މައާފު އެދެމޭ..(ހަވަނަ ބައި)
މާހިން އެނބުރިލުމާއެކު އެ އަންހެން ކުއްޖާ އޭނާގެ އަތުން އިޝާރާތްތަކެއް ދައްކައިލިއެވެ. ވާނުވާގައި ހުރި މާހިންއަށް އެކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ. އެންމެ ފަހުން އެ އަންހެން ކުއްޖާ އޭނާގެ އަތް ދަބަސް ތެރޭގައި އޮތް ކުޑަ ނޯޓު ފޮތަކާއި ގަލަމެއް ނެގުމަށްފަހު އޭގައި އެއްޗެއް ލިޔެފައި ދައްކައިލިއެވެ. “ޝުކުރިއްޔާ.. ކޮންމެވެސް ދުވަހަކުން ތި ކޮށްދިން ހެޔޮ ކަމުގެ ބަދަލު ދެވޭތޯ މަސައްކަތް ކުރާނަން…”
ކުއްލިއަކަށް މާހިންގެ ނަޒަރު އެ އަންހެން ކުއްޖާގެ މޫނާއި އަމާޒުވެލިއެވެ. އޭރު ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އެ މޫނުން ފެންނަން ހުއްޓެވެ. ނަމަވެސް ހިތަށް އަރަމުން ދިޔަ ސުވާލުތައް ކުރަން ނުކެރުނީ ނުދަންނަ މީހެއް ކަމަށް ވުމުންނެވެ.
މާހިން މާ ގިނައިން ބަލަން ފެށުމާއެކު އެ އަންހެން ކުއްޖާ މަޑު މަޑުން ހީނލިއެވެ. އެއާއެކު އޭނާގެ ވައަތު ކޮޅަށް އެޅުނު އަޑިކޮޅާއެކު ހީނލުމުގެ ސަބަބުން އެ މޫނަށް ރަތް ކަމެއް ވެރިވިއެވެ. މަޑު މަޑުން ބޯ ޖަހައިލުމަށްފަހު މާހިން އެ ކުއްޖާއަށް ފުރަގަސް ދިނުމަށް ފަހު ކުރިއަށް ހިނގައިގަތެވެ.
________________________
ޚިޔާލުގެ ވާފަށް ކަނޑައިލަން މާހިނަށް މަޖުބޫރުވީ އިވިގެން ދިޔަ ރުއިމުގެ އަޑުންނެވެ. ކަރުނުން ފުރިފައިވި ދެލޮލާއެކު އޭނާ ސުހާއަށް ބަލައިލިއެވެ. ރޮމުން ދިޔަ އެ ދަރިފުޅު މަސަލަސް ކުރެވޭތޯ މަޑު މަޑުން މާހިން ތެދުވެލިއެވެ. ކޮޓަރިން ނުކުތުމަށްފަހު އޭނާ ބަދިގެއާއި ދިމާލަށް ހިނގައިގަތީ ސުހާއަށް ދޭނެ ކާނާއެއް ފެނޭތޯއެވެ. އައިސް އަލަމާރި ހާވައިލުމާއެކު މާހިނަށް، އޭގައި ސުހާއަށް ޒިޔަމް ތައްޔާރުކޮށްފައިވާ ކާތަކެތި ފެނުނެވެ. މާހިނަށް މަޑު މަޑުން ހީނލެވުނެވެ. އެވަރުގެ އެކުވެރިއެއް އޭނާއަކަށް ނުލިބޭނޭ ހިތަށް އެރިއެވެ.
ސުހާއަށް ކާން ދިނުމަށްފަހު އެ ކުއްޖާ ރީތި ކުރުމާއެކު މާހިން ބޭރަށް ނުކުމެލިއެވެ. އެ ތުއްތު ކުއްޖާ ގޮވައިގެން މަގުމަތީގައި ހިނގަމުން ދިޔަ މާހިން ދިޔައީ އޭނާއާއި މައްލަވަ ކުރަމުންނެވެ. ވަކި ހިސާބަކުން އޭނާގެ ލޮލުގައި އަޅައިގަތީ ފުލުހުންތަކަކާއެކު ހިނގާފައި އަންނަމުން ދިޔަ ފިރިހެން މީހާއެވެ. ދުށް ހަނދާނެއްވި ނަމަވެސް އެއީ ކާކުކަމެއް ސީދާ އޭނާގެ ހަނދާނަށް ބައެވެ. ހައްޔަރު ކޮށްގެން ގެނަމުންދާ އެ ފިރިހެން މީހާ ވައްކަޅިން މާހިންއާއި ދިމާލަށް ބަލައިލުމާއެކު ދެ މީހުންގެ ނަޒަރު ސީދާ ވެލިއެވެ. އެ މީހާގެ ދެލޮލުން ނުރައްކާތެރި ވިދުވަރެއްގެ އަސަރު މާހިންއަށް ފެނުނެވެ. އެދެލޯ ދެކެފައިވާކަން ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އޭނާއަށް ހަނދާންކޮށްދިން ނަމަވެސް އެއީ ކާކު ކަމެއް މާހިނަށް ނޭނގުނެވެ.
ރަށު ތެރޭގައި އެނބުރިލުމަށްފަހު މާހިން ސުހާ ގޮވައިގެން އެނބުރި ގެއަށް ވަންނަން ދިމާކުރި ވަގުތު ޒިޔަމްގެ ގޭގެ ދޮރު ކައިރީގަ މަޑުކޮށްގެން ހުރި އޭނާގެ މަންމަ ފެނުނެވެ. ވަގުތުން ދެބުމަ ކައިރިކޮށްލެވުނު ނަމަވެސް އޭނާ އެއްޗެއް ނުބުންޏެވެ. ނަޒަރު ސީދާ ކުރުމެއް ނެތި އެތެރެއަށް ވަންނަން ދިމާކުރި މާހިންގެ އަތުގެ މުލައްދަނޑީގައި އެ މައިމީހާ ހިފާލުމާއެކު ނޭގޭ ސަބަބަކާއި ހުރެ މިފަހަރު އޭނާއަށް އެ އަތް ފޮޅުވާލާކަށް ނުކެރުނެވެ. މަންމައާއި ނަޒަރު ސީދާ ކުރުމެއް ނެތި އޭނާ ގޭތެރެއަށް ވަނުމުގެ ބަދަލުގައި އެ މަންމަ ދައްކާ ވާހަކައެއް އަޑު އަހައިލުމަށް ޓަކައި މަޑުކޮށްލިއެވެ. “ދަރިފުޅާ..ދެން އެނބުރި ގެއަށް އަންނަން ވީނުން.. ބައްޕަ ވެސް..އަހަރެމެން އެންމެން ވެސް މި އިންތިޒާރު ކުރަނީ ދަރިފުޅު އެނބުރި ގެއަށް އަންނަން ދެން” މައިމޫނާ ބުނެލިއެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާހިން އޭނާގެ އަތުން މަންމަގެ އަތް ނައްޓުވައިލުމަށްފަހު ޒިޔަމްގެ ގެއަށް ވަދެގެން ދިޔައެވެ. ދުރުގައި ހުރި ނާޝިދުއަށް އެ މަންޒަރު ފެނުމާއެކު މާޔޫސްވިއެވެ. ހިތްހަމަވެސް ނުޖެހުނެވެ.
އިރު އޮއްސުނު ވަގުތު ޒިޔަމް ގެއަށް އައުމާއެކީ އޭނާއާއި ސުހާ ހަވާލުކުރުމަށްފަހު މާހިން ނުކުމެލީ ބޯ ހަމަ ޖައްސައިލުމަށް ޓަކައި ބޭރަށެވެ. ރަށުގެ ތުނޑިއަށް ދެވުމާއެކު މަޑު މަޑުން ތިރިވެލައި އޭނާ ބިންމަތީގައި އިށީނެވެ. އޭނާ އުޅެން ބޭނުންވާ އޭނާގެ ޚިޔާލީ ފޮނި ދުނިޔެއަށް ދިޔުމަށް ޓަކައި ދެލޯ މަރައިލިއެވެ.
____________________________
ދުވަސްތައް ފާއިތުވަމުން ގޮސް މާހިން މާލެ ބަދަލުވިތާ ތިން މަސް ފާއިތުވެގެން ހިނގައްޖެއެވެ. ކޮލެޖަށް ދަމުން “ޕާރޓް ޓައިމް”ކޮށް އޭނާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުން ދިޔައީ ފައިސާ ހޯދުމުގެ އިތުރުން އަބަދު ގޭގައި ނޯންނަންވެގެންނެވެ.
އެއްދުވަހެއްގެ ހިތްގައިމު ހަވީރެކެވެ. މަސައްކަތް ކުރަމުން ދިޔަ ރެސްޓޯރެންޓުގެ ކެފޭ އޮތީ ފުރި ބާރުވެފައެވެ. ކޮލެޖު ވެސް ނެތުމާއެކު މާހިން އެތަނުގައި މަސައްކަތް ކުރުމަށް މަޑުކޮށްލީ ތަނުގެ މަސައްކަތްތެރިންގެ އަދަދު މަދު ދުވަސްކޮޅަކުން ވުމާއެކުއެވެ.
ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައި ދެ އަންހެން ކުދިން ރެސްޓޯރެންޓުގެ ދެވަނަ ބުރިއަށް އަރައި، މަގު މައްޗާއި ވީ ފަރާތުގައި ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނެވެ. އޯޑަރު ނެގުމަށްޓަކައި މާހިން ނޯޓު ފޮތަކާއި ގަލަމެއް ހިފައިގެން އެދިމާލަށް ހިނގައިގަތެވެ. މޭޒު ދޮށުގައި ހުއްޓިލުމާއެކު ހަވީރުގެ ސަލާމެއްގެ ގޮތުން “ގުޑް އީވްނިންގް” އޭ މާހިން ބުނެލިއެވެ. އެއާއެކު އެތަނުން އެކަކު ފޮނިވެފައި ޖަވާބުދިނެވެ. އޭނާ އޯޑަރު ކުރަންވީ ތަކެތި ބުނެ ނިމުމާއެކު މާހިން ޖެހިގެން އިން މީހާގެ އޯޑަރު ނެގުމަށްޓަކައި އެނބުރިލިއެވެ. އޭރު ހުއްޓުމެއް ނެތި އެ އަންހެން ކުއްޖާ އިނީ މާހިންއަށް ބަލާށެވެ. ކުއްލިއަކަށް މާހިން ހަނދާންވީ މާލެ އައި ފުރަތަމަ ދުވަހު އޭނާއާއި ފިހާރަ ތެރެއިން ދިމާވި އަންހެން ކުއްޖާއެވެ. އެއާއެކު ހިނިތުންވެލުމަށްފަހު އަދަބުވެރިކަމާއެކު މާހިން އެ އަންހެން ކުއްޖާ ކިހިނެއްތޯ އަހައިލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެ އަންހެން ކުއްޖާ ހީނލިއެވެ. ކޮލަށް މަޑު ރަތްކަމެއް ވެރި ވުމާއެކު ވައަތު ކޮޅަށް އަޑިކޮޅެއް ވެސް އެޅުނެވެ. “މެނޫ” ނަގައި މޭޒުމަތީގައި ބާއްވައިލުމާއެކު އޭނާ އެތަނުން ބޯއެއްޗެއްގައި އިނގިލި ޖައްސައިލިއެވެ. މިވަނީ ކީއްކަމެއް ނޭނގި ހުރެ މާހިން އެ “މެނޫ”އަށް ނަޒަރު ހިންގައިފިއެވެ. އެ އަންހެން ކުއްޖާ އިނގިލި ޖައްސައިފައި ވާ ދިމާލަށް އޭނާ ބަލައިލިއެވެ. “ހޮޓް ޗޮކޮލެޓް؟” ސުވާލުގެ ނަޒަރަކުން މާހިން އެ އަންހެން ކުއްޖާ ކައިރީގައި އަހައިލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ ބޯ ޖަހައިލިއެވެ. “ހޮޓް ޗޮކޮލެޓް ކީއްވީ؟ އެއަށްތޯ ތި އޯޑަރު ކުރެއްވީ؟” މާހިން އެހެން އެހުމާއެކު އެއަންހެން ކުއްޖާ ބޯ ޖަހައިލިއެވެ. ހައިރާންވެފައި ހުރެ އޭނާ އެ މޭޒާއި ދުރަށް ދިޔައެވެ.
އެދެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ގެންނަ ތަކެތި އުފަލަމުން ދިޔަ ޒިޔަމް ގޮސް އެ މޭޒުދޮށުގައި ހުއްޓިލިއެވެ. މަޑުމައިތިރި ކަމާއެކު ތަށިތައް އަތުރަމުންދިޔަ ވެއިޓަރަށް ޒުހާގެ ނަޒަރު އަމާޒުވެލިއެވެ. އެއާއެކު ކައްޓެއް ހެނދުނު ފަދައިން އޭނާ ވަގުތުން ކޮޅަށް ތެދުވެއްޖެއެވެ. “ކަލޭ!!!!”. ސިއްސައިގެން ދިޔަ ޒިޔަމަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ޒުހާއާއި ނަޒަރު ސީދާ ކޮށްލި ހިނދު އޭނާއަށް އެއީ ކާކުކަން ކަށަވަރުވިއެވެ. ހަނދާން ނެތޭނީ ވެސް ވަކި ކިހިނަކުން ހެއްޔެވެ؟. އެއީ މީގެ ތިން މަސް ކުރިން އޭނާގެ ނޫ ގަމީސް ހަޑި ކުރި އަންހެން ކުއްޖާއެވެ.
އެންމެންގެ ނަޒަރު އެމީހުންނަށް އަމާޒުވުމާއެކު ޒިޔަމް އަވަސް އަވަހަށް އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ޒުހާގެ އަޑަށެވެ. “ކަލޭ..މަޑުކޮށްބަލަ! މަގޭ މޫނަށް ފެން ޖަހައިފަ ތިހެނެއް ނުދެވޭނެ” ޒުހާ އަޑުގެ ކޮޅަށް ބުނެލިއެވެ. އެއާއެކު ޒިޔަމަށް އޭނާގެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.
އެވަގުތަކީ މާހިން އެތަން ހުރަސް ކުރަން އައި ވަގުތެވެ. ހުއްޓުން އަރައިފައި ހުރި އެކުވެރިޔާއަށް ނަޒަރެއް ދިނުމަށްފަހު ޒުހާއާއި ދިމާލަށް ބަލައިލާ ވީގޮތެއް އޮޅުންފިލުވަން އޭނާ އަވަސްވެލިއެވެ. “ކިހިނެއްތޯވީ؟” އަދަބުވެރިކަމާއެކު އޭނާ ސުވާލުކޮށްލިއެވެ. “އަހާބަލަ އޭނަ ގާތު!!” ޒިޔަމަށް އިޝާރާތްކޮށް ރުންކުރުކަމާއެކު ޒުހާ ބުނެލިއެވެ. ނަމަވެސް ޒިޔަމްގެ ގާތު އެހުމުގެ ބަދަލުގައި މާހިންގެ ނަޒަރު ހުއްޓުނީ ޒުހާގެ ގާތުގައި ހުރި އަންހެން ކުއްޖާއަށެވެ. “އެކުވެރިޔާއަށް ކިހިނެއްތޯ ވީ؟” މާހިން އަހައިލުމާއެކު އިޝާރާތުން އެ އަންހެން ކުއްޖާ އެތައް ވާހަކައެއް ދެއްކިއެވެ. ވާނުވާ ރެއަކާލުމާއެކު މާހިންގެ މޫނު ހުދުވެގެން ދިޔައެވެ. އަޖައިބަކަށް ބަލަން ހުރި ފަދައިން އޭނާއަށް އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލަން ހުރެވުނެވެ.
(ނުނިމޭ)

