގޭ އީމާން ޕްރެގްކަން. ދުށިން ޓެސްޓްކިޓް. މަންމަ ކައިރީވެސް ބުނިން. ދެ ކޮއްކޮ ކައިރީވެސް ބުނިން. އެއްވެސް މީހަކު އެހާ އުފަލެއް ނުވި. އަހަރެންނަށްވެސް ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގެ. މިއޮއް މައްސަލަގަނޑު ތެރޭގަ ރަނގަޅު ގޮތުގަ ކުއްޖަކު ބަލާބޮޑު ކުރެވޭނެތަ؟ އީމާން ބޭނުންތަ ދަރިއެއް؟” އަހަރެންގެ ލޮލުން ކަރުނަ ހިކި ބުނެދޭން ނޭނގޭކަހަލަ ސިހުމެއް ލިބުނުކަހަލައެވެ. މިއީ އަހަރެން އެހާ ލޯބިން އުޅުނު ޝިޒާން ހެއްޔެވެ؟  މިހާ ބޮޑަށް ބަދަލު ވީ ކޮން އިރަކު ހެއްޔެވެ؟

“ކީކޭ ތިބުނީ؟” ޝިޒާން އެންމެ ފަހުން އެބުނި ޖުމްލަ ޤަބޫލު ނުކުރެވިގެން އަހަރެންނަށް އަހާލެވުނެވެ.

“ހަނދާންކޮށްދެވޭތޯ މިއުޅޭނީ ހަޤީޤަތާ ކުރިމަތިލާން ޖެހޭނެކަން…އަހަރެމެން ދެމީހުންނަށް ދުވަހަކުވެސް އެކުގަ އުފަލުގަ ނޫޅެވޭނެ. އީމާން ކިހިނެތް ކުޑަ ކުއްޖެއް ގޮވައިން އެކަނި އުޅޭނީ؟ އެހެންވެ  މި އަހަނީ އީމާން ބޭނުންތޯ ހަމަ” އަދިވެސް ވާހަކަ ދައްކަމުން އެދަނީ ޝިޒާންކަމާއިމެދު އަހަރެންނަށް ޝައްކު ކުރެވުނެވެ.

“ބޭނުންވިޔަސް ނުވިޔަސް އައިއޭމް ޕްރެގްނެންޓް. ދެން ކުރެވޭނެ އެއްވެސް ކަމެއް އެބައޮތްތަ” ގަސްތުގައި އެހެން އަހަރެންބުނެލީ ޝިޒާން ބުނާ އެއްޗެއް ބަލާލުމަށެވެ.

” އިފް ޔޫ ވޯންޓް ވިހާފަ ބޭބީ ދީ އަހަރެންނަށް. އަހަރެން ދަރިފުޅު ބަލާ ބޮޑުކުރާނަން. ނޫނީ އީމާން ބޭނުމިއްޔާ އެބޯޓް……”

” ދެން ހުއްޓާލާ ޝިޒާން.. ތީކީ އަހަރެން ލޯބިވި ޝިޒާންއެއް ނޫން… މައުސޫމު ފުރާނައެއް ދުއްވާލަން ޚިޔާލު ދޭހާ އިންސާނިއްޔަތުކަން ކުޑަމީހަކާނޫން އަހަރެން އިނީ. އަހަރެން ބަނޑުގަ މިއީ ހަމައެކަނި އަހަރެންގެ ދަރިއެއް. އަހަރެން މި ދަރިފުޅު ބަލާބޮޑުކުރާނަން. ޝިޒާންއަކަށް ނުޖެހޭނެ އަހަރެމެން ދެމައިން ބަލާކަށް. އެއްވެސް މީހަކަށް ނުއުފުލޭ ބުރައެއް ﷲ ނުޖައްސަވާނެ. ބާއްޖަވެރި ދިރިއުޅުމަކަށް އެދެން” ޝިޒާންއަށް އިތުރު ބަހެއް ބުނާނޭ ފުރުޞަތު ނުދީ އަހަރެން ފޯނު ކަނޑާލާ ޝިޒާންގެ ނަންބަރުވެސް ބްލޮކްކޮށްލީމެވެ. އަބަދުމެ ކަރުނަ ހުސްނުވާ އަހަރެންގެ ދެލޮލުން އެންމެ ކަރުނަތިކެއްވެސް އެ ހިނދުނައެވެ.ޝިޒާންއަށްޓަކައި ލޯބިން ފުރިފައިވާ އަހަރެންގެ ހިތުގައި ޝިޒާންއަށްޓަކައި ނަފްރަތުގެ އަލިފާން އަނދަން ފެށިކަހަލައެވެ.

މަޑު މަޑުން ތެދުވެ ފާޚާނާއަށް ވަދެލީ ފެންވަރާލުމަށެވެ. ނަމަވެސް ލާނޭ ހެދުމެއް އަދި ފެން ހިއްކާލާނޭ ތުވާޔެއްވެސް ނެތުމާއިއެކު ޓީޝޫއަކުން ގައިގައި ފެން ހާކާލާ ކުޑަކޮށް ތާޒާވެލީމެވެ. އަދިއެއަށް ފަހު އެނދުމައްޗަށް އަރާ އޮށޯވެލީ ކުޑަކޮށް ނިދާލުމުން ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ބުރަކަމަށް ކުޑަނަމަވެސް ލުއިކަމެއް ލިބިދާނޭކަމުގެ އުންމީދުގައެވެ.

އެނދުގައި އޮށޯވެލައި މާގިނައިރުތަކެއް ނުވަނީސް ނަރުސްކުއްޖަކު އައިސް ވަނީ ލޭ ނަގާ ތަކެއްޗާއިއެކުއެވެ.

“ލޭ ނަގާލަން މިއައީ.އެޗް ބީ ޓެސްޓްކޮށްލަން”

” ގެއަށް ދޫކޮށްލާނެ އިރެއް ބައްލަވާލަ ދެވޭނެތޯ؟ ވަރަށް އުނދަގޫ މިހެން އޮންނަން. ޕްލީސް” މީގެ ދެތިން ދުވަސް ކުރިން އަހަރެންނަށް އެނގެން ފެށިބަޔަކަށް ބުރައަކަށް ވާން ނޭދެވޭތީ ގެއަށް ފޮނުވާލަދިނުމަށް އެދުނީމެވެ.

“ސްކޭން ނިމުނީމަ ޑޮކްޓަރ ދުރުވާނެ. އެގަޑީގަ ޑޮކްޓަރ އާއި ވާހަކަ ދައްކާލަން ފެނޭ.. އަދި އެބައިން 1 ޕައިންޓް ލޭވެސް. އެޗް.ބީ ޗެކްކޮށްލާފަ ސްޓާރޓްކުރަން ވިދާޅުވެފަ އޮތީ” ހީލަމުން އެކުއްޖާ ނުކުމެގެން ދިޔައެވެ.

ކިތަންމެ ރޯން ހިތް އެދުނަސް، އެފަދަ މީހަކަށްޓަކައި ކަރުނަ ބޭކާރުނުކުރަން ސިކުނޑި އިންޒާރު ދެމުން ދިޔައެވެ. ވެފައި ހުރި ވަރުބަލިކަމާއިއެކުވެސް އަހަރެންނަށް ނިދުނީ ފަތިސްވާން ކައިރިވެފައި ހުއްޓައެވެ. ދެން ހޭލެވުނީ ހެނދުނު 8:30 ހާއިރު ޒިވިއަލް ގޮވުމުންނެވެ.

“ޔޫ ހޭވް އަ ސްކޭން. ފްރެޝަންއަޕް” ލޯ ހުޅުވާ ޒިވިއަލް އާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެވުނީ އެވަގުތުވެސް ހިތަށް އަރާފައިބަން ފެށިއެއްޗެހި ގިނަކަމުންނެވެ. ރަނގަޅަށް ނުވެސް އެނގޭ މީހަކަށް ޚިދުމަތް ކުރުމަށް ޒިވިއަލް ހޭލަ މިއިނީ ކީއްވެބާއެވެ؟ މިއީ ހަމަ އިންސާނިއްޔަތުކަން ބާވައެވެ؟ ނޫނީ އަނެއްކާ އެހެން ބޭނުމެއް……… ނޫން! ޒިލާލްވެސް އައިސް އެހާލަސްވަންދެން އިނީ ނޫންހެއްޔެވެ. މިއީ ހަމަ ޚުލްގު ހެޔޮ ރަނގަޅު ދެކުދިންނެވެ. އަހަރެން އެކަނިވެރި އަންހެނަކަށްވީތީ އިހްސާންތެރިކަން އަދާކޮށްދެނީއެވެ. އެކަމަކު މި އެންމެންގެ ހެޔޮކަމުގެ ބަދަލު އަހަރެން އަދާކޮށް ދޭނީ ކިހިނެއްހެއްޔެވެ؟

“ހޭ.. ހެލޯ! ގުޑް މޯނިން” ޚިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ ލޯ ކުރިމަތިން ފުށްޓަކެއް ޖަހާލުމުންނެވެ.

“މޯނިން.. ތެންކްސް” އަހަރެން މަޑުމަޑުން ތެދުވެ ފާޚާނާއާއި ދިމާއަށް ހިނގައިގަތީމެވެ.

“އީމާން ކޮޓަރި ލޮކްކޮށްފަ ހުރީމަ އެއްވެސް އެއްޗެއް ނުނެގުނު. ސޯ މި އައީ ޝިފާ އަތުން ފެންވަރާ ރީތިވާނޭ ބައެއް ގާލްސް ސްޓަފް ނަގައިގެން.”

“ތެންކިޔު” ހީލަމުން އަހަރެންގޮސް ފާޚާނާއަށް ވަތް އިރު ފެންވަރާ ބައެއް އެޗެއްސާ ތުވާއްޔަކާއި ޓީޝާޓެއް އަދި ހަރުވާޅެއް އަޅުވާލާފައި އިނެވެ.

ފެންވަރާލުމަށް މާގަނޑު ދަށުގައި ހުރިއިރު ސިކުނޑި ހިސޯރުކޮށްފައިވަނީ ޝިޒާން އާއި ދެކެވުނު ވާހަކައެވެ. ބައެއްފަހަރު އެއީ ހުވަފެނެއް ބާވައޭވެސް ހިތަށް އަރައެވެ. ބޭ އިޚްތިޔާޜުގައި ބަނޑުގައި އަތް އަޅާލާ މަޑުމަޑުން ރޮވެން ފެށުނެވެ.

“ދަރިފުޅާ.. މަންމަ ދަރިފުޅު މި ދުނިޔެއަށް ގެނެސް ލޯބިން ބަލާ ބޮޑު ކުރާނަން. ތީ މި މަންމަގެ މުޅި ދިރިއުޅުން” މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައީ ބަނޑުގައިވާ އަހަރެންގެ ދަރިފުޅާއެވެ.

“އީމާން. އަވަސް” ބޭރުން ޒިވިއަލްގެ އަޑު އިވުމާއި އެކު އަހަރެން ސިހުނެވެ.

ފެންވަރާލައިގެން ރީތިވެލައިގެން ނުކުތްއިރު ބިސްގަނޑަކާއި ފުރުޓް ތަށްޓަކާއި ކިރުތަށްޓެއް މޭޒުމަތީގައި ހުއްޓެވެ.އިތުރު އެއްޗެއް ނުބުނެ ގޮސް ސައި ބޮއެގެން ނަރުސް ކުއްޖެއްގެ އެހީގައި ސްކޭން ހަދަން ދިޔުމަށް ނުކުތީމެވެ.

“ޔޫ ކޭން ކަމް ޓޫ” ނަރުސް ކުއްޖާ ޒިވިއަލްއާއިދމާއަށް އެހެން ބުނެލީ އަހަރެމެން ހިނގައި ގަތުމުންވެސް ޒިވިއަލް އެ އިންތާނގައި އިނުމުންނެވެ.

“ނޫނޭ ސިސްޓަރ. އައިވިލް ވެއިޓް ހިޔަރ”

ސްކޭން ނިންމާލާފައި އެނބުރި ކޮޓަރިއަށް އައިއިރު ކޮޓަރީގައި ހުރި ހަނި އެނދުގައި މޫނުމަތީ އެއްއަތް ބާއްވާލައިގެން ނިދިފައި ޒިވިއަލް އޮތެވެ.

“އީމާން. ކިހިނެއް މިހާރު” ނިދިފައި އޮތް ޒިވިއަލް ވެސް ސިހިފައި ތެދުވީ ޑޮކްޓަރުގެ އަޑާއިއެކުއެވެ.

“ރަނގަޅު.” އަހަރެން ގަދަކަމުންހީލީމެވެ.

” އަދި 1 ޕައިންޓް ލޭ އަޅާލަން އެބަޖެހޭ. ހަވީރަށް ނިމޭނެ އޭރުން އެޗް.ބީ.ބަލާލާފަ މިރޭ ގެއަށް ފޮނުވާލަ ދެވޭތޯ ބަލާނަން. ސްކޭން ރިޕޯޓްވެސް ރަނގަޅު. 5 ހަފްތާ ބަނޑަށް. ސްކޭން ރިޕީޓްކޮށްލަންވާނެ 2 މަސްފަހުން. ހުންނާނެ މާބަނޑުއިރު ކާންޖެހޭ ބޭސްތައް ލިޔެލާފަ. ޤަވައިދުން ކާންވާނެ. ދެން ޤަވައިދުން މާބަނޑު މީހުންގެ ކްލިނިކަށް ދައްކަމުން ދާންވާނެ. މިހާރު އިންނާނެ ދެން އަންނަންވީ ދުވަހަށް އެޕޮއިންޓްމެންޓް ހައްދާފަ.” ޑޮކްޓަރު ދައްކާނޭ ހުރިހާ ވާހަކައެއް ދައްކާ ނިންމާލުމަށްފަހު ދިޔައިރުވެސް އަނގައިން ނުބުނެ އަހަރެން އޮތީމެވެ.

ޒިވިއަލް އެދުވަހު ގެއަށް ދިޔައީ މެންދުރު ޒިލާލް އައުމުންނެވެ.ދެ ބެއިން ގަޑި ބަހައިގެން އަހަރެން ކައިރީގައި ޑިޔުޓީއަށް ތިބޭއިރު އަހަރެންގެ އެއްބަނޑުގައި ވެސް މި ކަހަލަ ކުދިންތަކެއް ތިބިނަމައޭ ހިތަށް އަރައެވެ. ނުވަތަ ޝިޒާންގެ 2 ކޮއްކޮ އަހަރެންނަށް މިހާ ހެޔޮ ނަމައޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އެވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތެވެ. އަހަރެން މިހާރު ބޭނުންވަނީ ޝިޒާން ގެ ނަންވެސް އަހަރެން ހިތުން ފޮހެލާށެވެ. ކިތަންމެ ލޯބިވާނަމަވެސް، އެ ލޯބި ކަފުންކޮށް ވަޅުލަން އަހަރެން ނިންމައިފީމެވެ.

ދެވަނަ ޕައިންޓް ލޭ އެޅައި ނިމުމާއިއެކު އެޗް.ބީ ޓެސްޓްކޮށް ހުރިހާކަމެއް ރަނގަޅުކަން ޔަޤީންކުރުމަށްފަހު އަހަރެންނަށް ގެއަށް ދެވުނީ އެރޭ ރޭގަނޑުއެވެ.

ކޮޓަރިއަށްވަނުމާއިއެކު އެކަނިވެލި ހިނދު ޝިޒާންގެ ހަނދާންތަކާއި ބަސްތަކުން ހިތަށް ނުހަނު ތަދުވާންފެށިއެވެ.އެކަނިވެރިކަން އިހްސާސްކުރެވި ހަޔާތުގައި ފުރަތަމަ ފަހަރަށް އާއިލާ މީހުން ކޮބައިތޯ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ.މަންމަ ދުނިޔޭގައި ހުރިނަމައޭ ހިތަށްއަރައި ރޮވުނެވެ.ކެތްތެރިކަން އިސްކުރުން ނޫންގޮތެއް މިވަގުތު ނެތުމާއިއެކު ލޮލުން ކަރުނަތައް ފޮހެލީ އަހަރެންގެ ބަނޑުގައިވާ ތުއްތު ފުރާނައަށްޓަކައިވެސް ކަށީގެ މަދުން ހިތްވަރުނެރެ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ޢަޒުމު ކަނޑައަޅަމުންނެވެ.

އާދައިގެމަތިން ފަތިހުހޭލެވުމާއިއެކު ނަމާދުކޮށްލާ ބަދިގެއަށް ދިޔުމަށް ނުކުތީ އޮފީހަށް ދިއުމުގެ ކުރިން ސައި ތައްޔާރުކޮށް ނިންމާލުމަށެވެ.ނަމަވެސް ސިޓިންރޫމަށް ނުކުތުމާއިއެކު މޭޒުމަތީގައި ތަށިތަކެއް މަތިޖަހާފައި ހުއްޓައި ފެނުމުން އަހަރެން ހައިރާންވިއެވެ. މިހާ ފަތިހާ ހޭލަ އުޅެނީ ކާކުބާވައެވެ.

“ތީ އީމާންއަށް. ރަނގަޅަށް ސައިބޮއޭ” ސިހިފައި ބަލާލެވުނީ ފަހަތުން ޒިވިއަލްގެ އަޑު އިވުމުންނެވެ. ފެންވަރައި ރީތިވެގެން ބެކްޕެކްއެއް ކޮނޑުގައި އަޅުވާލައިގެން ނުކުތްއިރު ޖަހާފައި ހުރި ސެންޓުން މުޅިތަން އެއްވަސްކުރުވާފައިވެއެވެ.

“ހެނދުނު 7 ގަ އަންނާނެ ކައްކާ ތަންތަން ސާފު ކުރާނެ މީހެއް. އީމާން ގޭތެރޭ މަސައްކަތް ކުރާނެ ކަމެއްނެތް. އޮފީހުން އައިސް ބޮޑަށް އަރާމްކޮށްލާ.ކަމެއް ބޭނުންވެއްޖެއްޔާ ޒިލާލް ނޫނީ ޝިފާ ކައިރީ ބުނެލާތި” އަހަރެން ބުނެފާނޭ އެއްޗެއް އަޑުއެހުމެއް ނެތި ޒިވިއަލް ނުކުމެގެން ދިޔައީއެވެ. އަހަރެން އޭރުވެސް ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ހުރެވުނީއެވެ. ހަޔާތުގައި ދުވަހަކުވެސް ލިބިފައިނުވާފަދަ އަޅާލުމާއި އޯގާތެރިކަން ނުވެސް ދަންނަ ބައެއްގެ ފަރާތުން ހަފްތާއެއްގެ ތެރޭގައި އަހަރެންނަށް ލިބެމުންދިޔުމަކީ އަޖައިބެއް ނޫންހެއްޔެވެ؟ އަނެއްކާ ޒިވިއަލްއަކީވެސް ހާދަ ތަފާތު މީހެކެވެ. ގިނަ ވާހަކަ ދައްކާކަށް ނުހަދައެވެ. މީހެއް ބުނާއެއްޗެއް އަޑުއެހުމަކީވެސް އޭނާއަށް މާ މުހިންމު ކަމެއްހެން ހިއެއްނުވެއެވެ. އޭނާ ބުނަންވާ އެއްޗެއް ބުނުމަށްފަހު ނިންމާލަނީއެވެ. އަހަރެމެން ބުނާގޮތަށް ނަމަ ޒިލާލްއާއި ޚިލާފަށް ޒިވިއަލްއަކީ ރުންކުރު މީހެއްހެން ހީވެއެވެ. އެހެނެއްކަމަކު އޭނާއަކީވެސް މީހުންނަށް އޯގާތެރި އިންސާނިއްޔަތުކަން ފުރިހަމައަށް ލިބިހުރި މީހެއްކަން ވޭތުވެދިޔަ ދުވަސްތަކުގައި ދައްކުވައިދީފިއެވެ.

ޒިލާލް ހޭލައިގެން ނުކުތީ އަހަރެން ސައިބޯން އިންދައެވެ.

“އީމޫ.. މަރުހަބާ މަންމީ” ޒިލާލް އައިސް ފަހަތުން ކުޑަކޮށް އަހަރެން ބޮލުގައި އަތްހާކާލިއެވެ.

“ތެން ކިޔު..ހާދަ ކުރިން ހޭލައިގެން މިއަދު؟” އެހެން ދުވަސް ދުވަހު މިހާ ހެނދުނާ ޒިލާލް ނުފެންނާތީ ސުވާލުކޮށްލެވުނެވެ.

“ޒިލާ އޮފީހަށް ދާން ޖެހެނީ 0830އަށޭ… ތެޅެމުން ފޮޅެމުން ދެވޭވަރަށް އެހެން ނޫނީ ތެދުވަނީ. މިއަދު ބޮޑު ފަތިހާ ބްރޯ އަހަރެން ހޭލައްވާފަ ބޮޑު ލެކްޗަރެއް އަޅާފަ އެދިޔައީ”

“އެ ޔޯ؟” ސުވާލުން ފުރިގެންވާ މޫނަކާއިއެކު އަހާލެވުނެވެ.

“އީމް ޕްރެގް ވާހަކަ. އެންޑް ޔޫ ހިންގުވާފަ ފޮނުވައިގެން ނުވާނެޔޯ. ބަދިގެއަށް ވައްދައިގެން ނުވާނެޔޯ. އީމް އަށް ބަލައްޗޯ. ދެން ޔޫނޯ…” ޒިލާލް ވާހަކަ ދައްކަމުން ދިޔައިރު އަހަރެން އިނީ ބަސްމަދުވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ސޯ ތީ މިހާރު ޒިލާގެ ރެސްޕޮންސިބިލިޓީއެއް އެނގޭ.”

“ނޫނޭ ޒިލާ. އައިވިލް މެނޭޖްއޭ. ތިހެން ތި މީހުން މާ ބޮޑަށް ކެއަރ ކުރަންޏާ ފަހުން އަހަރެން އެހެންތާކަށް ދިޔައީމަ ވަރަށް އެކަނިވާނެ. އެހެން ނޫނަސް އަހަންނަށް ތި މީހުންނަށް ކަމެއްނުކޮށްދެވޭއިރު ތި މީހުން ތިގޮތަށް އުޅުނީމަ އަހަރެން ވަރަށް ބޭޑް ފީލް ވޭ” އަހަރެން ފާޅުކުރީ ހަޤީގަތެވެ.

“ކީއްކުރަން މިގޭންދަނީ؟ އަސްލު ތެދައް ބުނަންތަ… އީމް ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އައި ފެލްޓް އޭޒް އައި ގޮޓް އަ ސިސް. އަހަރެމެން ދެމީހުން އުމުރު އެއްވަރެއްކަން ނޭނގެ ވާނީ އޯ އީމް މަށަށް ވުރެ ހަގު ވާނީ ޔަޤީންނުންވެސް. އަހަރެމެން ދެ ފިރިހެން ކުދިން ފިޔަވާ އިތުރު ކުއްޖެއް ފެމިލީގަ ނުހުރޭ. ކަޒިންސްތެރޭގައިވެސް ތިބޭނީ 2 އަންހެން. އެމީހުން އުޅެނީ ރާއްޖޭން ބޭރުގަ. އެހެންވީމަ އަސްލު ވަރަށް މިސްވޭ ސިސްއެއް.” ޒިލާލްގެ މޫނުމަތިން މިހާ ސީރިއަށްކަން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

“އެކަމަކު އަހަރެން އައީ 1 މަހަކަށްނު. ބައިދަވޭ އައިއޭމް 24 . ޑޫ އައިލުކް ވެރީ އޯލްޑް؟” އަހަރެން މަސައްކަތްކުރީ ޒިލާގެ ސީރިއަސް މޫޑު ބަދަލުކޮށްލެވޭތޯއެވެ.

“ހޫން.. އަހަރެމެން މިތާ ތިބިހާ ދުހުކު އީމްއަށް ހުރެވޭނެ. މަ ބުނާނަން ދޮންބެ ކައިރީ. ޕްލީސް އީމްކޮއްކޯ” ޒިލާލްގެ މޫޑު ކުޑަކޮށް ބަދަލުވިހެން ހީވުމުން އުފާވިއެވެ.

” ކޮއްކޯއޭ!” އަހަރެން ޒިލާލްއާއި ދިމާއަށް ކަޅި އަޅާލީމެވެ.

“ޔެސް. ޒިލާއަށް 26 ވެއްޖެ. ދޮންބެއަށް 30. އެހެންވީމަ އީމްވާނީ އަހަރެމެންގެ ކޮއްކޮއަކަށްނު.ދެންވެސް ބުނާބަސްއަހައިގެން އުޅޭތި” އަހަރެން ހީގަތީމެވެ. ދުވަސް ގަނޑަކަށްފަހު ހީލެވުމުން ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

“ކޮންތާކަށް ބޮޑު ފަތިހާ ދޮންބެ އެދިއައީ؟” ޒިވިއަލް ނުކުތީއްސުރެ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލު އަހަރެން ޒިލާލްއާއި އަމާޒުކޮށްލީމެވެ.

“މާ ފުށްޓަށް އެދިޔައީ. ވިޔަފާރީގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ބަލަހައްޓާނީ ދޮންބެ. ޒިލާ ބަލަހައްޓަނީ މާލޭ އޮފީސް އެކަނި.”

“ކޮން ކަހަލަ ވިޔަފާރިއެއް؟ ކޮބާ ޕޭރަންޓްސް” ސުވާލަކަށްފަހު ސުވާލެއް ޒިލާލްއާއި ކުރަމުންދިޔައީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ވައުދޭ ވެވޭ މީ… 33

Next

ލޯތްބަކުން ދިން.. 8 ވަނަބައި

Next
April 11, 2023

ލޯތްބަކުން ދިން.. 8 ވަނަބައި

Previews
April 10, 2023

ވައުދޭ ވެވޭ މީ… 33

3 Comments!

  1. ކިއުންތެރިއެއް says:
    April 10, 2023 at 1:34 pm

    އަސްލުވެސް ވަރަށް ޝައުގުވެރިކަމާ އެކު ކިޔާހިތުން ކިޔައިލެވޭ ވާހަކައެއް. މީގެ ކުރިން “ސަމްވަން” ގެ ވާހަކައެއް އެއްވެސް ތަނަކުން ކިއުނު ހަނދާނެއް ނުވޭ.އެހެންނަމަވެސް ތިޔައީ އަލަށް ވާހަކަ ލިޔާ ލިޔުންތެރިއެއް ކަމަކަށް ހިތެއް ނުބުނޭ. ހަމަ ގައިމުވެސް އެކަހަލަ ގޮތެއް ވާހަކައަކުން ނުފެނޭ. ވާހަކައިގައި އަންހެނެއްގެ އަދި އަނތްބެއްގެ އިހުސާސްތައް ގެނެވިފައިވާލެއް ކިތަންމެހައި ވެސް ފުރިހަމަ

    1. SomeOne says:
      April 11, 2023 at 10:27 am

      ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަކީ ޕްރޮފެޝަނަލް ވާހަކަ ލިޔުންތެރިއެއް ނޫން. އެކަމަކު އިންނާނެ އަދި އެއްވާހަކަ ލިޔެފަ “ނިކަން ލޯބިން”.އެއީ އަޅުގަނޑުުގެ ފުރަތަމަ ވާހަކަ. އުންމީދުކުރަން “ކިޔުންތެރިއެއް” އެ ވާހަކަވެސް ކިޔާލާނެކަމަށް!

  2. Mitsuha says:
    April 11, 2023 at 9:45 am

    Mi part ves vvv reethi… Waiting for the next part… Good luck

Comments are closed.

Next Episodeލޯތްބަކުން ދިން.. 8 ވަނަބައި←


All Right Reserved!