އިންތިޒާރު ( 14 )
މަލީހާ އަލަމާރިން ފާހާނައިގެ ތަޅުދަނޑި ނަގައިގެން ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ.
ލޯގަނޑު ތަޅައިގެން ގޮސް މުޅި ފާހަނަ ތެރޭ ހުރީ ލޯގަނޑުގެ ތަންތަންކޮޅެވެ. މާޔާ ރޮމުން މުށިގަނޑު މަތީ އިށީދެލައިގެން އިންއިރު މުޅި މުށިގަނޑުމަތީ އޮތީ ލެއެވެ. މާޔާގެ ފައިގެ އެކި ތަންތަނަށް ބިއްލޫރިގަނޑުގެ ތަންތަންކޮޅު ވަދެ ހަލާކުވެފައި ހުއްޓެވެ. މާޔާއަށް ތަދުވާހެންވެސް ހީނުވެއެވެ. އިސްޖަހާލައިގެން އިނދެ ރޮމުން ދިޔައީ މޫނުގައި ދެ އަތް އަޅާލައިގެން އިދެއެވެ. ޝާހާ އަނގަމަތީ އަތްއަޅާލައިގެން އަނެއް ފަރާތަށް އެނބުރުނުއިރު މަލީހާއާ ސަމީރާ ދެމީހުންވެގެން މާޔާ ގޮވައިގެން އައިސް އެނދުގައި ބޭންދީ އުދަގުލުންނެވެ. ސަމީރާ މާޔާ ހެދުން ލައްވަމުން ޝަހާ ކައިރީ ފަސްޓްއެއިޑް ބޮކްސް ގެނެސްދޭށޭ ބުނެލިއެވެ. ޝަހާ ތެޅެމުން ބޭރަށް ނުކުމެ ފަސްޓްއެއިޑް ބޮކްސް ހިފައިގެން ދިޔަތަން ފެނިގެން ފާއިޒު ހައިރާންވެފައި ކިހިނެއްވީހޭ އަހާލީ ހާސްވެފައެވެ. ޝާހާ ކަންތައް ވީ ގޮތް ކިޔައިދިނިމުން ފާއިޒުއާ ޝާނިމްދެމީހުން ސިހުނެވެ. ޝާހާ ކޮޓަރިއަށް ވަނުމުން ސަމީރާ އަވަހަށް މާޔާގެ ފައިގެ ހަލާކުވެފަ ހުރި ތަންތަނުގައި ބޭސް އަޅާލަދިނެވެ. އޭރު މާޔާގެ ލޮލުން ކަރުނަ ހުސްވެފައި ހުރި ފަދައެވެ. ދެލޯ ރަތްވެފައި ހުރިއިރު މައްޔިތެއްހެން ހަރަކާތެއް ނެތި މާޔާ އިށީދެލައިގެން އިނީ އެއްވެސް އަސަރެއް ނެތިއެވެ. ސަމީރާ ބޭސްއަޅާ ނިމުމުން މާޔާ ދެންވެސް އެއްޗެކޭ ނުބުނެ އެނދުގައި އެއްއަރިއަކަށް އޮށޯވެލީ ލޯ މަރާލަމުންނެވެ. މަލީހާ މާޔާއާ ސުވާލުކުރަން އުޅުމުން ސަމީރާ އިޝާރާތުން ނުކުރާށޭ ބުނެލިއެވެ. މަލީހާ ބޯ ޖަހާލަމުން މާޔާގެ މަގަތުގައި އިށީދެލައިގެން އިން އިރު އަދިވެސް ދެލޯ ހުރީ ފެންކަޅިވެފައެވެ. ސަމީރާ ޝަހާ ގޮވައިގެން ބޭރަށް ނުކުމެލީ މާޔާއަށް ވަގުތު ދޭންވެގެނެވެ. މާޔާއަށް އިރުކޮޅަކަށް ނިދުނެވެ. މަލީހާ ކައިރީގަ އިނދެގެން މާޔާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.
” އާހ.. އާހހ.. ނޫން. ހެޔޮނުވާނެ އަހަރެން ގައިން ދޫކޮށްލާ.. ނޫން… ނޫ ” ކުއްލިއަކަށް މާޔާ ބާރަކަށް ހަޅޭލައްވަމުން ކޮޅަށް ތެދުވެ އެނބުރެމުން ދިޔައެވެ. މަލީހާ މާޔާގެ އަތުގައި ހިފާލަމުން މާޔާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ބޭރުގައި ތިބި އެންމެން މާޔާގެ ހަޅޭކުގެ އަޑަށް ކޮޓަރިއަށް ވަދެފައި މާޔާ އުޅުނު ގޮތް ފެނިގެން ދެރަވިއެވެ. ފާއިޒުއާ ޝާނިމް ބާރަކަށް އައިސް މާޔާގެ ގައިގަ ހިފުމުން ތެޅިގެންފައި އަތްނުލާށޭ ބުނެލީ ބާރަކަށެވެ. މާޔާ މަލީހާގެ ގައިގަ އޮޅުލައިގަންނަމުން ދުރަށް ދާށޭ ކިޔަމުން ދިޔައެވެ. ދޮރުން ވަދެގެން އައި ޒުހޭރު ފެނުމުން މާޔާ ކުރިއަށްވުރެވެސް ބާރަށް ހަޅޭލައްވައިގަންނަމުން ދެލޯބޮޑުކޮށްލަމުން މަލީހާގެ ފަހަތަށް ވަދެ ނިވާވެލިއެވެ. މާޔާ މަޑުމަޑުން ޝަހާދަތް އިގިލި ދިއްކޮށްލަމުން އޭނައޭ ބުނެލިއެވެ. އެންމެން ހައިރާންވެފައި މާޔާ އިގިލި ދިއްކޮށްލައިގެން ހުރި ދިމާލަށް ބަލާލީ ހައިރާންވެފައެވެ. ޒުހޭރު ނޭގޭ ކަމަށް ހަދާލާފައި ކިހިނެއްވީހޭ ސުވާލުކޮށްލިއެވެ. މާޔާ މޫނުމަތި އެހާރަތްވީ ކީއްވެހޭ ސުވާލުކުރަން ފެށިއެވެ. މާޔާ ޒުހޭރުއަށް ބަލަން ހުރެ ހަޅޭލައްވަމުން ދިޔައެވެ. އެންމެފަހުން ގޮވާގޮވާ ކަރުން އަޑެއްވެސް ނުނުކުތެވެ. ޒުހޭރު މާ ރަނގަޅު މީހަކަށް ހެދިގެން މާޔާގެ ހާލަތާ މެދު ހިތާމަ ފާޅުކުރަމުން ދިޔައެވެ. މަލީހާ މާޔާ ގޮވައިގެން ގޮސް އެނދުގައި ބައިންދަމުން ފެންފޮދެއް ދިނެވެ. މާޔާ އުދަގުލުން ފެން ފޮދެއް ބޯލިއެވެ. މާޔާ ހަމަޖެހެންދެން ދެން އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުކިޔައެވެ.
” ދަރިފުޅާ ކާކު މިކަންތައް ކުރީ؟ ” މާޔާ ހަމައަކަށް އެޅުމުން ފާއިޒު މާޔާ ކައިރީގަ އިށީންނަމުން ސުވާލުކޮށްލީ މަޑުމައިތިރިކަމާއެކީއެވެ. ދެން ތިބި އެންމެންވެސް މާޔާގެ ޖަވާބަށް އިންތިޒާރު ކުރަމުން ދިޔއީ ކެތްމަދުވެފައެވެ. މާޔާ އަނެއްކާވެސް ޝަހާދަތް އިނގިލި ދިއްކޮށްލީ ޒުހޭރުއާ ދިމާލަށެވެ. ޒުހޭރު މޫނަށް ނުބަލަންވެގެން މާޔާ އިނީ އިސްޖަހާލައިގެންނެވެ. ދެންވެސް އެންމެނަށް ލިބުނީ ހައިރާންކަމެކެވެ. ” ދަރިފުޅާ ބައްޕަ މިއަހަނީ ދަރިފުޅަށް ތިހެން ހެދީ ކާކުހޭ ؟ މާޔާއަށް އޮޅުނީކަމަށް ހީކޮށް އަނެއްކާވެސް ފާއިޒު ސުވާލުކޮށްލިއެވެ. ” ޒު… ޒު… ޒުހޭރުބެ.. އަހަ…އަހަ.. އަހަރެ.. އަހަރެން ރޭ… ރޭޕް ކުރީ….. ” މާޔާ އުދަގުލުން ބުނެލި ޖުމުލައިން ކޮޓަރީގަ ބޮމެއް ގޮއްވާލިފަދައެވެ. އެންމެން ގަބޫލުނުކުރެވިފައި ޒުހޭރުއަށް ބަލާލި އިރު ޒުހޭރު ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ” ލާ އިލާހަ އިއްލަﷲ.. ދަރިފުޅާ ތިހާ ބޮޑު ދޮގެއް ހަދަން ވެސް ނުވާނެއެއްނު. ބޭބެއަށް އެނގޭ ދަރިފުޅު މި ވަގުތު ތި ހުރީ ޝޮކެއްގަކަން. އެކަމަކު ބޭބެ ބޮލުގަ ތިހާ ބޮޑު އިލްޒާމެއް… ކިހިނެއް…؟ ބޭބެ މާޔާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގަ. ދުވަހަކުވެސް އެކަހަލަ ކަމެއް ކުރަން އަހަރެން ހިތަށްވެސް ނާރާނެ… އަހަރެން ދެންމެ އޮފީހުގަ އުޅެފަ މިއައީވެސް.. ގެއަށް އައިމަ މި އެގުނީވެސް މިކަމެއް ހިގައިގެން އުޅޭކަންވެސް..” ޒުހޭރު ހަމަޖެހިލާފަ ވާހަކަ ދެއްކީ ދެރަވެފަ ހުރެއެވެ. އެންމެން ޒުހޭރުގެ ވާހަކައަށް ތާއިދު ކުރިއެވެ. ތެދެކެވެ. ޒުހޭރު އެކަހަލަ ކަމެއް ކުރަން ހިތަށްވެސް ނާރުވާނެއެވެ. މާޔާ ހައިރާންވެފައި ޒުހޭރުގެ މޫނަށް ބަލާލަމުން ” ހުސް ދޮގު ” އޭ ބުނެލިއެވެ. ” ހެޔޮނުވާނެ ދަރިފުޅާ.. ތިހާ ބޮޑު އިލްޒާމެއް އަހަރެން ބޮލުގަ ނާޅުވާ. ގަބޫލުނުކުރެވެންނާ އޮފީހަށް ގުޅާބަ. އޮފީހުގަ އުޅުނު މުހައްމަދަށް އެގޭނެ އަހަރެން ވިލިގިލިން އައި ގޮތަށް އުޅުނީ އޮފީހުގަކަން.” ޒުހޭރު އަނެއްކާވެސް ދެރަވެފައި ވާހަކަދެއްކީ ނިކަން އޮމާންކޮށެވެ.
މާޔާ ދެންވެސް ދޮގޭ ބުނެފަ ހަޅޭލައްވައިގަތެވެ. ފާއިޒު ތެދުވެފައި އޮފީހަށް ގުޅާލީ ޔަގީންކުރަންވެގެނެވެ. މުހައްމަދު ބުނީ ހަމަ ޒުހޭރު ބުނި ގޮތަށެވެ. ވިލިގިލން އައި ގޮތަށް ޒުހޭރު އުޅުނީ އޮފީހުގައި ކަމަށް މުހައްމަދު ބުނެލިއެވެ. ފާއިޒު ފޯން ބާއްވަމުން މާޔާ ކައިރީ އަނެއްކާވެސް ދޮގު ނަހަދާ ހަގީގަތް ބުނާށޭ ބުނެލީ ބާރަށެވެ. ” ބައްޕާ.. އަހަރެން މި ބުނަނީ ތެދޭ.. އެއީ ހަމަ ޒުހޭރު……” މާޔާ ޖުމުލަ ފުރިހަމަނުކުރެވުނީ މޫނު މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނުންނެވެ. މާޔާ ހައިރާންވެފައި ބައްޕައަށް ބަލާލީ ގަބޫލުނުކުރެވިފައެވެ. ” ރީއްޗަށް ތެދު ބުނާށޭ ބުނީމަ ބެނެވޭކަމަކަށް ނުވި. ލަދެއް ނުގަނޭތަ ތިހާ ބޮޑު ދޮގެއް ހެދި އިރު؟ ބަލަ އެއީ ކަލޭގެ ބޮޑުބެއޭ… މިކޮޓަރީ ހުއްޓިލައިގެން ތިބި އެންމެނަށް އެގޭނެ މާޔާ ތިބުނަނީ ދޮގެއްކަން. ބަލަ ބޭބެ މާޔާދެކެ އަހަންނަށްވުރެވެސް ބޮޑަށް ލޯބިވެޔޭ.. ކޮންމެވެސް އެހެން މީހަކު ކޮށްގެން އުޅޭކަމެއް ކޮންމެހެން ބޭބެ ބޮލުގަ އަޅުވަން ތިއުޅެނީ ކީއްވެތަ.. އޭން.. ؟ ބަލާބަ ހުރި ލަދުކުޑަކަން. ” ފާއިޒު ރުޅިއައިސްގެން ހުރިހާ އެއްޗެއް ބާރަށް ކިޔާލިއިރު މާޔާ ފެންކަޅިވެފައި ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. މިއަދު އޭނަ ބުނާ އެއްވެސް އެއްޗެއް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ކުރާނީވެސް ކިހިނެއްހެއްޔެވެ. ޒުހޭރު ހަގީގަތުގައިވެސް މާޔާ ގެންގުޅުނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. މާޔާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލީ އޭނަގެ ވާހަކަ ގަބޫލުކުރާށޭ ބުނާ ފަދައިންނެވެ. އެކަމަކު ކޮންމެ މީހަކުވެސް މޫނު އަބުރާލަމުން ކޮޓަރިން ނުކުމެގެން ދިޔަގޮތް ފެނުމުން މާޔާ ހިތްދަތިވިއެވެ. ޒުހޭރު ނުލަފާ ފާޑާކަށް މާޔާއަށް ބަލާލަމުން ހީލި ގޮތުން މާޔާ ރުޅިގަދަވިއެވެ. މާޔާދެންވެސް މަންމަ އަތުގަ ހިފާލަމުން ތިމަންނަ ކިޔާ އެއްޗެއް އަޑުއަހާށޭ ބުނެލީ އާދޭސްކުރަމުންނެވެ. މަލީހާ މާޔާގެ އަތްފޮޅުވާލަމުން ހިނގައިގަތީ ” ލަދުކުޑަކުއްޖާ ” އޭ ބުނެފައެވެ. މާޔާ ހުއްޓުން އަރާފައި އެންމެން ނުކުމެގެން ދިޔަ ދޮރަށް ބަލަން ހުރީ ދެރަވެފައެވެ. ޒުހޭރު ކިތަންމެހާވެސް ބޯ ބޮޑެވެ. ބައްޕައެއްފަދައިން މާޔާދެކެ ލޯބިވެފަ ފަހުވަގުތު އެލޯބީގެ ނާޖައިޒް ފައިދާ ނެގީއެވެ. ސަމީރާ ދެރަވެފައި މާޔާއަށް ބަލަން ހުރެލާފައި ނުކުތީ އިސްޖަހާލަމުންނެވެ. ހިނދުކޮޅެއްގެ ތެރޭ މާޔާގެ މުޅި ދިރިއުޅުން އެފުށުން މިފުށަށް ޖެހީއެވެ. ނުލަފާ އިންސާނެއްގެ ވަކިތަކުގެ ޝީކާރައަކަށްވެ މާޔާ ނިމިއްޖެއެވެ. އާއިލާގެ އެއްބާރުލުން ލިބޭނެ ކަމަށް ހީކުރި ހީކުރުންވެސް ފުނޑުފުނޑުވީއެވެ. މާޔާ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ބިމަށް ތިރިވިއިރު އަނެއްކާވެސް ދެލޯ ފުރިގެން ކަރުނަ ފައިބައިގަތެވެ. ގައިގަ އެތައް މިތަނުގަ ރިއްސަމުން ދިޔައިރު އެއިން ތަދެއްވެސް އިހްސާސް ނުވާ ފަދައެވެ.
އޭގެ އަނެއް ދުވަހެވެ. ރޭގަ ނިދަން އުޅެ އުޅެވެސް މާޔާއަށް ނިދޭ ގޮތެއް ނުވިއެވެ. ޒުހޭރު އަނެއްކާވެސް ކޮޓަރިއަށް ވަދެފާނެތީ މާޔާ އޮތީ ނިކަން ބިރުންނެވެ. ފަތިހު ފެންވަރާލައިގެން ނަމާދު ކުރިއިރު ރޮވެމުން ދިޔައެވެ. އަމިއްލަ ހާލަތާ ދޭތެރޭ ވިސްނިވަރަކަށް ހިތަށް ތަދުވާލެއް ބޮޑެވެ. ކާން ބޭރަށް ނުކުންނަށް އުޅެފަވެސް މާޔާ ބޭރަށް ނުނުކުމެއެވެ. ހަވީރު ވަގުތު މަލީހާ ސައި ހިފައިގެން ކޮޓަރިއަށް ވަނީ މާޔާ ހަމަޖެހޭ ވަރު ކޮށްލާފައި އަނެއްކާވެސް ސުވާލު ކުރާށެވެ. މަލީހާ ސައިތަށި މާޔާއަށް ދިއްކޮށްލަމުން ބޯލާށޭ ބުނެލީ މަޑުންނެވެ. ” މާޔާ. ދޮގު ނަހަދާ ހަގީގަތަށް ބުނޭ. ކާކު ކުރިކަމެއް އެއީ. ” މަލީހާ ސުވާލުކޮށްލިއެވެ. މާޔާ މަޑުޖެހިލަމުން މަންމައަށް ބަލާލީ ނިކަން ފުންކޮށެވެ. ” އަހަރެން ކިތަންމެ ވަރަކަށް ހަގީގަތެއް ބުންޏަސް މަންމަމެން ގަބޫލެއް ނުކުރާނެ. އެކަމަކުވެސް މިއަދުވެސް އަދި މާދަމާވެސް އަހަރެން ބުނާނީ އެއީ ހަމަ ޒުހޭރުއޭ. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ ހަމަ ޒުހޭރު… ” މާޔާ ހިތްވަރުކޮށްލާފައި ވާހަކަދެއްކިއިރު ފެންކަޅިވިއެވެ. މަލީހާ ރުޅިއައިސްގެން އަނެއްކާވެސް މާޔާއަށް އެއްޗެހި ގޮވަމުން ބޭރަށް ނުކުމެލީ ބާރަކަށް ދޮރު ޖަހާލަމުންނެވެ. މާޔާ ގަބޫލުނުކުރެވިފައި ބަލަން އިދެފަ ލޯ މަރާލިއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް މީހަކު މާޔާގެ ވާހަކަ ގަބޫލެއްނުކުރެއެވެ. މާޔާ ފަހުން މީހަކަށް ގަބޫލުކޮށްދޭންވެސް ބޭނުމެއް ނުވެއެވެ. އަބަދު ކޮޓަރީގައި އުޅެމުން އައީ ބޭރަށް ނުކުންނަ އިރަށް ކޮންމެވެސް މީހަކު އެއްޗެހި ކިޔާތީއެވެ. އެ ހާދިސާ ހިނގިތާ ދެތިން ދުވަސް ފަހުން ސުކޫލަށް ދިޔުމުން ކިޔެވުމަށް ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. ބޮލުތެރޭ އެބުރެމުން ދިޔައީ އެ ހާދިސާއެވެ. ގިނަ ގަޑިތަކުގައި ހުންނަން ޖެހުނީ ކުލާހުން ބޭރުއެވެ. މޫނުމަތީގައި ހުރި ނިޝާންތަކުން ކުދިންނާ ޓީޗަރުންވެސް މާޔާއާ ސުވާލުކުރިއެވެ. މާޔާ ކޮންމެ ފަހަރަކުވެސް ވެއްޓުނީއޭ ބުނެ ދޮގެއް ހަދާލައެވެ. ކިޔެވުމަށް ސަމާލުކަންނުދެވޭތީ މާޔާ ސުކޫލަށް ދިޔުންވެސް ހުއްޓާލިއެވެ.
އެއްވެސް ގޮތަކުން މާޔާއަށް ހިތްހަމަޖެހުން ލިބޭ ގޮތެއް ނުވެއެވެ. އަބަދު ރޯން ބޭނުން ވަނީއެވެ. ހިތާމައިން އަރައިގަންނަން ކުރާނެ އެއްވެސް ކަމެއް މާޔާއަކަށް ނޭގުނެވެ. ގެއަށް ވަދެފިއްޔާ ކޮންމެވެސް މީހަކު އެއްޗެހި ގޮވައިގަނެއެވެ. އާއިލާގެ މީހުންގެ ބަސްތަކުން މާޔާ އިތުރަށް ދެރަވޫން ނޫން ކަމެއް ނުވެއެވެ. އެހެންކަމަން މާޔާ ގިނަ ވަގުތު ބޭރުގައި އުޅެމުން ދިޔައެވެ. ނިހާނާ ބައްދަލުވީ އެގޮތަށް އެއްދުވަހު ހިތަށް ހަމަޖެހުމެއް ހޯދާލަން ބޭރަށް ނުކުމެލި ދުވަހުއެވެ. މާފަންނު ބުރުންނެވެ. އެއީ ފުރަތަމަ ބައްދަލުވުމެވެ. އެހެން އުޅެނިކޮށް މާޔާއަށް ހިތާމައިން އަރައިގަންނަން ހިޔާރުކުރެވުނީ އެންމެ ނުބައި ގޮތެވެ. މަސްތުވާތަކެތި ބޭނުން ކުރަން ފެށުނީއެވެ. އެ ބޭނުން ކުރާ މީހުންނާއެކު އުޅެވެން ފެށުނީއެވެ. އެއްދުވަހަކު މަސްތުވެގެން ހުރެ ގެއަށް ދިޔަ ދުވަހެއްގަ މަލީހާއާ ފާއިޒު ރުޅިއައިސްގެން މާޔާއަށް އެއްޗެހި ގޮވާ މޫނުމަތީގައިވެސް ޖެހިއެވެ. މާޔާ ދެރަވިއެވެ. އޭނަ މިހެން އުޅެން މި ޖެހުނީ މަންމަމެންނާ ހެދިއޭ ބުނަން ބޭނުންވިއެވެ. އެހެންނަމަވެސް މާޔާ ހިޔާރުކުރީ ހިމޭންކަމެވެ.
އެއީވެސް އޭގެއިން ދުވަހެކެވެ. ނިހާނާ ފުރަތަމަ ބައްދަލުވިތާ ދެހަފްތާ ފަހެވެ. ވިލިގިއްޔަށް މާޔާ ދިޔައީ އޭގެއިން މީހަކާ އެކީއެވެ. އެމީހާގެ ގެއަށް ގޮސް މަސްތުވީއެވެ. މާޔާ މަސްތުވެ ހުރެ ގެއަށް ދާން ވެއްޖެއޭ ކިޔާފަ ނުކުންނަން ދަނިކޮށް މީހެއްގެ ގައިގަ ޖެހި ހުއްޓުނެވެ. ދުރަށް ދާށޭ ކިޔާފަ މާޔާ ދާން އުޅުމުންވެސް ދެވޭ ގޮތެއް ނުވިއެވެ. މާޔާ ރުޅިއައިސްގެން އެމީހެއްގެ މޫނަށް ބަލާލިއެވެ. ނިހާނަށް މާޔާ ފެނުމުން ލޯ ބޮޑުކޮށްލައިގެން ހުރީ ގަބޫލުނުކުރެވިފައެވެ. މިއީ އޭނަ ކުރިން ދުވަހު މަރުވާން އުޅެނިކޮށް ސަލާމަތް ކުރި ކުއްޖާއެވެ. މިއަދު މިހުރީ މަސްތުވެގެންނެވެ. މާޔާ ނިހާންގެ މޭގައި އަތްއަޅާ ކޮށްޕާލަމުން ދާން އުޅެނިކޮށް ނިހާން މާޔާގެ އަތުގެ މުލައްދަޑީގައި ހިފާލަމުން އެތެރެއަށް ވެއްދީ ގަދަކަމުންނެވެ. ” މޮޔަވެގެންތަ ތިއުޅެނީ؟ ތިހާލުގަ ހުރެ ބޭރަށް ނުކުމެ އޮންނާތި ޖަލުގަ.. ކުރާނެ ކަމެއް ނޭގިގެންތަ ތިއުޅެނީ. ކުރިން ދުވަހު މަރުވާން ވެގެން …. މިއަދު….. ކުޑަކުއްޖެކޭ ތީ.. ދިރިއުޅުން ދެކެ ފޫހިވީތަ؟ ” ނިހާން މާޔާގެ އަތުން ދޫކޮށްލަމުން ކުޑަކޮށް ކޮށްޕާލަމުން ވާހަކަ ދެއްކީ ބާރަށެވެ. މާޔާ ފާޑަކަށް ނީހާނަށް ބަލާލަމުން ކަލެއާ ބެހޭކަމެއްހޭ އަހާލީ ފޫހިގޮތަކަށެވެ. މާޔާ އަނެއްކާވެސް ބޭރަށް ދާން އުޅުމުން ނިހާން މާޔާ ހުއްޓުވިއެވެ. އެ ގޮތަށް މާޔާ ރަނގަޅުވަންދެން ނިހާން މާޔާ ހުއްޓުވިއެވެ. ” ބައިދަވޭ ހަނދާންވޭތަ. ކުރިން ދުވަހު ދިމާވިއެއް ނު އަހަންނާ.. އައި ސޭވްޑް ޔޯ ލައިފް.. ” މާޔާ ހަމައަކަށް އެޅުމުން ނިހާން ސުވާލުކޮށްލިއެވެ. މާޔާ އެއްވެސް އަސަރެއް ނެތި ހަނދާނެއް ނެތޭ ބުނެލިއެވެ.
އެދުވަހު މާޔާ ގެއަށް ދިޔައީ ދަންވަރު ވެފަ ހުއްޓެވެ. ލަސްވެގެން ގުޅާލާނެ މީހަކުވެސް ނުހުންނާތީ މާޔާ އަޅާނުލައެވެ. ދަންވަރު ގެއަށް ދިޔުމުން އެއްޗެކޭ ކިޔާލާނެ މީހަކު ނުހުންނާނެތީ މާޔާ ގިނައިން ގެއަށް ދަނީ އެ ގަޑީއެވެ. ގެއަށް ވަދެގެން ސިޑިން އަރަން ދަނިކޮށް މާމަ ކުކުރާލި އަޑުއިވިގެން މާޔާ ބަލާލިއެވެ. އޭރު މާމަ ބަދިގެއިން ފެންފުޅިއެއް ނަގައިގެން ނުކުންނަނީއެވެ. މާޔާ ފެނިގެން ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. މާޔާ ރުޅިގަދަވިއެވެ. ” ކިހާ ދެރަކަމެއްދޯ.. ކަލެއަށް ތިހާ އުދަގޫވަންނާ ކޮޓަރިން ނުނުކުމެ އޮވެބަ. ހަމަ ފެންނަ އިރަށް މުސްކުޅި މީހާ ގަނޑު ކޮންމެވެސް އެއްޗެކޭ އެބަ ކިޔައެއްނު. ބަލާއެއް ކަހަލަ އަންހެނެއް.. ތިހާ މުސްކުޅިއިރުވެސް ޖެހޭ ދުނިޔޭގަ އުޅެން. ދޭބަ ކާފަ ކައިރިއަށް މަށާ ނުބެހި… ” މާޔާ ހިތައް އެރި އެއްޗެއް ކިޔާލަމުން މައްޗަށް އަރައިގެން ދިޔައީ ތުން އަބުރާލަމުންނެވެ. ކޮޓަރިއަށް ވަދެ އެނދަށް ވެއްޓުނު ގޮތަށް ނިދިއްޖެއެވެ. ހެނދުނު ހޭލެވުނީ ގޭތެރޭ މާ އަޑުގަދަ ވެގެންނެވެ. މާޔާ ކުދިކަޔަމުން ބޭރަށް ނުކުމެލި އިރު މާމަ ބައްޕަކައިރީ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. މާޔާއަށް ވަގުތުން މާމަ ރޭގަ ވީ ކަންތައް ކިޔައިދިނީކަން އެގުނެވެ. ފާއިޒުއަށް މާޔާ ފެނިގެން ރޭގަ މާމައާ ދިމާލަށް ކީ ކީކޭ ކިޔާފަ ސުވާލުކުރަންފެށިއެވެ. މާޔާ އަޅާވެސްނުލާ ފޫހި ގޮތަކަށް ބައްޕައަށް ބަލާލަމުން ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ. ފެންވަރާލައިގެން ބޭރަށް ނުކުންނަން ދަނިކޮށް މަލީހާއަށް ފެނިގެން ކޮންތާކަށްހޭ އެހުމުންވެސް މާޔާ އަޅާނުލާ ދިޔައީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކީގައެވެ. އެ ހާދިސާ ހިނގިތާ ދެމަސްދުވަސް ވީ އެވެ. މާޔާ ނިހާންއާ ކޮންމެދުވަހަކުހެން ދިމާވެއެވެ. ނިހާން މާޔާ ރައްކާތެރިކޮށްދޭން އުޅޭގޮތުން މާޔާ ރުޅިގަދަވެއެވެ. މާޔާ މަސްތުވާއެއްޗެއް ބޭނުންކުރަން އުޅުނަސް ނިހާން މާޔާ ހުއްޓުވަން މަސައްކަތް ކުރެއެވެ. މާޔާއަށް އެއްޗެހި ދޭ މީހުން ކައިރީ ނުދޭށޭ ބުނަނީ ބާރަށެވެ. މާޔާ ހައިރާންވެސް ވެއެވެ. އަމިއްލައަށް ބޭނުން ކުރާ އިރު، ކައިރީގަ އުޅޭ ރަހްމަތްތެރިން ބޭނުންކުރާ އިރު މާޔާއަށް އެ ހުއްދަ ނިހާން ނުދޭން އުޅެނީ ކީއްވެ ހެއްޔެވެ. އެހެން އުޅެމުން ނޭގިނަމަވެސް މާޔާއާ ނިހާނާ ދެމީހުން ގާތް ދެމީހުންނަށް ވިއެވެ. މާޔާ ގެއިން ބޭރުގަ ހޭދަކުރާ ގިނަ ވަގުތުތައް ނިހާނާ އެކީ ހޭދަކުރަންފެށިއެވެ. އެއީ ވެސް އޭގެއިން ދުވަހެކެވެ. މާޔާ މަސްތުވެގެން އުޅުނު ދުވަހެކެވެ. ނިހާން މާޔާ ކައިރީ އިށީދެލައިގެން އިނީ މާޔާ އެ ހާލުގަ ތަނަކަށް ދިޔަ ނުދިނުމަށެވެ. މާޔާ ދައްކަން ފެއްޓި ވާހަކައަކުން ނިހާން މާޔާ އިތުރަށް ރައްކާތެރިކޮށްދޭން ބޭނުންވިއެވެ. މާޔާ އޭނަ މިހެން އުޅެން ޖެހުނީ ކީއްވެ ކަން ކިޔާދިނީ ރޮމުންނެވެ. ” އަހަރެން ވަރަށް ބިރުގަނޭ މިގޮތަށް އުޅޭއިރު އަހަރެންގެ ރަހްމަތްތެރިއަކަށް ފެނިދާނެތީ. އޭނަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ. އަހަރެންގެ ނެތް މިޙާރު އެއްވެސް މީހަކު. އެންމެން އަހަރެން ދޫކޮށްލައިފި. ބިރުގަނޭ އަހަރެންގެ ހަގީގަތް އެގިގެން އަހަރެންގެ ރައްޓެހިންވެސް އަހަރެން ދޫކޮށްލަފާނެތީ.. ކިޔާން އަހަންނާ ވާހަކަ ނުދައްކަފާނެތީ އެންމެ ބިރުގަންނަނީ… ” މާޔާ ރޮމުން ދެއްކި ވާހަކަތަކުން ނިހާން ދެރަވިއިރު އެހާމެ ރުޅިވެސް އައެވެ. ޒުހޭރު ކަތިލާފާނަމޭ ހިތަށް އެރިއެވެ. އެހެން ނަމަވެސް އެހާ ބޮޑު ކަމެއް ކުރަން ނިހާން ބޭނުމެއް ނުވެއެވެ. އެ ދުވަހު މާޔާ ގެއަށް ދާން ބޭނުންވެޔޭ ބުނުމުން ނިހާން މާޔާ ހުއްޓުވާކަށް ނޫޅެއެވެ. ނިހާންގެ ކާރުގައި މާޔާ ގެއަށް ލައިދިނެވެ. މާޔާ ގެއަށް ވަން އިރު ފާއިޒު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މާޔާ އަޅާވެސްނުލާ ކޮޓަރިއަށް ދާން އުޅުނުތަނާ ފާއިޒު ގޮވާލާފައި މަޑުކުރާށޭ ބުނެލިއެވެ. މާޔާ މަޑުކޮށްލަމުން ބައްޕައަށް ބަލާލިއެވެ. ” ދެންމެ ސުކޫލުން ގުޅައިފި. ކަލޭގެ ހާޒިރީ ހަމަނުވާތީ ސުކޫލުން ކަނޑާލައިފި. ކިހާ ބޮޑު ލަދެއްތަ މީ ދެން. ކިހިނެއް އުޅޭނަމޭ ހިތާތަ ތިއުޅެނީ. މަސްތުވާތަކެތި ބޭނުންކުރަމުން ހިތުހުރިހާ ގޮތަކަށް.. ލަދުން ބޯ ހަލާކު. ނަސީބެއް މީހަކަށް ނުފެންނަކަން މީނަ މިހެން އުޅެނިކޮށް… ” ފާއިޒު ރުޅި އައިސް ހުރެ ވާހަކަދެއްކި އިރު މާޔާ ހުރީ ފާޑަކަށް ބަލަހައްޓައިގެނެވެ. ސުކޫލުން ކަނޑާލައިފިއޭ ބުނުމުން ހަގީގަތުގައިވެސް މާޔާ ދެރަވިއެވެ. އެހެންނަމަވެސް އެކަން ދައްކާކަށް މާޔާ ބޭނުމެއް ނޫނެވެ. ” ކަލޭ ބަލާ ބޮޑުކުރެވުނު މޮޔަ މިހާރު ހީވަނީ. އަމިއްލަ ދަރިއަކުނަމަ ތިހާ ނުލަފާކޮށް ނޫޅުނީސްކަން ނޭގެ. މާއިޝާ އެބަ ތެޅޭތަ ތި ވައްތަރަށް؟ އެ ދުވަހު ބައްޕަ ކަލޭ ގޮވައިގެން އައިސް އަހަރަމެންނާ ހަވާލުކުރީ ދަރިއަކު ނެތީމަ. ކައިވެންނަށް ފަސް އަހަރުވެގެން ދިޔައިރުވެސް ދަރިއަކު ނުލިބުނީމަ.. އެކަމަކު މިހާރު ހިތަށް އަރާ ތި ކަހަލަ މީހަކު ލިބުމަށްވުރެ ދަރިއަކު ނުލިބުނުނަމައޭވެސް.. ބޮޑު އުދަގުލެއް ތީ …. ” ފާއިޒުގެ ވިހަ ޖުމުލަތަކުން މާޔާގެ ހިތަށް ކަށިތަކެއް ހަރާލި ފަދައެވެ. އެއީ މާޔާއަށް އެއީ އޭނަގެ އަސްލު މައިބަފައިންނޫންކަން އެގުނު ދުވަހެވެ. ގަބޫލުނުކުރެވިފައި ބައްޕައަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްލައިގެނެވެ. މާޔަގެ މޫނުމަތިން ފެނުނު ކުލަވަރުން ފާއޒު އަނެއްކާވެސް ޔަގީން ކޮށްދޭން ތީ އަހަރަމެންގެ ދަރިއެއް ނޫނޭ ބުނެލިއެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ މަލީހާއާ ފާއިޒުއާ ދެމީހުންނަށް ބަލާލަމުން މަޑުހިނގުމެއްގައި ކޮޓަރިއަށް ވަން އިރު މައްޔިތެކޭ ތަފާތެއް ނެތެވެ. އެއްވެސް އަސަރެއް ނެތި ގޮސް އެނދުގައި އިށީދެލިއިރު ދެންމެ ދެއްކި ވާހަކަ ބޮލުތެރޭ އެނބުރެމުން ދިޔައެވެ. މިއޮތް ހާ ދުވަހު މައިންބަފައިންނަށް ދެކުނު މީހުންނަކީ އަސްލު މައިންބަފައިންނެއްވެސް ނޫނެވެ. ދެން އޭނަގެ އަސްލު މައިންބަފައިންނަކީ ކޮންބައެއް ހެއްޔެވެ. މާޔާ އިނީ ރޯންވެސް ނޭގިފައެވެ. އެންމެ ފަހުން ހިތްނުތަނަވަސްވާން ފެށުމުން ނިހާނަށް ގުޅާފަ ތިމަންނަ ބަލާ އަންނާށޭ ބުނެލިއެވެ. މާޔާ ކޮތަޅަކަށް ދެތިން ހެދުން އަޅައިގެން ދިޔަތަން ފެނިގެން މަލީހާ ދާށޭ ބުނެލުމުން މާޔާ އިތުރަށް ދެރަވިއެވެ. މިހާރު އޭނަ އެގޭގަ ހުންނަންވެސް މަންމަމެން ބޭނުމެއްނުވެއެވެ.
އޭގެ ފަހުން މާޔާ އުޅެން ފެށީ ނިހާންމެން ގޭގައެވެ. ނިހާންގެ މަންމަގެ ހުއްދައިގައި މާޔާއަށް ވަކިން ކޮޓަރިއެއް ދިނެވެ. ނިހާން މަންމަ ފަރީޝާއަށް މާޔާއާ ބެހޭގޮތުން ކިޔައިދީފައި ވުމުން ފަރީޝާ މާޔާގެ ހާލަތަށް ހަމްދަރުދީވެއެވެ. މަދުން ދަންވަރު ގަޑީ މީހަކަށް ނުފެންނާނެ ހެން މާޔާ ގެއަށް ގޮސް ހެދުން ނަގާލައެވެ. އެހެނިހެން ބޭނުންވާ އެއްޗެހި ނަގައެވެ. ނިހާން މީހުން ކުރިމަތީ ގޯސް މީހަކަށް ހެދިގެން އުޅުނަސް މާޔާއާ ދޭތެރޭ ކަންތައް ކުރާ ރަނގަޅު ގޮތް ފެނުމުން ހައިރާންވެއެވެ. މާޔާއަށް މަސްތުވާތަކެތި ބޭނުން ކުރުން މަނާ ކުރާގޮތުން މާޔާ ހައިރާންވެއެވެ. އެހެންކަމުން މާޔާ އެއްދުވަހު ނިހާނާ އެކަމާ ބެހޭގޮތުން ސުވާލުކުރަން ނިންމިއެވެ. ” ކީއްވެތަ މީހުން ކުރިމަތީ ވިލެން އަކަށް ވެގެން ތި އުޅެނީ. އަހަރެން ދަންނަ ނިހާން ނުލާހިކު ރަނގަޅު. ދެން ކީއްވެ އެހެން މީހުން ކުރިމަތީ ގޯސްވެގެން ތިއުޅެނީ؟ ނިހާން އަހަރެން މަސްތުވާތަކެތި ބޭނުން ކުރަން ނޭދެންޏާ ކީއްވެތަ އަމިއްލައަށް ބޭނުންކުރަނީ؟ ތީވެސް ވަކި ބޮޑުކުއްޖެއް ނޫނެއްނު. އަހަންނަށްވުރެ އެންމެ ތިން އަހަރު ބޮޑީ.. ” މާޔާ އެއްފައްޗަކަށް ސުވާލު ކުރީ ނިހާން ކައިރީ އިށީދެލައިގެން އިދެއެވެ. ދެމީހުން ކޮޓަރީގެ ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީދެލައިގެން ތިބީ މުށިގަނޑު މަތީއެވެ. މާޔާގެ ސުވާލުތަކަށް ނިހާން ޖަވާބުނުދީ ހިމޭނުން އިށީދެލައިގެން އިނީ އިސްޖަހާލައިގެންނެވެ. އިރުކޮޅެއް ވެގެން ދިޔައިރުވެސް ނިހާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މާޔާ ތެދުވެގެން ހިނގައިގަތީ ޖަވާބެއް ނުލިބޭނެ ކަމަށް ހީކޮށެވެ. އެހެންނަމަވެސް ފިޔަވަޅު ތައް ހުއްޓުނީ ކިޔާން ވާހަކަ ދައްކަން ފެއްޓުމުންނެވެ.
” އަހަރެން ވަރަށް ކުޑައިރު މަންމައާ ބައްޕަ ވަރިވީ.. ބައްޕަ އެހެން މީހަކާ އިދެގެން އަހަރެން އުޅުނީ ބައްޕައާއެކީ.. ބައްޕައަކީ ވަރަށް މުއްސަނދި މީހެއް. ދޮންމަންމަ އަހަންނަށް ވަރަށް ރަނގަޅު. އެކަމަކު އެއީ ދުވަސްކޮޅަކަށް. އަހަރެންގެ އުމުރުން 13 އަހަރުގައި ބައްޕަ ނިޔާވީ.. ބައްޕަ ނިޔާވުމަށްފަހު ދޮންމަންނަ އަސްލު ކުލަ ދެއްކީ. ދޮންމަންމަ ބޭނުންވީ ބައްޕަގެ މުދާގަނޑު. އެކަމަކު ބައްޕަ ނިޔާވިއިރު ބައްޕަ ދިޔައީ ހުރިހާ މުދަލެއް އަހަރެންގެ ނަންމައްޗަށް ބަދަލުކޮށްފަ. ދޮންމަންމައަށް އެކަން އެގިގެން އަހަންނަށް ވަރަށް އަނިޔާކޮށް ހެދި. ފަހުން ގަދަކަމުން އަހަންނަށް މަސްތުވާތަކެތިވެސް ދޭން ފެއްޓީ. ފަހުން އައިސް އަހަރެން އެޑިކްޓްވީ. ހުއްޓާލަން ބޭނުންވިޔަސް ނުހުއްޓެވޭ. އެކަމަކު އެ ވަރުންވެސް އަހަރެން ބޭނުމެއް ނުވި އެ ނުލަފާ އަންހެން މީހާއަށް ބައްޕަގެ މުދާ ދޭކަށް. އެކަމަކު އޭނަ އަހަންނަށް އޮޅުވާލައިގެން ގެ އޭނަގެ ނަންމައްޗަށް ބަދަލުކުރީ.. އޭރު އަހަންނަށް ނޭގެ މަންމަ އުޅޭ ތަނެއް. އެއްދުވަހަކު ބައްޕަގެ އަލަމާރިން މަންމަގެ ފޮޓޮއެއް ފެނުނީމަ އެގުނީ މަންމަ. އަހަރެން ދެން މަންމަ ހޯދަން އުޅުނީ. މަންމަ ފެނުމުން އަހަރެން މަންމައާއެކު މި ގެއަށް ބަދަލުވީ. އެކަމަކު އަހަންނަށް ޑްރަގްސްއާ ދުރަށް ނުދެވުނު. ވަރަށް ޓްރައި ކޮށްފިން. އެކަމަކު މިހާރު އަބަދު ބޭނުންނުކޮށް ކޮންޓްރޯލް ކުރެވޭ.. ދޮންމަންމަ އަދި އެހެން މީހުންވެސް ބުނީ ބައްޕަ ނިޔާވީ އޯވާޑޯޒް ވެގެނޭ. އެކަމަކު އަހަންނަށް އެނގޭ އެއީ ދޮގެއްކަން. ބައްޕައަކީ ދުވަހަކުވެސް ޑްރަގްސް ބޭނުންކުރިމީހެއްވެސް ނޫން.. ބައްޕަގެ މަރުގެ ފަހަތުގަ ކޮންމެވެސް ސިއްރެއްވޭ..އަހަންނަށް ޔަގީން ދޮންމަންމަ ބައްޕައަށް ކަމެއްކުރީކަން.. އެކަމަކު އަހަރެން އަތުގަ ނެތް އެއްވެސް ހެއްކެއް އެކަން ސާބިތު ކުރަން.. އަހަރެން މާޔާ މިކަމުން ދުރު ކުރަން މިއުޅެނީ އެހެންވެ. އަހަރެން ބޭނުމެއް ނޫން މާޔާ މިކަމުގެ ޝިކާރައަކަށް ވާކަށް. އަހަންނަށް އިހްސާސް ކުރެވޭ މާޔާއަށް ކުރާނެ އަސަރު. އެއީ ހުދު އަހަރެންވެސް ފުރަތަމަ ބިރުގަތް އަހަރެންގެ ރައްޓެހިންނަށް އަހަރެންގެ ހަގީގަތް އެނގިގެން ވާހަކަނުދައްކަފާނެތީ. އެހެން ވީވެސް. އަހަރެންގެ ހަގީގަތް އެގުމަށްފަހު އެންމެން އަހަރެން ދޫކޮށްލީ.. އެދުވަހު އަހަރެން ކައިރީ ހުރީ މަންމަ އެކަނި.. އަހަރެން ބޭނުމެއް ނޫން މާޔާ އަހަރެން މި ދިރިއުޅޭ ދިރިއުޅުން ދިރިއުޅޭތަން ބަލާކަށް.. ”
ނިހާން ދެރަވެލާފައި ވާހަކަ ދެއްކިއިރު އިނީ ފެންކަޅިވެފައެވެ. މާޔާވެސް ފެންކަޅިވެފައި އިން އިރު އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މާޔާ ބަލަން އިދެލާފައި ކުޑަކޮށް ނިހާންގެ ގައިގަ ބައްދާލަމުން ” އަ އެމް ސޮރީ ” އޭ ބުނެލިއެވެ. ނިހާން ދެން އެއްވެސް އެއްޗެކޭ ނުބުނެ ތެދުވެގެން ގޮސް ވަނީ ފާހާނައަށެވެ. މާޔާ ބަލަން އިދެލާފައި ނިހާން ދެއްކި ވާހަކައާ މެދު ވިސްނާލިއެވެ. މާޔާ މި ގޮތަށް އުޅޭތަން ދެކެން ނިހާން ބޭނުންނުވަނީ ކީއްވެ ހެއްޔެވެ. އަނެއްކާ ނިހާން މާޔާ ދެކެ ލޯބިވީ ހެއްޔެވެ. މާޔާ ދެލޯބޮޑުކޮށްލަމުން މަޑުން ނޫނެކޭ ބުނެލީ ހިތަށް އެރި އެއްޗަކުންނެވެ. ނޫނެކެވެ. ނިހާން އޭނަދެކެ ލޯބި ނުވެއެވެ. ހުރިހާ ކަމެއްވެސް އެ ކުރަނީ އިންސާނިއްޔަތު ކަމަށްޓަކައެވެ. އެދުވަހަށް ފަހު މާޔާގެ ހިތުގައި ނިހާނަށް އޮތް ގަދަރު އިތުރުވިއެވެ. ނިހާންގެ ބަސްއަހައިގެން ޑްރަގްސް ބޭނުންނުކުރަން ނިންމިއެވެ. އެހެން ނަމަވެސް އަމިއްލަ ހާލަތާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ހިތަށްވާތަދުން ޑްރަގްސް ބޭނުންކުރެވެއެވެ.
( ނުނިމޭ )
16 Comments!
Comments are closed.
im first varah reethi
Me first bt v kuru
V kuru but reethi madama ves genes dheachey ehgey…
V reethi
masaallah varah reethi…
Wow v nice mi part ves.. Nxt part avahah up koh dheythi… V kiyaa hithun mi hury…
varah reethi mi part vxxx.. waiting for the next partttttt.
Varah reethi
Alhey vrh reethi mi part vx.. <3 🙂 huvaa miharu nxt part kiyaala hithun moyavany… Avahah up kohdheyne kamah ummeedhu kuran!;-)
V v reethi. hevanee aslu dhiri ulhumah fenigen dhaa hen. ummeedhu kran mivaahaka baakee bai vess mihaa furihama vaane kamah…:-)
Maya nihaan ah libuninyaa ragalhee
Alhe koba story genes dhybah….nuves nidhey anehbaa kiyaa hithun dhoge maya nihaan ah nudheythi
inthizaar mee hama inthizaar
Vahaka koba
Thank you everyone. Next part maadhan upkohdheynan insha allah. 🙂
Koba part 13 ?